بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 30 އޮކްޓޯބަރ 2009 ވީ ހުކުރު ދުވަސް. އަޅުގަނޑު އެންމެ ބޭފުޅުންނާ މިއަދު ރޭޑިއޯގެ ޒަރީޢާއިން ބައްދަލުވާއިރުގައި، އިތުރު ވަކި ޚާއްޞަ ނުކުތާއެއް ފާހަގަކޮށްލަން އެބަޖެހޭ. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންގެ ތެރޭގައި ބައެއް ބާވަތުގެ ވާހަކަތައް ދައްކައި ޢާންމުކޮށް އުޅުމަކީ، މިއަދާ ހަމައަށް އައިއިރުގައިވެސް ބައެއް ބޭފުޅުންގެ ނަޒަރުގައި ރަނގަޅު ކަމެއްގެ ގޮތުގައި ފެނިފައެއްނުވޭ.

ސަރުކާރުން ވަރަށް ފުންކޮށް ވިސްނައިފި. ރާއްޖޭގައި ދީނީގޮތުން ޙައްދުފަހަނަޅާފައިވާ ޖަމާޢަތްތައް ޙަރަކާތްތެރިވަމުން އަންނަގޮތާއި، އެ ޖަމާޢަތްތަކުގެ ޙަރަކާތްތަކުގެ ސަބަބުން ދިވެހިންނަށާއި، ދިވެހިރާއްޖެއަށް އަދި މުޅި މި ސަރަޙައްދަށްވެސް ލިބިދާނެ ގެއްލުންތައް ނުހަނު ބޮޑު. އަޅުގަނޑުމެންގެ ކުރިމަތީގައި މިދިޔަ އަޅުގަނޑު ދަންނަވާނީ، 11، 12 މަސްދުވަހުވެސް އޮތް ސުވާލަކީ، މި މަޢްލޫމާތު އަޅުގަނޑުމެންނަށް މިގޮތަށް ލިބިހުރެ، ދެން އަޅުގަނޑުމެން އެކަމާ ގުޅޭގޮތުން ޢަމަލުކުރާނީ ކޮންފަދައަކުންތޯއޭ؟ އަޅުގަނޑުމެންނަށް ވިސްނުނީ އަދި އަޅުގަނޑުމެންނަށް ބައެއް މިކަމުގެ މާހިރުން ލަފާދީފައިވަނީ، މަޢްލޫމާތު ޢާންމު ރައްޔިތުންނާއެކު ޙިއްޞާ ކުރީމާ، އެއީ އަދި އެކަމެއް ގޯސް ކަމެއް ހިނގާ ކަމެއްނަމަ، ހިނގަމުންދާކަން ފުރިހަމަ ގޮތުގައި ގަބޫލު ކުރުމަށް. އެގަބޫލު ކުރެވުން ނެތްހާ ހިނދަކު އަޅުގަނޑުމެންނަކަށް އެކަމަކަށް ޙައްލެއް ނުހޯދޭނެ.

އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައިވަނީ، ސަރުކާރަށް މަޢްލޫމާތު ލިބިފައިވަނީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން މިހާރު ޕާކިސްތާނުގައި ހިނގަމުންދާ، ވަޒިރިސްތާނުގައި ހިނގަމުންދާ ހަނގުރާމައިގައި މަދުވެގެން 10 ދިވެހިން މަރުވެއްޖެ. މީގެ ހިތާމައަކީ، މީގެތެރެއިން މަރުވި ބައެއް ދިވެހިންނަކީ، އެމީހުންގެ މައިންބަފައިން، އެކުދިންގެ މައިންބަފައިންގެ ނަޒަރުގައި އެއްވެސް ހާލެއްގައި ރަށް ދޫކޮށް، ޢާއިލާ ދޫކޮށް، ޤައުމު ދޫކޮށް އެކުދިން ދިޔައީކީއެއް ހަނގުރާމައެއް ކުރާކަށް ނޫން. ތަޢްލީމެއް ހޯދަން. ތަޢްލީމެއް ހޯދަން އަދި ލިބިދާނެ ކަމަށް އުންމީދުކޮށްގެންދިޔަ އަޅުގަނޑުމެންގެ ޒުވާން ކުދިން މަރުވާން ޖެހުނީމާ، އަޅުގަނޑުގެ ނަޒަރުގައި އެއީ އަޅުގަނޑުމެން ވަރަށް ފުންކޮށް އެކަމާ ގުޅޭގޮތުން ވިސްނާންޖެހޭ ކަމެއް. އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، މިހާރުވެސް ޕާކިސްތާނުގައި ވަޒިރިސްތާނުގައި އަދި އަފްޣާނިސްތާނާއި ޕާކިސްތާނާ މި ގުޅޭ ފުށުއަރާ ސަރަޙައްދުގައި ދިވެހިންގެ ތެރެއިން ހަމަ ސަތޭކައެއްހާ މީހުން ނުވަތަ އެއާ ގާތްކުރާ ޢަދަދަކަށް މީހުން ޙަރަކާތްތެރިވަމުން އެބަދޭ. އަދި ޕާކިސްތާނުން ދިވެހިންގެ ތެރެއިން މިދަންނަވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ތަމްރީނު ލިބިގެން ނުވަތަ އެހެންވެސް ކަމެއްގައި ބައިވެރިވުމަށް ނަމަވެސް، ޢަސްކަރީ ތަމްރީން ލިބި ތިބި މީހުންގެ ޢަދަދު ސަރުކާރަށް އެނގިފައި އޮތް ގޮތުގައި މިހާރު ސަތޭކައިގެ މައްޗަށް އަރާ ހިނގައްޖެ. މިވަގުތު ޕާކިސްތާނުގެ ޖަލުތަކުގައި ދިވެހިންގެ ތެރެއިން ދޮޅަހަކަށް މީހުން ހައްޔަރުވެފައި އެބަތިބި. ރާއްޖޭގައި މިދެންނެވި ދީނީ އުޞޫލު ކަމަށް ބުނެ އަދި ދީނީ ކަންކަމުގެ ނަމުގައި މިހިންގާ މިބާވަތުގެ ޢަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ނުހަނު ގެއްލުމާ ކުރިމަތިލާން އެބަޖެހޭ.

ބައެއް ބޭފުޅުންގެ ނަޒަރުގައި، އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، މިވާހަކަ އަޅުގަނޑުމެން ނުދައްކާ ތިބީމާ، އެއީ ދެން އަޅުގަނޑުމެންނަށް އެކަމުން ރައްކާތެރިވެވުނީ. ނުވަތަ އެކަމުގެ ސަލާމަތްކަން ހޯދުނީ. އަޅުގަނޑަށްވެސް އެނގޭ، ރާއްޖޭގެ ޓުއަރިޒަމަށް އަސަރުކުރާނެ ކަންތައްތަކަކީ ކޮބައިތޯ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަށް. އަޅުގަނޑު މިވާހަކަ މިދައްކަނީ ޓުއަރިޒަމާ ނުވަތަ އަޅުގަނޑުމެންގެ އިޤްތިޞާދީ އެހެންވެސް ކަންކަމާ، މިބާވަތުގެ ރާއްޖޭގައި ހިނގާ ކަންކަމާ ހުންނަ ގުޅުން އަދި ހުރެދާނެ ގުޅުން ނޭނގިއެއް ނޫން. އަޅުގަނޑުގެ ނަޒަރުގައި މިކަންކަން މިހެން ހިނގަމުންގޮސް އަޅުގަނޑުމެންނަށް އަތްނުފޯރާ ހިސާބަށް ހުރިހާ ކަމެއްގޮސް، ކަންތައްތައް އެންމެފަހު މަރްޙަލާގައި ޖެހުނީމާ، ދެން އަޅުގަނޑުމެންނަކަށް އެކަމާ ކުރެވޭނެ ކަމެއް ނޯންނާނެ. ސަރުކާރުން މިގެންދަނީ މިއެންމެހާ ކަންކަން ބަލަމުން. ރާއްޖޭގައި ޙަރަކާތްތެރިވާ މިދެންނެވި ބާވަތުގެ އެކިއެކި ތަމްރީނު ކޮށްގެން ތިބި ދިވެހިން ސަރުކާރަށް އެނގޭ، ފާހަގަވޭ. މި ސަރުކާރަކީ އަދި އަޅުގަނޑުމެންގެ ފަލްސަފާއަކީ ހިފާ ހައްޔަރުކޮށްގެން އެއްވެސް ކަމެއް ޙައްލު ކުރެވޭނެ ކަމަކަށް އަޅުގަނޑުމެންނެއް ނުދެކެން. އެހެން ނަމަވެސް، ކޮންމެ ކަމެއްވެސް ކުރާން ޖެހުނީމާ، އެކަމެއްގެ ވަގުތު ޖެހުނީމާ އަޅުގަނޑުމެންނަށް އެކަން ކުރަން މަޖުބޫރު އެބަވޭ. ކުރާން އެބަޖެހޭ. އެހެންވީމާ، މިކަމުގައިވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް އެކަން ކުރާން ޖެހިއްޖެ ކަމަށް އަޅުގަނޑުމެންނަށް ފެނުނީމާ، އަދި އެއީ ދިފާޢީ ބާރުތަކާއި ސަލާމަތީ އެކިއެކި ވުޒާރާތަކާއި، މުއައްސަސާތަކުން އަޅުގަނޑުމެންގެ މަޝްވަރާތަކަށްފަހުގައި، އެކަމެއް ކުރާން ޖެހުނީމާ، އަޅުގަނޑުމެން އެއިރެއްގައި ކުރަންޖެހޭ ކަމެއް ކުރަމުން ގެންދާނެ. އަޅުގަނޑުމެންނަށް ރާއްޖެއަށް މިވަގުތު ބިރުވެރިކަމެއް، ޙަމަލާއެއް ނެތްކަން ކަށަވަރު ކުރެވޭތީވެ، އަޅުގަނޑުމެން މި ޔަޤީން ކަމުގައި މިވަގުތު މިތިބީ.

އަޅުގަނޑުމެންނަށް އުންމީދު ކުރެވެނީ، އަޅުގަނޑުމެންނަށް މިކަންކަން ވަރަށް ރަނގަޅަށް ބަލަމުން ގެންދެވޭނެ ކަމަށް. ބަލަމަކުންނެއް އަޅުގަނޑުމެންނަކަށް އެކަންޏަކު ނުގެންދެވޭނެ. އަދި އެކިއެކި ދިފާޢީ ރޭވުންތައް ނުވަތަ ދިފާޢީ ކަންކަން ފުރިހަމަ ކުރުމަށްވެސް ދިވެހި ސަރުކާރަށް އެކަނި މިކަން ކުރެވޭކަށެއް ނޯންނާނެ. މިކަމަކީ ދިވެހިންނާ އެކަނި ގުޅޭ ކަމެއްވެސް ނޫން. ބައިނަލްއަޤްވާމީ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން އެކަމަށް ބޭނުންވާ ބައިނަލްއަޤްވާމީ އެހީވެސް ހޯދާނަން. ދިވެހިރާއްޖެއަށް މިވަގުތު މިވަނީ މިދެންނެވި ބާވަތުގެ އެހީތެރިކަން ވަރަށް ރަނގަޅަށް އިންޑިއާ ސަރުކާރުންވެސް، އެމެރިކާ ސަރުކާރުންވެސް، އިނގިރޭސި ސަރުކާރުންވެސް އަދި ހަމަ ޕާކިސްތާނު ސަރުކާރުންވެސް ލިބިފައި. އެހެންވީމާ، އަޅުގަނޑުމެން މިތިބީ އިތުބާރާ އެކުގައި ސަރުކާރަށް މިކަމުގައި ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން ލިބިގެން.

އަޅުގަނޑު މިވާހަކަ މިއަދު ފާހަގަމިކުރީ، އަޅުގަނޑަށް އެބަ އެނގޭ، އެބަ ފެނޭ ކުރިއަށް މިއޮތީ ނޮވެމްބަރު 3. އަޅުގަނޑުމެންގެ ރާއްޖޭގެ ނަޞްރުގެ ދުވަސް. އެދުވަހަކީ އަޅުގަނޑުމެންނަށް އަދި މިބާވަތުގެ ނޫން ނަމަވެސް، އެހެން ބާވަތެއްގެ ނަމަވެސް ޓެރަރިޒަމްގެ ޙަމަލާއެއް ދިމާވި ދުވަސް. އަޅުގަނޑުމެންނަށް އެދުވަހު ކަން ހިނގާދިޔަގޮތް އެކިއެކި ގޮތްގޮތަށް، އެކިއެކި ދިރާސާތަކަށްފަހުގައި، އެކިއެކި ބޭފުޅުން ހާމަކުރަމުންގެންދޭ. އޭރުގައި ރާއްޖޭގައި އެކަމުގައި އެކަމާ ގުޅިގެން ހިންގި ތަޙްޤީޤުތަކުގެ މަޢްލޫމާތުވެސް ސަރުކާރުގައި އެބަހުރި. އަދި ހަމަ އޭރުގައި އެތެރެވަރީގަޔާއި ސިލޯނުގައި، ސްރީލަންކާގައި ހިނގަމުންދިޔަ ކަންތައްތަކުގެ ދިރާސާއާއި، އެކަންކަމުގެ މާހިރުން ބުނާ ބުނުންތަކާއި، ނިންމާ ނިންމުންތައްވެސް އަޅުގަނޑުމެންނަށް ސާފުވޭ. އެނގިވަޑައިގަންނަވާނެ، 1987 ވަނަ އަހަރު ޕްލޮޓް ޖަމާޢަތް އެއީ ޖެފްނާގައި ނުވަތަ ސްރީލަންކާގެ އުތުރުގައި ވަކި ޤައުމެއް، ވަކި ދައުލަތެއް ޤާއިމު ކުރުމަށް މަސައްކަތްކުރި ޖަމާޢަތެއް. އެ ޖަމާޢަތާއި އެ ޖަމާޢަތާ އޭރުގައި ގުޅިފައި އޮތް އެލް.ޓީ.ޓީ އާ ނުވަތަ ޓައިގަރުންގެ ޖަމާޢަތާ އޮތީ ވަރަށް ބޮޑަށް ނުރުހުންވެފައި. ނުވަތަ ދެކޮޅުވެފައި. އަދި އެ ޖަމާޢަތް އެވަގުތުގައި ދިޔައީ، ޕްލޮޓް ޖަމާޢަތް އެވަގުތުގައި ދިޔައީ އެމީހުންގެ ފަސް މަންޒަރު ނުވަތަ އެދުވަހުގެ ފަހުން 1988 ވަނަ އަހަރުގެ ފަހުން އެޖަމާޢަތުން ކަންކަން ހިންގާނެ ގޮތެއްގެ ވިސްނުންތަކާއި ރޭވުންތައް ރާވަމުން. ދިވެހިރާއްޖެއަށް ދެވުނު ޙަމަލާ ދެވިފައިވަނީ، އުމާ މަހޭޝްވަރަން އާއި އަދި ޕްލޮޓް ޖަމާޢަތުގެ ވަރަށްގިނަ ބައެއް އޭގެތެރޭގައި ހިމެނިގެން. އެ ޖަމާޢަތް އޭގެތެރޭގައި ހިމެނޭކަމީ، އެކަމުގެ ތަޙްޤީޤުތަކުން އަޅުގަނޑުމެންނަށް ވަރަށް ސާފުވާ ކަމެއް. މިވަގުތު އަޅުގަނޑުމެންނަކަށް އެނުރައްކަލެއް ނެތް. ޓެރަރިސްޓް ޙަމަލާއެއް ނުވަތަ އެބާވަތުގެ ބަޣާވާތެއް، ޙަމަލާއެއް އައިސް ވެރިކަން ފުރޮޅާލެވިދާނެ ކަމުގެ އެއްވެސްކަހަލަ ޝައްކެއް އަޅުގަނޑުމެންނަކަށް ނުހިނގާ. އެކަމެއް އިރާދަކުރެއްވިއްޔާ މިވަގުތަކު ނުވާނެ. އަޅުގަނޑުމެން މިވަގުތު ވިސްނަންވީ، އަޅުގަނޑުމެންނަށް ބަޔަކު މީހުން ޙަމަލާއެއްދީފައި، ޖަހާފައި ފިލަން އުޅޭ އުޅުމުން، އެބާވަތުގެ ޙަމަލާއަކުން މިހާރު މިފާހަގަވާ ޓެރަރިޒަމްގެ ބާވަތުގެ ޙަމަލާއަކުން އަޅުގަނޑުމެންގެ ރާއްޖެ ސަލާމަތްވުމަށް.

އަޅުގަނޑު މިއަދު މިވާހަކަ ތިބޭފުޅުންނާ ޙިއްޞާ ކުރާއިރު، ހަމަ އަނެއްކާވެސް ތަކުރާރުކޮށް ދަންނަވަން ބޭނުންވަނީ، އަޅުގަނޑުގެ ބޭނުމަކީ، ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި މަޢްލޫމާތު ލިބިފައި ތިބުމޭ. ރައްޔިތުން ބައިވެރިވެގެން ނޫނިއްޔަކާއެއް ޙަޤީޤަތުގައި އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ކާމިޔާބެއް ނުވާނެ. އަޅުގަނޑު މައިންބަފައިންގެ ކިބައިން އެދޭނީ، ދަރިފުޅު ތަޢްލީމު ދިނުމަށް ޕާކިސްތާނަށް ފޮނުއްވާއިރު ނުވަތަ އިންޑިއާގައިވެސް އެބާވަތުގެ ދީނީ ތަޢްލީމުގެ ނަމުގައި ތައްލީމުދޭ މަދަރުސާއަކަށް ފޮނުއްވާއިރު ވިސްނަވައްޗޭ. ވަރަށްގިނަ ފަހަރަށޭ ހުރީ ބައެއް ޕާކިސްތާނުގެ ޔުނިވަރސިޓީތަކުން ކުދިން ރެކްރޫޓް ކޮށްފައި. ނުވަތަ ކުދިން ހައްލާފައި ގެންގޮސް އެކިއެކި ބާވަތުގެ ޢަސްކަރީ ތަމްރީނުތައް ކުދިންނަށްދީގެން، އެކުދިންގެ ސިކުނޑިތައް ތަޣައްޔަރުކޮށްގެން، މިބުނާ ބާވަތުގެ ހަނގުރާމަތަކަށް ކުދިން ނެރި، ކުދިން މަރާފައި އެބަތިބި. އެހެންވީމާ، އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު މައިންބަފައިންގެ ކިބައިން އެދޭނީ، މިކަންކަމަށް ވިސްނައި ތިއްބަވައްޗޭ. އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގައި ތަޢްލީމަށް އެދި މަސައްކަތްކުރާ ކޮންމެ ދަރިވަރަކަށްވެސް، ކޮންމެ ކުއްޖަކަށްވެސް އެ ފުރްޞަތު ފަހިވާނެގޮތް ހޯދައިދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މިދާ މަގުގައި އަޅުގަނޑުމެންނަށް ދެވުނީމާ، އެކަން އަޅުގަނޑުމެންނަށްވާނެ. މައިންބަފައިންނަކަށްވެސް އަދި ތަޢްލީމަށް އެދި ތިބި ކުދިންނަކަށްވެސް ކޮންމެ ކޮންމެ ތަނަކަށް ތަޢްލީމު ހޯދުމުގެ ނަމުގައި ދާންޖެހޭކަށް ނުޖެހޭނެ. ބައެއްފަހަރު ހަމައެކަނި ކުދިން ހައްލާފައި ހުންނަނީކީއެއް ޕާކިސްތާނުގައި ކިޔަވަމުން ދަނިކޮނެއް ނޫން. އަޅުގަނޑު މިހާރު ހަމަ ދަންނަވާލަން ބޭނުން. އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ކުދިންވެސް ހެއްލުމަށްޓަކައި އިނގިރޭސިވިލާތުގައި ޙަރަކާތްތެރިވާ މިބާވަތުގެ ޖަމާޢަތްތަކުން މަސައްކަތްކުރޭ. އިނގިރޭސިވިލާތުގައި އެފަދަ ޖަމާޢަތްތަކަށް ލިބޭ ކާމިޔާބު ވަރަށްކުޑަ. ދިވެހިން ކުދިން ހެއްލޭ މިންވަރުވެސް ވަރަށްކުޑަ. އެހެން ނަމަވެސް، ޕާކިސްތާނުގައި މިކަމުގެ ތެރެއަށް ކުދިން ލެނބިގެންދާ މިންވަރު ބޮޑުވެގެން މިދަނީ، ކުއްޖާ އެންމެ ފުރަތަމަ ޕާކިސްތާނަށް ގެންދެވުނީވެސް ޙަޤީޤަތުގައި ތަޢްލީމެއް ދިނުމުގެ ބޭނުމަށްވުރެ ބޮޑަށް އެހެން ކަމަކަށް އެކަން ކުރެވުނީމާ.

އަޅުގަނޑަށް މިއަދު ދެއްކުނު ވާހަކައިގައި އަދި މި ދައްކާ ވާހަކައިގެ މުހިންމުކަމާއި ބޮޑުކަން އަޅުގަނޑަށްވެސް އިޙްސާސް ކުރެވޭ. އަދި ތިބޭފުޅުން މިކަމާ ރާއްޖޭގެ ރައްޔިތުން މިކަމާ ވިސްނެވުމަށް، ފިކުރު ހިންގެވުމަށް އަޅުގަނޑު އެދެން. ހިންގަވާއިރުގައި، އަޅުގަނޑު އެދެނީ، ހަމަ އެންމެ ބޭފުޅުންވެސް ޔަޤީންކަމާ އެކީގައި ތިއްބަވަން. ސަރުކާރަށް މި ހިނގަމުންދާ ކަންކަން ވަރަށް ސާފުކޮށް އެނގެޔޭ. އަޅުގަނޑުމެންނަށް މިކަންކަމުން ސަލާމަތްވުމަށް، އެއްކިބާވުމަށް އަޅާންހުރި ފިޔަވަޅުތައް އެޅޭނޭ. ސަރުކާރުން މިދަނީ އަޅަމުންނޭ.

އެނގިވަޑައިގަންނަވާނެ، އިތުރަށް އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، މަދަރުސާތަކުގެ އިމްތިޙާން އަދި ނުނިމޭ. މިއަންނަ ހަފްތާގެ ތެރެއަށްވެސް އެބަ އިމްތިޙާން ފެތުރިގެންދޭ. ދެން މިހާރު މިއޮތީ ވަރަށް ބޮޑަށް ވަގުތު ކުޑަތަންވެފައި. ފިލާވަޅުތައް މާކުރިއަށް ހުންނަން ޖެހޭނީ ދަސްވެފައި. އެހެން ނަމަވެސް، އެންމެފަހު ވަގުތުގެ ރިވިޜަން ކުރިއަށް ގެންދިއުމަށް ހަމަ އަޅުގަނޑު ވަރަށް ބޮޑަށް ބާރުއަޅާނަން. ހުރިހާ މައިންބަފައިންގެ ކިބައިންވެސް އެދޭނަން.

އަދި ހަމަ އޭގެއިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި، ޖަމާލުއްދީން ސްކޫލްގައި އަޅުގަނޑަށް ވަރަށް އުފާވެރި ޙަފްލާއެއްގައި ބައިވެރިވެވުނު. އެއީ ރާއްޖޭގައި މަންމަން ކުދިންނަށް އަންގައިދޭ ރަދީފެއް ނުވަތަ އެ މަންމަން ކުދިންނާއެކު ވާހަކަ ދެއްކުމަށް ފަރިތަކޮށްދޭ ވާހަކަ ދެއްކުމަށް ދަސްކޮށްދޭ ހުނަރު ފޯރުކޮށްދޭ ރަދީފެއް މިހާރުވަނީ ނެރެވިފައި. އޭގައި 700 ބަސް ހިމެނޭ. ދެން އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް އެއީ. ވީހާވެސް ގިނަ ރައްޔިތުންނަކަށް ހަމައެކަނި މަންމަން ކުދިންނެއް ނޫން. ވީހާވެސް ގިނަ ބަޔަކަށް މި މަންމަން ބަހުރުވަ އެނގޭނޭ ގޮތެއް، ދަސްވާނެ ގޮތެއް ވެއްޖެނަމަ، ހަމަކަށަވަރުންވެސް މަންމަން ކުދިންނަށް އަދި މަންމަނުންނަށް ރާއްޖޭގައި މިހާރަށްވުރެ މާ އުފާވެރިކަމާއެކު ދިރިއުޅެމުން ގެންދެވޭނެ. އެކުދިންނަކީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެންނަށްވުރެ ކުޑަ ތަންފުކެއްވެސް ސިކުނޑީގެ ގޮތުން ދަށް ބައެއް ނޫން. ނުކުޅެދޭ ބައެއް ނޫން. ހަމަ ވަރަށްމެ ހުޝިޔާރު، ހީވާގި، ސިކުނޑި ހިތް އަލި ކުދިން. އަޅުގަނޑަށް ޖަމާލުއްދީން ސްކޫލުން ވަރަށް ކުޅަދާނަ ކުދިންނާ ދިމާވި. މަންމަން ކުދިންނާ. އަދި އެކުދިން ތިބީ ވަރަށް އުފަލުން. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ހުރިހާ ގެއަކުންވެސް މިދެންނެވި ރަދީފްގެ ކޮޕީއެއް ހޯއްދަވައިގެން، އެބަސް ދަސްވޭތޯ ބެއްލެވުމަށް. އެއީ އަޅުގަނޑުމެންގެ ތެރެއަށް ވީހާވެސް ގިނަ މަންމަން ކުދިން ގެނައުމަށްޓަކައި. އަޅުގަނޑުމެންގެ ތެރޭގައި އެކުދިންނަށް ރިވެތި ގޮތުގައި އުފަލުގައި އުޅެވޭނެ ގޮތް ހޯދައިދިނުމަށްޓަކައި.

އަޅުގަނޑުމެން ނޮވެމްބަރު 11 ފާހަގަކުރަންދާއިރުގައި އެނގިވަޑައިގަންނަވާނެ، މި އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަސް އެއީ، އިއްޔެ ނޫން އިހަށްދުވަސް ވެގެންދިޔައީ، މިރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވުނު ގިނަ ޕާޓީ ވާދަކުރާ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެންމެފަހުން ނެރެވުނު ރެއަށް. މާތްރަސްކަލާނގެ އިރާދަފުޅުން، އެ ނަތީޖާގައި ކާމިޔާބު ލިބުނީ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން އެ ކާމިޔާބުގެ އަލީގައި އަޅުގަނޑުމެން ކިބުރުވެރިކަން ކުޑަކޮށް، އަޅުގަނޑުމެންގެ މަސައްކަތް ވީހާވެސް ބޮޑަށް ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށް މަގުފަހިކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން މިދަނީ. އެހެންވީމާ، މިހަފްތާއަކީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އުފާވެރި ހަފްތާއެއް. އަޅުގަނޑުމެންނަށް އަހަރެއް ވެރިކަމުގައި ވެވިފައިވާ ހަފްތާއެއް.

އަޅުގަނޑު ނިންމާލަމުންވެސް ހަމަ ދަންނަވާނީ، އިރާދަކުރެއްވިއްޔާ ނޮވެމްބަރު 11އަށް އަޅުގަނޑުމެންދާއިރުގައި އަދި މިއަށްވުރެ މާގިނަ މަޢްލޫމާތު އަދި މިއަށްވުރެ މާގިނަ ކަންކަން ކުރެވެމުންދާކަން އަދި ކުރެވޭތަން ތިބޭފުޅުންނަށް ފެނިގެންދާނޭ.

އިރާދަކުރެއްވިއްޔާ، ގެދޮރު އެޅުމުގެ ޕްރޮގްރާމް ޢަމަލީގޮތުން ފެށުމުގެ ކޮންޓްރެކްޓްގައި އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ސޮއިކުރެވޭނެ. އޭގެތެރޭގައި، މާލޭގައި އެޅޭ ގެއެއް ނޫން. އަޅުގަނޑުމެންގެ ޕްރޮގްރާމްގެ ތެރެއިން ދިގު މުއްދަތުން ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ދޫކުރެވޭ ގެ އެޅުމުގެ ޕްރޮގްރާމްތައް ފެށޭނެ. ހަމައެހެންމެ، ދަތުރުފަތުރު ކުރުމުގެ ނިޒާމް، އިތުރު ޕްރޮވިންސްތަކުގައި ފަށައިގަނެވޭނެ.

އަދި އޭގެއިތުރުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. މުޅި މި ސަރަޙައްދުގައި ފެށްޓޭ އެންމެބޮޑު އިޢާދަކުރަނިވި ހަކަތަ އުފައްދާ ތަން، ގާފަރުގައި ހެދުމަށް އިރާދަކުރެއްވިއްޔާ، މި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ކޮންޓްރެކްޓް ކުރެވޭނެ. އެއީ ވަރަށްބޮޑު ކޮންޓްރެކްޓެއް. އެއީ ވަރަށްބޮޑު މަޝްރޫޢެއްގައި، އޭގައި 250 މިލިއަން ޑޮލަރު ހިމެނޭ ކަމަށްވަނީ. ގާފަރުއްސުރެ ކަރަންޓް ނަރެއް، ކޭބަލެއް މިގެންނަނީ މާލެއާ ހަމައަށް. އަދި ގާފަރުގައި 75 މެގަވޯޓްގެ ކަރަންޓް އުފައްދައި، ވިންޑްމިލް ޖަހައި، އެތަކެތީގެ ޒަރީޢާއިން މާލެއާއި މާލެ ކައިރީގައިވާ ރަށްތަކަށް ކަރަންޓްގެ ޚިދްމަތް ދިނުން މިމަޝްރޫޢުގެ ބޭނުމަކީ، މިގޮތަށް ކަރަންޓްގެ ޚިދްމަތް ދެވުނީމާ، ކަރަންޓްގެ އަގު ނުހަނު ހެޔޮވެގެންދޭ. އަދި އޭގެއިތުރަށް ހަމަ އަޅުގަނޑުމެން އެތެރެކުރާ ތެލުގެ މިންވަރާއި ހޭދަކުރާ ޑޮލަރުގެ މިންވަރުވެސް ކިތަންމެ ތަނެއް ކުޑަވެގެންދޭ. އެހެންވީމާ، ގާފަރުގައި އަޅުގަނޑުމެންނަށް މިފެށޭ 75 މެގަވޯޓުގެ ޕްލާންޓްގެ އިތުރުން އަދި އައްޑުއަތޮޅުގައި 25 މެގަވޯޓްގެ ޕްލާންޓެއް. އެއީ ގާފަރުގައި މި ޕްލާންޓް މިބަހައްޓަނީ، މިޕްރޮޖެކްޓް މިހިންގަނީ ޖެނެރަލް އިލެކްޓްރިކްސް ކުންފުނިން، އެއީ ބައިނަލްއަޤްވާމީ ކުންފުންޏެއް. ދެން މައިގަނޑު ގޮތެއްގައި އިނގިރޭސިވިލާތުގައި ފެށިފައިވާ ކުންފުންޏެއް. އިނގިރޭސި ކުންފުންޏެއްގެ ގޮތުގައި ދެކެނީ. އައްޑުއަތޮޅުގައި މިމަސައްކަތް މިހިންގަނީވެސް ހަމަ ބައިނަލްއަޤްވާމީ ކުންފުންޏެއް. ސުޒްލޯން. އާދެ! އެކުންފުނީގައި އިންޑިއާ އެކިއެކި ކުންފުނިތަކުގެ ޙިއްޞާ ގިނަ. އެހެން ނަމަވެސް، އެއީވެސް ވަރަށްބޮޑު ޕްރޮޖެކްޓެއް. އަޅުގަނޑުމެންނަށް މިދެތަނުގައި މިދެ ޕްރޮޖެކްޓް އެބަ ފެށޭ.

އަދި ހަމަ މީގެއިތުރުން އަޅުގަނޑުމެން ނޮވެމްބަރު މަހަށްދާއިރުގައި ޣިޔާޘުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރުމުގެ އެގްރީމެންޓްގައި އިރާދަކުރެއްވިއްޔާ ސޮއިކުރެވޭނެ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ މަޝްރޫޢުތައް، އަޅުގަނޑުމެންގެ މަސައްކަތް މިއަހަރު ނިމޭއިރުގައި ހަމަ އަޅުގަނޑުމެންގެ ދަރިވަރުންގެ ރިޕޯޓް ކާޑާ އެކުގައި ސަރުކާރަށްވެސް ލިބޭނޭ. ދެން އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންނަށް މަދުވެގެން B ރިޕޯޓެއް އެބަ ލިބޭ ކަމަށް. ދެން އަޅުގަނޑު އުންމީދު ކުރަން. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު އަދި އަހަރު މިއަންނަ އަހަރު އިނގޭތޯ މިޑްޓާރމްގައި، އަޅުގަނޑުމެންނަށް އެއީ މިއަންނަ އަހަރުގެ މެދުގައި އަޅުގަނޑުމެން A ރިޕޯޓް ދައްކާނަން. މިވަގުތު ދިމާވި ހުރިހާ ކަމަކާ، އިޤްތިޞާދީ ހީނަރުކަމާ، ކުރީގައި ސަރުކާރު ނިމުނުއިރުގައި ޑެފިސިޓް ހިންގާފައި ހުރި މިންވަރާ، އަދި އިޤްތިޞާދު ބިނާކޮށްފައި އޮތްގޮތާ، މިއައި ބޮޑު ބަދަލާ، މިހުރިހާ ކަންތައްތަކުގެ ސަބަބުން، އަޅުގަނޑުމެންނަކަށް މިފަހަރަކު A ރިޕޯޓެއް ނުގެނެވުނު. އަޅުގަނޑުމެންނަށް މިފެންނަނީ، އަޅުގަނޑުމެންނަށް ލިބުނީ B ރިޕޯޓެއް ކަމަށް. B ރިޕޯޓަކީ ބައެއް ބޭފުޅުން ހަމަ ވަރަށް ފާހަގަކުރައްވާނެ، އެއީކީއެއް ދެރަ ރިޕޯޓެއް ނޫން. 65 އެބަ ލިބޭ އެއަށް. އަޣްލަބިއްޔަތަށްވުރެ މާމަތިން. އަޅުގަނޑުމެން ފަށައިގެން މިންވަރަށްވުރެ މާރަނގަޅު.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން

والحمد للّـه. والسّـلام عليـكم.

______________________