بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 30 އޭޕްރިލް 2010ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ރޭޑިއޯގެ ޒަރީޢާއިން ބައްދަލުވާއިރުގައި، އެނގިވަޑައިގަންނަވާނެ އަޅުގަނޑު މިހުރީ ބޫޓާންގެ ވެރިރަށް ޓިމްޕޫގައި. ސާކް ސަމިޓުގެ 16 ވަނަ ބައްދަލުވުން ހިނގަމުން މިދަނީ މިރަށުގައި. އިއްޔެ މި ސަމިޓުގެ ކަންތައްތައް ނިމިގެން މިދިޔައީ. ނިމިގެންދިޔައިރުގައި އެ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން މިފަހަރު އަޅުގަނޑުމެން މައިގަނޑު ޚާއްޞަ ނުކުތާތަކެއް ފާހަގަކުރިން. އެނގިވަޑައިގަންނަވާނެ، ސާކް ސަމިޓް އަބަދުވެސް ފާހަގަވެފައި މިއޮންނަނީ މާބޮޑު ނަތީޖާތަކެއް ނުނެރެވި، ވަރަށްގިނަ ވާހަކަތަކެއް ދެކެވޭ ޖަމާއަތެއްގެ ގޮތުގައި. އެ ޖަމާޢަތެއްގެ ބަޔަކު ބައްދަލުވާ ބައްދަލުވުމެއްގެ ގޮތުގައި. އަޅުގަނޑުމެން މިފަހަރު ވަރަށް މަސައްކަތްކުރީމު، ސާކް ސަމިޓަކީ، ސާކުގެ ޤައުމުތަކުގެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންތައްތަކެއް ހިންގާ ޖަމާޢަތަކަށް ހެދުމަށް. އެމަގަށް އެނބުރުމަށް ހެދެންހުރި، ކުރެވެންހުރި ކަންކަމަކީ ކޮބައިތޯ ދެނެގަނެ، އެކަންކަމުގެ މައްޗަށް ބާރުއަޅައި، މި ސަމިޓުގައި ވާހަކަ ދެއްކުމަށް.

އަޅުގަނޑަށް ފެނުނު ގޮތުގައި، ސަމިޓުގައި އަދި ސާކުގެ ޤައުމުތަކުގެ މެދުގައި ތަރައްޤީގެ މަޝްރޫޢުތަކާއި، ވިޔަފާރީގެ އެންމެހައި ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި އެންމެ މުހިންމު ގޮތެއްގައި ޙައްލެއް ހޯދަން ޖެހިފައި މިއޮތީ، އިންޑިއާއާއި ޕާކިސްތާނާ މި ދެ ޤައުމުގެ ދެމެދުގައިހުރި މައްސަލަތަކަށް. އެހެންވީމާ، އެހެންފަހަރުތަކަކާ ޚިލާފަށް އަޅުގަނޑު މި ދެ ޤައުމުގެ ނަން ފާހަގަކޮށް، އެ ދެ ޤައުމުގެ ކިބައިން އެދުނިން، އެ ދެ ޤައުމުގެ ދެމެދުގައިހުރި ކަންކަން ޙައްލުނުކުރެވުނު ކަމުގައިވިޔަސްވެސް، އެކަންކަމަކީ ހުރި މައްސަލަތައް ގޮތުގައި ދެކި، އެ މައްސަލަތައް އެއްކައިރީގައި ބަހައްޓައި، ދެން ކުރެވެންހުރި ކަންކަން ބާރަށް ކުރިއަށްގެންގޮސް، އެކަންކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ހޯދޭތޯ ބެލުން. އިރާދަކުރައްވައިގެން އިންޑިއާގެ ބޮޑުވަޒީރާއި ޕާކިސްތާނުގެ ބޮޑުވަޒީރުވެސް އިއްޔެވަނީ ބައްދަލުވެފައި. އަދި އެ ބައްދަލުވުމުގައި އިންޑިއާއާއި ޕާކިސްތާނާ ދެ ޤައުމުގެ މައްސަލަތަކާ ގުޅޭގޮތުން އެބޭފުޅުން ވާހަކަދެއްކެވި. އަދި ހަމަ އެއާއެކީގައި އެބޭފުޅުންގެ މައްސަލަތަކުގެ ސަބަބުން، ސާކުގެ ތަރައްޤީއަށް ހުރަހެއް ނައިސް، އަޔަނުދީ ކަންކަން ރޭވުމުގެ މައްޗަށް ވިސްނުމަށްވެސް މަސައްކަތް ކުރުމަށްވެސް އެބޭފުޅުން ހަމަ އެއްބަސްވެވަޑައިގަންނަވާ.

އަޅުގަނޑު ކޮންމެހެންނަކުން ނުދަންނަވާނަން، ދެން ސާކުގެ އެންމެހާ ކަންކަން ހިނގާނީ އެންމެ ފުރިހަމައަށް ރަނގަޅަކަށޭ. އެހެންނަމަވެސް، އަޅުގަނޑަށް ފާހަގަކުރެވޭގޮތުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ކުރިއަށްއޮތް ތަނުގައި، ވޭތުވެދިޔަ މިތަނަށްވުރެ ފުރިހަމަގޮތުގައި ސާކުގެ ޙަރަކާތްތައް ހިނގާނެކަމަށް އަޅުގަނޑަށް ފެނޭ.

އެނގިވަޑައިގަންނަވާނެ، މިއަހަރުގެ ސަމިޓް ބޭއްވުމަށް ޙަޤީޤަތުގައި ހަމަޖެހިފައި އޮތީ ދިވެހިރާއްޖޭގައި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އިޤްތިޞާދީގޮތުން ދިމާވެފައިހުރި ދަތިތަކުގެ ސަބަބުން އަޅުގަނޑުމެން އެދުނީ، މި ސަމިޓް އަޅުގަނޑުމެން ރާއްޖޭގައި ނުބާއްވައި އެހެންތަނެއްގައި ބޭއްވުމަށް. ބޫޓާނުގައި ބޭއްވުމަށް. އަދި މިހާރު މިއޮތްގޮތުން މިއަންނަ އަހަރުގެ ސަމިޓް ބޭއްވޭނީ، ދިވެހިރާއްޖޭގައި. އަޅުގަނޑުމެން މަސައްކަތްކޮށްގެން، ޚާއްޞަގޮތެއްގައި ރާއްޖޭގައި މިބޭއްވޭ ސަމިޓް އެއީ މުޅި ސާކުގެ ހިންގުމަށް ބަދަލެއް ގެންނަ ބާވަތުގެ ކަމަކަށް ހެދުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަދި އެމަގަށް އަޅުގަނޑުމެން ވަރަށްބޮޑަށް މަސައްކަތްވެސް ކުރާނަން.

ސަމިޓަށްފަހު މާލެ ދިޔުމުގެ ކުރިން، އަޅުގަނޑު އަދި ޗައިނާއަށް އެބަ ދަމު. އެނގިވަޑައިގަންނަވާނެ ޗައިނާގައި، ދުނިޔޭގެ ޗައިނާ އެކްސްޕޯ ގެ ނަމުން ބޭއްވޭ ވަރަށް ބޮޑު މަޢުރަޟެއް އެބަ ބޭއްވޭ. އަޅުގަނޑު މި މަޢުރަޟާ ގުޅޭގޮތުން ހިތަށް އަންނަނީ، ތާރީޚުގައި ފެންނަން އޮންނާނެ، 1900 ވަނަ އަހަރު ފެށުނުއިރު ބޭއްވުނު [އެމްޕަޔަރ އެގްޒިބިޝަން] ކިޔާ އެގްޒިބިޝަނެއް. އިނގިރޭސިވިލާތުގައި ބޭއްވުނު މަޢުރަޟެއް އެއީ، 1900 ވަނަ އަހަރުގައި. އެ މަޢުރަޟުގައި ދިވެހިރާއްޖޭގެ ފަރާތުން ދައްކާލި ދައްކާލުމާ، ދިވެހިރާއްޖޭގެ ފަރާތުން ބަހައްޓާފައިހުރި އެކިއެކި ބާވަތްބާވަތުގެ ސާމާނުގެ ވާހަކަ އަޅުގަނޑުމެންނަށް ތުންތުންމަތިން އަޑުއިވޭ. އެ މަޢުރަޟަކީ އެއިރުގައި އިނގިރޭސިވިލާތް، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި ފަރިވުމަށްޓަކައި ބޭއްވުނު މަޢުރަޟެއް. ދެން މިހާރު އަޅުގަނޑުމެންނަށް މިފެންނަނީ، ދުނިޔޭގެ ބާރުގަދަ ޤައުމުތަކަކީ ކޮބައިތޯ އަލުން އަނބުރާ ސަފުތައް ތަރުތީބު ކުރެވެމުންދާތަން. މިހެންދާ ދުވަސްވަރެއްގައި އަޅުގަނޑުމެންނަށް މިފެންނަނީ، ޗައިނާ ވަރަށް ވަރުގަދަވަމުން، ބޮޑުވަމުން، ތަރައްޤީވަމުން އަންނަ ތަން. އެހެންވީމާ، ޗައިނާއާއި ދިވެހިރާއްޖެއާ އޮންނަ ގުޅުންތައް ރަނގަޅު ކުރުމަކީ، އަދި ބަދަހިކުރުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް މުހިންމުކަމެއް. ރާއްޖޭގެ އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކަށް، ޗައިނާ ސަރުކާރުން މިހާތަނަށްވެސް ލިބިފައިވާ އެހީތެރިކަން ކުޑައެއްނޫން. އަދި އަޅުގަނޑަށް ޔަޤީން، މިދަތުރަށްފަހު، ކުރިއަށްއޮތް ތަނުގައި އެ އެހީތެރިކަން އެތައް ތަނަކުން، އެތައް ގުނައަކުން ބޮޑުވެގެންދާނެ.

އަޅުގަނޑު މި ބޭރުގައި މި ދަތުރުގައި ހުއްޓާ، އަޅުގަނޑަށް ހަމަ ވަރަށް އެކަހެރިފުށި ރަށަކުން، އަޅުގަނޑަށް ޔަޤީން، އެއީ ހޮޅު އަށްޓަކުންކަން، އެސް.އެމް.އެސް.އެއް ލިބުނު. އެ އެސް.އެމް.އެސް ފޮނުވާފައި އޮތީ އަޅުގަނޑު ނުދަންނަ މީހެއް ނޫން. އޭނާ އަޅުގަނޑު ކައިރިގައި އެބަ އަހާ، ރައީސޭ ދެން ބޭރުގައެއް ނޫންހެއްޔޭ ތިޔަ އުޅެނީ. ދެން އޭރުން ކިހިނެއްހޭ އަޅުގަނޑުމެންގެ ކަންތައްވާނީ. ދެން އަޅުގަނޑު އެ އެސް.އެމް.އެސް.އަކަށް އަދި ޖަވާބެއް ނާރުވަން. ނަމަވެސް މިއަދު އަޅުގަނޑު މިދެކެނީ، މި ރޭޑިއޯގެ ޒަރީޢާއިން ޖަވާބެއް އެރުވުމަށް.

އަޅުގަނޑުމެންގެ ރާއްޖެއަށް ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން ނުފޮރޮޅާ އެއްވެސް ގަލެއް ބާއްވައިގެން ނުވާނެ. އަޅުގަނޑު އެބަޖެހޭ، އެތަން މިތަނަށް ދާން. އަޅުގަނޑު އެބަޖެހޭ، ކިތަންމެ ބަޔަކާ ވާހަކަދައްކަން. އަޅުގަނޑު އެބަޖެހޭ، ލައްކަ ގިނަ މަސައްކަތް ކުރަން. އަޅުގަނޑުމެންގެ ރާއްޖެއަށް ފައިސާ ހޯދުމަށްވެސް، މަޝްރޫޢުތައް ހޯދުމަށްވެސް، އެހީތެރިކަން ލިބުމަށްވެސް. ހަމަ އަބަދު އަޅުގަނޑު، ގަލަމެއް ހިފައިގެން، އެހެން ނޫނިއްޔާ އުދައްޔެއް ކަތިވަޅިއެއް ހިފައިގެން ހުއްޓަކަސްވެސް އަޅުގަނޑުމެން މި ބޭނުންވާ ތަރައްޤީއެއް، އަޅުގަނޑުމެން މި އުންމީދުކުރާ ރިވެތި ދިރިއުޅުން، އަޅުގަނޑުމެންނަށް ހޯދަން ދަތިވާނެ. ދަތުރުކުރުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑު ކުރާ ހިތްވާ ކަމެއްނޫން. މިއީ ވަރަށް ބުރަ ކަމެއް. އަރާމު ކުރާނެ ވަގުތެއް އަޅުގަނޑުމެންނަކަށެއް ނުލިބޭ. މިނެޓުން މިނެޓަށް އެޖެންޑާ ކުރެވިފައި މި އޮންނަނީ. އެއް އެއަރޕޯޓުން އަނެއް އެއަރޕޯޓަށް ދިޔުން މީގައި މިއޮންނަނީ، ޖަލްސާތަކުގައި އިށީނދެ ތިބުން، ވާހަކަދެއްކުން، ޤައުމުތަކުގެ މެދުގައި މަޝްވަރާ ކުރުން. އެއީއަކީއެއް އެއްވެސް ހާލެއްގައި ފަސޭހަކަމެއް ނޫން. ހަމަ އަޅުގަނޑު އަބަދުވެސް ދަންނަވާނަން، މާލޭގައި އިނުން އެއީ، މާ ފަސޭހަ ކަމެއް. އެހެންވީމާ، އަޅުގަނޑު ހަމަ ހަނދުމަކޮށް އަރުވަން ބޭނުންވަނީ އެއްގޮތަކަށްވެސް ކަންބޮޑުވެ ނުލައްވާށޭ. ކުރަން ނުޖެހޭ ކަމެއް އަޅުގަނޑުގެ ބޭނުމަކަށްޓަކައި ދުވަހަކުވެސް އަޅުގަނޑެއް ނުކުރާނަމޭ.

އަޅުގަނޑު މިދިޔަ ހަފްތާގެ ތެރޭގައި ވަރަށް ހިތާމައާ އެކުގައި އިތުރު ޚަބަރެއް އަޑުއެހިން. އެއީ، އަނެއްކާވެސް ބައިވަރު ފިރިހެނުންތަކެއް އެއްވެ، އަންހެނަކާއެކު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި ވާހަކައިގެ ޚަބަރު. އަޅުގަނޑުމެންގެ ތެރޭގައި މިބާވަތުގެ ކަންތައްތައް މިއަންނަނީ ހިނގާމިންވަރު، ދުވަހެއް ދުވަހަކަށް އިތުރުވަމުން. އަޅުގަނޑަކަށް ހަމަ ކަނޑައެޅިގެން މިވަގުތު ދަންނަވާކަށް ނެތިން، މިހެން ހެދީމާ އެހެން ހެދީމާ އެކަންކަން އަޅުގަނޑުމެންގެ ތެރޭގައި ހުއްޓޭނެއޭ. އެހެންނަމަވެސް، އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ، އެބާވަތުގެ ކަންކަން ހިނގާދިޔުމުން، އެކަމާ އަޅާނުލާ މި ސަރުކާރުން ނުތިބޭނެކަމުގެ ޔަޤީންކަން، އަޅުގަނޑު ރައްޔިތުންނަށް އަރުވަން ބޭނުން. އަޅުގަނޑު ފުލުސްއޮފީހުގައިވެސް ދަންނަވާނަން، އެދޭނަން. ކަމާގުޅޭގޮތުން އަޅަންހުރި ހުރިހާ ފިޔަވަޅެއް އަޅައި، އަދި އެކަން ހިންގާ ބަޔަކަށް އެކަމުގެ ޙައްޤު އަދަބު ލިބޭނެ މަގަށް ތަޙުޤީޤާއި އަދި ދަޢުވާ އުފުލުމާއި އަދި ޝަރީޢަތުގެ ކަންކަންވެސް ހިނގާނެ އުސޫލެއް ހޯދުމަށް.

އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ތެރޭގައި ހިނގާ މިބާވަތުގެ ކަންކަމާ އަޅާނުލާ ތިބެގެން، އަޅުގަނޑުމެން މިއެދޭ މުޖްތަމަޢު އަޅުގަނޑުމެންނަށް ބިނާކުރަން އުނދަގޫވާނެ. އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ، އަންހެނުންނަށްވެސް، ފިރިހެނުންނަށްވެސް، ޒުވާނުންނަށްވެސް، ދޮށީޢުމުރުގެ މީހުންނަށްވެސް، އަޅުގަނޑުމެން އެންމެންނަށްވެސް އުފާވެރިކަމާއެކުގައި ދިރިއުޅެވޭ ރާއްޖެއަކަށްވުން. އެއްވެސް ބޭފުޅަކަށް، އެއްވެސް މީހަކަށް މަގުމައްޗަށް އެއްވެސް އިރެއްގައި ނުކުމެއުޅުން އެއީ ބިރަކަށްވެގެން ނުވާނެ. އިރާދަކުރެއްވިއްޔާ އެހެންވިޔަކަ އަޅުގަނޑުމެނެއް ނުދޭނަން.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم


______________________