بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 25 ސެޕްޓެމްބަރ 2009ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ، ރޭޑިއޯ އަޑުއައްސަވާ އެންމެ ބޭފުޅުންނާ މިބައްދަލުކޮށްލަނީ، ރާއްޖޭގައި ހުރެއެއް ނޫން. އަޅުގަނޑު މިވަގުތު އެނގިވަޑައިގަންނަވާނެ، މިހިރީ އ.ދ.ގެ 64 ވަނަ ޢާންމު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވުމަށް މިތަނަށް އައިސް.

އ.ދ.ގެ ޖެނެރަލް އެސެމްބްލީ ނުވަތަ އ.ދ.ގެ މައި މަރްކަޒު އެނގިވަޑައިގަންނަވާނެ، ހުންނަނީ އެމެރިކާގެ ނިއުޔޯކްގައި. އެމެރިކާގެ ނިއުޔޯކަކީ ތަޢާރުފަކަށް ބޭނުމެއް ނުވާނެ، އެންމެބޮޑު އެއް ވިޔަފާރި މަރްކަޒު ދުނިޔޭގެ. މިތަނުގައި އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި 16 މިލިއަން މީހުން ދިރިއުޅޭ. އަޅުގަނޑުމެން ނިއުޔޯކޭ ބުނުމުން، ކުރީގައި އެތަން ފެންނަގޮތާ ޙަޤީޤަތުގައި ސީދާ މިތާ ހުރެ މިތަން މި އޮތްގޮތާ ވަރަށްބޮޑު ތަފާތުތަކެއް ހުންނަ ކަމަށް އަޅުގަނޑަށް މިހާރު ލަފާކުރެވޭ. ނިއުޔޯކަކީ ހަމަ ވަރަށްރީތި ސިޓީއެއް. ވަރަށް ތަރުތީބުން، ވަރަށް ރަނގަޅަށް މީސްމީހުން، އެމީހުންގެ ކަންކަމުގައި ދިރިއުޅެމުންދާ ރަށެއް. އެމެރިކާގެ ވިޔަފާރީގެ ނާރެސް. މިތަނުގައި އ.ދ.ގެ މައި ޢިމާރާތް ބިނާކުރެވި، އެ ޢިމާރާތުގައި އ.ދ.ގެ ބައްދަލުވުންތައް ކުރިއަށްދާތާ މިހާރު މި 64 އަހަރު މިވީ.

އ.ދ.ގެ ބޭނުމަކީ ކޮބައިތޯއާއި، އ.ދ.އާ ގުޅޭގޮތުން އެކިއެކި ސުވާލުތައް އެކިއެކި އިރުއިރު، އެކިއެކި ގޮތްގޮތަށް ކުރެވިދޭ. މި ހަފްތާގެ ތެރޭގައި ސެކްރެޓަރީ ޖެނެރަލް އެކަންކަމަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައި އެބަހުރި. އ.ދ.ގެ މުހިންމުކަމާއި، އ.ދ.ގެ ބޭނުންތެރިކަން މިވަގުތު ދުނިޔެއަށް ބޮޑުކަމަށް. މީގެކުރީގައި ދުވަހަކުވެސް ދުނިޔެއާ ކުރިމަތިލާން ޖެހިފައިނުވާ ބާވަތުގެ އެއީ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ކަންކަން. ބާވަތުގެ ކަންކަން މިހާރު ކުރިއަށްވުރެ މާބޮޑަށް ފެންނަމުން އަންނާތީ، ޤައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވި، އެއްބަސްވެވިގެން ހިންގޭ ކަންކަން ހިންގުމުގެ މުހިންމުކަން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ-މޫން ވަނީ މި ޖެނެރަލް އެސެމްބްލީ ހުޅުވި ދުވަހު ފާހަގަކުރައްވާފައި.

ރައީސް އޮބާމާގެ ފުރަތަމަ ތަޤްރީރު އ.ދ.ގައި އެބޭފުޅާ ދެއްވާ ފުރަތަމަ ތަޤްރީރު ވަރަށް ޞަރީޙަކޮށް އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ. އެބޭފުޅާގެ ވާހަކަ ދެއްކެވުމުގެ ހުނަރާއި އަދި އެބޭފުޅާ އެމެރިކާއަށާއި މުޅި ދުނިޔެއަށް އެހުށަހަޅާ ބަދަލާއި އިތުބާރު، އ.ދ.ގެ ހޯލުގެ ތެރެއިން ބަލައިގަތީ ކިތަންމެ ގިނަ ހޫނު އަތްތިލަބަޑިއަކާއި އަދި މަރްޙަބާއަކާ އެކުގައި. ހަމައެހެންމެ، ބްރެޒިލްގެ ރައީސްގެ ވާހަކަފުޅުވެސް އަދި ފަރަންސޭސި ރައީސްގެ ވާހަކަފުޅުވެސް، އ.ދ.ގެ ހޯލުތެރެ ބަލައިގަތީ އަޅުގަނޑު ދަންނަވާނީ ތަރުޙީބާއެކުއޭ.

އ.ދ.ގެ 64 ވަނަ ޢާންމު ބައްދަލުވުންތަކުގެ ތެރޭގައި، މައިގަނޑު ތިން ބައްދަލުވުމެއް ކުރިއަށް އެބަދޭ. ފުރަތަމައަށް ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ބޭއްވުނު ބައްދަލުވުމެއް. އެއީ 42 ޤައުމުގެ ގުޅުމެއް. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާ ގުޅިގެން އެޤައުމުތަކަށް ލިބެމުންދާ ގެއްލުންތައް ފާހަގަކުރުމާއި، އެ އަޑު އުފުލުމަށްޓަކައި އެއްއަޑަކުން ވާހަކަ ދެއްކުމަށް އެއޯސިސްގެ ނަމުގައި އުފެދިފައި އޮންނަ ޖަމާޢަތެއް، މި ޖަމާޢަތަކީ. ޖަމާޢަތް އުފެދިފައި އޮންނަތާ ވިއްސަކަށް އަހަރުވެއްޖެ. މިފަހަރު މި ޖަމާޢަތަށް އެއްއަޑަކުން ވާހަކައެއް ދެއްކުމަށް ފުރްޞަތެއް އިރާދަކުރައްވައިގެން މިލިބުނީ. ނިމިފައި މިއޮތީ އެ އެއޯސިސްގެ ބައްދަލުވުމުން ނިންމުނު ގޮތް އަދި ނިންމުން އެއްބަސްވުން އެއީ ކުދި ޤައުމުތައް މޫސުމަށް އަންނަ ބަދަލާ ގުޅިގެން ގެންގުޅޭނޭ މައިގަނޑު ސިޔާސަތުތައް ކަމަށް.

ހަމަ އެއަށްވުރެ ވަކި މުހިންމުކަން ކުޑައެއް ނޫން، އެއަށްފަހު ފެށުނީ ކްލައިމެޓް ވީކް ނުވަތަ މޫސުމަށް އަންނަ ބަދަލާ ގުޅޭ ހަފްތާއެއް. އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ބަން ކީ-މޫން ފަށްޓަވައިދެއްވީ ނުވަތަ އިންތިޒާމު ކޮށްދެއްވައިގެން ކުރިއަށް ގެންދަވާ މިބައްދަލުވުން ކްލައިމެޓް ޗޭންޖް ވީކްގެ ނަމުގައި. އެނގިވަޑައިގަންނަވާނެ، އެބައްދަލުވުމުގައި ވާހަކަ ދެއްކުމަށް ދިވެހިރާއްޖެއަށް ވަނީ ފުރްޞަތެއް ލިބިފައި. އަޅުގަނޑު ކްލައިމެޓް ޗޭންޖް ވީކް ހުޅުވުމުގެ ގޮތުން، އ.ދ.ގެ ޖެނެރަލް އެސެމްބްލީގައި އެދުވަހު ވާނީ ވާހަކަ ދައްކާފައި. ތިޔަބޭފުޅުންނަށް އަޅުގަނޑު ހިތުން އެ ތަޤްރީރާއި އަދި އެދުވަހު އަޅުގަނޑު ދިވެހިރާއްޖޭގެ ފަރާތުން ދެއްކި ވާހަކަތައް މިހާރު އޮންނާނީ އެނގިވަޑައިގެންފައި.

ހަމައެއާއެކީގައި ދެން މިހިނގަނީ، އ.ދ.ގެ 64 ވަނަ ޢާންމު ބައްދަލުވުން. ޖެނެރަލް އެސެމްބްލީ. އޭގައި އިރާދަކުރައްވައިގެން ދިވެހިރާއްޖެއަށް މިފަހަރު ވަރަށްވެސް ފަޚްރުވެރި މަގާމެއް އެބަ ލިބޭ. އެއީ، އެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތު ބެލެހެއްޓުން ދިވެހިރާއްޖެއަށް ލިބިފައި މިއޮތީ ބުރާސްފަތި ދުވަހު. އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް އޭގެ މަޢްލޫމާތުވެސް މިހާރު ހުންނާނީ ލިބިވަޑައިގެންފައި. ޖެނެރަލް އެސެމްބްލީގައި އަޅުގަނޑު މިހާރު ވާހަކަ ދައްކައިފިން. އެ ވާހަކަތަކުގެ ތަފްޞީލާއި ޚުލާޞާވެސް އަޅުގަނޑު ހިތުން ތިޔަބޭފުޅުން މިހާރުވާނީ އަޑު އައްސަވާފައި.

މި ބައްދަލުވުންތަކުގެ އިތުރުން، މިދަތުރުގައި އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ، އައި.އެމް.އެފް.އާއި ވާރލްޑް ބޭންކުގެ އިސް އޮފިޝަލުންނާ ބައްދަލުކުރުމަށް. ދިވެހިރާއްޖެއަށް އެކިއެކި މަސައްކަތްތަކަށް އެހީތެރިކަން ހޯދޭނެ ގޮތްތައް، މަގުތައް ފަހިކުރުމަށް. އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި. އަޅުގަނޑުމެންގެ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު އާމްދަނީއެއް ލިބި، ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ގޮތް ހޯދުމަށްޓަކައި ކޮންމެހެން އެބަ ބޭނުންވޭ ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުގެ އެހީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ނަޒަރުގައި ރާއްޖެއަށް މިދެވެނީ ރަނގަޅު މަގުގައި. އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ ދުނިޔޭގެ އިޙްތިރާމް، ދުވަހުން ދުވަހަށް މިއަންނަނީ ލިބެމުންދާވަރު އިތުރުވަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އުންމީދުތައް ޙާޞިލު ކުރެވޭނެ.

އަޅުގަނޑުގެ އުންމީދަކީ، މިއަދަށްވުރެ އަދި މާ ފާގަތި، މާ ފަހި މާދަމައެއް އަޅުގަނޑުމެން ދިވެހިންނަށް ލިބުން.

އަޅުގަނޑުގެ ދުޢާއަކީ، ދެ ދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް ލިބުން.
والحمد للّـه. والسّـلام عليـكم.