بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 2 އޮކްޓޯބަރ 2009ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، އިއްޔެއަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް. މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، ރާއްޖޭގެ ދޮށީ ޢުމުރުގެ ބޭފުޅުންގެ ކަންތައްތައް ކުރީގައި އެއޮތް ގޮތް ނޫން އެހެން ގޮތަކަށް އަނބުރައި، ރިވެތި ގޮތުގައި އެ ރައްޔިތުންނަށް ދިރިއުޅެވޭނޭ މަގެއް، ގޮތެއް ހޯދައިދިނުން. އެގޮތުން، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަމަ ޙަވާލުވުމާ ގުޅިގެން، ރާއްޖޭގެ ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ ފިރިހެނަކަށްވެސް، ކޮންމެ އަންހެނަކަށްވެސް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމުގެ މަޝްރޫޢު މިހާރުވަނީ ފެށިފައި. މާތްރަސްކަލާނގެ އިރާދަފުޅާ އެކުގައި އެބޭފުޅުންނަށް މިހާރު މިދަނީ އެފައިސާ ހަމަ ގަވާއިދުން ލިބެމުން. ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ، އެފައިސާ އެބޭފުޅުންނަށް ލިބޭނެ. އެފައިސާ އެބޭފުޅުންނަށް ލިބޭކަމުން، އަޅުގަނޑުމެން ރާއްޖޭގެ އެ ޢުމުރުގެ ރައްޔިތުންނަށް ކިތަންމެހާވެސް ގިނަ ފަސޭހަތަކެއް އެބަ ލިބޭ. އަދި ރިވެތި ގޮތުގައި، ތާހިރު ގޮތުގައި ދިރިއުޅުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ މަގުވެސް އެ ރައްޔިތުންނަށް ފެނިގެން އެބަދޭ.

ސަރުކާރުން އެބަ ގެންގުޅޭ ސިޔާސަތެއް. އެއީ، އޯގާތެރި ސަރުކާރެއް ޤާއިމު ކުރުމުގެ ސިޔާސަތެއް. މި ސިޔާސަތުގެ ދަށުން އަޅުގަނޑުމެން ފުރަތަމައިނުން މި ފާހަގަކުރަނީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ނިކަމެތި ފަޤީރުންގެ ގޮތުގައި ކިހާ ބަޔަކު ފާހަގަވޭތޯ. މިހާތަނަށް ލިބިފައި ހުރި މަޢްލޫމާތުގެ އަލީގައި ދެކޭއިރު ފާހަގަމިވަނީ، އެއްލައްކަ ހަހާސް ހަތަރުސަތޭކަ ތެއްތިރީސް ރައްޔިތުންނަކީ ވަރަށް ނިކަމެތި ރައްޔިތުންނޭ. އެ ރައްޔިތުންނަށް މަހެއްގެ މައްޗަށް ހަސަތޭކަ ރުފިޔާވެސް ނުޖެހޭނެ. އެނގިވަޑައިގަންނަވާނެ، މަހެއްގެ މައްޗަށް ހަސަތޭކަ ރުފިޔާ ލިބިގެން ކުރެވޭނެ ހަމަ އެއްކަމެއްވެސް ޙަޤީޤަތުގައި ނޯންނާނެ. ވަރަށް ދަތިވާނެ. އަދި ގެއެއްގެ ނިސްބަތުން ބައްލަވާއިރުގައިވެސް އެއީކީއެއް ބޮޑު އެއްޗެއްގެ ގޮތުގައި ނުބެލޭ. ގެއެއްގެ ނިސްބަތަކީ މިހާރު މިދެކޭ ތަފާސް ހިސާބު ދައްކާ ގޮތުގައި، ހަތް ރައްޔިތަކީ ގެއެއްގެ ތެރޭގައި ދިރިއުޅޭނޭ ޢަދަދު ކަމަށް. އެހެންވީމާވެސް، ގެއަކަށް އޭރުންވެސް މިޖެހެނީ މިދެންނެވި ޢާއިލާތަކަށް، ގެތަކަށް އެއީ ނިކަމެތިންގެ ގޭގެއަށް މިޖެހެނީ ގިނަވެގެން މަހަކު ހަތަރުހާސް ރުފިޔާ. އެއީ ހަތް މީހުން ދިރިއުޅޭ ގެއަކަށް. އަޅުގަނޑުމެންގެ ބޭނުމަކީ، ހަސަތޭކަ ރުފިޔާ ލިބޭ މީހާއަށް އެކި ބާވަތް ބާވަތުގެ އެހީތެރިކަން ފޯރުކޮށްދީގެން، އެމީހާގެ މުސާރަ ބާރަސަތޭކަ ނުވަތަ އެމީހާއަށް ލިބޭ ޢަދަދު ބާރަސަތޭކަ ރުފިޔާއަށް ގެންދިއުން. ގެއެއްގެ ގޮތުގައި ދެކެނީނަމަ، ކޮންމެ ގެއަކަށްވެސް އަށްހާސް ރުފިޔާ ވަންނާނެ މަގަށް ކަންތައްތައް ހަމަޖެހޭތޯ ބެލުން.

އެގޮތުން، ފުރަތަމައިނުން އަޅުގަނޑުމެން ހިންގާން ފެށި މަޝްރޫޢަކީ، މިދެންނެވިހެން ޢުމުރުން ދޮށީ ރައްޔިތުންގެ ކަންކަން ފުރިހަމަކޮށްދިނުން. ހަމައެއާއެކީގައި، މިހާރު މިވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ނަމުގައި އޭޖެންސީއެއް އުފެއްދިފައި. އަދި އެ އޭޖެންސީގެ ޚިދްމަތް މިހާރު މިދަނީ ރައްޔިތުންނަށް ލިބެމުން. ދޮށީ ޢުމުރުގެ ރައްޔިތުންނަށް ލިބޭ ޕެންޝަންވެސް ދެމުން މިދަނީ އެ އޭޖެންސީ މެދުވެރިކޮށް.

އެ އޭޖެންސީގެ ތެރެއިން ދެން އަޅުގަނޑުމެންނަށް މިހިންގޭ އެންމެ މުހިންމު އަނެއް ކަމަކީ، ޞިއްޙީ ޚިދްމަތް. ”މަދަނަ“އިގެ ޕްރޮގްރާމް. އެ ޕްރޮގްރާމްވެސް މިހާރު މިދަނީ ވަރަށް ހަލުވިކަމާއެކީގައި ކުރިއަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަހަރު ނިމޭއިރުގައި، އަޅުގަނޑުމެން އުންމީދުކުރާ ޢަދަދަށް އެ ޕްރޮގްރާމްގައި ރައްޔިތުން ބައިވެރިކުރެވޭނެ. އަދި އެރައްޔިތުންނަށް ޞިއްޙީ ފަރުވާގެ އެހީތެރިކަން އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ.

ހަމަ އޭގެއިތުރުން، ދެން އަޅުގަނޑުމެން މިފަށާ އަނެއް ޕްރޮގްރާމަކީ މިދެންނެވިހެން ކަރަންޓް ބިލް ނުދެއްކޭ ޢާއިލާތަކަށް، އެ ބިލް ދައްކައިދިނުމުގައި އެހީތެރިވެދިނުމުގެ ޕްރޮގްރާމެއް. މިކަން އަޅުގަނޑުމެން މިހެން ކުރާއިރުގައި، ކަރަންޓް ބިލް ނުވަތަ ކަރަންޓްގެ އަގު ކުޑަތަންފުކެއް ބޮޑުވެގެންދާނެ. އެހެން ނަމަވެސް، އެހީތެރިވެދޭ މިންވަރަކީ މިހާރުހުރި ވަރަށްވުރެ އަދި ކަރަންޓްގެ އަގު ބޮޑުވި ކަމުގައިވިޔަސްވެސް، ވެދެވޭ އެހީގެ ޢަދަދު ބިނާވެފައި އޮންނާނީ، މިހާރު މިއޮތް ބުރަމިނާ އެއްވަރުވާ ވަރަކަށެއް ނޫން. އެއަށްވުރެ ރައްޔިތުމީހާއަށް ލުއިވާގޮތަށް. އެ ގޭބީސީއަކަށް ލުއިވާގޮތަށް. އެހެންވީމާ، އަޅުގަނޑުމެންގެ ޢަދަދުތައް ކަނޑައެޅިގެންދާނީ އެ އުޞޫލުން، އެ މަގުން. ހަމައެހެންމެ، ކާޑުވެސް އަދި ފެނުގެ ބިލްގައިވެސް ސަރުކާރުން ގަސްދުކުރަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް އެ ޕްރޮގްރާމްތައް ހިންގަމުން ކުރިއަށް ގެންދެވޭނެ.

ހަމަ މިއާއެކުގައި އަޅުގަނޑު ވަރަށް އުފަލާއެކުގައި ދަންނަވާލަން ބޭނުންވަނީ، މިހާރު ލ. އަތޮޅާއި ތ. އަތޮޅުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމު ހިނގަން ފެށިތާ ތިންހަފްތާއެއްވެ މިދަނީ. މިދިޔައިރުގައި ފެންނާން ހުރި ހިސާބުތައް ވަރަށްވެސް ރަނގަޅު. މީހުން ދަތުރުކުރާ މިންވަރު ވަރަށް ރަނގަޅު. އަލަށް ފަށައިގަނެވޭ މަޝްރޫޢަށް ބަލާފައި، ތިން ހަފްތާގެ ތެރޭގައި ދެހާސް ހަސަތޭކަ މީހުން މި ޚިދްމަތުގެ ބޭނުންކޮށްފައިވާކަން އެއީ، އަޅުގަނޑުމެންނަށް ލިބުނު ކުރިއެރުމެއް. ހަމައެހެންމެ، އަޅުގަނޑުމެންނަށް މިހާރު މިފާހަގަވަނީ، މިޚިދްމަތް ދެވެން ފެށުމުން، ވިޔަފާރިވެސް އެބަ ރަނގަޅުވެޔޭ. އެއީ އެއްރަށެއްގައި ހުންނަ މުދާ އަނެއް ރަށަކަށް ގެންގޮސް ވިއްކޭނެގޮތް ފަސޭހަކަމާ އެކީގައި އެބަ ހޯދޭ. އަދި އެއްރަށެއްގައި ހުރި ޚިދްމަތްތައް އަނެއް ރަށެއްގެ ރައްޔިތަކަށް ލިބިގަތުމަށް، ހޯދުމަށް ފަސޭހަކަމާ އެކީގައި ވާސިލުވެވޭނެ ގޮތެއް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިއުފެއްދެނީ. ސަރުކާރުން މިގެންދަނީ މިހާރު މިހިނގާ ދަތުރުފަތުރުގެ ނިޒާމު، އެއީ ލ. އަތޮޅާއި ތ. އަތޮޅުގައި ހިނގަމުންދާ ނިޒާމު ވަރަށް ގާތުން ބަލަމުން. އެކަންކަން ހިނގާގޮތް އޮޅުންފިލުވަމުން. ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހއ. ހދ. ށ. އާއި، ހުވަދުއަތޮޅުގަޔާއި، އައްޑުއަތޮޅުގައި މި މަޝްރޫޢު އަޅުގަނޑުމެންނަށް ފެށޭނެ. އައްޑުއަތޮޅުގެ އިތުރުން އަދި ފުވައްމުލަކާއި އައްޑުއަތޮޅާ މިދެއަތޮޅުގައިވެސް މި މަޝްރޫޢު ފެށިގެން ކުރިއަށްދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިބުނާ ލާމެހިފައިވާ ދިވެހިރާއްޖެ، އެއީ އެކަކާ އަނެކަކާ ގުޅިފައި އޮންނަ ދިވެހިރާއްޖެ އިސާހިތަކު އަޅުގަނޑުމެންނަށް ފެނިގެން އިރާދަކުރެއްވިއްޔާ ހިނގައިދާނެ.

އެނގިވަޑައިގަންނަވާނެ، މިފެށޭ ހަފްތާގައި އަޅުގަނޑުމެންނާ ވަރަށް މުހިންމު ދުވަހެއް އެބަ ބައްދަލުކުރޭ. އެއީ، ޓީޗަރުންގެ ދުވަސް. އަޅުގަނޑުމެން އެންމެންގެވެސް ދަރިންގެ ގިނަ ވަގުތު ހޭދަކުރަނީ ޓީޗަރުންނާއެކު. އަޅުގަނޑުމެންގެ ހުރިހާ އެންމެންގެވެސް ދަރިންނަށް ތަރުބިއްޔަތެއްދީ، އަޅުގަނޑުމެންގެ ކުދިން މުސްތަޤްބަލަށް އުފައްދަމުން، ތައްޔާރު ކުރަމުން، ތަމްރީނު ކުރަމުން ގެންދާ ބަޔަކީ ޓީޗަރުން. އެބޭފުޅުންގެ މަސައްކަތަށް އަޅުގަނޑުމެން އެހީތެރިވެދޭންޖެހޭ. އަދި އެބޭފުޅުންގެ މަސައްކަތްތައް އަޅުގަނޑުމެން އުފަލާއެކީގައި ހިތުގެ އަޑިން ބަލައިގަންނަން ޖެހޭނެ. އަޅުގަނޑު އުންމީދު ކުރަނީ، ހުރިހާ ޓީޗަރުންނަށްވެސް ފާގަތި މުސްތަޤްބަލެއް ލިބޭނެ ކަމަށް. އަޅުގަނޑުމެންގެ ބޭނުމަކީ، ޓީޗަރުންގެ ދުވަހާ ގުޅިގެން، އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސައިދިނުމަށް އައި ކޮންމެ ޓީޗަރަކަށްވެސް ލެޕްޓޮޕެއް ހޯދައިދިނުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި މަޝްރޫޢާއިގެން ދާދި އަވަހަށް ކުރިއަށް ދެވޭނެ.

މިއަދު އަޅުގަނޑު ނިންމާލުމުގެ ކުރީގައި ދަންނަވާލަން ބޭނުން. ހަމަ އަޅުގަނޑު ވަރަށް ހިތަށްއަރާ މިއީ ވަރަށް ދެރަކޮށްދާ ކަމެކޭ. ރައްޔިތުންގެ މަޖިލީހަށް އެކަށީގެންވާ ޚިދްމަތެއް ރައްޔިތުންނަށް ދެވޭގޮތަކަށް އެތަނުގެ ކަންކަން ނުހިނގާކަން. މަޖިލީހަށް ރައްޔިތުން ކުރާ ޚަރަދު ކުޑައެއް ނޫން. އެހެން ނަމަވެސް، މީގެތެރޭގައި މެންބަރުންނަށް، ބައެއް މެންބަރުންނަށް ހައްތަހާވެސް ކަން ކުރެވޭގޮތަކީ، އެބޭފުޅުން ކޮންމެ ދުވަހަކުވެސް އެބޭނުންވެލައްވާ ވަކި ހަނި ދާއިރާއެއްގައި އޮންނަ ކަމެއް މިއޮންނަނީ، އޭގެތެރޭގައި ޚާއްޞަކޮށް ކުރީގެ ރައީސާ ގުޅޭގޮތުން ކަންތައް ކުރަންވީ ގޮތެއް ނުނިންމިގެން، އެކަމެއްގައި މެންބަރުން ވަރަށް ބޮޑަށް އުޅުއްވާ. ދެން އެނޫން ކަމެއްގެ ތެރެއަށް ނުދެވި، މިހުރިހާ ކަމެއް ވެގެން، މެންބަރުންނަށް ވަރަށް ބޮޑަށް ޖޯޝާއި ޙަރަކާތްތެރިކަން އިތުރުވެ، މަޖިލީހުގެ ޖަލްސާތައް މިއޮއް މެދުކަނޑާލަން ޖެހެނީ. މިއީ އަޅުގަނޑުމެންނަށް ދިމާވާ ވަރަށްދެރަ ކަމެއް. އަޅުގަނޑުމެންނަށް ދިމާވާ ވަރަށްބޮޑު ހިތާމައެއް.

އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކުގައި މެންބަރުންގެ ކިބައިން އަދި ރައްޔިތުންގެ ކިބައިންވެސް އެދެން، އެ ރައްޔިތުންގެ މެންބަރުންނަށް އޮޅުންފިލުއްވައި ދެއްވުމަށް، މެންބަރުންގެ ބޭނުން، މެންބަރުންގެ ވާޖިބު. އެއީ ޤާނޫނު ހަދާ މަޖިލިސް. އެ މަޖިލީހުން ޤާނޫނު ހައްދަވަމުން ގެންދެވީމާ، ހުރިހާ ރައްޔިތުންނަށްވެސް އޭގެ ފައިދާ، އޭގެ މަންފާ ކުރަމުންދާނެ. އެހެންވީމާ، އެމަސައްކަތްތައް އެ ރައްޔިތުންގެ މަޖިލީހުގައި ކުރަމުން ދެވޭނެ ގޮތަކަށް މަޖިލީހުގެ މެންބަރުންނަށް ބާރުއަޅުއްވައި ދެއްވުމަށް އަޅުގަނޑު ރައްޔިތުންގެ ކިބައިން ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި ބައެއް ވާދަވެރި ސިޔާސީ ޕާޓީތަކުން ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން އެބަ ކަންބޮޑުވުން ހާމަކުރޭ. އޭގެތެރޭގައި، ޚާއްޞަކޮށް ސަރުކާރު މުވައްޒަފުންގެ ޢަދަދު މަދުކުރުމަށް ނުވަތަ މުސާރަ ކުޑަކުރުމަށް އަޅުގަނޑުމެން މިގެންދާ މަޝްރޫޢާ އެބޭފުޅުން ހިތްހަމަނުޖެހޭ. އަޅުގަނޑު މީގައި ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ، މުސާރަ ކުޑަކުރެވިފައި މިއޮތީ މަދު ދުވަސްކޮޅަކަށޭ. އޭގެފަހުން އަލުން އަނބުރާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މުސާރަ ކުރީގައި އެހުރި މިންވަރަށް ގެނެވޭނެއޭ. މިހާރު މުސާރަ ކުޑަކުރީމާވެސް، މިއަހަރުގެ ޖަނަވަރީ މަހުގައި ރައްޔިތުންނަށް ނުވަތަ ސަރުކާރުގެ މުވައްޒަފުންނަށް ލިބެމުން އައި މުސާރައަށްވުރެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވައޭ، އަޅުގަނޑުމެން ކުޑަކުރީމާވެސް. އެހެންވީމާ، މިއީކީއެއް ޙަޤީޤަތުގައި ސަރުކާރުގެ މުވައްޒަފުން އަޅުގަނޑުގެ ނަޒަރުގައި އެހާ ބޮޑަށް ކަންބޮޑުވެލައްވާނެ ކަމެއް ނޫން.

އަޅުގަނޑަށްވެސް އެނގޭ، ލިބެމުން އަންނަ އެއްޗެއް، ނުލިބޭގޮތްވީމާ އެއީ ދެރައެއްކަން، އުނދަގުލެއްކަން. އެއިން ދަތިތަކެއް ކުރިމަތިވާނެކަން. އެހެން ނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަންޖެހޭނެ. އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ. މުޅި ރައްޔިތުންނަށް ގެއްލުންވާކަހަލަ ކަމެއްގައި ދެން އަޅުގަނޑުމެން ސަރުކާރުން ޢަމަލު ކުރަން ޖެހޭނެއޭ، އެ ގެއްލުން މުޅި ރައްޔިތުންނަށްނުވެ، ވީހާވެސް މަދު ބަޔަކަށް ދަތީގައި އުޅެ، ގިނަ ބަޔަކަށް ރަނގަޅު ގޮތް ހޯދައިދިނުމަށް. ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި މިތިއްބަވާ ބޭފުޅުންނަށް ކުޑަ ތަންކޮޅެއް އުނިވި ކަމުގައިވިޔަސްވެސް، ޢާންމު ރައްޔިތުންނަށް ލިބިދާނެ ގެއްލުމުން ސަލާމަތްވުމަށްޓަކައި އެއީ އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވަނީވިއްޔާ، އެ ފިޔަވަޅެއް އެޅުމަކީ އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ކަމެއް. އަދި ސަރުކާރަކުން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންނެއް އަދި މި ސަރުކާރަކުންނެއް އެއްވެސް ސަރުކާރު މުވައްޒަފަކަށް ދެރަގޮތެއް ނުހަދާނެ. އަޅުގަނޑުމެންގެ އަމާޒަކީ، ރަނގަޅަށް ހިނގާ ސަރުކާރެއް އޮތުން. އަދި ރަނގަޅަށް މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުން ތިބުން. އެއީ ސަރުކާރަށް އެވަގުތަކު ކުރަން ބޭނުންވާ މަސައްކަތް، ރަނގަޅު ގޮތުގައި ކުރުމަށްޓަކައި ތިބޭ ބަޔަކު ތިބުން. އެހެންވީމާ، އެކަން އެގޮތަށް ހަމަޖެހޭނޭ ގޮތަކަށް ސަރުކާރުން ޢަމަލު ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި މަޝްރޫޢު ކުރިއަށް ގެންގޮސް ނިމުނީމާ، ސަރުކާރުގައި ތިއްބަވާނީ މިހާރު މިތިއްބަވާ ޢަދަދަކަށެއް ނޫން މުވައްޒަފުން. އެއަށްވުރެ މާބޮޑުތަނުން މަދުވާނެ. އެހެންނަމަވެސް، ތިއްބަވާ ބޭފުޅުންނަކީ ޤާބިލު، ކަމަށް އެކަށީގެންވާ، ރަނގަޅު މުސާރަ ދެވިފައިވާ، ރައްޔިތުންނަށް ފުރިހަމަ ޚިދްމަތެއް ފޯރުކޮށްދެވޭ ބަޔަކަށްވާނެ. އަޅުގަނޑަށް ޔަޤީން. އަޅުގަނޑުމެންގެ މި މަޝްރޫޢާ އެކުގައިވެސް ރައްޔިތުންނަށް އެތައް ފައިދާއެއް ފޯރުވިގެންދާނެ. ޚާއްޞަ ގޮތެއްގައި، ސަރުކާރަށް ލިބޭ އެއްޗަކުން މުވައްޒަފުންނަށް މިކުރަންޖެހޭ ބޮޑު ޚަރަދު މަދުވެގެން ދިޔުމާއި، ކުޑަވެގެންދިޔުމާ، މިއެންމެ ކަންކަން މިހެން ހިނގައިގަތުމުން، އަޅުގަނޑުމެންނަށް ޚަރަދު ކުރަންހުރި ފައިސާ، އެހެން ކަންކަމަށް ޚަރަދު ކުރި ފައިސާ އިތުރުވެގެންދާނެ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި ބާއްޖަވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!
______________________