بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 16 ޖުލައި 2010ވީ ހުކުރު ދުވަސް. އަޅުގަނޑުމެން މިދުވަހާ ކުރިމަތިލާއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ މަސްރަޙު މިއަދު މިވަނީ ވަރަށް ބޮޑަށް ކިލަނބުވެފައި. ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް މިއަދު މިވަނީ ވަރަށްގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި. އަޅުގަނޑު އަބަދުވެސް ފާހަގަކުރަމުން ގެންދިޔައިން، މިރާއްޖެއަކީ ދޮށީ ޤައުމެކޭ. މިރާއްޖޭގެ ޙަޔާތުގައި، މިރާއްޖެއާ ކުރިމަތިނުވާ ބާވަތުގެ ކަންކަން، އޭގެ އަޞްލަށް ބަލާއިރުގައި ވަރަށް މަދުވާނެ. އަޅުގަނޑުމެންގެ ޙަޔާތަކީ ވަރަށް ކުޑަކުޑަ އެއްޗެކޭ. އަޅުގަނޑުމެންނާ ދިމާވެފައި ހުރި ތަޖްރިބާތަކަކީ، ވަރަށް ކުޑަކުޑަ މިންވަރެކޭ. މުޅި މި ރާއްޖޭގެ ޖުމްލަ ތަޖްރިބާއާ އަޅުގަނޑުމެންނާ އަޅާބަލާއިރު، އަޅުގަނޑުމެންނަށް ކަމެއް ކުރަމުންދާއިރުގައި، އެކަމެއް ރަނގަޅަށް ކުރުމަށް ލިބޭ އެންމެބޮޑު އެއް ހިތްވަރަކީ މިދެންނެވީ. މިރާއްޖޭގެ މާޒީ އެއޮތީ އަޅުގަނޑުމެންނަށް، އެއިން ޢިބްރަތް ލިބިގެން ރާއްޖޭގެ މުސްތަޤްބަލަށް މިޞްރާބު ޖެހުމަށް އޮތް ހަމަ ވަރަށް ރަނގަޅު ފިލާވަޅެއް، ފޮތެއް. އަޅުގަނޑުމެން މިއަދު ކުރާ ކަންތައް ކުރަމުންދާއިރުގައި، އެކަމެއް އެގޮތަށް އެކުރަމުން އެގެންދަނީ ވަކި ޚާއްޞަ ކޮން ވިސްނުމެއްގައިތޯ؟ އެހެން އެކަމެއްކުރީމާ، ދެން ކަންތައް މެދުވެރިވާނީ ކިހިނެއްތޯ؟ މީގެކުރީގައި މިބާވަތުގެ ކަންތައްތަކާ ވެރިކަމުގެ ފަރާތުން ކުރިމަތިލާފައިވަނީ ކިހިނެއްތޯ؟ މިހިރީ ހައްތަހާ އަޅުގަނޑުމެން މިވަގުތު އޮޅުންފިލުވާން ޖެހިފައިވާ ކަންކަން.

މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ބައެއް އިސް ވާދަވެރި ސިޔާސީ ފަރާތްތައް މިވަނީ ސަރުކާރާ އެކިގޮތްގޮތަށް މުޢާމަލާތު ކުރަން ޖެހިފައި. އޭގެތެރޭގައި، ބައެއް ބޭފުޅުން، އެބޭފުޅުންގެ ސަލާމަތަށާއި، އަދި ހަމައެހެންމެ، މުޅި ރާއްޖޭގެ މަޞްލަޙަތަށްޓަކައި އަދި އެންމެހާ ކަންކަން، އެބޭފުޅުންގެ ސަލާމަތާއި އަދި ރާއްޖޭގެ މަޞްލަޙަތަށްޓަކައި ބައެއް ބޭފުޅުން މިވަނީ އެކަހެރިކޮށްފައި ބޭތިއްބިފައި. އެކަން އެގޮތަށް ސަރުކާރުން ކުރާން ނިންމީ، އެކަން އެހެން ނުކޮށްފިނަމަ، ދެން ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކާއި އަދި ކުރިމަތިވެދާނެ ނުރަނގަޅު ކިތަންމެ ކަމެއްގެ އަންދާޒާތަކެއް ކުރެވި، ތަޞައްވުރުތަކެއް ހެދި، މިވަގުތަށް ކުރާން މަޖުބޫރު ކަމެއް ކަމުގައި ދެކެވިގެން އެކަން އެގޮތަށް ކުރެވުނީ. އެހެންވީމާ، އެކަހެރިކޮށްފައި ތިއްބެވި ބޭފުޅުން، އެގޮތަށް މިވަގުތަށް ތިއްބަވާނެ. ސަރުކާރުން އެކަން އެގޮތަށް ކުރިއަށް ގެންދިޔުމަށް މިހާރު މިވަނީ ނިންމާފައި.

ސަރުކާރުން މިހެން ނިންމީ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު މިއައީ، މިއަންނަނީ އަޅުގަނޑުމެން މިބޭނުންވާ ބަދަލަށް ވަރަށް ބޮޑަށް އެދެމުން. ބަދަލަކީ ކޮބައިތޯ؟ ބަދަލަކީ އަޅުގަނޑުމެންނަށް ތަނަވަސް ދިރިއުޅުމެއް، ރިވެތި ގޮތެއް، އުފާވެރި ހަޔާތެއް ލިބުން. އިންޞާފު ޤާއިމު ކުރެވުން. ޤާނޫނީ ވެރިކަމެއް، މިރާއްޖޭގައި ހިނގާގޮތްވުން. އިންޞާފު ޤާއިމު ކުރުމަށްޓަކައި ބައެއް ބޭފުޅުންނަށް ދައުލަތުގެ ބައެއް ބާރުތައް މާބޮޑަށް ފަހިވެފައި ހުންނަ ހުރުމާއި، ޢާންމު އުޞޫލުތަކާ ޚިލާފަށް ދައުލަތުގެ ބައެއް ބާރުތައް، ބައެއް ބޭފުޅުންނަށް އަދިވެސް މިރާއްޖޭގައި ބޭނުންކުރެވިގެންދާ ކަމަށް ރައްޔިތުންގެ ވަރަށްގިނަ ބައިވަރު ބަޔަކަށް ފެންނަމުންދާތީވެ. އަދި ކޮރަޕްޝަނަކީ ރައްޔިތުން އިންތިހާއަށް އެކަމާ ނަފްރަތުކޮށް، ނޭދޭ ކަމެއް ކަމަށް ހަމަކަށަވަރުންވެސްވާކަން އަޅުގަނޑުމެންނަށް ޔަޤީންވެފައި މިވަނީ.

މިހާތަނަށް ރާއްޖޭގައި ޞުލްޙަވެރިކަމާ އެކީގައި އެންމެ ގިނަ ޢަދަދަކަށް މީހުން އެއްވި ޞުލްޙަވެރި ހިނގާލުމެއް ބޭއްވި އެއްފަހަރަކީ، މިދިޔަ ހަފްތާގެ ތެރޭގައި ކޮރަޕްޝަނާ އިދިކޮޅަށް އެ ބޭއްވުނު ހިނގާލުން. އެއިން ފެނިގެން ހިނގައްޖެ، ރާއްޖޭގެ ވަރަށްގިނަ ބަޔަކު ތިބީ ޢަމަލީގޮތުން ކޮޅަށް ތެދުވެ، މިކަމާ އެ ރައްޔިތުން ނޭދޭ މިންވަރު ހާމަކުރަން ތައްޔާރަށްކަން. އެހެންވީމާ، ސަރުކާރަށް އެބަ މަޖްބޫރުވޭ، މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން. މިކަމުގައި ޙައްލެއް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް. އެހެންވީމާ، އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، މިވަގުތު މިޤައުމަށްޓަކައި، އަޅުގަނޑުމެންގެ ރާއްޖެއަށްޓަކައި، އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި، އަޅުގަނޑުމެން ކުރާންޖެހުނު ކޮންމެ ކަމެއް ކުރަންޖެހޭނެއޭ. އެކަންކަން ކުރުމުގައި އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑު އިރާދަކުރެއްވިއްޔާ ފަހަތަކަށްނުޖެހޭނަން. އަޅުގަނޑުގެ މަޤްޞަދަކީ، އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ، އަޅުގަނޑުމެންނަށް މިރާއްޖޭގައި ރިވެތިކޮށް، ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދުން. އަޅުގަނޑުމެންގެ އެންމެނަށްވެސް މިރާއްޖޭގެ މުއްސަނދިކަން ބެހިގެންދާނެ، ލިބިގެންދާނެ އުޞޫލުތަކެއް، ސިޔާސަތުތަކެއް، ތަރުތީބުތަކެއް ކަނޑައެޅުން އަދި ޤާއިމުކުރުން.

އަޅުގަނޑުމެން ކަންކަމަށް ފަށައިގަންނައިރުގައި، ދެންވާނެ ގޮތް އަޅުގަނޑުމެންނަށް ބައެއްފަހަރު އަންދާޒާ ކުރެވޭ. އަދި ބައެއްފަހަރު އަޅުގަނޑުމެން އަންދާޒާކުރާ ގޮތަށްވާކަންވެސް ދިމާވެފައިވެސް ހުރޭ. ހަމައެހެންމެ، އަނެއްބައި ފަހަރުފަހަރު އަޅުގަނޑުމެން އަންދާޒާކުރާ ސީދާގޮތަށްވާކަން ވެގެންނުގޮސްވެސް އެބަހުރޭ. އެހެންވިޔަސް އަދި އެހެން ގޮތެއްވިޔަސް އަބަދުވެސް އަޅުގަނޑުމެންނަށް ބޮޑު މަންޒަރު ސާފުކޮށް ފެންނާން އޮންނަންޖެހޭނެ. އަޅުގަނޑުމެން ދަތުރު މިކުރަނީ ކޮންތަނަކަށްކަން އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. މިވަގުތު ދިމާވެމިވާ ޙާލަތުތަކަކީ، ދަތިތަކަކީ އަބަދަށް މިކަންކަން މިގޮތަށް ބާއްވަން އަޅުގަނޑުމެންނަކަށް އެއްބަސްވެވިގެނެއް ނުވާނެ، ގަބޫލުވެވިގެނެއް ނުވާނެ. އަޅުގަނޑުމެން މިކަމުން އެބަ އަރައިގަންނަންޖެހޭ. އަޅުގަނޑުމެންނަށް މި ރާއްޖޭގެ ކަންކަން މިއަށްވުރެ އޮމާންކޮށް ގެންދެވޭނޭ ގޮތްތަކެއް އެބަ ހޯދަންޖެހޭ. އަޅުގަނޑު ދަންނަވާނީ، މިދަތިތައް އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވީ ކަމުގައިވިޔަސްވެސް، މިއީ ދަތްފަޅާއިރު ވާ ތަދޭ. އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނެއޭ. އަޅުގަނޑުމެން ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމެއް ހިންގާން ފެށުނުތާ ގިނަދުވަހެއްނުވޭ. އެފަދަ ނިޒާމެއްގެ ތަޞައްރުފު ފުދިގެން އަންނައިރުގައި، އޭގެތެރެއިން ނުވެނުދާނެ ކިތަންމެ ކަމެއް، އޭގެކުރީގައި އަޅުގަނޑުމެންނަށް އަންދާޒާ ކުރެވިފައިނުވާ، އަޅުގަނޑުމެންނާ ކުރިމަތިވާނެ ކަމަށް އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަންޖެހޭނެ.

އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މިކަމުން އަޅުގަނޑުމެންނަށް ނުކުމެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތޭ. ބޮޑު މަންޒަރު އަޅުގަނޑަށް އެބަފެނެއޭ. މިއަދު ދިމާވެގެން މިއުޅޭ ދައްޗަކީ ކޮބައިކަން އަޅުގަނޑަށް އެބަ އެނގެއޭ. އިރާދަކުރެއްވިއްޔާ، އެ ދަތިތަކުން އަރައިގަނެވި، ހިނގަން އޮތް މަގު ކިތަންމެ އުނދަގޫ ކަމުގައިވިޔަސްވެސް، ހިނގޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________