بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 6 އޯގަސްޓް 2010ވީ ހުކުރު ދުވަސް. ކުރިމަތީގައި މިއޮތީ ބަރަކާތްތެރި ރޯދަމަސް. އެއީ, އަޅުގަނޑުމެންނަށް ވަރަށް މުހިންމު މަހެއް. އެނގިވަޑައިގަންނަވާނެ، ރޯދަމަހުގެ އެންމެބޮޑު އެއްބޭނުމަކީ، ނިކަމެތިންގެ ޙާލު ތިމާ އަމިއްލައަށް އިޙްސާސްކޮށް ދެނެގަތުން. ތިމާއަށްވުރެ ނުފުދޭ މީހުން، ތިމާއަށްވުރެ އާމްދަނީ މަދު މީހުންގެ ޙާލަތު ތިމާވެސް ދެނެގަންނަ މަސް. އަޅުކަމުގެ މަހެއް. އަޅުގަނޑުމެން މާތްރަސްކަލާނގެ ކިބައިން ގިނަގިނައިން ޙަމްދުކޮށް، އެކަލާނގެއަށް ޘަނާކިޔުމުގެ މަހެއް. އަޅުގަނޑުމެން ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރަމުން އަންނަ މަހެއް. އަޅުގަނޑަށް ޔަޤީން، މިފެށޭ ރޯދަމަސްވެސް އަޅުގަނޑުމެންނާ ބައްދަލުކޮށް އަދި އަޅުގަނޑުމެންނާ ވަދާޢު ކިޔައިދާނީ، ހަމަ ކުރީގައިވެސް އަޅުގަނޑުމެން މިމައްސަރާ މިބައްދަލުކުރާ ޚާއްޞަ ގޮތަށް.

ރޯދަމަހުގައި ބާޒާރުގައި ތަކެތީގެ އަގު އުފުލުނަނުދީ ހިފެހެއްޓުމަށް ސަރުކާރުން ވަރަށްބޮޑު މަސައްކަތެއް ކުރާނެ. ރޯދަމަހުގައި ރައްޔިތުންގެ ހާލުއަހުވާލު އަޅުގަނޑުމެން އެންމެންވެސް، އެކަކު އަނެކަކު ބަލައި ހެދުން ހަމަ އެހާމެ މުހިންމު.

އަޅުގަނޑު މިއަދު އިތުރަށް ދަންނަވާލަން އޮތް އެހެން ވާހަކަތަކުގެ ތެރޭގައި، އަޅުގަނޑަށް އެބަ ފާހަގަވޭ، އަޅުގަނޑުމެންގެ ތަޞައްވުރުތަކަށް، އަޅުގަނޑުމެންގެ ޕްލޭންތަކަށް އަޅުގަނޑުމެންނަށް ވާސިލުވެވޭތަން އެބަ ފެނޭ. ސަރުކާރުން ރާވާފައި ހުރި މަޝްރޫޢުތައް އެބަ ތަންފީޒުވަމުންދޭ. ސަރުކާރުން މާލެއަށް ޚާއްޞަކޮށް ކަނޑައަޅާފައި ހުރި މަޝްރޫޢުތަކެއް އެބަހުރި. އަދި އެމަޝްރޫޢުތައް މާލޭގައި ބާރަށް ތަންފީޒުވަމުންދާތަން އަޅުގަނޑުމެންނަކަށެއް އަދި ނުފެންނާނެ. އެހެންނަމަވެސް، ކުރިއަށް މިއޮތް މަދު ހަފްތާތަކުގެ ތެރޭގައި، މާލޭގައިވެސް އަޅުގަނޑުމެންގެ ޕްރޮގްރާމްތައް އެއީ, މިހާރު މާލޭގައި މިހިންގޭ މަދަނައާއި އަދި އެއްދަންފަޅިއަށް ބަދަލުކުރުމާ، އެހެންގޮސް އިތުރު ސަބްސިޑީ ދިނުމާއި، އަދި ޢާންމުކޮށް އިޖްތިމާޢީ ރައްކާތެރިކަން ހިފެހެއްޓުމަށް އެންސްޕާއިން މިހިންގޭ ޕްރޮގްރާމްތަކުގެ އިތުރުން، މާލޭގެ ޢުމްރާނީ ތަރައްޤީއާއި ބައެއް ބަދަލުތައް، މާލެ ރީޑިޒައިންކޮށް، އަލުން މާލެއަށް ގެނެވެންހުރި ހެޔޮ ބަދަލުތައް މާލެއަށް ގެނެސް، މާލެ ޢިމާރާތް ކުރުމުގެ ޕްރޮގްރާމެއް، ޕްލޭނެއް ސަރުކާރުންވަނީ އެކުލަވައިލާފައި. އެ ޕްލޭންގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ތެރޭގައި މިހާރު މިދަނީ މަޝްވަރާ ކުރެވެމުން.

މި ސަރުކާރު ޙަވާލުވިއިރުވެސް މާލޭގެ ތަރައްޤީގެ ޕްލޭނެއް އަލުން އެކުލަވައިލުމަށްޓަކައި ސިންގަޕޫރުގެ ޔުނިވަރސިޓީއަކާއެކު ބައެއް މަސައްކަތް ހުރީ ކުރެވިފައި. އެހެން ނަމަވެސް، އެމަސައްކަތްތައް މުޅިން ޙަޤީޤަތުގައި ހުރީ ފަށައިގަނެވިފައެއް ނޫން. އެހެންވީމާ، އެކަމުގެ މައްޗަށް ބަރޯސާވެގެން ހަމައެކަނި އެ ޕްލޭނަށް ދިޔުން އަޅުގަނޑުމެންނަކަށް އެހާ ފަސޭހައެއްނުވި. މިދަންނަވަނީ ކުރީގައި ނިންމިފައިހުރި ކަންކަން އަޅުގަނޑުމެން ބަދަލުކުރާނެ ވާހަކައެއް ނޫން ކޮންމެ ފަހަރަކު. އޭގެ ގިނަ ކަންކަން ހަމަ ކުރީގައި ޕްލޭން ކުރެވިފައި ހުރި ގޮތަށް، އެ ޕްލޭންތަކާ އެއްގޮތަށް ފުރިހަމައަށް ރަނގަޅަށް ގެންދެވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ.

މިހާރު ސަރުކާރުން ޚާއްޞަ ގޮތެއްގައި މިއަމާޒު ކުރަނީ، މާލޭގެ ހަތަރު ސަރަޙައްދެއްގެ ރީޑިޒައިނަށް. އޭގެތެރޭގައި ފުރަތަމަ ހުޅަނގު ދެކުނު ބަނދަރު، އެސަރަޙައްދުގައި ސަރުކާރުން މިވަނީ ބައެއް ޢިމާރާތް ކުރުމަށް ނިންމާފައި. އޭގެތެރޭގައި ޚާއްޞަކޮށް އަމާޒު މިކުރެވެނީ، މަލްޓި ސްޓޯރީ އިންޑަސްޓްރިއަލް ކޮމްޕްލެކްސްއެއް ނުވަތަ ގިނަ ބުރިތަކަށް ޢިމާރާތް ކުރެވިފައި ހުންނަ ޞިނާޢީ ބޭނުންތަކަށް ބޭނުންކުރާ، ޒަމާނާ އެކަށީގެންވާ ރަނގަޅު ޢިމާރާތެއް، އެ ސަރަޙައްދުގައި ކުރުން. އެ ޢިމާރާތުގެ ތެރެއަށް ކާރު ޕާކް ކުރުމާއި، ލޮރީ ޕާކް ކުރުމާއި، ގުދަން ކުރުމާއި، ވަޑާންގެއާއި، ގަރާޖާއި، ވާރކްޝޮޕާ، މިބާވަތުގެ މަސައްކަތްތައް ހިންގާ އެކިއެކި ތަންތަން ބަދަލުކުރުން. މާލެތެރޭގައި މިހާރު ހިންގަމުން މިގެންދާ އެތައް ކަމެއް، ގަރާޖްތައްފަދަ އެސަރަޙައްދަށް ބަދަލުކުރުމުގެ ބޭނުމަށްޓަކައި ކުރެވޭ ޢިމާރާތެއް. މިސަރަޙައްދަކީ މީގެކުރީގައިވެސް މިދެންނެވި ބޭނުންތައް ހިފުމަށް ރޭވިފައި އޮތް ސަރަޙައްދު. ކަނޑައެޅިފައި އޮތް ސަރަޙައްދު. އެހެން ނަމަވެސް، ކުރީގައި ރޭވިފައި އޮތީ މުޅި އެ ސަރަޙައްދުގެ ހުރިހާ ބިމެއް މިކަމަށް ބޭނުންކުރަން. ސަރުކާރަށް މިހާރު ގަބޫލު ކުރެވެނީ، ބުރިބުރިއަށް ހަދާ ޢިމާރާތެއްގައި ބޭނުންކުރީމާ، ބިން ކުރިއަށްވުރެ މާބޮޑުތަނުން ސަލާމަތް ކުރެވޭނެ ކަމަށް. އެފަދަ ޢިމާރާތެއް، އެތަނުގައި އެޅުމަށްދާ ޚަރަދު ސަރުކާރުގެ ބަޖެޓުން ހޭދަކުރުމަށް.

ހަމައެހެންމެ، ސަރުކާރުން މިވަނީ އެ ސަރަޙައްދުން ބިން ވިއްކުމަށްވެސް ނިންމާފައި. ސަރުކާރުން އެ ސަރަޙައްދުން މާލޭގައި ބިން ވިއްކުމަށް ނިންމި މައިގަނޑު ތިން ސަބަބެއް އަޅުގަނޑަށް ފާހަގަކުރެވޭ. އޭގެތެރޭގައި ފުރަތަމައަށް އެނގިވަޑައިގަންނަވާނެ، މާލޭގެ ބިމުގެ އަގު ވަރަށްބޮޑު. އެހެންވީމާ، މާލޭގައި ގެދޮރުގެ އަގުވެސް، ގޭގޭގެ ކުލީގެ އަގުވެސް ވަރަށްބޮޑު. އަގުބޮޑުވުމުގެ އެންމެ މައިގަނޑު އެއްއަސާސަކީ، އެއްސަބަބަކީ، ބިމުގެ އަގު ބޮޑުވެފައި އޮތް މިންވަރު. މާލޭގައި މިހާރު ބިމުގެ އަގު ހުރި މިންވަރަކީ، ބައެއްފަހަރަށް އަކަފޫޓެއް ވިއްކާއިރުގައި، އަށްހާސް، ނުވަހާސް، ދިހަހާސް ރުފިޔާގެ މަގުންވެސް އަކަފޫޓެއް ވިއްކާފައި އެބަހުރޭ. މާލޭގެ ބިމުގެ އަގު ހެޔޮކުރުމަށްޓަކައި ސަރުކާރުން ބިން ބާޒާރަށް ނެރުމަކީ ބޭނުންތެރި ކަމެއް. އެހެންވީމާ، މިފަހަރު މިނެރޭ ފަންސާސްހާސް އަކަފޫޓްގެ ބިމުން މުޅިން މާލޭގެ ބިމުގެ އަގު އެކަށީގެންވާ ހިސާބަކަށް ނުގެނެވުނު ކަމުގައިވިޔަސްވެސް، އެމަގަށް ބާރުއަޅާނެ ކަމެއް ކަމަށް ސަރުކާރުންވެސް ދުށީ.

ބިމުގެ އަގު ތިރިކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން، މާލޭގެ ބިން ވިއްކުމުގެ އެހެންވެސް އިޤްތިޞާދީ ބޭނުން އެބަހުރޭ. އެނގިވަޑައިގަންނަވާނެ، ބޭރު ފައިސާ އެކްސްޗޭންޖް ރޭޓަށް އަބަދުވެސް މިހުންނަނީ ވަރަށް ބޮޑަށް ބާރުވެފައި. ޑޮލަރުގެ އަގު މިހާރު ތިރިވެފައި ހުރި ނަމަވެސް، ޑޮލަރުގެ އަގު މަތިވެގެންދާ އެންމެބޮޑު އެއްސަބަބަކީ، އިޤްތިޞާދުގެ ތެރޭގައި ރުފިޔާ ދައުރުވާ މިންވަރު ގިނަކަމުން. މީހުންގެ އަތުގައި ރުފިޔާ ހުރި މިންވަރު ގިނަކަމުން. އެހެންވީމާ، އެރުފިޔާ އެފަރާތްތަކުން ބިމަށް ބަދަލުކުރީމާ، ސަރުކާރުން މިދެކެނީ ރުފިޔާގެ އަގުވެސް، އެއާ ގުޅިގެން ރަނގަޅުވެގެން ދިޔުމަށް ފުރްޞަތު އެބައޮތްކަން.

އަޅުގަނޑު މިދެންނެވި ދެކަމަކީވެސް ހަމަ ވަރަށް އާދައިގެ އިޤްތިޞާދީ ވިސްނުން. މިއީ އެހެން ޤައުމުތަކުގައިވެސް، އެހެން އިޤްތިޞާދުތަކުގައިވެސް މިބާވަތުގެ ކަންކަމާ ގުޅިގެން ހަމަ ޢާންމުކޮށް ކަން ކުރަމުން އަންނަ ގޮތެއް. ހުޅަނގު ދެކުނު ބަނދަރުގެ ސަރަޙައްދުގައި، މުޅި އެ ސަރަޙައްދު ތަރައްޤީކޮށް، އެ ސަރަޙައްދުގައި އަދި މިހާރު އެ ހުރި ސައި ހޮޓާތައްވެސް، އެނޫން ގޮތަކަށް އަތުރާލެވި، ފުޑްކޯޓްތަކެއްހެން ޑިޒައިން ކުރެވި، އަދި އެސަރަޙައްދަށް ބޭނުންވާ އެހެންވެސް ޚިދްމަތްތައްދޭނެ ޢިމާރާތްތައް ޤާއިމްކުރެވި، މުޅި ސަރަޙައްދުގެ ރީ ޑިވެލޮޕްމަންޓެއް ސަރުކާރުން މިވަނީ މިހާރު ޕްލޭން ކޮށްފައި.

މާލޭގެ އަނެއް ސަރަޙައްދެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރަނީ، މާލޭ މާރުކޭޓް. އެއީ ހަމަ ކުރީގައިވެސް ހުރި މާލޭ މާރުކޭޓް. އެ ސަރަޙައްދުގައި މާރުކޭޓެއް ހަދައި، އެއީ ގިނަ ބުރިތަކަކަށް މައްޗަށް ހެދޭ މާރުކޭޓެއް. އަދި ހަމަ އެ މާރުކޭޓާ ގުޅުވައިގެން، އެތަނުގައި މިހާރު އެ ހެދެމުން އަންނަ އަތޮޅުތަކުގެ ދޯނިފަހަރު އަޅާ ބަނދަރުގެ އެއްކައިރިއާއި އަދި އެސަރަޙައްދަށް ބޭނުންވާނެ އެކިއެކި ޚިދްމަތްތައް ލިބޭނެ ގޮތަށް ސަރަޙައްދު ޑިޒައިންކޮށް، ޕްލޭންކޮށް، އެ ޕްލޭނާ އެއްގޮތަށް އެ ސަރަޙައްދު ބިނާކުރުން.

މާލޭގެ އަނެއް ސަރަޙައްދެއްގެ ގޮތުގައި ސަރުކާރުން އިތުރަށް ޕްލޭންކޮށް، ޑިޒައިންކޮށް، ޢިމާރާތް ކުރުމަށް ގަސްދުކޮށްފައި މިވަނީ، މިހާރު އެ ހުރި ދަރުބާރުގެއިން ފެށިގެން ލޮނުޒިޔާރަތްކޮޅު، މާލޭތިލައާ ހަމައަށް. އެއީ، މިހާރު އެހެރަ ހުޅުލޭ ފެރީ ޓަރމިނަލާ ހަމައަށް. އެ ސަރަޙައްދު އެކީގައި އެކިއެކި މުނިފޫހިފިލުވުމާއި، ކުޅިވަރާއި، ރިކްރިއޭޝަނަށް އަދި ކަސްރަތާ، މިބާވަތުގެ ކަންކަމަށް ކަނޑައަޅައި، އެފަދަ ޚިދްމަތްތައް ލިބޭނެ ގޮތަކަށް އެތަންވެސް ޢިމާރާތްކޮށް ރީޑިޒައިން ކުރުން.

ސަރުކާރުން ނިންމާފައިވާ މާލޭގެ ހަތަރުވަނަ ސަރަޙައްދަކީ، ސަރުކާރުގެ އޮފީސްތަކާއި، ރައްޔިތުންގެ މަޖިލީހާއި، މަޖިލިސްކުރާ ގެޔާއި އަދި މިތަންތަން މިހުރި މާލޭގެ ސަރުކާރުގެ އޮފީސް ސަރަޙައްދު. އެ ސަރަޙައްދުގައި ވެލާނާގޭ ޢިމާރާތް އަޅައި ނިމި، މިހާރު ހުރަވީ ބިލްޑިންގ ހުސްކުރެވި، އަދި އެ ބިލްޑިންގ އެތަނުން ނަގައި، އެތަނުގައި ކާރު ޕާކް ކުރާނެ ތަންތަނާއި، އަދި އެނޫންވެސް އެހެން ޖާގަ އޮންނާނެހެން ހެދޭ ތަންތަން ހެދުން. އަދި ކުރީގައި އެޓޮލްސް މިނިސްޓްރީ ހިންގަމުން ގެންދިޔަ ފާށަނާ ބިލްޑިންގ ތަޅާލެވި، އެތަނުގައިވެސް އެހެނިހެން ޚިދްމަތްތަކަށް އެ ސަރަޙައްދުގައި ޖާގަ ހުޅުވާލެވި، އަދި ވެލާނާގޭގެ އަނެއްބައިގައި ކުރަންޖެހޭ ޢިމާރާތްތައްވެސް ކަނޑައަޅައި، އެތަން ޑިޒައިންކޮށް، އެ ޢިމާރާތްތައްވެސް އެޅުމުގެ މަސައްކަތް ކުރުން.

ހަމަ މީގެއިތުރުން، ސަރުކާރުން ވަނީ މާލޭގައި މަދުވެގެން އެއްހާސް ފްލެޓް ޢިމާރާތް ކުރުމުގެ ޕްރޮގްރާމެއް އެކުލަވައިލާފައި. މީގެތެރެއިން މިހާރު ބައެއް ފްލެޓްތައް ޢިމާރާތް ކުރަން އެކިއެކި ފަރާތްތަކާ ވަނީ ކޮންޓްރެކްޓް ކުރެވިފައި. މީގެ ބޭނުމަކީ، މާލޭގައި ގެދޮރު ދަތި، ބިން މަދު ފަރާތްތަކަށް ދިރިއުޅެވޭނެ ގޮތެއް، ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް އެހީތެރިވުން. އަދި މާލޭގެ ބިމުގެ އަގާއި، ފްލެޓްގެ އަގުވެސް ތިރިކުރުމަށް ބާރުއެޅުން.

ސަރުކާރުން މިދެކެނީ، މި މުޅި މާލޭގެ މަންޒަރު، މި މުޅި މާލޭގެ ތަރައްޤީގެ ޕްލޭން ހިންގުނީމާ، މާލެއަށް ކިތަންމެ ތަނެއް ލުއިވެގެންދާނެ ކަމަށް. މި ޕްލޭންތަކުގެ ޢަމަލީ މަސައްކަތްތައް، ސަރުކާރުން މި އުންމީދު ކުރަނީ، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް.

މި މާލޭގެ ތަރައްޤީގެ މަސައްކަތްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އަތޮޅުތަކުގައިވެސް ވަރަށްގިނަ މަސައްކަތްތައް އެބަ ފެށޭ. ސަރުކާރަށް މިހާރު މިހާގިނަ މަސައްކަތް ފެށޭގޮތް މިވަނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ސަރުކާރުގެ ވަރަށް މައިގަނޑު ދެ ސިޔާސަތެއް ކާމިޔާބުވަމުންދާތީ. އެއްސިޔާސަތަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް. ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނާ ގުޅިގެން ހިންގާ މަޝްރޫޢުތައް އިތުރުކޮށް ހިންގޭނެ ގޮތް ފަހިވެގެންދިޔުން. އަދި ހަމައެހެންމެ، ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ރާއްޖޭގައި ސަރުކާރަށް މަސައްކަތް ކޮށްދިނުމަށް ބޭރުގެ ބޮޑެތި ކޮންޓްރެކްޓަރުން އެއްބަސްވާކަން. އެ އިތުބާރު މި ސަރުކާރަށް ބޭރުގެ ކުންފުނިތަކުންދޭކަން. އެހެންވީމާ، މިއަހަރު އިރާދަކުރެއްވިއްޔާ އެބަ ފަށައިގަނެވޭ ފަންސާހަށްވުރެ ގިނަ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް. ސަރުކާރުން އެބަ އުންމީދު ކުރަން، މިއަހަރު 10 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް، ރާއްޖޭގެ އަތޮޅުތަކުގެ އެކިތަންތަނުގައި ފަށައިގަނެވޭނެ ކަމަށް. ފަނަރަވަރަކަށް ރަށުގެ ބަނދަރު ހަދަން އަލަށް ފެށޭނެ. 7 ރަށެއްގެ ބިން ބޮޑުކުރެވޭނެ. އަދި އަބޫދާބީ ފަންޑާ އެކީގައި މި ހިންގާ ހެލްތް ސެންޓަރުތަކުގެ ފެންވަރު، ޚިދްމަތް ރަނގަޅު ކުރުމުގެ މަޝްރޫޢުގެ ދަށުން މިއަހަރުގެ ތެރޭގައި މަދުވެގެން 6 ހެލްތް ސެންޓަރެއްގެ ފެންވަރު މަތިކުރެވޭނެ. އަދި ހަމައެހެންމެ، އެއްދަންފަޅިއަށް މަދަރުސާތައް ބަދަލުކުރުމަށްޓަކައި މިދިޔަ އަހަރު ވަނީ 160 ކްލާސްރޫމާ ހަމައަށް ޢިމާރާތް ކުރެވިފައި. ސަރުކާރުން މިދެކެނީ، ހަމަ އެހާގިނަ ކްލާސްރޫމްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް.

އަޅުގަނޑުމެންނަށް މިމަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ އެހީތެރިކަމާއި، ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުން. އަދި މިހާރު އެ އެއްބާރުލުން ދެއްވަމުން ގެންދަވާކަންވެސް އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ. ރާއްޖޭގެ ރައްޔިތުންގެ އުންމީދަކީ، ބޭނުމަކީ، އެމީހުންގެ އަމިއްލަ ޙާލަތު ރަނގަޅުވެ، ރާއްޖެ ތަރައްޤީވުން. ތަނަވަސް ދިރިއުޅުމެއް، ރީތިގޮތުގައި އުޅެވޭނެ ގޮތެއް ހޯދުން.

ސަރުކާރުން މި މަސައްކަތްތައް ކުރާއިރުގައި، މިކަންކަމުގެ ގިނަ ބައިވަރު މަސައްކަތް ކުރަމުން ގެންދާނީ، ސަރުކާރުގެ މުވައްޒަފުން، ސިވިލް ސަރވަންޓުން. އަޅުގަނޑު އިއްޔެ ސަރުކާރުގެ ޕަރމަނަންޓް ސެކްރެޓަރީންނާ ބައްދަލުކުރިން. އަޅުގަނޑު އެބޭފުޅުންނާ މަޝްވަރާކުރީ، އަދި މިހާރަށްވުރެވެސް ބޮޑަށް އެބޭފުޅުންނާއި އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ އެކުގައި މަސައްކަތް ހިންގޭނެ ގޮތްތަކެއް ހޯދުމާ ގުޅޭގޮތުން. އަޅުގަނޑާ ޕަރމަނަންޓް ސެކްރެޓަރީންނާ އެކުގައި މި މަޝްވަރާތަކަށްފަހު، ޕްރޮގްރާމެއްގެ ދަށުން ޕަރމަނަންޓް ސެކްރެޓަރީންގެ މަސައްކަތްތަކަށް، ޚާއްޞަ ގޮތެއްގައި އަޅުގަނޑަށް، ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އެހީތެރިވެދެވެން އޮތް ކަންކަން ބަލައި، ހޯދައި، އެހީތެރިވެދެވޭތޯ މަސައްކަތް ކުރުން. އެފަދަ ޕްރޮގްރާމެއް ހިންގުން.

އަޅުގަނޑު ނިންމާލުމުގެ ކުރިންވެސް ދަންނަވާލަން ބޭނުންވަނީ، މިފެށޭ ރޯދަމަހުގެ ތެރޭގައިވެސް އިރާދަކުރެއްވިއްޔާ ކޮންމެ ހުކުރު ދުވަހަކު ހަމަ މިގަޑީގައި އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކުރާނެ ވާހަކަ. އަދި ރޯދަމަހުގެ ތަހުނިޔާ ދަންނަވައި، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިބަރަކާތްތެރި މައްސަރުގެ ހެޔޮއެދުންތައް ފޮނުވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم