بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 25 ޖޫން 2010ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ރޭޑިޔޯގެ ޒަރީޢާއިން ބައްދަލުކުރާއިރު، އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ބޭނުންވާ މުހިންމު ކަމެއް އެބައޮތް. އެނގިވަޑައިގަންނަވާނެ، އިއްޔެ އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ މައި ބަނދަރު، މާލޭ އެއަރޕޯޓް ހިންގުން ބަޔަކާ ޙަވާލުކުރުމަށްޓަކައި ކުރިއަށް ގެންދެވުނު ބީލަމުގެ މަސައްކަތްތައް ނިމި، އެކަން ކާމިޔާބު ކުރެވުނު ކުންފުންޏާ، އެއަރޕޯޓްގެ ހިންގުން މިހާރުވަނީ ޙަވާލުކުރެވިފައި.

މި ހިންގުން އެއަރޕޯޓާ ޙަވާލުކުރާއިރުގައި، ސަރުކާރުން ކިތަންމެ ކަމަކަށް ބެލި. ފުރަތަމަ ކަމަކަށް ސަރުކާރަށް މިހާރުން މިހާރަށް އެއަރޕޯޓަށް އެބަ ބޭނުންވޭ މަދުވެގެން 350 މިލިއަން ޑޮލަރުގެ އިތުރު އިންވެސްޓްމަންޓް. އެއަރޕޯޓް ބޮޑުކުރަން އެބަޖެހޭ. ރަންވޭ ފުޅާކުރަން އެބަޖެހޭ. އަދި ޓަރމިނަލްވެސް މިހާރަށްވުރެ ކިތަންމެ ތަނަކުން ރަނގަޅު ކުރަން އެބަޖެހޭ. ޒަމާނީ ރަނގަޅު އެއަރޕޯޓަކަށް އަޅުގަނޑުމެންގެ މައި އެއަރޕޯޓް އެބަ ހަދާންޖެހޭ. މިމަސައްކަތްތައް ހިންގުމަށްޓަކައި މިހާރު ހިންގުމާ ޙަވާލުވެފައި އެއޮތް ކުންފުނިން ވަނީ އެގްރީމަންޓްވެފައި. ސަރުކާރުން ހުށަހަޅާފައިމިވާ ކަންތައްތައް، އެ ހުށަހަޅާފައި އެވާގޮތަށް ކޮށް ނިންމުމަށް އެކުންފުނިން މިވަނީ އެއްބަސްވެފައި. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި މިކަމުގެ ގިނަ މަސައްކަތްތައް ފަށައިގަނެވިގެންދާނެ. އަޅުގަނޑު ހިތުން ރޭ ޓީ.ވީ.ގެ ޒަރީޢާއިން ތިޔަބޭފުޅުންނަށް އާ އެއަރޕޯޓް، އެ ހަދާ ނިމުނީމާ އެއަރޕޯޓް ހުންނާނެ ގޮތުގެ ކުޑަ މަންޒަރެއް މިހާރުވާނީ ފެނިފައި. އެއަރޕޯޓް އެހެން ބަޔަކާ ހިންގުން ޙަވާލުކުރުމުން، ދައުލަތަށް ލިބޭ އާމްދަނީއެއް ކުޑަތަންކޮޅެއްވެސް ކުޑަވެގެނެއް ނުދާނެ. ޙަޤީޤަތުގައި ކުރިއަށްވުރެ މިހާރު ލިބޭ އާމްދަނީ ކިތަންމެ ތަނަކުން ރަނގަޅުވެގެންދާނެ.

މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް، ހިންގުން ޙަވާލުކުރާނެ ފަރާތެއް ހޯދުމަށްޓަކައި 2009 ވަނަ އަހަރުގެ ކުރީކޮޅުއްސުރެ ފެށިގެން ސަރުކާރުން، ޕްރައިވަޓައިޒޭޝަން ކޮމިޓީއިން ގެންދަނީ އުޞޫލުތަކެއްގެ މަތިން މަސައްކަތްތަކެއް ހިންގަމުން. އެމަސައްކަތްތައް ހިންގުމާ ޙަވާލުކޮށްފައި އޮތީ ވާރލްޑް ބޭންކްގެ ބައިނަލްއަޤްވާމީ މާލީ ކޯޕަރޭޝަނާ، އައި.އެފް.ސީ.އާ. ސަރުކާރަށް މިމަސައްކަތް މިފަހަރު ހިންގަވައިދެއްވީ އައި.އެފް.ސީ. އިން. އެހެންވީމާ، އަޅުގަނޑު ހަމަ ހިތުގެ އަޑިން ގަބޫލުކުރަން. އަޅުގަނޑަށް ޔަޤީން، މިމަސައްކަތް ހިނގާފައިމިވަނީ، ދެފުށް ފެންނަ، ކޮރަޕްޝަނަށް އެއްވެސް ހާލެއްގައި މަގުފަހިނުވާ ގޮތެއްގެ މަތިން. މިމަސައްކަތް ހިންގުމަށްޓަކައި އައި.އެފް.ސީ.އާ ސަރުކާރުން ޙަވާލުކުރީ ފީއެއް އައި.އެފް.ސީ.އަށް ދީފައި. އެ ފީ އައި.އެފް.ސީ ނަގާގޮތަށް. އެހެންވީމާ، މަސައްކަތް މިހާރު މިވަނީ ނިމިފައި. އަދި އައި.އެފް.ސީ.ގެ މަސައްކަތްވެސް މިހާރު އެވަނީ ނިމިފައި.

އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކާމިޔާބެކޭ. އަޅުގަނޑު ހަމަގައިމުވެސް ދެކޭގޮތުގައި، އަޅުގަނޑުމެންނަށް ތިންސަތޭކަ އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް، ހަމަ ވަގުތުން ވަގުތަށް ހިންގޭނެ ގޮތް ފުރިހަމަވެގެން ދިޔުމާއި އަދި މިހާރު މިއޮތް އެއަރޕޯޓް އެތައް ތަނަކުން އެ އެއަރޕޯޓްގެ ހިންގުމާއި އަދި ވަސީލަތްތައް ފުޅާވެގެންދާ ދިޔުން އެއީ އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބެއް.

އަޅުގަނޑުމެންގެ އެއަރޕޯޓަކީ ވަރަށް މުހިންމު ތަނެއް. ވަރަށްބޮޑު މިންވަރަކަށް ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި މިއޮތީ ޓުއަރިޒަމްގެ މައްޗަށް. އަޅުގަނޑުމެންނަށް ޓުއަރިޒަމުން ލިބޭ އާމްދަނީ އިތުރުކުރެވޭނީ، އެއަރޕޯޓް ހަރުދަނާ ކުރެވިގެން. އެއަރޕޯޓް ރަނގަޅު ކުރެވިގެން. އިރާދަކުރެއްވިއްޔާ، މިމަސައްކަތް މިހާރު މިފެށުނީ. އަޅުގަނޑުމެން މިއަންނަ އަހަރާ ކުރިމަތިލާއިރުގައި، އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާނީ، އިރާދަކުރެއްވިއްޔާ ހަމަ މުޅިންމެ އާ އެއަރޕޯޓެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم