بســم اللّـه الرّحمـن الرّحيــم

ޣާޒީ ސްކޫލްގެ ލޮބުވެތި ދަރިވަރުން. މިނިސްޓަރ އޮފް އެޑިޔުކޭޝަން، ސްކޫލްގެ ޕްރިންސިޕަލް. ސްކޫލް ބޯޑުގެ ރިޔާސަތު އަދި އިސްވެރިން. ބެލެނިވެރިން. ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.
السّـلام عليـكم

އަޅުގަނޑަށް ތިޔަބޭފުޅުން މިތަނަށް ދެއްވި ދަޢުވަތު އެއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. މި މަދްރަސާ ރަނގަޅު ގޮތުގައި ހިންގުމަށާއި، އަދި މިމަދްރަސާއަކީ ސަރުކާރުގެ ތަޢްލީމީ ސިޔާސަތު ތަންފީޒު ކުރުމުގައި، ކާމިޔާބުތައް ހޯދައިދޭ މަދްރަސާއަކަށް ހެދުމަކީ، ސަރުކާރުގެ އަބަދުވެސް އަމާޒެއް.

ތަޢްލީމުގެ ސިޔާސަތު ސަރުކާރުން ތަންފީޒު ކުރަމުން ގެންދާއިރުގައި، ސަރުކާރުގެ ޚާއްޞަ ލަނޑުދަނޑިތަކެއް، އަމާޒުތަކެއް ހުރޭ. ސަރުކާރުގެ ބޭނުމަކީ، ރާއްޖޭގައި ފުރިހަމަ ރައްޔިތަކު ތައްޔާރުކުރުން. މަދްރަސާގެ މަޤްޞަދަކީ، މަދްރަސާގެ ބޭނުމަކީ، މަދްރަސާއިން ނުކުންނަ ކޮންމެ ދަރިވަރަކީ، ރަނގަޅު، ހަރުދަނާ ރައްޔިތަކަށްވާނެ ދަރިވަރަކަށް ހެދުން. މި މަދްރަސާއިން ނުކުންނަ ކޮންމެ ދަރިވަރަކީވެސް އިސްލާމްދީނަށާއި، ދިވެހިރާއްޖެއަށް ބޯލަނބައި އަދި ދިވެހިންގެ ތެރޭގައި ކަނޑައެޅިގެން މިޤައުމާއިގެން ކުރިއަށް ދިޔުމަށް އަތުކުރިއޮޅާލައި ތިބޭނެ ބަޔެއް ތައްޔާރުކޮށްގެން ނެރުން.

ސަރުކާރުގެ ސިޔާސަތަކީ، ކޮންމެ ރައްޔިތަކީވެސް އަދި މި މަދްރަސާއިންނާއި އެހެންވެސް މަދްރަސާތަކުން ނުކުންނަ ކޮންމެ ދަރިވަރަކީ، އޭނާގެ އަމިއްލަ ޙަލާލު މަސައްކަތުން އޭނާއާއި އޭނާގެ ޢާއިލާ ގޮވައިގެން އުޅެވޭ، ރަނގަޅު އާމްދަނީއެއް ހޯދޭ، ޤައުމުގެ ތަރައްޤީގައި ބައިވެރިވެވޭ، ރަނގަޅު ޢާއިލާއެއް ބިނާކުރަން މަސައްކަތްކުރާ ހަރުދަނާ ރައްޔިތަކަށްވުން. މިދެންނެވި ބާވަތުގެ ރައްޔިތެއް އުފެއްދުމަށްޓަކައި އަޅުގަނޑުމެން ބަރޯސާ މިކުރަނީ ތަޢްލީމީ ނިޒާމަށް، މަދްރަސާތަކަށް. މަދްރަސާތަކުން ނުކުންނަ ދަރިވަރުންނަކީ، އަޅުގަނޑުމެން މި އަމާޒުކުރާ ބާވަތުގެ ދަރިވަރުންނަށް ހެދުމަށްޓަކައި ޑޮކްޓަރ ލުޠުފީ ވިދާޅުވާފަދައިން، އަދި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ، ދަރިވަރުންނަށް ވަށާޖެހޭ ތަޢްލީމެއް ދިނުން. މިދެންނެވި ތަޢްލީމު ދިނުމަށްޓަކައި ސަރުކާރުން ޚާއްޞަ ގޮތެއްގައި ކަނޑައަޅާފައި ހުންނަ ކަންތައްތަކެއް ހުރޭ. އޭގެތެރޭގައި، އެއްދަންފަޅިއަށް ކިޔަވައިދިނުން، އަދި 1 ން 12 އަށް މަދްރަސާގައި ކިޔަވައިދިނުން. ދަރިވަރުންނަށް ކްލާހުގައި ދެވޭ ތަޢްލީމުގެ އިތުރުން، އިތުރު ޙަރަކާތްތައް ދަރިވަރުންނަށް ފޯރުކޮށްދިނުން. މިކަންކަން ކުރުމަށްޓަކައި ސަރުކާރުން ފާހަގަކޮށްފައި އޮތް އެންމެ މުހިންމު އެއްކަމަކީ، އެއްދަންފަޅިއަށް ކިޔަވައިދޭނެ އުޞޫލެއް ހަމަޖެއްސުން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މި މަދްރަސާއަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ތަނެއް ނޫން. އެހެންވީމާ، ސަރުކާރުގެ ވަރަށްބޮޑު އަމާޒަކަށްވާނެ، މި މަދްރަސާ އެއްދަންފަޅިއަށް ކިޔަވައިދޭ މަދްރަސާއަކަށް ހެދުން.

ހަރުދަނާ ދަރިވަރަކު މަދްރަސާއިން ނެރުމަށްޓަކައި ހަމައެކަނި އަޅުގަނޑުމެންގެ އަމާޒަކީ، ފަސްދޮޅަސް ޕަސެންޓަށްވުރެ މަތީ ޢަދަދެއްގެ ކުދިން C ފާހަށްވުރެން މަތިން ފާސްވެގެން ކޮންމެ މަދްރަސާއަކުންވެސް ނުކުތުމެއް ނޫން. ސަރުކާރުގެ ހަމަ އެހެންމެ އަމާޒަކީ، ކޮންމެ ދަރިވަރަކީވެސް އިތުރު ޙަރަކާތްތަކުގައި ވަރަށް ބޮޑަށް ބައިވެރިވާ އަދި ކޮންމެ ދަރިވަރަކީވެސް ހަމައެކަނި ކިޔެވުމުގެ ރޮނގުން މަސައްކަތްކުރާ ދަރިވަރެއްގެ އިތުރުން، މުނިފޫހިފިލުވުމާއި، އިޖްތިމާޢީ އެހެން ކަންތަކުގައި ޙަރަކާތްތެރިވާ ދަރިވަރަކަށް ހެދުން. މިދެންނެވި ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ މުޅި ތަޢްލީމީ ސިޔާސަތު ކާމިޔާބު ކުރަންޖެހޭ. ހަމަ އެންމެ ކަމެއް ކޮށްގެނެއް، އެކަން އަޅުގަނޑުމެންނަކަށް ކާމިޔާބު ކުރެވޭކަށެއް ނޯންނާނެ. ޖުމްލަ ގޮތެއްގައި، ސަރުކާރުގެ ތަޢްލީމީ ސިޔާސަތު ފުރިހަމައަށް ތަންފީޒުވެގެން ނޫނީ، އަޅުގަނޑުމެން މިދެކޭ، އަޅުގަނޑުމެން މި އުންމީދުކުރާ ދަރިވަރު މަދްރަސާއިން ނުކުމެގެންދާތަން އަޅުގަނޑުމެންނަކަށެއް ނުފެންނާނެ.

މަދްރަސާތަކުގައި ޢާންމުކޮށް މި ކިޔަވައިދެނީ، ޢާންމުކޮށް 1 ން 10 އަށް. ނުވަތަ 12 އަށް. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ، މިއަދުގެ ދިވެހިރާއްޖޭގައި އަދި ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ގިނަ ބައިވަރު މީހުންނަކީ، މަތީ ތަޢްލީމާއި އަދި އެހެންވެސް ކިތަންމެ ހުނަރެއް ހޯދައިގެން، އެމީހުންގެ ތަޢްލީމީ ޙަޔާތް ނިންމާ ބަޔަކަށް އެބަ ހަދަންޖެހޭ. މަތީ ތަޢްލީމެއް ދިނުމަށްޓަކައި، ހަޔަރ އެޑިޔުކޭޝަން ކޮލެޖް އަދި ޔުނިވަރސިޓީ އުފެދެމުން އަންނައިރުގައި، އޭގެއިތުރުން ސަރުކާރުން މިވަނީ މަސައްކަތްތެރި މާޙައުލަށް ނުކުތުމަށް އަދި މަސައްކަތްތަކަށް އަހުލުވެރިކުރުމަށްޓަކައި މަސައްކަތްތައް ދަސްކޮށްދޭ ބާވަތުގެ މަތީ ތަޢްލީމެއްދެވޭ ނިޒާމެއްވެސް ޤާއިމް ކުރެވިފައި. އެއީ ޕޮލިޓެކްނިކްގެ ނިޒާމާއި އަދި ޓިވެޓްގެ ނިޒާމު. ސަރުކާރުގެ އުންމީދަކީ، މިދެންނެވި ދެ ނިޒާމުގެ ތެރެއިންވެސް އަދި މެދުވެރިކޮށްވެސް މިހާރަށްވުރެ ބޮޑަށް މަސައްކަތުގެ މާޙައުލާ ރަށްޓެހި ދަރިވަރުންތަކެއްވެސް ތަޢްލީމީ ނިޒާމުގެ ތެރެއިން ނުކުތުން.

އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ވަރަށް ޒުވާން ބަޔެއް. މި ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް އަދި އިޖްތިމާޢީ ރައްކާތެރިކަން އަދި އެނޫންވެސް އެންމެހާ އެހެން ފުރްޞަތުތައް ފަހިވެފައި ހުރުމަކީ ކޮންމެހެން ބޭނުންކަމެއް. ތަޢްލީމީ ނިޒާމު ކާމިޔާބުވާ މިންވަރަކުން، ހަމަ އެއާ ވިދިގެން ދެން ހިނގާންޖެހޭ އެހެން ކަންކަންވެސް ހިނގައިގެން މެނުވީ، އަޅުގަނޑުމެންގެ މި ޙަޔާތް ވަށައެއް ނުޖެއްސޭނެ. އަޅުގަނޑުމެންގެ މި ޙަޔާތް އެކީގައި އެއީ ކާމިޔާބު ދިރިއުޅުމަކަށް ހެދުމަށް ސަރުކާރުން ވިސްނާންޖެހޭ ވިސްނުމާއި، ހިންގާންޖެހޭ ކަންކަމާއި، ތަންފީޒު ކުރަންޖެހޭ އިންތިޒާމުތައް ވަރަށްވެސް ގިނަ. އޭގެތެރޭގައި، ޚާއްޞަކޮށް، މަދްރަސާ ނިންމާ ކުދިންނަށް ދެންވާ ގޮތެއް އޮޅުންފިލުވުމަކީ، މަދްރަސާއިންވެސް އަދި ސަރުކާރުގެ އެހެން އިންތިޒާމުތަކުންވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް އެކުގައި ތަންފީޒުވެގެންދާއިރު، މިދެންނެވި އިންތިޒާމުތައްވެސް ފުރިހަމަވެގެންދާނެ. ދަރިވަރުންނަށް ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމަށްޓަކައި ކުރެވެންހުރި މަސައްކަތްތައްވެސް ކުރިއަށްދާނެ.

އަޅުގަނޑު މިރޭ މާގިނަ ވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑަށްފަހު އޮތީ ކެއުންކަން. ދަންވެ މިހެންދާއިރުގައި، އަޅުގަނޑު މިތަނުގައި ގިނަ ވާހަކަ ދައްކާން ހުރުމަކީ، ބުއްދިވެރި ކަމަކަށް ނުވާނެ. އެހެން ނަމަވެސް، ނިންމާލުމުގެ ކުރިން ދަންނަވާލަން ބޭނުން ވާހަކައެއް. ކުރިމަތީގައި މިއޮތީ ހުރިހާ މަދްރަސާއެއްގެވެސް ޗުއްޓީގެ ދުވަސްވަރު. ވަރަށްގިނަ ކުދިންނަށް މިއަދު މަދްރަސާގެ މާކްސް އޮޅުންފިލާފައިވެދާނެ. އަދި 10 ވަނަ ދުވަހު ފޯމް ހުރިހާ ކުދިންނަށްވެސް ލިބޭނެ. މާކްސް އޭރު ދިންއިރުވެސް އަދި ފޯމް ލިބޭއިރުވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް ކުދިން އުންމީދުކުރި ނަތީޖާ މިފަހަރު ނުލިބިދާނެ. އަޅުގަނޑުގެ ނަޞޭޙަތަކީ، މިއަންނަ އަހަރަށް އަދި ބޮޑަށް މަސައްކަތް ކުރުން ބުއްދިވެރިއޭ. ރަނގަޅު ނަތީޖާއެއް ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެއް. ހަމަ އެހެންމެ، މި ބޮޑު ޗުއްޓީ އުފަލުގައި ހޭދަކުރުމަކީވެސް ވަރަށް ބޭނުންތެރި ކަމެއް. ޗުއްޓީގެ ދުވަސްވަރު ފޫހިވެގެން އަބަދު ގޭގައި ނޫޅެ، ގޭގައިވެސް ކުރާނެ ކަންތައްތަކާއި އަދި ވީހާވެސް ބޮޑަކަށް ގެއިން ބޭރަށް އެކިތަންތަނަށް ޒިޔާރަތްކޮށް ހެދޭނެ ގޮތަކަށް ޗުއްޓީގެ ދުވަސްވަރު ރޭވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ދަރިވަރުންނަށްވެސް އަދި މައިންބަފައިންނަށްވެސް ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑު މިފަހަރު ރާއްޖޭގެ ހުރިހާ ކިޔަވާ ކުދިންގެ ކިބައިން އެދޭނަން، މި ބޮޑު ޗުއްޓީގައި ކޮންމެ ކުއްޖަކުވެސް، އަޅުގަނޑުމެންގެ ރާއްޖެ، އެކުއްޖަކަށް މިހާރު އެނގޭ މިންވަރަށްވުރެން ތަންކޮޅެއް ބޮޑަށް ދަސްވޭތޯ މަސައްކަތް ކުރުމަކީ، ރަނގަޅު ކަމަކަށްވާނޭ. އެހެން ރަށަކަށްވެސް ދެވިދާނެ. އަދި އެހެން ކިތަންމެ ގޮތަކަށް އަޅުގަނޑުމެންގެ ރާއްޖެއާ ގުޅޭ މަޢްލޫމާތު ތިކުދިންނަށް ހޯދިދާނެ. ބޮޑަށް ރަނގަޅުވާނީ، ސީދާ ތަންތަނަށް ގޮސްގެން ހޯދޭ މަޢްލޫމާތު. އިންޓަރނެޓުން ބަލާ މަޢްލޫމާތަށްވުރެ ސީދާ ލޮލުން ދެކި އަދި ކަންކަމުގެ ތަޖްރިބާ ހޯދުމުން، އެ ލިބޭ މަޢްލޫމާތު މާ މުއްސަނދިވާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!

______________________