بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 2 އޭޕްރިލް 2010ވީ ހުކުރު ދުވަސް. މިދިޔަ ހަފްތާގައި ރާއްޖޭގައި ބޭއްވުނު ޑޯނަރ ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް. އެ ކޮންފަރެންސުން ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ ތިންސަތޭކަ ތޭރަ މިލިއަން އެމެރިކާ ޑޮލަރު، އެކިޤައުމުތަކުންނާއި، ޖަމްޢިއްޔާތަކުންނާއި، އެކިފަރާތްތަކުން ރާއްޖެއަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަންވަނީ ލިބިފައި. މިކަމުން އެނގެނީ، ޤައުމުތަކުންނާއި، އެކިއެކި ޖަމާޢަތްތަކުން ދިވެހިރާއްޖެއަށް ކުރައްވާ އިތުބާރު. އެބޭފުޅުން މި ސަރުކާރާ އެކީގައި ތިއްބެވި ކަމުގެ ފުރިހަމަ ހެކި.

ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ފައިސާއަކީ، ކޮންމެ ގޮތެއްވިޔަސް ޕްރައިވެޓް ސެކްޓަރަށް އަންނަންޖެހޭނެ ފައިސާއެއް. ސަރުކާރުގެ ސިޔާސަތުގެ ދަށުން އިޤްތިޞާދީ ކުރިއެރުން ނުވަތަ ޖީ.ޑީ.ޕީ ގްރޯތު އަންނަނީ މިކަމަށް ކުރެވޭ އިންވެސްޓްމަންޓްތަކުން. އަޅުގަނޑު ދެންމެ މިފާހަގަކުރި ތިންސަތޭކަ އެތައް މިލިއަނެއްގެ ހިލޭ އެހީ ފައިސާއަކީ ނުވަތަ ލޯނު އެހީ ފައިސާއަކީ ރާއްޖޭގެ ހިންގުމުގެ އަދި ނުވަތަ ބަޖެޓަށް ސަޕޯޓް ދިނުމުގެ ގޮތުން ސަރުކާރަށް ދެއްވުމަށް އެފަރާތްތަކުން އެއްބަސްވެފައިވާ ފައިސާ. އެހެން ނަމަވެސް، ސަރުކާރުން މިދެކެނީ ޕްރައިވެޓް ސެކްޓަރަށް އަންނަންޖެހޭ ފައިސާގެ ޢަދަދަކީ، ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި އަދި ވަރަށް މުހިންމު ފައިސާއެއް ކަމަށް.

ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓް ނުވަތަ މި އިންވެސްޓްމަންޓްގެ ގޮތުގައި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް އަންނާނެ ކަމަށް އަޅުގަނޑުމެންނަށް މިވަގުތު ލަފާކުރާ ފައިސާގެ ޢަދަދެއްވެސް މިދިޔަ ޑޯނަރސް ކޮންފަރެންސަށް ސަރުކާރުން ތައްޔާރުވަމުންދިޔައިރުގައި ހިސާބުތަކެއް ޖެހުނު. އަދި އެކުލަވައިލެވުނު. ސަރުކާރަށް މިހާރު މިފެންނަނީ ސީދާ މިހާރު ސަރުކާރާއެކުގައި ވާހަކަ ދެކެވި، މަޝްވަރާ ކުރެވި އަދި ވަރަށް ބޮޑަށް ޔަޤީންކަން ލިބިފައިވާ ޕްރޮޖެކްޓްތައް އެކަނި، ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ހިންގި ކަމުގައިވިޔަސްވެސް މި ތިން އަހަރު ދުވަހުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އަދި އެހީދޭ ދައުލަތްތައް ފިޔަވައި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ރާއްޖެއަށް ވަންނާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ އިންވެސްޓްމަންޓްގެ ޢަދަދު ވަރަށްބޮޑު.

މީގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން، މިހާރުވެސް ހަމަ ތަފްޞީލު ހިސާބު ލިބިފައިވާ ޕްރޮޖެކްޓްތަކެއް އެބަހުރި. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންނަންޖެހޭ ޑިވެލޮޕްމަންޓް އެއީ އެއްކަންތައް. އެ މަޝްރޫޢުގައި ގާތްގަނޑަކަށް ތިންސަތޭކަ މިލިއަން ޑޮލަރު ޚަރަދު ކުރެވޭނެ. ހަމައެއާއެކީގައި ހުރިހާ މަޝްވަރާއެއް ނިމި، އެއްބަސްވުންތަކުގައި ސޮއިކުރެވިގެން ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުމަށް އަޅުގަނޑުމެން މިޞްރާބު ޖަހަނީނަމަ، އެމަސައްކަތަށްވެސް ތިންސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް އަންނާނެ. ގަން އެއަރޕޯޓްގެ ރަންވޭ ބޮޑުކުރުމަށް ޕްރައިވެޓް ޕާޓީއަކުން ގާތްގަނޑަކަށް ސާޅީސް މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމުގެ ޝައުޤުވެރިކަންވަނީ ފާޅުކޮށްފައި. ހަމައެއާއެކީގައި، އިންފްރާސްޓްރަކްޗަރަށް ނުވަތަ ޢުމްރާނީ ތަރައްޤީއަށް ބަލާއިރުގައި، ރާއްޖޭގައި ތިލަފުށީގައި ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމު ކުރުމަށްވެސް މިހާރުވަނީ ވާރލްޑް ބޭންކްގެ އައި.އެފް.ސީ. އާ އެކީގައި ބިޑިންގ ޕްރޮސެސްއެއް ނުވަތަ ބީލަމުގެ ޕްރޮސެސްއެއް ފެށިފައި. މިކަމަށްވެސް އިންވެސްޓް ކުރުމަށް ހަތްދިހަ މިލިއަން ޑޮލަރާ އެކުގައި ރާއްޖެއަށް ބަޔަކު އަންނާނެކަމީ މިހާރު ސަރުކާރަށް ވަރަށްބޮޑު ޔަޤީންކަމެއް ލިބިފައިވާ ކަމެއް.

މިއަހަރު އެޕޯލޯ ހޮސްޕިޓަލާ އެކީގައި ކުރެވިފައިވާ އެގްރީމަންޓްގެ ދަށުން، އައި.ޖީ.އެމް.އެޗް ކުރިއެރުވުމުގެ ގޮތުން އެތަނަށްވެސް މަދުވެގެން ވިހި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރޭ. ހަމައެއާއެކީގައި، އެނގިވަޑައިގަންނަވާނެ، ޓްރާންސްޕޯޓް، ދަތުރުފަތުރުކުރުމުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ސަރުކާރުން މި ހިންގާ ޕްރޮޖެކްޓްގެ ދަށުން އަދި 7 ޕްރޮވިންސަށް މިހާރު އެވޯޑް ކުރެވިފައިވާ ފަރާތްތަކަށް ހާބަރާއި ޖެޓީތަކާއި، އެކަހަލަ އިންފްރާސްޓްރަކްޗަރ ހެދުމަށާއި، އަދި އެބޭފުޅުން އެ ނިޒާމު ތަރައްޤީ ކުރުމަށް، ފެރީ ޓަރމިނަލްތައް ހެދުމަށް، މިހުރިހާ ކަމަކަށް އެ ޕްރޮޖެކްޓްގެ ތެރެއަށްވެސް ސަރުކާރުން މިހާރު މި ލަފާ މިކުރަނީ، ފަންސާސް މިލިއަން ޑޮލަރު ވަދެގެންދާނެ ކަމަށް.

މިދެންނެވި މަޝްރޫޢުތަކުގެ އިތުރުން، މިހާރު ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް، ހިންގުމަށް ސަރުކާރަށް ސޮއިކުރެވިފައިވާ ބޯހިޔާވަހިކަމުގެ އެގްރީމަންޓްތަކަށް ބަލައިފިނަމަ، އެއެގްރީމަންޓްތަކުގެ ދަށުން މިހާރު މިވަނީ ތައިލެންޑްގެ ޕުރުކްސާ ކުންފުންޏާ އެކުގައި އެމް.އޯ.ޔޫ.އެއްގައި ސޮއިކުރެވިފައި. އެއީ، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، 2400 ހައުސިންގ ޔުނިޓް ޤާއިމު ކުރުމަށް. އަދި އިންޑިޔާގެ ޓާޓާ ކުންފުންޏާ އެކީގައި އެގްރީމަންޓެއްގައި ސޮއިކުރުމާ ހިސާބަށް އަޅުގަނޑުމެންނަށް މިހާރު އެބަދެވޭ. އެއީ 1000 ހައުސިންގ ޔުނިޓް ޤާއިމު ކުރުމަށް. އަދި އެނގިވަޑައިގަންނަވާނެ، ޗައިނާ ކުންފުންޏަކާ އެކީގައިވަނީ 4000 ހައުސިންގ ޔުނިޓް ޤާއިމު ކުރުމަށް ސޮއިކުރެވިފައި. އެހެންވީމާ، ސަރުކާރުން މިހާރު މި ލަފާ މިކުރަނީ، ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢަށްވެސް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، ދުއިސައްތަ ފަންސާސް މިލިއަން ޑޮލަރަށްވުރެ ގިނަ ޢަދަދަކަށް ފައިސާ ރާއްޖެއަށް ވަދެގެންދާނެ ކަމަށް.

އަޅުގަނޑު މިކަންކަން މިފާހަގަކޮށްލީ، އަޅުގަނޑުމެން ކުރިއަށް ވިސްނާއިރުގައި، ދެން ރާއްޖެއަށް ފައިސާ ވަދެގެން އަންނާނެގޮތާއި، އަދި އެ ފައިސާ ރާއްޖޭގެ އިޤްތިޞާދުގެ ތެރެއަށް ފޭދިގެންދާނެގޮތާ ގުޅޭގޮތުން ވަރަށްގިނަ އަންދާޒާތަކެއް މިދިޔަ ދެހަފްތާއެއްގެ ތެރޭގައި ސަރުކާރުގައި މިވަނީ ކުރެވިފައި. އެއީ، މިދިޔަ ހަފްތާގައި ނިމިގެންދިޔަ ޑޯނަރސް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން. އަޅުގަނޑުމެން މިދެކެނީ، ރާއްޖޭގެ އިޤްތިޞާދު ކުރިއަށް މިއޮތް ތަނުގައި ނުހަނު ރަނގަޅުވެގެންދާނެ ކަމަށް. އަޅުގަނޑުމެން މިދެކެނީ، އަޅުގަނޑުމެންނަށް މި އިޤްތިޞާދު ވެއްޓިފައިމިވާ ވަޅުގަނޑުން އަރައިގަތުމަށް މިއަހަރުގެ ފަހުކޮޅުގައި، ވަރަށްބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް. އަދި ހަމަ މިއަހަރުގެ ތެރޭގައި، އިތުރު އިންވެސްޓްމަންޓްތައް ޕްރައިވެޓް ސެކްޓަރުންނާއި އަދި ޕަބްލިކް ސެކްޓަރުން، ސަރުކާރުންވެސް، ދިވެހި އިޤްތިޞާދުގެ ތެރޭގައި ކުރަން ފަށާނެ ކަމަށް. އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންގެ މުސްތަޤްބަލް، އަޅުގަނޑުމެންގެ ކުރިމަގު އުޖާލާ ކަމަށް.

އަޅުގަނޑު މިއަދު މިދެންނެވި އިންވެސްޓްމަންޓްތަކުގެ އިތުރުން ދަންނަވާލަން ބޭނުން، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަން ގަސްދުކުރާ ބައެއް ކަންތައްތަކުގެ ވާހަކަ. މިއަހަރުގެ ރިޔާސީބަޔާނުގައި އަޅުގަނޑު ދެންނެވިން. ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ރީ-ސްޓްރަކްޗަރ ކުރާއިރު، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ކުޅިވަރު ޖަމްޢިއްޔާތައްވެސް ހިނގަމުންދާންވާނީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މިހާރު ހުރި ޤައުމީ ޖަމްޢިއްޔާތައް ޕްރޮވިންޝަލް ޖަމްޢިއްޔާތަކެއްގެ މައްޗަށް އެކުލެވޭ މައި ޖަމްޢިއްޔާތަކެއްގެ ބައްޓަމަށް އެއްވަގުތެއްގައި ބަދަލުވުމުން ފައިދާ މާބޮޑުވާނެ. އުފެދެމުން އަންނަ ޓްރާންސްޕޯޓް ނެޓްވާރކަކީ، ކުޅިވަރުގެ ތަރައްޤީއަށް ލިބޭ ވަރަށްވެސް ވަރުގަދަ ވަސީލަތެއްކަން، ކުޅިވަރުގެ ހިންގުންތެރިން ގަބޫލުކުރާނެކަން ކަށަވަރު. މުސްތަޤްބަލުގައި ކުޅިވަރު މުބާރާތްތައް ބައްޓަންވާނެ ކަމަށް ލަފާކުރެވެނީ މިފަދަ ޙިއްޞާތަކެއްގެ މައްޗަށް. މިބަދަލުތަކާއެކު ކުޅިވަރު ކުޅޭ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަށް ޕްލޭނެއްވެސް ހެދެންޖެހޭނެ. [ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓް] އެއް ޤާއިމުކުރާ ވާހަކަ ރިޔާސީބަޔާނުގައި ދެންނެވި އެއްސަބަބަކީ މިއީ. އަދި މިއީ ރާއްޖޭގެ ކުޅިވަރުގެ މާޙައުލުވެސް [ކޯޕަރަޓައިޒް] ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް.

މި ސަރުކާރުގެ ސިޔާސަތަކީ ކުޅިވަރަކީ ހަމައެކަނި ސަރުކާރުން ހިންގަންވީ ކަމަކަށް ނުހެދުން. ކުޅިވަރަކީ މުޖްތަމަޢާއި ރައްޔިތުންގެ ޙިއްޞާއާއެކު ހިންގާ ޙަރަކާތަކަށް ހެދުން. މިގޮތުން ޤައުމީ ކުޅިވަރު ޖަމްޢިއްޔާތަކުގެ ޑިމޮކްރެޓިކް ޑެފިސިޓް ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވާންޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އަދި ކުޅިވަރު ކުޅޭ ތަންތަން ޤާއިމުކުރުމަށް ކުޅިވަރުގެ ފިޒިކަލް އިންފްރާސްޓްރަކްޗަރ ކޯޕަރަޓައިޒް ކޮށްގެން ލިބޭ ފައިދާތައް، އޮނިގަނޑެއްގެ ދަށަށް ގެނައުމަކީ މި އާ މާޙައުލަށް ކުޅިވަރު ދިރުވުމަށް އެޅޭ ރަނގަޅު ފިޔަވަޅުތަކަކަށްވާނެ ކަމަށް އަޅުގަނޑު ދެކެން.

އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________