بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 9 އޮކްޓޯބަރ 2009ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ރޭޑިއޯގެ ޒަރީޢާއިން ބައްދަލުވާއިރު، އަޅުގަނޑު މިހުރީ އިނގިރޭސިވިލާތުގެ މެންޗެސްޓަރގައި. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މެންޗެސްޓަރއަށް މިއައީ، ސަރުކާރު ދަތުރެއްގައެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޕާޓީގެ ދަތުރެއްގައި. މިދަތުރުގެ ސަބަބުން، އަޅުގަނޑުމެންނަށް، ދިވެހިންނަށް، ދިވެހި ސަރުކާރަށް، ދިވެހި ދައުލަތަށް، ދިވެހި ޤައުމަށް ކިތަންމެ ފައިދާތަކެއް ލިބޭނެކަމީ، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ހިނގާ ކަމެއް ނޫން.

ދެން އިނގިރޭސިވިލާތުގެ ވެރިކަމަށް އަންނާނެ ކަމަށް މިހާރު އެންމެން މިދެކެނީ، ކޮންޒަރވެޓިވް ޕާޓީ. އެ ޕާޓީއާ އަޅުގަނޑުމެންނާ މިއޮތީ ވަރަށް ގާތް ގުޅުމަކުން ގުޅިފައި. އަޅުގަނޑުމެންނާ ކޮންޒަރވެޓިވް ޕާޓީއާ ދެމެދު މިއޮންނަ ގުޅުން ބަދަހިވަމުންދާތާ މިހާރު 4 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ. އަޅުގަނޑަށް އަދި ދިވެހިރާއްޖޭގެ އެންމެ ރައްޔިތުންނަށް ދެވޭ ޤަދަރެއް މިއީ، ޢިއްޒަތެއް މިއީ، އަޅުގަނޑުމެންނާ ދޭތެރޭގައި ކޮންޒަރވެޓިވް ޕާޓީގެ އެންމެ ވެރިން ބަހައްޓަވާ ގާތްކަމާއި، އަޅުގަނޑުމެން ހިމަނައިގެން އެބޭފުޅުން އެންމެ ކަންކަން ކުރިއަށް ގެންދަން ބޭނުންވެލައްވާ މިންވަރު. އަޅުގަނޑު ދަންނަވާނީ، މި އަންނަ އަހަރު އެބޭފުޅުންނަށް އިނގިރޭސިވިލާތުގެ ވެރިކަން، އެ އިންތިޚާބުން ކާމިޔާބު ކުރެވުނީމާ، އަޅުގަނޑުމެންނަށް ކިތަންމެ ރަނގަޅުތަކެއް، ކިތަންމެ ފައިދާތަކެއް، ކިތަންމެ މަންފާތަކެއް ކުރާނެއޭ.

އަޅުގަނޑަށް އެބައޮތް ވާހަކަ ދެއްކުމުގެ ފުރްޞަތެއް، މިބޭފުޅުން އަރުވާފައި. ވާހަކަ ދައްކަވަން ތިއްބެވި ބޭފުޅުންނަކީ، އެޕާޓީގެ އެންމެ އިސްވެރިން. އެއީ، ފޮރިން ސެކްރެޓަރީ. ފޮރިން ސެކްރެޓެރީ ވިލިއަމް ހޭގަކީ ކުރީގެ ޕާޓީގެ ލީޑަރުވެސްމެ. ވިލިއަމް ހޭގް ހެނދުނު ވާހަކަ ދެއްކެވުން އެބައޮތް. އަދި މެންދުރުފަހު ޑޭވިޑް ކެމަރޫން، ޕާޓީގެ ލީޑަރު ވާހަކަ ދެއްކެވުން އެބައޮތް. ވިލިއަމް ހޭގް ވާހަކަ ދެއްކެވުމުގެ ކުރީގައި އަޅުގަނޑަށް އެބައޮތް ވާހަކަ ދެއްކުމުގެ ފުރުޞަތު. އިރާދަކުރެއްވިއްޔާ، އެ ފުރްޞަތުގައިވެސް ރާއްޖެއަށް ފައިދާހުރި ގޮތަކަށް އަޅުގަނޑުމެންގެ ބަސްތަކާއި ޢަމަލުތައް ބެހެއްޓުމަށް އަޅުގަނޑު ގަދައަޅައި މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ، މިފުރްޞަތުގެ ސަބަބުންވެސް ރާއްޖެއަށް ލިބިގެންދާނީ ކިތަންމެ ރަނގަޅެއް. ކިތަންމެ ފައިދާއެއް.

އަޅުގަނޑު މިދަތުރު ނިންމާފައި މާލެ ދެވޭއިރު، އަޅުގަނޑުމެންނަށް ދެން ކުރިމަތީގައި މިއޮތީ، އެސް.އެސް.ސީ އިމްތިޙާނާއި، އަހަރުގެ ފަހު އިމްތިޙާން. އަދި ކެމްބްރިޖް އިމްތިޙާނުވެސް ހަމައެއާއެކު މިއޮތީ ދާދި އަވަހަށް ފެށޭގޮތަށް. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، އިމްތިޙާނުތައް ފެށޭނެ. އަޅުގަނޑުގެ ނަޞޭޙަތަކީ ހުރިހާ މައިންބަފައިންވެސް، ޓީޗަރުންވެސް މި އިމްތިޙާނުތަކަށް ދަރިވަރުން ފަރިތަކުރުމަށާއި، ދަރިވަރުންނަށް ރިވައިޒް ކޮށްދިނުމަށް އެހީތެރިވެދިނުން. އިރާދަކުރެއްވިއްޔާ، ހުރިހާ ކުދިންވެސް އިމްތިޙާނުތަކަށް މަސައްކަތްކޮށް، އިމްތިޙާނުތައް ނިމޭއިރު، އެ އެދޭ ރަނގަޅު ނަތީޖާ ހޯއްދަވާނެ. ކުދިން ޗުއްޓީއަށް ދިއުމަށް މިޞްރާބު ޖަހާއިރުގައި، އުފާވެރިކަމާއެކީގައި ޗުއްޓީއަށް ދެވޭނެގޮތެއް އިރާދަކުރެއްވިއްޔާ މަގުފަހި ހަމަވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށްވެސް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________