بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ، 4 ޑިސެމްބަރު 2009 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، އިއްޔެ ސަރުކާރުން މިވަނީ، ޔޫ.އެސް.ޑޮލަރު، ޓްރެޜަރީ ބޮންޑުން ވިއްކަން ފަށާފައި. އެގޮތުން އިއްޔެ މިވަނީ ފަންސާސް މިލިއަން ޑޮލަރުގެ ބޮންޑެއް، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ވިއްކިފައި. އަދި ހަމަޖެހިފައިމިވަނީ، 2010 ވަނަ އަހަރު، އަދި އިތުރު ފަންސާސް މިލިއަން ޑޮލަރުގެ ބޮންޑެއް، އިންޑިޔާގެ ސްޓޭޓް ބޭންކަށް، ދިވެހި ސަރުކާރުން ވިއްކޭނެކަމަށް. މި ބޮންޑް ވިއްކުމުން، ނުވަތަ މިގޮތުން ދިވެހި ދައުލަތަށް، ޓްރެޜަރީއަށް ފައިސާ ހޯދުމުން، އަޅުގަނޑުމެންގެ އިޤްތިޞާދަށާއި މާލިއްޔަތަށް ކިތަންމެ ރަނގަޅު އަސަރުތަކެއް ކުރާނެކަމަށް ސަރުކާރުން ދެކެން. މީގެކުރީގައި ސަރުކާރަށް ބޭނުންވާ ވަރަށް ފައިސާ ނުލިބުނީމާ، ސަރުކާރުން އެފައިސާ އައީ، އެމް.އެމް.އޭ.އިން ދަރަންޏަށް ނަގަމުން. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފައިސާ ސަރުކާރަށް މިދޫކުރަނީ، ފައިސާ ޗާޕުޖެހުމަށްފަހުގައި. އެހެންވީމާ، ސަރުކާރުން އެމް.އެމް.އޭ.އިން ފައިސާ ނަގާ ކޮންމެފަހަރަކުމެ ޙަޤީޤަތުގައި އެ ހިނގާ، ހިންގޭ ޙަރަކާތަކީ، ރާއްޖޭގައި ދައުރުވާ ފައިސާގެ އަދަދު އިތުރުވުން. އިޤްތިޞާދުގެ ތެރޭގައި ފައިސާ ދައުރުވާ އަދަދު އިތުރުވީމާ، އެ ފައިސާއާ ގުޅިގެން ދެން ގުޅިފައި ހުންނަ އެހެން ބޭރު ފައިސާތަކުގެ އަގު މިދަނީ މައްޗަށް އަރައިގެން. އަޅުގަނޑުމެންގެ އަތުގައި ދިވެހި ފައިސާ ގިނަވެ، އެހެންނަމަވެސް، އެއާގުޅޭ ބޭރު ފައިސާ ނެތިގެންދަނީ. އެހެންވީމާ، ޑޮލަރުގެ ދަތިކަން އަޅުގަނޑުމެންނަށް ވަރަށްބޮޑަށް އިޙްސާސްކުރަން މިޖެހެނީ.

ސަރުކާރަށް ޑޮލަރު ބޮންޑެއް ވިއްކުމުން، މި ލިބޭ އެންމެބޮޑު އެއް ރަނގަޅަކީ، ސަރުކާރުގެ ރިޒަރވްގައިވެސް އަދި ފިނޭންސް މިނިސްޓްރީގައިވެސް އެ މުއްދަތަށް އެ ޑޮލަރު ހުންނާނެ. އެހެންވީމާ، ސަރުކާރުން އަމިއްލަ ފަރާތްތަކަށް، އަމިއްލަ ބޭންކުތަކަށް ޑޮލަރު ދޫކުރެވޭ މިންވަރު އިތުރުވާނެ. އިރާދަކުރެއްވިއްޔާ، ޑޮލަރުގެ ތާށިކަމަށް މިކަމުން ލުޔެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ.

ހަމައެހެންމެ، އެއާއެކީގައި ތަކެތީގެ އަގު އުފުލިގެންދާ މިންވަރު މިހުރީވެސް އެ އިޤްތިޞާދެއްގެ ތެރޭގައި ފައިސާ ދައުރުވާ މިންވަރާ ގުޅިފައި. ބޮންޑް ވިއްކައިގެން ސަރުކާރުގެ ދަރަނި ފޫބެއްދުމަށް ފައިސާ ހޯދުމުން ޙަޤީޤަތުގައި ސަރުކާރު ދަރަނިވެރިވީކަމުގައި ވިޔަސްވެސް، އޭގެސަބަބުން ޚިދްމަތާއި ތަކެތީގެ އަގު އުފުލިގެންދާ މިންވަރު ހިފެހެއްޓޭނެ. ރުފިޔާ އިތުރުވެގެން ނުދާނެ. ބަދަލުގައި އިތުރުވެގެންދާނީ ޑޮލަރު. ރުފިޔާ އިތުރުވެގެން ނުދާކަމުން، ރުފިޔާގެ އަގު ހިފެހެއްޓޭނެ.

ސަރުކާރުން މިފަހަރު ހުށަހަޅާފައިވާ ބަޖެޓުގެ އެންމެ ބޮޑު އެއް އަމާޒަކީ، މުދަލާއި ޚިދްމަތުގެ އަގު ތިރިކުރުން. ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާގެ އަގު ހިފަހައްޓައިދިނުން. އަޅުގަނޑުމެންގެ ނަޒަރުގައި ތަރައްޤީއަކީ، ޙަޤީޤީ ތަރައްޤީއަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ އާންމު ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އަދަދު އިތުރުވުން ނުވަތަ ޖީބުގައިހުރި ފައިސާގެ އަދަދު އުފުލިގެންދިޔުން. އެ ފައިސާއިން ކުރެވޭ ހޭދަ އިތުރުވުން. ފައިސާއިން ކުރެވޭ ހޭދަ އިތުރުކުރެވެން މިއަންނަނީ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު ކޮންޓްރޯލް ކުރެވިގެން. އެކަން ކޮންޓްރޯލް ކުރުމަށްޓަކައި، ސަރުކާރުގެ ޚަރަދު އެބަ ކުޑަކުރާންޖެހޭ. އަދި ހަމަ އެހެންމެ، ދަރަންޏަށް ސަރުކާރުން ލާރި ނަގަންޖެހޭ ފަހަރުފަހަރު އެ ފައިސާ އެ ނަގަނީ، ފައިސާ ޗާޕުކޮށްގެން އެމް.އެމް.އޭ.އިން ނަގާ ނެގުމަކަށްނުވެ، އިތުރު އެއްޗެއް ވިއްކައިގެން ދެން ލިބޭ ފައިސާއަކަށް ހަދައި، އަދި އެ ފައިސާ ފަހުން އަނބުރާ ދައްކާނެ އުސޫލުތަކެއް ހަމަޖެއްސުމުން، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު މައްޗަށްދިޔުން އަޅުގަނޑުމެންނަށް އެބަހިފެހެއްޓޭ. އެހެންވީމާ، އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަށް މިއަދު މި ލިބުނީ ކުރިއެރުމެކޭ. ޓްރެޜަރީ ބޮންޑް ވިއްކަންފެށުމާ ގުޅިގެން، އަޅުގަނޑުމެންގެ މާލިއްޔަތަށާއި އަޅުގަނޑުމެންގެ އިޤްތިޞާދަށް ހަމަޖެހުން އަންނާނެ. އިރާދަކުރެއްވިއްޔާ، ކުރިއަށްއޮތްތަނުގައި ޑޮލަރުގެ ދަތިކަން ފިލައިދިޔުމަށް، މި ފިޔަވަޅުން އެހީތެރިކަމެއް ލިބޭނެ.

އަޅުގަނޑުމެންނަށް ބަޖެޓު ހުށަހަޅައި ބަޖެޓުގެ ވާހަކަ ދެކެވެމުންދާއިރުގައި، އެ ބަޖެޓާ ގުޅޭގޮތުން، އެ ބަޖެޓުގެ މަޤްޞަދާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ޙަޤީޤަތުގައި އަޅުގަނޑު ދަންނަވާނީ އަޑެއް ނީވެއޭ. ބަޖެޓެއްގެ މަޤްޞަދަކީ، ބަޖެޓަކީ އިޤްތިޞާދީ އަދި މާލީ ސިޔާސަތު ވަކި ހަމައެއްގައި، ވަކިގޮތެއްގައި ދެމެހެއްޓުމަށް ބޭނުންކުރެވޭ އެންމެ މުހިންމު، އެންމެ ވަރުގަދަ އެއް ވަސީލަތް. އެ ވަސީލަތް މެދުވެރިކޮށް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ތަރައްޤީ، އިތުރު އިތުރު ފިޔަވަޅުތަކަކަށް ކުރިއަށް އެރުވޭނެ. އަޅުގަނޑު އަނެއްކާވެސް ހަމަ ތަކުރާރުކޮށް ދަންނަވަން ބޭނުންވަނީ، ތަރައްޤީއަކީ އެއްވެސްހާލެއްގައި، އެޅޭ ކޮންކްރީޓްގެ މައްޗަށް ބިނާވެފައިވާ ކަމެއްނޫނޭ. ތަރައްޤީއަކީ އަޅުގަނޑުމެންގެ ޖީބަށް ވަންނަ ފައިސާ އިތުރުވުމޭ ނުވަތަ އަޅުގަނޑުމެންގެ ޖީބުގައިހުރި ފައިސާގެ އަގު އުފުލި ދިޔުމޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެނަށްވެސް، މިއަދަށްވުރެ އަދި މާ ރޯޝަނީ މުސްތަޤްބަލެއް މާދަން ލިބުން. އަޅުގަނޑު ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން.

والحمد للّـه. والسّـلام عليـكم.

______________________