بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 7 މެއި 2010ވީ ހުކުރު ދުވަސް. މި ސަރުކާރު، ސަރުކާރު ހިންގުމާ ހަވާލުވީއްސުރެ، ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައިވާ އެންމެ މުހިންމު އެއް ވަޢުދަކީ، މި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމުގެ ވަރުގަދަ މަސައްކަތެއް އަޅުގަނޑުމެން ހިންގާނެ ކަމުގެ ވަޢުދު. ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސަކީ، ރައްޔިތުމީހާއާ ގާތުން އެމީހާގެ ކަންކަން ނިންމުމުގެ އިޚްތިޔާރު، ރައްޔިތުމީހާއަށް ދިނުން. ލާމަރްކަޒީ އުސޫލު، ޑިމޮކްރަސީގެ ތެރޭގައި ތަޢާރުފުވާންޖެހޭ އެންމެ މުހިންމު އެއްސަބަބަކީ އެއީ.

ޑިމޮކްރަސީއަށް ނުވަތަ ލާމަރްކަޒީ އުސޫލު، ޑިމޮކްރަސީއަށް ފަހިވާގޮތަށް ހިންގުމަށްޓަކައި މި ސަރުކާރުން އެކުލަވާލާފައި އޮތް ނިޒާމަކީ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ އިދާރީ ދާއިރާތައް ނުވަތަ އަތޮޅުތައް, ބައެއް އަތޮޅުތައް އެއްކޮށް އެ އެކުވެފައިހުރި އަތޮޅުތަކަކީ ސަރަޙައްދެއްގެ ގޮތުގައި ދެކި އެ 7 ސަރަޙައްދަށް ވެރިކަމުގައި މާލޭގައި އެއްވެފައިހުރި ބާރުތައް ބަހާލުންކަން. އެހެން ބަހާލެވޭއިރުގައި، މާލޭގައި އެއްވެފައިހުރި ވަރަށްގިނަ ބާރުތައް ބަހާލުން އެއީ، މި ސަރުކާރުން ކުރި އުންމީދު.

ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރުމަށްޓަކައި ސަރުކާރަށް ބޭނުންވޭ، އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު. ޤާނޫނު ހެދުމުގެ ބާރު ލިބިދީފައިވަނީ ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހަށް. ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުން ޤާނޫނު މިދެންނެވިގޮތަށް، އެއީ 7 ސަރަޙައްދަކަށް ބަހާލައިގެން މާލޭގައިހުރި ބާރުތައް އެ 7 ސަރަޙައްދުގައި ތަންފީޒުކުރަމުން ގެންދާ އުސޫލުން ގެންދިޔުމަށްޓަކައި ޤާނޫނެއް، ބިލެއް އެކުލަވާލީމު. އެ ބިލް އެއީ، އަޅުގަނޑުމެންނަށް ފެނުނުގޮތުގައި، ސަރުކާރަށް ފެނުނުގޮތުގައި ތަރައްޤީއަށް އެންމެ ފަހިވާން އޮތް ބިލް. ފަހިވާން އޮތް އުސޫލު. ތަރައްޤީގެ މަޝްރޫޢުތައް އެންމެ ބާރަށް ހިންގޭނެވެސްގޮތް. އަދި އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތްކަމަށް އަޅުގަނޑުމެންނަށް ފެނުނުގޮތް. އެއްވެސް ޙާލެއްގައި ޕްރޮވިންސް ހަދާކަށް މި ސަރުކާރުން ނިންމީ، އެކަމުގައި ސިޔާސީ ފުރުސަތެއް، ސިޔާސީ ބޭނުމެއް އޮވެގެނެއް ނޫން. އެނގިވަޑައިގަންނަވާނެ، ސިޔާސީ ބޭނުމާއި ސިޔާސީ ފުރުސަތު އަބަދުވެސް ފަހިވާނީ، އޮންނާނީ، އަތޮޅުތަކުގައި މިހެން ހަމަ ޒަމާނުއްސުރެ ފަށައިގެން ކަންހިނގަމުން އައިގޮތަށް އެކަންކަން ގެންދެވުނީމާ. އަތޮޅު ކައުންސިލްތައް، އަތޮޅުވެރިކަންކުރާ ތަންތަން އެއީ، އަތޮޅު ކައުންސިލުތައް ގޮތުގައި ދެކިގެން އަޅުގަނޑުމެންގެ ކަންކަން ކުރިއަށް ގެންދެވުނީމާ.

އެނގިވަޑައިގަންނަވާނެ، ރައްޔިތުންނަށް ބާރުދިނުމުގައި ވީހާވެސް ހަނިކުރެވެން އޮތްގޮތަކީ ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި އެކަން އޮތްގޮތަށް ކަންކުރަމުން ގެންދިޔުން. ޒަމާނުއްސުރެ ފަށައިގެން ޚާއްޞަކޮށް މިދިޔަ ތިރީހަކަށް އަހަރު ރާއްޖޭގައި ކަންކުރަމުން ގޮސްފައިމިވަނީ، އަތޮޅުތަކެއް ނުވަތަ އަތޮޅު ކުރިއަރުވާ ކޮމިޓީތަކެއް ހެދުނު. ރަށްކުރިއަރުވާ ކޮމިޓީތަކެއް ހެދުނު. އަދި އެ ކޮމިޓީތަކުގެ ތެރެއިން އެ ކޮމިޓީތަކަށް ލިބިދީފައިވާ ވަރަށް ކުދިކުދި، ވަރަށް މަދުމިންވަރެއްގެ ބާރުތައް ތަންފީޒުކުރުމުގެ އިޚްތިޔާރު، އެ ކޮމިޓީތަކަށް ދީގެން، ރަށްރަށުގެ ކަންކަން ކުރިއަށް ގެންދިޔުން. އަޅުގަނޑުމެންވެސް ޒަމާނުއްސުރެ ފަށައިގެން ކަންކުރަމުން އައިގޮތަށް، ކަން ހިނގަމުން އައިގޮތަށް ކަންކުރަން ބޭނުންނަމަ، އަޅުގަނޑުމެންވެސް ހަމަ އެ އޮތް މޮޑެލްގައި، ޒަމާނުއްސުރެ ފަށައިގެން އެކަން ކުރަމުންއައި ގޮތުގައި ކުރީމާ ނިމުނީ. އިތުރު ގޮތެއް އަޅުގަނޑުމެން ހަދާކަށް ނުޖެހޭ. ޕްރޮވިންސް ހެދުމުގެ ބޭނުމަކީ، ކުރީގައި އެ އޮތްގޮތް ނޫން އެހެން ފުރިހަމަ، ފުޅާ ގޮތެއް ހޯދައި، އެގޮތަށް ދިޔުން.

އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވީއްސުރެ މަސައްކަތް ކުރަމުން އައީ، މިދެންނެވި ޕްރޮވިންސްގެ އުސޫލު ތަޢާރުފު ކުރަމުން. ރާއްޖޭގައި އެ ތަންފީޒު ކުރަމުން. ޤާނޫނުގައި އެ ކަނޑައަޅަން، އެ ބަޔާންކުރަން. އެހެންނަމަވެސް، މިހާރު އަދި އަޅުގަނޑުމެންނަށް އެކަން ވާންއޮތީ އިތުރު އެއް ޤާނޫނަށްފަހު. މިހާރު ޕްރޮވިންސް ހިނގަމުންދާނީ، ހަމަ މިހާރުވެސް މި ސަރުކާރުގެ އެއީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީ ލިބިދީފައިވާ ހިންގުމުގެ ބާރު ތަންފީޒުކުރުމަށްޓަކައި ބާރު ލިބިދީފައިވާ މިންވަރަށް އެ ބާރުތައް ހިންގަމުން މިހާރުވެސް އެދާ އުސޫލުން ޕްރޮވިންސް އޮފީސްތައް އެއީ، މާލޭގައި ހޯމްއެފެއާޒްގެ ބާރުތަކާއި އަދި އެހެންވެސް މިނިސްޓްރީގެ ބާރުތައް، މާލޭގައި ހިންގުމުގެ ބަދަލުގައި، އެ ސަރަޙައްދީ އެކިއެކި ތަންތަނުގައި ހިންގުމަށް އަޅުގަނޑުމެން މި ރޭވިފައިވާގޮތަށް އެ މަސައްކަތް ކުރިއަށް ހިނގަމުންދާނީ. އެހެންވީމާ، އަޅުގަނޑުމެން މިއެދޭ ފުރިހަމަ ބަދަލު، އަޅުގަނޑުމެންނަށް ގެނެވޭނީ އަދި ފަހުން.

މިހާރު މި ބިލް ފާސްވެފައި މިއޮތްގޮތަށް ބިލް ތަޞްދީޤުކުރުމަށް އަޅުގަނޑު މި ނިންމަނީ، އަޅުގަނޑު މިދެކެނީ އަޅުގަނޑަށް ފެންނަ ފެނުމުގައި ދެން މި ބިލް އިތުރަށް ލަސްކުރާން އަޅުގަނޑުމެން އުޅެއްޖެނަމަ، އޭގެސަބަބުން އަޅުގަނޑުމެންނަށް ލިބޭނީ ފައިދާއަށްވުރެ ގެއްލުންކަމަށް އަޅުގަނޑަށް ފެންނާތީވެ. އަޅުގަނޑުމެންނަށް މިހާރު މި ބިލުގައި ކަންކަން އެކުލަވާލެވިފައި އޮތްގޮތް މުޅިއަކުން ފުރިހަމައީކީ ނޫން. އަދި ބައެއް ކަންކަމަކީ މާބޮޑަށް، ހަމަ ވަރަށްވެސް ބޮޑަށް ޤާނޫނުއަސާސީ އެބުނާ ސާފުސާދާ މަގާ ފުށުއަރާ ކަހަލަ ގޮތަކަށްހުރި ކަންކަމަށް ޝަރީޢަތަށް މާނަކުރެވިދާނެ. އަޅުގަނޑު މި އުންމީދުކުރަނީ، މި ބިލް އަޅުގަނޑު ތަޞްދީޤު ކުރުމަށްފަހުގައި ވީހާވެސް އަވަހަކަށް މިދެންނެވިހެން ފުށުއަރާގޮތަށްހުރި ކަންކަން އަވަހަށް ބަދަލުކޮށް، މިހާރު މިހުރި އޮނިގަނޑުގެ ތެރޭގައި މި ބިލަށް ގެނެވެންހުރި އިޞްލާޙުތަކެއް ގެނައުން.

މި ބިލް އަޅުގަނޑު ތަޞްދީޤުކުރި ކަމުގައި ވިޔަސްވެސް، ހަމަ މިއާއެކުގައި ލާމަރްކަޒީ އުސޫލުން ހިންގުމަށް ބޭނުންވާ ދެވަނަ ބިލެއް އެބައޮތް. އެއީ، ލާމަރްކަޒީ އުސޫލުން ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތައް އިންތިޚާބުކުރެވޭއިރުގައި، އެ އިންތިޚާބުތައް ހިންގުމަށް ކަނޑައަޅާފައިއޮތް އިދާރީ ޤާނޫނު، އިދާރީ ބިލް. މިދެންނެވި އިދާރީ ބިލުގައި ވޯޓުދިނުމުގެ ޙައްޤު މިވަނީ މަޖިލީހުން ފާސްކޮށްފައި އޮތްގޮތުގައި، ވަރަށް ގިނަބަޔަކަށް އެ ޙައްޤު ނުލިބޭ ނުވަތަ ހޯދުން ވަރަށްބޮޑަށް ދަތިވާގޮތަކަށް. މިހެން އަޅުގަނޑު މިދަންނަވަނީ، އެ ބިލުގައި އޮތްގޮތަށް އަޅުގަނޑުމެން ކަން ކުރިއަށް ގެންގޮސްފިނަމަ، ރަށްރަށުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލެވެނީ އެނބުރި ވޯޓުލާދުވަހު ރަށަށްގޮސްގެން. މިދަންނަވަނީ މާލޭގައި އެބައުޅޭ ރާއްޖޭގެ އެކިއެކި ރަށްރަށުގައި ވޯޓު ޙައްޤުވާ މީހުންގެ ތެރެއިން މަދުވެގެން ފަސްދޮޅަސްހާސް މީހުން. މުޅި ރާއްޖޭގެ ވޯޓު ޙައްޤުވެގެން މިވަނީ، ގިނަވެގެން އެއްލައްކަ ވިހިހާސް، އެއްލައްކަ ތިރީސްހާސް މީހުންނަށް. އެހެންވީމާ، ވޯޓު ޙައްޤުވާ މީހުންގެ ދެބައިކުޅައެއްބައި މީހުނަށް ވޯޓު ގާތްގަނޑަކަށް ނުލެވޭގޮތަކަށް ކަންކަން އިންތިޒާމުކޮށްފައި އޮންނަ ޤާނޫނެއް ތަންފީޒުކުރުމަށް އަޅުގަނޑު ފުރުސަތު ދިނުމަކީ އެންމެފަހު ވަގުތު ނޫނިއްޔާ، ދެން އެހެންގޮތެއް އަޅުގަނޑަށް ނެތުނީމާ ނޫނިއްޔާ އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑު ކޮށްގެންވާނެ ކަމެއްނޫން. އެހެންވީމާ، މި ދެވަނަ ބިލު، ލާމަރްކަޒީ އުސޫލުން ހިންގުމަށް ވޯޓުދިނުމާ ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ ބިލް ތަޞްދީޤުކުރާކަށް އަޅުގަނޑަކަށެއް ނުކެރޭނެ. އަޅުގަނޑުގެ ނަޒަރުގައި އެއީ ރަނގަޅު ގޮތެއް ނޫން. އެއީ ރަނގަޅު ބިލެއް ނޫން.

އަޅުގަނޑު މިއަދު އަދި އިތުރަށް ދަންނަވާލަން ބޭނުން ވާހަކައަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ޑީ.އާރު.ޕީ.ގެ އަންހެން ގޮފިން ވަރަށް ހެޔޮ، ވަރަށް ރަނގަޅު މަސައްކަތެއް އެބަކުރޭ. އެއީ، ޤާނޫނަށް ޑޮމެސްޓިކް ވަޔަލަންސާ ގުޅޭގޮތުން ނުވަތަ ގޭތެރޭގެ ހަމަނުޖެހުމާއި، އަރާރުމާއި، ޒުވާބާ އަދި ގަޔަށްބޮލަށް އަތްލުމާއި، އަނިޔާކުރުމާއި، އަންހެނުންނަށް ފޮށުމާއި، އަދި އަންހެނުންނަށް ނިކަމެތިކޮށް ހިތުމާއި، އަންހެނުންނާ ގުޅޭގޮތުން މިބާވަތުގެ އެތައްއެތައް ކަމެއް ހިނގަމުންދާތީވެ، އެކަންކަމަށް ހުއްޓުމެއް ގެނައުމުގެ އުންމީދުގައި ޤާނޫނެއް އެކުލަވާލުން. ދެން ސަރުކާރުންވެސް މިދެންނެވި ބާވަތުގެ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި. އެހެންނަމަވެސް، އަޅުގަނޑު ޑީ.އާރު.ޕީ.ގެ އަންހެން ގޮފިން މި ޤާނޫނު އެކުލަވާލަން ފެށިކަމުގެ ޚަބަރު އަޅުގަނޑަށް ހަމަ ލިބުމާއެކުގައި އަޅުގަނޑު ދެކިހުރީ، ސަރުކާރުން އެކުލަވާލާ ޤާނޫނަށްވުރެ، ވާދަވެރި ފަރާތަކުން މިކަހަލަ ކަމަކާ ގުޅޭގޮތުން އެކުލަވާލާ ޤާނޫނަކަށް ޢަމަލުކުރުމަށް މަސައްކަތްކުރުން އަޅުގަނޑުމެންނަށް މާބުއްދިވެރިއޭ، އޭރުން އެކަމުގައި މާރަނގަޅު ޙައްލެއް ހޯދިދާނެއޭ. އެހެންވީމާ، ޑީ.އާރު.ޕީ.ގެ އަންހެންގޮފީގެ ރައީސާ، ދުންޔާ މައުމޫން އެކުރައްވާ މަސައްކަތަށް ވަރަށްބޮޑަށް އަޅުގަނޑު ވީމިންވަރަކުން ތަރުޙީބު ދޭން ބޭނުން. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، އެ ބިލް ދާދިއަވަހަށް މަޖިލީހަށް ހުށަހެޅިގެން ދާނެކަމަށް.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރީގައި ދަންނަވަންއޮތް ވާހަކައަކީ، އެނގިވަޑައިގަންނަވާނެ އިއްޔެގައި އަޅުގަނޑު ރަސްދޫގެ ބަނދަރު ހެދުމުގެ މަޝްރޫޢު ފެށިން. އަދި ރަސްދޫގެ ނަރުދަމާ އަޅުގަނޑުމެން ހުޅުވިން. އަދި ރަސްދޫ އިޖްތިމާޢީ މަރްކަޒު ނިމި، އެރަށު ރައްޔިތުންނާ އެތަން ހަވާލުކުރުމުގެ ހުރިހާ މަސައްކަތެއް ހުރީ ފަހިވެފައި. އަޅުގަނޑުމެން ރަސްދޫގައި ހިންގުމަށް ވަޢުދުވެފައިހުރި ގާތްގަނޑަކަށް ހުރިހާ ކަމެއްގެ ތެރެއިން މިހާރު އޮތީ އަޅުގަނޑަށް ފެންނަ ފެނުމުގައި، ފަންސަވީސް ފްލެޓު ރަސްދޫގައި އެޅުމާ ގުޅޭގޮތުން އޮތް މަސައްކަތެއް އެކަނި. ދަތުރުފަތުރުކުރުމުގެ ނިޒާމު ރަސްދޫގައި ހިނގަމުން އެދަނީ. އެހެންވީމާ އަޅުގަނޑު ވަރަށް އުފާވޭ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން ވަޢުދުވެފައިހުރި ކަންތައް ރައްޔިތުންނަށް ފޯރުކޮށްދެވޭތީވެ. އަޅުގަނޑު މިދެކެނީ ރަސްދޫގެ ބަނދަރު އެކަންޏެއްނޫނޭ، އަޅުގަނޑުމެންނަށް މިކުރިއަށް މިއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ހަދަންފެށޭނީ. މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށްގިނަ މަސައްކަތްތައް ފަށައިގަނެވޭނެ. މީގެތެރެއިން ބައެއް މަސައްކަތް މިހާރުހުރީ ޓެންޑަރުގައި. އަނެއްބައި މަސައްކަތްހުރީ އެގްރީމަންޓުގައި. އަނެއްބައި މަސައްކަތްހުރީ އެގްރީމަންޓްކޮށް ނިމި، ފަށައިގަތުމަށް އެއޮތް މަރްޙަލާ ލިބޭ ހިސާބުގައި.

އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަށް މި މަސައްކަތްތައް މިއަދަށްވުރެ މާބާރަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެއޭ. އަދި އަޅުގަނޑަށް ހަމަ ޔަގީން، ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން، މި މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދިއުމުގައި ލިބޭނެ. އަޅުގަނޑު މިގޮތަށް މިފަހަރު މިހެން މިދަންނަވަނީ، އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، އެމް.ޑީ.ޕީ.އިން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުވާ ބައެއް ޕާޓީތަކާ ދަނީ ވާހަކަ ދެކެވެމުން. އެމް.ޑީ.ޕީ.އާ އެކުގައި އެ ޕާޓީތަކާ އެއްބަސްވުމަކަށް އާދެވި، އެ އެއްބަސްވުމެއްގެ ދަށުން ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިއަށް ގެންދެވޭނެގޮތެއް އެމް.ޑީ.ޕީ. ގެ ޕާލަމެންޓްރީ ގްރޫޕުންވެސް އަދި އެމް.ޑީ.ޕީ. ގެ ޕާޓީންވެސް. މިދެންނެވީ ޕާޓީގެ ޗެއަރޕަރސަން މާރިޔާ އަޙްމަދު ދީދީވެސް އަދި ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މޫސާމަނިކުވެސް ގެންދަވަނީ މިދެންނެވި ފަރާތްތަކާ ވާހަކަ ދައްކަވަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދާދިއަވަހަށް އަޅުގަނޑުމެންނަށް އޮމާންކަމާއެކީގައި މަޖިލީހުގެ ކަންތައް ބާރަށް ކުރިއަށްގެންދެވޭނޭ އިންތިޒާމެއް، ގޮތެއް ހަމަޖެހިގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم