بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 12 މާޗް 2010 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ރޭޑިޔޯގެ ޒަރީޢާއިން ބައްދަލުވާއިރުގައި އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިހުރީ ޖަރުމަނުވިލާތުގެ ބަރލިންގގައި. އަޅުގަނޑު ޔޫރަޕްގެ 4 ޤައުމަކަށް ކުރާ ދަތުރެއްގައި އެންމެ ފުރަތަމަ މިއައީ ޖަރުމަނަށް. ޖަރުމަނު ސަރުކާރާ އަޅުގަނޑުމެންނާ ބައްދަލުވެ، ވަރަށް އެކުވެރިކަމާއެކީގައި ވާހަކަ ދެއްކުމުގެ ފުރްޞަތު ލިބުނު. ދެން އަދި އަޅުގަނޑުމެންގެ ތަރައްޤީގެ އެކިއެކި ކަންކަމުގައި ޖަރުމަނު ސަރުކާރުން އެހީތެރިވެދޭނެ ކަމަށް އަޅުގަނޑުމެންނަށް ވަރަށްބޮޑު ޔަޤީންކަމެއް އެބޭފުޅުން ދެއްވި.

އަޅުގަނޑު މިއަދު މިތާ ހުރެވެސް ދަންނަވާލަން އޮތް ވަރަށް މުހިންމު ވާހަކައެއް އެބައޮތް. އެނގިވަޑައިގަންނަވާނެ، މިހާރު ރައްޔިތުންގެ މަޖިލީހުގައި ސިފައިންނާ ގުޅޭގޮތުން އެބަ ބިލެއް ބަޙުޘް ކުރެވޭ. އެ ބިލްގައި ޚާއްޞަ ގޮތެއްގައި އިޝާރާތް ކުރަނީ، ސިފައިންގެ އިސް މަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކުރުމަށް. އަދި މަޖިލީހުން އެކަމާ ބެހިވަޑައިގެންނެވޭ ގޮތަކަށް އެކަންކަން އޮންނަ ގޮތަކަށް އެކުލަވައިލެވިފައިވާ ބިލަކާ ގުޅޭގޮތުން އެބޭފުޅުން ބަޙުޘް ކުރައްވަމުން ގެންދަވަނީ.

އަޅުގަނޑު ދަންނަވާނީ، އެއީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ސަލާމަތްތެރިކަމަށްވެސް އަދި އަޅުގަނޑުމެންގެ ތަރައްޤީއަށްވެސް އަދި މި ރާއްޖޭގެ ހަމަޖެހުމަށްވެސް އެޅޭ ވަރަށްބޮޑު ހުރަހަކަށްވެގެން ހިނގައިދާނެއޭ. އަޅުގަނޑުމެންނަކަށެއް ސިފައިންގެ ކަންކަން ދޯދިޔާ ގޮތަކަށް ނުވަތަ ޔަޤީންކަން ނެތް ގޮތަކަށް ބޭއްވޭކަށެއް ނޯންނާނެ. އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީ ވަރަށް ސާފު. އަޅުގަނޑަކީ ސިފައިންގެ އެންމެމަތީ ވެރިޔާ. އަޅުގަނޑަކަށެއް ނޯންނާނެ، ސިފައިންގެ ސަފުތައް ހާވިޔާވާނެ ނުވަތަ ރޫޅިގެންދާނެ އެއްވެސް ގޮތެއް ހެދޭކަށެއް. އެހެންވީމާ، އެފަދަ ބިލެއް ރައްޔިތުންގެ މަޖިލީހުން ބަޙުޘް ކުރެވި އަދި އެބޭފުޅުން އެބިލަށް ވޯޓު ދެއްވާއިރު، ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ، އެކަމުގައި މުޅި ރާއްޖޭގެ ސަލާމަތަށް އެބޭފުޅުން ބައްލަވަންޖެހޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދެކޭނީ މަޖިލިސް މެންބަރުންނަށް މިކަމުގައި ހެޔޮވިސްނުން ލިބިވަޑައިގަންނަވާނެ ކަމަށް. އަޅުގަނޑަށް މީގައި ހަމަ ދަންނަވަން ޖެހޭނީ، އެފަދަ ފުރްޞަތެއް ދެވޭކަށެއް އަޅުގަނޑަކަށެއް ނޯންނާނެއޭ. ޤާނޫނުއަސާސީ އަޅުގަނޑަށް ލާޒިމްކުރެއޭ، އަދި އެންމެހާ އުޞޫލުތަކާއި ހަމަތައްވެސް އަޅުގަނޑަށް ލާޒިމްކުރެއޭ، ސިފައިންގެ އެންމެމަތީ ވެރިޔާގެ ގޮތުގައި އަޅުގަނޑު ހަރުދަނާކަމާއެކީ ހުރެ، އެމަގާމު ދިފާޢު ކުރުން.

އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑު އެމަގާމު ދިފާޢު ކުރާނެ ކަމަށާއި، އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު އެއިރަކަށް ކުރަންޖެހޭ މިންވަރަކަށް ކުރަމުން ގެންދާނެ ކަމަށް. އަދި އެކަމުގެ ތެރެއަށް އެއްވެސް ފަރާތަކަށް އިރާދަކުރެއްވިއްޔާ ގާތްވިޔަ އަޅުގަނޑު ނުދޭނެކަމަށް.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ވަކިވެލާއިރުގައި، އަޅުގަނޑު އެދެނީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަށް އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން.

والحمد للّـه. والسّـلام عليـكم