بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ 27 ނޮވެމްބަރ 2009ވީ ހުކުރު ދުވަސް. މިއަދަކީ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަސް. މިއުފާވެރި ދުވަސް އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު، އަޅުގަނޑު މިވަނީ ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޖަލްސާގައި ބައިވެރިވުމަށް ކެރީބިއަން ޤައުމެއް ކަމަށްވާ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ވެރިރަށް ޕޯޓް އޮފް ސްޕޭނަށް ދިޔުމުގެ ދަތުރުމަތީގައި. މިހާ ދުރުން މިއުފާވެރި ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. މި ތަހުނިޔާގައި ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރައްވަމުން ގެންދަވާ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށްވެސް ޢީދުގެ އެންމެހާ ތަހުނިޔާތައް ރައްދުކުރަން. މިޢީދުގެ ދުވަސްތަކަކީ އަޅުގަނޑުމެންނަށް އުފާވެރި ދުވަސްތަކެއް ކަމުގައި މާތްﷲ ލައްވާށި! އަދި މިދުވަސްތަކުގެ ބަރަކާތާއި ހެޔޮ ދަރުމަ އަޅުގަނޑުމެންނަށް ދެއްވާށި!

ކޮމަންވެލްތް ޤައުމުތަކުގެ ވެރިންގެ ސަމިޓު ފެށެނީ މިއަދު. މި ސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓަކަށްވާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން. މި ސަމިޓުގެ ޢާންމު ބައްދަލުވުމުގައި ނުވަތަ މި ޖަލްސާގެ ޢާންމު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އަޅުގަނޑު އިންޓަރވެންޝަނެއް ހަދާނަން. އިންޓަރވެންޝަނެކޭ މިދަންނަވާ ވާހަކައަކީ، ޖަލްސާގެ މައިގަނޑު ނިންމުންތަކުގެ ތެރެއަށް ދިވެހިރާއްޖެއާއި ދުނިޔެ ހޫނުވުމާ ނުވަތަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެ ދެކޭގޮތް، އަލުން އަނބުރާ އާރޫޙަކާއެކީގައި ހިމަނައި ދިނުމަށް އަޅުގަނޑު މި އިންޓަރވެންޝަން މި ހަދަނީ. އެކަން އަޅުގަނޑު ކުރާނީ އެބައްދަލުވުމުގެ ޢާންމު ޖަލްސާގައި.

ދެން ދަންނަވާލަން އޮތީ، އެޗް.ވަން.އެން.ވަން.ގެ ރޯގާގެ ވާހަކަ. މި ރޯގާ ރާއްޖޭގައި ފެތުރެމުން އެބަދޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، ރަނގަޅަށް ބަލައިގެން އަޅުގަނޑުމެންނަށް އުޅެވުނީމާ މިރޯގާއަކީ، އަޅުގަނޑުމެންނަށް އެއިން ޝިފާއެއް ނުވަތަ ފަރުވާއެއް ނުލިބޭ ބާވަތުގެ ރޯގާއެއް ނޫނޭ. މިކަމުގައި އަޅުގަނޑުމެން ކަންބޮޑުވެ ހާސްކަމުގެ ތެރެއަށް ވެއްޓުމަށްވުރެ، ރިވެތި ގޮތުގައި ވިސްނުންތެރިކަމާއެކީގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިޔައިމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިރޯގާގެ ކިބައިން ސަލާމަތްވެވޭނެއޭ.

އަޅުގަނޑު އިތުރަށް ފާހަގަކޮށްލަން ބޭނުން މިއަދު، އިންސާފުވެރިކަމާއެކު ވެރިކަން ނުކޮށްފިނަމަ، އެކަމަށް އާޚިރުގައި ޖަވާބުދާރީވާންޖެހޭނެ. ދައުލަތުގެ މުއައްސަސާތަކުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުމަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް. ހަމައެއާއެކު، ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ އެ މާއްދާގެ ދަށުން އަޅުގަނޑުގެ މައްޗަށް ލާޒިމުކުރާ ކަމެއް. އިންސާފުވެރި ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަކީ ޤާނޫނީ ވެރިކަމެއްގެ ތަރަހަ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި، ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް އަނެއް މީހާއާ ހަމަހަމަވެގެންވާ މީހެއް ކަމަށާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ، ހަމަ ކޮންމެ މީހެއްގެވެސް ޙައްޤެއްކަމަށް ޤާނޫނުއަސާސީ ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާންކުރޭ. ޖިނާއީ ކުށެއްގެ ދަޢުވާ، މީހެއްގެ މައްޗަށް އުފުލުމުގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތް ކުރުމުގެ ޙައްޤު ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ލިބިދޭ.

ހައްޔަރުކުރުމާއި، ބަންދުކުރުމާއި، ފާސްކުރުމާއި، މުދާ އަތުލުންފަދަ ކަންކަން ކުރެވޭނެ ޙާލަތާއި، ގޮތްތަކާއި، ހައްޔަރުކުރެވޭ އަދި ބަންދުކުރެވޭ މީހުންނަށް ލިބިދޭ ޙައްޤުތައް ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއިން 49 ވަނަ މާއްދާއާ ހަމައަށް ސާފުކޮށް ބަޔާންކޮށްފައިވޭ. ކުށެއްގެ ތުހުމަތުގައިވާ މީހާގެ މައްސަލަ ފުލުހުންނާއި ތަޙުޤީޤުކުރާ އެހެނިހެން ފަރާތްތަކުން ލަސްނުކޮށް ތަޙުޤީޤުކޮށް ނިންމުމާއި، އަދި އެކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހާއާމެދު ދަޢުވާކުރަންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް ދަޢުވާ އުފުލުމަކީ، ޤާނޫނުއަސާސީގެ 50 ވަނަ މާއްދާއިން ލިބިދޭ ޙައްޤެއް.

ކުށެއް ކުރިކަމުގެ ދަޢުވާ އުފުލާފައިވާ މީހުންގެ ޙައްޤުތައް 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤު އެ މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވޭ. މީގެއިތުރުންވެސް، ބަންދުކުރެވިފައިވާ މީހުންނާއި، ކުށުގެ ތުހުމަތުގައި ދަޢުވާކުރެވިފައިވާ މީހުންނަށް ޤާނޫނުއަސާސީގެ ދަށުން އެކިއެކި ޙައްޤުތައް ލިބިދީފައިވޭ.

މިނުކުތާތައް މިގޮތަށް އަޅުގަނޑު މިފާހަގަކުރަނީ، ކުރީގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް ޖިނާއީ މައްސަލަތަކުގެ ތުހުމަތުކުރެވި ތަޙުޤީޤު ކުރެވެމުންދާތީއާއި، އޭގެތެރެއިން ދައުލަތުގެ ޢިއްޒަތްތެރިއަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ދަޢުވާ އުފުލިފައިވާތީ. އެހެންކަމުން، އެފަރާތްތަކަށް ޤާނޫނުއަސާސީ ލިބިދީފައިވާ ޙައްޤުތައް ލިބިދެވެންޖެހޭނެ ކަމަށާއި، ކުށެއް ސާބިތުވުމުގެ ކުރިން، އެމީހުންގެ މައްޗަށް އޮންނަ ޤަދަރާއި ޢިއްޒަތް ކިލަނބުވެގެން ނުވާނެކަން އަޅުގަނޑު މިއަދު ހަނދާންކުރަން. ފާޅުގައި ފާހަގަކުރަން އެދެން. އަދި ކުށެއްގެ ތުހުމަތުކުރެވޭ ހަމަ ކޮންމެ މީހަކަށް މި ޙައްޤުތައް ލިބިގެންވާނެ.

ކުށެއްގެ ތުހުމަތުކުރެވޭ މީހަކަށް، ޤާނޫނުއަސާސީގެ ދަށުން ތަޙުޤީޤާއި ޝަރީޢަތުގެ މަރްޙަލާގައި ލިބިދޭ ޙިމާޔަތާއި ޙައްޤުތައް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކޮށް، ޖިނާއީ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަކަށް ނިންމުމުގެ މަގު ފަހިކުރެވޭނީ، ތަޙުޤީޤުކުރުމާއި ޝަރީޢަތުގެ މަރްޙަލާގައި ކަންހިނގާނެގޮތުގެ އުޞޫލުތަކާއި، މުއްދަތުތަކާއި، ލިބިދޭ ޙައްޤުތައް ބަޔާންކުރާ ތަފްޞީލީ، ޖިނާއީ އިޖުރާތުގެ ޤާނޫނަކަށް ޢަމަލުކުރެވިގެންކަމާމެދު ހަމަ އެއްވެސް ޝައްކެއްނެތް.

ޖިނާއީ މައްސަލަތައް ލަސްނުކޮށް ތަޙުޤީޤުކޮށް، ދަޢުވާ އުފުލައި، އަދި އެކަށީގެންވާ މުއްދަތެއްގައި ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމަށް ބޭނުންވާ ގަވާއިދެއް ކަމުގައިވާ ޖިނާއީ އިޖުރާތުގެ ގަވާއިދަކީ، 5 އޯގަސްޓް 2008 ދުވަހު ތަޞްދީޤުކުރެވިފައިވާ ޤާނޫނު ނަންބަރު 2008/6 އެއީ، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން ބާރުލިބިފައިވާ ގަވާއިދެއްކަމަށްވީނަމަވެސް، މިގަވާއިދަށް ޢަމަލުކުރަންޖެހޭ ފަރާތްތައް ކަމަށްވާ، ތަޙުޤީޤުކުރާ ފަރާތްތަކާއި، ދަޢުވާކުރާ ފަރާތްތަކާއި، ޝަރީޢަތް ހިންގާ ފަރާތުން މިގަވާއިދަށް ޢަމަލުކުރަމަކުން ނުދޭ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަށް ޢަމަލުކުރުމަކީ، ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މައްޗަށްވެސް ލާޒިމުކަމެއްކަމަށް ވީހިނދު، އެ ގަވާއިދަށް ޢަމަލު ނުކުރުމަށް ކޯޓަކުން އިދާރީގޮތުން ނިންމުމަކީ، ޤައުމެއްގައި ޤާނޫނީ ވެރިކަމެއް ދަމަހައްޓަން ދަތިވެ ޤާނޫނުގެ ބާރު ކެނޑިގެންދާނެ ކަމެއް. އަދި ޖިނާއީ ޢަދުލުގެ ނިޒާމާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ކުޑަވެ، ޢަދުލުއިންޞާފު ޤާއިމުކުރުމަށް އެޅޭ ހުރަހަކަށްވާނެ.

އަޅުގަނޑުމެންނަށް މިއަދު ފެނިފައި މިއޮތްތަނަކީ، މި ޤާނޫނުއަސާސީ، އަޅުގަނޑުމެން މިހާރު ތަންފީޒުކުރަމުން މިދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކުގައި، އެ ޤާނޫނުއަސާސީގައި އެވާ ކަންތައްތަކާއި، އެ ޤާނޫނުއަސާސީގައި އެވާ ކަންކަން ރައްޔިތުންނަށް ލިބިދިނުމަށްޓަކައި މިދެންނެވިހެން 5 އޯގަސްޓް 2008 ވަނަ ދުވަހުވަނީ އާންމު ގަވާއިދުތަކާބެހޭ ޤާނޫނެއް ފާސްކޮށްފައި. އެ އާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ތެރޭގައި، ޖިނާއީ އިޖްރާތުގެ ގަވާއިދު އެއީ، ޤާނޫނީ ބާރު ލިބިގެންވާ އެއްޗެއްގެ ގޮތުގައި މިވަނީ ފާހަގަކޮށްފައި، މިވަނީ ހިމަނާފައި. މިވަނީ ޤާނޫނެއްގެ ގޮތުގައި ނިންމާފައި. އެހެން އެކަން އޮއްވައި، އެ ގަވާއިދަށް ޢަމަލުކުރުން ހުއްޓާލައި ނުވަތަ އެ ގަވާއިދަށް ޢަމަލު ނުކުރުމަށް، ކޯޓަކަށްވިޔަސް ނުވަތަ ސަރުކާރުގެ އެހެން މުއައްސަސާއަކަށްވިޔަސް، ލަފައެއްވެސް އަމުރެއްވެސް ނުކުރެވޭނެ.

ކޯޓަކުން އަޅުގަނޑަށް ފެންނަ ފެނުމުގައި ޤާނޫނެއް އެއީ، ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށް ޙުކުމެއް އިއްވިދާނެ. ޤާނޫނުއަސާސީއާ ބެހޭގޮތުން އިއްވާ ޙުކުމްތައް އިއްވުން އެންމެ އައުލާކަން ބޮޑީ، ސުޕްރީމް ކޯޓުން، ރާއްޖޭގެ އެންމެމަތީ ކޯޓުން. މިހާރު މިވަނީ ޖިނާއީ ކޯޓުން ޙުކުމެއް އިއްވުމެއްނެތި، އަދި އިތުރަށް އެހެން ކޯޓަކަށްވެސް ހުށަހެޅުމެއްނެތި، މިދެންނެވި ޖިނާއީ އިޖްރާތުގެ ގަވާއިދަށް ޢަމަލުކުރުން ހުއްޓާލާފައި. އެހެންކަމުން، އެތައްބައެއްގެ ޙައްޤުތަކަށް މިދަނީ ގެއްލުންވަމުން. އެހެންކަމުން، އަޅުގަނޑުމެންނަށް މި ޤާނޫނީ ދައުލަތެއް ހިންގުމަށް މިވަނީ ވަރަށްބޮޑަށް ދަތިވެފައި. އަޅުގަނޑު ހަމަ އަނެއްކާވެސް ތަކުރާރުކޮށް ފާހަގަކުރާނަން، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާ، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެބަ ލާޒިމުކުރޭ، ހުރިހާ މުއައްސަސާތަކެއްވެސް، ސަރުކާރާއި އަދި އެންމެހާ މުއައްސަސާތަކާއި ރައްޔިތުން، ޤާނޫނާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުން އެއީ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ. އަޅުގަނޑަށް މިކަމަކީ ވަރަށް ކަންބޮޑުވާކަމެއް. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން މިކަމާ ވިސްނަންޖެހޭނެ. އަދި މިކަމާ އަޅުގަނޑުމެންނަށް އެޅޭންހުރި ހުރިހާ ފިޔަވަޅެއް އަޅުގަނޑުމެން އަޅަންޖެހޭނެ.

އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގެ ތެރޭގައި މިހާރު މިވަނީ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި. މިފަހަރުގެ ބަޖެޓަކީ، މީގެ ކުރީއަހަރުތަކުގެ ބަޖެޓާ ވަރަށް ތަފާތު ބަޖެޓެއް. ބަޖެޓު އެކުލަވާލާފައި އޮތްގޮތާއި، ބަޖެޓު އަތުރާލެވިފައިވާގޮތާއި އަދި ބަޖެޓު ހުށަހެޅޭގޮތް، މި ހުރިހާކަމެއްވެސް ކުރީއަހަރުތަކާ އަޅާބަލާއިރު، ވަރަށްބޮޑަށް ތަފާތުވާނެ. މި ބަޖެޓުގެ އެންމެ މައިގަނޑު އެއް އަމާޒަކީ، އިންފްލޭޝަން ކޮންޓްރޯލްކުރުން ނުވަތަ މުދަލާއި ޚިދްމަތުގެ އަގު މައްޗަށް ދިޔަނުދީ ހިފެހެއްޓުން. ސަރުކާރުން ކުރާ ޚަރަދު އިތުރުވީ މިންވަރަކަށް، އިތުރުވީ ވަރަކަށް އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ބޮޑުވުން ގާތްވޭ، ބޮޑުވޭ. ސަރުކާރުގެ ޚަރަދުތައް ހިފެހެއްޓުމަކީ، ވަރަށް މުހިންމުކަމެއް. އޭގެ އެންމެބޮޑު ބޭނުމަކީ، އިންފްލޭޝަން ނުވަތަ ތަކެއްޗާއި ޚިދްމަތުގެ އަގު މައްޗަށް އަރައިގެންދިޔަނުދީ ހިފެހެއްޓޭތޯ ބެލުން. އެހެންވީމާ، ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، ސަރުކާރުގެ ކުރާ ޚަރަދުގެ %30 އަށްވުރެ ބޮޑުވެގެން ނުވާނެއޭ، މުސާރައަށް ކުރެވޭ ޚަރަދު. މުސާރައަށް ކުރެވޭ ޚަރަދު އެއީ، ބޮޑު އެއްބައި މިހާރު. އެ ޚަރަދު އިތުރުވެގެންދިޔައިމާ އޭގެ ސަބަބުން އިތުރުވެގެންދަނީ، އޭގެސަބަބުން އުފުލިގެންދަނީ، އިންފްލޭޝަން. އޭރުން ގެއްލުން ލިބެނީ ހަމަ ހުރިހާ ރައްޔިތުންނަށް.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިސާލަކަށް، ސަރުކާރު މުވައްޒަފުންގެ މުސާރަ، ސަރުކާރުން ބޮޑުކުރީ. ބޮޑުކުރީމާ އޭރުން އެ ފައިދާ ލިބިގެންދިޔައީ، ސަރުކާރު މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރަމުންދާ ބައްތިރީހާސް، ތިރީސްފަސްހާސް މީހުންނާއި އެމީހުންގެ އާއިލާތަކަށް. އެހެންނަމަވެސް، އެ މުސާރަ ބޮޑުކުރިކަމުގެ ސަބަބުން، އިންފްލޭޝަނަށް ޖާގަލިބިގެންދާތީވެ، އޭގެ ސަބަބުން ރާއްޖޭގައި ދެން ތިބި ހުރިހާ ރައްޔިތުންގެ މުދަލާއި ޚިދްމަތުގެ އަގުތައް އުފުލިގެންދާނެ، އެރައްޔިތުންނަށް ގެއްލުންވާނެ. އެހެންވީމާ، މިބަޖެޓުގެ އެންމެބޮޑު އެއް އަމާޒަކީ، އިންފްލޭޝަން ކޮންޓްރޯލް ކުރުން. އިންފްލޭޝަން ދަށްކުރުން. މުދަލާއި ޚިދްމަތުގެ އަގު ދަށްކުރުން. މީގެ ވާހަކައަކީ، މުސާރަ ބޮޑުކޮށްގެންތޯ އަޅުގަނޑުމެންގެ ފުއްދުންތެރިކަމާއި އަޅުގަނޑުމެންނަށް ތަނަވަސް ދިރިއުޅުމެއް ހޯދުމަށް މަގުފަހި ކުރެވެންއޮތީ ނުވަތަ މުދަލާއި ޚިދްމަތުގެ އަގު ކުޑަކޮށްގެންތޯ. ސަރުކާރަށް މުސާރަ ބޮޑުކޮށްދެވުނަސް އަދި ކުޑަކޮށްދެވުނަސް ކޮށްދެވެން އޮންނަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންގެ މުސާރަތައް. އެހެންވީމާ، އެމުއްޒަފުންނަށް އެކަނި ރަނގަޅުވާ ގޮތެއް ހަދައި، ދެން ރާއްޖޭގެ އެހެން ހުރިހާ ރައްޔިތުންނަށް ގެއްލުންވާ ގޮތެއް ހެދުމަކީ، އަޅުގަނޑުގެ ނަޒަރުގައި އިންސާފުވެރި ގޮތުގައި ދައުލަތެއް ސަރުކާރެއް ހިންގުމެއް ނޫން. އިރާދަކުރެއްވިއްޔާ މި ސަރުކާރަކުން އެމަގަކަށް ޢަމަލެއް ނުކުރާނެ.

މިފަހަރުގެ ބަޖެޓުގައި ފާހަގަވާނެ އެހެން އަހަރުގެ ބަޖެޓާ ޚިލާފަށް ޕީ.އެސް.އައި.ޕީ ނުވަތަ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، އެއީ، ބަނދަރާއި ނަރުދަމައާއި މަގާ މިބާވަތުގެ މަސައްކަތްތައް ހިންގުމަށް ސަރުކާރުން ކުރާ ޚަރަދު މީގެ ކުރީގައިވާނީ ބަޖެޓުގައި ހިމަނައިގެން ބަޖެޓުގެ ތެރެއިން ކުރާ ޚަރަދުތަކެއްގެ ގޮތުގައި ފާހަގަވެފައި. މިހާރު ސަރުކާރުގެ ސިޔާސަތަކީ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް މެދުވެރިކޮށް ނުވަތަ ސަރުކާރާއި ޢާންމު ވިޔަފާރިއާ ގުޅިގެން މި ބުނާ މިބާވަތުގެ މަސައްކަތްތައް ހިންގަމުން ގެންދިޔުން. މިސާލަކަށް އަޅުގަނޑުމެންނަށް މިހާރު ލަފާކުރެވޭ ގޮތުގައި މިއަންނަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި އެއްހާހަށްވުރެ ގިނަ ފްލެޓް އެޅޭނެ. މާލޭގައި އެއްހާހަށްވުރެ ގިނަ ފްލެޓް އެޅޭނެ. އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައިވެސް އެއްހާހަށްވުރެ ގިނަ ފްލެޓް، ގެ އެޅޭނެ. މިދެންނެވީ މި އަންނަ އަހަރު އެއީ ސަރުކާރުގެ ދިހަހާސްގެ އިމާރާތް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މިހާރު މަސައްކަތް ގެންދެވިފައިވާ ގޮތުން އަޅުގަނޑުމެންނަށް އެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް މިއަންނަ އަހަރު މި ބެލެވެނީ ގާތްގަނޑަކަށް ތިންހާސް ގޭގެ މަސައްކަތް. އިރާދަކުރެއްވިއްޔާ އެމަސައްކަތްތައް ފެށޭނެ. އެމަސައްކަތްތައް ކުރިއަށްދާނެ.

އަޅުގަނޑު ފާހަގަކުރަން މިހާރު އެމަސައްކަތްތައް، އެކަމާގުޅޭ އެއްވެސް ތަފްޞީލެއް ބަޖެޓުގައި ސީދާ ގޮތުގައި ހިމެނިފައެއް ނުވާނެއޭ. އަޅުގަނޑުމެން ސަރުކާރުން އެމަސައްކަތް ހިންގަން ގަސްދު މިކުރަނީ ޕީ.އެސް.އައި.ޕީ. ޕްރޮގްރާމްގެ ތެރޭގައި އެކަންޏެއްނޫން. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ތެރެއިންވެސްމެ. އެ ތަފާތު މިފަހަރުގެ ބަޖެޓުގައި ފެންނާނެ. އަދި އަޅުގަނޑު ރައްޔިތުންނަށް ހަމަ ޔަޤީންކޮށް އަރުވަން މިއަހަރު ތެރޭގައި މީގެކުރީގައި ދުވަހަކުވެސް ރާއްޖޭގެ ރަށްތަކަށް އިންފްރާސްޓްރަކްޗަރަލް ނުވަތަ އެކިއެކި ޢާންމު ބޭނުންތަކަށް ބޭނުންވާ ޚިދްމަތްތައް ލިބިދިނުމުގަޔާއި ހޯދުމުގައި ބޭނުންވާ ޢިމާރާތް ކުރުން ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ. ބިންހިއްކުންވެސް ވަރަށްބޮޑުތަނުން އިތުރުވެގެންދާނެ. ގެދޮރު ޢިމާރާތް ކުރުންވެސް ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ. ނަރުދަމާގެ ނިޒާމު ޤާއިމުކުރުން، ބަނދަރު ހެދުން، މަގު ހެދުން، މިބާވަތުގެ ކަންތައްތައްވެސް ވަރަށް ބޮޑުތަނުން އިތުރު ވެގެންދާނެ.

ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ސަރުކާރުގެ ބަޖެޓުގެ ތެރެއިން ހެދިނަމަ ނުވަތަ ބަޖެޓުގެ ތެރެއިން އެކަން ކުރުމަށް އަޅުގަނޑުމެން އުޅުނުނަމަ، ރަނގަޅަށް މުޅި އެނިޒާމަށް ސަރުކާރުން ޚަރަދުކުރަން އެބަޖެހޭ ތިންސަތޭކަ މިލިއަން ޑޮލަރު. އޭގެ ބަދަލުގައި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގެ ދަށުން މިމަސައްކަތް ހިންގީމާ، ސަރުކާރުން ސީދާ ގޮތުގައި އެމަސައްކަތަށް ކުރަންޖެހޭ ޚަރަދު ވަރަށްކުޑަ. ޙަޤީޤަތުގައި ނުވެސްނެތް. ވިޔަފާރީގެ އުޞޫލުން އެކަން ކުރުމަށް އަމިއްލަ ފަރާތްތަކަށް ސަރުކާރުން ހުޅުވާލަނީ. ހުޅުވާލީމާ، އެއީ ވިޔަފާރީގެ އުޞޫލުން ކުރެވޭ ކަމެއް ކަމަށްވާތީވެ، އަމިއްލަ ފަރާތްތަކުން އެކަމާ ބައިވެރިވެ އެމަސައްކަތް ކުރިއަށް މިގެންދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާނީ މިފަހަރު އަޅުގަނޑުމެންނަށް އެކުލަވާލެވިފައިމިވާ ބަޖެޓަކީ އަޅުގަނޑުމެންގެ ރާއްޖެއަށް އިޤްތިޞާދީ ތަނަވަސްކަމާއި ތަރައްޤީއަށް މަގުފަހިކޮށްދޭނެ ބަޖެޓެކޭ. އަދި އަޅުގަނޑުމެންގެ މައިގަނޑު އަމާޒު ކަމުގައިވާ މުދަލާއި ޚިދުމަތުގެ އަގު ދަށްކޮށްދޭނެ ބަޖެޓެކޭ. މިބަޖެޓުގެ ނަތީޖާ އަޅުގަނޑު ދަންނަވާނީ ކުރިއަށް މިއޮތް އަހަރުގެ ފުރަތަމަ ތިން ހަތަރު މަހެއްގެ ތެރޭގައި ރައްޔިތުންނަށް ފެނިގެންދާނެއޭ.

އިއްޔެނޫން އިހަށްދުވަހަކީ އާދެ، ކޮންމެ އަހަރެއްގެވެސް ނޮވެމްބަރމަހުގެ 25ވަނަ ދުވަހަކީ، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން އ.ދ.އިން ފާހަގަކުރަމުން އަންނަ ދުވަސް. އަދި މިދުވަސް ފާހަގކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރ 25ން ފެށިގެން ޑިސެމްބަރ 10ގެ ނިޔަލަށް އ.ދ.އިން 16 ދުވަހުގެ ކެމްޕޭނެއް ހިންގަމުންގެންދޭ. ރާއްޖޭގައިވެސް މި 16 ދުވަހުގެ ކެމްޕޭނުގެ ތެރޭގައި ތަފާތު ޙަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައި. އަޅުގަނޑު މިއަދު މިވާހަކައާއިގެން ކުރިއަށް ދިޔުމުގެ ކުރީގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިކަމާ ގުޅޭގޮތުން އިއްޔެނޫން އިހަށް ދުވަހުގެ ރައްޔިތުންގެ މަޖިލީހުގައި އެ އިޤްރާރުވެ ސޮއިކުރެވި، ނިންމެވި ނިންމެވުމަކީ އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގެ ޤަދަރާއި، ދިވެހިރާއްޖޭގެ ޢިއްޒަތާއި، ދިވެހީންނަކީ ކޮބައިކަން ބޭރު ދުނިޔޭގެ ރައްޔިތުންނަށް ވަރަށްބޮޑަށް ސާފުވެގެންދާނެ ކަމެކޭ. އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ވިސްނުން، ފިކުރު ހުރި އަމާޒު ވަރަށް ބޮޑަށް ސާފުވެގެންދާނެ ކަމެކޭ.

އަންހެނުންނަށް ކުރާ އަނިޔާއަކީ، ރާއްޖޭގައި ހިނގާ ކަމެއްކަން މުޖުތަމަޢު ޤަބޫލުކުރުމަކީ ދަތިކަމަކަށްވީނަމަވެސް، 2006ވަނަ އަހަރު ރާއްޖޭގައި ހަދާފައިވާ ސަރވޭއަކުން ގޭތެރޭގެ އަނިޔާއާއި، ބައިވެރިޔާގެ ފަރާތުން ލިބޭ ޖިސްމާނީ ޖިންސީ އަދި ނަފްސާނީ އަނިޔާ ލިބޭ ހަތާވީސްހާސް އަންހެނުން ތިބި ކަމަށް އެބަ އަންދާޒާ ކުރެވޭ. އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އަޅުގަނޑު ވަރަށް ދެރަވޭ. މިހާ ގިނަ އަދަދެއްގެ އަންހެނުންނަށް މިހާ ބޮޑު ބަދުނަސީބެއްގައި، ދައްޗެއްގައި އެމީހުންގެ ދިރިއުޅުން އާރާސްތު ކުރަމުން ގެންދަން ޖެހޭތީ. އަޅުގަނޑަށްވެސް އެނގޭ އުނދަގޫވާނެކަންވެސް. އަޅުގަނޑަށްވެސް އެނގޭ އެއީ، ފަސޭހަކަމެއް ނޫންކަން. އެހެންނަމަވެސް، އަޅުގަނޑު ހުރިހާ އަންހެން ބޭފުޅުންނަށް ގޮވާލާނީ، އަޅުގަނޑު އަންހެން ބޭފުޅުންގެ ކިބައިން އެދޭނީ ހިތްވަރުލައްވާށޭ، ތެދުވަންނަވާށޭ، ނުކުންނަވާށޭ. އަނިޔާ ލިބިލައްވާނަމަ، އެ އަނިޔާގައި ތިއްބަވާކަށް ނުޖެހޭނެޔޭ. ދައުލަތްވެސް، ސަރުކާރުވެސް، ރައްޔިތުންވެސް ތިބީ ހަމަ އަނިޔާލިބޭ އަންހެނުންނާ އެކީގައޭ. ރައްޔިތުންގެ މަޖިލީހުގެ ވިސްނުން އަޅުގަނޑުމެންނަށް ސާފު. ސަރުކާރުގެ ވިސްނުން ތިޔަ އެންމެ ބޭފުޅުންނަށް ސާފުވާންޖެހޭނެ. އަދި ޤާނޫނު ބަލަހައްޓާ، ޤާނޫނު ހަދާ، ޝަރީޢަތްކުރާ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ވިސްނުންވެސް، އަޅުގަނޑުގެ ނަޒަރުގައި އަންހެން ބޭފުޅުންނަށް މިހާރު ސާފުވާންޖެހޭނެ. އަޅުގަނޑުގެ އިލްތިމާސަކީ، އަނިޔާއެއް ލިބޭނަމަ އެކަން ފޮރުއްވަވައިގެން ނުތިއްބަވައްޗޭ. އެކަމައިގެން ބޭރަށް ނުކުންނަވާށޭ. އިރާދަކުރެއްވިއްޔާ ސަރުކާރުން ވީ މިންވަރަކުން އަޅުގަނޑުމެން މިމައްސަލަތައް ޙައްލު ކުރުމަށް މަސައްކަތް ކުރަމުންދާނަން. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނާއެކީގައި ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުން މިބާވަތުގެ މަސައްކަތްތަކުގައި ބައިވެރިވެލެއްވުން.

އެނގިވަޑައިގަންނަވާނެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގައި ޤައުމީ ފުޓްބޯޅަ ޓީމު އެދަނީ މިހާރު ތައްޔާރުވަމުން. އެބޭފުޅުން ފުރުއްވައިފި މެޗްތަކަށް، ތަމްރީނުތަކަށް. އަޅުގަނޑު މިދޭތެރެއިން ޓީމާ ބައްދަލުކޮށް ވާހަކަދައްކާލިން. އަޅުގަނޑުގެވެސް އުންމީދަކީ، އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެވެސް އުންމީދަކީ، މިއަހަރުވެސް ރަންމެޑެލް ރާއްޖެއަށް ލިބުން. ޓީމު މެންބަރުން ގާތުގައި އަޅުގަނޑު ފާހަގަކުރިން، އަޅުގަނޑުގެ ނަޒަރުގައި ކާމިޔާބުގެ އެންމެ ބޮޑު އެއް ސިއްރަކީ، ކުރިއަށް އެ ކާމިޔާބުވާ މަންޒަރު އަޅުގަނޑުމެންނަށް ފެނުމޭ. އަޅުގަނޑު އެބޭފުޅުންނަށް ފާހަގަކުރިން، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން ކާމިޔާބުވާ ގޯލް ޖަހާތަން، އެ ގޯލްޖަހާ ފޯވަރޑަށް ސާފުކޮށް ފެންނަންޖެހޭނެޔޭ، މާކުރީގައިވެސް. މިހެންނޭ އަޅުގަނޑަށް އެބޯޅަ ލިބޭނީ، މިހެންނޭ ތިމަންނާ އެބޯޅަ ޖަހާނީ. އެމަންޒަރު އަޅުގަނޑުމެންނަށް ސާފުވީމާ، އެ ޔަޤީންކަން އަޅުގަނޑުމެންނަށް އެނގުނީމާ، ދެން އެ މަންޒަރު ޙަޤީޤަތަކަށް ހަދަން އަޅުގަނޑުމެންނަށް އެތައް ތަނަކުން ފަސޭހަވޭ. އަޅުގަނޑުގެ ނަޒަރުގައި ކާމިޔާބުގެ ސިއްރަކީ، އިތުބާރު އޮތުން، ޔަޤީންކަން އޮތުން. ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއެކީގައި ކަންކަމާ ކުރިމަތިލުން. އަޅުގަނޑަށް ޔަޤީން އަޅުގަނޑުމެންގެ ބޯޅަ ޓީމުވެސް އަދި އަޅުގަނޑުމެންގެ ރާއްޖެވެސް ކާމިޔާބުވާނެ، ކާމިޔާބު ކުރާނެ. އަޅުގަނޑަށް ޔަޤީން އަދި ހަމަ އެއަށްވުރެ މި ޢީދުގެ މުނާސަބާ އަދި ބޮޑުޢީދުގެ މި ހުރިހާ އުފާވެރިކަމެއްގެ މިހަފްތާއެކީގައި އަޅުގަނޑުމެންގެ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ރައްޔިތުން އުފާވެރިކަމާއެކީގައި އުފާފާޅު ކުރަމުން ގެންދާނެ ކަމާމެދު އަޅުގަނޑު އެއްވެސް ޙާލެއްގައި ޝައްކެއްނުކުރަން.

އަޅުގަނޑުގެ އުންމީދަކީ، މިއަދަށްވުރެ އަދި މާފެހި، ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________