بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 24 ޖުލައި 2009 ވީ ހުކުރު ދުވަސް. މާދަމާނޫން އަނެއް ދުވަހަކީ، އަޅުގަނޑުމެންގެ މިނިވަންދުވަސް. މިނިވަންދުވަސް އަޅުގަނޑުމެން ފާހަގަކުރަމުން މި އަންނަނީ، ދިވެހިރާއްޖެ ބޭރުގެ އިސްތިޢުމާރީ ބާރުގެ ދަށުން ސަލާމަތްވެ، ދިވެހިރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ އަދި އިޤްތިޞާދީއާއި މާލީ ސިޔާސަތުގެ އެންމެހާ ކަންކަން ދިވެހިން ބޭނުންވާ ގޮތެއްގެމަތިން ކުރުމުގެ އިޚްތިޔާރު، ކުރުމުގެ މިނިވަންކަން ދިވެހިންނަށް ލިބިގެން ދިޔައީ، މި ދުވަހުކަމަށް ދެކި އަޅުގަނޑުމެން އެދުވަހާގުޅި މި މިނިވަންކަން ފާހަގަކުރަމުން މިދަނީ.

ދިވެހިރާއްޖެ މިފަހަކަށްއައިސް ބޭރުގެ ބައެއްގެ ދަށަށް، ބޭރުގެ އިސްތިޢުމާރީ ބާރެއްގެ ދަށަށް، ސީދާ ފެންނަންއޮތް ގޮތުގައި ވެއްޓިގެން ދިޔައީ، 1887 ވަނަ އަހަރު. އެއަހަރު ކުޑަބަންޑާރައިންގެ ރަސްކަމުގައި ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގައިވާ ޤައުމަކަށް ވެގެންދިޔައީ. ކުޑަބަންޑާރައިން ރަސްކަމުގައި އިންނަވާ، އެ ބަންޑާރައިން ހިމާޔަތުގެ އެގްރީމަންޓްގައި ސޮއި ކުރެއްވި މަންޒަރު އަޅުގަނޑުހިތުން އަޅުގަނޑުމެންނަށް އެންމެ ސާފުކޮށް ގެނެސްދެއްވާފައިވަނީ ނައިބުތުއްތު. އެ ޝާއިރުގެ، އެ ޢިލްމުވެރިޔާ ވަރަށްވެސް ފުރިހަމަ ރައިވަރެއް "ދަގަނޑު ދަހަނާ." މި ރައިވަރުގެ ކަޑިތަކުންނާ އެ ރައިވަރުގެ ހަމަތަކުން.

ބަންޑާރައިން ހިމާޔަތުގެ އެގްރީމަންޓްގައި ސޮއި ކުރެއްވުމަށްފަހުގައި ދެން ބަންޑާރައިން ރާއްޖޭގެ ތަޚުތުގައި ނުއިންނަވާ މާގިނަ ދުވަސްތަކެއް ނުވެ ކުޑަބަންޑާރައިން އަނެއްކާވެސް އަލުން އަނބުރާ ރަސްކަން ދޫކުރައްވައި މާންދޫގެއަށް ވަޑައިގެންނެވީ.

ރާއްޖޭގެ ސިޔާސީ ތާރީޚު އެކިއެކި ގޮތްގޮތަށް ފުރޮޅެމުން އަންނަތާ ދުވަސްތަކެއް ވުމަށްފަހު، އިނގިރޭސީންގެ އިސްތިޢްމާރީ ބާރުން ދިވެހިރާއްޖެ މިނިވަންވީ ޖުލައިމަހުން 26 ވަނަ ދުވަހެއްގައި. އޭރުގެ ބޮޑުވަޒީރަކަށް ހުންނެވީ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު. ރަސްކަމުގެ ތަޚުތުގައި އިންނެވީ މުޙަންމަދު ފަރީދު. އޭރު މުޙަންމަދު ފަރީދު ރަސްކަން ފުރުއްވަމުން ގެންދެވީ، އޭގެކުރީގައި ދިވެހި ރަދުންނަށް ލިބިވަޑައިގެންފައިވާ ބާރުތައް ނެތި ވަރަށްބޮޑަށް ރަމްޒީ ގޮތެއްގައި. މިނިވަންކަމުގެ އެންމެހާ ކަންކަންވެސް އަދި އެއަށް އަޅުގަނޑުމެންކުރި މިސްރާބުގެ އެންމެހާ ކަންކަންވެސް، އެންމެ އިސް މޭސްތިރިއެއްގެގޮތުގައި ރާއްވަވަމުން ގެންދެވީ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު. ތެދުފުޅެއް، އެބޭފުޅާގެ އަރިހުގައި ވަރަށްގިނަ ބޭފުޅުން މަސައްކަތް ކުރެއްވި. އެބޭފުޅާގެ ވަޒީރުން، އެބޭފުޅާގެ ސަރުކާރުގެ އިސްބޭފުޅުން. އޭގެތެރެއިން އަޅުގަނޑުމެން ހަމައެންމެންމެ ފާހަގަކުރާ ބޭފުޅުންކޮޅެއް އެބަވޭ. ޚާއްޞަގޮތެއްގައި ޢަބްދުއްސައްތާރު މޫސާދީދީގެ ނަން އަޅުގަނޑުމެން މިތަނުގައި އެބަ ފާހަގަކުރަންޖެހޭ. ޢަބްދުއްސައްތާރު މޫސާދީދީ މިއަދު އޮންނެވީ އާލާސްކަންފުޅާ. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އެބޭފުޅާއަށް ފުރިހަމަ ޞިއްޙަތެއް ލިބުން. ހެޔޮހާލުކޮޅުގައި އަޅުގަނޑުމެންނާއެކު ވީހާވެސް ގިނަދުވަހު އުޅެވޭނެގޮތް މާތްރަސްކަލާނގެ އެބޭފުޅާއަށާއި މި ޤައުމަށް މެދުވެރިކޮށްދެއްވުން.

އިބްރާހީމް ނާޞިރަށް، އެބޭފުޅާ ވެރިކަން ދޫކުރެއްވިފަހުން ކަންދިމާވީ ވަރަށް ހިތާމަވެރި ގޮތަކަށް. އިބްރާހީމް ނާޞިރު ރާއްޖޭގެ ވެރިކަން ދޫކުރެއްވީ އެބޭފުޅާ އަމިއްލަފުޅަށް. އެބޭފުޅާއަށް އެގޮތަށް ފެނިވަޑައިގަންނަވައިގެން. އެބޭފުޅާގެ ނަޒަރުގައި ދެން މި ރާއްޖެއަށް ރަނގަޅުވާނީ ޒަމާނީ ޢިލްމުގެ ބޭފުޅުން ރާއްޖޭގެ ވެރިކަމުގެ ކުރީސަފުގައި ތިއްބަވައިގެންކަމަށް ފެނިވަޑައިގެން އަދި އޭރުގައި އެބޭފުޅާ ފާހަގަކުރެއްވި އެބޭފުޅާގެ ޞިއްޙަތުގެ ވާހަކަވެސް. ނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިބްރާހީމް ނާޞިރު އެވަގުތު ބޭނުންވެވަޑައިގަތީ، ދިވެހިރާއްޖެ އެހެން މިޞްރާބަކަށް ގެންދިއުމަށް ބޮޑަށް ބުއްދިވެރީ، ރަނގަޅީ، މުޅިން އާ ބޭފުޅުންކޮޅެއް ރާއްޖޭގެ ވެރިކަމުގެ ލަގަނުގައި ތިއްބެވުންކަމަށް.

އެބޭފުޅާ ވެރިކަން ދޫކުރެއްވިތާ މާގިނަދުވަހެއްނުވެ އެބޭފުޅާއާ ގުޅޭގޮތުން ކަންތައްތައް ހިނގާދިޔަގޮތުގެ ސަބަބުން އިބްރާހީމް ނާޞިރަށް ޖެހިވަޑައިގަތީ ފުރާވަޑައިގަތުމަށް، ރާއްޖެ ދޫކުރެއްވުމަށް. އިބްރާހީމް ނާޞިރު ރާއްޖެއަށް އެނބުރި ގެނެވުނީ، އެބޭފުޅާގެ ހަށިކޮޅު ގެނެވުނީ، އަޅުގަނޑުމެން މި ހިނގާ މިހާރުގެ ސަރުކާރުގެ ވަރަށް ކުރީކޮޅު. އެއީ، އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް. ވަރަށްބޮޑު އުފަލެއް. އަޅުގަނޑު އެދެނީ، އިބްރާހީމް ނާޞިރަށް ސުވަރުގޭގެ ނިޢްމަތް މާތްރަސްކަލާނގެ ދެއްވުމަށް. އަޅުގަނޑުމެންނަށް ނުހަނުގިނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަކީ. އެބޭފުޅާ މިހާރު ފަސްދާނަށް ވެޑުވިފައިއެވަނީ، މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުގައި.

ނިމިދާ ރައީސުން ނުވަތަ ކުރީގެ ރައީސުންނާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވޭގޮތް، ކުރަންޖެހޭގޮތާ ގުޅޭގޮތުން އަޅުގަނޑު ހަމަގައިމުވެސް އަބަދުވެސް ވިސްނަން. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެން ބޭނުމީ ދިވެހި ދައުލަތަށް، ދިވެހި ރައްޔިތުންނަށް، ކިތަންމެ ކުޑަނަމަވެސް ޚިދްމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު ހުންނެވިނަމަ އެބޭފުޅަކަށް އޭގެ ޙައްޤު، ބަދަލު، އުފާ، ޝަރަފު، ޤަދަރު، ފޯރުކޮށްދިނުން.

އަޅުގަނޑު މި ހިނދުގައި ދެ ނުކުތާއެއް ފާހަގަކޮށްލަން ބޭނުން. އަޅުގަނޑުމެން ހުރިހާ ބޭފުޅުންވެސް ކަންކުރަމުން ގެންދާންޖެހޭނީ ހަމަހަމަކަމާއެކީގައި. އެއްވެސް ބޭފުޅަކީ، ޤާނޫނުން މަތީގައި ތިއްބަވާ ބޭފުޅުންގެ ގޮތުގައިވުމަކީ، މި ދައުލަތުގައި ޤާނޫނީ ވެރިކަމެއް ހިންގުމަށް ހަމަކަށަވަރުންވެސް ވަރަށްބޮޑު ބުރުލެއް، ވަރަށްބޮޑު އުނދަގުލެއް އަންނާނެކަމެއް. އެއްވެސް ބޭފުޅަކަށް އެއީ، އަޅުގަނޑު ކަމުގައިވިޔަސްވެސް ޤާނޫނުގެ ހުދޫދުން ބޭރަކު ނުހުންނެވޭނެ. ހަމައެހެންމެ، އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ. ހެޔޮވެރިކަން ހިނގާއިރުގައި އަޅުގަނޑުމެންގެ މި ވެރިކަމަކީ، އަދި މި ރާއްޖެއަކީ، މި ރާއްޖޭގައި މިވާ ވެރިކަމަކީވެސް، އޭގެ ޤަދަރާއި އޭގެ ހައިބަތާއި އޭގެ ޢިއްޒަތާއެކު އަޅުގަނޑުމެންގެ ދަރިންނާއި އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް އަޅުގަނޑުމެންނަށް ރައްދުކޮށްދޭން މަޖުބޫރުވެފައިވާކަމެއް. މި ވެރިކަން އޭގެ ފުރިހަމަގޮތުގައި އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، އަޅުގަނޑުގެ ނަޒަރުގައި މިއަދުގެ ސަރުކާރަށް އަދި މިއަދުގެ ވެރިންނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ވާޖިބު.

އަޅުގަނޑު ރައްޔިތުންނަށް ވަރަށް ސާފުކޮށް އިތުބާރާއެކު ދަންނަވަން ބޭނުން. މިވެރިކަމުގެ ބާރުވެރިކަމެއް އިރާދަކުރެއްވިއްޔާ ކެނޑިގެނެއްނުދާނެ. މިވެރިކަމުގެ ޤަދަރެއްވެސް، މި ވެރިކަމުގެ ޢިއްޒަތެއްވެސް އިރާދަކުރެއްވިއްޔާ ފަނޑުވެގެންނުދާނެ. ހަމައެއާއެކު، އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ޤަދަރާއި، ޢިއްޒަތާއި، އަދި ބާރާއި ހައިބަތާ، މިކަންކަމަކީ ރުފިޔާ ދީފައި ގަނެވޭނެ ކަންކަމެއްނޫން. އަދި ޤާނޫނެއްގައި ލިޔެގެން އަޅުގަނޑުމެންނަށް ހޯދޭނެ އެއްޗެއްވެސްނޫން. މީހެއްގެ މައްޗަށް، ބައެއްގެ މައްޗަށް، އެހެންބަޔަކު ކުރާ ޤަދަރަކީ، އެއީ އެބައެއްގެ ހިތުގެ އަޑިން އެބަޔަކު ކުރާނެކަމެއް. އެކަންކުރުމަށް ތެދުފުޅެއް ޤާނޫނީ އިން، ޤާނޫނީ ހަމަ ބަޔާންކުރުން އެއީ، ކޮންމެހެން ކުރަންޖެހޭކަމެއް. އެހެންނަމަވެސް، އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭނެ، ޤަދަރާއި، ޢިއްޒަތަކީ، އަޅުގަނޑުމެންގެ ޢަމަލުން އަޅުގަނޑުމެންގެ ބަހުން އަޅުގަނޑުމެން ހޯދަންޖެހޭ އެއްޗެއްކަން. އެއީ، އަޅުގަނޑުމެން އެއްވެސް މީހަކަށް އެހެންމީހަކު ރައްދުކޮށްދޭނެ އެއްޗެއް ނޫންކަން.

އަޅުގަނޑު ހަމަ މި މޭރުމުން ދައްކާވާހަކައިގައި ދަންނަވާލަން ބޭނުން، ޤާނޫނީ ދައުލަތެއް އެއީ، ކޯޓު އޯޑަރަކުން އަށަގެންނެވޭނެ، ނެގެހެއްޓޭނެ ކަމެއްނޫނޭ. އެއީވެސް، ރައްޔިތުން އެ މައްޗަށް ބޯލެނބުމުން ހިނގާނެ ކަމެކޭ. ކޯޓަކުންވިޔަސް އަދި ބަޑީގެ ބާރުންވިޔަސް، ކަނޑީގެ ބާރުންވިޔަސް، ރައްޔިތަކުވެސް ނުހިފެހެއްޓޭނެ. އަޅުގަނޑުމެން ކަންކަމުގެ ތެރެއަށް މިދަނީ، ކަންކަމަށް އަޅުގަނޑުމެން މި ރުހި ގަންނަނީ، އަޅުގަނޑުމެން ހިތުން ރުހުނީމަ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެންގެވެސް އުންމީދަކީ، އަޅުގަނޑުމެންގެ ތެރޭގައި ޤަދަރުވެރިން، ޤަދަރުވެރިގެ ގޮތުގައި ތިއްބެވުން. ޢިއްޒަތްތެރިން ޢިއްޒަތުގައި ތިއްބެވުން. އަޅުގަނޑުމެން އެކަކުވެސް ނޭދޭ ޢިއްޒަތްތެރިންގެ ޢިއްޒަތަށް، ޤަދަރަށް، ހައިބަތަށް، ކަރާމަތަށް، ލައްޒަތަށް، ކުޑަވެސް އުނިކަމެއް އަންނާކަށް. އަޅުގަނޑުމެންގެ ބޭނުމަކީ މި ރާއްޖޭގެ ވެރިންނަކީ، ހައިބަތުހުރި ޤަދަރާ ޢިއްޒަތް ލިބިގެންވާ ބަޔަކަށްވުން. އަޅުގަނޑުމެންގެ އުންމީދަކީ، މިރާއްޖޭގެ ވެރިންނަކީ، ހަމައެކަނި އެއިރެއްގައި ސަރުކާރު ހިންގާ ބައެއްނޫން. ރާއްޖޭގެ ވެރިންނަކީ އެކިގޮތްގޮތަށް އެކި އިރުއިރުގައި ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ޚިދްމަތްކޮށް ދިވެހި ދައުލަތަށް، ދިވެހި ދައުލަތުގެ ކުރިއެރުމާއި ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި މަސައްކަތްކޮށްފައިވާ އެކިއެކި ބޭފުޅުން.

އަޅުގަނޑުމެން މި ޖުލައި ސައްބީހަށް ދަތުރުކުރާއިރު އެނގިވަޑައިގަންނަވާނެ ބުރާސްފަތި ދުވަހަކީ، އިއްޔެއަކީ، ޝަހީދުންގެ ދުވަސް. ޝަހީދުންގެ ދުވަހާ ގުޅިގެން އަޅުގަނޑުމެން އާންމުކޮށް ފާހަގަކުރަމުން މި އަންނަނީ ޢަލީ ރަންނަބަނޑޭރި ކިލެގެފާނު، ޢަލީ ރަސްގެފާނުގެ ޝަހީދުވުން. ޕޯޗްގީޒުންނާ ހަނގުރާމަކޮށް އެ ރަދުން ޝަހީދުވެ ދިޔަކަމުގެ ހަނދާން.

އަޅުގަނޑު، އެރަދުންގެ އިތުރުން ފާހަގަކޮށްލަން ބޭނުންވާ އަދި ހަމަ ރައްޔިތުންގެ ހަނދާނަށް ގެންނަން ބޭނުންވާ އެހެން ރަދުންނެއް އެބަވޭ. މިއަހަރަކީ، 2009 ވަނަ އަހަރަކީ، ކަލާފާނު ޝަހީދުވިތާ ހަތަރުސަތޭކަ އަހަރު ފުރޭ އަހަރު، މިއަހަރަކީ. ކަލާފާނަކީ، އެނގިވަޑައިގަންނަވާނެ ބޮޑުތަކުރުފާނުގެ ދޮށީ ފިރިހެން ބޭފުޅާ. ވަރަށް ޒުވާން އުމުރުގައި ރަސްކަން ލިބިވަޑައިގަތީ. ކަލާފާނު ޝަހީދުވީ މަލަބާރީންގެ ސާދަ ގުރާބު އެ ރަދުންނާ ހަސަދަވެރިވެ ތޮޅެންއައިސް އެ ގުރާބާ ހަނގުރާމަ ކުރަނިކޮށް އެއްލި ލޮންސިއަކުން އެ ބޭފުޅާގެ ވައިނޮޅީގައިޖެހި ޝަހީދުވެ ދިޔައީ. ބުނެވޭގޮތުގައި އެ ޝަހީދުވި އޮޑީގައި ކަޅުތުއްކަލާވެސް އިންނެވި. އެއީ، އުތީމު ޢަލިތަކުރުފާނުގެ ކަޅުތުއްކަލާ. ކަޅުތުއްކަލާ ނަގައިގެން މަލަބާރީން ގެންދިޔައީ. ކަލާފާނު އޮޑިއާއެކު އޮޔާދާން މަލަބާރީން ދޫކޮށްލީ.

ކަލާފާނު އައިސް ލައްވީ ހަންޏާމީދުއަށް. ހަންޏާމީދޫގައި ކަލާފާނުގެ ޒިޔާރަތް އެރުވުނީ. މިއަދުވެސް އަޅުގަނޑުމެންނަށް ކަލާފާނުގެ ޒިޔާރަތް ފެންނަން އެބަހުރި. ކަލާފާނު ޝަހީދުވީ ހިނދު އަދި އޭގެފަހުން ދެތިން މަހެއް ވަންދެންވެސް މަލަބާރީންގެ ވެރިޔާ މާލޭގައި ހުންނެވި. މާލޭގައި އޭރުތިއްބެވި ކަލާފާނުގެ ވެރިކަމުގެ ބޮޑު މުސްކުޅިން އަދި އެ ރަދުންގެ އަނބިއަނބިކަނބަލުން އެދިވަޑައިގަތީ، ކަލާފާނު ޒިޔާރަތް އެރުވުމަށް އެބޭފުޅުންނަށް ދަތުރެއް ހަދައި ހަންޏާމީދޫއަށް ދެވޭނެ މަގު ފަހިކޮށްދިނުން. ދުޝްމަނުންގެ ލީޑަރު އެގޮތަށް ހުއްދަދެއްވި. ދެއްވީމާ، ބޮޑުމުސްކުޅިންނާއި، ކަލާފާނުގެ ދެ އަނބިކަނބަލުންނާ އަދި އެހެންވެސް ހަގުބޭކަލުން ހަންޏާމީދޫއަށް ދަތުރުކުރައްވައި، ހަންޏާމީދޫގައި ތިއްބަވައި، ޒިޔާރަތެއް އަޅުއްވައި، އެ ޒިޔާރަތަށް ބޯގައެއް ލިޔުއްވައި، ވަޤުފު ކުރައްވައި، އެ ޒިޔާރަތް ބެލެހެއްޓެވުމުގެ ތައުލިޔާމޫލާގެ ނާޒިރުކަން ވަކިބަޔަކާ ހަވާލުކުރައްވައި، އެކަންކަން ނިންމި ފަތްކޮޅު މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެންނަށް މިއޮފީހުގައި ހުރި ފޮށިގަނޑެއްގެ ތެރޭގައި ހުރި ލިޔުންތަކެއްގެ ތެރެއިން މިހާރުވަނީ ފެނިފައި.

އަޅުގަނޑު ވަރަށް އުފާވޭ މިއަދު އަޅުގަނޑު މިވާހަކަ މިހެން ދައްކާއިރު މާދަމާއަކީ، ކަލާފާނު ސްކޫލަށް ވިހިއަހަރު ފުރޭދުވަސް. އިރާދަކުރެއްވިއްޔާ މިދެންނެވި ފަތްކޮޅުގެ ވަރަށް ރީތިކޮޕީއެއް މާދަމާއިން ފެށިގެން ކަލާފާނު ސްކޫލްގައި ފެންނަން ހުންނާނެ. އަޅުގަނޑު މިދަނީ، އެމަސައްކަތް ހިންގޭތޯ ބަލަމުން. އަދި، ސަރުކާރުން ގަސްތުކުރަނީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު މެދުވެރިކޮށްގެން، ހަންޏާމީދޫގައި ކަލާފާނުގެ ޒިޔާރަތާ ގުޅުވާ އަދި ހަންޏާމީދޫ މިސްކިތާ ގުޅުވާ، އެތަނުގައި ކަލާފާނާ ގުޅޭ ހުރިހާ ފަތްކޮޅެއް ބެހެއްޓޭނެ މަގެއް ހޯދުމަށް. އަޅުގަނޑުމެންގެ ބޭނުމަކީ، އެ ރަދުންގެ ހަނދާންތައް އަޅުގަނޑުމެންނަށް އަބަދުވެސް އާވެއާވެ ހުރުން.

އަޅުގަނޑުމެންގެ ބޭނުމަކީ، ހުރިހާ ރަސްރަސްކަލުންގެވެސް ހުރިހާ ވެރިންގެވެސް ހަޔާތުން އަޅުގަނޑުމެންނަށް މިއަދު ޢަމަލުކުރެވޭނެ ރަނގަޅު ފިލާވަޅެއް ލިބޭތޯ މަސައްކަތްކުރުން. ކަލާފާނު ޝަހީދުވިނަމަވެސް، ކަލާފާނު ޝަހީދުވުމަށްފަހު ދެން އެ އައި ރަނގަޅު 250 އަހަރު ޙަޤީޤަތުގައި ރާއްޖޭގެ ވެރިކަން ވަރަށްބޮޑަށް އެނބުރިއެނބުރި ހުރީ ކަލާފާނު ޝަހީދުވުމުގެ ހަނދާނުގައި. އަހަރަކު އެއްފަހަރުހެން އޭރުގެ ރަސްރަސްކަލުން އަރިއަތޮޅަށް ދަތުރުކުރައްވާ. އަޅުގަނޑުމެން އެންމެން ދަންނަމު އަރިއަތޮޅު އަރުމާޒު، އެ ރައިވަރު. އެއީ، މުޢީނުއްދީނު ރަދުން ކުރެއްވި ދަތުރުފުޅާ ގުޅިގެން އަޅުގަނޑު ހަނދާންވަނީ ބަނޑޭރި ޙަސަން މަނިކުފާނު ހައްދަވާފައިއޮތް ރައިވަރު. އަޅުގަނޑުމެންނަށް މިއަދު ގެއްލިފައިވަނީ، ކަލާފާނު ރައިވަރު. ކަލާފާނު ރައިވަރުން އަޅުގަނޑުމެންނަށް ފެންނާންއޮތް މިންވަރަކީ، ބޮޑުފެންވަޅުގޭ ސީދީ، ސަރުކާރުގެ ޚަބަރުގައި އެއްފަހަރަކު ލިޔުއްވާފައިއޮތް ކަލާފާނު ރައިވަރުގެ ތަންކޮޅެއް. އަޅުގަނޑުމެންނަށް ކަލާފާނާ ގުޅޭ ގިނަގުނަ މަޢްލޫމާތު އިރާދަކުރެއްވިއްޔާ ހޯދޭނެ. ކަލާފާނު ޝަހީދުވެދިޔަގޮތް، އެއަށްފަހު ރާއްޖޭގެ ވެރިކަން ހިނގައިދިޔަގޮތް، އުތީމު ދަރިކޮޅުގެ ރަސްކަން ނިމުން. މި އެންމެހާ ކަންކަމުގެ މައްޗަށް އިރާދަކުރެއްވިއްޔާ ތާރީޚީ ނަޒަރުން އަޅުގަނޑުމެންނަށް ބެލޭނެ.

އަޅުގަނޑު އަބަދުވެސް ނިންމާލަމުން ތިޔަބޭފުޅުންނަށް ދަންނަވާ ވާހަކައެއް އޮވޭ. އެއީ، އެންޓާރިސްގެ ވާހަކަ. އޮލިމްޕިއަންސްގެ ވާހަކަ. މިހާރު މިއޮތް އެދުވަސް ގާތްވީ. އަޅުގަނޑަށް އޮލިމްޕިއަންސް ބަލާލަން އިރާދަކުރެއްވިއްޔާ ދެވޭނެ. އަދި އަޅުގަނޑަށް ޔަގީން ހުރިހާ ބޭފުޅުންވެސް އޮލިމްޕިއަންސް ބަލާލުމަށް ޝައުޤުވެރިވާނެ. އެހެންވީމާ، އޮލިމްޕަހަށް ވަޑައިގަންނަވާނެ. އަނެއްކާވެސް ކުރިއަށް މިއޮތް މިނިވަންދުވަހުގެ އެންމެހާ ތަހުނިޔާތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ރައްދުކުރަން.

والحمد للّـه. والسّـلام عليـكم


______________________