بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 23 އޮކްޓޯބަރ 2009 ވީ ހުކުރު ދުވަސް. އަޅުގަނޑާ ތިޔަބޭފުޅުންނާ މިއަދު ބައްދަލުވާއިރު އަޅުގަނޑު މިހުރީ ދިއްލީގައި. އެނގިވަޑައިގަންނަވާނެ، ދިއްލީގައި މިއޮތް މޫސުމަށް އަންނަ ބަދަލާއި އަދި އެއާގުޅޭ ޓެކްނޮލޮޖީއާ މިކަންކަމާގުޅޭ ބައްދަލުވުމެއްގައި ބައިވެރިވުމަށް އިންޑިޔާގެ ބޮޑުވަޒީރު އަޅުގަނޑުމެންނަށް ދަޢުވަތެއް އަރުވާފައިވާތީ، އެ ބައްދަލުވުމުގައި ބައިވެރިވުމުގައި އިންޑިޔާގައި އަޅުގަނޑުމެން މިތިބީ. މިފަހަރުވެސް އަޅުގަނޑުމެންނަށް ލިބިފައިވާ ފުރުސަތު މިއޮތީ ވަރަށް ފުޅާކޮށް ލިބިފައި. އެއީ، ބޮޑުވަޒީރު ދެއްވާފައިއޮތް ދަޢުވަތަކީ، އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ ރައީސްއަކީ، މި ޖަލްސާގެ ޗީފްގެސްޓްގެ ގޮތުގައި ހަމަޖައްސަވާފައި އޮތީތީވެ، އަޅުގަނޑުމެންނަށް ފުޅާދާއިރާއެއްގައި ތަމްސީލުވުމުގެ ފުރުސަތު ހުޅުވިގެން މިދިޔައީ.

އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެއާއި އިންޑިޔާ ޒަމާނުއްސުރެ ފަށައިގެން އޮންނަނީ ވަރަށް ގާތް ގުޅުމެއް. މި ސަރުކާރު ފެށުނީއްސުރެ އަޅުގަނޑުމެން މިގެންދަނީ އެ ގުޅުން ދިވެހިންނަށް އެންމެ ރަނގަޅު ގޮތަށް އެނބުރުމަށް އަދި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން. އެގޮތުން އަޅުގަނޑަށް މިހާރު ހަމަ އުފަލާއެކީ ދެންނެވެން އެބައޮތް، އިންޑިޔާގެ ކުންފުންޏަކުން ހަނިމާދޫގައި އޮތް އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް، އެބޭފުޅުން ކުރައްވާނެކަމުގެ ވަރަށްބޮޑު އިތުބާރާ ޔަޤީންކަން އެބައޮތް. އަދި ހަމައެއާއެކީގައި އިތުރު ބަނދަރެއް އިހަވަންދިއްޕޮޅުގައި ނަމަވެސް، ހެދުމުގެ ފުރުސަތާ އެކަންކަމުގައި އިންޑިޔާ ސަރުކާރުން އެހީވެދޭނެ ކަމުގެ ޔަޤީންކަން ވަރަށްބޮޑު.

ހަމަ އޭގެއިތުރުން، އެނގިވަޑައިގަންނަވާނެ، ސްޓޭޓް ބޭންކް މެދުވެރިކޮށް ޓްރެޜަރީ ބޮންޑް ނުވަތަ ޓްރެޜަރީން އަޅުގަނޑުމެން މިހާރު އެ ވިއްކަން ހަމަޖައްސާފައި ހުރި ބޮންޑުގެ ތެރެއިން އެކަށީގެންވާ އަދަދަކަށް އިންޑިޔާ ސަރުކާރުން ބޮންޑު ގަތުމަށް މިވަނީ އެއްބަސްވެފައި. އެހެން އެކަން ކުރިއަށް ހިނގައިގަތީމާ އަޅުގަނޑުމެން މިދެކެނީ، މިހާރު މިއޮތް ޑޮލަރުގެ ތާށިކަމަށް ވަރަށްބޮޑު ލުޔެއް، ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް. އަޅުގަނޑާއެކު ޢަލީ ހާޝިމްވެސް ވަޑައިގެން އެބައުޅުއްވާ. އެހެންވީމާ، މި ވާހަކަތައް އިންޑިޔާ ސަރުކާރާއެކީގައި މިހާރު މިދަނީ ދެކެވެމުން.

އެނގިވަޑައިގަންނަވާނެ، މިނިސްޓްރީ އޮފް ޑިފެންސުންވަނީ ރާއްޖޭގެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް މަސް ބާނަމުން ގެންދިޔަ، މަސް ހިފަމުންގެންދިޔަ، ދާ އަޅަމުން ގެންދިޔަ ބޭރުގެ ދެ ބޯޓެއް ހިފަހައްޓާފައި. މި ބޯޓު އެގޮތަށް ހިފެހެއްޓުމުގައި މިހާރު ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދުގައި ގުޅިގެން މި ހިންގާ ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ މަޝްރޫޢުގެ އެހީތެރިކަން ވަރަށްބޮޑު. އަޅުގަނޑުމެން މި ބޯޓުގެ ކަންތައް ކުރިއަށް ގެންދާނީ ރާއްޖޭގެ ޤާނޫނުތަކާ ގަވާއިދުތައް ހުރިގޮތުގެ މައްޗަށް ބިނާކޮށް، ހަމަސީދާ އެމަގުން. އަޅުގަނޑުމެންގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ކަނޑުތަކަކީ، ދިވެހިން އެ ކަނޑުތަކުގައި މަސްބާނާ، ދިވެހިންނަށް އެކަނޑުތަކުން ރޯދި ލިބޭ ކަނޑުތަކަކަށްވުން. އިރާދަކުރެއްވިއްޔާ ސަރުކާރުން އެކަނޑުތައް ބަލަހައްޓައިދޭނެ. މި ކަނޑަށް ރާއްޖޭގެ ކަނޑަށް ބޭރުގެ އެއްވެސް ބަޔަކު ވަދެ މަސްބާނާ ހަދައިގެން ނުވާނެ. ހަދައިފިއްޔާ އެބަޔަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަޅަން އޮތް ހުރިހާ ފިޔަވަޅެއް އިރާދަކުރެއްވިއްޔާ އަޅާނެ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިއޮތީ، މިހާރުވެސް މެދުރާއްޖެތެރެއަށް މަސްވެރިކަން ތަންފުކެއް ރަނގަޅުވެއްޖެއޭ. މަސް ބޭނުން ނުވަތަ މަހުގެ މަސްވެރިކަން ދަށްވެގެން މިދާ އެންމެބޮޑު އެއްސަބަބެއްކަމަށް އަބަދުވެސް ފާހަގަވެފައި އޮންނަ ސަބަބެއް މިއީ، ބޭރުގެ ޤައުމުތަކުން ބޯޓުފަހަރުއައިސް ރާއްޖޭގައި ދާ އަޅާ އެޅުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންދާނީ މިކަންކަން ފުރިހަމަ ކުރަމުން، ރަނގަޅުކުރަމުން. ރާއްޖޭގެ މަސްވެރިންނަށް ދިވެހި ކަނޑުތަކުގެ ރޯދި އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް ދިވެހި ކަނޑުތަކުގެ ރޯދި ލިބޭނެ އެންމެހާ ގޮތްތައް މި ސަރުކާރުން ރައްޔިތުންނަށް ފުރިހަމަކޮށްދޭނެ.

އިންޑިޔާ ސަރުކާރުން މިއަދުވެސް އިއްޔެވެސް އަދި މާދަމާވެސް އަޅުގަނޑުމެންނަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް އިތުބާރަކީ، ޑިމޮކްރެޓިކް ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް ދިވެހި ސަރުކާރަކަށް ލޮޅުމެއް އަންނާނެ، ގުޑުމެއް އަންނާނެ އެއްވެސްކަމެއް ވިޔަކަ އެބޭފުޅުން ނުދޭނަމޭ އެ ވިދާޅުވާ ވިދާޅުވުން. އެއީ، އަޅުގަނޑު ހިތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހިތްހަމަޖެހުން ލިބޭނެކަމެއް. އަދި އެއީ، އަޅުގަނޑުމެން ރާއްޖެ ޑިމޮކްރަސީއަށް އެނބުރުމުގެ އެންމެބޮޑު ބޭނުމަކީވެސް. އެނގިވަޑައިގަންނަވާނެ، މިއަދު ސަރުކާރެއް ހިމާޔަތްކުރަން ތިބީކީއެއް ކަނޑިއާއި ބަޑި ހިއްޕަވައިގެން ތިއްބެވި ބޭފުޅުންނެއްނޫން. ސަރުކާރެއް ހިމާޔަތްކުރަން ހަމަތިބީ ހުސްއަތާ ތިބި ރައްޔިތުން. އެއީ، ސަރުކާރެއް ހިމާޔަތްކުރާގޮތަކީ. އެއީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކުން ސަރުކާރު ހިނގަމުންދާއިރުގައި އޮމާންކަމާއެކީގައި ސުލްހަވެރިކަމާއެކީގައި ކަންކަން ހިނގަމުންދާ ސަބަބަކީ.

މިދިޔަ ހަފްތާގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ތަކުރާރުކޮށް ތިން ރެޔަކު އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ލުޠުފީ ގޭދޮށަށް ބަޔަކުމީހުން އެއްވެ، އެބޭފުޅާގެ އަނބިދަރިންނަށާއި، އަދި ހިސާބުގަނޑުގެ ހުރިހާ އެންމެންނަށް ވަރަށްބޮޑު ތުރާއާއި އުނދަގޫ ކުރަމުން ގެންދިޔަތަން. އެއްވެތިބި މީހުންގެ ތެރެއިން އެމީހުން ބުނަމުން މި ގެންދިޔަ ވާހަކައަކީ، ފާހަގަކުރަމުން ގެންދިޔައީ ޣިޔާޘުއްދީން ސްކޫލަށް ވާގޮތަކާ ގުޅިގެންނޭ އެ އެއްވާ މީހުން އެއްވަމުން އެ ގެންދަނީ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ ޑޮކްޓަރ ލުޠްފީއެއްވެސް، އަޅުގަނޑެއްވެސް، ޣިޔާޘުއްދީން ސްކޫލަކަށްވެސް އަދި ޣިޔާޘުއްދީން ސްކޫލްގެ ދަރިވަރުންނަކަށްވެސް ދެރަވާ ހަމަ އެއްވެސްކަމެއް އަޅުގަނޑުމެން ނުކުރާނަމޭ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ރާއްޖޭގައިވެސް ރަނގަޅު ތަޢްލީމެއް ދޭ، ބައިނަލްއަޤްވާމީ ތަޢްލީމެއްދޭ މަދަރުސާތަކެއް ހުރުމަށް. އެހެން އެކަން ހަމަޖެހިގެން ދިޔައީމާ، އެނގިވަޑައިގަންނަވާނެ މިހާރުވެސް ރާއްޖެއިން ބޭރުގައި ވަރަށްގިނަ ދަރިވަރުންތައް ކިޔަވަމުން އެބަގެންދޭ. އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ، ދަރިންނަށް ރަނގަޅު ތަޢްލީމެއް. އެ ތަޢްލީމް ދެވޭނެ ފުރްސަތުތައް ފަހިވުން. ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫޢަކީ، ޣިޔާޘުއްދީން ސްކޫލަކީ، ބައިނަލްއަޤްވާމީ ސްކޫލަކަށް ބަދަލުކުރުމުގެ މަސައްކަތް. އެކަމުގެ ތެރޭގައި އެ ސްކޫލަކީ ފީ ނަގާ ސްކޫލަކަށް ބަދަލުވެގެންދާނެ. އެހެންވިޔަސްވެސް އަޅުގަނޑުމެން ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މިހާރު ޣިޔާޘުއްދީން ސްކޫލްގައި ތަޢްލީމް ހާސިލުކުރަމުން ގެންދާ ދަރިވަރުންނަށް ކުޑަވެސް ބަދަލެއް ނާންނާނެއޭ. އެބޭފުޅުންނަށް އަޅުގަނޑުމެން މި ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދުގެ ބައިކުޅަ ބައެއް ދައްކަމުން ގެންދާނެއޭ.

އޯ.ލެވެލްގެ އިމްތިހާނުތައް މިހާރު މިދަނީ ކުރިއަށް. އަޅުގަނޑަށް ވަރަށްބޮޑަށް އެނގޭ އަޅުގަނޑަށް އިޙްސާސްކުރެވޭ ދަރިވަރުން އިމްތިޙާނަށް ތައްޔާރުވެފައިހުރި މިންވަރު. އަދި ފިލާވަޅު ދަސްކޮށްފައިވާ މިންވަރު. އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އިމްތިޙާން ނިމިގެން ކުރިއަށް، ތަޢްލީމްގައި އިތުރަށް ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އިރާދަކުރެއްވިއްޔާ އެ ފުރުސަތުވެސް ސަރުކާރުން ހޯދައިދޭނެއޭ. އަދި މަސައްކަތެއް ދަސްކޮށްގެން ސީދާ ވަޒީފާއަށް ދާން ބޭނުންވާ ކުދިންނަށްވެސް ފުރުސަތުތައް ހޯދައިދިނުމުގައި ސަރުކާރުގެ ޕްރޮގްރާމްތަކުން ކުރިއަށް ގެންދެވޭނެ. އަޅުގަނޑުމެންގެ އެންމެބޮޑު އެއް ރައުސްމާލަކީ އަޅުގަނޑުމެންގެ ޒުވާނުން. އަދި ކިޔަވަން ހުރި ފުރުސަތުތައް އެ ޒުވާނުންނަށް ހޯދައި ދިނުމަކީ، އަޅުގަނޑުމެންގެ ވަރަށްބޮޑު ބޭނުމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން އެގޮތަށް ކޮށްދޭނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުމެންގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން. ވަރަށްބޮޑަށް ޝުކުރިއްޔާ.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ

______________________