ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 44 އަހަރު ފުރުނު އުފާވެރި މުނާސަބަތުގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ރާއްޖެއަށް މި މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދެންނެވުމެވެ. އެއަށްފަހު، މިނިވަންދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ، ރާއްޖެއިން ބޭރުގައި ތިއްބެވި ހުރިހާ ދިވެހި ބޭފުޅުންނަށް އަރިސްކުރަމެވެ. މިގޮތުން، މިތަހުނިޔާގައި ރާއްޖެއިން ބޭރުގައި ހުރި ހުރިހާ ދިވެހި މިޝަންތަކުގެ ސަފީރުންނާއި، އެ މިޝަންތަކުގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުން ވޭތުކުރައްވަމުން ގެންދަވާ ހުރިހާ ދިވެހި ޢާއިލާތަކަށާއި، ތަޢްލީމީ އެކިއެކި މަރްޙަލާތައް ކަޑައްތު ކުރަމުންދާ ހުރިހާ ދިވެހި ދަރިވަރުން އަޅުގަނޑު ހިމަނަމެވެ.

މިއަދު ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި އަޅުގަނޑުގެ އަނެއް މުހިންމު ވާޖިބަކީ، އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވި ބަޠަލް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށް ޙައްޤުވެގެންވާ ޝުކުރު ދެންނެވުމެވެ. އެމަނިކުފާނުގެ

ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި މާތްރަސްކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަމެވެ.

އިނގިރޭސިންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވުމުގައި އެންމެ އިސް ސަފުގައި ހުންނަވައިގެން ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅަކީ، މިއަދު ދިވެހި ޤައުމުގެ ކޮންމެ ދަރިއަކު ފަޚުރުވެރިވާނެ މަސައްކަތްޕުޅެކެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަގާމުގައާއި އަދި ފަހުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން ދިވެހި ޤައުމަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަން އެމަނިކުފާނަށް މަޖުބޫރު ކުރެވިގެން ދިޔަކަން އެއީ، އަޅުގަނޑުމެންނަށް ލިބުނު ހިތާމައެކެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ ހަށިކޮޅު މިއަދު ދިވެހި ފަސްގަނޑުގައިވާކަމީ ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.

މިއަދު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން މިވަނީ ލިބިފައެވެ. 11 ނޮވެމްބަރ 2008ގައި ރާއްޖޭގެ ވެރިކަން ބަދަލުވެ، ޑިމޮކްރަސީގެ މިނިވަން ޚިޔާލުތަކަށް މިއަދު ދިވެހި ރައްޔިތުން މިވަނީ ހޭލާފައެވެ. މި ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ އަދި މި ސަރުކާރުގެ އެންމެ މުހިންމު މަޤްޞަދަކީ، ދިވެހި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމެވެ. މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި މިރޮނގުން ސަރުކާރުންވަނީ ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.


މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން މިއެދެނީ، ދިވެހި ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މިސަރުކާރުން ކެނޑިނޭޅި ކުރަމުންމިގެންދާ މަސައްކަތްތަކުގައި ތިޔަބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން އަޅުގަނޑުމެންނަށް ދެއްވުމަށެވެ. ރާއްޖޭގެ ރީތިނަމާއި ޤަދަރު ބޭރު ދުނިޔޭގައި ހިފަހައްޓަވައި ދެއްވުމަށެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާއިރު ދިމާވާނެ ދަތިތަކާއި، ސަރުކާރުގެ ފަރާތުން އިންތިޒާމް ކޮށްދެވޭނެ ހުރިހާ ލުއިތަކާއި މިފަދަ އެންމެހާ ކަންކަމަކީ ސަރުކާރަށް ވަޒަންކުރެވޭ ކަންކަމެވެ. އަދި ދުރާގާތުގައި ވިޔަސް ދިވެހި ރައްޔިތުންނަށް އަޅާލާ އޯގާތެރިކަމާއެކު ސަރުކާރު ހިންގަމުން ގެންދިޔުމަކީ ކޮންމެ ސަރުކާރެއްގެވެސް ވާޖިބެއް ކަމުގައި މި ސަރުކާރު ޤަބޫލުކުރަމެވެ.

މާތްރަސްކަލާނގެ މިލޮބުވެތި ދިވެހި ވަޠަން، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ލަހައްޓަވާށިއެވެ. ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށްދެއްވައި ރާއްޖެއަށާއި ތިޔަ ލޮބުވެތި ރައްޔިތުންނަށް އިތުރު ކާމިޔާބީ މިންވަރު ކުރައްވާށިއެވެ.