بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 2 ޖުލައި 2010ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުވާއިރު، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ރާއްޖޭގެ ސިޔާސީ ޙާލަތު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ތަންފީޒު ކުރަމުން މިއައި ޤާނޫނުއަސާސީ، މި ތަންފީޒު ކުރަމުން އައި އައުމުގައި، މިހާތަނަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމާ އަޅުގަނޑު ދަންނަވާނީ މިވަގުތު މިއޮތީ ދިމާވެފައޭ. އަޅުގަނޑުމެން ވިސްނުންތެރިކަމާއި، ކެތްތެރިކަމާއި، ޙިކްމަތްތެރިކަމާއެކީގައި މިވަގުތާ ކުރިމަތިލާންޖެހޭނެ. އަދި މިކަމުން އަޅުގަނޑުމެން އަރައިގަންނަން ޖެހޭނެ.

އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ދޮށީ ރާއްޖެއެއް. މި ރާއްޖެ ނުދެކޭ ތަނެއް ޙަޤީޤަތުގައި ވަރަށް މަދުވާނެ. އަޅުގަނޑުމެން ތަޖްރިބާ ނުކުރާ ކަންކަން ހުރެދާނެ. އެހެންނަމަވެސް، މި ރާއްޖެ ނުދެކޭ ޙާލަތުތައް ވަރަށް މަދުވާނެ. އެހެންވީމާ، އަޅުގަނޑުމެން މިއަދު ވިސްނާ ވިސްނުމެއްވެސް، ހިންގާ ފިކުރެއްވެސް އަދި ކުރާ ކަމެއްވެސް، ޙަޤީޤަތުގައި ބިނާވެފައި އޮންނާންޖެހޭނީ، މިވޭތުވެދިޔަ މި ރާއްޖޭގެ މުޅި ޙަޔާތް އެއީ، އަޅުގަނޑުމެންނަށް ހޯދެންހުރި ތަޖްރިބާ ކަމަށް ދެކިގެން، މުސްތަޤްބަލަށް، ކުރިމަގަށް މިންއަޅައިގެން އަޅުގަނޑުމެން ވިސްނައިގެން ކުރާ ކަންތައްތަކެއް ކުރުމަށް.

އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ، މިކަންކަން ކުރާނަމޭ. އަޅުގަނޑުމެން ރާއްޖޭގައި މިއޮތް ޤާނޫނުއަސާސީ ދެމެހެއްޓުމަށް ކުރާންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކޮށް، އަޅުގަނޑުމެން މި އުންމީދުކުރާ ތަރައްޤީ އަޅުގަނޑުމެން އެބަޖެހޭ ހޯދަން. އަޅުގަނޑުމެންނަށްޓަކައެއް އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށްޓަކައި. އަޅުގަނޑުމެންގެ ރާއްޖެ މިނޫން އެހެން ޙާލަތަކަށް ގެންދެވިދާނެ ކަމަށް އަޅުގަނޑުމެން އަބަދުވެސް ދުށީމު. މިއަދުވެސް އަޅުގަނޑުމެންނަށް އެ ޔަޤީންކަން އެބައޮތް.

މިއަދު އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ މައްސަލައިގެ ކޮންމެވެސް ވަރެއްގެ ތަފްޞީލެއް އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑަށް ފެންނަ ގޮތުގައި އެކަން އޮތްގޮތް އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، ވަޒީރުން އެންމެ ބޭފުޅުން ވިދާޅުވި، އެބޭފުޅުންނަކަށް އެބޭފުޅުންގެ މަސައްކަތްޕުޅު ކުރެއްވޭކަށްނެތޭ. ވަޒީރު ބޭފުޅުންގެ ޝަކުވާއަކީ، އެބޭފުޅުންގެ މަސައްކަތްޕުޅަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅަނީ ކަމަށް. ވަޒީރު ބޭފުޅުން އިތުރަށް ވިދާޅުވަނީ، އެބޭފުޅުންނަށް ފެންނަ ފެނުމުގައި، އެބޭފުޅުންގެ ނަޒަރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް، އެބޭފުޅެއްގެ ފިކުރާއި ޚިޔާލާތަށް އަދި ގަބޫލުކުރާ ފަލްސަފާއަކަށް ނުވަތަ ބައިޢަތު ހިފާފައިވާ ޕާޓީއެއްގެ ސިޔާސަތު ދެމެހެއްޓުމަށްޓަކައި ކުރާ ވަކާލާތާއި ދެއްވާ ވޯޓުގެ ސަބަބުން ވަޒީރު ބޭފުޅުންގެ މަސައްކަތްޕުޅު ގޮތްގޮތަށް އަނބުރަން ޖެހުމަކީ މައްސަލައެއް ނޫން ކަމުގައި. ޙަޤީޤަތުގައި ވަޒީރު ބޭފުޅުންގެ ޝަކުވާއަކީ، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ދޭ ވޯޓު ބިނާވެފައި އޮންނަނީ، މެންބަރެއްގެ ޚިޔާލާތާއި ފިކުރަށް ނުވަތަ ތަބަޢަވެފައިވާ ޕާޓީގެ ފިކުރަށް ނޫން ކަމަށްވެ، އެވޯޓު ދިނުން ބިނާވެފައި އޮންނަނީ ރިޝްވަތުގެ ހުތުރު ޢަމަލުގެ ތެރޭގައި ކަމަށްވާތީވެ، އެއީ ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްގޮތަކަށްވެސް ގަބޫލުފުޅު ކުރައްވާނެ ކަމެއް ނޫން ކަމަށް.

މިޝަކުވާގައި ވަޒީރުން އިސްތިޢުފާ ދެއްވީމާ، އަޅުގަނޑަށް މަޖުބޫރު، މިމައްސަލަ ބަލަން. މިހާރު އެމައްސަލަ ވަނީ ބަލަން ފެށިފައި. އެކަމުގައި ކަމާ ގުޅިގެން ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ކުރަމުން ގެންދާނެ. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި އެންމެ ކަންތަކުން ސަލާމަތްވެ، ވަޒީރުންގެ މަޖިލީހާ އެކީގައި ރީތިގޮތުގައި ދާދި އަވަހަށް މަސައްކަތް ކުރަން ފެށޭނެ.

އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންގެ ކަންތައްތައް، އަޅުގަނޑުމެން މި އުންމީދުކުރާ ހުރިހާ ގޮތަކަށް ރޭވިގެން، އެތުރިގެން ނުދިޔަ ކަމުގައިވިޔަސްވެސް، އަޅުގަނޑު ކުރީގައިވެސް އިޝާރާތްކުރި ފަދައިން، މި ރާއްޖޭގެ ދޮށިކަމަށް ބަލައި، މި ރާއްޖެއަށް ލިބިފައިވާ ތަޖްރިބާއަށް ބަލައި، އެއިން އަޅުގަނޑުމެން ފިލާވަޅު ހޯދައިގެން، އެއިން އަޅުގަނޑުމެން ލިބެންހުރި ހުރިހާ ރަނގަޅެއް ނަގައިގެން، ޙިކްމަތްތެރިކަމާއި، ވިސްނުންތެރިކަމާއި، ކެތްތެރިކަމާއެކީގައި ކުރިއަށް ދިޔައީމާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ލިބޭނެ. އަޅުގަނޑުމެން މި އުންމީދުކުރާ ކަންކަން އަޅުގަނޑުމެންނަށް ޙަޤީޤަތަކަށް ވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________