بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަމީން ފައިޞަލް. ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލު. ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލް އޮފިސަރުން. އަދި މިދުވަހުގެ މުނާސަބަތުގައި، މިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި، ފަޚްރުވެރިކަމާއެކު، އުފާ ފާގަތިކަން ފާހަގަކުރަމުން ގެންދާ އެންމެހާ ބޭފުޅުން.

السّـلام عليـكم

މިއަދަކީ އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް، ފަޚްރެއް ލިބުނު ދުވަހެއް. އެނގިވަޑައިގަންނަވާނެ، ދުވަހަކީ ކޮބައިކަން. މިއީ ދިވެހިން ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ނޮވެމްބަރު 3 ވަނަ ދުވަސް. މިފަހަރު މިދުވަސް ގުޅިފައިމިވަނީ، ވަރަށް ފަހުގެ ޙާދިޘާއެއް ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެން ދެކެންޖެހޭނީ، މިދުވަހަކީ މިރާއްޖޭގެ ޙަޔާތުގެ އެކިއެކި މަރްޙަލާތަކުގައި، އެކިއެކި ޙާލަތްތަކުގައި ނަޞްރު ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރާ ދުވަހެއްގެ ގޮތުގައި.

މިދުވަސް މިފަހަރު އަޅުގަނޑުމެން ފާހަގަކުރާއިރު، މިދުވަހާ ގުޅޭ އެންމެމަތީ ޝަރަފް، މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލަށް އެރުވުމުގެ ފަޚްރު، އަޅުގަނޑަށް، މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން ލިބުނުކަމީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މޫސާ ޖަލީލުގެ ޙަޔާތް، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ޑިފެންސް ފޯސް މިހާރު މިއޮތް ހަރުދަނާ ގޮތުގައި ބިނާވުމަށް، އެބޭފުޅާ ކުރައްވާފައިވާ މަސައްކަތްތަކަކީ، އެއްވެސް ދިވެހި ރައްޔިތަކަށް އޮޅޭނޭ މަސައްކަތްތަކެއް ނޫން. އަޅުގަނޑު އެބޭފުޅާއަށް މަރްޙަބާއާއި މުބާރަކްބާދީ އަދާކުރަން.

އަޅުގަނޑުމެންގެ ރާއްޖޭގެ ޙަޔާތުގައި، މި ރާއްޖޭގެ ސަލާމަތަށް، މި ރާއްޖޭގެ އިސްތިޤްލާލަށް، މި ރާއްޖޭގެ ރައްކާތެރިކަމަށް ލޮޅުމެއް އަންނަ، އަސަރެއްކުރާ، ނުރައްކަލެއް މަތިވެރިވާ ކޮންމެ ފަހަރަކު، ހީވާގިކަމާއި ކެރުމާއެކީގައި ނުކުންނަނީ ތިޔަބޭފުޅުން. ތިޔަބޭފުޅުންނަކީ، ރާއްޖޭގެ ސިފައިންނަކީ، ކިތަންމެ ޒަމާނެއް ވަންދެން، މި ރާއްޖެ ރައްކާތެރިކަމާ އެކީގައި ބަލަހައްޓަމުން އަންނަ ހަރުދަނާ ބޭފުޅުން. މިއަދު މި ރާއްޖޭގެ ސިޔާސީ ނިޒާމު، މީގެކުރިއާ ވަރަށްބޮޑުތަން ތަފާތުވެގެން މިދާއިރުވެސް، އެންމެހާ ސިޔާސީ ނުފޫޒުން އެއްކިބާވެ، ހަރުދަނާކަމާއެކު މަސްއޫލިއްޔަތު، ތިޔަބޭފުޅުން އަދާކުރައްވަމުން ތިޔަގެންދަވަނީ، މުޅި މި ރާއްޖެއަށް އެކަންޏެއް ނޫން. މިފަދަ ޙާލަތުގައި، ޤައުމީ ހަޔާތް ބަދަލުވާ ކޮންމެ ޤައުމަކަށް މިސާލު ދައްކާ ގޮތުގައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވަން.

އަޅުގަނޑުމެންގެ ސަރަޙައްދުގައިވެސް އަދި އަޅުގަނޑުމެންނާ ގުޅިގެން މިރާއްޖެއަށް ހުރި ނުރައްކާތަކެއް ހުރިކަމީ، އަޅުގަނޑުމެން އެންމެން ދަންނަ ޙަޤީޤަތެއް. އެކަންކަމުން ސަލާމަތްވުމަށްޓަކައި އަދި ރައްކާތެރިވުމަށްޓަކައި ތިޔަބޭފުޅުން އިސްވެ ތިއްބަވައި ރާއްވަވާފައިވާ ރޭއްވެވުންތަކާއި އިންތިޒާމުތައް އެއީ އަޅުގަނޑުމެން ހިތްހަމަޖެހޭ އިންތިޒާމްތަކެއް. އެމައްޗަށް އަޅުގަނޑުމެންނަށް އިތުބާރު ލިބޭ އިންތިޒާމްތަކެއް. އަޅުގަނޑު ޔަޤީން ކުރަން، އަޅުގަނޑަށް ކަށަވަރު، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމުގައި، ކޮންމެހެން ބޭނުންވާ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ހޯދައިދިނުމުގައި، ތިޔަބޭފުޅުންގެ މަސްއޫލިއްޔަތު، އަދި ތިޔަބޭފުޅުންގެ ރޭވުންތެރިކަން، ޙިކްމަތްތެރިކަން، ތިޔަބޭފުޅުންގެ ހިތްވަރު، ތިޔަބޭފުޅުންގެ ދުރު ވިސްނުން، ތިޔަ ބޭނުންކުރައްވަމުން ގެންދަވާ ގޮތަށް ބޭނުންކުރައްވާނެކަމީ، އަޅުގަނޑުގެ ހިތުގައި ޝައްކެއްއުފެދޭ ކަމެއް ނޫން. އެހެންކަމުން، މި ރާއްޖޭގެ ސަލާމަތާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ.


އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ބާއްޖަވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ސަލާމަތް ލިބުން.

والحمد للّـه. والسّـلام عليـكم.

___________________________