بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 22 ޖަނަވަރީ 2010 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުވާއިރުގައި، މިހުރީ މަދަރާހުގައި. އަޅުގަނޑުމެން މި ކުރަމުން އަންނަ ދަތުރަކީ، އަބޫދާބީއަށާއި، ބަޙްރައިނަށް އަދި މެޑްރާސްއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރެއް. އަބޫދާބީގެ ހުރިހާ ވެރިންނާ، އެއީ، ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ގިނަ ވެރިންނާ އަޅުގަނޑުމެންނާ މިދަތުރުގައި ބައްދަލުވެއްޖެ. އަދި ރާއްޖޭގެ ހުރިހާ ވާހަކައެއްހެންވެސް އެބޭފުޅުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ސާފުކޮށްދެވިއްޖެ. އަޅުގަނޑުމެން އުންމީދު ކުރަނީ، މިފަދަ ބައްދަލުވުންތަކުން ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދާނެ އެހީތެރިކަން ފުޅާވެގެންދާނެ ކަމަށް. އަޅުގަނޑަށް ޔަޤީން، އެބޭފުޅުން ރާއްޖެއަށް ޝައުޤުވެރިކަން އެބަހުރި. އަދި ރާއްޖޭގެ ކަންކަންވެސް އެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ. އެބޭފުޅުން އެދެނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިހާރު މިފަށާމިތިބި ދަތުރުގައި ކާމިޔާބާއި ބާއްޖަވެރިކަން. އަދި އެބޭފުޅުން ތައްޔާރަށް ތިއްބެވީ، އަޅުގަނޑުމެންނާއެކުގައި މަސައްކަތްކޮށް، ރާއްޖޭގެ ދަތިތައް ފިލުވައިދިނުމުގައި އެހީތެރިވުމަށް.

އެގޮތުން އަޅުގަނޑު ފުރަތަމަ ދުބާއީގެ ވެރިޔާ ޕްރައިމް މިނިސްޓަރ ޝައިޚް މުޙަންމަދު ބިން ރާޝިދު އަލްމަޚްތޫމާ ބައްދަލުވި. އަދި އެބޭފުޅާއާ އެކީގައިވެސް އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދީ، ސިޔާސީ، އިޖްތިމާޢީ ވާހަކަތައް ދެއްކިން. އަދި އެބޭފުޅުންނާ އެކުގައި ކުރިއަށް ގެންދެވެންހުރި ކަންކަންވެސް އަޅުގަނޑުމެން ފާހަގަކޮށް އޮޅުންފިލުވައި ހެދިން.

ޝައިޚް މުޙަންމަދު ބިން ޒައިދު އަލްނަޙްޔާނަކީ ވަލީ ޢަހްދު ދުބާއީގެ. އަދި އެބޭފުޅާއަކީ ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ޑެޕިއުޓީ ސްޕްރީމް ކޮމާންޑަރ، އާމްޑް ފޯސަސްގެ. ސިފައިންގެ ވެރިޔާ އެބޭފުޅާއަކީ. އެހެންވީމާ، އެބޭފުޅާއާ އެކުގައިވެސް އަޅުގަނޑުމެންނަށް ވާހަކަތައް ދައްކައި ހެދުނު.

އަޅުގަނޑުމެންނަށް ދެން އަބޫދާބީގެ އިންވެސްޓްމަންޓް އޮތޯރިޓީގެ ވެރިންނާވެސް ބައްދަލުވި. އަދި ހަމަ މިބައްދަލުވުމުގެ ތެރޭގައި، މެލޭޝިޔާގެ ބޮޑުވަޒީރާއި، ތުރުކީގެ ބޮޑުވަޒީރާއި އަދި އައިސްލެންޑްގެ ރައީސާވެސް ބައްދަލުވެވުނު. މި އެންމެ ބޭފުޅުންނާ އެކުގައިވެސް އަޅުގަނޑު ރާއްޖޭގެ ވާހަކަތައް ދެއްކީމު. އަދި ރާއްޖެއަށް މިހާރު ކުރިމަތިވެފައި ހުރި ކަންކަން ފާހަގަކޮށް ހެދީމު. އެބޭފުޅުންނަށް އަޅުގަނޑުމެންނަށް އެހީތެރިކަން ދެވޭނެކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ.

ބަޙްރައިނުން އަޅުގަނޑުމެން ބައްދަލުކުރި ބޭފުޅުން، ހަމަ އަބޫދާބީއެކޭ އެއްފަދައިން ގިނަ. އަޅުގަނޑަށް ބަޙްރައިނުގެ ބޮޑުވަޒީރުގެ ނައިބު މެންދުރުގެ ކެއުމެއް ދެއްވި. އަދި އަޅުގަނޑުމެން އެ ކެއުމުގައި އެބޭފުޅާއާ އެކުގައި ރާއްޖޭގެ އެންމެހާ ވާހަކަތައް ދައްކައި ހެދީމު. އޭގެއިތުރުން އަޅުގަނޑުމެންގެ ކަންކަން މިދަތުރުގައި ބެލެހެއްޓުމާ ޙަވާލުވެފައި ހުންނެވީ ބަޙްރައިންގެ ފޮރިން މިނިސްޓަރ ޚާލިދު ބިން އަޙްމަދު އަލްޚަލީފާ. އެހެންވީމާ، އަޅުގަނޑަށް ވަރަށްގިނަ ފުރްޞަތުތައް ލިބިގެން އެބަދޭ، ބަޙްރައިންގެ އެކިވެރިންނާ ބައްދަލުވެ ވާހަކަ ދައްކައި ހެދުމަށް. މިދެންނެވިހެން ކެއުމުގައި އަޅުގަނޑުމެންނާ ޝައިޚް ޢަލީ ބިން ޚަލީފާ އަލްޚަލީފާ، އެއީ ބަޙްރައިންގެ ބޮޑުވަޒީރުގެ ނައިބު. އެބޭފުޅާއާ ބައްދަލުވެ މިބޭފުޅާއަކީވެސް، އެބޭފުޅާގެ ޗުއްޓީގެ ވަރަށްގިނަ ވަގުތު ރާއްޖޭގައި ހޭދަކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅެއް. އެހެންވީމާ، އެބޭފުޅުންގެ ލޯބި، އެބޭފުޅުންގެ ނަޒަރު ރާއްޖެއަށް ހުއްޓިފައި ހުރީ އެންމެ ގޮތަކަށް ނޫން. އެތައް ގޮތަކަށް. އެބޭފުޅުންނަށް އެހެންވީމާ، ރާއްޖެއާ ގުޅޭ ކަންކަންވެސް އެނގިފައި ހުރި މިންވަރުވެސް ގިނަވެގެންދޭ.

އަޅުގަނޑުމެންގެ ބައްދަލުވުންތަކުގައި، އަޅުގަނޑު ޚާއްޞަކޮށް ފާހަގަކޮށްލަން ބޭނުން، ބަޙްރައިންގެ ސޮވްރިން ވެލްތް ފަންޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރާ އަޅުގަނޑުމެންނާ ބައްދަލުވި. އަދި އެބައްދަލުވުމުގައި އަޅުގަނޑުމެން ވިޔަފާރީގެ ވާހަކަތައް ވަރަށް ފުންކޮށް ދެއްކިން. ބަޙްރައިންގެ ޗެމްބަރ އޮފް ކޮމާސްގެ އެންމެ ބޭފުޅުންނާވެސް އަޅުގަނޑުމެންނާ ބައްދަލުވި. މިބައްދަލުވުމުގައިވެސް ވިޔަފާރީގެ ވާހަކަތައް އަޅުގަނޑުމެން ދައްކައި ކުރިއަށް ގެންދިޔައިން. އަދި މީގެއިތުރުން ބަޙްރައިންގެ އެނަރޖީ ބޭންކުގެ ޗެއަރމަނާވެސް އަޅުގަނޑުމެންނާ ބައްދަލުވި. އަޅުގަނޑުމެން ބަޙްރައިންގެ މިދަތުރުގައި އިތުރު ފުރްޞަތެއް ފަހިވެގެންދިޔަ. އެއީ ރަޝިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި އަދި ޖޯޑްންގެ ރަސްގެފާނު ކިންގް ޢަބްދުﷲއާ އަޅުގަނޑުމެންނާ ބައްދަލުވި. އެއީ ބަޙްރައިންގައި އޮތް މެންދުރުގެ ކެއުމަކާއި އަދި މަތިންދާބޯޓް އެއަރ ޝޯއެއްގެ ތެރެއިން. ވަރަށްގިނަ ވަގުތު އެބޭފުޅުންނާ ވާހަކަ ދައްކައި ހެދުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ލިބިގެންދިޔަ.

އަޅުގަނޑު މިދެކެނީ، މިއެންމެހާ ފުރްޞަތުތަކުން ރާއްޖެއަށް ފައިދާ ކުރާނެ ކަމަށް. އަދި އަޅުގަނޑުމެންނަށް ލިބޭ އެހީތެރިކަން ބޮޑުވެގެންދާނެ ކަމަށް. އެއަށްފަހު މެޑްރާހުން އަޅުގަނޑުމެންނާ ދިމާވީ، މެޑްރާސްގެ ޗީފް މިނިސްޓަރ. އަދި އޭގެއިތުރަށް މިހާރު މިހާހިސާބަށް ރާއްޖެއާ އެކީގައި އެކިއެކި ކަންކަމުގައި ވާހަކަ ދެކެވިފައިވާ ވިޔަފާރި ކުންފުނިތަކާ ވާހަކަ ދައްކައި އަޅުގަނޑުމެން ހެދިން. އަޅުގަނޑު މިދެކެނީ، މި އެންމެހާ ބައްދަލުވުންތަކުން އަޅުގަނޑުމެންނަށް ލިބޭ އެހީތެރިކަން ކުރިއަށްވުރެ ބޮޑުވެގެންދާނެ ކަމަށް.

އިރާދަކުރެއްވިއްޔާ، ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އަޅުގަނޑަށް މާލެ އާދެވޭނެ. އަޅުގަނޑު މި އުންމީދު ކުރަނީ، މިދަތުރަށްފަހު މާލެގޮސް އަދި އިތުރަށް މިދަތުރާ ގުޅޭގޮތުން އަޅުގަނޑުމެންގެ ކަންތައްތައް ހިނގާދިޔަގޮތާ ގުޅޭ އިތުރު ތަފްޞީލު، ވީހާވެސް ބޮޑު މިންވަރަކަށް އަޅުގަނޑުމެން އޮފީހުން، ރައީސް އޮފީހުން އެރުވޭނެ ކަމަށް.

އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގައި ކަރަންޓްގެ ބިލް މާލޭގައި ބޮޑުވެގެން، ފީ ބޮޑުވީތީވެ އެކަމުގެ ހިތްހަމަނުޖެހުމާއި، އެކަމުގެ ބުރަ އެތައް ރައްޔިތުންނަކަށް މިވަނީ އުފުލަންޖެހިފައި. އެގޮތަށް އެކަންދިޔަ ނަމަވެސް، ސަރުކާރުން މިހާރު ނިންމާފައި މިވަނީ، މާލޭގައި މިވަނީ ކަރަންޓް ބިލް ދައްކާ ނުވަތަ އަށާރަހާސް ފައްސަތޭކަ ކަރަންޓް މީޓަރު. އޭގެތެރެއިން އަޅުގަނޑުމެންނަށް ލަފާ މިކުރެވެނީ، މަދުވެގެން ތިންހާހެއްހާ ކަރަންޓް މީޓަރުގެ ވެރިންނަކީ، އާމްދަނީ އެހާ ރަނގަޅަށް ނުލިބޭ ފަރާތްތަކޭ. އެހެންވީމާ، އެފަރާތްތަކަށް އެހީތެރިވެދިނުމުގައި ސަރުކާރުން މިހާރަށްވުރެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިހާރު މިވަނީ ނިމިފައި. އެހެންވީމާ، މިހާރުވެސް ކަރަންޓް ބިލް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް ސަރުކާރުން ސީދާ އެހީތެރިކަން އެފަރާތްތަކަށް، ރައްޔިތު މީހާއަށް ފޯރުކޮށްދޭނެ. އަދި އެކަމުގެ ދަތި ރައްޔިތުންނަށް ނުފޯރާ ގޮތަކަށް ސަރުކާރަށް މިބަދަލު ގެނެވޭނެ.

އަޅުގަނޑުމެންވެސް ސަރުކާރުން ހަމަ ފުރިހަމައަށް ގަބޫލުކުރަން، ފުރަތަމަ ކަރަންޓް ބިލް ބޮޑުވެގެންދިޔައިރު، އެކަމާ ގުޅޭ އެންމެހާ މަޢްލޫމާތު، ހުރިހާ ރައްޔިތުންނަށް ސާފުކޮށް ލިބިފައިނުވާތީވެ، އެކަން ފުރިހަމަގޮތުގައި ކުރިއަށް ގެންދެވިފައި ނުވަނީ. އެހެން ނަމަވެސް، މިހާރު މިވަނީ މަޢްލޫމާތު ވަރަށް ބޮޑަށް ސާފުވެފައި. ފޯމްތައް ފުރާނެގޮތްވެސް ހުރިހާ ގިނަ ފަރާތްތަކަށް ސާފުވެފައި. އެހެންވީމާ، ފޯމްތައް ފުރިގެން މިހާރު އެންސްޕާ އަށް ލިބެމުންދަނީ. އަދި އެންސްޕާގެ ފަރާތުން ވީހާވެސް ގިނަ ބަޔަކަށް އެހީތެރިވެދިނުމަކީ ސަރުކާރުގެ އަމާޒު. އާމްދަނީ މަދު މީހަކަށް ކަރަންޓް ބިލް ބޮޑުވެގެން، އެ އޮންނަ ބުރަ އުފުލަން ނުޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސައިދޭނެ. އެއީ، އަޅުގަނޑުމެން މިކަން ކުރިއަށް ގެންދާން ބޭނުންވާ ގޮތަކީ.

މިދިޔަ ހަފްތާގެ ތެރޭގައި، އިރާދަކުރައްވައިގެން މަތީ ތަޢްލީމު ޙާޞިލު ކުރަމުންދާ ކުދިންނަށް އެހީތެރިކަމެއް ސަރުކާރުން މިވަނީ ފޯރުކޮށްދެވިފައި. އެއީ، އެކުދިންގެ ތަޢްލީމުގެ ކަންތައް ކުރިއަށް ގެންދިއުމަށްޓަކައި ލޯނު އެހީ ދިނުން. މިދެންނެވި ލޯނަކީ އެކުދިން އަނބުރާ އެފައިސާ ދައްކާން ޖެހޭނީ ކިޔަވައި ނިމި އަދި ދިގު މުއްދަތެއްގެ ތެރޭގައި. އެމުއްދަތަކީ ދިހަވަރަކަށް އަހަރު ކަމަށްވެސް ހެދުމަކީ ސަރުކާރަށް މަސައްކަތް ކުރެވެން އޮތް ކަމެއް. އެހެންވީމާ، އެމަގަށް އަޅުގަނޑުމެން މިގެންދަނީ ވިސްނަމުން. އަޅުގަނޑުމެންގެ ބޭނުމަކީ ވީހާވެސް ގިނަ ޒުވާނުންނަކަށް މަތީ ތަޢްލީމުގެ ފުރްޞަތު ލިބިގެންދިއުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.