بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 20 އޯގަސްޓް 2010ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ރޭޑިޔޯގެ ޒަރީޢާއިން ބައްދަލުވާއިރުގައި، އެނގިވަޑައިގަންނަވާނެ، މަދަރުސާތަކުގެ ޗުއްޓީގެ ދުވަސްކޮޅެއް މިއޮތީ ފެށިފައި. ރޯދަމަހާ އެކުގައި ޗުއްޓީއަކަށް ދެވޭގޮތްވުމަކީ ހަމަކަށަވަރުން ދަރިވަރުންނަށް ލިބުނު ވަރަށްބޮޑު ލުޔެއް. އަދި ހުސްވަގުތުކޮޅެއް، ޖާގައެއް. އަޅުގަނޑު އުންމީދު ކުރަނީ، ހުރިހާ ކުދިންވެސް މިލިބުނު ހުސްވަގުތުކޮޅުގައި، މިލިބުނު ޗުއްޓީގައި، ސްކޫލް ހުޅުވޭއިރު ދެން އަންނާނީ ފަހު ޓަރމަށް. އަދި ފަހު އިމްތިޙާނަށް. އެހެންވީމާ، މިޗުއްޓީގެ ދުވަސްކޮޅުގައިވެސް ކޮންމެވެސްވަރަކަށް ނަމަވެސް ފޮތްތައް ބަލައި އުޅުމަކީ ރަނގަޅު ކަމަކަށްވާނެ. ރޯދަމަހަކީ އެހެން ކަންކަން ކުރަން އުނދަގޫ މަހެއް. އެހެން ނަމަވެސް، މިކަމުން ހިތްވަރުކޮށް، މަސައްކަތް ކުރުމަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި ހުރިހާ ކުދިންވެސް ވަކިން ޚާއްޞަ ކަމެއްދޭންޖެހޭނެ ކަމެއް.

މިދިޔަ ހަފްތާގެ ތެރޭގައި، އަދި ކުރިއަށް މިއޮތް ހަފްތާގައިވެސް ސަރުކާރުން ހިންގާ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑު ޚާއްޞަކޮށް ބައިވެރިވެގެން ކުރަމުން މިއަންނަ އެއްކަމަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމުގެ މަސައްކަތް. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމަށް ޖެހިފައިމިވަނީ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ބާއްވަން ބޭނުންވާ އިންތިޚާބު ބޭއްވުމަށްޓަކައި. ފުރަތަމައިން އެ އިންތިޚާބުތައް ބާއްވާނެ ރަށްތަކަކީ ކޮބައިތޯ އެބަ ކަނޑައަޅަންޖެހޭ. އިންތިޚާބުތައް ބޭއްވުމަށް ޤާނޫނު ލާޒިމް މިކުރަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި. މީހުން ދިރިއުޅޭ ރަށްރަށަކީ ކޮބައިކަން ކަނޑައެޅުމުގެ ވާޖިބު، މަސްއޫލިއްޔަތު މިއޮތީ ރައީސުލްޖުމްހޫރިއްޔާ އަދާކުރާ ކަމެއްގެ ގޮތުގައި.

ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި އެކިއިރުއިރު އެކިޢަދަދަށް ރަށުގައި މީހުން ދިރިއުޅެމުން އައިސްފައިވޭ. ގިނަފަހަރަށް ކޮންމެ ރަސްކަލެއްގެ ރަސްކަން ނިމޭއިރު، އެ ރަސްކަލެއްގެ ރަސްކަމުގައި ފަޅުވި ރަށްރަށާއި، އަދި އަލަށް މީހުން އާބާދުވި ރަށްރަށް ފާހަގަވާ ގޮތަށް ފަނޑިޔާރު މަނިކުފާނު، ދިވެހި ތާރީޚުގައި ލިޔުއްވާފައި އޮތްތަން ފަހަކަށްއައިސް ފެންނާން އެބައޮތް. ފަހަކަށްއައިހޭ އަޅުގަނޑު މިދެންނެވީ، ހަމަގައިމުވެސް ސޯޅަސަތޭކައިންސުރެ ފެށިގެން ހުއްޓުމެއްނެތި މިމަޢްލޫމާތު އަޅުގަނޑުމެންނަށް ލިބެން އެބައޮތް. އަދި އޭގެ ކުރިއަށްދާން ބޭނުންނަމަ، ލޯމާފާނުތަކުންނާއި ފަތްކޮޅުތަކުން ރާއްޖޭގައި އެކިއެކި ޒަމާނުގައި މީހުން ދިރިއުޅެމުން އައިސްފައިވާ ރަށްރަށް ވަރަށް ރަނގަޅަށް ސާފުކޮށް އެނގެން އެބައޮތް. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށް އެނގެން އޮންނަ އޮތުމުގައި އަދި އެ އެނގޭ ފަތްކޮޅުތަކުން އިތުރަށް ލިބޭ ކިތަންމެ މަޢްލޫމާތެއްވެސް އެބަހުރި. މިސާލަކަށް، މި ރަށްރަށަށް ކިޔާ ނަންނަމާއި، އަދި އެއްރަށެއް އިސްކޮށް، އެރަށެއްގެ ޙަވާލުދާރީ ކަމުގައި އެހެން ރަށެއް އޮންނަތަންވެސް ފެންނަން ހުރި ފަހަރުފަހަރު މަދެއްނޫން. އަޅުގަނޑު މިދަންނަވަނީ މިސާލަކަށް ފެރިދޫ، ލޯމާފާނުގައި މިއޮންނަނީ މާޅޮސް ފެރިދޫގެ ނަމުގައި. އަދި މިހެންވެސް ހުރޭ ކިތަންމެ ރަށެއް. އެރަށެއް އެއީ، އެހެން ރަށެއް އިސްވެއޮވެ ނުވަތަ އެހެން ރަށަކާ ގުޅުވައި އޮންނަ ރަށެއްގެ ގޮތުގައި ނަން ދެވިފައި ހުންނަ ތަން ކިތަންމެ ފަހަރަކު ފެންނާން އެބައޮތް.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމުގައި، ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރޭގައި ހިމެނޭ އެއްވިސްނުމަކީ، އާބާދީ ކުޑަ ރަށްރަށަށް އިތުރު ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި، އެރަށްރަށަކީ ގާތުގައި އޮތް ބޮޑު ރަށެއް ކަމުގައިވިޔަސް، ކުޑަ ރަށެއް ކަމުގައިވިޔަސް، ގާތުގައި އޮންނަ ރަށަކާ ގުޅިގެން ހިންގޭ ރަށެއްގެ ގޮތުގައި ކަނޑައެޅުން. އަޅުގަނޑު މިދަންނަވަނީ، މިސާލަކަށް، އަޅުގަނޑުމެންނަށް ކަނޑައެޅިދާނެ، ދ. އަތޮޅު ވާނީއަކީ ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ނުވަތަ ކުޑަހުވަދުއާ ގުޅިގެން ހިންގޭ ރަށެއްގެ ގޮތުގައި. އެހެންނޫނިއްޔާ، ގޮއިފުޅަ ފެހެންދޫ އެއީ މިސާލަކަށް، އެއްރަށެއްގެ ތިންއަވަށް ގޮތުގައި އަދި ނ.އަތޮޅުން ހެނބަދުއަކީ ކެނދިކުޅުދުއާ ގުޅިގެން ހިންގޭ ރަށެއްގެ ގޮތުގައި. މިހެންގޮސް މިހެން ކިތަންމެ ކިތަންމެ ރަށެއް ފެންނާން އެބަހުރި. އެއްރަށަކީ އަނެއްރަށާ އެކުގައި ހިންގާ ރަށެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަމަޖެއްސިއްޖެނަމަ، އޭގެ ސަބަބުން ލިބޭނެ ކިތަންމެ އިޤްތިޞާދީ ފައިދާއެއް އަދި އިޖްތިމާޢީ ކުރިއެރުންތައް ލިބުމުގެ ފުރްޞަތު މާބޮޑަށް ފަހިވެގެންދާނެ ކަމަށް ސަރުކާރަށް ލަފާކުރެވޭ. މިގޮތަށް ގުޅާލެވޭ ރަށްރަށުގައި، އެ ގުޅޭ ރަށްރަށާ ދެމެދު އޮންނަންޖެހޭ މުވާޞަލާތީ ގުޅުން، ދަތުރުފަތުރުގެ ގުޅުން، އަދި އެއްރަށާއި އެއްރަށެއްގެ ޚިދްމަތްތައް އަނެއް ރަށަށް ފަހިވެފައި އޮންނަ އޮތުން. އެއްރަށެއްގެ ބިން އަނެއް ރަށެއްގެ ބަޔަކަށް ބޭނުންކުރުމުގެ ފުރްޞަތު ހުޅުވިފައި އޮތުމާއި، އަދި އެއްރަށެއްގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކީ، އެރަށާ ގުޅިފައި ހުރި ހުރިހާ ރަށެއްގައިވެސް ހިންގާ މަޝްރޫޢުތައް ގޮތުގައި ހިމެނިގެންދާނެތީވެ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިފަދަ ބަދަލެއް ގެނެސްގެން އަޅުގަނޑުމެންނަށް ކިތަންމެ ފައިދާއެއް ލިބެން އެބައޮތް.

އަޅުގަނޑު ގާތުގައި މިސާލަކަށް، ގާދިއްފުށީ އެތައް ބަޔަކު އެބަބުނޭ، އެމީހުންނަށް އެންމެ ރަނގަޅޭ، އެމީހުންނާ ތިމަރަފުށްޓާ ގުޅުވައިގެން އެމީހުންގެ ރަށް ހިންގާ ގޮތަށް ހަމަޖެހިފައި އޮތަސްވެސް. އެއީ ތިމަރަފުށީގެ ނަރުދަމާ އަޅާއިރުގައި، ގާދިއްފުށީގެ ނަރުދަމާ އެޅޭނެޔޭ. ގާދިއްފުށްޓަކީ ތިމަރަފުށީ ބައެއް ކަމަށް ބެލެވިފައި އޮންނާތީ، ތިމަރަފުށްޓަށްދޭ ޚިދްމަތަކީ ގާދިއްފުށްޓަށްވެސް ދެވޭ ޚިދްމަތަކަށް ވެގެންދާނޭ. އަދި ތިމަރަފުށީގައިވާ ހުރިހާ ޚިދްމަތްތަކަކަށް ގާދިއްފުށީގެ ހުރިހާ ރައްޔިތުންނަށްވެސް ފުރްޞަތު ފަހިވެގެންދާނެ ކަމާއި، އަދި ތިމަރަފުށީ ރައްޔިތުންނަށްވެސް ގާދިއްފުށީގެ އެކިއެކި ޚިދްމަތްތަކާއި ވަސީލަތްތައް ހުޅުވިގެންދާނެތީވެ، މިފަދަ ގޮތަކަށް ރާއްޖޭގެ ރަށްތައް ކަނޑައެޅުމަކީ، ބުއްދިވެރި ގޮތެއް ގޮތުގައި އަޅުގަނޑަށް އެބަފެނޭ.

މި މަސައްކަތް އަޅުގަނޑު ހިންގާން ބޭނުންވަނީ ހަމައެކަނި ސަރުކާރުން ހިންގާ މަސައްކަތެއްގެ ގޮތުގައެއް ނޫން. އަޅުގަނޑުގެ ބޭނުމަކީ، ވީހާވެސް ގިނަ ފަރާތްތަކަކާ މިކަމާގުޅޭގޮތުން މަޝްވަރާ ކުރުން. މިގޮތުން އެންމެ ފުރަތަމަ އަޅުގަނޑު ވަޒީރުންގެ މަޖިލީހާ މިކަމުގައި މަޝްވަރާ ކުރިން. އަދި ނޭޝަނަލް ޕްލޭނިންގ ކައުންސިލްގައި މިކަމުގައި މަޝްވަރާ ކުރިން. އަދި ފަހުން އައިސް ނޭޝަނަލް ޕްލޭނިންގ ކައުންސިލްގެ އިތުރު ޚާއްޞަ ޖަލްސާއެއް ބާއްވައި، ކުރީގެ ޕްލޭނިންގ މިނިސްޓަރ އަލްފާޟިލް ޙަމްދޫން ޙަމީދުގެ މަޝްވަރާއާއި އިރުޝާދު ހޯދުމަށްޓަކައިވެސް އަޅުގަނޑުމެން ބައްދަލުވުމެއް ބޭއްވިން. ދެން އޭރުގައި މިކަންކަމުގައި ގެންގުޅެވުނު ވިސްނުމަކީ ކޮބައިތޯ، ކުރީ ސަރުކާރުގައި މިކަންކަމުގައި ގެންގުޅެވުނު ވިސްނުމަކީ ކޮބައިތޯ އަދި ހަމަ އޭގެއިތުރުން މިކަމުގެ ސެޓްލްމަންޓް ޖިއޮގްރަފީ، މިކަމުގެ ޚާއްޞަ މުޝީރުން، މިކަމުގެ ޢިލްމު ލިބިތިބި، ތަޢްލީމު ލިބިތިބި މީހުންނާވެސް އަޅުގަނޑު ވާހަކަ ދައްކައި މަޝްވަރާކޮށް އެބަ ހަދަން. ހަމައެހެންމެ، މިރަށްރަށް ކަނޑައެޅުމާ ގުޅޭގޮތުން ވާދަވެރި ސިޔާސީ ޕާޓީތަކާ، ޚާއްޞަކޮށް، ޑީ.އާރު.ޕީ.އާ މިކަމުގައި މަޝްވަރާ ކުރަން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑު އަދިއެއް ރަސްމީ ސިފައެއްގައި ތަސްމީން ޢަލީއަކަށް މިކަމުގައި ސިޓީއެއް ނުފޮނުވަން. އެހެން ނަމަވެސް، އަޅުގަނޑު ނުރަސްމީކޮށް އެބޭފުޅާއަށް ދަންނަވާފައިވާނީ. އަޅުގަނޑަށް ފެނުނު ތަނުގައި އެބޭފުޅާގެ ވިސްނުން ހުރީ، އެބޭފުޅުން ތިއްބެވީ މިކަމުގައި ވާހަކަ ދެއްކެވުމަށް ވަރަށް ބޮޑަށް ތައްޔާރަށް ކަމަށް. އެހެންވީމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް މިފެށޭ ހަފްތާގައި މި މަޝްވަރާތައް، ވާދަވެރި ސިޔާސީ ޕާޓީތަކާއެކުގައިވެސް ފަށާނަން.

ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ލޯކަލް ގަވަރންމަންޓް އިންތިޚާބް، ރަށްވެރިކަމުގެ އިންތިޚާބުތައް ބޭއްވުމާ ދިމާއަށް އަޅުގަނޑުމެންދާއިރުގައި، އަޅުގަނޑު އަނެއްކާވެސް މީގެ ހަތަރު ފަސްއަހަރު ފަހަތަށްގޮސް އެދުވަހު އަޅުގަނޑުމެން މިކަމަށް އެދި އުޅުނީ ކޮން ވާހަކައެއް، ކޮން މަޤްޞަދެއް، ކޮންކަމެއްގައިތޯ؟ މިސުވާލާ ގުޅޭގޮތުން ދެތިން ނުކުތާއެއް ފާހަގަކޮށްލަން ބޭނުން.

ހުރިހާ އެންމެންމެ، އަޅުގަނޑުމެން އެންމެންމެ އަޑުއުފުލަމުންދިޔައީ، އަޅުގަނޑުމެން ބޭނުމީ އިންތިޚާބް ކުރެވިފައިވާ ކަތީބުންނޭ. ރަށްރަށުގެ ވެރިކަމުގައި ތިއްބަވަންޖެހޭނީ، ރައްޔިތުން އެރަށްރަށުގައި ވެރިކަމަށް އިންތިޚާބުކުރާ ބަޔެކޭ. އަޅުގަނޑުމެންނަށް މިހާރު އެކުލަވައިލެވިފައިމިވާ އިދާރީ އޮނިގަނޑު ރަށްރަށުގައި، ބަޔާންކުރާ ގޮތުން ކަތީބުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން. އެހެންވީމާ، މި އިންތިޚާބުތައް އައުމާ ގުޅިގެނެއް އަދި އިންތިޚާބުތައް ކޮންމެހެންނަކުން ލާޒިމެއް ނުކުރޭ، މިހާރު ރަށްރަށުގައި ތިބި ކަތީބުން ނުތިބޭކަށެއް. މި އިންތިޚާބުގެ އެންމެބޮޑު އެއްމަޤްޞަދަކީ، ކަތީބުން އިންތިޚާބު ކުރުމަށް ވަކާލާތު ކުރަމުން ގެންދިޔަ ދިޔުން އެއީ ޙަޤީޤަތަކަށް ހެދުން. ޤާނޫނުއަސާސީގައި މި ޙައްޤުތައް އަދި މިނިޒާމް އެކުލަވައިލެވިފައި މިވަނީ، އޭރުގައި އަޑު އުފުލެވުނު އެމަގަށް އިޖާބަ ދިނުމުގެ ގޮތުން. އެހެންވީމާ، ކަތީބުންނަށް އެއީ އިދާރީ އޮނިގަނޑުގެ ތެރޭގައި ފަހުން އައިސް ހިމެނޭނެ މަގާމެއްތޯ ނުވަތަ ނޫންތޯ މިއީ އަޅުގަނޑުމެން އިތުރަށް މަޝްވަރާ ކުރަން ބޭނުންވާ މައްސަލައެއް، ނުކުތާއެއް.

ކައުންސިލަރުންގެ ގޮތުގައި ޙަޤީޤަތުގައި އެތިއްބަވަނީ ކުރީގައި ކަތީބުންގެ ގޮތުގައި ތިއްބެވި ބޭފުޅުން، ރަށުގެ ވެރިން. އެހެންވީމާ، ކަތީބުން ދެން އަދި އޭގެއިތުރުން ތިބުމަކަށް، ކައުންސިލަރުން ތިއްބަވާއިރުގައި، އިންތިޚާބުވެގެން އަންނައިރުގައި އެއީ ރަނގަޅު ގޮތެއް ނޫން. އަދި މިކަން ކުރެވެން އޮތް ގޮތެއްވެސް ނޫން. މިހާރު އޮތް ގޮތުން ވެއްޖިއްޔާ މަދުވެގެން އެއްހާސް ކައުންސިލަރުން އިންތިޚާބުވާނެ. އަދި އެހުރިހާ ކައުންސިލަރުންނަށް މުސާރަވެސް ދޭންޖެހޭނެ. އަދި އެކަށީގެންވާ މުސާރައެއްވެސް ދޭންޖެހޭނެ. ޤާނޫނު މިއޮތީ މުސާރަ ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް. އަޅުގަނޑު ފިކުރުކޮށް މިހުރީ މިކަމުގައި ސަރުކާރަށް ފެންނަ ގޮތެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް. އަދި މެންބަރުން އަރިހުގައި ދެންނެވުމަށް.

ހަމަމިޔާއެކީގައި މި ކައުންސިލްތައް އިންތިޚާބު ކުރުމާ ހަމަ އެކުއެކުހެން އަދި އިތުރު މަސައްކަތެއް ހިންގަންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެނގިވަޑައިގަންނަވާނެ، މިހާރުވެސް އެއްހާސް މީހުން ދިރިއުޅޭ ރަށެއްގައި ގާތްގަނޑަކަށް ރަށުއޮފީހުގައި 7 މީހުން، 10 މީހުން މަސައްކަތް ކުރާނެ. އެ 7 މީހުން، 10 މީހުންގެ އިތުރަށް އަނެއްކާ 5 މީހުން އިންތިޚާބުކޮށް، އެ ރަށު އޮފީހެއްގައި މަސައްކަތް ކުރަން ނުކުމެއްޖެނަމަ، ދެން އެތަނެއްގައެއް އަޅުގަނޑު ނުދަންނަވާނަން، މިވަގުތު ރަނގަޅު ގޮތުގައި، ހެޔޮގޮތުގައި މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދެވިދާނެ ކަމަކަށް. އެހެންވީމާ، ކައުންސިލްތަކުގެ އިދާރާތައް، އެއީ މިހާރުގެ ރަށުއޮފީސްތަކުގެ އިދާރީ އޮނިގަނޑުވެސް ހަމަ މިއާއެކީގައި އެބަ ބަދަލުވާންޖެހޭ. ސަރުކާރުން ގެންގުޅޭ އެއްވިސްނުމަކީ، މިސާލަކަށް، ކުރީގެ ހުރިހާ މަގާމުތައް ދޫކޮށްލައި، ވަކިޢަދަދަކަށް ރައްޔިތުން ދިރިއުޅޭ ރަށެއްގައި، އިދާރާގައި ތިއްބަވާނީ މިތައް މިތައް އެސިސްޓެންޓް ޑިރެކްޓަރުންނޭ، މިތައް ޑިރެކްޓަރުންނޭ. އަދި ވަކި ޢަދަދަކަށް ރައްޔިތުން ދިރިއުޅޭނަމަ، އިދާރާގައި ޑިރެކްޓަރ ޖެނެރަލަކު ހުންނަވާނޭ. މިހެން އޮންނަ އޮނިގަނޑުތަކެއް، އެއްމިންގަނޑަކަށް އަންނަން. އާބާދީއާ ގުޅުވައިގެން އެ އޮނިގަނޑު ބޮޑުވެ، ކުޑަވެވާ އެއްމިންގަނޑަކަށް އަންނަ އޮނިގަނޑުތަކެއް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ގަތާލެވި، އަދި އެ އޮނިގަނޑުތަކާ މިހާރު ދެން އެ އިންތިޚާބުވާ ކައުންސިލްތަކާ ގުޅިފައި އޮންނަ ގުޅުމާ، މިކަން ފުރިހަމައަށް އަޅުގަނޑުމެންނަށް ކުރެވިގެން ނޫނިއްޔާ، މިއިންތިޚާބު އަދި ބޭއްވިއެއްކަމަކު އަޅުގަނޑުމެން މިބޭނުންވާ މަޤްޞަދު، އަޅުގަނޑުމެން މިއެދޭ ކާމިޔާބު އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

އަޅުގަނޑަށްވެސް އެނގޭ، މިއީ ވަރަށްގިނަ އިދާރީ މަސައްކަތްތަކެއްކަން. އަދި އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެން މިދައްކަނީ ބައެއް ފަރާތްތަކަށް މިކަމާ އިންކާރުކޮށް އަދި އެހެން ފިކުރެއްގައި، އެހެން ޚިޔާލެއްގައި ވާހަކަ ދެކެވެންހުރި ވާހަކަތަކެއްކަން. އަޅުގަނޑު ފަށައިގެންއިރުވެސް ދެންނެވިފަދައިން، އަޅުގަނޑު މިހުރީ، ސަރުކާރުން މިތިބީ މިކަމަށް މަޝްވަރާ ކުރަން ވަރަށް ތައްޔާރަށް. އަދި ދެކެވެން ހުރި ހުރިހާ ވާހަކައެއް ދެއްކުމަށް ކުޑަކޮށްވެސް ފަސްޖެހިއެއް ނޫން. އެހެންވީމާ، އަޅުގަނޑު މިދެކެނީ އިރާދަކުރެއްވިއްޔާ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ އިންތިޚާބު އަޅުގަނޑުމެންނަށް ބޭއްވޭއިރު، އެ އިންތިޚާބަށްޓަކައި ވާންހުރި ތައްޔާރީތައްވުމަށް އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި މަހެއް، ދޮޅުމަސް އަދި ދެމަސްދުވަސްވެސް ނަގާފާނެ. އެއަށްފަހު، އިންތިޚާބަށް ގޮވޭނީ. އެއަށްފަހު، އިންތިޚާބު ބޭއްވޭނީ. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އިލެކްޝަންސް ކޮމިޝަންވެސް ސަރުކާރާ އެކުގައި މަޝްވަރާތަކެއް އިތުރަށް ހިންގަން އެބަޖެހޭ. މިގޮތުން އަޅުގަނޑު މިހާރުވާނީ އެއްފަހަރު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް، މިކަމުގައި މަޝްވަރާކޮށްފައި. އަދި އިތުރަށް މި އިދާރީ ދާއިރާތައް ކަނޑައެޅުމާއި، ރަށްތައް ކަނޑައެޅުމާ، މިކަންކަމުގައިވެސް އަދި އިތުރަށް އިލެކްޝަންސް ކޮމިޝަނާ އަޅުގަނޑު ވާހަކަ ދައްކައި މަޝްވަރާކޮށް ހަދާނަން.

ރަށްރަށުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސްއޫލިއްޔަތު، މިޤާނޫނުގެ ބައެއް މާއްދާތަކުން އެބަ ފާހަގަވޭ، މިޤާނޫނުގައި ސިވިލް ސަރވިސްއިން އެ މަސައްކަތް ހިންގާ ގޮތަށް. ޤާނޫނުއަސާސީގައި އެހެން ނަމަވެސް ކަނޑައެޅިފައި އޮތީ، އިދާރާތައް ޤާއިމްކޮށް، އިދާރާތައް ހެދުމުގެ މަސްއޫލިއްޔަތު މިއޮތީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި. ދެން ޤާނޫނުގައި މިހެން ކަނޑައެޅިފައި އޮތީމާ، އަޅުގަނޑު މިދެކެނީ، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެމަސައްކަތް ކޮށްދެއްވާން ތިއްބެވި ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަން ކަމަށް. އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަން މިވަނީ އަލުން އެކުލަވައިލެވިފައި. އިންތިޤާލީ ސިވިލް ސަރވިސް ކޮމިޝަން ނިމި، ދާއިމީ ސިވިލް ސަރވިސް ކޮމިޝަނެއް އަޅުގަނޑުމެންނަށް މިވަނީ ހޯދިފައި. އެކޮމިޝަންގެ މަސައްކަތް ބާރަށް ކުރިޔަށްދާނެކަމާމެދު އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއްނުކުރަން. އަދި މިދެންނެވި މަސައްކަތާ ގުޅިގެން ސިވިލް ސަރވިސްއާއެކު ސަރުކާރުން މަޝްވަރާގައި އިށީންނާނެ. އަޅުގަނޑު ނުރަސްމީކޮށް ސިވިލް ސަރވިސް ކޮމިޝަންގެ އެންމެ ބޭފުޅުންނާ، ހުވާކުރި ދުވަހު ވާހަކަ ދެއްކިއިރެއްގައި މިދެންނެވި ވާހަކަތަކުގެ ޚުލާޞާއެއް އަޅުގަނޑު ވާނީ އެބޭފުޅުންނަށް އަރުވާފައި. އަދި މިހާރު އެބޭފުޅުންގެ ރިޔާސަތެއް އެކުލަވައިލެވުނީމާ، އަދި އެކުލަވައިނުލެވުނު ނަމަވެސް، ހަމަ ހުރިހާ މެންބަރުންނާ އެކުގައި އަޅުގަނޑަށް، އަޅުގަނޑުމެންނަށް، ސަރުކާރަށް މަޝްވަރާއެއްގައި އިށީނދެވިދާނެ. އިށީނދެ މިކަން ކުރިއަށް ގެންދާނެ ގޮތެއް އަޅުގަނޑުމެންނަށް ހޯދޭތޯ މަސައްކަތް ކުރެވިދާނެ.

އަޅުގަނޑު ދެކެނީ، އަޅުގަނޑު ޔަޤީންކުރަނީ، އަޅުގަނޑުމެންނަށް މިއެންމެހާ ކަންކަން ކުރުމުގައި، މިހާތަނަށްވެސް މިއައީ ވަރަށް ގިނަގުނަ ނަޞީބުތަކެއް، ވަރަށް ބައިވަރު ފުރްޞަތުތަކެއް ލިބެމުންނޭ. ޤާނޫނުއަސާސީ ތަންފީޒު ކުރަމުންދާއިރުގައި ދަތިތަކާވެސް ދިމާވެ، ހުރަސްތަކާވެސް ކުރިމަތިލާންއެބަޖެހޭ. އެހެން ނަމަވެސް، އެންމެފަހުން ނިމޭއިރުގައި، އިރާދަކުރައްވައިގެން ކަންދިމާވެފައި މިއޮންނަނީ ރަނގަޅަށް. އަޅުގަނޑުމެންނަށް މިވަނީ ސުޕްރީމް ކޯޓުވެސް، މުޅި ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން އެކުލަވައިލެވިފައި. އެހެންވީމާ، އަޅުގަނޑު މިދެކެނީ އަޅުގަނޑުމެންނަށް މި ކުރިއަށް މިދެވެނީ ރަނގަޅު މަގުގައޭ. ރަނގަޅުކުރާންހުރި ކަންކަން ބައިވަރު. އެހެން ނަމަވެސް، މިދާ މިޞްރާބަކީ ނުރަނގަޅު މިޞްރާބެއް ކަމަކަށް އަޅުގަނޑަކަށް ލަފައެއްނުކުރެވުނު.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________