بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 11 ސެޕްޓެމްބަރ 2009ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނާ މިހާރު މިވަނީ ރޯދަމަހުގެ ފަހުދިހައަކާ ކުރިމަތިވެފައި. ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް ދައްކަވަން އަޅުގަނޑު ހިތުން އަޅުގަނޑު ކޮންމެހެން ތިޔަބޭފުޅުންނަށް ހަނދުމަކޮށް އަރުވާކަށް ނުޖެހޭނެ. އަދި އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ފިޠުރު ޒަކާތަކީ ބޭކާރު ކަންތައްތަކުގެ ކައްފާރާއެއްގެ ގޮތުގައި ނިކަމެތިންނަށްދެވޭ ވަރަށް މަތިވެރި އެހީއެއް. ރަށުއޮފީސްތަކުންނާއި އަވަށުއޮފީސްތަކުން ފިޠުރު ޒަކާތް، ބަލައިގަތުމުގެ އިތުރުން، މިހާރު މިވަނީ އެސް.އެމް.އެސް މެދުވެރިކޮށް، މޯބައިލް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކޭގޮތް ހަމަޖެހިފައި.

ސަރުކާރު މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ އުޞޫލާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން މިހާރު މިވަނީ ގޮތްތަކެއް ނިންމަވާފައި. އަޅުގަނޑުމެންނެއް މި ސަރުކާރަކުން ކުޑަކޮށްވެސް ނޭދެމު އެއްވެސް ރައްޔިތަކަށް ނިކަމެތި ގޮތެއް މެދުވެރިވާކަށް. ސަރުކާރުން ދޫކޮށްލެވޭ ކޮންމެ މުވައްޒަފަކަށްވެސް ކޮންމެވެސް ގޮތެއް ހޯދައިދިނުމަކީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އެގޮތުން، ސަރުކާރުން މައިގަނޑު ކަންތައްތަކެއް އެބަ ހިންގާ. އޭގެތެރޭގައި، ފުރަތަމައިނުން ސިވިލް ސަރވިސްގެ އުޞޫލުން ހިސާބު ޖެހިގެން ނަޤުދުން ދެވޭ ފައިސާ، ދޫކޮށްލެވޭ މުވައްޒަފުންނަށް ދެވޭނެ. އޭގެއިތުރުން، ސަރުކާރުން ތިންބާވަތެއްގެ މަސައްކަތެއް އެބަ ހިނގާ.

ފުރަތަމައަށް ސަރުކާރު މުވައްޒަފުންގެ ތެރެއިން އިތުރަށް ތަޢްލީމު ލިބެން ބޭނުންވެލައްވާ މުވައްޒަފުންނަށް، އެ ފުރްޞަތު ފުޅާކޮށްދިނުމަށްޓަކައި ފަސްލައްކަ ރުފިޔާގެ ތަޢްލީމު ޙާޞިލުކުރާ ލޯނެއް، ސްޓޫޑެންޓް ލޯނެއް ދޫކުރުމަށްވަނީ ހަމަޖެހިފައި. އެހެންވީމާ، މިސާލަކަށް، ގްރޭޑް 10 ނިންމާފައި ސަރުކާރުގައި އުޅުއްވަމުން ގެންދެވި މުވައްޒަފަކަށް މަތީ ތަޢްލީމު ޙާޞިލު ކުރަން ހަމަ މިފުރްޞަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެ. އަދި ޑިގްރީއެއް ނިންމާފައި މާސްޓަރޒްއެއް ހަދަން ބޭނުންވާ ސަރުކާރު މުވައްޒަފަށްވެސް މިފުރްޞަތުގެ ބޭނުން ހިފޭނެ. އަދި މާސްޓަރޒެއް ނިންމާފައި ހުރި މުވައްޒަފަކު ޕީ.އެޗް.ޑީ.އެއް ހައްދަވަން ބޭނުންވެލެއްވިޔަސްވެސް ހަމަ މި ފުރްޞަތުގެ ބޭނުން ނުހަނު ރަނގަޅަށް ހިފޭނެ.

މި ފުރްޞަތު ސަރުކާރުން މިއަރުވަނީ، ސަރުކާރު މުވައްޒަފުންގެ ތެރޭގައި ތިއްބެވި ބޭފުޅުން، ތިއްބެވި މުވައްޒަފުންގެ ތެރެއިން ކިޔަވަން އިތުރަށް ބޭނުންވެލައްވާ މުވައްޒަފުންނަށް އެ ފުރްޞަތު ފުޅާކޮށް ފޯރުކޮށްދިނުމަށް. ސަރުކާރު މުވައްޒަފުންގެ ތެރޭގައި އަޅުގަނޑަށް ޔަޤީން ތިއްބަވާނެ ބޭފުޅުންކޮޅެއް، ވިޔަފާރީގެ އެކިއެކި ފުރްޞަތުތައް ލިބިލެއްވުމަށް އެދިލައްވާ ބޭފުޅުން، އެދިލައްވާ މުވައްޒަފުން. އެ މުވައްޒަފުންނަށް އެމަގުން ކުރިއަށް ދިއުމަށްޓަކައި ކުރިއަށް އަޅުގަނޑުމެންނަށް ހިންގެން ހުރި މަސައްކަތްތަކެއް، ސަރުކާރަށް ހިންގެން ހުރި މަސައްކަތްތަކެއް އެބަ ހިންގޭ. އޭގެތެރޭގައި، އެންމެ ފުޅާ ދާއިރާއެއްގައި ފާހަގަ މިވަނީ، ފަސްލައްކަ ރުފިޔާގެ ލޯނެއް، އެއީ، ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިޒް ނުވަތަ މެދު އަދި ކުދި ފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމަށްދޭ ލޯނުތަކުގެ ތެރެއިން ލޯނެއް، އެފަދަ މުވައްޒަފުންނަށް ފަހިކޮށްދިނުން. ވިޔަފާރީގެ ލޯނެއް ފަހިވާނީ، ރަނގަޅު ވިޔަފާރިއެއް ކުރުމަށް މަޝްރޫޢެއް އެކުލަވާލައިގެން، އެކަމާ ގުޅޭ ސަރުކާރުން ކަނޑައަޅާ އެ ދާއިރާއަކަށް ހުށަހެޅީމާ. މިދެބާވަތުގެ ލޯނުގެވެސް އިންޓްރެސްޓް ކުޑަވާންޖެހޭނެ. އަނބުރާ ފައިސާ ދައްކަންޖެހޭ މުއްދަތު ދިގުވާނެ. އަޅުގަނޑުމެން މި ލޯނުތައް ރައްޔިތުންނަށް ދޫކުރުމަށްޓަކައި ލޯނުތައް މިހޯދަނީ ވާރލްޑް ބޭންކުން އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އަދި އައި.އެމް.އެފް. އިން. އެހެންވީމާ، މިލޯނުތަކުގެ އިންޓްރެސްޓް ކުޑަވާނެ.

މިދެންނެވި ދެ ފުރްޞަތުގެ އިތުރުން، ސަރުކާރު މުވައްޒަފުންނަށް އަދި އިތުރު ފުރްޞަތެއް އެބަ ހުޅުވާލަދެވޭ. އެއީ، އަލުން އަނބުރާ އެހެން ހުނަރެއް ހޯދުމަށްފަހުގައި، އެހެން ވަޒީފާއަކަށް ބަދަލުވުމުގެ ފުރްޞަތު. ރީ ޓްރެއިންވެގެން އަލުން އެހެން ވަޒީފާއަކަށް ބަދަލުވުން. ޓިވެޓް ޕްރޮގްރާމް މެދުވެރިކޮށް، މިކަން އަޅުގަނޑުމެންނަށް މި ހިންގެނީ. އެހެންވީމާ، މިސާލަކަށް ކާތިބަކު ބޭނުންވެލެއްވީ ރިސެޕްޝަނިސްޓަކަށް ބަދަލުވާން ނުވަތަ ރިސެޕްޝަނިސްޓެއް ބޭނުންވެލެއްވީ ބޯކޮށާ މީހަކަށް ބަދަލުވާން، ނުވަތަ މަސައްކަތު މީހަކު މި ބޭނުންވީ ބާ-ބެންޑަރަކަށް ބަދަލުވާން. އެބަދަލު ގެނެސްދޭނެ، އެ ހުނަރު، އެ ޢިލްމު ހޯދައިދިނުމަށް ސަރުކާރުން މިހާރު މިވަނީ ”ޓިވެޓް“ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރޭނިންގ އިންސްޓިޓިއުޓެއް، ނިޒާމެއް ޤާއިމުކޮށްފައި. އެ ނިޒާމުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެފުރްޞަތު މެންބަރުންނަށް ފަހިވެގެންދާނެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން ސަރުކާރު މުވައްޒަފުންގެ ޢަދަދު މަދުކުރަން މިއަޅާ ފިޔަވަޅުތަކުގެ ސަބަބުން، ހިންގާ މަޝްރޫޢުތަކުގެ ސަބަބުން ކޮންމެހެންނެއް ދަތިތަކެއް ކުރިމަތިވެގެނެއް ނުދާނެ. އަޅުގަނޑުމެންގެ އިޤްތިޞާދީ، އަޅުގަނޑުމެންގެ ރާއްޖޭގެ އިދާރީ ހިންގުންވެސް އަދި ރާއްޖޭގެ މާލިއްޔަތުވެސް ހަރުދަނާ ކުރުމަށްޓަކައި އެންމެ ބޭނުންވާ އެއްކަމަކީ ލިބޭ އެއްޗަކުން ކޮންމެ އަހަރަކުވެސް ފުއްދޭގޮތަށް ދިރިއުޅެމުން ގެންދިއުން. އެ ސަބަބަށްޓަކައި ސަރުކާރު މުވައްޒަފުންގެ ޢަދަދު އެބަ މަދުކުރާންޖެހޭ.

އަޅުގަނޑުމެން މި ސަރުކާރަށް ލިބޭ އެއްޗަކާއި ވާ ޚަރަދާ، މިކަންކަން ބަލަމުންދާއިރުގައި، މިއަންނަ އަހަރުވެސް އަދި މިއަހަރުވެސް ސަރުކާރުން ދަރަންޏަށް ނަގާފައި ހުރި ދަރަނި އަނބުރާ ދެއްކުމަށާއި، އިންޓްރެސްޓަށް އެކަނި އެކެއް ޕޮއިންޓް ހަތަރު ބިލިއަން ރުފިޔާ ޚަރަދު ކުރަން އެބަޖެހޭ. ކޮމާޝަލް ނުވަތަ ވިޔަފާރީގެ އުޞޫލުން ލޯނު ނަގާފައި މިހުންނަނީ ޢިމާރާތް ކުރުމަށް. މިސާލަކަށް، އެމް.އެން.ޑީ.އެފް.ގެ ޢިމާރާތްވެސް އެއީ، ސްޓޭޓް ބޭންކުން ނަގާފައި އޮތް ހަމަ އާދައިގެ ކޮމާޝަލް ލޯނެއް. ވެލާނާގެ ޢިމާރާތް ކުރުމަށް، 14 ބުރީގެ ޢިމާރާތަށްވެސް އެއީ، އާދައިގެ ކޮމާޝަލް ލޯނެއް. އަދިވެސް ނުނިމި އެދަނީ. ޚަރަދު ބޮޑުވަމުން މިދަނީ. ފުލުހުންގެ ޢިމާރާތްވެސް އެއީ، ހަމަ އާދައިގެ ކޮމާޝަލް ލޯނެއް. މިހެން ނެގިފައި އެބަހުރި ސަރުކާރަށް ކިތަންމެ އާދައިގެ ކޮމާޝަލް ލޯނެއް. އެޗް.އެސް.ބީ.ސީ.އިންވެސް އެބަހުރި. ބޭންކް އޮފް ސިލޯނުންވެސް އެބަހުރި. ސިލޯނުގެ ޕީޕަލްސް ބޭންކުންވެސް އެބަހުރި. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއިންވެސް އެބަހުރި.

ކޮމާޝަލް ލޯން ވަރަށް އަވަހަށް އަނބުރާ ދައްކަންޖެހޭ، އަދި ދައްކާ. އެއީ، ކޮމާޝަލް ލޯންގެ އިންޓްރެސްޓްވެސް، އެއީ ވިޔަފާރީގެ ލޯންގެ އިންޓްރެސްޓްވެސް މަތި. ޚާއްޞަކޮށް، މި ލޯންތަކުގެ ސަބަބުން މިއަންނަ އަހަރު ސަރުކާރަށް އެބަޖެހޭ މިދަންނަވާހެން ސަތޭކަ މިލިއަން ސަތޭކަ ވިހި މިލިއަން ޑޮލަރު އަނބުރާ ދައްކަން. އެއީ، ވަރަށްބޮޑު ބުރައެއް ސަރުކާރަށް އުފުލަންޖެހޭނެ. އަދި ސަރުކާރުން އުފުލާނެ ބުރައެއް. އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެންގެ ދަރަނި، އަދި އެއީ ކޮންމެ ގޮތަކަށް އުފެދިފައި އޮތް ދަރަންޏެއް ކަމަށްވިޔަސްވެސް. އަޅުގަނޑުމެން އެބަޖެހޭ އެ ދަރަނި އަނބުރާ ދައްކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ދަރަނި އަނބުރާ ދައްކާނެ. އެހެންނަމަވެސް، އަޅުގަނޑު ހިތުން ރައްޔިތުންނަށް އެބަ ފާހަގަވާންޖެހޭ މި ދަރަނި މިގޮތަށް އޮތްކަން.

ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި، ސަރުކާރުން ވަރަށްގިނަ ޢަދަދެއްގެ ނަރުދަމާއާއި ބަނދަރުގެ މަސައްކަތް، އެކިއެކި ކުންފުނިތަކާ ސޮއިކުރާނެ. މިކަން މި ސަރުކާރަށް މިގޮތަށް މި ފަސޭހައިން މި ހަމަޖެއްސުނީ ސަބަބުތަކެއް އޭގެ ފަހަތުގައި ހުރެގެން. ކަންވީގޮތަކީ، ސުނާމީ ރިކަވަރީ ޕްރޮގްރާމްގެ ދަށުން އެހީދޭ ބައިވަރު އޭޖެންސީތަކުން ދިވެހިރާއްޖެއަށް އެހީ ދިނުމަށް އޭރުގައި އެއްބަސްވި. އެހެންނަމަވެސް، 2006، 2007، ޚާއްޞަކޮށް 2007ގެ މެދާ ހިސާބުގައި އެހީދޭ ޖަމާޢަތްތަކުން ހުރީ މި މަޝްރޫޢުތައް މުޅިންހެން ހުއްޓާލައްވާފައި. ކުރިއަށް ނުގެންދެވޭގޮތަށް ހަދާފައި. ބައެއްފަހަރަށް އެއީ، ދިވެހި ސަރުކާރުގެ ޢަމަލެއްގެ ސަބަބުން. މިދަންނަވަނީ އެހީދޭ ފަރާތަށް މިވެނިމިވެނި ރަށެއްގައި މިވެނިމިވެނި ކަންތައްތައް ކުރުމަށް ޕްރޮގްރާމެއް އެކުލަވާލައި، އެއަށް ލޯން އެގްރީމެންޓާއި ހުރިހާ ކަމެއް ހަމަޖައްސައި ނިންމާފައި ވަނިކޮށް، ހަމަ އޭގައި، އެ އެގްރީމެންޓްގައި ނެތް ގޮތަކަށް ރަށްރަށް ހަމަޖައްސަވާފައި. އެހެންވީމާ، އަނެއްކާ މިފައިސާދޭ ފަރާތްތަކުން މިކަމާ ކިތަންމެ ސުވާލެއްކޮށް ލަސްވެ ފައިސާ ހުއްޓާލެވި މިހެން މިހެން ގޮސްފައި ހުރީ. އަދި އޭގެއިތުރަށް ބައެއް މަޝްރޫޢުތައް ހަމަ އެއްގޮތަކަށްވެސް ނުހިންގާ ބެހެއްޓިފައި ހުރީ. އަޅުގަނޑުމެން މި ސަރުކާރު ހިންގުމާ ޙަވާލުވެ، ދުވަސްކޮޅެއްވީހިނދު އަޅުގަނޑަށް ސާފުވެއްޖެ. މިމަޝްރޫޢުތައް ހުރީ ހުއްޓިފައިކަން. ޚާއްޞަ ގޮތެއްގައި މި ހުއްޓާލެވިފައި ހުރީކަން. އެއީ، ބައިނަލްއަޤްވާމީ އެހީދޭ ފަރާތްތަކުން ދިވެހިރާއްޖެއަށް އެހީ ދިނުމާ ގުޅޭގޮތުން އޭރުގައި ވިސްނަވަމުން ގެންދެވި ވިސްނުމުގެ ސަބަބުން. އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު އިރާދަކުރައްވައިގެން މި ޕްރޮގްރާމްތައް ފެށްޓުނީ.

އެނގިވަޑައިގަންނަވާނެ، ދާދި މިދާކަށް ދުވަހު ތިމަރަފުށީގެއާއި ހިންނަވަރުގެ ބަނދަރާއި ނަރުދަމާގައި މިހާރު މިވަނީ ސޮއިކުރެވިފައި. ތިނަދޫގެ ބަނދަރުގައިވެސް މިވަނީ ސޮއިކުރެވިފައި. އަދި އެހެންގޮސް ކިތަންމެ ރަށެއްގެ ކަންތައްތައް އެބަހުރި. ކުރިއަށް މިއޮތް މިދަންނަވާހެން ދެމަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ސަރުކާރަށް މަދުވެގެން 16 ވަރަކަށް ރަށުގައި ބޮޑެތި މަޝްރޫޢުތައް ހިންގަން ފެށޭނެ. އެއީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި އަޅުގަނޑުމެން ހިންގަމުން މިގެންދާ މަސައްކަތްތަކުގެ ވަރަށްބޮޑު ކާމިޔާބެއް.

އަޅުގަނޑު ހަނދުމަކޮށް އަރުވަން ހަމަ ބޭނުން، މިދަންނަވާ ތަފާތު. އެއީ، ޕްރޮޖެކްޓަށް ބޭނުންވާ ފައިސާއާއި ބަޖެޓަށް ބޭނުންވާ ފައިސާ. ނެތިގެން އަޅުގަނޑުމެން މިއުޅެނީ ބަޖެޓަށް ބޭނުންވާ ފައިސާ. ޕްރޮޖެކްޓެއް ހަދާފައި، އެ ޕްރޮޖެކްޓަކަށް ބޭރުން ފައިސާ ހޯދުމުގެ ފުރްޞަތު، ކުރިއަށްވުރެ މިހާރު މިއޮތީ މާބޮޑަށް ހުޅުވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަންކަން ހަމަ ފަހިކޮށް، ފަރިކަމާއެކީގައި، ބާރަށް ކުރިއަށް ގެންދެވޭނެ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް މަސްތަކަކީ އަދި ހަމަ މާ އުޖާލާ މަސްތަކަކަށްވާނެއޭ. ޓޫރިސްޓުން އައުން އެބަ އިތުރުވޭ. މަސްވެރިކަން އެބަ ރަނގަޅުވޭ. އަޅުގަނޑުމެންނަށް އެކި ފަރާތްތަކުން ލިބޭ އެހީ އެބަ އިތުރުވޭ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ދިވެހިންނަށް އޮތީ ހަމަ ފާގަތި މުސްތަޤްބަލެކޭ.

އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ އުފާވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. والسّـلام عليـكم.