بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ 3 ޖުލައި 2009 ވީ ހުކުރު ދުވަސް. އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންނާ މިބައްދަލުކޮށްލަނީ، އެނގިވަޑައިގަންނަވާނެ، ވީ މިންވަރަކުން އަޅުގަނޑު މިބަލަނީ، ކޮންމެ ހުކުރު ދުވަހަކު ރޭޑިއޯގެ ޒަރީޢާއިން ތިޔަބޭފުޅުންނާއެކު ކުޑަވަގުތުކޮޅެއް ހޭދަކޮށްލެވޭތޯ. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަންހުރި ބައެއް ވާހަކަތަކުގެ ތެރޭގައި، ފުރަތަމައަށްވެސް ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ބޭރުގެ އެހީ ލިބޭނެ ފުރްޞަތުތައް ދިރާސާ ކުރެވި، އެފަދަ އެހީތައް ހޯއްދެވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، ތަންކޮޅެއް ބޮޑަށް އެކުލަވާލުމަށްޓަކައި އަދި ގުޅުވާލުމަށްޓަކައި އަޅުގަނޑަށް މިފެންނަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރެއްވެސް އޭގައި ހިމެނުމަށް. އެހެންވީމާ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، އަޅުގަނޑުމެން މިހާރު މިވަނީ ނައިބުރައީސް ބަލަހައްޓަވާ މަސައްކަތެއްގެ ގޮތުގައި، އެމަސައްކަތް ކަނޑައަޅާފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ޔަޤީން، ނައިބުރައީސް އެކަން ފުރިހަމައަށް ބަލަހައްޓަވަމުން ގެންދަވާނެ.
މިދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި، އަޅުގަނޑަށް ފާހަގަވި އެއްކަމަކީ، ރާއްޖެއަށް ބޭރުގެ އެހީ ވަރަށްގިނަ ޢަދަދަކަށް ޙަޤީޤަތުގައި ލިބެމުން އެބައާދޭ. އަދި އެހީ ރަނގަޅު ގޮތުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވެންވެސް އެބައޮތް. އެހެންވީމާ، މިކަންކަން ފުރިހަމައަށް ކުރުމަށްޓަކައި ނައިބުރައީސް އިސްވެ ހުންނަވައިގެން އެ ހިންގަވާ ކޮމިޓީތަކާއި އަދި ބައްދަލުވުންތައް ކުރިއަށް ގެންދެވީމާ، އަޅުގަނޑު މިދެކެނީ އެތައް ތަނަކުން ރަނގަޅުވެގެންދާނެ ކަމަށް.

އަޅުގަނޑުމެން މިދިޔަ ހަފްތާގެ ތެރޭގައި އަނެއްކާވެސް އިތުރަށް ވިސްނައިފިން، ނޫސްވެރިކަމުގެ ދާއިރާގައި ސަރުކާރުން މިހާރު ނޫސްވެރިންނަށް ސަރުކާރުގެ އެކިއެކި އިޢްލާނުގެ ގޮތުގައި ދެމުން އަންނަ އިޢްލާނުތައް ނުވަތަ ދެވޭ ފައިސާ މިދެވެނީ، އެންމެ އިންޞާފުވެރި ގޮތުގައިތޯ؟ މީގައި އަޅުގަނޑުމެން ފާހަގަކުރަން މިހާރު މިޖެހޭ އެއްޗަކީ، މިވަގުތު މިއަދު ރާއްޖޭގައި މިސާލަކަށް، ރޭޑިއޯގެ ޒަރީޢާއިން ނުވަތަ ޓީ.ވީ މެދުވެރިކޮށް އަމިއްލަ ފަރާތްތަކުން ރައްޔިތުންނަށް މަޢްލޫމާތު ދޭ މިންވަރު ކުޑައެއް ނޫން. އެހެން ނަމަވެސް، އެއިން އެއްވެސް ފަރާތަކަށް ސަރުކާރުގެ އިޢްލާނެއް، ސަރުކާރުގެ އެހީތެރިކަމެއް ފޯރުކޮށެއް ނުދެވޭ. އަޅުގަނޑުމެންނަށް ހަމައެކަނި އެއްޗެއް މިދެވެނީ، އިޢްލާނުތައް މެދުވެރިކޮށް، ޗާޕުވެގެން ނުކުންނަ ބައެއް ނޫސްތަކަށް. ވަޒީރުންގެ މަޖިލީހުން މިހާރު ނިންމާފައި މިވަނީ، އެއީ މިކަން ކުރަން އެންމެ ރަނގަޅު ގޮތް ނޫން ކަމަށް. އެހެންވީމާ، ސަރުކާރުގެ އިޢްލާނުތައް، 1 ސެޕްޓެމްބަރުއްސުރެ ފެށިގެން ދެން ޝާއިޢު ކުރެވޭނީ، ސަރުކާރުގެ ގެޒެޓްގައި. މިކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން.

ހަމައެހެންމެ، ސަރުކާރުން ދޭ އިނާމުތައް ރައްޔިތުންނަށް ދިނުމާ ގުޅޭގޮތުންވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަޒީރުންގެ މަޖިލީހުން ބައެއް ކަންކަން ނިންމަވައިފި. އޭގެތެރޭގައި، އެ އެއްހަމައަކަށް ހުރިހާ އިނާމެއް ގެނައުން ވަރަށްބޮޑު ވިސްނުމަކަށްވި. ވަރަށް މުހިންމު ގޮތެއްގައި ފާހަގަވެގެންދިޔަ. އެބަހުރި ބައެއް ރަށްރަށުގައި މިސާލަކަށް، ފެހިފަތް ދިނުމުގެ އިނާމު، ދޭތެރެ ދުރުކުރުމުގެ އިނާމު، މިބާވަތުގެވެސް މިހެންގޮސް ކިތަންމެ އިނާމެއް އެބަ ހިމެނޭ. މި އިނާމުތައް އެއްހަމައަކަށް ގެނެސް، ނުވަތަ ސަރުކާރުގެ ފަރާތުން ހެޔޮގޮތުގައި ކަންތައްތައް ކުރާ މީހުން ފާހަގަކުރާނެ މިންގަނޑަކީ ކޮބައިތޯއޭ. އެ މިންގަނޑާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން މިހާރު މިވަނީ އާ ގޮތްތަކެއް ނިންމާފައި. އެ ކޮމިޓީއިން ނިންމި ގޮތްތައް އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް އޮންނާނީ، ޚަބަރުންވެސް އަޑުއިވިފައި. އިރާދަކުރެއްވިއްޔާ، މިއަންނަ ނޮވެމްބަރު 11 އިންސުރެ ދެން ޢަމަލު ކުރެވެމުންދާނީ، މިދެންނެވި އާ ގޮތްތަކަށް.

އަޅުގަނޑު ހަމަ މިއަދުވެސް ދަންނަވާލަން ބޭނުން. މި ރާއްޖޭގެ ޝަރްޢީ ދާއިރާގައި މެދުވެރިވާ ބައެއް ކަންކަމާމެދު ދެތިން އެއްޗެއް އަޅުގަނޑު އެބަ ބުނެލަން ބޭނުންވޭ. ހަމަ އެންމެބޮޑު ސަބަބަކީ، ޝަރްޢީ ނިޒާމު އެކަށީގެންވާ ހަލުވިމިނުގައި ހިނގަމުންދިޔުމަކީ، ސަރުކާރުން އަދި ދިވެހި ރައްޔިތުންވެސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަކަށްވާތީ. ޢަދުލު އިންޞާފު ޤާއިމު ކުރުވުން ލަސްވެގެންދިޔުމަކީ، ޢަދުލު އިންޞާފު ނުލިބުން ކަމުގައި މި ބެލެވޭ ބެލުމަކީ، ޢާންމު ގޮތެއްގައި ގަބޫލުކުރެވޭ ހަމައެއް.

މިނިވަން އަދި މުސްތަޤިލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޢާންމުކޮށް ހުޅުވާލައިގެން ބޭއްވޭ އަޑުއެހުމުގައި، ޝަރީޢަތް ކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ޙައްޤެއް. އަދި ޢަދުލުއިންޞާފުގެ ބާރަކީ، ވެރިކަން ހިންގާ ފަރާތާއި ޤާނޫނު ހަދާ ފަރާތާ މުޅިން ވަކިކޮށް މުސްތަޤިއްލު ކުރެވިފައިވާ ބާރެއްކަމަށްވާއިރު، ޝަރުޢީ ދާއިރާ ހަރުދަނާ ކުރެވޭނީ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، އެފަރާތުގެ މަސްއޫލިއްޔަތު އަދާކުރެވޭގޮތަކަށް، އެ ދާއިރާ ރޭވިގެން.

މިގޮތުން، މިސާލަކަށް، ކޯޓުތަކަށް ހުށަހެޅޭ ބައެއް ބާވަތުގެ މައްސަލަތަކަކީ، އޭގައި ވަރަށް ނާޒުކު މައްސަލަތަކެއް ހިމެނޭ، އެފަދަ މައްސަލަތައް ބެއްލެވުމުގައި ޚާއްޞަ ސަމާލުކަން ދޭންޖެހޭ މައްސަލަތަކެއް. ބައްލަވައިފިނަމަ، ކުޑަކުދިންނަށް އަނިޔާކުރުމާއި، ކުދިންނާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގާ މައްސަލަތަކުގަޔާއި، މަސްތުވާތަކެތީގެ ވިޔަފާރީކުރާ މީހުންގެ މައްސަލަތަކާއި، ދައުލަތުގެ މުދަލަށާއި ފައިސާއަށް ޚިޔާނާތްތެރިވާ މީހުންގެ މައްސަލަތަކުގައި، އެމައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، އެމައްސަލަތަކަކީ އަވަސް މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ގެންދަވައި ނިންމެވުމަކީ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެން މި އުންމީދުކުރާ ހެޔޮވެރިކަމަށް ކޮންމެހެން ބޭނުންތެރިކަމެއް.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް، ދުވަހުން ދުވަހަށް މިއޮއްދަނީ އިތުރުވަމުން. މިއިތުރުވަމުންދާއިރުގައި، ކޯޓުތަކުގެ ވަސީލަތްތައް އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑު ދަންނަވާނީ، އެގޮތުން ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހަރުދަނާ ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޯޓުތަކަށް ދޭންޖެހޭ އެއްބާރުލުންދީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަން ކުރުމުގައި ގެންގުޅުއްވާ މިންގަނޑުތައް އަލުން މުރާޖަޢާ ކުރުން އެއީ، ކޮންމެހެން މިވަގުތު ބޭނުންވެފައިވާ ކަމެކޭ.

ޝަރުޢީ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް 2005 ވަނަ އަހަރުވަނީ ވަރަށްގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވިފައި. މިހާރު އޭގެތެރެއިން ގްރެޖުއޭޓްވެގެން އެނބުރި ވަރަށްގިނަ ފަރާތްތައް މާލެ ވަޑައިގަންނަވައިފި. އަޅުގަނޑު ހަމަ މިއެދެނީ، ތަމްރީނު ކުރެވުނު މިފަދަ ބޭފުޅުންނަށް ޝަރްޢީ ދާއިރާއިން ވަޒީފާގެ ފުރްޞަތު ދެއްވުމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިސްކަން ދެއްވަންޖެހޭނެ ކަމެކޭ. އަޅުގަނޑުމެންގެ ކޯޓުތަކުގައި، އަޅުގަނޑުމެންގެ ފަނޑިޔާރުންގެ ގޮތުގައި، އެކަމުގެ ޙިލްމާއި ޢިލްމު ލިބިފައި ތިބި، ތަޖްރިބާކާރު އަދި ކަމަށް އެކަށީގެންވާ ބޭފުޅުން ތިއްބެވުމަކީ، އަޅުގަނޑުގެ ނަޒަރުގައި ޝަރްޢީ ދާއިރާ ހަރުދަނާ ކުރަން ކޮންމެހެން ބޭނުންތެރި ކަމެއް.

ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެނގިވަޑައިގަންނަވާނެ، ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަން ކުރުމާއި، އަދި މަޤާމުގެ ކުރިއެރުން ދިނުން، މި ކަންތައްތަކުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައި މިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނާ. މިހާރު މި އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ އިންތިޤާލީ ކޮމިޝަނެއް. އެކޮމިޝަން އަލުން އެކުލަވާލެވި، ދާއިމީ ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު މިއޮއްދަނީ ކުރިއަށް. ފަނޑިޔާރުންގެ ތެރެއިން އަޅުގަނޑު ހިތުން އެ ކޮމިޝަންގައި އިށީންނަވާ ބޭފުޅެއްގެ އިންތިޚާބު، ފަނޑިޔާރުންގެ މެދުގައި ބޭއްވިއްޖެ. އަދި އެހެނިހެން ގޮތްގޮތުންވެސް އެކޮމިޝަންގައި އިށީންނަވާ ބޭފުޅުންގެ ކަންތައް މިހާރު މިދަނީ ނިމެމުން.

މިގޮތަށް ނިމެމުންދާ ދަނޑިވަޅެއްގައި، މިގޮތަށް މިކަން ކުރިއަށްދާއިރެއްގައި، އަޅުގަނޑުގެ ނަޒަރުގައި މި އިންތިޤާލީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަލުން އަނބުރާ ފަނޑިޔާރުން ތަންތަނަށް ޢައްޔަން ކުރުމަކީ ބުއްދިވެރި ކަމެއް ނޫން. ޙަޤީޤަތުގައި ޤާނޫނުއަސާސީ ކަނޑައެޅިގެން ބަޔާންކުރޭ، މި ދާއިމީ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވާލައި ނިމުނީމައޭ ބުއްދިވެރިވާނީ، ދެން ފަނޑިޔާރުން އިތުރަށް ޢައްޔަން ކުރުން. އެހެންނަމަވެސް، އަޅުގަނޑަށް އެބަ ފެނޭ، އަޅުގަނޑަށް އަޑު އެބައިވޭ، އަޅުގަނޑަށް އެބަ އެނގޭ، ބައެއް ފަނޑިޔާރުން މިހާރު ޢައްޔަން ކުރެވެމުންދާކަން، މިވަގުތީ، އިންތިޤާލީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް. ތެދުފުޅެއް، ޤާނޫނު، އެބޭފުޅުންނަށް އޭގެ ފުރްޞަތުދޭ. އެހެން ނަމަވެސް، މިހާރު ޖުޑީޝަލް ސަރވިސް ކޮމިޝަނެއް އެކުލަވާލެވެމުންދާއިރުގައި، ދެން އެ އިންތިޤާލީ ކޮމިޝަނުން ދިގު މުއްދަތަށް ދާއިމީކޮށް ތިއްބަވާނޭ ކޯޓުތަކުގެ ފަނޑިޔާރުން ޢައްޔަން ކުރުމަކީ، އަޅުގަނޑު ދަންނަވާނީ، ޤާނޫނުއަސާސީގެ ރޫޙެއް ނޫނޭ. އަދި ހެޔޮވެރިކަމުގެ އުޞޫލާއި ގޮތެއްވެސް ނޫނޭ. އަޅުގަނޑު މި އުންމީދު ކުރަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަން އަވަހަށް އެކުލަވާލެވި، އަދި އެ ކޮމިޝަންގެ ދަށުން، ކަމަށް އެކަށީގެންވާ ރަނގަޅު ފަނޑިޔާރުން، ޚާއްޞަކޮށް، ގްރެޖުއޭޓުންގެ ގޮތުގައި ނުވަތަ މަތީ ތަޢްލީމު ޙާޞިލު ކުރައްވާފައި ތިއްބެވި ބޭފުޅުން، ފަނޑިޔާރުންގެ ގޮތުގައި ޢައްޔަންވެގެންދާނެ ކަމަށް.

އަންނަ ބުދަ ދުވަހަކީ، އެނގިވަޑައިގަންނަވާނެ، މި ޖުލައި މަހުގެ 8 ވަނަ ދުވަހަކީ، ރާއްޖޭގައި ޤައުމީ ގޮތުން ފާހަގަކުރާ ލިޔުންތެރިންގެ ދުވަސް. މި ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމަށް ދިވެހިބަހާއި ތާރީޚަށް ޚިދްމަތް ކުރާ ޤައުމީ މަރްކަޒުންނާއި، ދިވެހި ލިޔުންތެރިން ގެންދަވަނީ ތައްޔާރުވަމުން. ދެން އަޅުގަނޑު މިދެކެނީ، ލިޔުންތެރިންނަށް މިދުވަހާ ގުޅޭގޮތުން ހިންގަން ބޭނުންވާނެ ކަންކަމާއި އަދި ފާހަގަކުރަން ބޭނުންވާނެ ކަންކަން ފާހަގަކުރެވެމުން މިއަދުއްސުރެ ފެށިގެންވެސް އަދި ޚާއްޞަކޮށް އެދުވަހުގައި ހިނގައިދާނެއޭ.

ހަމައެހެންމެ، މި ޖުލައި މަހަކީ އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މިނިވަންކަން، ސިޔާސީ މިނިވަންކަން މި ރާއްޖެއަށް ލިބުނު ދުވަސް ކަމަށް އަޅުގަނޑުމެން ފާހަގަކުރާ ޖުލައި 26 ހިމެނޭ މަސް. އެހެންވީމާ، މިމަހުގައި އަޅުގަނޑުމެންނަށް މި މިނިވަންކަމަށް، ޖުލައި 26 އަށް އަޅުގަނޑުމެންވެސް ސަރުކާރުންވެސް އަދި ރައްޔިތުންވެސް ޖުލައި 26ގެ އިޙްތިފާލުތަކަށް، ޙަފްލާތަކަށް އުފާ ފާގަތި އަދި އުފާވެރި ހުރިހާ ކަމަކަށް ތައްޔާރުވަމުންދާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ދެކެން.

އަޅުގަނޑު މިއަދު ނިންމާލުމުގެ ކުރީގައި، ދަންނަވާލަން ބޭނުން، ހޮނިހިރު ދުވަހު، މާދަމާ އަޅުގަނޑު އެބަދަން ތިން ދުވަހަށް އިނގިރޭސިވިލާތަށް. މިދަތުރަކީ، އިނގިރޭސިވިލާތުގެ ޕާލަމެންޓްގައި އަޅުގަނޑަށް ތަޤްރީރު ކުރުމަށް ލިބުނު ފުރްޞަތެއްގެ ބޭނުން ހިފުމަށްޓަކައި ކުރާ ދަތުރެއް. އަދި ހަމައެއާއެކީގައި މިދަތުރު އަޅުގަނޑު ޚާއްޞަކޮށް މިކުރަނީ، އޮކްސްފޯޑް ޔުނިވަރސިޓީގައިވެސް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެމެރިކާގެ ކުރީގެ ސިޔާސީ ވަރަށް މަޝްހޫރު ބޭފުޅެއް، އަލްގޯ، އެބޭފުޅާގެ ފޯރަމެއް، އެބޭފުޅާ ހިންގަވާ ޕްރޮގްރާމެއްގެ ތެރެއިން އަޅުގަނޑަށް ދަޢުވަތު ދެއްވާފައި އޮތީތީވެ، މިދެތަނުގައި ބައިވެރިވުމަކީ، މި ރާއްޖެއަށާއި އަޅުގަނޑުމެންނަށް ފައިދާހުރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނާތީވެ، އެބޭފުޅުން ދެއްވާފައި އޮތް ދަޢުވަތެއް ގަބޫލުކޮށް، ތިން ދުވަހަށް އަޅުގަނޑު އިނގިރޭސިވިލާތަށް އެބަދަން ހޮނިހިރު ދުވަހު.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިންވެސް ދަންނަވާނީ، އަދިވެސް މިއޮތީ ހުޅަނގުގެ ގަދައޭ. މިދިޔަ ބުދަ ދުވަހު އަޅުގަނޑު ނ. އަތޮޅަށް ދިޔައިން، ނ. އަތޮޅުގައި އޮތް ރިޒޯޓެއް ހުޅުވުމުގެ ޙަފްލާއެއްގައި ބައިވެރިވުމަށް. އަޅުގަނޑު މިކޮޅަށް އައިއިރުގައި ހަމަ މޫސުމް ވަރަށް ގަދަކޮށް އޮތީ. ދެން އޭރު އަޅުގަނޑަށް އަޑު އިވިގެންދިޔަ، ބާރަށުގައި ނަގޫރޯޅިއެއް އައިސްގެން، ބާރަށުގެ އެތައް ގެއަކަށް ގެއްލުންވެދިޔަކަން. މިދިޔަ ދެހަފްތާއެއްގެ ތެރޭގައި، ލ. އަތޮޅުގެ ގެތަކަކަށްވެސް މިވަނީ ނަގޫރޯޅިއެއްގެ އަސަރު ކޮށްފައި. އެހެންވީމާ، މިއީ ޢާންމުކޮށް އަޅުގަނޑުމެންނަށް ކޮންމެ އަހަރަކު، ކޮންމެ އަހަރަކު އެހާ ގިނައިން އިވޭ އަޑެއް ނޫން. އަޅުގަނޑުމެން އުންމީދު ކުރަން، މިބާވަތުގެ ކަންކަން އަޅުގަނޑުމެންނަށް އަބަދުއަބަދު ދިމާނުވެ އޮންނާނެ ގޮތަކަށް ކަންކަން މެދުވެރިވާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން އެންމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!