بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 16 އޮކްޓޯބަރ 2009ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުވާއިރުގައި، އަޅުގަނޑު މިހުރީ ހައްދުންމަތީ އަތޮޅުގައި. އަޅުގަނޑުމެން މިއަތޮޅަށް މިކުރާ ދަތުރަކީ، ހަމައެހެންވެސް އަތޮޅުތަކަށް ސަރުކާރުން ކުރާ ދަތުރުތަކެކޭ އެއްފަދައިން، ސަރުކާރުގެ އެކިއެކި މަޝްރޫޢުތައް، އެކިއެކި ޕްރޮގްރާމްތައް މިއަތޮޅުގައި ހިނގަމުންދާގޮތް ބަލައިލުމަށްޓަކައި އަދި މިހިސާބުން ފެށިގެން ސަރުކާރުން އިތުރަށް ކުރެވެންހުރި ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށާއި، ރައްޔިތުންނާއެކުގައި މި ހިނގާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އަޅުގަނޑުމެން ކުރާ ކުރު ދަތުރެއް. ޚާއްޞަ ގޮތެއްގައި، މިދަތުރުގައި އަޅުގަނޑު ކުރެވޭތޯ މިބަލާ އެއްކަމަކީ، ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމުވެފައި އޮތް އެއް ޕްރޮވިންސަކީ، މެދު ދެކުނު ޕްރޮވިންސް ކަމަށްވާތީވެ، މި ޕްރޮވިންސްގައި ދަތުރުފަތުރުކުރުމުގެ ނިޒާމު ހިނގާ ނުހިނގާގޮތް ސީދާ އަޅުގަނޑުވެސް ތަޖުރިބާ ކޮށްލުމަށް އެ ނިޒާމުގެ ޚިދްމަތުގެ ބޭނުން މިއަދު ހިފުމަށްޓަކައި އަޅުގަނޑު ފޮނަދޫން ފުރައިގެން ގަމަށް އައީ ބަހުގައި. ދެން އެއަށްފަހު އިރާދަކުރެއްވިއްޔާ، ދޯނީގައި މިއަތޮޅުތެރޭގައި އަޅުގަނޑަށް ބުރެއް ޖެހޭނެ. އަޅުގަނޑަށް މިފެންނަނީ ވަރަށްގިނަ މީހުން މި ނިޒާމު ބޭނުންކުރަމުން އެބަދެއޭ. އަދި މީގެ ސަބަބުން ލިބޭ ފަސޭހަތަކާއި، ޚިދްމަތުގެ ވާހަކަތައް އެބަ އަޅުގަނޑުމެންނަށް އަޑުއިވޭ. އެކަމާ އަޅުގަނޑު އުފާވޭ. އަޅުގަނޑުމެންގެ މަސައްކަތެއް ކާމިޔާބުގެ އައްސޭރިއަށް ގެންދިޔުމުގެ ކުލަ އަޅުގަނޑުމެންނަށް ފެންނަމުންދާތީވެ.

ޚާއްޞަ ގޮތެއްގައި، އެނގިވަޑައިގަންނަވާނެ، ގަމު ހޮސްޕިޓަލާއި ވޭމަންޑޫ ހޮސްޕިޓަލަށް، މުޅި ދެއަތޮޅުން ބަލިމީހުންނަށް ފަސޭހަކަމާއެކީގައި ދެވޭނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ ރަނގަޅު ކަމަކަށްވާނެ. ގަމު ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް މެދުވެރިކޮށް ބައްދަލުވެވޭނެ އުޞޫލެއްވެސް މިހާރު ހެލްތް މިނިސްޓްރީން ދަނީ ރާވަމުން. އިރާދަކުރެއްވިއްޔާ، އެޕޮއިންޓްމަންޓް ހަދައިގެން، ފެރީއަށް އަރައިގެން އެ ބޭނުންވާ ގަޑިއަށް އާދެވޭނެ ގޮތަކަށް މިނިޒާމު ހަމަޖެހިގެންދާނެ. ހަމައެހެންމެ، އަޅުގަނޑުމެންގެ އުންމީދެއް އެއީ، ބޭނުމެއް އެއީ، މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް، އެދަރިވަރުންނަށް ބޭނުން މަދަރުސާއެއްގައި، ޕްރޮވިންސްތެރޭގައި ކިޔެވޭނެ ފުރްޞަތު ހަމަޖައްސައިދީ، އަދި އެމަދަރުސާތަކަށް ފަސޭހަކަމާއެކީގައި ދެވޭނެ ގޮތްތަކެއް ހޯދުން. އެކަންކަން އިރާދަކުރެއްވިއްޔާ މިދަނީ ކުރިއަށް. އަޅުގަނޑުމެންނަށް މިކަމުގެ ކާމިޔާބު ލިބޭނެކަމީ މިހާރު އަޅުގަނޑު ކުރިއަށްވުރެ އަދި މާބޮޑަށް ޔަޤީންކުރާ ކަމެއް.

އެނގިވަޑައިގަންނަވާނެ، މިއަދަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްވެސްމެ. މިއަތޮޅަކީ، ހައްދުންމައްޗަކީ ކާބޯތަކެތީގެ ގޮތުން ވަރަށް މުއްސަނދި، ބިން ބޮޑު ރަށެއް. މިއަތޮޅުގައި އަޅުގަނޑުމެންނަށް ރާއްޖޭގެ ދަނޑުވެރިކަމުގެ ޞިނާޢަތަށް ބަދަލުގެނައުމުގައި، ތަރައްޤީ ކުރުމުގައި މިއަތޮޅުގައި ކުރެވެންހުރި ކަންކަން މަދެއްނޫން. ސަރުކާރުން މިހާރުވަނީ އެގްރިކަލްޗަރ ކޯޕަރޭޝަނެއް އުފައްދާފައި. އެ ކޯޕަރޭޝަންގެ އެންމެބޮޑު އެއް ރައުސްމާލަކީ ނުވަތަ އެސެޓަކީ މެންދޫ. އެއީ، މިއަތޮޅު ރަށެއް. މެންދޫގައި އަޅުގަނޑުމެން މިބަލަނީ އެހިންގާ ޕްރޮގްރާމްގައި ސަރުކާރާއެކުގައި ބައިވެރިވާނެ ޙިއްޞާދާރެއް، ވިޔަފާރީގެ ބައިވެރިއެއް ހޯދުމަށް. އެ މަސައްކަތް މިހާރުދަނީ ކުރިއަށް. އަޅުގަނޑުމެން މިދެކެނީ، ދާދި އަވަހަށް އެމަސައްކަތުގައި އަޅުގަނޑުމެންނަށް ކާމިޔާބުގެ އައްސޭރިއަކަށް ފޯރާނެ ކަމަށް. ހަމައެހެންމެ، ރަށުގައި، މިއަތޮޅުގައި މިއޮތް ބިމުގައިވެސް ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅަށް ކާބޯތަކެތި ހައްދައި، ދަނޑުވެރިކަމުގެ މަސައްކަތް ހިންގޭނެ ގޮތްތަކެއް އަޅުގަނޑުމެން މިދަނީ ހޯދަމުން.

އެނގިވަޑައިގަންނަވާނެ، މާދަމައަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ދުވަހެއް. ސަރުކާރަށްވެސް. އަދި އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންނަށްވެސް އެހާމެ މުހިންމު ދުވަހެއް. ރާއްޖޭގެ ވަޒީރުންގެ މަޖިލިސް، ކަނޑުއަޑީގައި ބައްދަލުވުމަށް، މޫދުގައި ބައްދަލުވުމަށް އިންތިޒާމްވެފައި އޮތް ދުވަހެއް މާދަމައަކީ. މިކަމުގެ ބޭނުމަކީ، މި އަހާ ސުވާލަކީ ކިހިނެއްތޯއޭ ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް ދުނިޔޭގެ ނަޒަރު، ދިވެހިރާއްޖެއަށް ހުއްޓުވޭނީ. ރާއްޖޭގެ ސިޔާސީ ވެރިން، ރާއްޖޭގެ ކެބިނެޓުން ނިންމާ ނިންމުން، މުޅި ދުނިޔެއަށް އޭގެ އަޑު ފޯރާނެ ގޮތެއް ހޯދުން މިވަގުތު އަޅުގަނޑުމެންގެ ނަޒަރުގައި މުހިންމު. އެއީ މޫސުމަށް، ޖައްވަށް އަންނަ ބަދަލާ ގުޅިގެން ދިވެހިރާއްޖެއަށް ލިބިދާނެ ގެއްލުން ހުރިހާ ބޭފުޅުންނަށްވެސް އެބަ ފާހަގަވޭ. އެހެންވީމާ، އެގެއްލުމުން ދިވެހިރާއްޖެ ސަލާމަތްވުމަށްޓަކައި ދުނިޔޭގެ އެންމެހާ ރައްޔިތުންނާއި ދިވެހިންނާ ދެމެދުގައި އެބަ ވާހަކަތަކެއް ދެކެވެންޖެހޭ. އެވާހަކަތައް ދެކެވުމަށް، އެކަމަށް މަގުފަހިވުމަށް ދުނިޔޭގެ ނަޒަރު ދިވެހިރާއްޖެއަށް އެބަ ހުއްޓެންޖެހޭ. އެހެންވީމާ، އެ ބޭނުމަށްޓަކައި އަޅުގަނޑުމެން މިމަސައްކަތް ފަށައިގަތީ. އިރާދަކުރައްވައިގެން، މިކަން ވަރަށް ފުރިހަމަ ކާމިޔާބަކާ ހަމައަށް މިއޮތީ ދެވިފައި. މިހާރު އަޅުގަނޑު ދަންނަވާނީ، ދުނިޔޭގައި މަދުވާނެއޭ ޤައުމެއް، އެޤައުމެއްގެ ނޫހެއްގައި ނުވަތަ ރޭޑިއޯއަކުން ނުވަތަ ޓީ.ވީ.އަކުން ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލިސް މޫދުގައި ބައްދަލުވާ ވާހަކަ ނުދައްކާ. އެހެންވީމާ، އަޅުގަނޑުމެންނަށް އެކަމާ ގުޅިގެން ދެން މި މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުން، ގުޅޭގޮތުން ދައްކަން ހުރި ވާހަކަތަކާއި، ދިވެހިން އެކަމާ ގުޅޭގޮތުން ދެކޭ ދެކުން ހާމަވެ ފާހަގަކޮށްލެވޭނެ، ފާހަގަވެގެންދާނެ. އަޅުގަނޑު ދެކެނީ، މިއީ އަޅުގަނޑުމެންނަށް ވަރަށްބޮޑު ކާމިޔާބެއް ލިބިދާނެ ކަމެއް ކަމަށް.

އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަޙައްދު ބޮޑުކުރުމުގެ ފުރްޞަތު އޮތްތޯ ބެލުމުގެ މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިވަނީ ނިންމާފައި. ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ސަރަޙައްދު ބޮޑުކުރުމުގެ ފުރްޞަތެއް އޮތްކަމަށް އަޅުގަނޑުމެންނަށް ފެނޭ. އެއީ، މީގެ އަހަރުތަކެއް ކުރީގައި، އ.ދ.އިން ނިންމާފައި އޮތް ނިންމުމެއްގައި، ޤައުމުތަކުގެ ސަރަޙައްދު ކަނޑައެޅުމަށްޓަކައި ޤައުމުތަކުން ކުރަންޖެހޭ ވަކިބާވަތުގެ ކަންތައްތަކެއްކޮށް، އ.ދ. އަށް އެ މަޢްލޫމާތު ހުށަހެޅީމާ، އެކަން ހިނގާ ގޮތަށް އޮތީ. މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވިއިރު، މިކަމުގެ މަސައްކަތްތައް އެއްގޮތަކަށްވެސް ހުރީ ނުކުރެވި. ވަގުތުވެސް އޮތީ ވަރަށް ކުޑަތަންވެފައި. އެހެން ނަމަވެސް، އަޅުގަނޑުމެން ވަރަށް ބާރަށް އެމަސައްކަތް ފަށައިގަނެ، މިހާރު ބައެއް އެކުވެރި ދައުލަތްތަކުގެ އެހީއާއެކުގައި އެމަސައްކަތް މިދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ސަރަޙައްދު، ރާއްޖޭގެ ސަރަޙައްދު މިހާރު މިއޮތް މިނަށްވުރެ ބޮޑު ސަރަޙައްދެއްގެ ގޮތުގައި ދާދި އަވަހަށް އިޢްލާނުވެގެންދާނެ.

ރައްޔިތުންގެ މަޖިލީހުގައި، އިއްޔެ ނޫން އޭގެ ކުރީ ދުވަހު ބަޙުޘް ކުރެވުނު އަދި ވާހަކަ ދެކެވެމުންދިޔަ އެއްބިލަކީ، ޤާނޫނުލްޢުޤޫބާތާ ގުޅޭގޮތުން ކުރެވުނު ބަޙުޘް، ދެކެވުނު ވާހަކަތައް. އޭގެތެރޭގައި، ޢުޤޫބާތެއްގެ ގޮތުގައި މީހުން މެރުން އެބަ ކަނޑައެޅޭ. އަޅުގަނޑުގެ ނަޒަރުގައި، މިވަގުތު އެކަމާ ގުޅޭގޮތުން އަޅުގަނޑު ކޮންމެވެސް އެއްޗެއް ދެންނެވުމަކީ، ނެތް ކަމެއް ކަމަކަށް ނުދެކެން.

އަޅުގަނޑަށް ފެންނަ ފެނުމުގައި، އިންސާނެއްގެ ފުރާނަ ހިފެންޖެހޭނީ، އިންޞާފުވެރި، ވަރަށް އިންޞާފުވެރި، އަޅުގަނޑުގެ ނަޒަރުގައި ރަސޫލު ޒަމާނުގެ އިންޞާފުން ކަންކަން ޝަރީޢަތް ކުރެވިގެން، ދެން ތަންފީޒު ކުރެވޭ ޙުކުމެއްގެ ތެރޭގައި. އަޅުގަނޑެއް ނުދެކެން، މި ރާއްޖޭގައި ޝަރްޢީ ނިޒާމު އެއީ އިންޞާފުވެރި، އެހާ އިންޞާފުވެރި ގޮތުގައި ހުރިހާ ކަމެއް ނިންމޭނެފަދަ ޤާބިލުކަން ލިބިފައި ހުރި ޝަރީޢަތުގެ ނިޒާމެއް ކަމަކަށް. އެހެންވީމާ، މަރުގެ ޙުކުމާއެކުގައި އަންނަ ކޮންމެ ރައްޔިތެއްގެ ޙުކުމް މަޢާފް ކުރުމުގެ ބުރަ ނުވަތަ އެ ޙުކުމް ތަންފީޒު ކުރުމުގެ ބުރަ، އައިސް އެންމެފަހުން މި ދިމާވާނީ ހުއްޓޭނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި. އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ގޮތަކީ، މީހުންގެ ފުރާނަ ހިފުން އެއީ، ޤާނޫނުލްޢުޤޫބާތުގައި އޮންނަ ޢުޤޫބާތަކަށްނުވުން. މީހުން މެރުން އެއީ ޤާނޫނީގޮތުން، ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅައި، އެކަން ކުރާގޮތަށް ނެތުން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މަޖިލީހުން މި ފިކުރާއެކުގައި މިބިލް ފާސްވެގެން ހިނގައިދާނެ ކަމަށް.

ހަމައެހެންމެ، އަޅުގަނޑުމެން ރާއްޖޭގައި އަތް ކެނޑުންވެސް އެއީ، މިހާތަނަށް އައިއިރުގައި ޢާންމުކޮށް ކުރަމުން އައި ކަމެއް ނޫން. އެކަން ކުރެވުނު ދެފަހަރެއްގައިވެސް އެކަމާ ގުޅިގެން ނުކުތް، ނޭދެވޭ ކަންކަން، ނުރަނގަޅު ކަންކަން އެހާމެ ފުޅާ، އެހާމެ ބޮޑު. އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ލިޔެވިގެން އެކަން ކުރަމުން ގެންދާ ގޮތަށް އޮންނާންވެއްޖެ ކަމެއް ކަމަކަށް.

އަޅުގަނޑުމެންނަށް މި ދުވަސްކޮޅުގެ ފަހުން ހަމަ މި ހަފްތާގެ ތެރޭގައި، އަޅުގަނޑު މިމަހުގެ 21 ވަނަ ދުވަހު މި ފުރައިގެން މިދަނީ ޑެލްހީއަށް. އިންޑިއާގައި އޮތް ކޮންފަރެންސެއްގެ ޗީފްގެސްޓްގެ ގޮތުގައި އަޅުގަނޑަށް ދަޢްވަތު ލިބިފައިވާތީވެ، އިންޑިއާ ޕްރައިމް މިނިސްޓަރ ދަޢުވަތު އަރުވާފައިވާތީވެ، އެކަމާ ގުޅިގެން އަޅުގަނޑު އިންޑިޔާއަށް ކުރާ ދަތުރެއް، 21 ވަނަ ދުވަހު އެބަ ކުރަން. އެދަތުރު ނިމި އަޅުގަނޑަށް އާދެވޭނީ 25 ވަނަ ދުވަހު. އިރާދަކުރެއްވިއްޔާ، އިންޑިއާގައިވެސް އަޅުގަނޑުމެން ދިވެހިރާއްޖެ ތަމްސީލުކޮށްދޭނަން. އަދި ދިވެހިރާއްޖޭގެ މަގާމު، ދިވެހިންގެ ޤަދަރާއި ޢިއްޒަތް، ދިވެހިންނަކީ ކޮބައިކަން، އިންޑިއާ ރައްޔިތުންނަށްވެސް އަދި މުޅި ދުނިޔެއަށްވެސް ފާހަގަކޮށްދެވެން އޮތް މިންވަރަކަށް އަޅުގަނޑުމެން ފާހަގަކޮށްދެމުން ގެންދާނަން.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރީގައި ދަންނަވާލަން ބޭނުން، މިދިޔަ ހަފްތާގެ ތެރޭގައި، ވަރަށް އެދެވޭ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި، ކުރީގެ ރައީސުންނާ ގުޅޭ ބިލް ނިމިގެން އެދިޔައީ. ބައެއް ބޭފުޅުން އަދި ޚާއްޞަކޮށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުވެސް ވަރަށް ޖެހިލުންވެ ހުރީ، ވަރަށް ހިތްހަމަނުޖެހި ހުރީ، ކުށުގެ ތުހުމަތުން ބަރީޢަވެވޭނޭ އެއްވެސް ގޮތެއް ރާއްޖޭގެ އެއްވެސް ޤާނޫނެއްގައި، އެއްވެސް މީހަކަށް ލިބިފައި އޮތުމަކީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑަކަށެއް ނުދެކެވޭ. އެހެންވީމާ، އެ ބިލްގައި އެއޮތް 9 ވަނަ މާއްދާގެ އިޞްލާޙަކާ އެކުގައި ހަމަ ކުރީގެ ރައީސުންނަށްވެސް ޢިނާޔަތާއި ޕެންޝަނާއި އެހީތެރިކަން ލިބޭގޮތަށް މިހާރު އެވަނީ ފާހަގަވެފައި، ބަދަލުވެފައި. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އެކަންކަން ހަމަޖެހިގެން އަންނައިރުގައި، އެއްވެސް ފަރާތަކުން އެކަމާ ވިދިގެން ނާޖާއިޒު ކަމެއް ހިންގައި އަދި އިތުރު ފައިދާއާއި މަންފާވެސް އެކަމާ ގުޅިގެން ނުނެންގެވުން.

ހަމަ އަޅުގަނޑު ފާހަގަކުރަން ބޭނުން، ކުރީގެ ރައީސުންނަކީ ސިޔާސީ ވާދަވެރިންނަށް، އެއިރެއްގައި އެއޮންނަ ސަރުކާރެއްގެ ސިޔާސީ ވާދަވެރިންނަށް ވެއްޖެނަމަ، ކުރީގެ ރައީސުންނަށް ދޭ ޤަދަރެއް ނުލިބޭނެ. އޭގެ ބަދަލުގައި ލިބޭނީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ލީޑަރަށް ކުރަންޖެހޭ ޤަދަރާއި ދޭންޖެހޭ ޢިއްޒަތް. އަޅުގަނޑުމެންގެ ހިތުގައި އެކަން އޮންނަ ގޮތުގެ މައްޗަށް ކަންކަން ބިނާވެގެންދާނީ. ޤާނޫނުގައި ވަރަށް އުނދަގޫވާނެ، ހުރިހާ ވާހަކައެއް ލިޔަން. ހެޔޮ ނިޔަތާއެކީގައި ނޫނިއްޔާ އެއްވެސް ޤާނޫނެއް ރަނގަޅަށް ޙަޤީޤަތުގައި ތަންފީޒުވެގެނެއް ނުދާނެ. އެހެންވީމާ، ކުރީގެ ރައީސުންވެސް އެއީ، ސިޔާސީ މަސައްކަތުން އެއްކިބާވެ، ހަމައެކަނި ދައުލަތުގެ ޢިއްޒަތްތެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް ބަދަލުވީމާ، އަޅުގަނޑުމެންނަށް މިކަންކަން އޮމާންކަމާއެކީގައި ގެންދަން ކިތަންމެ ތަނަކުން ފަސޭހަވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި، މާ ފަހި، މާ ފެހި މުސްތަޤްބަލެއް އަޅުގަނޑުމެން އެންމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________