بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 6 ނޮވެމްބަރ 2009 ވީ ހުކުރު ދުވަސް. މީގެ 5 ދުވަސް ފަހުން މި ސަރުކާރު ރިޔާސަތާ ޙަވާލުވިތާ 1 އަހަރު ފުރޭނެ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ރައީސް ކަމުގެ ހުވާކުރީ، 11 ނޮވެމްބަރ 2008ވީ އަންގާރަ ދުވަހު. ރާއްޖޭގެ ވެރިކަން ޒަމާނުއްސުރެ ފަށައިގެން ހިނގަމުން އައި ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރާއްޖޭގެ ކިތަންމެ ރައްޔިތުންނެއް އެތައް ޒަމާނަކު އެދިއެދި ތިބި ހުވަފެން ޙަޤީޤަތަކަށް ވެގެންދިޔަ ދުވަހެއް، 11 ނޮވެމްބަރ 2008ވީ އަންގާރަ ދުވަހަކީ. އެއަށްފަހު، 1 އަހަރުވީއިރު މި ސަރުކާރަށް ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާއި، ރައްޔިތުންގެ އެދުންތައް ފުއްދިފައި ހުރި މިންވަރަކީ ކޮބައިތޯ އަޅުގަނޑުމެންގެ އަމިއްލަ ހިތުގައި މިވާ ދެން އިތުރަށް ފުރިހަމަކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް ދިއުމަށް ނިޔަތް ގަތުމަކީ، އަޅުގަނޑު ހިތުން މި 11 ނޮވެމްބަރު ދުވަހު އަޅުގަނޑުމެން ކުރުން އެންމެ އައުލާވެގެންވާ ކަންތައް.

އަޅުގަނޑު ދަންނަވާނީ، މިދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް މި ސަރުކާރަށް އެތައް ކަމެއް ޙާޞިލު ކުރެވިއްޖެއޭ. އަދި ކިތަންމެ ކަމެއް ކާމިޔާބު ނުކުރެވި އެބަހުއްޓޭ. އެތައް ކަމެއްގެ މަސައްކަތް ހަމަ އެއްގޮތަކަށްވެސް ނުވެވެސް އެބަހުއްޓޭ. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ، އަޅުގަނޑުމެންގެ އުންމީދަކީ، ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅު ކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، ކޮންމެ ރައްޔިތަކީވެސް ފުދުންތެރިކަމާއެކީގައި ހާސްކަމެއްނެތި ދިރިއުޅޭ ރައްޔިތަކަށް ހެދުމޭ. އަޅުގަނޑަށްވެސް އެނގޭ، މިކަންކަން ކުރުމަށް ރައްޔިތުން ކެތްމަދުވެފައި ތިބޭކަން. އަދި އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމުގައި ވީހާވެސް ކުޑަ ހިނދުކޮޅެއް ނެގުމަކީ، ރައްޔިތުން އެދޭގޮތްކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. ސަރުކާރުން މިގެންދަނީ، މިކަންކަމުގައި މަސައްކަތް ކުރަމުން. އަޅުގަނޑު ދަންނަވާނީ، މިހާތަނަށް އައިއިރުގައި އަޅުގަނޑުމެންނަށް މިހުރީ ވަރަށްގިނަ ކަންތައްތަކެއް ސީދާ ތަންފީޒީ މަރްޙަލާއަށް ގެނައުމުގެ އެންމެހާ ކަންކަން ފުރިހަމައަށް ރޭވިފައޭ. 1 އަހަރުވުމާ އަޅުގަނޑުމެން ކުރިމަތިލާއިރުގައި، ވެފައިހުރި ކަންތައްތަކުގެ އިތުރުން، ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި ވާންހުރި ކަންކަން އަދި ވުމުގެ މަގުމަތީގައި ހުރި ކަންކަން އެއީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުންމީދެއް.

އެނގިވަޑައިގަންނަވާނެ، ކަރަންޓްގެ ޚަރަދު ކުޑަކުރުން، ރާއްޖޭގައި ވައިން ހިންގާ ޖަނަރޭޓަރުން ކަރަންޓް އުފައްދައިގެން، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ބެހުމަށް އަދި ޚާއްޞަކޮށް، މާލެއަތޮޅުގެ ބޮޑު ސަރަޙައްދަކަށް ކަރަންޓް ބެހުމަށް އަޅުގަނޑުމެންނަށް މިހާރު މިވަނީ ދުނިޔެއިން އެކަމަށް ޤާބިލު ވަރަށް އެކަށީގެންވާ ކުންފުންޏަކާއެކުގައި ސޮއިކުރެވިފައި. އެއްބަސްވުމަކަށް އާދެވިފައި. އެބޭފުޅުން އެކުންފުނިން މަސައްކަތް އެކުރަނީ، 20 މަސްދުވަހުގެ ތެރޭގައި އެމަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށް.

ހަމައެއާއެކީގައި އަޅުގަނޑުމެންނަށް މިހާރު މިވަނީ، މާލޭގެ މަދަރުސާތަކުގެ ތެރެއިން އެއްމަދަރުސާ ނަމަވެސް، އެއީ ވަރަށް ފެންވަރު ރަނގަޅު މަދަރުސާއަކަށް ހެދުމަށް ކުރެވެންހުރި މަސައްކަތްތައްކޮށް، އެމަދަރުސާ ހިންގުމަށް އެކަށީގެންވާ ރަނގަޅު ފަރާތަކާ ޙަވާލުކުރެވިފައި. އިރާދަކުރެއްވިއްޔާ، މިއަދު އަޅުގަނޑުމެންނަށް ހަމަ އައްޑުއަތޮޅުގައިވެސް ކަރަންޓްގެ މަޝްރޫޢެއް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކުރެވޭނެ. އެއީ [ސުޒްލޯން“ އިންޑިއާ ކުންފުންޏަކާ. އެކުންފުނިން މިއެއްބަސްވަނީ އައްޑުއަތޮޅުގައި 25 މެގަވޮޓްގެ ކަރަންޓް، ވައިގެ ހަކަތައިން އުފައްދައި، އެއަތޮޅުގެ ރައްޔިތުންނަށާއި އަދި ފުވައްމުލަކުގައިވެސް ހަމަ ވައިގެ ޒަރީޢާއިން ހަކަތަ އުފައްދައި، އެރަށު ރައްޔިތުންނަށް ލިބޭނެމަގު ފަހިކުރުން. އެކަމަށްޓަކައި އަޅުގަނޑުމެންނަށް މިއަދު ސުޒްލޯން ކުންފުންޏާއެކު ސޮއިކުރެވޭނެ.

ހަމައެހެންމެ، އެނގިވަޑައިގަންނަވާނެ، ޖީ.އެމް.އާރާ، ނުވަތަ އިންޑިއާގެ ވަރަށް މަޝްހޫރު ބޮޑު ކުންފުންޏަކާ އެކީގައި މިހާރު މިވަނީ ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައި. އަދި އެ، އެގްރީމެންޓަކަށް ކުރިއަށް މިއޮތް 3 މަހާއި 6 މަހާ ދެމެދުގެ މުއްދަތުގެ ތެރޭގައި ބަދަލުވެގެންދާނެ. އެ މުއްދަތުގެ ތެރޭގައި، ދެފަރާތުން ވާހަކަ ދައްކައިގެން ނިންމަންހުރި ކަންތައްތަކެއް އެބަހުރި. ޚާއްޞަކޮށް، އެފަދަ އެއަރޕޯޓެއް އެއީ ދެކޮޅުޖެހޭ ވިޔަފާރިއަކަށް ހެދުމަށްޓަކައި އެ ސަރަޙައްދަށް މަދުވެގެން ބޭނުންވާ ދިހަހާސް ޓޫރިސްޓް އެނދު ތަރައްޤީ ކުރުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތެއް އެ ކުންފުނިން އެބައެދޭ، އެކުންފުނީގެ ފަރާތުން އެމަސައްކަތް ކުރުމުގެ ފުރްޞަތު ދިނުމަށް. އެކުންފުނީގެ ވިސްނުމަކީ، އެކުންފުނިން އެއަރޕޯޓެއް ހެދުމަށް ފަށައިގަންނައިރުގައި، އެ އެއަރޕޯޓަށް މަދުވެގެން ބޭނުންވާނެ އެއްމިލިއަން ފަސިންޖަރުން އަންނާނެ ގޮތެއް ރޭވިފައި އޮންނަންޖެހޭނެއޭ. އެހެންވީމާ، އެކުންފުނީގެ އެއަރޕޯޓްގެ ވިޔަފާރިއަށްޓަކައި އެމަސައްކަތް އެއީ ކޮންމެހެން ބޭނުންތެރި ކަމެކޭ. ހަމައެއާއެކީގައި، މުޅި އެސަރަޙައްދުގެ ތަރައްޤީގެ ކަންކަންވެސް އަޅުގަނޑުމެން މިދެކެނީ، މިފަދަ މަޝްރޫޢަކާ ގުޅިގެން ވަރަށްބޮޑުތަނުން ބަދަލުވެގެންދާނެކަމަށް.

އަޅުގަނޑުމެންނަށް ހަމަ ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި، ޓާޓާ ކުންފުންޏާ އެކީގައި ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ގެދޮރު ލިބޭނޭ މަޝްރޫޢެއްގައި، ޕްރޮގްރާމެއްގައި ސޮއިކުރެވި، އެ މަޝްރޫޢުގެ ދަށުން ފުރަތަމަ ރާއްޖޭގެ ދެތިން ސަރަޙައްދެއްގައި ގެ އަޅަން ފެށޭނެ. އެކަންވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި އެ އެގްރީމަންޓްގައި ސޮއިކުރެވޭނެ.

އަޅުގަނޑު މިއަދު މިދެކެނީ އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން މީގެ ދުވަސްކޮޅެއް ކުރީގައި އުންމީދު ކުރަމުން އައި އުންމީދު ޙަޤީޤަތަކަށް ހެދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތްކަން. އަޅުގަނޑަށް އެބަފެނޭ، އަޅުގަނޑުމެން މިއެދޭގޮތަށް ރާއްޖޭގެ އިޤްތިޞާދާއި، ރާއްޖޭގެ މާލިއްޔަތު ބަދަލުކުރުވުމަކީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއްކަން. އަދި އެބަދަލު އެބަ އަންނަކަން. އެބަދަލާއެކުގައި ބޭރުގެ އިންވެސްޓްމަންޓާއި، ވިޔަފާރިއާއި، ވިޔަފާރި ރަނގަޅުވެ، ރައްޔިތުންގެ ޢާންމު ޙާލަތު ކިތަންމެ ތަނަކުން ރަނގަޅުވެގެންދާނެ.

އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ އޯގާތެރި ދައުލަތެއް ބިނާކުރުން. މިދަންނަވާ ވާހަކައަކީ ނިކަމެތިންނަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ މަޝްރޫޢުތަކެއް ހިންގުމަކީ ބޭނުންތެރި ކަމެއް ކަމަށް އަޅުގަނޑުމެން ސަރުކާރުން އަބަދުވެސް ދެކެނީ. އެހެންވީމާ، ކަރަންޓްގެ ބިލް ދެއްކުމަށް ދަތިވާ ފަރާތްތަކަށް އެކަމުގައި އެހީތެރިވެދިނުމާއި، އަދި ކާޑުގައިވެސް އެހީތެރިވެދިނުމާއި، އަދި އެކަނިވެރި މައިންނަށް އެހީތެރިވެދިނުމާއި، ނުކުޅެދޭ މީހުންނަށް، ރައްޔިތުންނަށް އެހީތެރިވެދިނުމާއި، އަޅުގަނޑުމެންގެ ހިސާބުގައި އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްލައްކަ ހަހާސް މީހުންނަކީ ވަރަށް ނިކަމެތި މީހުން. އެ އެއްލައްކަ ހަހާސް ރައްޔިތުންނަށް ރިވެތި ގޮތުގައި ހަމަޖެހިގެން އުޅެވޭނެ ގޮތެއް ހޯދައި ނުދެވޭހާ ހިނދަކު އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެން ރާއްޖެއަކަށް ނުގެނެވޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މި ވިޔަފާރީގެ އެންމެހާ ކަންކަން ހިންގަމުން ގެންދާއިރުގައި، އެބަ ޖެހޭ ހަމަ މިދަންނަވާ ސޯޝަލް ޕްރޮގްރާމްތައް، އިޖްތިމާޢީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ދެ ޓްރެކްގައި މިދެގޮތަށްވެސް މިކަން ކުރިއަށް ގެންދަމުން ގެންދެވޭނެ. އަޅުގަނޑު ހަމަ ދަންނަވާނީ، އަޅުގަނޑުމެންނަށް މި މަގުން ހިނގުނީމާ، ދެވެން އޮތް މަންޒިލް ފެނެއޭ. އަޅުގަނޑުމެންނަށް އެ އުފާވެރި ދުވަސްވެސް ހަމަ ވަރަށް ސާފޭ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަޑުމެންނަށް މިއަދަށްވުރެ އަދި މާ ބާއްޖަވެރި މާދަމައެއް ލިބުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________