بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 28 އޯގަސްޓް 2009ވީ ހުކުރު ދުވަސް. މި ރޯދަމަހުގެ ފުރަތަމަ ހުކުރު ދުވަސް. ރޯދަމަހަކީ ޢާންމުކޮށް އަޅުގަނޑުމެންނަށް ވަރަށް އުފާވެރިކަން ގެނެސްދޭ މަހެއް. އަޅުގަނޑުމެންނަށް ރޯދަމަހުގެ ތެރޭގައި އެކަކު އަނެކަކާ ބައްދަލުވެއުޅުމާއި، އަދި ހިނިތުންވުމާއި ހިތްހެޔޮކަންމަތީގައި ވަގުތުތައް ހޭދަކުރުމަކީ އާދައަކަށްވެފައި އޮންނަ ކަމެއް.

ރޯދަމަހަކީ އަޅުކަމުގެ މަހެއް. ރޯދަމަހަކީ ކީރިތި ﷲއަށް އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ މަހެއް. އަޅުގަނޑަށް ފެނިފައި އޮތް ގޮތުގައި، އަދި އަޅުގަނޑުމެންނަށް ކުޑައިރުއްސުރެ ފަށައިގެން ކިޔައިދެމުން އައިސްފައިވާ ގޮތުގައި ރޯދަމަހުގެ އެންމެބޮޑު ބޭނުމަކީ ނިކަމެތި ފަޤީރުންގެ ހަނދާން ކުރުން. އެމީހުންގެ ޙާލަތާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނުން.

އަޅުގަނޑު މިހާރު މި ސަރުކާރަށް ގެންނަ ބައެއް ބަދަލުތަކުގެ ވާހަކަ ސަރުކާރުން ދައްކަމުން ގެންދާއިރުގައި، މިމަހު ތެރޭގައި ދެއްކުން ވަރަށް މުނާސިބު ވާހަކަތަކެއް އެބަހުރި ކަމަށް އެބަދެކެން. އަޅުގަނޑުމެން މިދެކެނީ، ރާއްޖޭގައި އެބަތިއްބޭ، ވަރަށްގިނަ ޢަދަދެއްގެ ފަޤީރުން، ނިކަމެތިން. އ.ދ.ގެ ބައެއް ލިޔުންތައް ބުނާގޮތުގައި، ރާއްޖޭގެ އާބާދީގެ ސާޅީސް ޕަސެންޓް ރައްޔިތުންނަކީ، ޕަވަރޓީ ލައިނުން ދަށުގައި ތިބި ރައްޔިތުން ނުވަތަ ނިކަމެތިން. ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ސިޔާސަތުތަކެއް އެކުލަވާލުން. މިދެންނެވި ސާޅީސް ޕަސެންޓް މީހުންނަށް އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ފޯރުކޮށްދެވޭނެ.

އެގޮތުން އަޅުގަނޑުމެން ފަށައިގެން ފުރަތަމަ މަސައްކަތަކީ، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނެއް ދިނުން. އަދި ހެލްތް އިންޝުއަރެންސްގެ އުޞޫލުން ހިލޭ ބޭސްފަރުވާ ކޮށްދެވޭނެގޮތް ހޯދައިދިނުން. އަޅުގަނޑުމެން އެބަ ވިސްނަން، މީގެ އިތުރު އެހެން އަދި ޚިދްމަތްތަކެއް އާމްދަނީ މަދު މީހުންނަށް ފޯރުކޮށްދެވޭނެ އުޞޫލުތަކެއް، ސިޔާސަތުތަކެއް ކަނޑައެޅުމަށް. އޭގެތެރޭގައި، ކަރަންޓް ބިލް ދެއްކުން ދަތިވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމާއި، އަދި ހަމައެހެންމެ، ހަނޑޫ، ހަކުރު، ފުށް ކާޑު ގަތުމުގެ ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އެކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމާއި، ދަރިންނަށް ކިޔަވައިދިނުމަށް ދަތިވާ ފަރާތްތަކަށް އެކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމާއި، މިހެންގޮސް އަޅުގަނޑުމެން މި ބުނާ ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމް ނުވަތަ ސޭފްޓީ ނެޓް އެޅުމަށް މިހާރު ސަރުކާރުން މި މަސައްކަތް ފަށައިގަންނަނީ. މިދަންނަވާ ސޭފްޓީ ނެޓް އެޅުމަށްޓަކައި ދާއިމީ ގޮތެއްގައި ފައިސާ އެބަ ޚަރަދުކުރަންޖެހޭ ކޮންމެ އަހަރަކުވެސް. އަޅުގަނޑުމެން މިދެކޭ ދެކުމަކީ މިހާރު ސިވިލް ސަރވިސްއަށް މި ޚަރަދުކުރާ ފަސް ބިލިއަން ރުފިޔާގެ ތެރެއިން މަދުވެގެން ދެ ބިލިއަނެއްހާ ރުފިޔާ، މިދެންނެވި ނިކަމެތިންގެ ކަންކަން ހަމަޖެއްސުމަށް ޚަރަދުކުރެވޭގޮތް އަޅުގަނޑުމެންނަށް ހަމަޖެއްސިއްޖެނަމަ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އެ ނިކަމެތިންގެ ޙާލަތު މިހާރަށްވުރެ މާބޮޑުތަން ރަނގަޅުވެގެންދާނެ. އަދި އެމީހުން މިދަންނަވާ ޕަވަރޓީ ލައިނުން ނުވަތަ ފަޤީރުކަމުގެ ރޮނގުން މައްޗަށް ހުރަސްކޮށް، ކުރިއަށް ދިއުމުގެ ފުރްޞަތުތައް އެފަރާތްތަކަށް ހުޅުވިގެންދާނެ. އެމަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެމަސައްކަތް ކުރެވޭނެ. އަޅުގަނޑުމެންގެ މި ފަސްއަހަރު ދުވަހުގެ ތެރޭގައި، މިދެންނެވި ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމް ނުވަތަ ސޭފްޓީ ނެޓް އަޅުގަނޑުމެން އަޅައި ނިންމާނަން.

މާތްރަސްކަލާނގެ އިރާދަފުޅާއެކުގައި އަޅުގަނޑުމެން މިހާރު މި ސަރުކާރުގެ ޚަރަދު ކުޑަކުރާން ފެށި ފެށުމާ ގުޅިގެން، ބައިނަލްއަޤްވާމީ މާލީ އެހީދޭ އިދާރާތަކުން ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތާ ގުޅޭގޮތުން ދެކޭ ދެކުން މިއަންނަނީ ވަރަށް ބޮޑަށް ބަދަލުކުރަމުން. އެނގިވަޑައިގަންނަވާނެ، ދާދިފަހުން އައި.އެމް.އެފް.އިން ވަނީ ފަސްދޮޅަސް މިލިއަން ޑޮލަރުގެ ލޯނެއް ދެއްވާފައި. އެއީވެސް، ވަރަށްގިނަ ދުވަހުގެ ގްރޭސް ޕީރިއަޑާއި، އަނބުރާ ދައްކަންޖެހޭ މުއްދަތުވެސް އެހާމެ ދިގުކޮށް އޮވެ، އަދި އެ ލޯނުގެ އިންޓްރެސްޓްވެސް އެހާމެ ކުޑަކޮށް އޮންނަ ލޯނެއް. އަޅުގަނޑުމެން މި އުންމީދު ކުރަނީ، އައި.އެމް.އެފް މެދުވެރިވެގެން އެކަށީގެންވާ ޢަދަދެއްގެ މިބާވަތުގެ ލޯނުތައް ދާދި އަވަހަށް ލިބިގެންދާނެ ކަމަށް.

އައި.އެމް.އެފް.ގެ ބޯޑު ބައްދަލުވުމެއް، ކުރިއަށް މިއޮތް ދިހަ ދުވަހެއްހާ ދުވަހުގެ ތެރޭގައި ހިނގާނެ. އެބޯޑުގައި ދިވެހިރާއްޖެއަށް އެކްސެޕްޝަނަލް އެކްސެސް ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ. އަޅުގަނޑު މިހާރުވާނީ އެކުވެރި ދައުލަތްތަކުގެ ކިބައިން މިދެންނެވި އެކްސެސްއަށް ނުވަތަ މިދެންނެވި ހުޅުވުމަށް ދިވެހިރާއްޖޭގެ ފަރާތުން ވަކާލާތުކޮށްދިނުމަށް އެދިފައި. ޚާއްޞަކޮށް، އިނގިރޭސި ސަރުކާރާއި އަދި އޮސްޓްރޭލިއާ ސަރުކާރާއި އިންޑިއާ ސަރުކާރު. ޑޮކްޓަރ ޝަހީދު މިހާރު ވަޑައިގެންވީ އެމެރިކާގައި. ޝަހީދު އަރިހު އަޅުގަނޑު ދެންނެވިން، އެމެރިކާ ސަރުކާރާވެސް މިވާހަކަ ދައްކަވައިދެއްވުމަށް. އެނގިވަޑައިގަންނަވާނެ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުރި އެމެރިކާގެ ކުރީގެ ސަފީރު ބްލޭކް ހުންނަވަނީ މިހާރު އެތަނުގެ ޚާރިޖިއްޔާގެ އިސް ވަޒީފާއެއްގައި. އެހެންވީމާ، އަޅުގަނޑުމެންނަށް އެބޭފުޅުންނާ ވާހަކަ ދައްކަންވެސް ފަސޭހަ. އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންނަށް މިފައިސާގެ މަގުތައް ތަނަވަސްވެގެން އަންނާނެ ކަމަށް. ވާރލްޑް ބޭންކުންވެސް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުންވެސް އެހީތެރިކަން އިތުރަށް ފޯރުކޮށްދޭނެ ކަމަށް. އަޅުގަނޑުމެން މި އެދޭ ސަލާމަތީ ނެޓް ނުވަތަ ސޭފްޓީ ނެޓް އިސާހިތަކު އަޅުގަނޑުމެންނަށް އަޅައި ނިންމޭނެ ކަމަށް. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، ސަރުކާރު މުވައްޒަފުންގެ ޢަދަދު މަދުކުރުމުން މި ލިބޭ އިތުރު ފައިސާ އަޅުގަނޑުމެންނަށް ދާއިމީކޮށް މި މަސައްކަތްތަކަށް ޚަރަދު ކުރަން ބެހެއްޓޭނެ ކަމަށް.

މިދިޔަ ބުދަ ދުވަހުގެރޭ، އަޅުގަނޑު ވިޔަފާރިވެރިންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއެކުގައި ބައްދަލުވުމެއް ބޭއްވިން. އެބޭފުޅުންނަށް އަޅުގަނޑުމެންގެ މި ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުގެ މައިގަނޑު ނުކުތާތައް ފާހަގަކޮށްދިނިން. އެއީ، މިވަގުތު އަޅުގަނޑުމެން ކަންތައް ކުރަން ޖެހިފައި އޮތްގޮތް. އަޅުގަނޑުމެންނަކީ އަބަދުވެސް އެއިރެއްގައި ކުރާން ޖެހިފައި އޮތް ކަމެއް ކުރަމުން ގެންދާ ބައެއް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން ދާނީ މިއަމާޒުގައި، މި ޢަޒުމްގައި.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް، އަޅަންޖެހޭ ފިޔަވަޅުތައް ސެޕްޓެމްބަރު އެކަކުއްސުރެ ފެށިގެން އަޅަމުން ދިއުމަށް މިހާރުވާނީ ރައީސް އޮފީހުން، މިއޮފީހުން އެހެން ފަރާތްތަކުގައި، އެހެން އޮފީސްތަކުގައި ދެންނެވިފައި. އަޅުގަނޑު ހަމަ އެންމެހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުން، ކަންބޮޑުވެނުލައްވާށޭ. އަޅުގަނޑުމެން ކުރާ ކަންތައް ކުރަމުން މިދަނީ، މިކުރެވެނީ ކޮންކަމެއްކަން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެނގިގެންނޭ. އަޅުގަނޑު ހިތުން މިހާރު އަޅުގަނޑުމެން ގެންނާން މިއުޅޭ ބަދަލުތައް ރާވާނެ ގޮތް ރައްޔިތުންނަށްވެސް ސާފުވެވަޑައިގަންނަވާނެ. އެހެންވީމާ، ކަންބޮޑުވާކަށް ޖެހިވަޑައެއްނުގަންނަވާނެ. ސަރުކާރުގެ މުވައްޒަފަކު ވަޒީފާއިން އަދި ދުރުވާން ޖެހުނަސްވެސް، އެކަމާ ގުޅިގެން އެ އޮންނަ ގަނޑުކޮށް ލިބޭ ނަގުދު ފައިސާއާއި އަދި އެހެނިހެންވެސް ޢިނާޔަތްތައް އެކަށީގެންވާނެ. ރަނގަޅު ގޮތުގައި ތަނަވަސް ދިރިއުޅުމެއް އާރާސްތު ކުރަމުން ގެންދެވޭނެ މަގު ފަހިވެގެންދާނެ.

ހަމައެހެންމެ، ސަރުކާރުން އެބަ ގެންނަން. ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުންނާ ގުޅޭގޮތުން ބައެއް ބަދަލު. މިބަދަލުތައް ގެނައުމުގައި، އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނާންޖެހޭ ކަންތައްތަކެއް އެބަހުރި. އެއީ، މިހާރު ޞިނާޢީ މަސައްކަތްތައް ހިންގަމުންދާ ފަރާތްތަކަށް، އެމަސައްކަތްތައް ހުއްޓޭގޮތެއް މެދުވެރިވެގެންނުވާނެ. އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް މި ލިބެނީ، އަޅުގަނޑުމެންގެ ރައްޔިތުން، އަޅުގަނޑުމެންގެ ވިޔަފާރިވެރިން ގަދައަޅާ މަސައްކަތް ކުރަމުންދާތީ. އެ މަސައްކަތުގެ ނަފާގައި ލިބޭ ޓެކްސުން އަޅުގަނޑުމެންނަށް މިއުޅެވެނީ. އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސަތަކުން ނުވަތަ ކުރާ ކަމެއްގެ ސަބަބުން، އެއިން ވިޔަފާރިވެރިއަކަށް ނުރަނގަޅު އަސަރެއް ކުރާނެ ކަމެއް އަޅުގަނޑުމެން ކޮށްގެން ނުވާނެ.

އަޅުގަނޑު ހަމަ އެބޭފުޅުންނަށް ދަންނަވާލަން އޮތް ވާހަކައަކީ، ބޭރު މީހުން ގެނައުން ސަރުކާރުން ހުއްޓުވާލަނީކީ ނޫނޭ. އެއްވެސް ހާލެއްގައި އެހެން ހަދަނީކީ ނޫން. ބޭރު މީހުން ގެނައިމާ ސަރުކާރަށް އެބަ އިތުރު ޒިންމާތަކެއް އުފުލާންޖެހެއޭ. އިތުރު ޚަރަދުތަކެއް، ސޯޝަލް ރެސްޕޮންސިބިލިޓީއެއް، ޚަރަދުތަކެއް އެބައޮވެއޭ. އެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން އިތުރު ފައިސާއެއް ބޭރު މީހާ އަތުން އެބަ ނަގާންޖެހެއޭ. އެހެންވީމާ، ބައެއް މަގާމުތަކަށް އެއީ، ރާއްޖެއިން ފަސޭހަކަމާއެކީގައި ލިބެންހުރި ބާވަތުގެ މަގާމުތަކަށް ގެނެވޭ ބޭރު މީހާގެ އަގު، ރާއްޖޭގެ މީހާއަށްވުރެ ވަކި ހެޔޮވެގެން ނުވާނެ. އެ ހެޔޮނުވާ ގޮތަކަށް ވަރކް ޕަރމިޓްގެ ފީ ހަމަޖައްސައިގެން، އަޅުގަނޑުމެންނަށް މިކަމުގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ދެކެވޭ. ރާއްޖޭގެ ވިޔަފާރިތަކަށް ދިވެހިން ނުލިބިއްޖެނަމަ، ބޭރު މީހުން ގެނެވޭނެ. އެހެންނަމަވެސް، ކުރިއަށްވުރެ ތަންފުކެއް އަގުބޮޑު. އަގުބޮޑުވާނެ މިންވަރު އަޅުގަނޑުމެން އަންދާޒާކޮށްލިއިރުގައި، މިސާލަކަށް ފަންސާހަކަށް އެނދުގެ ރިޒޯޓަކަށް އަހަރެއްގެ މައްޗަށް އަގުބޮޑުވެގެންދާނީ، ދެލައްކަ ރުފިޔާ. ހަތަރުސަތޭކަ ފަންސާސް އެނދުގެ ރިޒޯޓަކަށް އަހަރެއްގެ މައްޗަށް އަގުބޮޑުވެގެންދާނީ، ގާތްގަނޑަކަށް އެއްމިލިއަން ރުފިޔާ. އެއީ ބޮޑު ޢަދަދެއް. އަޅުގަނޑުވެސް ގަބޫލުކުރަން. އެހެން ނަމަވެސް، މިވަގުތު އަޅުގަނޑުމެން މިބަދަލު އެބަ ގެންނާންޖެހޭ. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްތައް ހިންގާ ފަރާތްތަކުން މިއެދެނީ، މިކަމުގައި ހުޅުވިފައި އޮތް ވިސްނުމެއްގައި ތިޔަބޭފުޅުންވެސް ވިސްނަވައިދެއްވާށޭ. ކަން ގޯސްވެއްޖެނަމަ، އަޅުގަނޑުމެން މިކަން އަނބުރާލާނަން. ހަމަ އިހު ހުރިގޮތަށް އަޅުގަނޑުމެން ބަދަލުކުރާނަން. އެއްވެސް ހާލެއްގައި މި ސަރުކާރަކުން ކުރާ ކަމެއް ކުރީއޭ ކިޔާފައި، އެއީ ކިތަންމެ ގޯސް ކަމަކަށްވިޔަސްވެ، އޭގެ ތަޖުރިބާތައް އަޅުގަނޑުމެންނަށް ނުރަނގަޅު ގޮތަށް ފެންނާން ފެށީމާ، ބަދަލުނުކޮށެއް އަޅުގަނޑުމެންނެއް ނުތިބޭނެ. ކުރާނަން. ނަތީޖާ އަޅުގަނޑުމެން ބޭނުންވަނީ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ހުރިހާ ވިޔަފާރިވެރިންނާއި އަދި އެހެންވެސް ފަރާތްތަކުގައި އެދެން، މިބަދަލާ އެކީގައިވެސް ތިޔަބޭފުޅުން އަޅުގަނޑުމެންނާ ކުޑަކުޑަ ދުވަސްކޮޅަކު ތަޖުރިބާ ކުރައްވާށޭ. ބަދަލުގެ ސަބަބުން ރަނގަޅު ނަތީޖާ ނުފެންނަނަމަ، ހަމަ އިހު ހުރިގޮތަށް އަޅުގަނޑުމެން އަލުން އަނބުރާ ބަދަލުވާނަމޭ.

މިބަދަލުތައް ނުވަތަ ބޭރު މީހުން ގެނައުން އަޅުގަނޑުމެން މަދުކުރާއިރުގައި، އަޅުގަނޑަށް ވަރަށް ރަނގަޅަށް ހަމަ ވިސްނޭ، އަޅުގަނޑުމެން ކޮންމެ ގެއެއްގައިވެސް މާލޭގައި އެބަފެނޭ ބޭރު މެއިޑެއް ނުވަތަ ގޭގައި އުޅޭ މީހެއް. ދަރިން ބަލާ މީހެއް. އޭނާގެ އަގު ބޮޑުވުން އެއީކީއެއް އަޅުގަނޑު ހިތުން ވަޒީފާއަށް ނުކުންނަ އަންހެން ބޭފުޅުންނަށް ވަރަށްބޮޑު ނުތަނަވަސްކަމެއް ލިބޭނެ ކަމެއް. އެހެންވީމާ، މެއިޑުންގެ އަގު ބޮޑުނުވާ ގޮތަކަށް އަދި އެހެންވެސް އެބާވަތުގެ ބައެއް ކޮންމެހެން އަޅުގަނޑުމެން ބޭނުންކުރަންޖެހޭ ލޭބަރ ޚިދްމަތުގެ އަގު ބޮޑުނުވާ ގޮތަށް އަޅުގަނޑުމެންނަށް މިކަން ރާވައި ހިންގޭނެ. އިރާދަކުރެއްވިއްޔާ، އެމަގަށް އަޅުގަނޑުމެން މިދަނީ. އެ ހިންގުން އަޅުގަނޑުމެން ހިންގުމުގައި މި ޙަރަކާތްތެރިވަނީ.

ކުރީ ދުވަހެއްގައި އަޅުގަނޑު ދެންނެވިން. ސަރުކާރަށް އެއްވެސް ކަމެއްގައި އެހީތެރިވެދެއްވާ ބޭފުޅަކަށް ނުވަތަ މުއައްސަސާއަކަށްވިޔަސްވެސް އަދި ކުންފުންޏަކަށްވިޔަސްވެސް، ސަރުކާރުން ނުހަނު ޝުކުރުވެރިވަމޭ. މިއަދު އަޅުގަނޑަށް ވަރަށް އުފަލާއެކީގައި ދަންނަވާލެވެން އެބައޮތް، ސަން.އެފް.އެމް.އިންވެސް ސަރުކާރުގެ އިޢްލާނުތައް ބްރޯޑްކާސްޓް ކޮށްދެއްވުމުގައި އެހީތެރިވެދެއްވާނެ ކަމަށް. އެހެންވީމާ، އަޅުގަނޑު އެކަމާ އެ ރޭޑިއޯ ކުންފުންޏަށް ޝުކުރު ދަންނަވަން.

އަޅުގަނޑު މިއަދުވެސް ހަމަ ނިންމާލަމުންވެސް އިތުރަށް ދަންނަވަން އޮތީ، ރޯދަމަހުގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުންކުރައްވާށޭ. އަޅުގަނޑަކީ ދީނީ ޢިލްމުވެރިއެއް ނޫން. މިއީކީ އެއްވެސް ހާލެއްގައި އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، އިސްރާފް ކުރަންވީ މަހެއް ނޫން. މިއީކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ކަންކަމާމެދު ނުވިސްނައި، ބުއްދި ފަސްކޮށްގެން ތިބެންވީ މަހެއް ނޫން. މިއީ ބުއްދިވެރިކަމާއި ޙިކްމަތްތެރިކަމާއެކުގައި މުޅި ޖުމްލަ މަންޒަރަށް ވިސްނައިގެން، އަޅުގަނޑުމެންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރަންވީ މަހެއް. އަޅުގަނޑުމެން ނިދާފައި ތިބެންވީ މަހެއްވެސް ނޫން. އަތް އުރާލައިގެން ތިބެންވީ މަހެއްވެސް ނޫން. ގަދައަޅައި މަސައްކަތް ކުރަންވީ މަހެއް.

އަޅުގަނޑުގެ ދުޢާއަކީ، އަދި މިއަދަށްވުރެ މާ ފާގަތި މާދަމައެއް އަޅުގަނޑުމެން އެންމެންނަށްވެސް ލިބުން. އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!

______________________