بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިއަދު ނޫސްވެރިން މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނާ މިބައްދަލުކޮށްލީ އަޅުގަނޑަށްވެސް އެނގޭ މިއަދާ ހަމައަށް އައިއިރުގައި މެދުކެނޑިފައިވާކަން އަޅުގަނޑު ނޫސްވެރިންނާއެކު މިބާވަތުގެ ބައްދަލުވުމެއް ނުބާއްވާތާ. އެހެންވީމާ ތިޔަބޭފުޅުންގެ ބައެއް ސުވާލުތައް މިހާރު ހުންނާނެކަމާމެދު މިހާރު އަޅުގަނޑު ޝައްކެއްނުކުރަން. އަދި އެހެންނަމަވެސް، ޚާއްޞަ ގޮތެއްގައި އަޅުގަނޑު މިއަދު މިބައްދަލުކުރީ އަޅުގަނޑަށް ފެންނަ ފެނުމުގައި ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަޝްވަރާތަކެއް އެނގިވަޑައިގަންނަވާނެ ސަރުކާރާ ދިވެހި ރައްޔިތުންގެ ޕާޓީއާ ވަނީ ދެކެވިފައި. އެމަޝްވަރާތަކުގައި ނިންމިފައިވަނީ އެއްކޮށްލަންޖެހޭ އެއްކޮށްލުމަށް ވިސްނުން ސަރުކާރުން އަދި އެހެންވެސް ފަރާތްތަކާ އެކީގައި ގެންގުޅޭ ރަށްރަށް އެއްކޮށްލަން ފެނޭތޯ ބެލުމަށްޓަކައި އެރަށްރަށުގެ ރައްޔިތުންގެ ގާތުން ޚިޔާލު ހޯދުމުގެ ވޯޓެއް އެހުމަކީ ބޭނުންތެރި ކަމެކޭ. އެކަމަށް ޑި.އާރު.ޕީ.އާ ސަރުކާރާ އެއްބަސްވެ އެވޯޓު މިހާރު އެވަނީ ނެގިފައި. ހަމަ މިދެންނެވި ޑި.އާރު.ޕީ.އާ އެކީގައި ވެފައވާ އެއްބަސްވުމުގައިވާ ދެވަނަ ކަމަކީ އެއާ ވިދިގެން އަންނަ ދުވަހު ލާމަރުކަޒީ އުޞޫލުން ރަށްތައް ހިންގުމުގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ގެންނަންޖެހޭ ބައެއް ބަދަލު އިޞްލާޙުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އެއިޞްލާޙުތައް ދެޕާޓީ ގުޅިގެން ފޮނުވުން. ހަމައެހެންމެ 17 އޮކްޓޯބަރގައި އޮތީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަކީ ކޮބައިތޯ ކަނޑައެޅުމުގެ ފަހު ސުންމިނެޓް އެމިދެންނެވި އެއްބަސްވުމުގެ ދަށުން. އަޅުގަނޑަށް ވިސްނޭ ގޮތުގައި އެއެއްބަސްވުން ނިމެނީ އިންތިޚާބު ބާއްވާ އަދި ކައުންސިލްތައް ޤާއިމުކުރެވުނީމާ. އެހެންވީމާ، މިއަދުވެސް އަޅުގަނޑު މިތާ މިހުރިއިރުގައި ޙަޤީޤަތުގައި އަޅުގަނޑު މިހުރީ ދެޕާޓީގެ ފަރާތުން. އެހެންވީމާ އެވާހަކަ ހަމަ ދަންނަވާލަން ބޭނުން.


އާދަމް ޙަލީމް – ސަން އެފް އެމް އޮންލައިން:

މަނިކުފާނު ތިޔަ ދެޕާޓީގެ ފަރާތުން ބައްދަލުކުރެއްވީތީ އަޅުގަނޑު ހަމަ މަނިކުފާނަށް މަރްޙަބާ ދަންނަވަން. ދެން އަޅުގަނޑުގެ ސުވާލަކީ މިހާރު ތިޔަބޭފުޅުންގެ އެއްބަސްވުމާ އެއްގޮތަށް 17 އޮކްޓޯބަރގައި ވެފައިއޮތް އެއްބަސްވުމާ އެއްގޮތަށް ރަށްތައް ގެޒެޓް ކުރެވި އެ އިންތިޚާބު ކިހާ އަވަހަކަށް ބޭއްވިދާނެ ކަމަށް މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ދެޕާޓީން ދެކެވުނު ވާހަކަތަކުގައި އިނގޭތޯ، ސަރުކާރާއި ޑީ.އާރު.ޕީ.އާ މިދެޕާޓީ، ޑީ.އާރު.ޕީ.އާ އެމް.ޑީ.ޕީ.އާ އެއްނޫން. ސަރުކާރާއި ޑީ.އާރު.ޕީ.އާ ދެކެވުނު ވާހަކަތަކުގައި އަޅުގަނޑުމެންނަށް ނިންމިފައި އޮތީ 17 އޮކްޓޯބަރގައި ރަށްތައް އިޢުލާނު ކުރީމާ، ދެން އިލެކްޝަންސް ކޮމިޝަނަށް އެކަން ކުރެވޭ، ވީ އެންމެ އަވަހެއްގައި އެބޭފުޅުން އެކަން ކުރެއްވުން. ދެން އަޅުގަނޑުމެން އެދެނީ އިލެކްޝަންސް ކޮމިޝަނަރ ލޮޖިސްޓިކްލީ ނުވަތަ އިދާރީގޮތުން މިމަސައްކަތް ހިންގެން އޮތް އެންމެ އަވަހަކަށް އެކަން ކުރުން.

ދެން 17 އޮކްޓޯބަރގައި ރަށްތައް އިޢުލާނު ކުރާއިރުގައި ވަރަށް ބޮޑު ބަދަލެއް އެބައާދޭ، ރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު އަތޮޅަށް، އައްޑުއަތޮޅަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި މި ޚިޔާލު ހޯދުމުގެ ވޯޓުން ނަތީޖާ ވަރަށް ސާފުކޮށް ދައްކާފައި އޮތީ އެއަތޮޅުގެ ރައްޔިތުން ސިޓީއެއްގެ ގޮތުގައި ތަރައްޤީވާން ބޭނުންވާ ކަމަށް. އެހެންވީމާ، އަޅުގަނޑުމެން ކަނޑައަޅާނީ އައްޑުއަތޮޅަކީ ސިޓީއެއްގެ ގޮތުގައި ހިމެނޭ އެއްރަށުގެ ގޮތުގައި. އައްޑުއަތޮޅަކީ ރަށެއް. އެރަށުގައި ހިމެނޭ އަވަށްތަކަކީ ހިތަދޫއާއި، މަރަދޫފޭދޫއާއި، މަރަދޫއާއި، ފޭދޫއާއި، ހުޅުދޫއާއި، ހުޅުމީދޫއާ. އެއީ، އެރަށުގައި ހިމެނޭ މީހުން ދިރިއުޅޭ އަވަށްތަކަކީ. ދެން އެރަށުގައި އަތޮޅު އޮފީހެއް ނުހުންނާނެ. އޭގެ ބަދަލުގައި ހުންނާނީ މުނިސިޕަލިޓީއެއް. އިންތިޚާބުވެގެންދާނީ މިދަންނަވާ މުނިސިޕަލިޓީއަށް މުނިސިޕަލް ކައުންސިލެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މުޅި މަސައްކަތުން، އަޅުގަނޑުމެންގެ މި މަޝްވަރާތަކުންނާއި އަދި ޚިޔާލު ހޯދުންތަކުން އެންމެ ބޮޑު ގޮތެއްގައި މި ނިންމުނު އެއް ނިންމުމަކީ، އައްޑުއަތޮޅަކީ ސިޓީގެ ދަރަޖަ ލިބެންޖެހޭ އަދި ލިބޭނެ ލިބެން ބޭނުންވާ ކަމަށް އެއަތޮޅުގެ ރައްޔިތުން ބުނެފައިވާ އަތޮޅެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިފަހަރު އެގޮތަށް އެ އަތޮޅުގެ ކަންތައް މަގުފަހިވެގެންދާނެ.

އަޙްމަދު މުޙްސިން - އެމް.އެން.ބީ.ސީ ވަން:


އަޅުގަނޑުގެ ސުވާލަކީ މަނިކުފާނު ވިދާޅުވެއްޖެ، ދެ ޕާޓީގެ ފަރާތުންނޭ ނޫނީ ދެ ޕާޓީގެ މަޝްވަރާތަކާއެކުގައޭ މިކަންކަން މިދަނީ. އެކަމަކު މިވޯޓުގެ ފަހު ދުވަހު، ވޯޓުނަގާ ނިމި ފަހުދުވަހު ޑީ.އާރު.ޕީ.އިން ބޭއްވި މުޒާހަރާއެއްގައި އެބަބުނޭ ވޯޓުލުން ލަސްކުރުމާ އިންތިޚާބު ބޭއްވުން ލަސްކުރުމަށް ކުރައްވާ ކަމެއް ކަމުގައި މިވޯޓަކީ. އަދި މި ސަރުކާރުގެ ފެއިލިއަރ އެއްކަމަށް. މަނިކުފާނު ކީކޭތޯ ވިދާޅުވަނީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެބޭފުޅުން ސިޔާސީ ވާހަކަފުޅު ދައްކަވާނެ ދޮގެއްތޯ. އެކަމަކު އަޅުގަނޑަށް ފެނުނީ ހަމަ ޓެކްނިކަލް މަސައްކަތުގައި އަޅުގަނޑުމެންނަށް އެބޭފުޅުންނާއެކީގައި ގުޅިގެން މަސައްކަތް ކުރެވޭ ކަމަށް. ދެން އަދި އަޅުގަނޑަށް ހަމަ އޭގެ ތެރެއިން ފެނޭ އިނގޭތޯ ސީދާ ޑީ.އާރު.ޕީ. ބޭފުޅުން ވިދާޅުވާ އެއްޗެއް ނޫން، މުޅިން ޚަބަރުން ތަރުޖަމާވެގެން އަންނަނީކީއެއްވެސް. ޑީ.އާރު.ޕީ.ގެ ބައެއް ބޭފުޅުންވެސް ހަމަ ދެފަރާތުން ދެކެވެމުން ދިޔަ ވާހަކައިގެ ރޫޙުގައި ކުރިއަށް ދިޔަ. ދިޔައިރުގައި އަޅުގަނޑަށް ފެނުނީ އެބޭފުޅުން ކޮންމެހެން ވިދާޅުވި ގޮތަކަށްނޫނޭ ނޫސްތަކުގެ ސުރުޚީއަށް އައީ. ދެން އަޅުގަނޑު މިދެކެނީ ޑީ.އާރު.ޕީ.އާ އެކީގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރަމުން ގެންދިއުމަކީ އަޅުގަނޑުމެންނަށް ކުރެވެން އޮތް އަދި އަޅުގަނޑުމެން ކުރުވަން ބޭނުންވާ، އެދޭ ކަމެކޭ.

މިޞްބާޙް ޢައްބާސް – ދިޓީވީ:

ތަންކޮޅެއް ކުރިން މަނިކުފާނު ވިދާޅުވެފައިވަނީ ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް އެއްބަސްވާނަމަ އިންތިޚާބަކަށް ދިއުމަށް ތައްޔާރަށް ހުންނެވިކަމަށް. ދެން އެކަމާ އިދިކޮޅު ޕާޓީތަކުން އެއްބަސްވާނެކަމަށް މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައި އޮތީ. ކިހާ ހިސާބެއްގައިތޯ އެކަންތައް އޮތީ؟ އިދިކޮޅު ފަރާތްތަކުން އެކަމާ ކޮބައިތޯ ދެއްވި ރެސްޕޮންސަކީ. ދެން އަޅުގަނޑުމެންނަށް މީގެ ކުރިން އިންޓަރނޭޝަނަލް ނޫހަކަށް މަނިކުފާނު ދެއްވި އިންޓަރވިއުއެއްގައި އެބައޮވޭ، ނޭޝަނަލް ގަވަރންމަންޓެއް އެކުލަވާލެއްވުމަށް އިދިކޮޅު ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށް. އެއީ، ހުރިހާ ޕާޓީއެއް އެކުލެވޭ ސަރުކާރެއް ޤާއިމު ކުރެއްވުމަށް. ކިހިނެއްތޯ އެކަންތައްތައް އޮތީ؟ ތިޔަބޭފުޅާ އިދިކޮޅު ފަރާތްތަކަށް ހުށަހެޅުއްވިންތޯ ކޮބައިތޯ އިދިކޮޅު ފަރާތްތަކުން މިކަމަށް ލިބުނު ތަރުޙީބަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެކަމަށް އަޅުގަނޑު މަޝްވަރާ ކުރިން. ޑީ.އާރު.ޕީ.ގެ ލީޑަރޝިޕާ އަޅުގަނޑު ވާހަކަދައްކާ ހެދިން. އެކަމަކު އެބޭފުޅުންނަށް ފެނުނީ ބައެއް ބާވަތުގެ ކަންތައްތައް ހުރިގޮތުން އެއީ، އަދި މިވަގުތަށް ކުރަން ފަސޭހަ ކަމެއް ނޫނޭ. އެހެންނަމަވެސް، ކުރިއަށްއޮތް ތަނުގައި އެބޭފުޅުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާނަމޭ އެމަގަށް އަދި އަޅުގަނޑުމެންވެސް، އަޅުގަނޑުވެސް އެމަގަށް މަސައްކަތް ކުރަމުން ގެންދާނަމޭ. ދެން ޤާނޫނުއަސާސީއަށް އިޞްލާޙް ގެނައުމަށް ހުރިހާ ޕާޓީތަކުގެ މެދުގައި ދެކެވެމުން ގެންދިޔަ ވާހަކަ އެއީ، އ.ދ. ޔޫ.އެން އޮފީހުގައި. އެވާހަކަތައް ހުއްޓި، އެވާހަކަތައް ފެއިލްވެ، އެކަން އެދިޔައީ.

އަޙްމަދު ޙަމްދޫން –ހަވީރު ނޫސް:

އަޅުގަނޑުގެ ދެސުވާލު އެބައޮތް. ފުރަތަމަ ސުވާލަކަށް ދަންނަވާލާނަން މަނިކުފާނު ދެންމެ އިޝާރާތް ކުރައްވައިފި، ދެޕާޓީގެ ފަރާތުންނޭ ވަޑައިގެން ހުންނެވީ. ދެން ޑީ.އާރު.ޕީ.ގެ އެއްބާރުލުންވެސް ލިބިވަޑައިގެންނެވި ކަމަށްވެސް ފާހަގަކުރައްވައިފި. އެހެންނަމަވެސް އަޅުގަނޑުމެންނަށް މަޖިލީހުގެ ތަޅުމުން ފެނިގެންދިޔައީ ސަރުކާރުން އެންމެ ބޮޑަށް ތާއީދު ކުރައްވާ ހުށަހެޅުއްވި އިޞްލާޙަކީ ލާމަރުކަޒީ ޤާނޫނަށް ސިޓީ ދަރަޖަ ދެވޭ އަދަދު އާބާދީގެ ނިސްބަތުން ދިހަހާހަށް ދަށް ކުރުމަށް. މިހާރު އޮންނަނީ ފަންސަވީސް ހާސް. އެހެންނަމަވެސް ޑީ.އާރު.ޕީ.ން ކަނޑައެޅިގެން މަޖިލީހުގެ ތަޅުމުގައި އެކަމާ ދެކޮޅު ހަދާފަ އަދި އެމީހުންގެ ރޫލިންގވެސް، މިދެންނެވީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރައްވާފައި. އެހެންވީމާ، މިދެންނެވީ ކޮބައިތޯއޭ މިކަންތައްތަކުގެ އެންމެބޮޑު އިދިކޮޅު ޕާޓީގެ އެއްބާރުލުން ކިހާވަރަކަށްތޯ ލިބިގެންދަނީ މަނިކުފާނު ތިޔަވިދާޅުވަނީ. އަޅުގަނޑުމެންނަށް ޢަމަލީގޮތުން ފެނިގެންދަނީ އެހެން ކަމެކޭ. އެހެންނަމަވެސް، މަނިކުފާނު މިއަދު ޕޯޑިއަމްގައި ތިޔަހުންނެވީ ދެޕާޓީގެ އެއްބައިވަންތަކަން ދެއްކެވުމަށްޓަކައި ނަމަވެސް މިކަން ޢަމަލީގޮތުން ނުފެންނަނީ ކީއްވެގެންތޯއޭ؟

ދެވަނަ ސުވާލަކީ ނެގި އިންތިޚާބުގައި އެއީ، ވަރަށްބޮޑު ފެއިލިއަރ އެއްކަމަށް އިދިކޮޅު ޕާޓީތަކުން ފާހަގަކުރައްވަމުން މިގެންދަވަނީ. އެއީ، ސަރުކާރާ ޑީ.އާރު.ޕީ.އިން އެއްބަސްވިގޮތަށް އިދާރީގޮތުން ރަށްރަށް ގުޅުވައިލުމަކަށް ވޯޓެއް ނުލިބުނޭ. މިދެންނެވީ އަޣްލަބިއްޔަތެއް ނުލިބުނިއްޔޭ. އެހެންވީމާ، އެއީ ބޭކާރު ވޯޓެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުންނާ އަދި އެހެން ޕާޓީތަކުންވެސް އެބަ ސިފަކުރައްވާ. އެހެންވީމާ، ސަރުކާރުން މީގައި ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އަދި ހަމައެކަނި ޑިސިޝަނެއް މި މޭކްކުރެވުންތައް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އައްޑުއަތޮޅު ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށްޓަކައި. ދެން ކޮބައިތޯ ސަރުކާރުގެ ސްޓޭންޑަކީ؟ މީކާމިޔާބެއްތޯ؟ ކޮބައިތޯ ސަރުކާރަށް މީގެން ލިބުނު ފައިދާއަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ތިބޭފުޅާގެ ފުރަތަމަ ސުވާލުގެ ޖަވާބުގައި ދަންނަވާނީ އަޅުގަނޑު ދެކެނީ ދެފަރާތުން އެއްބަސްވެ ގަނޑެއްގައި ސޮއިކުރީމާ، އެއެއްބަސްވުން ކުރިއަށްދާނެ ކަމަށް. ދެން އަޅުގަނޑަށް ފެންނަނީ އެ އެއްބަސްވުން ކުރިއަށްދާތަންވެސް. ދެން ރައްޔިތުންގެ މަޖިލީހުގައި ތިޔަވިދާޅުވާހެން ދެޕާޓީ ދޭތެރޭގައި ޚިޔާލު ތަފާތުވުން އާދޭ. ދެން އެއީ، ދެޕާޓީ ދޭތެރޭގައިވެސް ބައެއް ފަހަރަށް ޚިޔާލު ތަފާތުވުން ހުރެދާނެ ސަރުކާރާ ޕާޓީތަކާވެސް އެޚިޔާލު ތަފާތުވުން ހުރެދާނެ. ދެން އަޅުގަނޑު ނުދަންނަވަން އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަކަށް މުޅިން ހުރިހާ ޚިޔާލެއް އެއްކުރެވިގެން، އެއްގޮތް ކުރެވިގެން ކަންތައްތައް ކޮންމެހެން ކުރެވެމުންދާކަމަކަށް. އެކަމަކު އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެންނަށް، ސަރުކާރަށް ޑީ.އާރު.ޕީ.އާ ގުޅިގެން ވާހަކަ ދައްކައިގެން މަސައްކަތް އެބަކުރެވެޔޭ. އަދި ކުރިއަށްއޮތްތަނުގައިވެސް ކުރެވޭނެ ކަމަށް އަޅުގަނޑު ދެކެމޭ. ދެން އަޅުގަނޑަށް ފެންނަނީ ރައްޔިތުންގެ މަޖިލީހުގައިވެސް ހަމަ އަޅުގަނޑުމެންނަށް އެރޫޙަށް ދާން މަސައްކަތް ކުރީމާ އަޅުގަނޑުމެންނަށް އެރޫޙަށް ދެވެޔޭ. ދެން ބައެއް ފަހަރު މަޖިލިސް ތެރޭގައިވެސް ކަންތައްތައް ހުއްޓި ފުނިޖެހި ހިނގައިދާނެ.

ރަށްތައް އެއްކުރުމުގައި އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ހަމަ ދެޕާޓީން އަޅުގަނޑުމެން ސަރުކާރުންވެސް ހުށަހެޅީ އަދި އަޅުގަނޑުވެސް ހުށަހެޅީ މިއީ އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ބުއްދިވެރި ގޮތެކޭ. އެކަމަކު އަޅުގަނޑު ތަކުރާރުކުރަމުން ގެންދިޔައިމު ހަމަ ހުރިހާ ދުވަހަކުވެސް ތިޔަބޭފުޅުންނަށް މިކަމުގައި ވަކި ގޮތަކަށް ފެނިވަޑައިގަންނަވާ ކަމަށް ވަނީވިއްޔާ އެގޮތަކަށް ޢަމަލު ކުރުމަކީ އަޅުގަނޑުމެން އިންކާރުކުރާ ކަމެއްވެސް ނޫނޭ. އަދި އެހެން މަގަކަށް ލެންބުމަށް ކެމްޕޭނު ކުރުމަކީވެސް، އަޅުގަނޑުމެން އިންކާރު ކުރާ ކަމެއް ނޫނޭ. އެހެންވީމާ، މިސާލަކަށް މިދިޔަ ހަފްތާގައި މޫސުން ގޯސްވީވެސް ސަރުކާރުގެ ފެއިލިއަރ އެއްކަމަށް ދެކެވަޑައިގަންނަވަންޏާ ދެން އެކަމުގައި އަޅުގަނޑު ހަމަ ދަންނަވާނެ ހަމަ އެއްވެސް ވާހަކައެއް ނެތް. ދެން އަޅުގަނޑެއް ނުދެކެން ހަމަ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް މީބޭކާރު ކަމެއް ކުރެވުނީ ކަމަކަށް. ޑިމޮކްރަސީއެއްގައި ވޯޓުގެ ހަރަކާތް އެއީ، ބޭކާރު ކަމެއްގެ ގޮތުގައި ދެކެވޭ ކަމަށްވަނީވިއްޔާ ދެން އެއަކަށް އަޅުގަނޑު ދަންނަވާނެ ވާހަކައެއް ނެތް. އަޅުގަނޑަށް ފެންނަ ގޮތުގައި ލޯކަލް އިންތިޚާބު މިއޮތީ ހަމަ ދާދި ގާތުގައި. އޮއްވާ އެގާރަ މިލިއަން ރުފިޔާ ޚަރަދު ކުރަން ރަނގަޅު އިނގޭތޯ މިވަގުތު ހަމައެކަނި އިލެކްޝަންސް ކޮމިޝަނަރގެ ސޯބުތައް ހިންގާލުމަށްޓަކައިވެސް. އަޅުގަނޑުގެ ނަޒަރުގައި އިންތިޚާބެއް ބާއްވަން ފައިސާ ޚަރަދު ކުރަންޖެހުން ޑިމޮކްރަސީ އެއް ތަޢާރުފްކޮށް، ޤާއިމުކޮށް، ޑިމޮކްރަސީއެއް ހަރުދަނާ ކުރުމަށް އަންނަ ބަޔަކު އެއީ، އަޅުގަނޑަކަށް ނުފެނޭ ދައްކާކަށް ރަނގަޅު ވާހަކައެއް ކަމަކަށް. ދެން އަޅުގަނޑު ހަމަމިއާއެކީގައި ދަންނަވާލަން ބާނުން ވަރަށްބޮޑު ޓަރންއައުޓަކާއެކީގައި އެމް.ޑީ.ޕީ.ގެ އިންތިޚާބުވެސް އެތެރޭގެ އިންތިޚާބުވެސް ހަމަ ދާދި އިހަކަށް ދުވަހު ނިމިގެން އެދިޔައީ. ދެން ލޯކަލް އިންތިޚާބަށްވުރެ ކުޑަތަންކޮޅެއް ޚިޔާލު ހޯދުމުގެ ވޯޓަށްވުރެ އަޅުގަނޑު ހިތުން ކުޑަތަންކޮޅެއް ޓަރންއައުޓް އެމް.ޑީ.ޕީ.ގެ ވޯޓުގައި ރަނގަޅު. ދެން އިންތިޚާބު ގިނަގިނައިން ބޭއްވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ޑިމޮކްރަސީއަކަށް އެންމެ ފައިދާހުރި އެންމެ ރަނގަޅު ގޮތް.

އަޙްމަދު ސަޢީދު - ހަވީރު ނޫސް:

އަޅުގަނޑަށް މިކޮޅަށް އައުމުގެ ކުރިން މަޢްލޫމާތު ލިބިފައި އޮތީ މަނިކުފާނު މާލިއްޔަތުގެ ޤާނޫނާ ގުޅޭގޮތުންވެސް ކޮންމެވެސް އެއްޗެއް ވިދާޅުވާނެ ކަމަށް. ދެން އަޅުގަނޑުގެ ސުވާލަކީ، މާލިއްޔަތުގެ ޤާނޫނު ތަޞްދީޤު ކުރެއްވުމަށް ދަތިފުޅުވެގެން އުޅެނީ ކީއްވެތޯއޭ ތަޞްދީޤު ނުކުރައްވާ ވަނީ ކީއްވެތޯ ދެން އެޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތަކެއް ހުރިނަމަ އެކަންތައްތަކަކީ ކޮބައިތޯ؟ ކިހާތަނެއްގައި އެކަން ކުރިއަށްދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މާލިއްޔަތު ޤާނޫނު ތަޞްދީޤު ކުރުމަށް ދަތިވާ އަޅުގަނޑުގެ އޮތީ ހަމައެންމެ ސަބަބެއް. އެއީ، ސަބްސިޑީ ދިނުމަށް ދަތިވެދާނެތީވެ. އެހެންވީމާ، ސަބްސިޑީ ދިނުމާ ގުޅޭގޮތުން އިނގޭތޯ. އަޅުގަނޑުމެންނަށް ގޮތްތަކެއް ހަމަނުޖެއްސެނީސް މާލިއްޔަތު ޤާނޫނު ތަޞްދީޤު ކުރުމަކީ، އަޅުގަނޑުގެ ނަޒަރުގައި ޒިންމާދާރު ކަމެއް ނޫން. މިދިޔަ އަހަރު މިސާލަކަށް އެކަނިވެރި މައިންނަށާއި، 65 އަހަރުން މަތީގެ މީހުންނަށާއި، އަދި މިހެންގޮސް ނިކަމެތިންގެ ކިތަންމެ ބަޔަކަށް ސަރުކާރުން އެހީތެރިވެދެވިފައި އެބައޮތް. ދެން އަޅުގަނޑަށް ޔަޤީން، މާލިއްޔަތު ޤާނޫނަށް އިޞްލާޙް ގެންނެވި ބޭފުޅުންގެވެސް ކޮންމެހެން އެކަންކަން ހުއްޓުވާލާކަށް ނޫންކަން އެއުޅުއްވަނީ. އިދާރީ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރަނގަޅަށް ބެލެހެއްޓިގެން އެކަންކަން ދިއުން. އެއީ، އަޅުގަނޑުމެންވެސް އެދޭގޮތް. ހަމަ އެކަމަކަށް އެއްވެސް ޝައްކެއްނެތް. މިދަންނަވާކަން ފުރިހަމަ ކޮށްދެއްވުން އެދި އަޅުގަނޑު ވާނެ ޑީ.އާރު.ޕީ.އަށް ސިޓީއެއް ލިޔެފައި. މާލިއްޔަތު ޤާނޫނު ތަޞްދީޤު ކުރުމަށްޓަކައި ބޭނުންވާ ދެޤާނޫނެއް އަޅުގަނޑަށް ފާހަގަކުރެވޭތީވެ، އެކަމާ ގުޅޭގޮތުން އަޅުގަނޑު މަޝްވަރާ ކޮށްލަން ބޭނުމޭ. ދެން އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން އިނގޭތޯ ޤާނޫނީގޮތުން ރައީސުލްޖުމްހޫރިއްޔާ އަދާކުރަންޖެހޭ ވާޖިބެއް އެއީ، މިޤާނޫނުތައް ތަޞްދީޤު ކުރުމުގައި ކިހިނެއްތޯ ޢަމަލުކުރާނީ؟ އަޅުގަނޑަކަށެއް ނޭނގެ އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން ޤާނޫނުއަސާސީ އިޞްލާޙުވެގެން އައިއިރުގައި، އެކުލަވާލެވިގެން އައިއިރުގައި ހަމަ ކަނުލާ އަޑުއައްސަވަން ތިއްބަވާނެ. ތަޞްދީޤު ކުރުމުގެ މާއްދާގައި ކުރެވުނު ބަހުސްވެސް އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުންވެސް ހަނދުމައަށް މިހާރު ގެނެވިދާނެހެން. އެއިރުގައި އެއްބަޔަކު ހުށަހެޅީ ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ބިލަކަށް ވޯޓު ދީފިނަމަ، އެއީ އަޣްލަބިއްޔަތުގެ ވޯޓު ދީފިނަމަ، އެ ބިލެއް އޮޓަމެޓިކުން ތަޞްދީޤުވީއޭ. އަނެއްބަޔަކު ހުށަހެޅީ ނޫން، އެއަށްފަހު އަދި ރައީސުލްޖުމްހޫރިއްޔާ އެ ރިޢާޔަތްކޮށް، ތަސްދީޤު ކުރަންޖެހޭނެޔޭ. ފާސްވީ އެއަށްފަހު ދެވަނަ ފަހަރަށްދާ ބިލްވެސް އެއަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ރިޢާޔަތްކޮށް. އެހެންވީމާ ފުރަތަމަ ޤާނޫނުއަސާސީގައި ލިޔެވެން އުޅުނީ މިތަޞްދީޤު ކުރުމުގެ މާއްދާގައި އަޅުގަނޑު ހަނދާންވަނީ އެއީ ނުވަދިހައިގެ ތެރޭގައިވާ ކޮންމެވެސް މާއްދާއެއް. ފުރަތަމަ ލިޔެވިގެން އައީ ދެވަނަ ފަހަރަށް ބިލެއް ފޮނުވައިގެން 39 ވޯޓު ލިބުނީމާ، އެއީ ތަޞްދީޤުވީއޭ. އެހެންނަމަވެސް، އެބަސްތައް ޤާނޫނުއަސާސީއަށް ނުގެނެސް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރަންޖެހޭނެޔޭ. މިގޮތަށް މިޤާނޫނުއަސާސީގައި މިބަސްތައް ގެނެވުނީ. އެއީ ތެދުފުޅެއް. ތަޞްދީޤު ކުރަން އަޅުގަނޑު ޖެހޭނެ. ދެން ސުވާލަކީ އަޅުގަނޑު އެކަން ކުރަނީ ކޮންކޮން ކަންތައްތަކަކަށް ރިޢާޔަތްކޮށް ކިހިނެއް ވިސްނާފައިތޯ؟ ދެން އަޅުގަނޑު މިކަމުގައި މާހިރުންނާއެކު ވާހަކަދައްކާ ކުޑަކޮށް އޮޅުންފިލުވާލިން އެހެން ޤައުމުތަކުގައި މިސާލަކަށް މިބާވަތުގެ ކަންތައްތައް ދިމާވޭތޯ. ދެން އަޅުގަނޑު ބަލައިލިއިރުގައި އަވަށްޓެރި އިންޑިޔާގައިވެސް ސިލޯނުގައިވެސް ވަރަށް ކުރީއްސުރެވެސް ދިމާވެފައި އެބަހުރޭ ރައްޔިތުންގެ މަޖިލީހުން ޕާލަމެންޓުން ބިލެއް ޤާނޫނެއް ނިންމާ އަދި މިކޮޅަށް ފޮނުވީމާ، އަނެއްކާވެސް އަލުން އަނބުރާ ބަލަން ފޮނުވީމާ، އަނެއްކާވެސް އެބިލެއް ފާސްކުރީމާ، އެބަހުރޭ ތިން ހަތަރު އަހަރުވެސް ބިލެއް ހިފެހެއްޓިފައި. ދެން އެހެންނަމަވެސް، އަޅުގަނޑަށް ބަންޑާރަނައިބު ލަފާ އަރުވާފައި އޮތީ ވީހާވެސް އަވަހަކަށް އެކަން ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި. އެހެނެވީމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ހަމަ ވީހާވެސް އަވަހަކަށް އެކަން ކުރާނަން. އެހެންނަމަވެސް، އަޅުގަނޑު މިކަން ކުރުމުގައި މިދަންނަވާ ސަބްސިޑީތައް ފުރިހަމައަށް ދެވޭނެގޮތެއް ހޯދުން.

އަޅުގަނޑު ވަރަށް އުފާވޭ އިއްޔެގައި އަޅުގަނޑުމެންނަށް ހެލްތް އިންޑިކޭޓަރސް މިސާލަކަށް ބަލާލެވުނީ. ބަލާލެވުނުއިރުގައި 2009، 2010 މިދެއަހަރުގައި އުމުރުން 65 އަހަރުން މަތީގެ މީހުން މަރުވާ އަދަދު އެތައް ގުނައަކުން މަދުވެގެން ގޮސްފައިވަނީ. އިނގޭތޯ، އެތައް ގުނައަކުން މަދުވެގެން ގޮސްފައިވަނީ. އަޅުގަނޑަށް ހަނދާންވާ ގޮތުގައި ތިރީހަކަށް ޕަސެންޓާ މިންވަރަށް މަދުވެގެން ދިޔަ އަދަދާ ގާތްކުރޭ. ދެން ހަމަ ޤަބޫލު ކުރައްވާ ކޮންމެ ކާފައެއްގައާއި މާމައެއްގައި ދަރިންވެސް ތިބޭނެ އިނގޭތޯ. އަދި ހަމަ ނިކަމެތި ކުދިންވެސް ތިބޭނެ. އަޅުގަނޑުމެން ރާއްޖޭގައި އެއްލައްކަ މީހުން އެބައުޅޭ ވަރަށް ބިކަހާލުގައި. ދެން އަޅުގަނޑުމެންގެ ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމް ނުވަތަ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ދޫކޮށްލާފައި ދެން އަޅުގަނޑަކަށް ނުވިސްނޭ، ދެން އަޅުގަނޑުމެން ވެރިކަމުގައި ތިބެގެން ދެން ކުރަންއޮތީ ކޮން ކަމެއް ކަމެއް. ނިކަމެތިންނަށް އަޅާލުން އަޅުގަނޑު ހުއްޓައެއް ނުލާނަން. އަޅުގަނޑަށް މިކަން ކުރެވެން އޮތްހާ ދުވަހަކު އަޅުގަނޑު އިރާދަކުރެއްވިއްޔާ އެމަގަމަށް އެކަން ކުރާނަން. ދެން އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ކުޑަވެސް ބޭނުންފުޅެއް ނުހުންނާނެ، މިދަންނަވާހެން މިޢާންމު ރައްޔިތުންނަށް ދެވޭ ޚިދްމަތެއް ހުއްޓާލުމަކަށް. ދެން އެހެންނަމަވެސް ކޮންމެވެސް ކަންތައްތަކެއްގެ ތެރޭގައި، ބިލް އެކުލަވާލުމުގެ ތެރޭގައި ނުވަތަ މާނަ ކުރުމުގެ ތެރޭގައި ދެން އެބޭފުޅުން ވިދާޅުވަނީ އެނގިވަޑައިގަންނަވާނެ، އެދުވަސްވަރު ޓީވީ ގައި ވާހަކަ ދައްކަވަމުން ގެންދިޔައިރުގައި ވާދަވެރި ފަރާތްތަކުން ވަރަށް ސާފުކޮށް ވިދާޅުވަމުން ގެންދެވި ތިޔަޔަކުން ހުރަހެއް ނޭޅޭނެޔޭ ސަބްސިޑީ ދިނުމަކަށް. ތިޔަކުން ހުރަހެއް ނޭޅޭނެޔޭ ސަބްސިޑީ ދިނުމަކަށް. ދެން އެހެންނަމަވެސް މިދެފޮޅުވަތް ދޭތެރޭގައި މީގައި ސާފުނުވާ ކަންތައްތަކެއް އޮތީމާ، އަޅުގަނޑު މަޑުކޮށްލައިގެން މިހުރީ. ދެން އެހެންނަމަވެސް އަދި ހަމަ ފާހަގަކޮށްލަން ބޭނުން، އެކަން ފިޔަވައި ދެން އެޤާނޫނު އެބުނާ ގޮތަށް އަޅުގަނޑު ޢަމަލު ކުރަމުންމިދަނީ. މާލިއްޔަތު ޤާނޫނު ތަޞްދީޤު ނުކުރި ނަމަވެސް ސަބްސިޑީ ދިނުމުގެ ކަންތައްވެސް އަޅުގަނޑު ޢަމަލު ކުރަމުން މިދަނީ ވާދަވެރި ފަރާތްތަކުން އެކަން މާނަކޮށްފައި އޮތް ގޮތަށް. ދެން އެހެން ހުރިހާ ކަމެއް އަޅުގަނޑު ޢަމަލު ކުރަމުން މިދަނީ، އެމާލިއްޔަތު ޤާނޫނުގައިވާ ގޮތުގެމަތިން.

އަޙްމަދު ސަޢީދު - ހަވީރު ނޫސް:

ވިދާޅުވެދެއްވަފާނަންތޯ ކޮން ދެ ޤާނޫނެއްކަން އެއާ ގުޅިގެން ހަދަން ޖެހެނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެއީ، އިޖްތިމާޢީ ރައްކާތެރިކަމާއި ޕެންޝަނާއި ސަބްސިޑީ އިނގޭތޯ. ހަމަ މައިގަނޑު ގޮތެއްގައި ދެ ޤާނޫނަކީވެސް އިޖްތިމާޢީ ރައްކާތެރިކަމާބެހޭ ޤާނޫނު. ދެން ލޯނު ނެގުން، ދަރަނިވެރިވުން، އެކަންކަން މިއޮތީ ޤާނޫނަކުން ފާސްކުރާ، ބަޖެޓްގައި ފާސްވެފައި. އެހެންވީމާ، އެކަމުގައި އެބޭފުޅުންވެސް އެ ވިދާޅުވަނީ، އެ މަޖިލީހަށް އެ ބަޖެޓް ހުށަހަޅުއްވާއިރު، މިއަންނަ އަހަރަށް ހުރި ކަންކަން ފާހަގަކޮށްފައި އޮތުމަކީ ބޭނުންތެރި ކަމެކޭ. އެހެންވީމާ، އަޅުގަނޑަކަށް އެކަމުގައިވެސް އޮޅުމެއްނެތް. އަޅުގަނޑަކަށް އޭގައި ގޯހެއްވެސް ނެތް. އަޅުގަނޑު ބުނާނީ، ޖުމްލަކޮށް ދެކޭއިރުގައި، މާލިއްޔަތު ޤާނޫނުގެ އިޞްލާޙަކީ، އާދެ! ހިންގަން އުނދަގޫވާނެ. ވަރަށް ބޮޑަށް އުނދަގޫވާނެ. އެހެންނަމަވެސް، ހުއްޓުމަކަށް އަންނަކަހަލަ ކަމަކަށް އަޅުގަނޑަށް ފެނިފައި އޮތީ މިކަންތައްތައް. އެހެންވީމާ، އެކަންތައްތަކުން އަޅުގަނޑުމެންނަށް އަރައިގަނެވުނީމާ. ހަމަ އަޅުގަނޑު މާދަމާވެސް އެޤާނޫނު އިރާދަކުރެއްވިއްޔާ ތަޞްދީޤު ކުރާނަން. ދެން އަޅުގަނޑު މި އުންމީދު ކުރަނީ، ވީހާވެސް އަވަހަކަށް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ކަމަށް.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު ސުވާލު ދެބަޔަކަށް ބަހާލާނަން އިނގޭތޯ. މިހާރު މި ނިމިގެންދިޔަ ވޯޓަށްފަހުގައި، އިދިކޮޅު ފަރާތްތަކުންވެސް އަދި ސަރުކާރުގެ މި އެމް.ޑީ.ޕީ.ގެ ބައެއް ބޭފުޅުންވެސް ހަމަ ވިދާޅުވަމުން ގެންދެވީ، މި ނުކުތް ނަތީޖާއަކީ، ރާއްޖެތެރޭގެ ރައްޔިތުން ބޭނުންނުވަނީއޭ، ރަށްތަކެއް ގުޅެން. އެމީހުން ބޭނުންވަނީ ތަރައްޤީއާއެއްކޮށް އެއްފަސްކުރެވޭށޭ. ދެން މިކަމަށް ބަލާއިރުގައި، އިބްރާހީމް ނާޞިރު ވެރިކަމުގައި، ހުކުރު ހަމަނުވެގެން ރަށްތަކެއް އެއްފަސްކުރި. ރަށްތަކެއް ބަދަލުކުރި. އޭގެފަހުން އަޅުގަނޑުމެންނަކަށް ނުފެނޭ، އެއްފަސް ޙަޤީޤަތުގައި ކުރެވުނު ތަނެއް. ކޮންމެވެސް ރަށެއްގައި މީހުންނަށް ދިރިއުޅެވެން ނެތިގެން، އެރަށުގައި ތިބި ބަޔަކު އެހެން ރަށަކަށްލުން ނުވަތަ ކޮންމެވެސް އެހެން އެއްރަށުން އަނެއް ރަށަށް މީހުންކޮޅެއް، އެގޮތަށް ދިމާވެގެން ބަދަލުކުރުން. މިސާލަކަށް ނިލަންދޫވެސް އެއޮތީ ބަދަލުކުރެވިފައި. އެއީ ކައިރީގައި އޮތް ކަނޑޫދޫ މީހުން. އެހެންވީމާ، އެގޮތަށް ދިމާވެގެން ނޫން ގޮތަކަށެއް އަޅުގަނޑުމެންނަކަށް ޙަޤީޤަތުގައި އެއްފަސް ކުރުމުގެ ޕްރޮގްރާމެއް، އިބްރާހީމް ނާޞިރުގެ ވެރިކަމަށްފަހަކު މިހިސާބަށް އައިއިރު، ފެނިފައެއް ނެތް. އެހެންވީމާ، މަނިކުފާނު މިހާރު އިހަށް ދުވަހު ތިޔަ ނެގުނު ވޯޓުގެ އަލީގައި، މި ޙަޤީޤީ އެއްފަސްކުރުމާ ދޭތެރޭގައި ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯ؟

ދެން ހަމަ މިއާއެއްކޮށް އަޅުގަނޑު ދަންނަވާލާނަން، މަނިކުފާނު ތިޔަ ހިންގަވާ ހުރިހާ މަޝްރޫޢެއްގައިވެސް އަދި މިހާތަނަށް ދެއްވާފައި ހުރި ގިނަ ތަޤްރީރުތަކުގައިވެސް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާ ކަމެއް ބޯހިޔާވަހިކަން މިއީ. މިއީ ހަމަ މި އެއްފަސް ކުރުމާ، ހުރިހާ ކަމަކާ ވަރަށް ބޮޑަށް ގުޅިފައި ހުރި ކަމަކަށްވާތީ، އަޅުގަނޑު މިވާހަކަ މިދަންނަވާލަނީ. މިސާލަކަށް، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ހުޅުމާލޭގައި އެޅުނު ފްލެޓް. ގާތްގަނޑަކަށް އަގު އެބައަރާ، ސޯޅަލައްކަ ރުފިޔާވަރު އެންމެ އާދައިގެ ފްލެޓެއްވެސް. ދެން އަޅުގަނޑު މިސުވާލު، ޕްރައިވަޓައިޒޭޝަން ކޮމިޓީން އަޅުގަނޑުމެންނަށް މިކަމާ ބެހޭގޮތުން ހަމަ މިއޮފީހުގައި ބަޔާނެއް ދެއްވި ދުވަހު އަޅުގަނޑު ސުވާލުކުރީމާ، އެދުވަހު ހައުސިންގ މިނިސްޓްރީގެ ބޭފުޅަކު ނެތިގެން ޖަވާބެއް ނުދެވުނު. ދެން ހައުސިންގ މިނިސްޓްރީން އަޅުގަނޑަށް އަދި މީގެ ޖަވާބެއް ލިބޭގޮތް ނުވެފައި އޮތީ. އެހެންވީމާ، އަޅުގަނޑު ހަމަ މަނިކުފާނަށް މިސުވާލު މި އަމާޒުކޮށްލަނީ. މިސާލަކަށް، ސޯޅަލައްކަ ރުފިޔާ އެއްފްލެޓް އެއްޢާއިލާއަށް މިނިމަމް ގޮތެއްގައި ޚަރަދުވާނެ ކަމަށް މިބެލެވެނީ، އަޅުގަނޑުމެންނަށް މިހާތަނަށް މިފެންނަމުންދާ ހިސާބުތަކުން. އެހެންވީމާ، މިސާލަކަށް، ރާއްޖެތެރޭގައި އެބަހުރި މިހާރުވެސް ވަރަށްގިނަ ޢަދަދެއްގެ ގެ، ކޮންމެވެސް ވަރަކަށް ރޭނިފައި ނިންމާނުލެވި. މަނިކުފާނު ތިޔަކުރައްވާ ދަތުރުފުޅުގައި، އަޅުގަނޑަށް ބައެއްފަހަރު ވީޑިއޯތަކުންވެސް ފެނޭ، މަނިކުފާނު އެކަހަލަ ތަންތަނަށް ބޯކޮއްޕަވާތަންވެސް ކޮންމެވެސްވަރަކަށް. އެހެންވީމާ، މިސާލަކަށް ތަންކޮޅެއް ކުޑަ ލާރިކޮޅެއް، އެއްލައްކަ ނުވަތަ ދެލައްކައެއްހާ ރުފިޔާދީގެންވެސް މިމީހުންނަށް ހަމަ ޢާއިލާއެއްގެ ބޯހިޔާވަހިކަން އެއްކަލަ ތަނަށް ވަދެވިއްޖިއްޔާ އެބަ ލިބޭ. އެހެންވީމާ، މިދެންނެވީ ފްލެޓް އެޅުމަށް ތިޔަ ދެއްވާ ކަހަލަ އިސްކަމެއް ދެއްވައިގެން، ރާއްޖެތެރޭގައި މިހާރު އެގޮތަށް ނުނިމިހުރި ގެތައް ނިންމަވާލެއްވުމަށް މަނިކުފާނު ވިސްނަވާފައިވޭތޯއޭ؟ މިކަމަށް އިތުރު ގޮތްތަކެއް ރާއްވަވައިދެއްވޭތޯ މަސައްކަތް ކުރައްވާނަންތޯއޭ؟ ސަބަބަކީ މިހާރު އެމީހުންނަށް އޮންނަ ދައްޗަކީ، ގޯތި އެބުނާ ގޮތަކަށް، ސަރުކާރުން އެ އޮންނަ ފްރޭމެއްގެ ތެރެއިން ރަޖިސްޓްރީނުވާތީ، ރަޖިސްޓްރީއެއް ނުލިބޭ. ރަޖިސްޓްރީ ނުލިބުނީމަކާ ބޭންކަކުން ލޯނެއް ނުލިބޭ. އެމީހުންނަށް މިއޮންނަނީ މަގުއޮޅިފައި. ދެން ހަދާނެ ގޮތް ހުސްވެފައި.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ޝުކުރިއްޔާ އިނގޭތޯ. ފުރަތަމަ ސުވާލަކީ، ރައްޔިތުން ބޭނުންވަނީ އެއްފަސްވުމަށޭ. ދެން އެއެއް އަދި އަޅުގަނޑުމެންނަކަށް ރައްޔިތުން ކައިރިއަކު ނޭހޭ. އަޅުގަނޑުމެންނަށް އެ ހުނީ ބައެއް ރަށްރަށު ކައިރީގައި ގުޅެން ބޭނުންހޭ. ދެން އެއީ، އެރަށާ މިރަށާ ގުޅިގެން އުޅެން ބޭނުންހޭ. ދެން އޭގެ ނަތީޖާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިފެނުނީ، ކުދި ރަށްރަށް، އެރަށްރަށުގެ އައިޑެންޓިޓީ ދޫކޮށްލާކަށް ބޭނުމެއްނެތޭ، އިނގޭތޯ. ކުދި ރަށްރަށް، އެރަށްރަށަކީ ކޮބައިކަން. މިހާރު މިސާލަކަށް، އަޅުގަނޑުމެން މިހިތަށްއެރީ މިހާރު މިތަނުގައި އަޅުގަނޑު ބޭނުމޭ، ބައްލަވާށޭ ކިނޮޅަހުގައި، ކިނޮޅަހުގައި ތިބީ 300 މީހުނޭ. ކީއްކުރަންހޭ އެމީހުން އެތާ ބައިތިއްބަންވީ. އެކަމަކު އެނގިވަޑައިގަންނަވާނެ، އިބުނުބަޠޫތާ ދިވެހިރާއްޖެއަށް ވަޑައިގެންނެވިއިރުގައި ކިނޮޅަހުގައި 40 މިސްކިތް ހުރިކަމަށް ބަޠޫތާ ލިޔުއްވަނީ. އެހެންވީމާ، އަޅުގަނޑުމެންނަކަށް މިއަދު ހަމަ ހުރެފައި ކިނޮޅަސް އެއީ ތަނެއް ނޫން ކަމަށް ބުނެދެވޭކަށެއް ނެތް. މި ވޯޓް އަޅުގަނޑު ނެގި އެންމެބޮޑު ބޭނުމަކީ، މި ވާހަކަތައް، ޕެޓިޝަންގެ ގޮތުގަޔާއި އެކިގޮތްގޮތަށް އަޅުގަނޑަށް އަންނަލެއް ގިނަކަމުން. ތިމަންމެން ބޭނުންވެޔޭ، މިވެނި ރަށަކަށް ބަދަލުވާން. މާލޭގައި ތިބޭ ކުދިންކޮޅެއް، ރިޒޯޓުގައި މަސައްކަތް ކުރަން. އެއީ ދެން އެކުދިންނަކީ ރަށުގައިވެސް ވަރަށް ވަރުގަދަ ކުދިން. ދެން އެކުދިން ބުނީމާ ގިނަފަހަރަށް ޕެޓިޝަން ލިބޭނެ ހަމަ ވަރަށް ބޮޑުކޮށް. އެހެންވީމާ، ސިއްރު ވޯޓެއް ނެގީމާ އަޅުގަނޑުމެންނަށް ސާފުވަނީ، ކިހިނެއްތޯ މިހާރު އަޞްލު ކަންތައް މިއޮތީ. އަޅުގަނޑުމެންނަށް އެކަން ވިސްނުނު، އަޅުގަނޑުމެން މެނިފެސްޓޯ ލިޔަމުންދިޔައިރު. ދެން އަޅުގަނޑުމެން މެނިފެސްޓޯގައި އެހެންވެގެން ލިޔުނީ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރަށްތައް ގުޅާލުމޭ، އަޅުގަނޑުމެންގެ އެއްފަސްކުރުމުގެ މައިގަނޑު ސިޔާސަތަކީ. އެއްބަޔަކު އެއްރަށަކުން ނަގައިގެން ގެނެސް، އަނެއް ރަށަކަށްލުމެއް ނޫނޭ. ދެން އެހެންވީމާ، އެ ސިޔާސަތުގައި އަޅުގަނޑުމެން ޢަމަލުކުރަމުން މިދަނީ. ދެން މީގައި އަޅުގަނޑުމެންވީ ބަލިތޯ ނޫންތޯ. ދެން އެ ބަޙުޘްތެރެއަކަށް އަޅުގަނޑު ވަންނާކަށެއް ނެތިން. އަޅުގަނޑު ނުވެސް ދެކެން، އެކަން އެ އައްޔަކުން ނޫން. މިއީ ވޯޓެއްވެސް ނޫން. ޚިޔާލު ހޯދުމެއް އިނގޭތޯ. އެހެންވެގެން މީގައި ނަތީޖާއެއްވެސް ނެތީ. އިލެކްޝަންސް ކޮމިޝަނަށް އަޅުގަނޑަށް ހީވަނީ އެކަން އެނގިވަޑައިގަންނަވާހެން. މިއީ ޚިޔާލު ހޯދުމެއްކަމާއި، މި މައްޗަށް އަޅުގަނޑުމެން ބުރަވާނީ ތަބަޢަވާންޖެހޭނީ ކޮން މިންވަރަކާއި ކޮން ދަރަޖައަކަށްކަން. އެއީ ދެން އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއްކަން އިލެކްޝަންސް ކޮމިޝަނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެހާ ބޮޑަށް އޭގެ އަޞްލު ގެއްލޭ ގޮތަށް އަޅުގަނޑުމެން ދެކޭކަށް ނުވާނެހެން. ދެން އެއްފަސްވެފައި، ކާމިޔާބުވެފައި، އަދި ވަމުން އަންނަ ބައެއް ރަށްރަށް އެބަހުރި އަޅުގަނޑު މިހެން ދެންނެވިޔަސް. އެއީ މިސާލަކަށް، ކެނދިކުޅުދޫ. އެނގިވަޑައިގަންނަވާނެ، އިބްރާހީމް ނާޞިރު، ތޮޅެންދޫ މީހުން ބޭލި. ބޭލީމާ، މިދައުރަށް ބަދަލުވީމާ، އަނެއްކާވެސް ތޮޅެންދޫ މީހުން ތޮޅެންދުއަށް ދިޔައީ. ދެން އަނެއްކާ ދާދިފަހުން އަޅުގަނޑު ހަނދާންވަނީ އަށްޑިހައިގެ އަހަރުތަކުގެ ތެރެއިން ނޫން ނުވަދިހައިގެ ކުރީކޮޅު، ކެނދިކުޅުދޫގައި ތޮޅެންދޫ މީހުންނާއި ކެނދިކޮޅު މީހުންނާ، ހުރިހާ އެންމެން އެއްވެގެން އަނެއްކާވެސް ކެނދިކުޅުދޫގައި އުޅެންފެށީ. ދެން މިއަދު ކެނދިކުޅުދޫ އެވަނީ އެއްރަށަކަށް ހަމަ އެކީއެކައްޗަކަށް ނިމިފައި. ދެން އަޅުގަނޑު މިދެކެނީ އެއީ އެއްރަށް ކަމަށް. އެހެން ނަމަވެސް، އެބަހުރި އިނގޭތޯ ހިތާމަ، ހިތި ތަޖްރިބާ. ވަރަށް ހިތި ތަޖުރިބާ. އެއީ، މިސާލަކަށް، ދ. އަތޮޅު ރިނބުދޫ. ދ. އަތޮޅު ރިނބުދޫގައި ހަމަ ނުލާހިކު ރަނގަޅަށް، އަޅުގަނޑު ހަނދާންވަނީ އޭރުގައި އަށްސަތޭކަ، ނުވަސަތޭކަ މީހުން ދިރިއުޅެމުން އައީ. އައިސްއައިސް ހުއްޓާ އޭގެތެރެއިން އެއްބައިމީހުން އަޅުގަނޑުމެންނަށް ކޮންމެވެސް ސަބަބަކާ އައިސް މިހާރު މިތިއްބަވަނީ ތުލުސްދޫގައި. ދެން އެމީހުން ތުލުސްދޫ ރައްޔިތުންނަށްވީ. އެހެން ނަމަވެސް، ރިނބުދޫގައި ތިބި އަނެއްބައި މީހުން އެއްގޮތަކަށްވެސް ބަދަލުވާކަށް ބޭނުމެއްނުވޭ. އެމީހުން ބޭނުންވަނީ ރިނބުދޫ އާބާދުކުރަން. ވާނީ، އެއީ ކުޑަހުވަދުއަށް ބަދަލުކުރުމަށް ހަމަ އަޅުގަނޑަށް ޔަޤީން ކަށަވަރު، ހަތަރުފަހަރަށް އަޅުގަނޑަށް އެކަމަށް ޕެޓިޝަން ލިބިފައި އޮންނާނީ. ހަމަ އަނެއްކާ އަނެއްކޮޅަށްވެސް ޕެޓިޝަން ލިބޭ. ވާނީ މީހުން ކުޑަހުވަދުއަށް ބަދަލުނުވުމަށް. ދެން ވާނީގައި ވޯޓު އެހީމާ، ވާނީ އެންމެން ބުނީ ނޫން ތިމަންނާމެން އެއްތާކަށްވެސް ބަދަލުވާކަށް، ތިމަންނާމެން މިތާތިބެން، ވާނީގެ ގޮތުގައޭ ތިބެން ބޭނުންވަނީ. ދެން އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ ފެނޭ، މި ރަށްރަށް ދިރިއުޅެން ބޭނުންވާގޮތް. ދެން އެއީ ހެޔޮ ވިސްނުމެއްތޯ، އެއީ ނުބައި ވިސްނުމެއްތޯ، ސިޔާސީ އަޅުގަނޑުގެ މަގާމެއް ނޫން އެއީކީއެއް މިވަގުތު ކޮބައިތޯ ރަނގަޅަކީ ނުބަޔަކީ ތިހާ ސާފުކޮށް ކޮންމެހެން ދަންނަވަން. އަޅުގަނޑުގެ ފިކުރު ހުންނާނެ ކަންކަމުގައި، އަޅުގަނޑު އެވާހަކަ ވަރަށް ސާފުކޮށް ދަންނަވަން. އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރަން މިޖެހެނީ، އަޅުގަނޑުމެން ބޭނުންހާ ގޮތަކަށެއް ނޫން. އަޅުގަނޑުމެން މަސައްކަތް ކުރަން މިޖެހެނީ، ރައްޔިތުން އެދޭގޮތަށް. ރައްޔިތުން ބޭނުންވާ ގޮތަށް. އެހެންވީމާ، ކަންކަމުގައި އަޅުގަނޑުމެން ބަލައި އޮޅުންފިލުވައި ހޯދާނީ ރައްޔިތުން ބޭނުންވާގޮތަކީ ކޮބައިތޯ ނުވަތަ ނޫންތޯ. އެހެންވީމާ، ހޯދާފައި އެގޮތް ފެނުނީމާ، އަޅުގަނޑުމެން އެގޮތާ ދިމާއަށް އެނބުރޭނީ. އެއީ އަޅުގަނޑުމެން އަބަދުވެސް ކަންތައް ކުރާ ގޮތަކީވެސް. އަދި ކުރާނެ ގޮތަކީވެސް. އެއީ އަޅުގަނޑަށް މައްސަލައެއް ނެތް، ކޮންމެ ކަމަކަށްވިޔަސް. އަޅުގަނޑުމެންގެ މަޞްލަޙަތު ކިތަންމެ ބޮޑަކަށް ނެގުނަކަސް. ރައްޔިތުން އެކަމަކާ ގުޅޭގޮތުން ވަކިގޮތަކަށް ޚިޔާލެއް ފާޅުކޮށް، ގޮތެއް ނިންމީމާ، އެވޯޓް ބަދަލުކުރާކަށްވެސް އަޅުގަނޑުމެން ނޫޅޭނަން. އަދި ވޯޓްލަމުންދާއިރުގައި، އެ ވޯޓަށް އެކިއެކި ގޮތްގޮތް ހަދައި، ނުފޫޒު ފޯރުވާކަށްވެސް އަޅުގަނޑުމެން ނޫޅޭނަން. ހަމަ ސީދާ ވޯޓްގެ ނަތީޖާ އިޢްލާނު ކުރީމާ، އެއަށް އަޅުގަނޑުމެން ޢަމަލުކުރާނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް އަޅުގަނޑުމެން ކުރާނަން.

ފްލެޓްތަކުގެ ސޯޝަލް ހައުސިންގެ ގޮތުގައިދޭ ފްލެޓްގެ އަގެއްގެ ގޮތުގައި އެއްވެސް މީހަކު ދައްކަން ޖެހޭނީ އޭނަގެ އާމްދަނީގެ 20 ޕަސެންޓް. އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ލިޔެފައި އޮންނާނެ ގޮތަކީ. އަޅުގަނޑުމެންނެއް، ސަރުކާރަކުން އަދިއެއް ނުނެރޭ މި ހައުސިންގ ސަބްސިޑީ، ހައުސިންގ ގްރާންޓް، އެ ރައްޔިތުންނަށްދޭނެ ގޮތެއް. އެކަމަކު ސާފުކޮށްދެވިފައިވާނެ، އެ ގްރާންޓް ހިމެނޭނެއޭ. ދެން އެހެންވީމާ، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރާ އެއްވެސް ގެއަކަށް، އެމީހެއްގެ އާމްދަނީގެ 20 ޕަސެންޓަށްވުރެ އިތުރަކަށް ދައްކާކަށް ނުޖެހޭނެ. ދެން މިސާލަކަށް، ޗައިނާ މީހުންގެ ގެތައް އިނގޭތޯ. ޗައިނާ މީހުން އަޅާދޭ ގެ، އެއްހާސް ގެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ނޮވެމްބަރު އެހާ ތަނުގައި މި އަޅަން ފެށޭނެ. އަހަރެއްހާ ދުވަސް އަޅަން ނަގާނެ. އެއިން ގެއެއްގެ އަގު އުޅޭނެ ޢަދަދެއް އަޅުގަނޑުމެންނަކަށެއް ނޭނގެ. އެހެންނަމަވެސް، އެ އެޗް.ޑީ.ސީ. އިން އެއަށް ހަމަ ދޭންޖެހޭނެ، އެޗް.ޑީ.ސީ ބުނާ ވިޔަފާރީގެ އަގު. ދެން އަޅުގަނޑުމެން ދޭނީ ރައްޔިތުންނަށް، އެ ބޭނުންވާ، އެ ސަބްސިޑައިޒް ކޮށްދޭންޖެހޭ މިންވަރަކަށް، ދަރަޖައަކަށް ރައްޔިތުންނަށްދޭނީ.

ދެން ލަޠީފް ތިޔަވިދާޅުވި ވާހަކަ، އަޅުގަނޑު ހަނދާންވަނީ އަސްލަމް ދާދިފަހުން ފާހަގަކުރެއްވި. އެރަށްރަށުގެ ނުނިމިހުރި ގޯތިތަކަށް އަޅުގަނޑުމެންނަށް ހެދޭނީ ކިހިނެއްތޯ؟ ދެން ސަރުކާރުން މިދަނީ ވަރަށް ބޮޑަށް ހިސާބު ޖަހަމުން، މިހާރު ގޯތި ދިނުމާ ގުޅޭގޮތުން. ގޯތިދީފައި، ގޯއްޗާއެކީގައި ޢިމާރާތް ކުރުމަށް ލޯނެއް ދެވެން އެބައޮތްތޯ؟ އެ ޢިމާރާތްކުރާ ލޯނު ދޫކުރާނީ ކިހިނެއްތޯ؟ އެ ދޫކުރުމުގެ އުޞޫލުތަކެއް އަޅުގަނޑުމެން ކަނޑައަޅާނީ ކިހިނެއްތޯ؟ ދެން މިހާރު އެ އެޗް.ޑީ.އެފް.ސީ.ގައި މިވަގުތު ލޯނު ދޫކުރަނީ، އަޅުގަނޑު ހަނދާންވާ ގޮތުގައި ހަމައެކަނި މާލެއަށް ނުވަތަ ތިނަދުއަށް ނުވަތަ އެކަހަލަ ދެތިން ރަށަކަށް. ދެން އަދި 30 ޕަސެންޓެއް އެބަޖެހޭ، އެއިން ލޯނެއް ލިބެންޏާ، އެޗް.ޑީ.އެފް.ސީ. އަށް ދައްކަން. އެ ނަގާ ޢަދަދުގެ 30 ޕަސެންޓް ޑައުން ޕޭމަންޓެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑުމެން މިދަނީ އެކަން ބަލަމުން، އޭގެތެރެއިން މި ގޯތި ދެވޭނެ ގޮތެއް ހޯދަން. ދެން މިގޯތީގެ ބިން، ބޯހިޔާވަހިކަމުގެ ވާހަކައިގައި، ދެން އަޅުގަނޑު ބައެއް ރަށްރަށުގެ ނަން ގެނައިމާ، އެއީ އަނެއް ރަށްރަށުގެ ނަން ނެތުނީކީއެއް ނޫން އެއީކީއެއް އިނގޭތޯ. އެހެން ނަމަވެސް، މިހާރު ސީދާ އެންމެ އަޅުގަނޑަށް ފާހަގަވާ ބައެއް ތަންތަން އެބަހުރި. ހަތިފުށީ މީހުން، ހަތިފުށިން ބޭލިތާ، ފޭބިތާ ދުވަސްތަކެއްވެއްޖެ. އެމީހުން އައިސް ހަނިމާދޫގައި އެ ތިބެނީ. އެމީހުންނަށް ގޮތެއް ހޯދައިދިނުން ވަރަށް މުހިންމުވެއްޖެ. ވަރަށް މުހިންމުވެއްޖެ. އެހެން ނޫނީ ހަމަ ގާތްގަނޑަކަށް އަޅުގަނޑަށް ހީވަނީ ސަތޭކަވަރަކަށް ގޭގެ މީހުން މާޔޫސްވެ ހިނގައިދާނެހެން. ދެން އެހެންވީމާ، އަޅުގަނޑުމެން މި ފުރަތަމަ މަސައްކަތް ކުރަމުން މިހާރު މިދަނީ، ކުޅުދުއްފުށީ ކައުންސިލަރާވެސް ވާހަކަ ދައްކައިގެން، ކުޅުދުއްފުށްޓާ ވާހަކަ ދައްކައިގެން، ހަތިފުށީ މީހުންނަށް ކުޅުދުއްފުށިން ޖާގައެއް ލިބޭތޯ. މިހާރު ކުޅުދުއްފުށީ ބިން އެނގިލައްވާނެ، ވަރަށްބޮޑުވެފައި އޮންނާނީ. އެހެންވީމާ، ކުޅުދުއްފުށްޓަށް އެހިސާބުގަނޑުން ރަށްރަށުން މީހުންނަށް ޖާގަ ލިބޭތޯ. ދެން އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީ އަޅުގަނޑަށް ލަފާކުރެވޭގޮތުގައި، އަދި އަޅުގަނޑު ބަލަންޖެހޭނީ މިކަން. ވަކި މީހަކަށް ވަކި ރަށަކުން ގޯއްޗެއް ނުލިބޭނެ. ހަމަ އެންމެންނަށްވެސް ގޯތި ވާނީ، ބިން ވާނީ ބިމަށް. ހަމަ އަޅުގަނޑަށްވެސް ކުޅުދުއްފުށިން، އަޅުގަނޑުގެ ކްރައިޓީރިއާ، ޝަރުޠު ހަމަވަންޏާ، ބިމެއް ލިބޭނެ އަޅުގަނޑަށްވެސް. އަދި ޅައިމަގުންވެސް އަޅުގަނޑު ހަމަ ބިމެއް ނަގަންވީ. ހޯނޑެއްދޫންވެސް އަޅުގަނޑު ނަގަންވީ، އަޅުގަނޑުގެ ޝަރުޠު ހަމަވަންޏާ. އެހެންވީމާ، އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިހާރު މި އާ ޤާނޫނުއަސާސީގެ އަލީގައި، އަޅުގަނޑުމެން މިކަންކަން ބެލީމާ، ދެން މިކަން ވެގެންދާނެގޮތް، އަޅުގަނޑަށް ހީވަނީ ވަރަށްބޮޑުތަނުން ތަފާތުވާނެހެން، މީގެކުރީގައި ނިންމާފައި ހުރި ނިންމުންތަކާ. މިހާރު އޭގެތެރޭގައި، އަޅުގަނޑުމެންނަށް އެބަ ފެނޭ، މަޑިވަރަކީ ނައިފަރުގެ ބައެކޭ. އެހެންވީމާ، މަޑިވަރުން ގޯތިދޭނަމޭ. ކޮންބަޔަކަށްތޯ ދޭނީ، ނައިފަރު މީހުންނަށްތޯ. ދެން އަޅުގަނޑުމެން މި ހިތަށްއަރަނީ، ނައިފަރު މީހުންނަށް ނައިފަރުންވެސް ގޯތި ލިބޭނެ. މަޑިވަރުންވެސް ލިބޭނެ. އަދި ފެލިވަރުވެސް، އެއީ މީހުން ދިރިއުޅޭ ރަށެއް. ފެލިވަރުވެސް ހުޅުވާލެވޭނެ، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި. ދެން އެތަނުން ގޯތި ލިބުމުގެ ފުރްޞަތުވެސް ހުޅުވާލެވޭނެ. މަތިކޮމަންޑޫ، އެއީ ކޮމަންޑޫގެ ރަށެއްގެ ގޮތުގައި ކަނޑައެޅޭނެ. އެހެންވީމާ، ކޮމަންޑޫ މީހުންނަށް ބިމުގެ ދަތިކަން ފިލުވައިދެވޭތޯ އެތަނުގައި މަސައްކަތް ކުރެވޭނެ. އެހެންވީމާ، މީހުން ދިރިއުޅޭ ރަށްތައް އަޅުގަނޑުމެން އެކީގައި ކަނޑައަޅާއިރުގައި، އަދި އޭގެ ކައިރީގައި ހުންނަ ބައެއް ފަޅުރަށްރަށް އެބަ ހިމަނާލެވޭ، މިރަށުގެ ބައެއްގެ ގޮތުގައި. ދެން ޤަބީލާއެއްހެން، ޒަމާނުއްސުރެ ފަށައިގެން، ވަކި ރަށެއްގެ ގޮތުގައި، ޤަބީލާއެއްގެ ގޮތުގައި ތިބުމާއި، ހަމަ އެއްރަށެއްގެ މީހުން އަނެއް ރަށަކަށް ބަދަލުވުމާ، އޭގެ ކުޑަ ތަފާތެއް އަޅުގަނޑަށް ހީވަނީ އުޅެދާނެހެން.

އަޙްމަދު ސަޢީދު - ހަވީރު ނޫސް:

އަޅުގަނޑުގެ ސުވާލަކީ، ޖީ.އެމް.އާރު، އެއަރޕޯޓް، މާލޭ އެއަރޕޯޓް ހިންގަން ޙަވާލުވަމުން، ތައްޔާރުވަމުންދާއިރުގައި، މަނިކުފާނުގެ ކިހާވަރެއްގެ ޔަޤީންކަމެއް، އުންމީދެއް ޖީ.އެމް.އާރާ ދޭތެރޭގައި އެބައޮތްތޯ؟ ދެން އެބޭފުޅުން މި އަޕް ފްރަންޓްކޮށް ދައްކަންޖެހޭ 78 މިލިއަން ޑޮލަރު އަދި ދައްކާފައިނުވާއިރުގައި، އެކަމުގެ އެ ޕްރޮސެސް ކުރިއަށް ގެންދެވުން، އެ ޙަވާލުވުމުގެ ޕްރޮސެސް ކުރިއަށް ގެންދެވުން، އެކަން ސިފަކުރައްވަނީ ކޮންގޮތަކަށްތޯ؟

އަދި މިހާރު ޑޮލަރުގެ ރޭޓް ބާޒާރުގައި މައްޗަށް އަރަމުންދާ، ވާހަކައަކީ އިވެމުންދާއިރުގައި، އެއްވެސްވަރެއްގެ ޙައްލެއް އެކަމަށް މިއަހަރުގެ ފަހުކޮޅުވިޔަސް ނޫނީ މިއަހަރު ލިބިގެން ހިނގައިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޖީ.އެމް.އާރާ ދޭތެރޭގައި އަޅުގަނޑު ސަތޭކައިން ސަތޭކަ ޔަޤީންކަން އެބައޮތް. އަޅުގަނޑަށް އެކަންޏެއް ނޫން ޔަޤީންކަން އޮތީ. އައި.އެފް.ސީ.އަށްވެސް އިނގޭތޯ. ދެން އަޅުގަނޑު ދެކިއްޖައިމު، އެބޭފުޅުންގެ ދެ އެއަރޕޯޓް. ޑެލްހީ އެއަރޕޯޓާއި ހައިދަރުއާބާދު އެއަރޕޯޓާ. ދެން އެގްރީމަންޓްގައި އޮތްގޮތުން، ޖީ.އެމް.އާރުން އެ ފައިސާ ދޭންޖެހެނީ، އަޅުގަނޑަށް ހީވަނީ ޑިސެމްބަރުގެ ކުރިއަށްހެން. ދެން އެކަމަކު ފައިސާވީމާ، އަޅުގަނޑުމެން އަވަހަށް ބޭނުން. ދެން އެހެންވީމާ، އަޅުގަނޑަށް ހީވަނީ، މަޙްމޫދު އެބޭފުޅުންނަށް ދަންނަވާލީމާ، އެބޭފުޅުން ވިދާޅުވިހެން، އޮކްޓޯބަރުގެ ނިޔަލަށް އެފައިސާ ފޮނުވައިދޭނަމޭ. ދެން އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އިންޑިޔާގެ އެންމެބޮޑު އެއް ބޭންކުންވަނީ މިހާރު ދިވެހިރާއްޖޭގެ މި ޕްރޮޖެކްޓަށް ބޭނުންވާ ތިންސަތޭކަ ހަތްދިހަ މިލިއަން ޑޮލަރު ސެންކްޝަންކޮށްފައި. ދެން އެހެންވީމާ، ހަމަ އަޅުގަނޑަށް މިފެންނަނީ ނޮވެމްބަރު މަހުއްސުރެ ފެށިގެން ކޮންމެ މަހަކުވެސް އެއަރޕޯޓަށް އަންނަ ބަދަލު ފެންނަމުންދާނެއޭ. އެގޮތަށް އަޅުގަނޑުމެން ކޮންޓްރެކްޓް ކޮށްފައި އޮންނާނީ. މިހާރުން މިހާރަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނައުން. އަދި ދިގު މުއްދަތުގައި، އެ ގެންނަންޖެހޭ ބަދަލުތައްވެސް ގެނައުން. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ހެދުނު ވަރަށް ރަނގަޅު ޕްރޮޖެކްޓެއްހެން. އަދި ވަރަށް ރަނގަޅު އެގްރީމެންޓެއްހެން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް 2013 ގައި، އާ އެއަރޕޯޓަކާ، މުޅިން އާ އެއަރޕޯޓަކާ އެކީގައި ތިބެވޭނެ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް ދިމާވާނެ އުނދަގުލާއި ދައްޗާ ވަރަށްބޮޑު. މިހާރު އަޅުގަނޑުމެންނަށް، އެނގިވަޑައިގަންނަވާނެ، އެއަރޕޯޓްގެ ޙާލަތު މިހާރު އޮތްގޮތް. ހަމައެކަނި ޓަރމިނަލް ބިލްޑިންގ އަޅުގަނޑުމެންނަށް ފެންނަނީ. އެކަމަކު ރަންވޭއާއި، އަދި އެހެންވެސް ކަންތައްތަކާ، އެ އެއްޗެހި އެހެރީ ހަމަ މިހާރުން މިހާރަށް ވަރަށް ބޮޑަށް ބަދަލުކޮށް އާކުރަންވެފައި. އަޅުގަނޑުމެން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕަކަށް، އެއަރޕޯޓް ތަރައްޤީ ކުރުމަށް ދާން ނިންމީވެސް، އެއަރޕޯޓް ތަރައްޤީ ކުރުމަށް، އަޅުގަނޑުމެންނަށް އޭރު ފެނިފައި އޮތް ގޮތުގައި، 400 މިލިއަން ޑޮލަރު އެބަ ބޭނުންވޭ. ދެން ދިވެހި ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގުމުގެ ކަންތައް މި ހުންނަންޖެހޭ ގޮތަކީ، އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ.ގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުވެގެނެއް ނުވާނެ، ދަރަނީގެ ޢަދަދު. އެ ދެން ދުނިޔޭގެ މިންގަނޑަކީ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރުގައި، އެ މިންގަނޑު ހުރީ 47 ޕަސެންޓްގައި. ދެން ބައްލަވާ، އަޅުގަނޑުމެންނަށް ދަރަންޏަށް ނެގެން އޮންނާނެ މިންވަރަކީ ކޮބައިތޯ؟ ދެން އެހެންވީމާ، ދަރަންޏަށް ނެގުމަކީ އެކަހަލަ ޙާލަތެއްގައި ބުއްދިވެރި ކަމަކަށްނުވާތީވެ، ސަރުކާރުން ނިންމީ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގައި މިމަސައްކަތް ކުރިއަށް ގެންދަން. ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި، މިއީ ރާއްޖޭގެ ހަމަ ހުރިހާ އެންމެންވެސް ވަރަށް ރުހޭ މަޝްރޫޢެއް. ގަބޫލުކުރާ މަޝްރޫޢެއް. މި މަޝްރޫޢާއިގެން ކުރިއަށް ދިޔުމަށް އަޅުގަނޑަށް ވަރަށްގިނަ ފަރާތްތަކުން ހަމަ ބާރުއަޅަމުން ގެންދޭ އިނގޭތޯ. ބާރަށް އަވަހަށް. އެއީ، ހުރިހާ ބޭފުޅުންނަށްވެސް އެބަ އެނގޭ، އެއަރޕޯޓަށް ތާއްޓެއް ވެއްޖިއްޔާ، އެއަރޕޯޓް ރަނގަޅަށް ރީތިކޮށް ތަރައްޤީ ނުކުރެވިއްޖިއްޔާ، އެއިން ހަމަ ލިބޭނެ ގެއްލުން. އަޅުގަނޑުމެން އެންމެންނަށް ލިބޭނެ ގެއްލުން. އެހެންވީމާ، އަޅުގަނޑަކަށް އެއަރޕޯޓަކާ ގުޅޭގޮތަކުންނެއް ހަމަ އެއްވެސްކަހަލަ ޝައްކެއް އަޅުގަނޑަކަށެއް ނުހިނގާ. އިރާދަކުރެއްވިއްޔާ އެކަން ހިނގާނެ.

މިހާރު ޑޮލަރުގެ މައްސަލައިގައި އިނގޭތޯ. މިވަގުތު ދެން އަޅުގަނޑު ދަންނަވާނީ، ދެން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، އެއީ އިތުރު އެބަ ބޭނުންވޭ މިމަހާއި މިއަންނަ މަހު ގާތްގަނޑަކަށް އިތުރު 30 މިލިއަން ޑޮލަރު ޙައްޖަށްދާން. ދެން އެހެންވީމާ، އަޅުގަނޑުމެން އެންމެން ޙައްޖަށްދާން ބޭނުމިއްޔާ، 14 ރުފިޔާއަށް ޑޮލަރު ގަނެގެން އެ ދަނީ. އެހެންވީމާ، އޭގެ ތާށި އެންމެންނަށް އަންނާނެ. ދެން ޙައްޖު މޫސުމާ ނޮވެމްބަރުމަހާ ދިމާވެއްޖިއްޔާ ރަނގަޅުވާނެ. ދެން އެހެންނަމަވެސް، އެހެނެއް ނޫން މިފަހަރު ދިމާވެފައި މިއޮތީ. ދެން އަޅުގަނޑު ހަމަ ދަންނަވާނީ، މި އޮކްޓޯބަރުމަހާއި ނޮވެމްބަރުމަސް ހަމަ މި ޑޮލަރު ވަރަށް ދަތިވެގެންދާނެއޭ، އޭގެ ޑިމާންޑް އެހާ ބޮޑަށް ބޮޑުވީމާ. ދެން ސަރުކާރުގެ ރިޒާރވުން ޑޮލަރު ވިއްކުން އެއީ އަޅުގަނޑު ހިތަށްއަރަނީ، އިޤްތިޞާދީ ވަރަށްބޮޑު ބޭނުމަކަށްޓަކައި ނޫނިއްޔާ، އެއީ ކުރާކަށް ބުއްދިވެރި ކަމެއް ނޫނޭ. މިހާރު އަޅުގަނޑުމެންނަށް، މިހާރު މިސާލަކަށް ކާބޯތަކެތި ގަންނަން ދަތިވެގެން އުޅެން ނުވާނެ. ޑޮލަރު ހުންނާނެ. ތެޔޮ ގަންނަން ޑޮލަރު ހުންނާނެ. ބޭނުންވާ އިމަރޖެންސީއަށް ޑޮލަރު ހުންނާނެ. ރިޒާރވްގައި ރަނގަޅަށް ޑޮލަރު އެބަހުރި. ދެން އެހެން ނަމަވެސް، ހަމަ އަތުގައި އެއްޗެއް ހުއްޓެއްކަމަކު، އަޅުގަނޑަކަށް ހިއެއްނުވޭ، ބުއްދިވެރި ގޮތެއްހެނެއް އެއީ، ހަމަ ދަތިވެލާއިރަށް، އެހެންނޫނިއްޔާ ނުރުހުންވާއިރަށް، އެހެންނޫނިއްޔާ ޝަކުވާ ބަނދެލާއިރަށް ނުދެވޭނެ. އެ ދިނުން އެއީކީ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން ކުދިން ބޮޑެތި ކުރަނީކީވެސް އެގޮތަކަށެއް ނޫން. ގަވާއިދުތަކަކާއި އުޞޫލުތަކަކާއި، ކަންތައްތައް ކުރަންޖެހޭ ގޮތްތަކަކާ ކިޔައިދެމުން މިކުރަނީ. އެހެންވީމާ، މިވަގުތު ޑޮލަރު ދަތިވާނެ.

ޢަބްދުއްލަޠީފް އާދަމް - މިއަދު ނޫސް:

އަޅުގަނޑު ޑޮލަރާ ގުޅުވާލައިގެން ސުވާލެއް ދަންނަވާނަން. އެހެން ނަމަވެސް، ހަމަ އަޅުގަނޑަށް ވަރަށް ރަނގަޅު، މި މާލީ ވަޒީރުގެ ބޮލަށް ކަނޑުއްވާނުލައްވައި ހަމަ މާލީ ވަޒީރުގެ ވެރިއެއްގެ ޙައިޘިއްޔަތުން މިވާހަކަ ވިދާޅުވެދެއްވިއްޔާ އިނގޭތޯ. އަޅުގަނޑު އެމް.އެމް.އޭ.އާ ވަރަށްގިނަ ސުވާލުކޮށްގެން، އެމީހުންނާ ކުރެވުނު މަޝްވަރާތަކުގައިވެސް އަޅުގަނޑަކަށް، ލިބިފައި އޮތް މަޢްލޫމާތަކީ، އަދި ދިވެހިރާއްޖެއަށް ވަންނަންޖެހޭ ޑޮލަރު، އެއީ ކިތައް ޑޮލަރުކަންވެސް އެނގޭނެ ޞައްޙަ މަޢްލޫމާތެއް ނެތްކަން. ދެން އިޤްތިޞާދީ މާހިރުން ވަރަށް ބޮޑަށް ފާހަގަކުރައްވާ، ދުނިޔޭގެ އެހެންވެސް ހަމަ ފްރީ އިކޮނޮމީތަކުގައި، އިންވެސްޓަރުންނަށް ޑޮލަރު ލިބޭ ފައިސާ ޤައުމަށް ވައްދާފައޭ ބޭރުކުރެވެނީ. އެމީހުން ހަމަ ހިތުހުރިގޮތަކަށް، އެކައުންޓުން އެކައުންޓަށް، ދުނިޔޭގެ ކޮންމެ ޤައުމަކުން އަނެއް ޤައުމެއްގެ އެކައުންޓަކަށް ޓްރާންސްފަރކޮށެއް ނުލެވެއޭ. އެއީ، ޤައުމެއްގައި ކޮންމެވެސްވަރެއްގެ، ގިނަ ޤައުމުތަކުގައި ހަމަ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި، އެ ލިބޭ، އެ ޤައުމަކަށް ޙަޤީޤަތުގައި ލިބޭ ޑޮލަރެއް ވެއްޖިއްޔާ، އިންވެސްޓަރުން ޖެހެއޭ، އެ ޤައުމުގައި ތިންމަސް، ހަމަސް، އެކިޤައުމުތަކުގައި އެކިމުއްދަތަށް ބަހައްޓަން. އެހެންނަމަވެސް، މިކަން އަޅުގަނޑުމެންނަށް ނުވާއިރުގައި، އަދި މިދެންނެވީ އަޅުގަނޑުމެންނަށް މިއުޅެނީ ޢަދަދުވެސް ނޭނގިގެން. އެހެންވީމާ، އަޅުގަނޑުމެން ބޭރުފައިސާގެ ދަތިކަން މިގޮތަށް ކުރިމަތިވަމުންދާތާ އެތައް އަހަރެއް މިހާރު މިވަނީ. އެހެންވީމާ، ގާތްގަނޑަކަށް ހައެއްކަ، އަށެއްކަ އަހަރު މިވަނީ. ހަމަ ކޮންމެ ޙައްޖަކަށް، ކޮންމެ ބަންދަކަށް، ޙަޤީޤަތުގައި ބޭނުންވަރަކަށް ނުލިބިގެން އެކިގޮތްގޮތުން މީހުން އުޅޭތާ. އެހެންވީމާ، މީގެތެރޭގައި މަނިކުފާނުގެ މި މާލީ ސިޔާސަތުގެ ތެރޭގައި ނެތްތޯއޭ، އަދިވެސް އެގޮތަށް ރާއްޖޭގައި ލިބެންޖެހޭ ޑޮލަރު ރާއްޖެއަށް ވަދެ، އެ މިތަނުގައި މަޑުކޮށްލަންޖެހޭކަހަލަ ސިޔާސަތެއް ރޭއްވެވިފައެއް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންނަކަށް ނޯންނާނެ، ކުއްލިއަކަށް ސިޔާސަތެއް ގެނެވޭކަށް، މެނިފެސްޓޯގައި ނެތް ސިޔާސަތެއް. އަޅުގަނޑުމެން، ސަރުކާރު ހިންގުމާ ޙަވާލުވީ، ވަކި ކަންތައްތަކެއް، ވަކިގޮތަކަށް ކޮށްދޭނެ ކަމަށް ބުނަމުން. އޭގެތެރޭގައި، ކަރަންސީ ރެގިއުލޭޝަނެއް ނޯންނާނެ. ދެން އަޅުގަނޑަށް ވޯޓަކަށް ނުގޮސް، ތިޔަ ވާހަކަ އަޅުގަނޑަށް ވަރަށްދަތި. އަޅުގަނޑުމެން ވަރަށް ކްލިއަރ، ވަރަށް ސާފުކޮށް އަޅުގަނޑުމެން ބުނަމުން އައީ، އަޅުގަނޑުމެންނަކީ ސެންޓަރ ރައިޓް ޕާޓީއެކޭ. އަޅުގަނޑުމެން މިއީ މިނިވަން ވިޔަފާރިއަށް ޖާގަދޭ ބަޔެކޭ. އެހެންވީމާ، ފައިސާ ރެގިއުލޭޓް ކުރާނީ ކިހިނެއްތޯއޭ؟ ދެން މިކަން މިހެން އޮތްއިރުގައިވެސް، އަޅުގަނޑަށްވެސް ހަމަ އެބަ ވިސްނޭ، މިސާލަކަށް، ޓްރާންސްސެކްޝަންސްތައް ހަދާއިރުގައި، ހަމަ އެމީހުންގެ އެކައުންޓްގައޭ ފައިސާ ހުންނާނީވެސް. ހުރެފައި، ދެތިން ދުވަހެއް ރާއްޖޭގައި އެފައިސާ ޕާކްކޮށްފައި، ދެން ބޭރަށް ދިޔުމަކީ އެމީހުން، އެ ވިޔަފާރިވެރިންނަކަށްވެސް އޭގައި ގެއްލުމެއް އަންނާނެ ކަމެއް ނޫން. ދެން އަޅުގަނޑުމެން ބޮޑަށް އެދެނީ، މިކަހަލަ ކަމެއް ޤާނޫނަކުން ނުކުރާން. ވިޔަފާރިވެރިންވެސް އަމިއްލައަށް އެ ޓްރާންސްސެކްޝަންތައް ކުރިއަށް ގެންދަން. ދެން އެހެންވީމާ، އަޅުގަނޑުމެން އެދެން އިނގޭތޯ، ދިވެހިރާއްޖެއިން ކުރާ އިންވޮއިސް، މިހާރު ރާއްޖެއިން ކުރޭހެން އަޅުގަނޑަށް ލަފާކުރެވެނީ، ރާއްޖެއިން ކުރާނެ، ގާތްގަނޑަކަށް ރަނގަޅު 15 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އިންވޮއިސް އަހަރަކަށް. އެހެންނޫނީ ރާއްޖެއަށް ޑޮލަރުގެ އާމްދަނީ އެހާކަންހާވަރަށް ލިބޭނެ. ދެން އޭގެތެރެއިން ވަރަށްބޮޑު ބައެއް ދާނެ އިނގޭތޯ، ހަމަ ރަނގަޅަށް އިމްޕޯޓް ކުރާށާއި، ދެން ފައިދާއަށާއި އަދި އެހެން ކަންކަމަށާއި، އަދި ރިޒާރވްގެ ގޮތުގައި ބެހެއްޓުމަށާއި، މިހުރިހާ ކަންކަމަކަށްދާނެ. ދެން އެހެންވީމާ، އެކަމަކު މީގައި މިވާގޮތަކީ އިނގޭތޯ، ޑޮލަރު އެންމެ ބޮޑަށް މަދުވާ އެއްސަބަބަކީވެސް، އޭގެ ޑިމާންޑް މައްޗަށް ޖެއްސުމަށްޓަކައި ސަޕްލައި ކުޑަކޮށްލަނީ، އެހުރި ބައެއް ފަރާތްތަކުން އިނގޭތޯ. އެ ހަރޑް ކުރުން ނުވަތަ މުދާ އެއްކުރުން އެއީ މަނާކަމެއް ޤާނޫނީގޮތުން. މުދާ ފޮރުވުން. ކަރަންސީ މެނިޕްލޭޓް ކުރުން އެއީ، މަނާކަމެއް. އެހެންވީމާ، އެއްވެސް ބޭފުޅަކު ކަރަންސީ މެނިޕްލޭޓް ކުރައްވައިގެން ނުވާނެ. އަދި ބްލެކް މާކެޓްވެސް އެއީ މަނާކަމެއް. އެހެންވީމާ، ޤާނޫނުތައް ހުރިހާ ބޭފުޅުންނަށް އެނގެންޖެހޭނެ. އަޅުގަނޑު މިތަނަށް އަންނަމުން، އަޅުގަނޑު ޗީފް އޮފް ޕޮލިސް އަށް ދެންނެވިން، އަޅުގަނޑަށް ފެންނަ ފެނުމުގައި، ކަރަންސީ މެނިޕްލޭޓް ކުރުމާއި، ބްލެކް މާކެޓެއް ގެންގުޅުމާ، އެއީ، ޤާނޫނީ ގޮތުން މަނާ ކަންކަމޭ. އެހެންވީމާ، އެކަންކަން ތަޙްޤީޤުކޮށް ބައްލަވައިދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެކޭ. ދެން އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އެކަންކަން ފުލުސް އޮފީހުން ބައްލަވާނެ ކަމަށް. ދެން އަޅުގަނޑު ޔަޤީން ކުރަން، އެކަންކަން ފުލުސް އޮފީހުން ބައްލަވާނެ ކަމަށް. ދެން މީގައި ހަމަ އިނގޭތޯ، ނެތް އެއްޗެއްގެ އަގު މައްޗަށްދާނެ. އެ އެއްޗެއް ހުރިވަރަށްވުރެ ގިނައިން ބޭނުންވެގެން އުޅެން ފެށީމާ. އެކަން އަޅުގަނޑުމެން އެންމެން ޤަބޫލުކުރަން ޖެހޭނެ. އަޅުގަނޑު އޮޅުވާލާފައެއް އަޅުގަނޑަކަށް ނުދެންނެވޭނެ. ނޫން ނޫން މިހެންނޭ. ދެން މިދަންނަވާ އަނެއް ވާހަކައަކީ، އަޅުގަނޑު ސަރުކާރު ބޭނުމިއްޔާ ޑޮލަރުގެ އަގު މާދަމާ ތިރިކުރެވޭނެ. އެއީ، ރިޒާރވުން ނަގާފައި ޑޮލަރު ވިއްކައިގެން. ދެން އެކަމަކު އެއީކީއެއް ބުއްދިވެރި ގޮތެއް ނޫން. އެއީ، އިޤްތިޞާދީ ގޮތުން ކުރަން ރަނގަޅު ކަމެއްވެސް ނޫން. އެއީ، މި ސަރުކާރުން ކުރަން ނިންމާފައި އޮތް ކަމެއް ނޫން. އަދި އަޅުގަނޑުމެންނަށް ކުރުމަކަށް، އަޅުގަނޑުމެން އެއީ އެއްވެސް މެނިފެސްޓޯއެއްގައި، އެއްވެސް ސިޔާސަތެއްގައި އަޅުގަނޑުމެން ވާހަކަ ދައްކާފައި އޮތް ގޮތެއް ނޫން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ މި ދެމަހެއް، ޗުއްޓީ އެބައާދޭ އިނގޭތޯ. ހުރިހާ ޓީޗަރުން ފުރަންޖެހޭ. އަދި ވަރަށްގިނަ ދަރިވަރުން ހަމަ ޗުއްޓީއަށްދާނެ. ޙައްޖަށްދާނެ އެހާމެ ގިނައިން. ދެން އެހެންވީމާ، އަޅުގަނޑަށް ހީވަނީ، މި ކުރިއަށް މިއޮތް ތަނުގައި ޙައްޖަށް އެކަނި ތިރީހަކަށް މިލިއަން ޑޮލަރު ބޭނުންވާނެހެން. ހުރިހާ ޓީޗަރުންނާއި، މި ޗުއްޓީގައި ހުރިހާ އެންމެން ދިޔުމަށް އަދި ދިހަވަރަކަށް މިލިއަން ޑޮލަރު ބޭނުންވާނެހެން. އެހެންވީމާ، އަޅުގަނޑުމެން ޢާންމުކޮށް މިބޭނުންވާ ޢަދަދަށްވުރެ ގިނައިން މި ބޭނުންވަނީ. ދެން ރަނގަޅު ކަމަކީ އިނގޭތޯ މިއީ އޮކްޓޫބަރުކަން. މިއޮތީ ނޮވެމްބަރު ހައި ސީޒަން. އެހެންވީމާ، ނޮވެމްބަރުގެ 11 އާ ހަމައަށް އަންނަންވާއިރަށް މިކަމުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ ކަމަށް އަޅުގަނޑު މި އުންމީދު ކުރަނީ. އެހުރިހާ ބޭފުޅުންނަށްވެސް ޙައްޖަށް ދެވޭނެ ކަމަށް އަޅުގަނޑު މި އުންމީދު ކުރަނީ. ދެން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން، ތި ފައިސާ އެއްކުރައްވާއިރުގައި، ޑޮލަރު އެއްކުރައްވާށޭ. ރުފިޔާ އެއްކުރައްވާފައި، މުޅި 20 އަހަރު ވަންދެން އެއްކުރައްވަނީ ރުފިޔާ. އެއްކުރައްވާފައި، ޙައްޖަށްދާން އޮންނަ އަހަރު، އެ ރުފިޔާއެކީގައި ޑޮލަރަށް ބަދަލުކުރައްވަންވެގެން އުޅުއްވާތީ، މިހާ ބޮޑު ދައްޗެއް މިވަނީ. އެހެންވީމާ، ދެން އަޅުގަނޑު އިލްތިމާސް ކުރާނަން. އަދި މައިންބަފައިންނަށް ފައިސާދޭ ދަރިންނަށްވެސް، އެދެއްވަމުން ގެންދަވާއިރުގައި، 20 ޑޮލަރުން 20 ޑޮލަރުން ގެންދަވާށޭ ދެއްވަމުން. 200 ރުފިޔާއިން 200 ރުފިޔާއިން ދެއްވަމުން ނުގެންދަވާށޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މިސާލަކަށް 20 އަހަރު ދުވަހަށް ބަހާލެވެން އޮތް ކަމެއް، ކުއްލިއަކަށް އައިސް އެއްދުވަހުން މި ޑޮލަރު ގަންނަން އުޅެވެނީ. އެހެންވީމާ، އެހެންވެސް ނޫޅުއްވައި، މި ވިސްނަވައިގެން މިކަން ކުރައްވާށޭ. ދެން އަޅުގަނޑުމެން އެންމެންވެސް ޒިންމާދާރުކަމާއެކީ ކަންތައްތައް ކުރީމާ، އަޅުގަނޑުމެންނަށް ރަނގަޅު ގޮތް މެދުވެރިވަމުންދާނީ.

އަޙްމަދު ޙަމްދޫން - ހަވީރު ނޫސް:

މަނިކުފާނު ފާހަގަކުރައްވައިފި މާލިއްޔަތު ޤާނޫނު ތަޞްދީޤު ކުރެއްވުމުގެ ދަތިތަކުގެ ވާހަކަ. އެ ފާހަގަކުރެއްވި ޤާނޫނުތަކެއްގެ ވާހަކަ. ގާތްގަނޑަކަށް ދެމަސްވެގެން މިދިޔައީ، އެ ބިލް ފާސްކުރެއްވިތާ، ތަޞްދީޤެއް ނުކުރެއްވި މިދަނީ، ތި ވިދާޅުވި މައްސަލަތަކާހެދި. ކީއްވެގެންތޯ ދަތިފުޅުވަނީ، މިހާ ދުވަސްތަކެއް، ޤާނޫނެއް ހަދަން މިހާ ގިނަ ދުވަސްތަކެއް މިދިޔައީ ކީއްވެގެންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ދަންނަވައިފިން ނޫންތޯ، އަޅުގަނޑު ބޭނުންވީ މިކަމަކީ، ޑީ.އާރު.ޕީއާ މަޝްވަރާކޮށްގެން ކުރާ ކަމަކަށްވާން. އެހެންވީމާ، އަޅުގަނޑު ޑީ.އާރު.ޕީ.އަށް ސިޓީ ލިޔެފައިވާނެ، އަޅުގަނޑު ހަނދާންވާ ގޮތުގައި މިދިޔަ މަހު. އެހެން ނޫނީ އޭގެ ކުރީ މަހު. ދެން އަޅުގަނޑަށް ހީވަނީ ތަސްމީން ކުޑަކޮށް ދަތީގައި މިހާރު އުޅުއްވާތީވެ، އެކަމަށް އަދި އެޓެންޑް ނުކުރެއްވެވެނީހެން. ދެން އަޅުގަނޑަށް ޔަޤީން އެކަން ކުރައްވާނެކަން. ދެން އަޅުގަނޑުގެ ބޭނުމަކީ، ދެން އަޅުގަނޑުމެން އަމިއްލައަށް މި ބިލް ހުށަހަޅައިގެންވެސް، ދެން އެބޭފުޅުންނަށް، ދެން އެކަމަކު އަޅުގަނޑު މި އުންމީދު މިކުރަނީ، އަދި އެބޭފުޅުންގެ ޕާލިމެންޓަރީ ގްރޫޕްގެ ތެރޭގައި ދަތިތަކެއް ދިމާވި ކަމުގައިވިޔަސްވެސް، މަޖިލީހަށް ބިލް ދިޔައީމާ، އެބޭފުޅުންގެ ވިޕްލައިން އެހާ ހޫނުކޮށް، ތިންލައިން ނުނުކުންނާނެ ކަމަށް. ދެން އަޅުގަނޑު މި އުންމީދު ކުރަނީ، އެކަކުން އެބޭފުޅުން ފަރުޖައްސާލާނެ ކަމަށް. ތިން ލައިން ވިޕެއް ނުކުމެއްޖިއްޔާ، ދެން އެ ވަރަށް އުނދަގޫވީ އިނގޭތޯ. ދެން އަޅުގަނޑު މި އުންމީދު މިކުރަނީ، ތިންލައިން ވިޕެއް ނުނުކުންނާނެ ކަމަށް.

އަޙްމަދު ޙަމްދޫން - ހަވީރު ނޫސް:

އަޅުގަނޑުގެ ސުވާލަކީ، އަޞްލު އަޅުގަނޑުމެންނަށް މި ހަފްތާއިން ފެށިގެން މި މަޖިލީހުގެ އެޖެންޑާއިން ފެނިގެން އެބަދޭ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ. ދެން އަޅުގަނޑުމެންނަށް އެނގޭ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި، އިދިކޮޅު ޑީ.އާރު.ޕީ ކޯލިޝަނުން ވިދާޅުވެފައި މިއޮތީ، އެމީހުން ވޯޓުދޭނީ އިންޑިވިޖުއަލް ވޯޓަށޭ. މިދެންނެވީ ވަކިވަކިން ވޯޓަށް އަހައިގެންނޭ ރުހުން ދޭނީ. ކޮބައިތޯ މީގައި ސަރުކާރުގެ ވިސްނުމަކީ، ވިސްނުންފުޅަކީ ކޮބައިތޯއޭ؟ އަޅުގަނޑުމެންނަށް ފެނޭ ސުޕްރީމް ކޯޓަށްވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދެއްގެ މާއްދާއެއް އުވާލުމަށް ހުށަހަޅުއްވާފައިވޭ އެކަން. އެހެންވީމާ، މިވަގުތަށް ބަލާއިރުގައި، އަންނަ ހޯމަ ދުވަހަށްވެސް މަޖިލީހަށް އެޖެންޑާ ކޮށްފާނެ. މިއަދުވެސް އެޖެންޑާކޮށްފައޭ. އެހެންވީމާ، ކޮބައިތޯ ސަރުކާރުގެ މިވަގުތުގެ ޕޮޒިޝަނަކީ. ވަކި އެއްވެސްކަހަލަ ޑިވެލޮޕްމަންޓެއް އެބައޮތްތޯއޭ؟ ނުވަތަ އެމް.ޑީ.ޕީ.ގެ ޕާލަމެންޓަރީ ގްރޫޕްގެ ވަކި ގޮތެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝަރީޢަތުން ނިންމާ ގޮތަކަށް ޢަމަލުކުރުން، އެއީ އެކެއް އިނގޭތޯ. މިމައްސަލަ އޮންނާނީ މިހާރު ސުޕްރީމް ކޯޓަށް ފޮނުވާފައި. ދެން ފޮނުވިއިރުގައި، އަނެއްކާވެސް މި ރުހުމަކީ ކޮބައިކަން އެބަ ވަރަށް ސާފު. އެއީ އެހެންނެއް ނޫން ކަމަށް ޙުސްނުއްސުޢޫދު މިގޮތަށް ހުށަހެޅުއްވީމާ، އެއަށް ވޯޓް ނުލިބުނީ. [ރުހުން ލިބިގެނޭ ވަޒީރުންގެ މަޖިލިސް މަސައްކަތް ކުރަން ފަށަން ޖެހޭނީ.] ސުޢޫދު އެހެން ހަމަ ކަނޑައެޅިގެން ހުށަހެޅުއްވި، އޭރުގައި ޚާއްޞަ މަޖިލީހުގައި. ހުށަހެޅުއްވީމާ އެހެން ވޯޓް ނުލިބުނީ. ދެން އަޅުގަނޑަކީ ޤާނޫނީ ވަކީލަކަށް މިކަމުގައިވާކަށް ނުވެސްޖެހޭ. ޤާނޫނުއަސާސީގައި އޮތް އެއްޗެއް ވަރަށް ސާފު. ޢައްޔަނުކޮށް، ހުވާކޮށް، ޢައްޔަނުކޮށް، ދެން މިޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމަށް އަޅުގަނޑުމެން ފޮނުވަން އިނގޭތޯ. ދެން މަޖިލީހުގެ ރުހުން ދެއްވަންޖެހޭނެ މަޖިލީހުން. މަޖިލީހުގެ ރުހުން މަޖިލީހުން ދެއްވަންޖެހޭނެ. އެއީ، އަޅުގަނޑު މިދެކެނީ އެއީ ހަމަ ފޯމަލިޓީއަށް މަޖިލީހާއެކީގައި އެގްޒެކެޓިވް ކުރާ ކަންތައްތަކެއްގެ ގޮތުގައި ދައްކަން. އެއީ، އަނެއްކާ ރާއްޖޭގެ ޤާނޫނުއަސާސީ ވަރަށްސާފު، މިކަމުގައި އޮތް ގޮތް. ދެން އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިއީކީއެއް އޮޅުމެއް އޮތް ކަމެއް ނޫން. ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި، ޑީ.އާރު.ޕީ.ގެވެސް ދުރު ވިސްނޭ ގިނަ ބޭފުޅުންނަށް މިކަން ސާފުވޭ. އަދި ދެން އޮތް ކަމަކީ، މީގެ ކުރީގައިވެސް ވޯޓް ނެގުނީ ގަނޑުކޮށް. ދެންވެސް ވޯޓް ނަގަންޖެހޭނީ ގަނޑުކޮށް. އެނގިވަޑައިގަންނަވާނެ، ސުޕްރީމް ކޯޓަށްވެސް މި ނަގަނީ ގަނޑުކޮށް. އެހެންވީމާ، މި ވަޒީރުންގެ މަޖިލީހަކީ އެއީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ މަޖިލީހެއް. ދެން އެ އެކުލަވައިލުމަށްފަހުގައި، އެމަޖިލީހުން ބޭފުޅުންގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމާއި، ނެތްތޯ ބެލުމާއި ނެގުމާ، އެއީ އެހެން ވާހަކައެއް. މި އެކުލަވައިލުމަކީ މި ޤާނޫނުއަސާސީ ބުނާގޮތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ޙައްޤެއް. އެހެންވީމާ، އެ އަޅުގަނޑަކަށެއް ދުލެއްނުކޮށްލެވޭނެ. ވަޒީރުންގެ މަޖިލިސް އެކުލަވާލައި، ވަޒީރުންގެ މަޖިލިސް ޤާނޫނީ ހުވާ ކުރައްވައި، ވަޒީރުންގެ މަޖިލިސް ވަޒީފާ އަދާކުރައްވަމުން މިގެންދަވަނީ. ދެން އަޅުގަނޑު މި އުންމީދު ކުރަނީ، ސުޕްރީމް ކޯޓުންވެސް މިކަމުގައި ވީހާވެސް އަވަހަކަށް އަޅުގަނޑުމެންނަށް ޙުކުމެއް ލިބިގެންދާނެ. ގޮތެއް ސާފުވެގެންދާނެ.
އަޙްމަދު މުޙްސިން / އެމް.އެން.ބީ.ސީ.ވަން:

އަޅުގަނޑުގެ ދެސުވާލެއް އެބައޮތް. އެ ދެ ސުވާލަށް ދިޔުމުގެ ކުރިން، ދެންމެ ތިޔަ ދެއްވި ޖަވާބަށް އަދި އަޅުގަނޑު ހަމަ އިތުރު ސުވާލެއް އުފެދޭތީ ކޮށްލާނަން. މަނިކުފާނު ތިޔަ ވިދާޅުވަނީ، ރުހުން ދެއްވަން ޖެހިވަޑައިގަންނަވާނެއޭ ރައްޔިތުންގެ މަޖިލީހުން. އެކަމަކު އަޅުގަނޑުމެންނަށް މަޖިލީހުގެ ފްލޯއިންނާއި އަދި އެހެނިހެން ގޮތްގޮތުން އެބަ އަޑުއިވޭ، ރުހުން ނުދޭނެ މެންބަރުން، ނޫނިއްޔާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެބަތިއްބޭ. ނުދެއްވައިފިނަމަ ދެންވާނީ ކިހިނެއްތޯއޭ؟ އެއީ އެއްސުވާލު.

އަނެއް ސުވާލަކީ، މަނިކުފާނު ވަރަށް ޢާންމުކޮށް ދައްކަވާ ވާހަކައެއް މިއީ، ފްލެޓްތައް ވީހާ އަވަހަށް އަޅުއްވައިދެއްވާނެ ވާހަކަ. އަދި ނޮވެމްބަރު ތެރޭގައި ގިނަ ފްލެޓްތަކެއްގެ މަސައްކަތް ފެށޭނެ ވާހަކަ މަނިކުފާނުވަނީ މީގެކުރިން ވިދާޅުވެފައި. އެއަށް ޢަމަލީ ސިފައެއް، އެ ވިދާޅުވެފައި އޮތް ތާރީޚުތަކުގައި އައިސްދާނެތޯ؟

އަނެއް ސުވާލަކީ، ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ބިންތަކެއް ހިއްކަމުންދާ ވާހަކަ. ހިއްކަމުންދާ މަންޒަރުވެސް އެބަ ފެނޭ. އެކަމަކު ދެން އެއާ ގުޅިގެންހުރި ކަންތައްތައް ކިހާތާކު ފެނިގެން ހިނގައިދާނެތޯ؟ އެ ހިއްކާ ފަރާތްތަކާ އެގްރީމެންޓްވެފައި އޮތް ތާވަލުތަކާ އެއްގޮތަށް އެކަންދާނެ ކަމުގެ ކިހާވަރެއްގެ ގެރެންޓީއެއްތޯ އޮތީ؟ އެހެން މިދަންނަވާ ސަބަބަކީ، އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ، މިހާރު އެތަންތަން ހިއްކިވަރަށްވުރެ ބޮޑަށްވެސް ގިރާލައިގެން ހިނގައްޖެއޭ. ހިއްކި ބޭނުންވެސް ކެނޑޭހާވަރު ވެއްޖެއޭ. އެހެންވީމާ، ދެން އޮތް ތާވަލާ އެއްގޮތަށް ކިހާ ގޮތަކަށް ހިނގައިދާނެ ކަމުގެ ގެރެންޓީ އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިހާރު ރުހުމާ ގުޅޭގޮތުން އަޅުގަނޑުމެންނަށް، އަޅުގަނޑަށް އެއްޗެއް ދަންނަވަން އެނގޭނީ، ސުޕްރީމް ކޯޓުން އޭގައި ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް އިނގޭތޯ. ދެން އެކަން ސާފުކުރުމަށް، އޭގައި އެ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގައި، މި ހުރިހާ ކަމެއް ސާފުވެގެންދާނެ ކޯޓުން އެ ނިންމެވީމާ. ދެން އެހެންވީމާ، ކޯޓުން ނިންމާ ގޮތަކާ އިންކާރު ކުރާކަށް އަޅުގަނޑެއް ނެތިން. އެހެންވީމާ، ކޯޓުން އެގޮތަކަށް ނިންމެވީމާ، އަޅުގަނޑުމެން އެގޮތަކަށް ކުރިއަށްދާނެ.

ފްލެޓް ޔަޤީން އަޅުގަނޑުމެން އަޅާނެ. އެކަމަކާ އެއްވެސް ޝައްކެއްވެސްނެތް. ދެން ހަމަ ބާރު ސްޕީޑްގައި އަދި ހަމަ އަޅާނީވެސް އިނގޭތޯ. ވަރަށް ބާރަށް އަޅާނީވެސް. ހަމަ އަޅާފައި އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ރައްޔިތުންނަށް އެތަންތަނަށް ވަދެ، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އަޅުގަނޑުމެން ހޯދައިދޭނަން. އެނގިވަޑައިގަންނަވާނެ، މިވަގުތު ރާއްޖޭގައި ހުރީ 74 ގެ. 74 ގެއަކީ 74 ޕްރޮޑަކްޝަން ޔުނިޓް. ތަރައްޤީގެ އެންމެބޮޑު އެއް ވަސީލަތަކީ، ނުވަތަ އެއް މަރްކަޒަކީ ގެ. މި ރާއްޖެ ތަރައްޤީވަނީ ގެއިން. އަޅުގަނޑުމެންގެ ބޭނުމަކީ މިއަހަރު ތެރޭގައި އަދި އިތުރު ދިހަހާސް، އޭގެ ތަރައްޤީގެ ވަސީލަތް ހޯދުން. ތަރައްޤީގެ ޔުނިޓް ހޯދައިދިނުން. އެ ގެއަކީ ތަރައްޤީއަށް މަގުފަހިކުރާ، ގެއަކީ ޙަޤީޤަތުގައި ފުރިހަމަ ޞިއްޙަތަކަށްވެސް އެންމެ ބޮޑަށް މަގުފަހިކުރާ ކަމެއް. ރަނގަޅު ތަޢްލީމެއް ލިބުމަށްވެސް އެންމެ ބޮޑަށް މަގުފަހިކުރާ ކަމެއް. މުނިފޫހިފިލައި، މީހާ ފޫހިވެ ހަލާކުވެނުދިޔުމަށްވެސް އެންމެ ބޮޑަށް މަގުފަހިކުރާ ކަމެއް. ކުށަށް އަރައިނުގަނެ، ރަނގަޅު މުޖްތަމަޢުގައި ދިރިއުޅޭ ރައްޔިތަކަށްވުމަށްވެސް އެންމެ ބޮޑަށް މަގުފަހިކުރާ ކަމެއް. އަދި ހަމައެއާއެކީގައި އިޤްތިޞާދީ އުފެއްދުމުގެވެސް ހަމަ އެންމެބޮޑު އިންޖީނަކީ ގެ. އެހެންވީމާ، އަޅުގަނޑުމެން އެހެންވެގެން، ގެއެއް އެޅުމުގެ ހަމައެކަނި ނިޔަތަކު ނޫން އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑުމެން މިއުޅެނީ، އެ ގެތައް އަޅައިގެން، މިމަސައްކަތް، މި ތަރައްޤީގެ މަސައްކަތް މިގޮތަށް ކުރަން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި، އަޅުގަނޑުމެން ވަޢުދުވެފައިވާ މިންވަރަށް އެ ދިހަހާސް ގެ އެޅޭނެ. އަޅުގަނޑު އެކަމަކާ އެއްވެސް ޝައްކެއްނުކުރަން. ދެން ހަމަ އެގެތައް، މިސާލަކަށް އެޅިގެންދާނީ، ކޮން ސްޕީޑެއްގައިތޯ، ކިހިނެއްތޯ. ދެން އަޅުގަނޑު އުންމީދު މިކުރަނީ، ހުޅުމާލޭގައި އަޅާ ގެ އެބަހުރި. ދެން އަދި ކުޅުދުއްފުށީގަޔާއި، މިހާރު އެބަ އަޅަން އަޅުގަނޑުމެން، ސަރުކާރުން އެބަ އަޅާ 5 ރަށެއްގައި މިވަގުތު. ހުޅުމާލެއާ ލައިގެން 6 ރަށެއްގައި. ދެން ގުޅީފަޅުގައިވެސް އަޅާނެ. ދެން އަދި ސަރުކާރުން މިހާރު ނިންމާފައި، މުޅި ޖުމްލަ ނިންމާފައި، އަޅުގަނޑަށް މުޅިއެކުން ހަނދާނެއް ނެތް، ކިތައް ރަށެއްގައި ކަމެއް އަޅަން އޮތީކީއެއް. އަޅުގަނޑަށް ހީވަނީ ފަންސާހަކަށްވުރެ ގިނަ ރަށުގައި ގެ އަޅާގޮތަށް ސަރުކާރުން ނިންމާފައިވަނީ. ދެން އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑުމެންނަށް މިމަސައްކަތް ނުކުރެވެންވީ އެއްވެސް ސަބަބެއް. އަޅުގަނޑަށް ވަރަށް ސާފުކޮށް މިކަންކަން ކުރެވޭނެ ގޮތްތައް މިއޮތީ އަޅުގަނޑުމެންނަށް ހޯދިފައި، ފެނިފައި. އެހެންވީމާ، އެކިއެކި ކުންފުނިތަކުންނާއި، އެކިއެކި ޤައުމުތަކުން މިކަން ކުރުމަށް އެބަ އާދޭ. އަދި އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް މިކަމުގައި ކުރިއަށްދާއިރުގައި، ރައްޔިތުންގެ މަޖިލީހުގައިވެސް އެހީތެރިކަމެއް ލިބިއްޖިއްޔާ ފަސޭހަވާނެ އިނގޭތޯ، ފަސޭހަވާނެ. ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމެއް ނުލިބިއްޖިއްޔާ، ދެން ނުލިބުނުނަމަވެސް، އުނދަގުލުގައި އަޅުގަނޑުމެން ގެ އަޅާ ނިންމާނަން.

ދެން މި ބިން ހިއްކިތަނާ ގުޅޭގޮތުން ދެން އަޅުގަނޑުވެސް ތިތަން ގިރާތަން ފެނުނީމާ، އަޅުގަނޑު ހިތަށްއަރައިފި ކިހިނެއްބާއޭ ހަދާނީ. އަޅުގަނޑު އަސްލަމާ ގުޅާނީބާއޭ މިކަމާ. ދެން އަޅުގަނޑު ހިތަށްއެރި، ދެން އަޅުގަނޑު އެހާ ގަމާރު މީހަކަށްވާކަށް ނުވާނެއޭ. އެހެންވީމާ، އަޅުގަނޑު އަމިއްލައަށް ކުޑަކޮށް ބަލައިލާނަމޭ ކިހިނެއްތޯ މިކަންވާނީ. ދެން އަޅުގަނޑަށް ފެނުނު ތަނުގައި، މި ރަށް އެބަޖެހޭ، ފުރަތަމަ ރަށެއް ހިއްކާފައި، އެބޭފުޅުން ހެއްދެވިގޮތަކީ ބޮސްކާލިސްއިން އެރަށަށްޖެހީ ވެލިފުންޏެއް. ޖަހާފައި ބުނީ މިއީ ގިރާނެވަރޭ އިނގޭތޯ. އެ ވެލިފުނި އެއީ ގިރާނެވަރޭ. ދެން އެ ގިރާނެވަރުވެސް އޮތީ ކުރިއަށް އެބޭފުޅުން. އަސްލަމް އޮތީ ގިރާނެވަރު. އަޅުގަނޑު ބަލައިލިއިރުގައި އަޅުގަނޑަށް ސިޓީއެއް ފޮނުއްވަވާފައި އޮތް، މިހާ ވެލި ގިރާނެއޭ، އެކަމާ އަދި ކަންބޮޑުވެގެން އިހަށް ނޫޅުއްވައްޗޭ. ދެން އެ ބީޗް އުފެދޭނެވަރާއި، ޝޯ ލައިން އުފެދޭނެވަރާއި، އޭތި އިކުއިލިބްރިއަމަށް، ސްޓެބިލިޓީއަށް އަންނަންޖެހޭވަރާ. އެހެންވީމާ، އަންނަންދެން މަޑުކުރުންވެސް އެއީ ކުރަންޖެހޭ ކަމެއް. މިހާރު މިސާލަކީ، ދެން ރަށަށްވާނެގޮތް އަޅުގަނޑުމެން، މިހާރު އަސްލަމް ކައިރީގައި އަޅުގަނޑުވެސް ދެންނެވިން، ކީއްވެތޯއޭ އެންމެ ފުރަތަމަ ރިވެޓްމަންޓް ނޭޅީ. އަޅާފައި، އޭގެތެރެއަށް ވެލި އަޅާލިނަމަ، ގައިމު ފަސޭހަވީހެއްނޫންހޭ. ދެން އެބޭފުޅާ ވަރަށް ހީފައި ވިދާޅުވީ، ދެން އޭރަކަށް އަޅުގަނޑުމެންނަކަށް މިކަމެއް ނުވާނެއޭ، ކިހިނެއްކަމެއް ނޭނގެއޭ، ކޮންތަނަކުން ކިހިނެއް ކަމެއް ރަށުގެ ޝޯ ލައިނެއް ނެޗުރަލީ އުފެދިގެން އަންނާނީ. ދެން އެ އުފެދުމާ ދިމާއަށް ބަލައިލަން ދެން އެބޭފުޅުން އެދޭ އެބަ ދުވަސްކޮޅަކު މަޑުކުރަން. އެކަމަކު މިހާރު ބާރަށް ހަމަ އެބަދޭ، ޝޯ ޕްރޮޓެކްޝަން މަސައްކަތް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ދިއްދޫގައި މިހާރު ވަރަށް ބޮޑަށް އެމަސައްކަތް އެބަ ކުރިއަށްދޭ. އަޅުގަނޑުމެން ކޮންޓްރެކްޓް ކޮށްފައި އޮތީ، އަޅުގަނޑަށް ހީވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ގެންގޮސް ނިންމަންހެން. ދެން އަޅުގަނޑުމެންނަށް ކުރީގައި ހިއްކާފައި، ފަސް ގެއްލިފައި ހުރި ރަށްރަށް، މިސާލަކަށް، ތުޅާދޫ. ވަރަށް ބޮޑަށް ތުޅާދޫ އެއްފަހަރަކު ހިއްކި. ހިއްކާފައި، އޭގެ ކުރެހުންތަކަކާ އެއްޗެހި އަޅުގަނޑު ދުށިން. އަސްލަމް އަޅުގަނޑަށް ކިޔައިދިން. އެހެންވީމާ، މިތަނަށް އަނެއްކާވެސް ހަމަ މިބާވަތުގެ ގޮތެއްވާނެއޭ. އެހެންވީމާ، އެދިމާލުން ބޮޑުކުރަން ނޫޅެ، ނުގިރާ ދިމާލުން ބޮޑުކުރަން އުޅުމާ. ދެން މީގެ ވަރަށް ބައިވަރު ސައިންޓިފިކް ވާހަކަތަކެއް ހުރޭ. ދެން އެހެންވީމާ، އަޅުގަނޑުވެސް އޭގެތެރެއަށް އެހާ ބޮޑަކަށެއް ނުވަންނަން. އަޅުގަނޑު ދެން އެހާ މޮޅު މީހަކަށް ނުހެދި، އަޅުގަނޑު މިހުންނަނީ ބަލަހައްޓައިގެން. ކިހިނެއްތޯ، ދެން މިކަން ވެގެން މިދަނީ. އަޅުގަނޑަށްވެސް އެނގޭ، އިދިކޮޅު ފަރާތްތަކުންވެސް މީގައި އެއްޗެއް ބުނެވޭނެ ތަނެއް އެބަ ހޯއްދަވާކަން. ދެން އިދިކޮޅު ފަރާތްތަކުގެ ތެރެއިން ބުއްދިވެރި ބޭފުޅުން އެއްޗެއް ބުނަނީ، ފަހުން އެއީ، ބޮޑު ހަޖޫއަކަށް ނުވާނެގޮތަށް. ދެން އަޅުގަނޑުވެސް އެކަން ކުރަނީ އެގޮތަށް.


މިޞްބާޙް ޢައްބާސް / ދި ޓީވީ:

އަޅުގަނޑު ތިން ސުވާލެއް ކޮށްލާނަން. އެންމެ ފުރަތަމަ މި މާލިއްޔަތު ޤާނޫނު. މި ޤާނޫނުއަސާސީގައި ބުނެފައި އެބައޮވޭ، އެންމެ ފުރަތަމަ މަޖިލީހުން ބިލެއް ފާސްކޮށްފައި ފޮނުވީމާ، 15 ދުވަސް ތެރޭގައި މަނިކުފާނު ތަޞްދީޤު ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. އެހެން ނޫނީ، އޭގައި ހުރި މައްސަލަތަކެއް ފާހަގަކޮށްފައި އަނބުރާ މަޖިލީހަށް ފޮނުއްވަން ޖެހިވަޑައިގަންނަވާނެއޭ. ދެން ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބުނެފައެއްނުވޭ، ދެވަނަފަހަރަށް މަޖިލީހުން ބިލެއް ތަޞްދީޤު ކުރެއްވުމަށް ފޮނުއްވާލެއްވީމާ، ދެން ތަޞްދީޤު ކުރައްވަން ޖެހިވަޑައިގަންނަވާނެ ތާރީޚެއް. އެކަމަކު ބައެއް ޤާނޫނީ ބޭފުޅުން އެބަ ބުނޭ، ހަމަ ފުރަތަމަފަހަރަށް އެ އޮންނަ 15 ދުވަސް، މިކަމަށް އެޕްލައި ކުރާނޭ. ދެން މަނިކުފާނު ދެންމެއަކު ވިދާޅުވެއްޖެ، އެޓަރނީޖެނެރަލް ލަފާދެއްވި ކަމަށް، ވީހާވެސް އަވަހަކަށް މި ތަޞްދީޤު ކުރެއްވުމަށް. ދެން އެޓަރނީޖެނެރަލް ވަކި ދުވަހެއްގެ ތެރޭގައި ކަނޑައެޅިގެން މި ތަޞްދީޤު ކުރެއްވުމަށް ލަފާދެއްވިތޯ؟

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އަޅުގަނޑުމެންނަށް ފެނިގެން ގޮއްސި، އެޕޯލޯއާ އައި.ޖީ.އެމް.އެޗް ޙަވާލުކުރި މަންޒަރު. ދެން އައި.ޖީ.އެމް.އެޗާ ޙަވާލުވާން އެޕޯލޯއިން ހަދަންޖެހޭ އެގްރީމެންޓްތަކެއް ނުހަދައި، މުއްދަތު ފަހަނަޅައިދިޔުމުން އޭގެ މައްސަލަތަކެއް ދިމާވެގެން. ދެން އޭގެއިތުރުން ސަރުކާރުން އެޕޯލޯއާ އެއްކޮށް ވާހަކަ ދައްކަމުންދިޔަ ޚަބަރު އަޅުގަނޑުމެންނަށް ލިބިގެންދިޔަ. ދެން އަޅުގަނޑަށް މިހާރު މަޢްލޫމާތު ލިބިފައިވާ ގޮތުގައި، މިކަންތައްތައް މިހާރު އޮތީ ގޮތަކަށް ނިމިފައި. ކޮބައިތޯ އެ ނިމުނު ގޮތަކީ؟

ދެން ދާދި އިހަކަށްދުވަހަކު ޝަފީޤުގެ ދެފޮތެއް ނެރެދިނުމުގެ ރަސްމިއްޔާތުގައި މަނިކުފާނު ވިދާޅުވި، ގާމާދޫ ޖަލުން ފެނުނު މީހެއްގެ ކަށިތަކުގެ ވާހަކަ. ދެން ވިދާޅުވި، އެމައްސަލަ މިހާރު ސާބިތު ކުރެވޭވަރަށް ނިމިފައިވާ ކަމަށް. ޕީ.ޖީ އަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށް އަޅުގަނޑުގެ މަޢްލޫމާތު ދޮގު ނޫނިއްޔާ. އޭގައި ފާހަގަކުރެއްވި މައްސަލަތަކެއް ޕީ.ޖީ. އަށް ފޮނުވޭވަރަށް ލިބިފައިހުރި ކަމަށް. ކިހާތާކުތޯ އަޅުގަނޑުމެންނަށް ފެނިގެންދާނީ އެކަންތައްތައް؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ބަންޑާރަނައިބު ވިދާޅެއްނުވޭ، ވަކި ދުވަހެއްގެ ތެރޭގައި ތަޞްދީޤު ކުރަންޖެހޭ ކަމަކަށް. އަދި ބަންޑާރަނައިބު، ވަރަށް ސާފުކޮށް، އަޅުގަނޑު ތަކުރާރުކޮށް އެހިން، މިހާރު އެބައޮވޭ 15. ދެން ބުނީމާ، އެހެން ޤާނޫނީ ބޭފުޅެއް އަޅުގަނޑު ކައިރީގައި ބުނީ، އެބަ އޮވެއޭ އޭގައި 18 ވެސް. އެއީ ވޯޓް ޙައްޤުވަނީ 18 އަހަރުންނޭ. ދެން ހިސާބު އަކުރު ވަރަށްގިނައޭ ޤާނޫނުއަސާސީ ތެރޭގައި. ދެން އެހެންވީމާ، ކޮންމެހެން އެއްތަންކޮޅެއްގައި ހިސާބު އަކުރެއް އޮތީމާ، އެ ހިސާބު އަކުރު، މުޅި ޤާނޫނުއަސާސީގައި ހިނގާ ހުރިހާ ކަމެއްގެ ތެރެއަކަށް ފެތުރިގެނެއްނުދާކަމަށް މި ޤާނޫނީ ބޭފުޅުން އަޅުގަނޑަށް ލަފާދީފައި އޮތީ. ދެން އެހެން ނަމަވެސް، އެހުރިހާ ބޭފުޅުންވެސް އެބަ ބުނޭ، އޭގައި އެބަ ބުނެއޭ ރައީސް ތަޞްދީޤު ކުރައްވަންޖެހޭނެއޭ އިނގޭތޯ. އެހެންވީމާ، އަޅުގަނޑު ޖެހޭނެއޭ ތަޞްދީޤު ކުރަން. ދެން އަޅުގަނޑު އަހާލިން އިނގޭތޯ. ދެން ކިހިނެއްބާއޭ މިކަންކަން އެހެން ތަންތަނުގައިވެސް ވެފައިހުރީ. ދެން އަޅުގަނޑު ދެންނެވިން. އިންޑިޔާގައިވެސް މިކަން މިހެން ހިނގާފައި ހުރި ވާހަކަ. ދެން އަޅުގަނޑެއް ނުބުނާނަން، އެއްވެސް ރަނގަޅު ޤާނޫނީ ބޭފުޅެއް މިވާހަކަ މިގޮތަށް ދައްކާނެ ކަމަކަށް. ތިވާހަކަ ތިބޭފުޅާ ތިވިދާޅުވި ގޮތަށް ޙަޤީޤަތުގައި ދައްކަވާފާނެ ކަމަކަށް. އަޅުގަނޑު އެހެން މިދަންނަވަނީ، ވަރަށް ސާފުކޮށް ހުރިހާ ބޭފުޅުން ތިއްބެވި ގާނޫނުއަސާސީ އެކުލަވައިލަމުންދިޔައިރުގައި. ދެން ޑީ.އާރު.ޕީ.ގެވެސް ވަރަށްގިނަ ބޭފުޅުން ތިއްބެވި، ޤާނޫނުއަސާސީ އެކުލަވައިލެވުނުއިރުގައި. އެހެންވީމާ، އެ ތަޞްދީޤު ކުރުމަށްފަހުގައި، އެ ދެވަނަފަހަރަށް އަނބުރާ ފޮނުވާލުމަށްފަހުގައި، ތަޞްދީޤު ކުރުމާ ގުޅޭގޮތުން އަޅުގަނޑު ހަނދާން ގޯސް ނޫނިއްޔާ، އަޅުގަނޑު ހަނދާންވަނީ، ޙަސަން ޢަފީފާއި އަނީސާއާ ދެބޭފުޅުން އެދުވަހު ވަރަށް ހޫނުކޮށް މި ޒުވާބެއްގައި އުޅުއްވާފައި، އަނބުރާ 39 ވޯޓް ލިބުނީމާ، އެއީ އަދި ތަޞްދީޤުވީ ކަމަކަށް ނުބެލެވޭނެ ކަމަށް. ތަޞްދީޤުވީ ކަމަށް ބެލެވޭނީ، ގެޒެޓްކޮށް ތަޞްދީޤުކުރީމާ ކަމަށް. އެހެން ނިމިގެންދިޔައީ. ދެން އަޅުގަނޑުމެން ފަހުން އަޅުގަނޑުމެން ނޭދޭގޮތަކަށް އެކަން އޮތީމާ، ދެން ކުރީގައިވީ ކަންތައް އަނބުރާލުން އެއީކީއެއް ރަނގަޅު ގޮތެއްވެސް ނޫން. ދެން ނުވެސްވާނެ އެކަމެއް އެހެންނެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ދެން ހަމަ އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މީގައި ރޫޙަކީ، ތަސްމީންވެސް އެވިދާޅުވަނީތާ، ރޫޙަކީ މަޖިލީހަށް ބޯލެނބުމޭ. އެއީ ތެދުފުޅެއް. ރޫޙަކީ މަޖިލީހަށް ބޯލެނބުން. އަޅުގަނޑުވެސް ބޭނުން އަޅުގަނޑުވެސް ކަންކުރަމުން ގެންދާނީވެސް މަޖިލީހަށް ބޯލެނބުމުގައި. އެކަމަކާ އެއްވެސް ޝައްކެއްނެތް. ޝަރީޢަތަށް ބޯލެނބުމާއި، މަޖިލީހަށް ބޯލެނބުން އެއީ، ރައީސުލްޖުމްހޫރިއްޔާގެ ގޮތުން އަޅުގަނޑު އަބަދުވެސް އިސްކުރަން ބޭނުންވާނެ ދެކަންތައް. ދެން އެހެން ނަމަވެސް، އަޅުގަނޑު އެބަޖެހޭ، އަޅުގަނޑުގެ ބޮޑު ޒިންމާއެއް، ތިންލައްކަ މީހުންނަށް ވަމުންދާގޮތް ބެލުން. އެއީ ހަމަ އަޅުގަނޑު ޤާނޫނީ ގޮތުން ކޮށްފައި ހުރި ހުވައެއް އެއީ. މާތްރަސްކަލާނގެ ގަންދީ އަޅުގަނޑު އެ ހުވާކުރީ. އެހެންވީމާ، އަޅުގަނޑަށް އެކަމުގައި ހަމަ އަޅުގަނޑު އެބަ ވަރަށް ބޮޑަށް ވިސްނަންޖެހޭ. ވިސްނާފައި އަޅުގަނޑަށް ފެންނަ ރަނގަޅު ގޮތް އަޅުގަނޑު އެބަ ހަދަންޖެހޭ. އެހެންވީމާ، ކަންބޮޑުވެނުލައްވާ، އަޅުގަނޑު ގޯސް ގޮތެއް ނުހަދާނަން. އަދި އިރާދަކުރެއްވިއްޔާ މިހާތަނަށްވެސް އަޅުގަނޑު ގޯސް ކަމެއް ކޮށްފައެއް ނުވާނެ.

އައި.ޖީ.އެމް.އެޗާއި އެޕޯލޯގެ މައްސަލައިގައި، ހަމަ ވަރަށް ސާފުކޮށް އެކަން އޮތީ. އައި.ޖީ.އެމް.އެޗާއި އެޕޯލޯއާ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގއަކަށްވެސް އާދެވުނީ، އައި.ޖީ.އެމް.އެޗަށް 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެންނަންޖެހޭނެއޭ، މި އެގްރީމެންޓްގެ ދަށުން. އެ އިންވެސްޓްމަންޓް ގެނައިމާ، ދެން ސަރުކާރުން މެނޭޖްމަންޓް ޙަވާލުކުރެވޭނެއޭ. ދެން އެ އިންވެސްޓްމަންޓާ ނުލާ މެނޭޖްމަންޓް ޙަވާލުކުރުމުގެ ވާހަކައެއް އަޅުގަނޑުމެން ނުދައްކަން. މިސާލަކަށް، އެއަރޕޯޓް. ތިންސަތޭކަ ހަތްދިހަ މިލިއަން ޑޮލަރާނުލާ އެއަރޕޯޓް ޙަވާލުކުރާ ވާހަކައެއް، އަޅުގަނޑުމެން އެއްވެސްއިރެއްގައެއް ނުދައްކަން. އެއީ، އެ ބޭނުންވާ ވަރަށް އޭގެ ހެލްތް އިންވެސްޓްމަންޓް ގެންނަން ޖެހޭނެއޭ. ގެނައިމާ އެޕޯލޯ ލިބެނީ. ދެން ކިތަންމެ ވަރަކަށް، އެ އެގްރީމަންޓްގައި ހުރި ކުރު އަކުރުތައް ކިޔުއްވިއަކަސް އަޅުގަނޑު ދުލެއް ނުކުރާނަން. ހަމަ އެ ޢަދަދަށް އެ ފައިސާ ލިބުނީ، އަޅުގަނޑު ހަމަ ބޭނުން މާދަންވެސް، އެ އެގްރީމެންޓައިގެން ކުރިއަށްދާން. ދެން އެހެން ނޫނީ، އަޅުގަނޑުމެން ބަޖެޓްގައި ޖަހައިގެން 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އެތަނަށް ހެދީމާ، އާނ ދެން އަޅުގަނޑުމެންނަށްވެސް ހިންގޭނެ އޭރަށް. ބޭނުންވާ ހުރިހާ ކަމެއް އެތާ ފުރިހަމަވީމާ. އެތަނުގެ ހިންގުން އެންމެ ބޮޑަށް ދަތިވެގެން މިއުޅެނީ، ކެޕިޓަލް އިންވެސްޓްމަންޓް ވަރަށް ބޮޑަށް އެތަނަށް ބޭނުންވެގެން އުޅޭތީވެ.

ދެން މަރުވި މީހާގެ، މަރާލާފައި ނުވަތަ މަރުވި ނުވަތަ ގާމާދޫން ކަށި ފެނުނު މީހާގެ ކަންތައް ދެން އަޅުގަނޑު މިދެކެނީ، އެކަން ތަޙްޤީޤުކޮށް، އެ ޕްރޮސެކިއުޝަނާ ހަމައަށް ފޮނުވޭނެ ގޮތެއް އަޅުގަނޑުމެން ހޯދެންޖެހޭނެ. ދެން އަޅުގަނޑަކަށް އަދި ތަޙްޤީޤު ނިމުނު ކަމަކަށް އަޅުގަނޑެއް އެއްވެސްއިރަކު ނުދަންނަވަން. ޑީ.އެން.އޭ، އެ ކަށި ފެނުނު ކަމަށާއި، އެ ކަށްޓަކީ އެ ގެއްލުނު މީހާގެ ޢުމުރުގެ ކަށި ކަމަށާއި، އަދި ފިރިހެނެއްގެ ކަށި ކަމަށާއި، އަދި އޭނާ ފިލައިގެން އުޅެފައި، ޖަލަށްލީފަހުން ދެން ޖަލުން ނުނެރޭކަން، ނެގުނު ބަޔާންތަކުން އެނގޭކަމަށްވަނީ. އޭނަ ފިލައިގެން އުޅުނު. ފިލައިގެން އުޅެފައި އޭނަ ޖަލަށް ގެނެވުނު. ޖަލަށް ގެނެވިފައި، ދެން އޭގެފަހުން އޭނައަށްވީ ގޮތެއް ނޭނގޭ ކަމަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު އަދި ހަމަ އެއް ސުވާލަށް ފުރްޞަތު އަރުވާނަން. ދެބޭފުޅުން އެބަތިއްބެވި. އެހެންވީމާ، ދެ ސުވާލަށް އަޅުގަނޑު ފުރްޞަތު އަރުވާނަން.

އަޙްމަދު ޙަމްދޫން / ހަވީރު ނޫސް:

އަޅުގަނޑު ހަމަ ދެންމެ މަނިކުފާނު ވިދާޅުވި އެއްޗަކާ ގުޅުވާލައިގެން. ދެންމެ އައި.ޖީ.އެމް.އެޗް.ގެ ވާހަކައަށް އިޝާރާތް ކުރައްވައިފި. އެހެންވީމާ، ތިވިދާޅުވަނީ އެޕޯލޯ މީހުންގެ އިންވެސްޓްމަންޓް މިތަނަށް ނޫނީ އައި.ޖީ.އެމް.އެޗަށް ނާންނާތީވެތޯ، އެ އެގްރީމަންޓް އެހިސާބުން މިވަގުތަށް ހުއްޓިފައި އޮތީ؟ އެއީތޯ ތިވިދާޅުވާ އެއްޗަކީ. ނޫނިއްޔާމު ސަރުކާރުން، އެޕޯލޯއިން ބޭނުންވަނީތޯއޭ، އިންވެސްޓްމަންޓް ނުގެނެސް، އެތަނުގެ މެނޭޖްމަންޓާ ޙަވާލުވާން. ކޮބައިތޯ މީގައި، ސަރުކާރާއި އެޕޯލޯއާ ދެމެދުގައި އޮތް ޚިޔާލު ތަފާތުވުން ތަންކޮޅެއް ސާފުކޮށް އަޅުގަނޑުމެންނަށް އެތަންކޮޅު ނާންނާތީ ހައްތާވެސް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެޕޯލޯއަށް ލަފާކުރެވިފައި އޮންނަނީ، ކެޕިޓަލް އިންވެސްޓްމަންޓް އެއީ ދެފަރާތުން އެކީގައި ރޭސްކުރަންޖެހޭ ކަމެކޭ. އެޕޯލޯއަށް ލަފާކުރެވިފައި އޮންނަނީ، އެ ކެޕިޓަލް އިންވެސްޓްމަންޓް ތެރޭގައި، އިންޑިޔާ ސަރުކާރުގެ ގްރާންޓެއްވެސް އަޅުގަނޑުމެން ހޯދުން ހިމެނެއޭ. ދެން އެއީ އަޅުގަނޑުމެންނަކަށް އެކަން ދެކެވިފައި އޮތް ގޮތެއް ނޫން އެއްވެސް އިރެއްގައެއް. ދެން އެހެންވީމާ، އަޅުގަނޑު މި އުންމީދު ކުރަނީ، އެހެން ނަމަވެސް އަދި، ދެން އޭގެއިތުރުން ހަމަ ހޮސްޕިޓަލް އިނގޭތޯ، ހެލްތް ކޯޕަރޭޝަން އެއްބަސްވާންވެސް އެބަޖެހޭ ދޮއެއްތޯ މި އެޕޯލޯއާއި އައި.ޖީ.އެމް.އެޗް.ގެ މެނޭޖްމަންޓަށްދާން. ދެން މިހާރު އެބޭފުޅުން ހެލްތް ކޯޕަރޭޝަނަކަށް ދިޔައީމާ، އެބޭފުޅުން އަމިއްލައަށް، ހެލްތް ކޯޕަރޭޝަނުން އެބަ އައްސަވާ، މިހާރު އަޅުގަނޑުމެންނަށްވެސް ހަމަ ވިޔަފާރީގެ އުޞޫލުން ހިންގޭނެއޭ، ހަމަ އެ 25 މިލިއަން ޑޮލަރު ދެއްވައިފިއްޔާ. އެއީ ތެދެއް. އެހެންވީމާ، އަޅުގަނޑުމެން ހެލްތް ކޯޕަރޭޝަންގެ ވާހަކައަކީވެސް، ތިބޭފުޅުންވެސް ރެއިޒް ކުރައްވާށޭ 25 މިލިއަން ޑޮލަރު، ސަރުކާރާ ނުބެހި. ރެއިޒް ކުރައްވައިފިއްޔާ، އަޅުގަނޑުމެންނަށް ހަމަ އެންމެ އެޓްރެކްޓިވީ އަޞްލުގައި ހަޤީޤަތުގައި ހެލްތް ކޯޕަރޭޝަނޭ. ކޮންމެ ގޮތެއްވިޔަސްވެސް، މި ސެންޓްރަލް، މި ރީޖަންގެ ހެލްތް ސަރވިސަސްއަށް އަޅުގަނޑުމެން އެބަ 25 މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހޭ. ހަމަ މިހާރު އިންވެސްޓް ކުރަން އެބަޖެހޭ. ދެން އަޅުގަނޑުމެން މިހާރު ބަލާފައި، އެޕޯލޯއާ އެކީގައި ނުވާނެ ކަމަށްވަނީވިއްޔާ، ދެން ސަރުކާރުން ޖެހޭނީ، އެއަށް އެހެން ގޮތް ހޯދައިގެން، އެކަން ކުރަން. ލޯނު ނަގައިގެން ނަމަވެސް، ސަރުކާރުން ދެންޖެހޭނީ އެކަން ކުރަން. އެހެންވީމާ، އަޅުގަނޑުމެން އަދި ބަލާނަން ހަމަ މިއަހަރު ނިމެންދެން.

އަޙްމަދު ސަޢީދު / ހަވީރު ނޫސް:

އަޅުގަނޑުގެ ސުވާލު އޮތީ ޖީ.އެސް.ޓީ އާ ގުޅޭގޮތުން އިނގޭތޯ. ދެން އަޅުގަނޑަށް އެނގިފައި އޮތްގޮތުން، އިންޑަސްޓްރީގެ ބައެއް ޓްރެވަލް އެޖެންޓުން މިކަމުގެ ކަންބޮޑުވުމެއް އެބައުޅޭ ކަމަށް އެބޭފުޅުން އެބަ ފާހަގަކުރައްވާ. ދެން ޖީ.އެސް.ޓީ ނެގެން ފެށޭނެތޯ؟ އަދި ހަމަ އެއާ ގުޅޭގޮތުން ޓްރެވަލް އެޖެންޓުންގެ ޖަމްޢިއްޔާ، މަޓާޓޯއިން ވިދާޅުވި، މަނިކުފާނަށް އެޕޮއިންޓްމަންޓަކަށް އެދިގެން އުޅޭ ވާހަކަ. ދެން ހަމަ އެއާ ގުޅިގެން، ބައެއް ބޭފުޅުންނަށް އެބަ ސުވާލު އުފެދޭ ކަމެއް. މަނިކުފާނު އިންޑަސްޓްރީގެ ކޮންސަރންތަކާ ގުޅިގެން، އެބޭފުޅުންނާ ބައްދަލުކުރެއްވުމާއި އަދި އެހެން ތަފާތު އިޝޫތަކުގައި، މިސާލަކަށް، ބައިބަލާ ކުޅެން ބޭނުންވާ ޒުވާނުންނަށް، އެ ފުރްޞަތު ދެއްވުމާ. މިކަމުގައި މަނިކުފާނު ކޮންގޮތަކަށްތޯ، ކޮބައިތޯ އެ ބޭފުޅުންނާ މަނިކުފާނު އިސްކަން ދެއްވުމުގައި އެ ގެންގުޅުއްވަނީ ކޮންގޮތެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ބައްދަލުކުރުމުގައި އިސްކަންދިނުމުގައި، އެންމެ ބޭނުން މީހާއާ އެންމެ އަވަހަށް ބައްދަލުކުރަނީ އިނގޭތޯ. އެއީ، ޒުވާނުން، ނިކަމެތިން، ފަޤީރުން، ހާލުގައި ޖެހިފައި ތިބި މީހުން. ހެދޭނެ ގޮތެއް ނެތް ކަމަށް އަޅުގަނޑަށް ފެންނަ މީހުން. އެއީ އަޅުގަނޑު އެންމެ ފުރަތަމައިނުން ބައްދަލުކުރާ މީހުން. ދެން އެމީހުންނާ އަޅުގަނޑު އަބަދުވެސް ބައްދަލުކުރާނަން، އަބަދުވެސް. ދަރިއަކު، ކުއްޖަކު މަރުވުން، އަނެއްކަމެއްވުން، އަނެއްކަމެއްވުން. އެކަހަލަ ނިކަމެތިކަމެއް ލިބިއްޖިއްޔާ، އަޅުގަނޑު ވަރަށް އަވަސްކޮށް ބައްދަލުވޭތޯ ބަލާނަން. އެހެންވީމާ، ބައްދަލުވުމުގެ ކްރައިޓީރިއާގައި، ބައްދަލުވުމަށް އެޕޮއިންޓްމަންޓެއް ލިބެނީ ކިހިނެއްތޯ ބަލައިފިއްޔާ، ދެން އަނެއްހެން އިތުރުފުޅެއް ހައްދަވައިލައްވައިގެންވެސް، ތިމަންނާއަށް މިހެން ވެއްޖެއޭ. އެކަމަކު އެހެން ޖައްސަވައިފިއްޔާ، ދެން ފަހަރަކުން އުނދަގޫވާނެ. އެކަމަކު އަޅުގަނޑު މީހުންނާ ބައްދަލުވެ ހަދަނީ މިދަންނަވާހެން މިގޮތަށް ބަލައިލައިގެން އިނގޭތޯ. އެއީ ނިކަމެއްޗެއްތޯ، ގެއެއް އެބަހުރިތޯ، އަންހެނެއްތޯ، ދަރިން ކިހިނެއްތޯ، މަދަރުސާއިން ކިހިނެއްތޯ، އެއެއް ބަލައިގެން އަޅުގަނޑު ބައްދަލުކުރަނީ. ދެން ތަނަވަސް، މުއްސަނދި، މޮޅުވީމާ، ތަންކޮޅެއް ފަހަތަށް އަންނާނީ ލިސްޓުގެ އިނގޭތޯ. ދެން އެއީ އެބޭފުޅުންނަށް މަޑުކޮށްލެވިދާނެތާ ދޮއެއްތޯ. ކުޑައިރުކޮޅެއްވިޔަކަސްވެސް އެހާ އުނދަގުލެއް ނުވާނެހެން އަޅުގަނޑަށް ހީވަނީ.

ދެން އެހެން ނަމަވެސް، މި ޖީ.އެސް.ޓީ.ގެ މައްސަލައިގައި އަޅުގަނޑު ޓުއަރިސްޓް ރިޒޯޓް އޯނަރުންނާ ބައްދަލުކުރިން އިނގޭތޯ. ޓުއަރ އޮޕަރޭޓަރުންނާވެސް ބައްދަލުކުރިން. ދެން އެބޭފުޅުންނަށްވެސް ވަރަށް ސާފު. ސަރުކާރުން ޖީ.އެސް.ޓީ ނަގާނެ، ޤާނޫނުގައި އެއޮތް ދުވަހަށް، އެއޮތް މުއްދަތަށް ނަގަމުން ގެންދާނެ. ދެން އެއަކަށް ބަދަލެއް ނާންނާނެ. ދެން އަޅުގަނޑު މަޓާޓޯއާވެސް ބައްދަލުކުރާނަން. އަދި ޓީމާވެސް އަޅުގަނޑު ބައްދަލުކުރާނަން. އަދި އެހެން ހުރިހާ ބޭފުޅުންނާވެސް އަޅުގަނޑު ބައްދަލުކުރާނަން. ދެން އެކަމަކު ޖީ.އެސް.ޓީ އަޅުގަނޑުމެން ނަގާނަން. ދެން ޖީ.އެސް.ޓީ ނުނަގައެއް ދެނެއް އަޅުގަނޑުމެންނަކަށެއް. އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާސަތުގެ އެންމެބޮޑު އެއް ތަނބު އެއީ. ދެން އެބޭފުޅުންނަށްވެސް އަނެއްކާވެސް އެނގިވަޑައިގަންނަވަންވީ އެއްޗަކީ، އަޅުގަނޑުމެން ކުރަން މިއުޅެނީ ކޮންކަމެއްތޯ؟ އަޅުގަނޑުމެން މިދައްކާ ވާހަކަ ވަރަށް ހަމަ އާދައިގެ ވާހަކައެއް މިދައްކަނީ އިނގޭތޯ. 1. ހިނގާށޭ ބެޑް ރެންޓް، މިހާރު މިއޮތް ބޮޑު ބެޑް ރެންޓް ދޫކޮށްލަން. ބެޑް ރެންޓް ބޮޑުކޮށް ހުރީމާ، މިހާރު ހަތްހާސް ޑޮލަރަށް، އަށްހާސް ޑޮލަރަށް ބެޑް ރެންޓް އޮތީމާ، ރެޒޯޓު ހަދަން މިޖެހެނީ، ވަރަށްމަތީ ފެންވަރަކަށް. ހަދައިގެން ގެންނަން މިޖެހެނީ، ވަކި ވައްތަރެއްގެ ކްލަޔަންޓުން. ވަރަށް މުއްސަނދި މީހުން. އެހެންވީމާ، އެހާ މަތީ ފެންވަރަށް ހަދަން ޖެހުނީމާ، ވަރަށް ބައިވަރު ޑޮލަރު ބޭނުންވޭ ހެދުމަށް. އެހެންވީމާ، މި އިންޑަސްޓްރީއަށް ވަނުމަށް ވަރަށް ބޮޑަށް އެބަ އުނދަގޫވޭ. މިހާރު ނެތް ވަދެވޭކަށް، ސާޅީސް މިލިއަން، ފަންސާސް މިލިއަން ޑޮލަރުގެ ބޭންކަބްލް ޑޮކިއުމަންޓެއް ނެތީހެއް އިނގޭތޯ. އެވަރުގެ ޑޮކިއުމަންޓަކަށް އަމިއްލަ އިކުއިޓީ އެކަނި ފައިސާގައި، ހަމަ ރީތިކޮށް ހުންނަންޖެހޭނެ ފަސް ހަ މިލިއަން ޑޮލަރު އިނގޭތޯ. އަތުގައި ހުރެގެން ކިރިޔާވެސް މިހާރު މިތަނަށް ދެވެނީ. މިއީ އެކަމަކު އަޅުގަނޑުމެން މިހާރު މިދެކެނީ، ބެޑް ރެންޓް ނެގުން ހުއްޓާލާފައި، ލޭންޑް ރެންޓެއް ނެގީމާ، ބިމުގެ ކުއްޔެއް ނެގީމާ، ބޭނުން އަގަކަށް ވިއްކަންވީ. ވިއްކި އަގަކުން ސަރުކާރަށް ތިން ޕަސެންޓް ދޭންޖެހެނީ. އެއްހާސް ޑޮލަރަށް ވިއްކައިފިއްޔާ، ހަމަ އޭގެ ތިނެއް ޕޮއިންޓް ފަސް ޕަސެންޓް. ދިހަ ޑޮލަރަށް ވިއްކިޔަސްވެސް، އޭގެ ތިނެއް ޕޮއިންޓް ފަސް ޕަސެންޓް. އެހެންވީމާ، އެ ވިއްކި އަގަކުން ސަރުކާރަށް މިދޭން މިޖެހެނީ. އަޅުގަނޑުމެން މިދެކެނީ، ބެޑް ރެންޓް ތިރިކުރީމާ، ބައެއްފަހަރަށް ވިހިހާހަށްވެސް އެބަހުރޭ. އެއިން ވަރަށްބޮޑު ފައިދާއެއް ލިބިގެން ހިނިގައްޖެއޭ ރިޒޯޓުތަކަށް. ދެން ހަމައެއާއެކީގައި، މުއްދަތު އިތުރުކޮށްދިނީ. އޭގެ ބޭނުމަކީވެސް އެމީހުންނަށް ކެޕިޓަލް ހޯދުމަށް ފަސޭހަވެގެންދާނެތީވެ. ބޭންކަށްދާއިރުގައި، 35 އަހަރަށްވުރެ 50 އަހަރު އިތުރަށް އޮތީމަ، ހަމަ އަނެއްކާވެސް ކެޕިޓަލް ފައިސާ، ބޭންކުން ފައިސާ ހޯދަން ފަސޭހަވެގެންދާނެ. މި އިންވެސްޓްމަންޓަށް ފަހިވެގެންދާނެތީވެ. ދެން އެހެންވީމާ، އަޅުގަނޑުމެން ބޭނުންވެގެން މި އުޅުނީ، މުއްދަތު އިތުރުކޮށްފައި، މި ޖީ.އެސް.ޓީ ނަގާފައި، އަދި ވިޔަފާރީގެ ފައިދާއިން ޓެކްސްއެއް ނަގާނެ. ނަގާފައި ދެން އިމްޕޯޓް ޑިއުޓީ އަޅުގަނޑުމެން ތިރިކުރަންދާނީ އިނގޭތޯ. އޭރުން ތަކެތީގެ އަގަށް އަޅުގަނޑުމެންގެ މެނިފެސްޓޯ، އަނެއް ވަޢުދާ ދިމާއަށް މި ދެވެނީ. އެހެންވީމާ، އަޅުގަނޑު، ޓުއަރިޒަމްގައި އުޅުއްވާ ބޭފުޅުންވެސް އެކީ އެކައްޗަކަށް ގަބޫލުކުރައްވާނެ، ޓެކްސްއެއް ނޫންކަން އެމީހުންގެ އެންމެބޮޑު ޚަރަދަކީ، އިމްޕޯޓް ޑިއުޓީކަން. އެހެންވީމާ، އިމްޕޯޓް ޑިއުޓީ ކުޑަކޮށްލެވުނީމާ، ވަރަށްބޮޑު ތަނެއް އެ ކުޑަކުރެވުނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް، އަޅުގަނޑު މިދެކެނީ 2011 ނިމޭއިރުގައި، 2011 ގެ ފުރަތަމަ ދެތިން ކުއާޓަރއަށްދާއިރުގައި، އަޅުގަނޑުމެންނަށް ޓެކްސް ރިޓަރންސް ޓެކްސްއިން ލިބޭ ޢަދަދުތައް އެނގެމުން އަންނާނެ. އައީމަ ދެން އަޅުގަނޑުމެންނަށް އެ އިމްޕޯޓް ޑިއުޓީއާ ދިމާއަށް ގޮސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ޙައްލު ކުރެވޭނެ. އަޅުގަނޑު ހަމަ ދަންނަވާނީ، ހަމަ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ގޮތް، އަނެއް ދިވެހިރާއްޖެ، އެހެން ދިވެހިރާއްޖެއެއް، އަޅުގަނޑުމެންނަށް ހޯދޭނެއޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ.

ދެން ތިޔަބޭފުޅުންނާއެކީގައި މިވަގުތު ހޭދަކުރެވުނީތީވެ، އަޅުގަނޑަށް ވަރަށް އުފާވެރިކަން ލިބިއްޖެ. އަދި ވަރަށް ބޮޑަށް ޝުކުރިއްޔާ!

والحمد للّـه. والسّـلام عليـكم.