بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 13 ނޮވެމްބަރ 2009 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ރޭޑިއޯގެ ޒަރީޢާއިން ތިޔަބޭފުޅުންނާ ބައްދަލުވާއިރު، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ސަރުކާރަށް ނޮވެމްބަރު 11 ވަނަ ދުވަހު އަހަރެއްވެ މިދިޔައީ. އެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ކުރެވިފައިމިވާ ކަންކަމާއި، އަދި ކުރިއަށް އިޞްލާޙުކޮށް ބާރަށް ކުރާންހުރި ކަންކަމާ ގުޅޭގޮތުން މިރޭ އެބައޮތް ޑިމޮކްރަސީ ފެއަރގެ ނަމުގައި ބޭއްވޭ ފެއަރއެއް. އެ ފެއަރގެ ތެރެއިން ނުވަތަ އެ މަޢުރަޒުގެ ތެރެއިން ސަރުކާރާ ގުޅޭގޮތުން މިދިޔަ އަހަރު ހިނގާފައިވާ ކަންކަމާއި، ދެން އަދި ކުރިއަށް ސަރުކާރުން ރާވާފައިވާ ކަންކަމުގެ ވަރަށްގިނަ މަޢްލޫމާތު ލިބިގެންދާނެ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ބޭފުޅުންވެސް އެ މަޢުރަޒު ބައްލަވާލެއްވުމަށް ވަޑައިގަންނަވާނެ ކަމަށް. އެނގިވަޑައިގަންނަވާނެ ފަދައިން، މާލޭގައި މަޢުރަޒު މިބޭއްވެނީ ދަރުބާރުގޭގައި.

އަޅުގަނޑުމެންނަށް މި ހަފްތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ އަތޮޅުތަކުގެ ދެރަށެއްގައި ގެދޮރު ޢިމާރާތް ކުރަން ފެށުމުގެ އެގްރީމެންޓްގައި، އިންޑިއާގެ ޓާޓާ ކުންފުންޏާ އެކުގައި ސޮއިކުރެވޭނެ. އެނގިވަޑައިގަންނަވާނެ، އެއީ ސަރުކާރުން އެޅުމަށް ނިންމާފައިވާ ދިހަހާސް ގޭގެ ތެރެއިން މިހާރު އެ ކުންފުނީގެ ފަރާތުން އެންމެ ފުރަތަމަ އެޅުމަށް ގަސްދުކުރާ ގެތައް އަޅަން ފެށެނީ. އަޅުގަނޑުމެން މި އުންމީދު ކުރަނީ، މިމަސައްކަތް ފެށުމާ އެކުގައި ހަމަ ކުރިއަށް އަޅުގަނޑުމެންދާއިރު މިކަމުގައި ސަރުކާރުގެ އަމާޒުގައިވާ ދިހަހާސް ގެ ޢިމާރާތް ކުރުމުގެ ހުރިހާ ކަމެއް ފުރިހަމަވެގެންދާނެ ކަމަށް. އަޅުގަނޑުމެން މިދެކެނީ، ސަރުކާރުން މިހިންގާ މަޝްރޫޢު މިގޮތަށް ހިންގީމާ، އެއިން ނަތީޖާ ނުކުންނަކަން. އަދި އަޅުގަނޑުމެންނަށް ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނަށް މި މަޝްރޫޢުގެ ތެރެއިން ބޯހިޔާވަހިކަން ހޯދައިދެވޭނެ ކަމަށް.

މާލޭގައި އެއްހާސް ތިންސަތޭކަ ގެ އެޅުމުގެ މަޝްރޫޢެއް ސަރުކާރުން ކުރިއަށް އެބަގެންދޭ. އެކަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ކުރި އިޢްލާނުގެ މުއްދަތު ހަމަވެ، މިހާރު ބައިވެރިވެފައި ހުރި، ޝައުޤުވެރިކަން ހާމަކޮށްފައި ހުރި ފަރާތްތަކުގެ މަޢްލޫމާތު ހޯދުމަށްފަހުގައި ސަރުކާރުން އެފަރާތްތަކާ އެކީގައި އެގްރީމެންޓްކޮށް، މާލޭގައި ގެދޮރު އެޅުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ސަރުކާރުން މި އުންމީދުކުރަނީ ދާދި އަވަހަށް ފެށިގެން ހިނގައިދާނެ ކަމަށް.

ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، 4 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފެށުމަށް ސަރުކާރުން މިހާރު މިވަނީ ލޯން އެގްރީމެންޓްގައި ސޮއިކުރާ ހިސާބަށް ކަންކަން ގެންދެވިފައި. އެއީ، 35 މިލިއަން ޑޮލަރުގެ ލޯނެއް. އެއިން ސަރުކާރުން ހިއްކުމަށް މަސައްކަތް މިކުރަނީ، ޅ.އަތޮޅު ހިންނަވަރާއި، ބ. އަތޮޅު ތުޅާދުއާއި، ނ. އަތޮޅު ވެލިދުއާއި އަދި ހއ. އަތޮޅު ދިއްދޫ. މި 4 ރަށަކީވެސް ވަރަށް ބޮޑަށް ބިމަށްޖެހި ޖާގަ ކުޑަވެފައިވާ 4 ރަށް. ސަރުކާރުގެ އަމާޒަކީ، މީގެތެރެއިން ތުޅާދުއާއި ހިންނަވަރު އެއީ ވަރަށްބޮޑު ދެރަށް ގޮތުގައި ހިންގަން ފެށުން، ނުވަތަ ދެރަށް ގޮތުގައި ހަދައި، އެ ދެރަށް އެގޮތަށް އާބާދުކޮށް ތަރައްޤީ ކުރަމުން ގެންދިއުން. އަދި ވެލިދޫގައާއި ދިއްދޫގައިވެސް ގެދޮރުގެ މައްސަލަ ޙައްލު ކުރުމަށް ބިން ބޮޑުކޮށް، ބިމުން ޖާގަ ރައްޔިތުންނަށް ލިބޭނޭ މަގެއް ހޯދުން. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ދުވަސްކޮޅުގެ ތެރޭގައި، ސަރުކާރަށް އެ ލޯން އެގްރީމެންޓްގައި ސޮއިކުރެވި، އެމަސައްކަތާއިގެން ކުރިއަށް ދެވޭނެ. އެމަސައްކަތް ކުރާ ގޮތަށް މިހާތަނަށް ވާހަކަ ދައްކާފައި މިއޮތީ ބޮސްކާލީސް ކުންފުނީގެ ފަރާތުން.

ވޭތުވެދިޔަ ހަފްތާގެ ތެރޭގައި، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި ނުހަނު ހޫނުކޮށް ވަރަށްގިނަ ސިޔާސީ ބަޙުޘް ހިނގައި ނިމި ހިނގައްޖެ. އޭގެތެރޭގައި، ފާހަގަވާ ކިތަންމެ ކަމެއް އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 35 މެންބަރަކު ސޮއިކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ބޭފުޅެއްގެ އިތުބާރު ނެތްކަމަށް ނެންގެވުމަށް މަޖިލީހަށް އޮތީ ހުށަހަޅުއްވާފައި. މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އައިސް އެ މައްސަލަ ހުށަހެޅި، އަދި އެ ވަޒީރަށް ދިފާޢުގައި އެއްޗެއް ވިދާޅުވާނެ ފުރްޞަތުވެސް ލިބި، އަދި މެންބަރުންވެސް އެކަމާ ބަޙުޘްކޮށް، އޭގެ ނަތީޖާ މިހާރު އަޅުގަނޑުމެންނަށް މިވަނީ ފެނިފައި. ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެންގެ މި ސަރުކާރަށް 1 އަހަރު ފުރުނު ދުވަހުހެން އެއީ ނޮވެމްބަރު މަހު 10 ވަނަ ދުވަހު މިވަނީ ސަރުކާރަށް އިތުބާރު އޮތް ކަމުގެ ވަރަށް ފުރިހަމަ ވޯޓެއް ދެއްވާފައި. ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ސީދާ ގޮތުގައި އެވޯޓު ނެގުނީ. އެހެން ނަމަވެސް، އެވޯޓު ފެނިގެންދިޔައީ، އެއީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރު އޮތްކަން ވަރަށް ރަނގަޅަށް ސާފުވެގެންދިޔަ ވޯޓެއް.

ހަމައެހެންމެ، މިދިޔަ 10 ދުވަހެއްގެ ތެރޭގައި މުލީއާގެއިން 4000 ރައްޔިތުންނަށްވުރެ ގިނަ ފަރާތަށް ފޯނުކޮށްގެން، އެ ފަރާތްތަކުން ސަރުކާރުގެ އެކިއެކި ކަންކަމާ ދެކެނީ ކިހިނެއްތޯ ޚިޔާލު ހޯދުމުގެ މަސައްކަތެއް ކުރިއަށް ގެންދެވުނު. މީގެ ބޭނުމަކީ އަޅުގަނޑަށް ތެދު މަޢްލޫމާތުގެ ގޮތުގައި، ސަރުކާރަށް ތެދު މަޢްލޫމާތުގެ ގޮތުގައި އެކިއެކި ރައްޔިތުންގެ ޚިޔާލު ހުރީ ކިހިނެއްތޯ ބެލުން. އެނގުން. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ލިބުނު ނަތީޖާ ހިތްހަމަޖެހެއޭ. ސީދާ ގޮތުގައި ސަރުކާރާ ނުރުހޭ ނުވަތަ ސަރުކާރު ހިނގާގޮތް އެއްގޮތަކަށްވެސް ކަމުނުދާ ކަމަށް ބުނެފައި މިވަނީ 4000 މީހުންގެ ތެރެއިން 32 ޕަސެންޓް ރައްޔިތުން. ދެން މިވާ ހުރިހާ އެންމެންނަށް ސަރުކާރު ރަނގަޅު. އެހެން ނަމަވެސް، ހުރިހާ ބޭފުޅުންވެސް އަދި ކޮންމެ ބޭފުޅަކުވެސް ސަރުކާރުގައި އިޞްލާޙު ކުރަންހުރި ކަންތައްތައް އެބަ ފާހަގަކުރައްވާ. ސަރުކާރުން މިފަދަ މަޢްލޫމާތު ލިބިގެން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅު ކުރުމަށް މަގުފަހިވެގެންދާނެ. އެހީތެރިކަން ލިބޭނެ. އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުމެންނަށް ސީދާ މަޢްލޫމާތު ލިބުން. އަޅުގަނޑުގެ ބޭނުމަކީ ރައްޔިތުންގެ އިޙްސާސާއި، ރައްޔިތުންގެ ޝުޢޫރު އަޅުގަނޑުމެންނަށް އެނގިގެން ރައްޔިތުން އެދޭގޮތަށް މި ސަރުކާރު ހިންގޭނެ ގޮތެއް ހޯދުން.

ނިންމާލުމުގެ ކުރީގައި އަޅުގަނޑު އަދި އަޅުގަނޑުގެ އަމިއްލަ ކުޑަ އިތުރު ވާހަކައެއް ދަންނަވާލަން ބޭނުން. އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުންވަނީ ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ކަންކަން ހިންގާންވީ ގޮތުގެ ޤާނޫނެއް ފާސްކޮށްފައި. މިހާރު އެ ޤާނޫނުވަނީ ތަޞްދީޤުވެސް ކުރެވިފައި. އެ ޤާނޫނުގައި އަޅުގަނޑަށްވެސް ޗުއްޓީ ނެގުމުގެ ފުރްޞަތެއް އެބަ ލިބިދޭ. އަޅުގަނޑު މިހާރު ގަސްދުކޮށްގެން މިހުރީ ކުރިއަށް މިއޮތް ހަފްތާގައި އަޅުގަނޑު ޗުއްޓީއެއް ނަގަން. ވަރަށްގިނަ ދުވަސްވެއްޖެ އަޅުގަނޑު ޗުއްޓީއެއް ނުނަގައި މިމަސައްކަތުގައި ކަންކަން ކުރުމުގައި އަވަދިނެތި އަޅުގަނޑު އުޅެމުން އަންނަތާ. އެހެންވީމާ، މިވަގުތު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ހުރިހާ ބޭފުޅުންނަށްވެސް. މި ކުރިއަށް މިއޮތް ހަފްތާއެއީ އަޅުގަނޑު ޗުއްޓީގައި ހުންނާނޭ ހަފްތާއެކޭ. އެހެންވީމާ، އަޅުގަނޑަށް އެ ހަފްތާގެ ޗުއްޓީ ދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެކޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފަހި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________