بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ކަލްޗަރގެ ސްޓޭޓް މިނިސްޓަރ. ވަޑައިގެން ތިއްބެވި އެހެން މިނިސްޓަރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި އެހެންވެސް މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑަށް ފެންނަ ފެނުމުގައި މިއަދަކީ އެނގި އޮތް ދިވެހިރާއްޖޭގެ ޚަޒާނާގެ އަދަދު، ޚަޒާނާގައި ހުރި މިންވަރު ދެގުނަވާ ދުވަހެއް. އެނގި އޮތް އަޅުގަނޑުމެންގެ ރިޒާރވްގައި ހުރި ތާރީޚީ މަޢްލޫމާތު ރައްކާތެރި ކުރެވިފައި އަދި ޢާންމުކޮށް ފެންނަ ގޮތަށް ހުރި މަޢްލޫމާތުގެ ޢަދަދު، އިރާދަކުރެއްވިއްޔާ މިއަދުގެ މިފޮތުން ދެގުނަވާނެ. ދެންމެ އަޙްމަދު ނަޞީރު އެ ފާހަގަކުރެއްވި، އެއްހާސް އެއްސަތޭކަ ނުވަދިހަ ފަތްކޮޅުގައި ހިމެނެނީ، މީގެކުރީގައި ދިވެހިބަހާއި އަދަބަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގައި ރައްކާކުރެވިފައި ހުރި ފަތްކޮޅުތަކުގެ އިތުރުން، އަލުން އަނބުރާ އަޅުގަނޑުމެންނަށް މުޠާލިޢާ ކުރުމަށް ބޭނުންކުރުމަށް ލިބޭ ފަތްކޮޅުތަކެއް. މި ފަތްކޮޅުތަކުގެ މިދެންނެވިހެން، ޖުމްލަ ޢަދަދު އަޅުގަނޑުމެންނަށް ލިބޭގޮތްވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި ތާރީޚީ އެކިއެކި މަޢްލޫމާތު ހުރި މިންވަރު ދެގުނަވެގެންދާނެ.

އަޅުގަނޑު މިފަތްކޮޅުތަކާ ގުޅޭގޮތުން ފުރަތަމަ ފާހަގަކޮށްލަދޭނަން. މިމަސައްކަތުގައި އާމިނަތު ޝަރީފް މިމަސައްކަތް ހިންގަވާފައި ހުރި ގޮތް. އާދައިގެ، އަޅުގަނޑު ހަމަގައިމުވެސް ޢަޖައިބުވާ މިންވަރަށް ކުރައްވާފައި އޮތް ކަމެއް. ކޮންމެ ފަތްކޮޅެއް ނަންގަވާފައި، އެފަތްކޮޅެއްގެ މިންއަޅުއްވާފައި، މިސާލަކަށް، ފުރަތަމަ ފަތްކޮޅުގައި އެ ޖައްސަވަނީ ނަންބަރެއް. އަޅުގަނޑު މިސާލަކަށް މި އަރުވަނީ F 09. އެފަތްކޮޅުގެ މިނަކީ އާމިނަތު ޝަރީފް ވިދާޅުވަނީ، 12 އިންޗި ދިގުމިން. 8.5 އިންޗި ފުޅާމިނޭ. އެ ފަތްކޮޅު ހުރީ، ލިޔެވިފައި ވަނީ ތާނައިންނޭ. އެއީ އެއްގަނޑޭ. ދެޞަފްޙާއޭ. އެ ފަތްކޮޅުގެ ނަމަކަށް ވިދާޅުވަނީ، ކ. މާލެ ގ. މަލިކު ޙުސައިން ތަކުރު ގޯތި، ވަގު ގޯތި ފަތޭ. މިހެން ލިޔުއްވާފައި، އެއީ އޭގެ ސުރުޚީ. އަދި އެވަރަކުންނެއް ނޫން. މިދެންނެވި ފަތްކޮޅާ ގުޅޭގޮތުން ދެން ކުޑަބަޔާނެއް، ކޮންމެ ފަތްކޮޅަކާ ގުޅޭގޮތުން މިފޮތުގައި ލިޔެވިފައި މިއޮންނަނީ. އޭގައި މިސާލަކަށް، މިދެންނެވި ފަތްކޮޅާ ގުޅޭގޮތުން ލިޔުއްވާފައި އޮތް ބަޔާނަކީ، 1289 ހިޖްރަ ރަޖަބް އެއީ 1872 ސެޕްޓެމްބަރ 16 ގައި އަލްޤާޒީ މޫސާ ބަދުރުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނު މަޖިލީހުގައި، އައްސުލްޠާން މުޙަންމަދު މުޢީނުއްދީންގެ ދަރި އައްސުލްޠާން މުޙަންމަދު ޢިމާދުއްދީނާއި، ރަންނަބަނޑޭރި އިބްރާހީމް މަނިކުފާނުގެ ދަރި ރަންނަބަނޑޭރި ޢަލިކިލެގެފާނު، ގަލޮޅު ބޮޑުމަގު ހުޅަނގުން ދަނޑި، މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ. ދެން އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ތެރެއިން މިއީ ކޮން ފަތްކޮޅެއްކަން އެނގިވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަން. މަލިކު ޙުސައިން ތަކުރުގެ ގޯތި. އަޅުގަނޑުމެން މިދައްކަނީ ކަކާގޭ ގޯތީގެ ފަތްކޮޅުގެ ވާހަކަ. މި ކޮންމެ ފަތްކޮޅެއްމެ އެބައޮތް، މީގައި އޭގެ ބަޔާނެއް ހަމަ ފުރިހަމައަށް ލިޔުއްވާފައި. އާދައިގެ ފަތްކޮޅަކަށް، ކޮންމެ ފަތްކޮޅަކަށް އައިނަ ލިޔުއްވާފައި އެބައޮތް، 1 ޞަފްޙާގެ ބަޔާނެއް، އެފަތްކޮޅަކީ ކޮބައިކަމާއި، އެއީ ކިހިނެއްވެގެން، ކޮންތާކު އޮތް ފަތްކޮޅެއްކަމާ. އެހެންވީމާ، އެގޮތަށް އެކުލަވައިލެވިފައި އޮތް ބަޔާން، މުޅި ޖުމްލަ މިފޮތުގައި މިހިމެނެނީ، އިންޑެކްސްއާއި މިބާވަތުގެ އެއްޗެހިނުލައި، އެއްހާސް ސާޅީސް ނުވަ ޞަފްޙާ.

އަޅުގަނޑު މީގެކުރީގައި މިބާވަތުގެ މަސައްކަތަކަށް ދުށް މަސައްކަތަކީ، ދިވެހިބަހާއި ދިވެހި ތާރީޚަށް އައު އަލިކަމެއް، އެއީ ނަވާރަސަތޭކަ ފަންސާހުގެ ދުވަސްވަރުގައި ތާރީޚު ކޮމިޓީން. އޭރުގައި ސިލޯނުން ގެނެވުނު ވަރަށްގިނަ ފަތްކޮޅުތަކެއް. ދިވެހި ތާރީޚަށް އައު އަލިކަމެއްގެ އެކިއެކި ޢަދަދުތަކުގެ ގޮތުގައި އެކުލަވައިލައި، އެ ފަތްކޮޅުތަކުގެ ތަރުޖަމާއާއި އަދި ނަކަލުތައް، އެ ދިވެހި ތާރީޚަށް އައު އަލިކަމެއްގެ ގޮތުގައި، އޭރުގައި ޝާއިޢުވަމުންދިޔަ. އާމިނަތު ޝަރީފް މިކުރެއްވި މަސައްކަތުން އެފަތްކޮޅުތަކާއި އަދި އެހެންވެސް ޝާއިޢުނުވެ ހުރި ފަތްކޮޅުތަކާ، އެހުރިހާ ޖުމްލަ ފަތްކޮޅުތަކެއްގެ ޢަދަދު، އަޅުގަނޑު މިދަންނަވަނީ ދެގުނަވެގެންނޭ މިދިޔައީ.

މި ފަތްކޮޅުތައް އަޅުގަނޑުމެންނަށް މިއަދު ފެންނާން މިހުރި އެންމެބޮޑު އެއްސަބަބަކީ، ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ ރަސްރަސްކަލުން، ދިވެހިރާއްޖޭގެ ހުރިހާ މިލްކިއްޔާތެއް، ކަނޑާއި ފަޅާއި، ފަރާއި، ގަހާއި އަދި މީހުނާ، މިހުރިހާ ތަކެއްޗަކީ ވަކިވަކިން ލިސްޓް ކުރެވި، ލިޔެވި، އެކިއެކި މީސްމީހުނާ ޙަވާލުކުރެވިފައި ހުންނަ ތަކެތި. އެންމެ ކުރީ ޒަމާނުގައި، ލޯމާފާނުތަކުގައި ލިޔެވިފައި ހުއްޓާ އަޅުގަނޑުމެންނަށް ފެންނާން އެބަހުރި. ދެން ފަހުން އައިސް، ފަތްކޮޅުތަކުގެ ގޮތުގައި އަޅުގަނޑުމެންނަށް މިތަކެތި ފެންނާން މިއޮތީ. ކޮންމެ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ކޮންމެ ތަނެއްގައި ހުރި ހުރިހާ ބިމެއްގެ މިލްކުވެރި ފަރާތެއް ސާފުކޮށް ރަދުންނަށް އެނގިވަޑައިގަންނަވާނެ. ބަންޑާރައިންނަށް އެނގިވަޑައިގަންނަވާނެ. އެ މިލްކުވެރިކަން ޙަވާލު ކުރުމަށްޓަކައި ނުވަތަ ބެލެނިވެރިކަން ޙަވާލުކުރުމަށްޓަކައި ދެވޭ ފަތްކޮޅެއް، މި ފަތްކޮޅަކީ. އެ ފަތްކޮޅުގެ ކޮޕީއާއި، އެފަތްކޮޅާ ބެހޭ މަޢްލޫމާތު، އަބަދުވެސް ދިވެހި ވެރިން އައީ ބަލަހައްޓަވަމުން. އެންމެ އިހުގައި ރަސްކަން ބަދަލުވީމާ، ކުރީ ރަދުންގެ ފަތްކޮޅު ލިބިފައި ތިބި ފަރާތްތަކުން، އެ ފަތްކޮޅުތަކާއެކު އަލުން އަނބުރާ ބަންޑާރައިން އަރިހަށް އެންމެ ބޭފުޅުން ވަޑައިގެން، އަނެއްކާ އަލުން އަނބުރާ އެ ފަތްކޮޅުތަކުގައި ސިއްކަ ޖައްސަވާނީ. ނުވަތަ އެ ފަތްކޮޅު އަތުލެވިފައި، އެހެން ފަތްކޮޅެއް އެމީހަކަށްދޭނީ. ނުވަތަ ބައެއްފަހަރަށް ހުރިހާ ފަތެއް އަތުލެވި، އެމީހާ އަރުވާލެވޭނީ. މީގެތެރެއިން ދެތިންގޮތް ހަމަ ކޮންމެ ވެރިކަމެއް ބަދަލުވުމާ ގުޅިގެން، މި ރާއްޖޭގައި ހިނގަމުން އަންނާނެ. އެއްގޮތަކީ ހަމަ އޮތް ފަތްކޮޅުގައި ސިއްކަޖަހައިދެއްވުން. ދެވަނަ ގޮތަކީ އެފަތްކޮޅު އަތުލެއްވުމަށްފަހު، އެހެން ފަތްކޮޅެއް ދެއްވައި، އާފަތްކޮޅެއް ދެއްވުން. ތިންވަނަ ގޮތަކީ، އެމީހާ އަތުން ހުރިހާ ފަތެއް އަތުލައި، އެމީހާ ގައިގައި ތަޅައި، އެމީހާ އޮޑިއަށްލުން.

އެހެންވީމާ، މިގޮތްގޮތުން އަޅުގަނޑުމެންނަށް ފަތްކޮޅުތައް ބަންޑާރައިންގެ ކިބައަށް މިއައީ އެއްވަމުން. ދެން އައިސް، އަޅުގަނޑުމެންނަށް މިލިޔުންތަކުން ބަލައިލާއިރުގައި، އަޅުގަނޑަށްވުރެ ބޮޑަށް އައިނައަށް މީގެ މަޢްލޫމާތު މިހާރު ސާފުވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ދެން ފެނިގެން އައީ، ނަވާރަސަތޭކަ އެކާވީހުގައި ވަރަށްބޮޑު މަސައްކަތެއް ކުރެވިފައި އޮތްތަން، މި ފަތްކޮޅުތަކުން އަޅުގަނޑުމެންނަށް ފެންނަން ފެށީ. ޙުސައިން ޞަލާޙުއްދީންގެ ފަނޑިޔާރު މަނިކުފާނުގެ ކަމުގައި، މާލޭގެ ހުރިހާ ވަޤުފް ބިމަކާއި އަމިއްލަ ބިމެއް މިނެ، އަނެއްކާ އޭގެ ގެތަކުގެ އިން ވަކިކޮށް، މިކަހަލަ ވަރަށްބޮޑު ލޭންޑް ޔޫސްޑް މަސައްކަތެއް، ލޭންޑް ޔޫސްޑް ޕްލޭނެއް، އަޅުގަނޑުމެން މިބުނާ ގޮތުގައި ވެއްޖިއްޔާ އޭރުގައި ހެދުނު. ދެން އަޅުގަނޑަށް މިހާރު ހަމަ ވަރަށްބޮޑަށް ޔަޤީން، ނަވާރަސަތޭކަ ބާވީހުގައި އެޗް.ސީ.ޕީ. ބެލް، އެނެރުއްވި މާލޭގެ ޗާޓަކީ، މިމަސައްކަތަށްފަހު ނުކުތް ނަތީޖާކަން. އެހެންވީމާ، އެ މަސައްކަތް، ބެލްގެ ޗާޓްގެ މަސައްކަތް، ޙަޤީޤަތުގައި ކުރެއްވީ، އޭރުގައި މިކުރެއްވި ބޭފުޅުންގެ ނަންތައް، މި ފަތްކޮޅުތަކުން ވަރަށް ބޮޑަށް ސާފުވެގެންދާނެ. އެހެންވީމާ، ނަވާރަސަތޭކަ ބާވީހުގައި އެކަން ކުރައްވާފައި، އޭރުގައި އަނެއްކާ ބަންޑާރައިންގެ ސަރުކާރަށް ބައިވަރު ފަތްކޮޅުތަކެއް އޭރު އޮތީ އެއްވެފައި.

އަނެއްކާ އޭގެ އިތުރުން ދެން އަޅުގަނޑުމެންނަށް މިފަތްކޮޅުތަކުން ފެންނާން އޮތީ، ނަވާރަސަތޭކަ ފަންސާހުގައި، އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމުގައި އެކިއެކި އަތޮޅުއޮފީސްތަކަށާއި ރަށުއޮފީސްތަކަށް ދާޚިލިއްޔާއިން އެންގިފައި މިއޮންނަނީ، އެއިން ތަނެއްގައި ފަތްކޮޅެއް، ވަޤުފެއް، ލޯމާފާނެއް އޮތްނަމަ، މާލެ ފޮނުވައިދެއްވުމަށް. ދެން ބައެއް ބޭފުޅުން އެއަށް އިޖާބަ ދެއްވައި، އެ ފަތްކޮޅުތައް މާލެ ފޮނުއްވާފައި އެބަހުރި. ދެން އަޅުގަނޑަށް އެކަމަކު ހަމަ ފާހަގަވާ އެއްސިޓީގެ ޖަވާބު ދަންނަވާލަންޖެހޭ. އެއީ ރ. އަތޮޅުގެ އަތޮޅުވެރިއަކަށް އޭރު ހުންނެވި އިސްމާޢީލް ނަޞީރު ބޯގަންވިލާ ވިދާޅުވެފައި އޮތީ، [ތިބާވަތުގެ އެއްވެސް އެއްޗެއް މިތާކުނެތޭ.] އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެތަނުގައި އެފަތްކޮޅުތައް ހިފެހެއްޓުނީ. ދެން އޭރުގައި ފަތްކޮޅުތައް ގެނެވުމަށްފަހު، އަނެއްކާވެސް ސަރުކާރުގެ ފަތްކޮޅުތައް ހުރީ. ހުރެފައި ނަވާރަސަތޭކަ އަށްޑިހަ ދޭއްގައި، އެހެން ސިޓީއަކުން އަޅުގަނޑުމެންނަށް އަނެއްކާވެސް މިފަތްކޮޅުތަކުން ފެންނާން އޮތީ، ޢަބްދުﷲ ޖަމީލު ލިޔުއްވަނީ، ދިވެހިބަހާއި އަދަބަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒަށް. އެތަނުގައި ހުރި، އެތަނަށް މިފަތްކޮޅުތައް ޢަބްދުﷲ ޖަމީލު ފޮނުއްވަވަނީ، މި ފަތްކޮޅުތައް ފޮނުއްވަވާއިރުގައި ވިދާޅުވަނީ، މަލިކާ ގުޅޭގޮތުން އެނގެން އޮތް މަޢްލޫމާތެއް ވެއްޖިއްޔާ، ފަތްކޮޅުތަކުން ސާފުކޮށްދެއްވުމަށް. ދެން އަޅުގަނޑު ހަނދާންވަނީ، ނަވާރަސަތޭކަ އަށްޑިހަދޭކާއި އަށްޑިހަ ހަތަރަކާ ދެމެދުގައި މަލިކާ ގުޅޭ ވާހަކަތަކެއް، އަޅުގަނޑުމެންގެ ތެރޭގައި ދެކެވުނު. ކޮންމެއަކަސް، މިފަތްކޮޅުތައް ޤައުމީ މަރްކަޒުން އޭރުގައި ބައްލަވާފައި، އަށްޑިހަ ހަތަރުވަނަ އަހަރު އަނެއްކާވެސް ފަތްކޮޅުތައް ރައީސް އޮފީހަށް ފޮނުވެނީ. ފޮނުވާއިރުގައި އޭރު ޖަވާބު، ޤައުމީ މަރްކަޒުން ޖަވާބު ދެއްވާފައި މިއޮންނަނީ، މިވަނީ [މަލިކާ ގުޅޭ އިތުރު މަޢްލޫމާތެއް ފެންނާކަށް ނެތޭ.] ދެން އެހިސާބުން އެހުރިހާ ފަތްކޮޅެއް ފޮށިގަނޑެއްގައި ބަންދުވެފައި، ނަވާރަސަތޭކަ އަށްޑިހަ ހަތަރަކުއްސުރެ ފެށިގެން އައިސް ދެހާސް އަށްވަނަ އަހަރާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބެހެއްޓިފައި ހުރީ. ދެން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އެއްތަނުން އަނެއް ތަނަށް ބަދަލުވެގެންދިޔައިރުގައިވެސް، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިފަތްކޮޅުތައް ފޮށިގަނޑެއްގައި ބަންދުވެފައި ހުރީ. ތިން ފޮށިގަނޑުގައި. ދެން އަޅުގަނޑުމެންނަށް މި ފަތްކޮޅުތައް ފެނުމާ އެކުގައި، ރައީސް އޮފީހުން ރައީސް އޮފީހުގެ ސީނިއަރ ޕްރޮޖެކްޓް އޮފިސަރ ޕްރޮޖެކްޓް ޑައިރެކްޓަރ އާމިނަތު ޝަރީފް އަރިހުން އެދުނީ ފަތްކޮޅުތައް ބަލައިދެއްވުމަށާއި، އޭގެ ކެޓަލޮގެއް ހައްދަވައިދެއްވުމަށް. މި އެއްޗަކީ ހަމައެކަނި ލިސްޓެއް، މިއީ ރައީސް އޮފީހުގައި ހުރި ފަތްކޮޅުތަކަކީ މިއީއޭ، އެހެންބުނާ ލިސްޓެއް ރައީސް އޮފީހުން ތައްޔާރުކޮށްފައި އޮތީ. މިއީ އެއަށްވުރެ އިތުރު އެއްޗެއް ނޫން. މިއީ ހަމައެކަނި ލިސްޓެއް. ދެން މިފަތްކޮޅުތަކުގެ މައްޗަށް ބިނާކޮށް ތަޙުލީލު ކުރުމަކީ، އެއީ ތާރީޚު ދިރާސާކުރާ ފަރާތްތަކާއި، އަދި އެހެނިހެންވެސް ޢިލްމީ މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތެއް. ދެން އެމަސައްކަތް ކުރައްވަން ބޭނުންވެލައްވާ ބޭފުޅުންނަށް، އެމަސައްކަތް ކުރެވޭގޮތަށް، އަޅުގަނޑު އުންމީދު ކުރަން، މިފަތްކޮޅުތައް މިތަނުގއި ފެންނަން ހުންނާނެ ކަމަށް.

އަޅުގަނޑު މި ފަތްކޮޅުތަކުން އަޅުގަނޑުގެ ހަމަ އެންމެ އަޅުގަނޑަށް ފެނުނު އެއްފަތްކޮޅުން އަޅުގަނޑަށް ބަލައިލެވުނު އެއްކަމެއްގެ ވާހަކަ ދަންނަވާލާނަން. ވަރަށް ކުރިއްސުރެ ފަށައިގެން އަޅުގަނޑު ހޯދަމުން އައިން، މާންދޫގެ އެއީ ކޮން ތަނަކުން ފެށިގެން އައި ގެއެއްތޯ؟ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޚަދީޖާދީދީ ނުވަތަ މާންދޫގޭދީދީ އެއީ ދޮންބަންޑާރައިންގެ ޙަސަން ނޫރައްދީންގެ އަނބިކަނބަލުން. އަޅުގަނޑަށް މުނީރާ މަޢްލޫމާތު ދެއްވާ ގޮތުގައި، މި ޚަދީޖާދީދީއަކީ މުރީދުގޭ ނުވަތަ ހުރާ ދަރިކޮޅުގެ ބޭފުޅެއް. އަޅުގަނޑަށް ޚަދީޖާދީދީ އެންމެ ފުރަތަމަ އަޅުގަނޑަށް ފެނުނީ، މާލޭ ހުކުރު މިސްކިތުގައި ވަޅުލާފައި އޮއްވާ. އަޅުގަނޑަށް ހީވަނީ އެއީ 184 ނަންބަރު ގާހެން. އެހެން ނަމަވެސް، ޚަދީޖާ ކައިވަނިބައްލަވައިގަތީ ޙަސަން ނޫރައްދީނާ. ޙަސަން ނޫރައްދީނަކީ މުލީގޭ ބޭފުޅެއް. ހުރާ ދަރިކޮޅުގެ ރަސްކަލެއް. ދޮންބަންޑާރައިންގެ ބޭފުޅެއް. ކަޅު ބަންޑާރައިންގެ ހަމަ އެއްބަފާ. މާންދޫގެދީދީ ކީއްވެތޯ އެ ދީދީއަށް ކިޔުނު ގޮތެއް އޭރު އަޅުގަނޑަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނިފައި އޮތީ. ދެން ފަހުން އަޅުގަނޑަށް މި އެނގުނު ވާހަކައަކީ، މިފަތްކޮޅުތަކުން އެ މާންދޫގެއަކީ ޙަޤީޤަތުގައި ލ.އަތޮޅު މާންދޫ ބައެއްގެ ގެއެކޭ. އެހެންވީމާ، އަޅުގަނޑު ދެން އަޅުގަނޑު މިވިސްނީ، އަޅުގަނޑު މިދެކެނީ އެއީ އިސްދޫ ދަރިކޮޅު ގެއެކޭ. ފަހުން އައިސް ހުރާ ދަރިކޮޅު ރަސްރަސްކަލުން ރަސްކަން ކުރައްވަމުން ގެންދެވިއިރުގައި، އޭގެތެރެއިން ކަކާގޭ ބޭފުޅުން ނުވަތަ ހުރާ ދަރިކޮޅުގެ އެއްފަރާތުގެ ބޭފުޅުން ކައިވެނިބައްލަވައިގަތީ ދިޔަމިގިލީ ދަރިކޮޅުގެ ބޭފުޅުންނާ. އެއީ ކަކާގޭ ކަޅުގޮމައާއި އަޅުގަނޑުމެން، ދޮންބިނާގޭ އާމިނާދީދީއާ. އެ ކަކާގޭ ފަރާތުން އަޅުގަނޑުމެންނަށް ފެންނަ ނަންތައް. ދެން އަނެއް ފަރާތް މި ކައިވެނިބައްލަވައިގަތީ، އަޅުގަނޑަށް މިފެނުނީ މި އިސްދޫ ދަރިކޮޅުގެ ބޭފުޅުންނާއޭ. އެ މާންދޫ ބޮޑުބަނޑޭރި ތަކުރުފާނުގެ ގެއެއް. ފަހުން އައިސް މާންދޫ ޢަލިމަނިކުގެ ގޯއްޗެއްގެ ގޮތުގައި މިގޯތި އޮތީ. ދެން އަދިވެސް އަޅުގަނޑަކަށް މިދެންނެވި ޚަދީޖާދީދީގެ މައިފުށަކީ ކޮބައިކަމެއް ނޭނގެ. އަޅުގަނޑު މިހާރު ލަފާކުރަނީ، އެއީ އިސްދޫ ދަރިކޮޅުގެ ގޮމައަކަށޭ ވާނީ. އަދި މާންދޫގޭ ބޭފުޅަކަށޭ ވާނީ. އެ ޚަދީޖާދީދީއަކީ ޙަޤީޤަތުގައިވެސް މާންދޫގޭ ދީދީއެކޭ. މާންދޫގެއަށް ޙަސަން ނޫރައްދީން ވަޑައިގެންނެވީމާ، ޙަސަން ނޫރައްދީންގެ އަނބިކަނބަލުންނަށްވީތީވެ، އެ ދީދީއަށް ޚަދީޖާދީދީ ކިޔުނީއަކީއެއް ނޫނޭ. އެހެންވީމާ، މާންދޫގެ އަޅުގަނޑަށް ފެނުނު ތަނުގައި، މިފެނުނީ މިދެންނެވިހެން އިސްދޫ ދަރިކޮޅާ ގުޅިގެން އައިތަން. ފަހުން އައިސް އެނގިވަޑައިގަންނަވާނެ، އަށާރަސަތޭކައިގައި މުލީގެއާއި މާންދޫގެ ވަރަށްބޮޑަށް ރަސްކަމުގެ، ދޮންބަންޑާރައިންގެ ރަސްކަމުގެ ޚާންދާން ވަރަށް ބޮޑަށް ބެހިގެންދިޔައީ، މުލީގޭ ފަޅިއަށާއި މާންދޫގޭ ފަޅިއަށް. ދެން އަޅުގަނޑުމެންނަށް މާންދޫގެއިން އެކިއެކި ރަސްރަސްކަލުން ފެނުނު. ކުޑަ ބަންޑާރައިންނާއި ޙާޖީ ޢިމާދުއްދީނާއި، ޙަސަން ނޫރައްދީނާއި، މާންދޫގޭ ދަރިކޮޅުން ރާއްޖޭގައި ރަސްކަން މިފަހާ ޖެހެންދެންވެސް ކުރައްވާފައި ތިއްބެވި އެކިއެކި ބޭފުޅުން އަޅުގަނޑުމެން މިއަދު މިވަގުތުގައި މިތިއްބެވީ އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ކުޑަބަންޑާރައިންގެ އިބްރާހީމް ނޫރައްދީންގެ ޓެނިސްކޯޓްގައި.

އަޅުގަނޑު ވަރަށް އުފާވޭ، މިމަސައްކަތް އަޅުގަނޑުމެންނަށް ކުރެވި، އަދި މިފަތްކޮޅުތައް އަޅުގަނޑުމެންނަށް ސަލާމަތުގެ އައްސޭރިއަކަށް އިރާދަކުރެއްވިއްޔާ ފޯރުކޮށްދެވޭތީވެ. އަޅުގަނޑުމެންނަށް މި ޢިމާރާތުގެ ފުރިހަމަ ބޭނުން، މިހުރިހާ މަސައްކަތާ އެކުގައި އިރާދަކުރެއްވިއްޔާ ކުރެވޭނެ. އަޅުގަނޑު މިވަގުތު ބަހާއި އަދަބަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ގޮތުގައި ޙަރަކާތްތެރިވަމުން އައި އެ މަރްކަޒާއި އަދި މިހާރުގެ ހެރިޓޭޖް ޑިޕާޓްމަންޓާއި އަދި އެތަނުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑަށް ވަރަށްދެރަ މިއަދު އަޅުގަނޑަކަށް މިތަނުގައި އެ ސީދާ ތާރީޚީ މަސައްކަތްތަކުގައި އުޅުއްވި ޒަމާންވީ ބޭފުޅުންގެ ތެރެއިން ދެބޭފުޅަކު އަޅުގަނޑަށް މިވަގުތު ފެންނާން ތިއްބެވީ. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، އެބޭފުޅުންވެސް މިފަތްކޮޅުތަކަކީ ކޮބައިތޯ ކުޑަކޮށް ބައްލަވާލައްވައި، މިހާރުދެން މި ޒަމާނީ ޢިލްމުގައި މިކަމާއިގެން ކުރިއަށް ދެވޭނެ ގޮތްތަކަކީ ދެނެވަޑައިގަންނަވައި، އެމަގަށް އެބޭފުޅުންވެސް ފަރިތަވެލައްވައިގެން ހަމަ މިމަސައްކަތުގައި ކުރީގައިވެސް އެބޭފުޅުން އެއުޅުއްވި ފަދައިން ކުރިއަށް ގެންދަވާނެ ކަމަށް.

ނިންމާލަމުން އަޅުގަނޑު ދަންނަވާލަން ބޭނުން، އައިނައާ އެކީގައި މަސައްކަތް ކުރެއްވި އަޅުގަނޑުމެން އޮފީހުގެ ދެބޭފުޅުން، ޒުވާން ތިންބޭފުޅުން، އެ ތިންބޭފުޅުންވެސް އަޅުގަނޑުމެންނަށް އައިނައާ އެކީގައި ހަމަ މިމަސައްކަތް އެކީއެކައްޗަކަށް ކުރުމުގައި، ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އެހީތެރިވެދެއްވި. އެހެންވީމާ، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަމުން އަޅުގަނޑު ވަކިވެލާނަން.

والحمد للّـه. والسّـلام عليـكم.

______________________________