بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ 10 ޖުލައި 2009 ވީ ހުކުރު ދުވަސް. އަޅުގަނޑު އަނެއްކާވެސް ރޭޑިއޯ މެދުވެރިކޮށް ތިޔަބޭފުޅުންނާ މިއަދު މިބައްދަލުކުރަނީ، ދާދިފަހުން އަޅުގަނޑު އިނގިރޭސިވިލާތަށް ކޮށްފައިވާ ދަތުރަކަށްފަހު.

އަޅުގަނޑުގެ މި ރޭޑިއޯ ޕްރޮގްރާމްތަކުގައި އަބަދުވެސް މޫސުމުގެ ވާހަކަ ނުދެކެވި ކުރިއަކަށް ނުދޭ. އެނގިވަޑައިގަންނަވާނެ، މިދުވަސްވަރަކީ ވިއްސާރަ ބޯ ދުވަސްވަރެއް. އަދި ވައިވެސް ހަމަ އެބަ އެހާމެ ގަދަވޭ. މިދިޔަ ހަފްތާގެ ތެރޭގައި، ޚާއްޞަކޮށް، އައްޑުއަތޮޅުގައި ވަރަށް ބޮޑަށް ވިއްސާރަވެ، ވަރަށް ބޮޑަށް ފެންބޮޑުވެ، މުޅި އަތޮޅުން ކަރަންޓް ކެނޑި، މިބާވަތުގެ އެތައްއެތައް ހިތާމަވެރި ކަންތައްތަކެއް ހިނގާފައި ހިނގައްޖެ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، މިހެން ދިމާވާ ކަންކަމުގައި އަޅުގަނޑުމެންނަށް އަވަސް ޙަރަކާތް ގެނެވި، އެކަންކަން ވީހާވެސް ރަނގަޅު ޙައްލަކަށް ބަދަލުކުރެވޭތޯ ސަރުކާރުން މިދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން.

މިދިޔަ ހަފްތާއަކީ، އަޅުގަނޑަށް ވަރަށް އުފާވެރި ޚަބަރުތަކެއް ލިބިގެންދިޔަ ހަފްތާއެއް. މިދިޔަ ރިޔާސީ އިންތިޚާބުގައި، އަޅުގަނޑުމެން ވާދަކުރަމުން އައިއިރު، ރައްޔިތުންނަށް އެންމެ ފާޅުކަންބޮޑު ގޮތެއްގައި ވަމުން އައި އެއް ވަޢުދަކީ، މި ރާއްޖޭގެ ރަށްތަކަކީ، ލާމެހިފައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅާލެވިފައިވާ ރަށްތަކަކަށް ހަދައިދިނުމަށް އަޅުގަނޑުމެން މަސައްކަތް ކޮށްދޭނެކަމަށް ވަމުންދިޔަ ވަޢުދުތައް. އަޅުގަނޑުމެން ދަންނަވަމުން ގެންދިޔައިން، ރަށު ބަންދުގައި އެއްވެސް ރައްޔިތަކަށް އިރާދަކުރެއްވިއްޔާ، ދެނެއް ގިނަ ދުވަސްތަކަކު ތިބޭކަށެއް ނުޖެހޭނެ.

މި ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމު ކުރުމަށްޓަކައި، ސަރުކާރުން އެކުލަވާލި ސިޔާސަތަކީ، އަމިއްލަ ފަރާތްތައް މެދުވެރިކޮށް، އެ ނިޒާމު އުފެއްދޭނެ ގޮތްތަކެއް ހޯދުން. އެގޮތުން، ސަރުކާރުން އެންމެ ފުރަތަމަ އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ބަޔަކު ހޯދުމަށް އިޢްލާނު ކުރީ. އެ ޝައުޤުވެރިވާ ބަޔަކު ސަރުކާރަށް ލިބުމުން، ދެން ސަރުކާރުން އެބައިމީހުންނަށް މި ފޮނުވީ، ރިކްއެސްޓް ފޮރ ޕްރޮޕޯސަލްއެއް ނުވަތަ ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހެޅުމުގެ ރިކްއެސްޓެއް. އޭގައި ސަރުކާރުން ކަނޑައެޅީ، އެފަދަ ޚިދްމަތެއް ފޯރުކޮށްދޭ ބަޔަކަށް، ސަރުކާރުން ދެވެން އޮތް ޢިނާޔަތްތަކުގެ ވާހަކަ. އޭގެތެރޭގައި، އެ ރިކްއެސްޓް ފޮރ ޕްރޮޕޯސަލްގައި ހިމަނާފައިވާނީ، ކޮންމެ ރަށަކުންވެސް ފެރީ ޓަރމިނަލްގެ ޖާގަ. އެ ޖާގައިގެ ތެރޭގައި، ގެސްޓްހައުސް ހެދޭނެ ގޮތަށް ބިމުގެ ޖާގަ ދިނުން. އަދި ހަމައެހެންމެ، ކޮންމެ ޕްރޮވިންސެއްގައި ސިޓީ ހޮޓެލެއް ހަދާނެ ޖާގަ، އެބަޔަކަށް ދިނުން. ސަރުކާރުން މި ޢިނާޔަތްތަކަށްފަހު އެދެނީ، ސަރުކާރުން ކަނޑައަޅާ ވަކި ޓައިމްޓޭބަލެއްގައި، ސަރުކާރާ އެއްބަސްވެވޭ ވަކި އަގެއްގައި، ސަރުކާރާ އެއްބަސްވެވޭ ވަކި ބާވަތެއްގެ އުޅަނދުފަހަރުގައި، އަބަދުމެ ދަތުރުފަތުރުކުރުމުގެ ނިޒާމު ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ހިނގަ ހިނގާ ހުންނާނެ ގޮތަކަށް މަޝްރޫޢެއް ރާވައި ހިންގައިދިނުމަށް.

މިގޮތަށް މިކުރެވުނު އިޢްލާނާ ގުޅިގެން، ފަސް ފަރާތަކުން އެބައޮތް މިހާރު ބިޑްކޮށްފައި. އެ ބިޑާ ގުޅޭ ސަރުކާރުގެ ފަރާތްތަކުން މިހާރުދަނީ އެ ބިޑްތައް ބަލަމުން. އިރާދަކުރެއްވިއްޔާ އޯގަސްޓް މަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް އެކަމާ ގުޅޭ ކޮންޓްރެކްޓް އެކުލަވާލެވޭނެ ނުވަތަ އެ ބިޑް ކާމިޔާބު ކުރި ފަރާތްތަކާ އެކުގައި ކޮންޓްރެކްޓާ ހަމައަށް ދެވޭނެ. އަޅުގަނޑު މި އުންމީދު ކުރަނީ، އެހެންވީމާ، އިރާދަކުރެއްވިއްޔާ، މުލަރޯދަހާ ތަނަށް ކޮންމެވެސް ވަރަކަށް މިކަމުގެ ޢަމަލީ ސިފަތަކެއް ފެނިގެންދާނެ ކަމަށް. އަޅުގަނޑަށް މިއަދު ޔަޤީންވަނީ، އަޅުގަނޑުމެން މި ރާވާފައި އޮތްގޮތަށް، އަޅުގަނޑުމެން އެ ސިފަކުރި ގޮތަށް، ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމު ކުރެވޭނެކަމާއި، ހަމަ ކަނޑައެޅިގެން ރާއްޖޭގެ ރަށްތަކަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމުން ލާމެހި ގުޅިފައިވާ ރަށްތަކަކަށް އިރާދަކުރެއްވިއްޔާ ހެދޭނެކަން.
އަޅުގަނޑުމެން އޭރުގައިވެސް ފާހަގަކުރަމުން ދިޔައީމު އަދި މިހާރުވެސް އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރާނަން، ޤައުމެއް ތަރައްޤީވެ މިދަނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ވަކިގޮތަކަށް ކުރެވުނީމާކަން. އޭގެތެރޭގައި، ފުރިހަމަ އިތުބާރު ހުރި ގޮތެއްގައި އެއްރަށުން އަނެއް ރަށަށް، އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭ ގޮތަށް ކަންކަން ރޭވިފައި އޮތުން ވަރަށް މުހިންމު. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަން ކާމިޔާބުގެ އައްސޭރިއަކަށް ގެންދެވޭނެ.

އަޅުގަނޑު ފަށަމުން ދެންނެވީމު، އިނގިރޭސިވިލާތަށް އަޅުގަނޑު ކުރި ދަތުރުގެ ވާހަކަ. އެއީ، އަޅުގަނޑުވެސް ގަބޫލުކުރަން، މިއަހަރުގެ ތެރޭގައި އަޅުގަނޑު އިނގިރޭސިވިލާތަށް ކުރާ ދެވަނަ ދަތުރު. އަދިވެސް އަޅުގަނޑު ދަންނަވާނީ، މިއަހަރު ހަމަ އިނގިރޭސިވިލާތަށް އަޅުގަނޑު ދަތުރެއް ކުރަން ޖެހިދާނެއޭ. މިފަހަރުގެ ދަތުރުގައި، އަޅުގަނޑު މައިގަނޑު ދެ ވަރކްޝޮޕެއް، ސެމިނަރއެއްގައި ވާހަކަ ދެއްކިން. ފުރަތަމައަށް އޮކްސްފަރޑް ޔުނިވަރސިޓީގައި އޮތް ވަރކްޝޮޕެއް، ސެމިނަރއެއް. އެއީ، ޓައިމްސް ނޫހުން އިންތިޒާމު ކޮށްގެން، އޮކްސްފަރޑް ޔުނިވަރސިޓީއާއެކު ބޭއްވުނު ސެމިނަރއެއް. އެތަނުގައި އަޅުގަނޑުގެ އިތުރުން ވާހަކަ ދެއްކެވީ، އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލްގޯ އާއި، އަދި މިހާރުގެ ރުވެންޑާގެ ރައީސްއާއި، އަދި އިނގިރޭސިވިލާތުގެ ވަރަށް މަޝްހޫރު، ވަރަށްގިނަ ބަޔަކު އޭނާގެ މަޤްބޫލުކަން ހޯދާފައިވާ ބޭފުޅެއް، ކެން ލިވިންގސްޓަން، އެބޭފުޅުންނާއެކުގައި އެކަން ހިނގަމުންދިޔައީ. އަދި އެކަންތައްތަކުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ، ލޯޑް ކްރިސް ޕެޓަން. ބައެއް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެބޭފުޅާއަކީ އިނގިރޭސި އިސްތިޢުމާރީ ބާރުގެ އެންމެފަހު ބޮޅު، އެއީ ހޮންގްކޮންގ ޗައިނާ މީހުންނާ ޙަވާލުކުރުމުގައި ޢަމަލީ ގޮތުން މަސައްކަތް ކުރައްވަމުން ގެންދެވީ، ކްރިސް ޕެޓަން.

ކޮންމެއަކަސް އޮކްސްފަރޑްގައި ދެކެވުނު ވާހަކަތަކަކީ، ޖައްވަށް ފޮނުވޭ ވިހަގޭސް ނުވަތަ ގެދަބުޅި، މިބާވަތުގެ ގޭސްތައް ނުފޮނުވައި، ރަނގަޅު އިޤްތިޞާދެއް ރޭވިދާނެތޯ؟ އެ ރާވާއިރުގައި ކަން ކުރެވެން އޮތީ ކިހިނެއްތޯ؟ އެ ސުވާލުތަކަށް ޖަވާބު ހޯދުމުގެ މަސައްކަތް. އަޅުގަނޑުމެން، ރާއްޖެ މަސައްކަތް ކުރަމުން މިދަނީ، ކަރބަން ނިއުޓްރަލް ނުވަތަ ގެދަބުޅި ނުލާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމުގެ ފިކުރުގައި. އެހެންވީމާ، އަޅުގަނޑުމެންނަށް އެކަމާ ގުޅޭގޮތުން ދެކެވެން ހުރި ވާހަކަ ގިނަ. އަޅުގަނޑުމެން ދެކޭގޮތުގައި، ކަރަންޓްގެ އަގު އެހާ ބޮޑުކޮށް އޮއްވާ، ތަރައްޤީވެދާން ވަރަށް އުނދަގޫ. އަޅުގަނޑަށް ޔަޤީން ހަމަ، ވަރަށްގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބައެއް މަދަރުސާތަކުގައި މިހާރުވެސް އެ މަދަރުސާގެ މުޅި ބަޖެޓުގެ ފަންސާސް ޕަސެންޓް މިދަނީ ކަރަންޓް ފީއަށް. ހެލްތް ސެންޓަރުތަކުގައިވެސް، ހެލްތް ޕޯސްޓްތަކުގައިވެސް، އަދި ޞިއްޙީ މަރްކަޒުތަކުގައިވެސް، ހޮސްޕިޓާތަކުގައިވެސް މިކަން ހަމަ ހުރީ މިމަގަށް. ކަރަންޓްގެ އަގު މިހާ ބޮޑުކޮށް އޮއްވާ، އަޅުގަނޑުމެންނަށް ތަރައްޤީވާން ވަރަށް އުނދަގޫ. އެހެންވީމާ، މިއަށްވުރެ ހެޔޮ އަގެއްގައި ކަރަންޓް ލިބޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އެމަސައްކަތް އަޅުގަނޑުމެން މިކުރަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަމުގައި ކާމިޔާބު ލިބޭނެ.

ސަރުކާރުގެ ފަރާތުން އަޅުގަނޑު އިނގިރޭސިވިލާތުގައި އެކިއެކި މުހިންމު ތަންތަނުގައި ވާހަކަ ދައްކާ ހެދީމާ، އެކަމާ ގުޅިގެން މުޅި އިނގިރޭސިވިލާތުގައި ރާއްޖޭގެ ޚަބަރުތައް ފެތުރިގެންދޭ. އަދި ރާއްޖެއަށް އެކަމާ ގުޅިގެން އަންނަ ޓޫރިސްޓުންގެ ޢަދަދުވެސް އިތުރުވޭ. ހަމައެހެންމެ، ރާއްޖެއަށް އިންވެސްޓް ކުރުމަށް އަންނަ ފަރާތްތަކުގެ ޢަދަދުވެސް އިތުރުވެގެންދޭ. މިހާރުވެސް މިއަހަރުގެ ތެރޭގައި، މި ރާއްޖެއަށް އިނގިރޭސިން އައި ޢަދަދު، ކުރީ އަހަރުތަކާ އެއްވަރުވޭ. އަދި ކުރިއަރައިގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ފެނޭ. އެއީ، މި އިޤްތިޞާދީ ހީނަރުކަމުގެ ތެރޭގައިވެސް މިކަން އޮތްގޮތް. ދެން އަޅުގަނޑު އުންމީދު ކުރަނީ، މިބާވަތުގެ މަސައްކަތްތައް އަޅުގަނޑުމެންނަށް ހަމަ ބާރަށް ހިންގަމުން ގެންދެވޭނެ ކަމަށް.

ސަރުކާރު ހިންގުމާ އަޅުގަނޑު ޙަވާލުވިއިރު، ކުރިއްސުރެ ބަންދުގައި ތިބި އަދި މިހާރުވެސް ބަންދުގައި ތިބި ދިވެހިންގެ ތެރެއިން އެކިގޮތްގޮތުން ލުއި ލިބުން ޙައްޤުވާ މީހުންނަށް، "މަޢާފް ދިނުމާއި، އަދަބު ލުއިކޮށްދިނުމުގެ ބިލް"، މިނަމުގައި ސަރުކާރުން މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި. ޖިނާއީ ކުށްކުށުގައި ޙުކުމް ކޮށްފައިވާ އަދި އިސްތިޢުނާފް ކުރުމުގެ އިތުރު ފުރްޞަތެއް ނެތް މީހުންގެ ތެރެއިން ވަކިވަކި ފަރުދުންގެ ކުށް މަޢާފްކޮށްދިނުމާއި، އަދަބު ލުއިކޮށްދިނުމުގެ އުޞޫލުތައް ކަނޑައަޅައި ބަޔާން ކުރުމުގެ ޤާނޫނެއް އޮތުމަކީ، މުހިންމު ކަމެއް ކަމުގައި ފާއިތުވި ހަތަރު ފަސް އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެން މިއައީ ބުނަމުން. އެވާހަކަތައް އަޅުގަނޑުމެން މިއައީ ދައްކަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިހާރު މިއޮތީ މި ބިލް މަޖިލީހަށް ހުށަހެޅިފައި. ދެން އަޅުގަނޑު މި އުންމީދު ކުރަނީ، ލަސްތަކެއްނުވެ މިކަން ވަކިގޮތަކަށް ހިމުންވެގެންދާނެ ކަމަށް.

ހަމައެއާއެކީގައި، ރައްޔިތުންގެ މަޖިލީހުގައި މިހާރު ހޫނުކަމާއެކު ބަޙުޘް ކުރެވެމުންދާ އަނެއް ބިލަކީ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްރަށާއި އަތޮޅުތައް ހިންގުމާ ގުޅޭގޮތުން ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން، އަޅުގަނޑު އެންމެ ފުރަތަމައިނުންވެސް ދަންނަވަން އޮތް ވާހަކައަކީ، ވާދަވެރި ސިޔާސީ ޕާޓީތައްވެސް، ސަރުކާރުން ހުށަހަޅާފައި އޮތް ބިލަށް އިޞްލާޙެއް ގެންނަވަން ބޭނުންވެލައްވާނަމަ، އެ އިޞްލާޙެއް ބަލައިގަތުމަށް ހަމަގައިމުވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އެބޭފުޅުންނާއެކީގައި މަޝްވަރާ ކޮށްގެން، އެބޭފުޅުންނަށްވެސް ފެންނަ ގޮތަކަށް ނޫން ގޮތަކަށް މިކަން ކުރުމަކަށް އަޅުގަނޑުމެންގެވެސް ފިކުރެއް ނެތް.

އަޅުގަނޑު އެބޭފުޅުންގެ އަރިހުވެސް އަދި އެހެން އެންމެހާ ބޭފުޅުން އަރިހުވެސް ދަންނަވާލަން އޮތް ދެތިން ނުކުތާއެއް އެބައޮތް. ފުރަތަމަ ވާހަކައަކީ، ލާމަރްކަޒީ އުޞޫލުން ހިންގައިގެން މެނުވީ، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވެރިކަމެއް ނުހިންގޭނެ. ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސަކީ، ރައްޔިތުންނާ ގާތުން، އެ ރައްޔިތުންގެ ކަންކަން ނިންމަމުން ގެންދިއުން. އެ ނޫންގޮތަކަށް ވެރިކަން ކުރަނީނަމަ، އެ ވެރިކަމަކީ އިންޞާފުވެރި ވެރިކަމަކަށް ވެގެނެއް ނުދާނެ. މާލޭގައި އަޅުގަނޑުމެން ތިބެގެން، އަޅުގަނޑުމެން ބޭނުންހާ ގޮތަކަށް ކަންކަން ނިންމަމުން ގެންދިޔައީމާ، ދެން އެއީ އަދި ޑިމޮކްރެޓިކް ވެރިކަމެއްގެ ގޮތުގައެއް އަޅުގަނޑަކަށް ހިއެއްނުވޭ އެއްވެސް ބަޔަކު ދެކޭނެހެނެއް. ނުވެސްވާނެ އެކަމެއް އެގޮތަކަށް. އަޅުގަނޑުމެން ހަމަ ބޭނުންވެގެން މިއުޅެނީ، ސީދާ ރައްޔިތުންގެ ބާރު، އެއްބާރުލުން، ސީދާ ރައްޔިތުންގެ ބައިވެރިވުން ހިމެނިގެން ވެރިކަން ކުރެވޭނެ އުޞޫލެއް ހޯދަން.

ބައެއް ބޭފުޅުން މިކަމުގައި އިންކާރު މިކުރައްވަނީ، ޕްރޮވިންސް އުފައްދާފައިވާތީވެ. ޕްރޮވިންސް އުފެއްދުމުގެ ފިކުރު އަޅުގަނޑުމެން މިގެނައީ، ސަރުކާރުން މިހުށަހަޅާ އެންމެ މުހިންމު އެއްސަބަބަކީ، ލާމަރްކަޒީ ކުރާއިރުގައި، އަތޮޅެއް އެއީ މާ ކުޑަކުޑަ މިންވަރެކޭ ވަކި ކައުންސިލެއް ނުވަތަ ވަކި އިދާރީ ހިންގުމެއްގެ މައްޗަށް ބިނާވެފައި އޮންނަން. ހުރިހާ ބާރެއް، އަތޮޅެއްގެ ދަރަޖައަށް ލިބުނީމާ، އެއީ އަމިއްލަ އިޤްތިޞާދެއް އުފެއްދޭވަރަށްވުރެ މާ ކުޑަކުޑަ މިންވަރެއް. އެހެންވީމާ، އަޅުގަނޑުމެން ވިސްނީ، ފުރަތަމަ އިހަށް ބައެއް އަތޮޅު އެއްކޮށްފައި، ޕްރޮވިންސެއް ނުވަތަ ސަރަޙައްދެއް އުފައްދަން. އެ އުފައްދާފައި ދެން އެ ސަރަޙައްދުތަކަށް ލާމަރްކަޒީ ކުރަން. ބައެއް ބޭފުޅުން މީގައި ބުނުއްވަފާނެ، އަތޮޅުތައް އެއީ ޕްރޮވިންސެއްގެ ގޮތުގައެއް މާނައެއް ނުކުރެވޭނެއޭ. ދެން އަޅުގަނޑު މީގައި ހިތަށްއަރަނީ، އަތޮޅަކީ ކޮބައިބާވައޭ؟ ހަމަގައިމުވެސް ޤުދްރަތީ އުފެދުމަށް ކިޔާ ނަމަކަށް މިހާރު ހުރި އަތޮޅުތަކެއްނުވޭ. ތިލަދުންމަތީ އުތުރުބުރި ކިޔާ ޤުދްރަތީ ސަރަޙައްދެއް ނެތް. އިހަވަންދިއްޕޮޅަކީ އަތޮޅެއް. އެހެންނަމަވެސް، އެއީ ހއ.ގެ ތަންކޮޅެއް މިހާރު މިއޮތްގޮތުން. މަކުނުދުއަކީ އަތޮޅެއް. އެއީ ހދ. އަތޮޅުގައި އެއްކައިރީގައި އޮންނަ ރަށެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިހާރު މިބެލެނީ. ބޮޑު ތިލަދުންމައްޗަކީ ފިއްލަދޫ ދައްޕަރުއްސުރެ ފެށިގެން އައިސް ވެލިދުއާ ހަމައަށޭ މިކިޔަނީ. އެހެންނަމަވެސް، އަޅުގަނޑުމެން އޭގެތެރެއަށް މިހާރުވެސް އެބަ ލަން، ހއ. ގެ އެއްބަޔާއި، ހދ. އާއި، ށ. އާއި ނ. އާ. އެހެންވީމާ، އަތޮޅަކީ ޕްރޮވިންސެއްގެ ގޮތުގައި ކިޔުމަކުންނެތް މި ރާއްޖޭގައި މިހާތަނަށް އެކަން ކުރަމުން އައިސްފައިވާ ގޮތަކަށް ބަދަލެއް އަންނަ ކަމަކަށް އަޅުގަނޑަކަށް ހަމަ އެއްވެސް ހާލެއްގައެއް ނުފެނޭ. އަދި ޤާނޫނުއަސާސީއާ ޚިލާފު ކަމަކަށްވެސް އަޅުގަނޑަކަށެއް އެކަމެއް ނުފެނޭ.

ހަމަ އެ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ކިބައިން، ޚާއްޞަކޮށް، ޑީ.އާރު.ޕީ.ގެ ކިބައިން އަޅުގަނޑު އެދެނީ، މި ބިލާ ގުޅޭގޮތުން އެހާބޮޑު ސިޔާސީ ވާދަވެރިކަމެއް ނުނެރުއްވުމަށް. މި ބިލާ ގުޅޭގޮތުން ދެފަރާތުން ވާހަކަ ދައްކައިގެން، ގޮތް ހޯދައިގެން ރަނގަޅު ޙައްލެއް މިކަމަށް ގެނައުމަށް، މި ލޯކަލް ގަވަރންމަންޓަށް ރަނގަޅު ޙައްލެއް، އަވަސް ޙައްލެއް ގެނެސްދެއްވުމަށް އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކޮށްދެއްވުމަށް.

އަޅުގަނޑު މިހެން ދަންނަވާއިރުގައި، އަޅުގަނޑަށް ފާހަގަކުރެވުނު އިނގޭތޯ. ތޮއްޑޫގެ ޢިއްޒަތްތެރި މެންބަރު ވާހަކަ ދެއްކެވިއިރުގައި، ވަރަށް ހަމަހަމަ ގޮތެއްގައި އެބޭފުޅާގެ ބަސްތައް ބަހައްޓަވަމުން ގެންދެވި. އެހެންވީމާ، ދެން ލާ މަރްކަޒީ އުޞޫލުން ކަންކަމެއް ނުހިންގާނަމޭ، ނުހިންގޭނެއޭ އެއްވެސް ބޭފުޅަކަށް ވިދާޅުވާކަށް ޖާގައެއްވެސް، ތަނެއްވެސް ނެތް. ޤާނޫނުއަސާސީގައިވަނީ އެ އުޞޫލުން އެކަން ހިންގުމަށް. ޤާނޫނުއަސާސީގެ 8 ވަނަ ބާބު، މިކަމުގައި ވަރަށް ސާފު.

ނިންމާލުމުގެ ކުރީގައި އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، މާދަމައަކީ، އާދެ! ހޮނިހިރު ދުވަހަކީ ދުނިޔޭގެ އާބާދީ ދުވަސް. އާބާދީ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ، އެންމެހާ އިންސާނުން އެކީ އެއްހަމައެއްގައި ދިރިއުޅުން ޙިއްޞާ ކުރުމުގެ މުހިންމުކަން ދެނެގަތުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!

______________________