بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 4 ޖޫން 2010 ވީ ހުކުރު ދުވަސް. އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކުރާއިރު، އަޅުގަނޑު މިއަދު މިހުރީ އޮސްޓްރޭލިޔާގައި. އެއީ އޮސްޓްރޭލިޔާ ސަރުކާރުގެ ރަސްމީ ދަޢްވަތަކަށް އަޅުގަނޑު މިރަށަށް ކުރި ދަތުރެއް. މިދަތުރުގައި އޮސްޓްރޭލިޔާ ސަރުކާރާ އެކުގައި ރާއްޖެއަށް އެހީތެރިވެދެވޭނެ މަގުތަކާ ގުޅޭގޮތުން ވަރަށް ފުންކޮށް މަޝްވަރާ ކުރެވުނު. އަދި މިހާރަށްވުރެ މާބޮޑު ދަރަޖައަށް، އަދި މިހާރު އޮސްޓްރޭލިޔާ ސަރުކާރުން އަޅުގަނޑުމެންނަށް އެހީތެރިވަމުން އަންނަ މިންވަރަށްވުރެ އެތައް ތަނެއް އެހީ އިތުރުކޮށްދޭނެ ކަމަށް އޮސްޓްރޭލިޔާ ސަރުކާރުން މިހާރުވަނީ ވަޢުދުވެފައި.

އަޅުގަނޑު މިއަދު އިތުރަށް ހާމަކޮށްލަން ބޭނުންވާ، ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ، މާދަމައަކީ އަޅުގަނޑު މި ރޭޑިޔޯގެ ޒަރީޢާއިން ރާއްޖޭގެ ރައްޔިތުންނާ ވާހަކަ ދައްކަމުން އަންނަތާ އަހަރެއް ފުރޭ ދުވަސް. އަޅުގަނޑު އުންމީދު ކުރަނީ، އަދި އަޅުގަނޑު ދެކެނީ، މިވަގުތުކޮޅަކީ އަޅުގަނޑަށް ރާއްޖޭގެ ރައްޔިތުންނާ އެކުގައި ވަގުތުކޮޅެއް ޙިއްޞާކޮށްލުމަށް ލިބޭ ފުރްޞަތެއް ކަމަށް. އަޅުގަނޑު މިފުރްޞަތުގެ ބޭނުން މި ހިފަނީ، ރޭޑިޔޯގެ ޒަރީޢާއިން ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ވާހަކަ ދައްކާލުމުގެ ފުރްޞަތެއް ލިބޭނެ ކަމަށް.

އަޅުގަނޑު ވާހަކަ ދައްކަމުން މިގެންދަނީކީއެއް ވަކި ޕާޓީއެއްގެ، ވަކި ޖަމާޢަތެއްގެ، ވަކި އަތޮޅެއްގެ، ވަކި ފިކުރެއްގެ، ވަކި ފަލްސަފާއެއްގެ ބަޔަކާއެއް ނޫން. އަޅުގަނޑު އުންމީދު މިކުރަނީ، އަޅުގަނޑު ވާހަކަ ދައްކަމުން މިގެންދަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނާ ކަމަށް. ރާއްޖޭގައި އެ ހަފްތާއެއްގައި ހިނގާ ކަންތައްތަކުގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވޭ ކަންކަން، އަޅުގަނޑު ރައްޔިތުންނާއެކީގައި ޙިއްޞާ ކުރުމަށް މިވަގުތުކޮޅު އަޅުގަނޑު ބޭނުން މިކުރަނީ.

އަޅުގަނޑުމެންނަށް ރޭޑިޔޯ މެދުވެރިކޮށް، ރާއްޖޭގެ ރައްޔިތުންނާ ވާހަކަ ދައްކާލަން ލިބޭ ފުރްޞަތުގައި، އަޅުގަނޑު އަބަދުވެސް ދެކޭ އެއް ޙަޤީޤަތަކީ، ރޭޑިޔޯއަކީ ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންގެ ކިބައިގައި މަޤްބޫލުކަން ލިބިފައިވާ މުވާޞަލާތުގެ ނުވަތަ މުޢާމަލާތް ކުރުމުގެ ޒަރީޢާއެއް ކަމަށް. ރާއްޖޭގައި ރޭޑިޔޯގެ ޒަރީޢާއިން މަޢްލޫމާތު ފަތުރަމުން އަންނަތާ މިހާރު ދުވަސްތަކެއްވެއްޖެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، ރޭޑިޔޯއަކީ ރާއްޖޭގެ ރައްޔިތުން، އެމީހުންނަށް މަޢްލޫމާތު ލިބިގަތުމަށް އަދި މުނިފޫހިފިލުވުމަށްވެސް އެންމެ މަޤްބޫލުކަން ދީފައިވާ އެއް ޒަރީޢާއެއް. ރޭޑިޔޯ މެދުވެރިކޮށް އަޅުގަނޑުމެންނަށް ކިތަންމެ މަޢްލޫމާތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެވިފައި އެބަހުރި. އަދި ރާއްޖޭގެ ރައްޔިތުންނަށް ކިތަންމެ ކިތަންމެ މުނިފޫހިފިލުވުމުގެ ވަގުތުތަކެއް ފޯރުކޮށްދެވިފައި، ފަހިކޮށްދެވިފައި އެބަވޭ. އަޅުގަނޑު މިދެކެނީ، މިވަގުތުކޮޅަކީ އަޅުގަނޑާ ރާއްޖޭގެ އެންމެހާ ރައްޔިތުންނާ އެކުގައި ހަމަ ވަރަށް އެކަނިވެރި ގޮތެއްގައި ހޭދަކޮށްލެވޭ ވަގުތުކޮޅެއް ކަމަށް. އަޅުގަނޑު މިދެކެނީ، މިވަގުތުކޮޅަކީ އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުންނާއެކުގައި މަޢްލޫމާތު ޙިއްޞާ ކުރުމަށް ލިބޭ ވަރަށްބޮޑު ފުރްޞަތެއްގެ ގޮތުގައި.

އަޅުގަނޑު މި ރޭޑިޔޯ ޕްރޮގްރާމްތައް އިރާދަކުރެއްވިއްޔާ ހަމަ ކޮންމެ ހުކުރު ދުވަހަކުވެސް ވީމިންވަރަކުން ރައްޔިތުންނާއެކީގައި ޙިއްޞާ ކުރަމުން ގެންދާނަން. ކަމެއް ދިމާވެގެން ބައެއްފަހަރަށް ޕްރޮގްރާމެއް މެދުކެނޑިފައިވެދާނެ. އެހެން ނަމަވެސް، އަބަދުވެސް އަޅުގަނޑު ދެކޭނީ، ރޭޑިޔޯ މެދުވެރިކޮށް އަޅުގަނޑު މިހޭދަކުރާ ވަގުތުކޮޅު އަޅުގަނޑަށް ހޭދަކުރެވެމުން ދެވޭނެ ކަމަށް.

އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް ހިނގަމުންދާ އުޞޫލުތަކަށް ބަލާއިރުގައި، އަދި އަޅުގަނޑުމެންގެ ވެރިކަމުގެ ކަންކަން ހިނގަމުންދާ ހަމަތަކަށް ބަލާއިރުގައި، މިދިޔަ މަދު އަހަރުކޮޅުގެ ތެރޭގައި، ރާއްޖޭގެ ވަރަށްގިނަ ކަންކަމަށް މިވަނީ ވަރަށްގިނަ ބަދަލު އައިސްފައި. މިބަދަލުތަކާ ގުޅިގެން، ފާހަގަވެގެންދިޔަ ނުވަތަ ހުޅުވިގެންދިޔަ އެންމެ މުހިންމު އެއް ވަސީލަތަކީވެސް ރޭޑިޔޯގެ ވަސީލަތް. ރޭޑިޔޯގެ މިނިވަންކަން ރާއްޖޭގެ ރައްޔިތުންނަށް ލިބުމުން، އެ މިނިވަންކަން ބޭނުންކޮށް، ރާއްޖޭގެ ރައްޔިތުން މިގެންދަނީ، އެކިއެކި ރޭޑިޔޯ ސްޓޭޝަންތައް މެދުވެރިކޮށް، އެ ރައްޔިތުންގެ ޚިޔާލު ފާޅުކުރަމުން.

ރައްޔިތުންގެ ޚިޔާލު ފާޅުކުރުމަކީ، މި ސަރުކާރުން ވަރަށް އެދޭ ކަމެއް. އަދި ހިފެހެއްޓުމެއް ނެތް ގޮތުގައި ރައްޔިތުންގެ ޝުޢޫރުތައް ހާމަކުރަމުން ގެންދިޔުމަކީ އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް. ބައެއްފަހަރަށް، ބައެއް ރައްޔިތުން ރޭޑިޔޯ މެދުވެރިކޮށްވެސް އަދި އެހެން ގޮތްގޮތުންވެސް ދައްކަވާ ވާހަކަތަކަކީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހަޖަމު ކުރަން ދަތިވާ ވާހަކައަށްވެދާނެ. އެހެންނަމަވެސް، އަޅުގަނޑު މިދެކެނީ، މިވާހަކަތައް، މި ޒަރީޢާ މެދުވެރިކޮށް ކުރިއަށް ގެންދިޔުމަކީ ރާއްޖެއަށް އަދި ރާއްޖޭގެ އެންމެހާ ކަންކަން ފުރިހަމަ ނިޒާމެއްގައި ދިޔުމަށް ބޭނުންތެރި ކަމެއްގެ ގޮތުގައި.

އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ލިބިފައިމިވާ ފުރްޞަތުގެ ބޭނުން ވީހާވެސް ހަރުދަނާ ގޮތެއްގައި ހިފުމަކީ މުހިންމު ކަމެކޭ. އެ މުހިންމުކަން ދެނެގަނެގެން ނޫނީ އަޅުގަނޑުމެންނަށް މިކަމުގައި ކުރިއަށްދާން ދަތިވާނެ ކަމަށް.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________