بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 27 އޯގަސްޓް 2010ވީ ހުކުރު ދުވަސް. އަދި އެއަށްވުރެ މާމުހިންމުކޮށް އެނގިވަޑައިގަންނަވާނެ، މިއަދަކީ ބަދުރު ހަނގުރާމައިގެ ދުވަސް. ބަރަކާތްތެރި ރޯދަމަހުގެ 17 ވަނަ ދުވަސް. ބަދުރު ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ވަރަށް މަތިވެރި، ވަރަށް މުހިންމު މަގާމެއް ދެވިފައިވާ ޙާދިޘާއެއް. އިސްލާމްދީން ކާފަރުންގެ މައްޗަށް ގަދަވާނެ ކަމުގެ އެންމެ ފުރަތަމަ، ފުރިހަމަ ސީދާ ދަލީލު ސާފުގޮތުގައި މައްކާއަށްވެސް، މަދީނާއަށްވެސް، މުޅި ޙިޖާޒަށްވެސް އަދި މުޅި ޢަރަބިކަރައަށްވެސް ފާހަގަވެގެންދިޔައީ، މިދެންނެވި ހަނގުރާމައިގެ ދުވަހަށްފަހުގައި.

އިސްލާމްދީނުގައި ވަރަށްމަދު މީސްކޮޅެއް ސާބިތުވެތިބި ދުވަސްވަރެއް، ބަދުރު ހަނގުރާމައިގެ ދުވަސްވަރަކީ. އެހެން ނަމަވެސް، އިސްލާމުންނަށް ވަރަށްބޮޑު ކާމިޔާބެއް ލިބުނު ދުވަހެއް. ތާރީޚު ވަރަށް ސާފުކޮށް ފެންނާން އެބައޮތް. ދެފަރާތުގެ ލަޝްކަރުންނަށް ބަލައިލާއިރު، ކާފަރުންގެ ލަޝްކަރު މާބޮޑު. އިސްލާމުންގެ ސަފުތައް މާކުޑަ. އެހެން ނަމަވެސް، އާޚިރަތުގައި އެދުވަހު ނަތީޖާ ނުކުމެގެންދިޔައީ އިސްލާމުންގެ ފަތަޙައާއި އިސްލާމުންގެ ކާމިޔާބުގެ އެންމެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ކާމިޔާބުގެ ގޮތުގައި. އެހެން ބަސްތަކަކުން، ތާރީޚީ ނަޒަރަކުން ދެކޭނަމަ، އަޅުގަނޑަށް ފެންނަ ފެނުމުގައި ޓަރނިންގ ޕޮއިންޓެއް އެއީ. ބަދަލުވި ހިނދުކޮޅެއް، ވަގުތެއް. އެހިނދުއްސުރެ، އެވަގުތުއްސުރެ ދެން ޙަޤީޤަތުގައި ހުއްޓުމެއް ނެތް، ކާމިޔާބު އޮތް ދިމާ، ކާމިޔާބު އޮތް ގޮތް ހުރިހާ އެންމެންނަށްމެ ސާފުވާން ފަށައިފި.

އަޅުގަނޑުމެން އެފަދަ ދުވަސްދުވަހުގެ ތާރީޚީ ފިލާވަޅު، އެއިން ހޯދަންޖެހޭ ތަޖްރިބާ ހޯދާންޖެހޭނެ. އިންސާނާ އެއްޖީލަށްފަހު އަނެއް ޖީލަކަށް ދައުރުވަމުން، ވާސިލުވަމުން މިދަނީ އޭގެކުރީގައި ވެފައިހުރި ކަންކަމުގެ ތަޖްރިބާއާއި ފިލާވަޅުތަކުގެ ބޭނުންކޮށްގެން. އަޅުގަނޑުމެންނަށް ބަދުރު ހަނގުރާމައިގެ ކިތަންމެ ފިލާވަޅެއްގެ ބޭނުން ހިފޭނެ. އަދި އަޅުގަނޑު އުންމީދު ކުރަން، މި ހަނގުރާމަ މާބޮޑަށް ތާރީޚީ ނަޒަރިއްޔާތާ އެކުގައި ސާފުނުވާ ބޭބޭފުޅުން، މިއަދުގެ ސިޔަރަތު، ކީރިތި ރަސޫލާގެ ސިޔަރަތު އަޑުއައްސަވާނެ ކަމަށް. އެއީ ވަރަށް ފުރިހަމައަށް ޙުސައިން ޞަލާޙުއްދީން އެކުލަވައިލައްވާފައި އޮތް ރަސޫލާގެ ޙަޔާތްޕުޅު. އޭގައި އިސްލާމްދީނުގެ ގިނަ ހަނގުރާމަތަކާއި މައިގަނޑު ޙާދިޘާތައް ބަޔާންކޮށްދެވިފައި އެވަނީ ދިވެހިންގެ ހިތްތަކަށް އެކަން ވަރަށް ސާފުކޮށް، ވަރަށް ސާދާކޮށް ނަގައިގަނެވޭނެ ބަސްތަކަކުން، ޖުމްލަތަކަކުން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މިއަދު ބަދުރު ހަނގުރާމަ ދުވަހު މިދެންނެވި ސިޔަރަތުގެ އެޙާދިޘާ ބަޔާންވެގެން އައިގޮތް ހުރިހާ ބޭފުޅުންވެސް އަޑު އައްސަވާނެ ކަމަށް.

އަޅުގަނޑު މިއަދު އިތުރު އެހެން ވާހަކައެއް ދަންނަވާލަން ބޭނުން. އަޅުގަނޑުމެންގެ ރާއްޖެ ބަދަލުވަމުން މިއަންނަ އައުމުގައި، ބައެއް ފަރާތްތަކުން، ބައެއް ބޭފުޅުން ދެކެވަޑައިމިގަންނަވަނީ، ޤާނޫނަކީ ނުވަތަ ފަނޑިޔާރުގެއަކީ ސިޔާސީ ޙަރަކާތް ހިންގުމަށް ބޭނުންކުރެވޭނޭ ހަތިޔާރެއް ގޮތުގައި. ޤާނޫނެއް މިބޭނުންކުރައްވަނީ މައްސަލައެއް ކޯޓަކަށް ހުށަހަޅަން. ކޯޓަށް މިހުށަހެޅޭ މައްސަލައަކީ، ކޮންމެވެސް ސިޔާސީ ކަމަކާ ގުޅިފައި އޮންނަ މައްސަލައެއް. ސީދާ ރައްޔިތުންނާ ގުޅިގެން ނުވަތަ މީހަކަށް ސީދާ ގޮތުގައި ލިބޭ އެއްޗެއް ނުލިބެނީ ކަމަށް ދެކެވިގެން، ޙައްޤަކަށް އަރައިގަނެވެނީ ކަމަށް ދެކެވިގެން، މިއިން ކަމަކާވެސް ގުޅިގެންނެއް ނޫން. ކޮންމެ ކަމަކާވެސް މިއޮންނަނީ ކޯޓަށްދާން ޖެހިފައި. ބައެއް ބޭފުޅުންގެ ނަޒަރުގައި ސިޔާސީ ޙަރަކާތުގެ ވަސީލަތެއް އެއީ ޤާނޫނު، ފަނޑިޔާރުގެ. އެއްގޮތަކަށްވެސް ފަނޑިޔާރުގޭގެ ނުވަތަ ޤާނޫނުތަކުގެ ދައުރަކީ ސިޔާސީ ލީޑަރުން، އެބޭފުޅުންގެ ސިޔާސީ ޙަޔާތް ކާމިޔާބު ކުރެއްވުމަށްޓަކައި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމެއް ނޫން. އެހެންވީމާ، އަޅުގަނޑު އަނެއްކާވެސް ވަރަށް ބޮޑަށް ތަކުރާރުކޮށް ދަންނަވަން ބޭނުން، ޤާނޫނުތަކުގެ ބޭނުމަކީ އެއަށް ތަބާވުމޭ. ކޯޓުތަކުގެ ބޭނުމަކީ އެތަންތަނުން އިއްވާ ޙުކުމް ބަލައިގަތުމޭ. އެ ޙުކުމަކީ ރައްޔިތުން ޤަބޫލުވާ ޙުކުމަކަށް އަދި ރައްޔިތުންނަށް އެ ޙުކުމަށް އިތުބާރު ކުރެވޭ ޙުކުމަކަށްވާފަދަ ކޯޓުތަކަކަށް އެކޯޓުތައް ހެދުމޭ. އެހެން ހެދުމަށްޓަކައި އަޅުގަނޑުމެން އެންމެންވެސް، ޤާނޫނުވެސް، އަދި ކޯޓުތައްވެސް ބޭނުންކުރަމުންދާން ޖެހޭނީ ހެޔޮގޮތުގައި. ސިޔާސީ ޙަރަކާތް ހިންގުމަށްޓަކައި ނުވަތަ ޤާނޫނީގޮތުން އެކެއް އަނެކަކަށް، ސިޔާސީ ގޮތުން އެކެއް އަނެކަކަށް ލަގާއެއް ދިނުމަށްޓަކައި، ދައްޗެއް ކުރުމަށްޓަކައި، އޮޅުވާލުމަށްޓަކައި، މަގުން ކައްސާލުމަށްޓަކައި ބޭނުންކުރާ އެއްޗެއް ނޫނޭ ޤާނޫނަކީ.

އަޅުގަނޑުމެންނަށް މިހާރު މި އަޑުއިވެނީ، މިވެނި މައްސަލައަކާ ގުޅޭގޮތުން މިވެނި ބަޔަކު، މިވެނި ބޭފުޅުންތަކެއް ނުވަތަ މިވެނި ޕާޓީއެއްގެ އިސް ލީޑަރަކު މައްސަލައެއް ޝަރީޢަތަށް ހުށަހަޅުއްވައިފިޔޭ. ސިޔާސީ ޙަރަކާތަކީ މައްސަލަ ޝަރީޢަތަށް ހުށަހެޅުން ކަމަށް ދެކެވޭގޮތަށް އަދި އެ ދެކެވޭކަން އެންމެ ބޭފުޅުންނަށްވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ހިނދު، އަޅުގަނޑަކީ އަޅުގަނޑު އަބަދުވެސް ދަންނަވަން ޤާނޫނީ ވަކީލެއް ނޫނޭ. އެހެންވީމާ، އަޅުގަނޑުގެ ސިޔާސީ ޙަރަކާތް ބިނާވެފައި އޮންނާނީ، ޤާނޫނީ އެކިއެކި މާއްދާތައް ބޭނުންކޮށްގެން، އެކިއެކި ސިޔާސީ ވާދަވެރިންނަށް، ސިޔާސީ ބޭފުޅުންނަށް އޭގައި ދެރައެއް، ގެއްލުމެއްދީ ހެދުމަކަށެއް ނޫން. އަޅުގަނޑުމެން ހަމަގައިމުވެސް މި ސަރުކާރުން ޤާނޫނު ބޭނުންކުރަމުން ގެންދާނީ ސީދާ ހަމަ މަގުގައި ޤާނޫނީ ދައުލަތް ހިންގުމުގައި، އެބޭނުންވާ މިންވަރަށް، އެ ބޭނުންވާ ދަރަޖައަށް.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން އެންމެންވެސް މާތްވެގެންވާ ތަކެއްޗާއި އެއްޗެތި އަދި ފަލްސަފާއާއި ފިކުރު ހުންނަ ކަމަށް ގަބޫލުކުރުން. އަދި ޤާނޫނަކީ އަޅުގަނޑުމެން ދަމަހައްޓާންޖެހޭ، ވިސްނުމަކަށް ދަމަހައްޓާންޖެހޭ ހަމަތަކެއް ކަމަށްވާއިރުގައި، އެހަމަތައް ބޭނުންކޮށްގެން ނުހަމަ ނާޖާއިޒު ފައިދާ ނެގެންހުރި މަގުމަގު ހޯދައިގެން، މިޤާނޫނުތައް ބޭނުންކުރުން އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ޤާނޫނުގެ ބާރު ކަނޑާލުން. ޤާނޫނުގެ ބޭނުން ނެތޭވަރު އަޅުގަނޑުމެން ކުރުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________