بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ނައިބު ރައީސް. ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި އަޅުގަނޑުގެ ސްޕެޝަލް އެންވޯއި. ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެންގެ ރާއްޖޭގައި އެނގިވަޑައިގަންނަވާނެ، ތަފާތު ހިސާބު ނެގި، ބެލި، މިނި ހެދެމުން އަންނަތާ ވަރަށްގިނަ ޒަމާންތަކެއްވެއްޖެ. ރާއްޖޭގައި ރާއްޖޭގެ ރަސްކަލުން، ތިމަންނާއަކީ ބާރަހާސް ރަށުގެ ވެރިޔާއޭ، އެހެން ވިދާޅުވެ، ނަންފުޅު އިޢްލާނު ކުރެވިފައި އޮންނާނެ. ޒަމާނުއްސުރެ ފަށައިގެން ލޯމާފާނުތަކުގައި ރާއްޖޭގެ ރައްޔިތުންގެ ޢަދަދާއި، ބައެއްފަހަރު އަތޮޅުތަކުގެ މިނާއި، އެއްރަށާއި އަނެއްރަށާ ހުރި ބައެއްފަހަރަށް ދުރުމިނާއި، ބޮޑުމިނާއި، ރުއްގަހުގެ ޢަދަދާއި، ފަރު ފަޅުގެ ބޮޑުމިނާއި، މުޅި މިދިވެހިރާއްޖެ މިނުން އެއީ ރާއްޖޭގެ ރަސްރަސްކަލުން، ރާއްޖޭގެ ވެރިން، ދިވެހި ސަރުކާރުން އަބަދުވެސް ޒަމާނުއްސުރެ ފެށިގެން ކުރަމުން އައި ކަމެއް. ބައެއްފަހަރަށް ބޭރުގެ ފަރާތްތަކުން އެ މަޢްލޫމާތު ހޯއްދަވަން އުޅުއްވީމާ، ދިވެހި ވެރިން ވަރަށް ކަންބޮޑުވޭ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ބައެއްފަހަރަށް ފަޅު ފަރުގެ ފުންމިނާއި، ދިގުމިނާއި ފުޅާމިން ހޯދުމަށް އިނގިރޭސި ދައުލަތުން އެދުނީމާ، އަދި މިރާއްޖެއަށް ވަޑައިގެންނެވީމާ، ރަދުން އެބަހުރި މާލެ ދޫކޮށް ފިއްލަވައި ވަޑައިގެންފައި.

ރާއްޖޭގައި ބޯ ހިމެނިފައި ހުރި ޢަދަދު، އެ ޢަދަދަކީ ދިވެހި ރަސްކަލުންނަށް އަބަދުވެސް ވެފައި އޮންނާނީ ދިފާޢީ ސިއްރެއްގެ ގޮތުގައި. އިސްކަންދަރު ރަސްގެފާނުވެސް ބޯހިމެނުއްވި. ދިވެހި ތާރީޚުން އެކަން ވަރަށް ސާފުކޮށް އެނގެން އޮންނާނެ. އެހެން ނަމަވެސް، އެޢަދަދު، ހަގު ބޭކަލުންގެ ޢަދަދުވެސް، ބަނޑުހަނޑޫދޭ ޢަދަދުވެސް، ޢަސްކަރީންގެ ޢަދަދުވެސް، ހެވީންގެ ޢަދަދުވެސް، ކޮށިކޮށީގެ ޢަދަދުވެސް ހަމަ ވަރަށް ގިނައިން ހުންނާނީ ބެލެހެއްޓިފައި. އެހެން ނަމަވެސް، ހިފެހެއްޓިފައި.

މަޢްލޫމާތު ފޯރުކޮށްދިނުމާއި، މަޢްލޫމާތު ހޯދުމުގެ ޙައްޤު، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ލިބިދީފައި މިވަނީ، އަޅުގަނޑުމެން މިހާރު މި ޢަމަލު ކުރަމުންދާ ޤާނޫނުއަސާސީން. މިއަދާ ހަމައަށްވެސް މި ރާއްޖޭގައި ޞައްޙަ މަޢްލޫމާތު، ކަންކަމާ ގުޅޭގޮތުން ހޯދުމަށް ޢާންމުން އުޅެން ޖެހިފައި އޮންނާނީ ވަރަށް ދަތިކޮށް. އެއީ، ސަރުކާރުން ދޫކުރާ އެއްޗެއް ނޫން. އެއީ، ދައުލަތުގެ ސިއްރެއް. އެއީ، ކަމާބެހޭ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭ އެއްޗެއް. ކަމާނުބެހޭ ފަރާތަށްދޭ އެއްޗެއް ނޫން. އެހެންވީމާ، ރައްޔިތުންނަށް، ރައްޔިތުންގެ ކަންކަމާ ގުޅޭގޮތުންވެސް އަދި ސަރުކާރަށް، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ވިސްނާންޖެހޭ ވިސްނުންތަކާއި، ނިންމާންޖެހޭ ނިންމުންތައް ނިންމުމަށް އޮންނަނީ ވަރަށް ބޮޑަށް ދަތިވެފައި. އަޅުގަނޑުމެން، މި ސަރުކާރު ހިންގުމާ ޙަވާލުވެ، ސަރުކާރަށް ދިމާވި އެންމެބޮޑު އެއްދައްޗަކީ މިދެންނެވީ. މިރާއްޖެއާ ގުޅޭ ޞައްޙަ މަޢްލޫމާތު، އަޅުގަނޑުމެން ހޯދަނީ ކޮން ތަނަކުންތޯއާއި، އަދި ފަސޭހައިން އެ މަޢްލޫމާތު އަޅުގަނޑުމެންނާ ހަމައަށް، އެންމެންނާ ހަމައަށްވެސް، ކޮންމެ މީހަކާ ހަމައަށްވެސް އެ މަޢްލޫމާތު ލިބިދޭނޭ، ފޯރުކޮށްދޭނޭ ގޮތްތަކެއް އިންތިޒާމުކޮށް ކަނޑައެޅުމަކީ، އަޅުގަނޑުމެންނަށް އެންމެ ފުރަތަމައިނުން ފެނުނު ގޮތުގައި ކުރާން ޖެހިފައި އޮތް ވަރަށް މުހިންމު ކަމެއް.

ރާއްޖޭގައި ސްޓެޓިސްޓިކްސް، މި ޒަމާނީ ގޮތަށް ބަލަހައްޓާން ފެށުނީ، އަޅުގަނޑު ދަންނަވާނީ ދާދި ފަހުންނޭ. ޝަހުދާ ވިދާޅުވެއްޖެ، ނަވާރަސަތޭކަ އެގާރައިގައި މި ޒަމާނީ ފުރަތަމަ ބޯހިމެނުން ހިމެނުނު ކަމަށް. އެއީ، ތެދުފުޅެއް. ނަވާރަސަތޭކަ އެގާރައިގައި ޒަމާނީ ފުރަތަމަ، ބެންގޯލް ފެމީންއާ ގުޅިގެން އެންމެ ފުރަތަމަ އަޅުގަނޑުމެން ރާއްޖޭގައި ބޯ. ދެން އޭގެ ފަހުން ހުރި ޢަދަދު ހިމެނުނީ. އެއަށްފަހު، އަޅުގަނޑަށް ފެނިފައި އޮތް ގޮތުގައި، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، އަޅުގަނޑު މިއަދު ހަމަ ޝުކުރު ދަންނަވާލަން ބޭނުން އެބޭފުޅަކަށް، އެއީ، ޙަސަން ޞާބިރަށް. ސްޓެޓިސްޓިކްސް ޑިޕާޓްމަންޓް އުފައްދަވައި، އެ ޑިޕާޓްމަންޓް ހަރުދަނާ ކުރައްވައި، ރާއްޖޭގައި މިހާރު އަޅުގަނޑުމެން މިދެކޭ ފުރިހަމަ ނިޒާމު، އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުކޮށްދިނުމުގައި ހަމަ ޞާބިރާ އެކުގައި އަޅުގަނޑު ފުއާދަށްވެސް، ޢަލީ ހާޝިމަށްވެސް، ޝަހުދާއަށްވެސް، ޑޮކްޓަރ ނިޔާޒަށްވެސް އަދި މަރިޔަމް ވަޙީދާއަށްވެސް ޝުކުރު ދަންނަވަން ބޭނުން. އަޅުގަނޑެއް، މުޙަންމަދު ޝިހާބެއް ހަމަ އެއްގޮތަކަށްވެސް ޕްލޭނިންގ މިނިސްޓްރީގައި މަސައްކަތް ކުރެއްވި މިންވަރާއި، ދަރަޖައާއި އަދި ހަމަ މި ޕްލޭނިންގ ޑިޕާޓްމަންޓް، ފުރިހަމަ ޑިޕާޓްމަންޓަކަށް ހެއްދެވުމުގައި، އޭގެ ވަރަށް ކުރީކޮޅު، އަޅުގަނޑު ދެންމެ މިދެންނެވި ބޭފުޅުންގެވެސް ކުރީކޮޅު، އަށްޑިހައިގެ އެންމެ ފުރަތަމަކޮޅު މަސައްކަތް ކުރައްވަމުން ގެންދެވިކަން އަޅުގަނޑަށްވެސް ސާފުކޮށް އެނގޭ. އަޅުގަނޑަށް އެނގޭ ގޮތުގައި، ރާއްޖޭގެ ގިނަ ރައްޔިތުންވެސް މިކަން ހަނދާނުން ކެހިގެނެއް ނުދާނެ. ހަމައެޔާއެކީގައި، އިބްރާހީމް ޙުސައިން ޒަކީ، ޕްލޭނިންގ ޑިޕާޓްމަންޓާ، ޕްލޭނިންގ މިނިސްޓްރީއާ ޙަވާލުވެވަޑައިގެން، އެ މިނިސްޓްރީ އެބޭފުޅާ ހަރުދަނާ ކުރައްވައި، އަދި އެ މިނިސްޓްރީއަކީ ސިޔާސީ ގޮތުން ވަރެއްހުރި މިނިސްޓްރީއަކަށްވާން ފެށީވެސް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި އިބްރާހީމް ޙުސައިން ޒަކީގެ ޕްލޭނިންގ މިނިސްޓަރކަމާ ހިސާބުން.

އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން ރާއްޖޭގައި މިނަމުން އައި މިންވަރާއި، މިނަމުން އައި ގޮތާއި، އަޅުގަނޑުމެންނަކީ އަމިއްލަ ގުނާ ގޮތެއް ގެންގުޅޭ ބަޔެއް. ދޮޅަސް ނިޒާމަކުން އަޅުގަނޑުމެން ގުނާނީ. ބާރައިން ބާރައިން. ފަސްދޮޅަސް އެއީ ފަސްބާރަ. ދެން ހަމަ އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންނަށް އެކަން އޮޅިފައެއް ނުވާނެކަންވެސް. އެހެން ނަމަވެސް ދަންނަވާލީ. އަޅުގަނޑުމެން ގުނަމުން އައީ ބާރައިން ބާރައިން. އެއަށްފަހު، އަޅުގަނޑުމެން މި ދިހައެއްގެ ނިޒާމަށް ބަދަލުވީ، ދުނިޔޭގެ އެހެން ތަންތަންވެސް ދިހައެއްގެ ނިޒާމަށް ބަދަލުވަމުން އައި އިރެއްގައި. އަޅުގަނޑުމެން އެންމެ ގިނައިން ގުނާ އުޅެނީ ކާށްޓާއި މަސް. އެއީ ގިނަ ޢަދަދަކަށް އަޅުގަނޑުމެން ގުނަންޖެހޭ އެއްޗެއް. ވާރު ވަރުވާ ދެއްކުމުގައި، މިތަކެތި ގުނާފައި، މިނާފައި، އަބަދުވެސް މާލެއަށް އޭގެ ޢަދަދުތައް، ބަރާބަރަށް ނުފޮނުވައިފިނަމަ، އޮތް ޢުޤޫބާތް ވަރަށްބޮޑު އިނގޭތޯ. ބައެއްފަހަރަށް ރަށްރަށް ފަޅުވެސް ހަމަ މާލެ ބަންޑާރައިން ކުރާނެ.

އަޅުގަނޑު މިދަންނަވަނީ، ތަފާސް ހިސާބު ނުބެލެހެއްޓުނީމާ އެބާވަތުގެ ޢުޤޫބާތް، އަޅުގަނޑުމެންދޭ ވާހަކައެއް ނޫން. އެހެން ނަމަވެސް، ތަފާސް ހިސާބު ރަނގަޅަށް ނުބެލެހެއްޓި، ޤައުމެއްގެ ތަރައްޤީ ކުރިއަށް ގެންދިޔުމަކީ ވަރަށްދަތި ކަމެއް. އަޅުގަނޑުމެންނަށް ތަފާސް ހިސާބާ ގުޅޭ ރަނގަޅު ޤާނޫނެއް ލިބުމަކީ، ބޭނުންތެރި ކަމެއް. އަދި އެކިއެކި ވުޒާރާތަކަށާއި، އެކިއެކި މުއައްސަސާތަކަށް ތަފާސް ހިސާބު ރަނގަޅަށް ބެލެހެއްޓުމަށް އަމުރުކޮށް ހެދުމަކީ، ޤާނޫނީ ބާރު، އޭގައި ހުރުމަކީ، މިރާއްޖޭގެ ތަރައްޤީއަށް ކޮންމެހެންވެސް ބޭނުންތެރި ކަމެއް. އަޅުގަނޑުމެންނަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް އެއް ހިސާބަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ވަޒީފާ ހުރި މިންވަރާއި އަދި ވަޒީފާ ނެތެމުންދާ މިންވަރާއި، އިތުރުވަމުންދާ މިންވަރާ، މި ވަޒީފާއާ ގުޅޭ ޞައްޙަ ރަނގަޅު މަޢްލޫމާތު. ތަކެތީގެ އަގާ ގުޅޭ މަޢްލޫމާތު، އިންފްލޭޝަން ބެލެހެއްޓެމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، ވަޒީފާއާ ގުޅޭ ޤާނޫނާއި އަދި ވަޒީފާއާ ގުޅޭ އެހެން ކަންކަން މިހާރު ފުރިހަމަވެފައިވާ މިންވަރުން މިކަން އަޅުގަނޑުމެންނަށް ކޮށްލުމަކީ މާދަތިކަމަކަށެއް ނުވާނެ. އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި، ހަމަގައިމުވެސް އަޅުގަނޑު ދެކޭނަން.

މިއަދަކީ ދުނިޔޭގެ ފުރަތަމަ ސްޓެޓިސްޓިކްސް ދުވަސް ކަމަށް އެބަ އަޅުގަނޑުމެންނަށް ފާހަގަވޭ. ސެކްރެޓަރީ ޖެނެރަލް ތޯމަސް މެލްތަސްގެ ނަންފުޅު ފާހަގަކުރެއްވި ކަމެއް އަޅުގަނޑަކަށެއް ނޭނގެ. އެހެން ނަމަވެސް، އަޅުގަނޑު ތަފާސް ހިސާބާ ގުޅޭގޮތުން އަބަދުވެސް މިދެންނެވި މާހިރުގެ ނަން ހިތަށްއަރާ. ދުނިޔޭގެ އާބާދީ ބޮޑުވަމުންދާ މިންވަރަށް ދުނިޔޭގައި ކާނާ ހެއްދެމުން، އުފެދެމުން ނުދާކަން ވަރަށް ކުރީގައި އެބޭފުޅާ ފާހަގަކުރެއްވި. އެއީ ހިސާބު ތަފާތު ކުރެވުނު، އަޅުގަނޑަށް ފެނުނު ގޮތުގައި، އަޅުގަނޑަށް މަޢްލޫމާތު ލިބޭގޮތުގައި ހިސާބު ތަފާތު ކުރެވުނު އަޞްލު ހިސާބަކީ. މިހިސާބު އެދަނީ މާމައްޗަށޭ. އަނެއް ހިސާބު ހުރީ އެހެން ގޮތަކަށޭ. އެއަށް އަޅުގަނޑުމެން މި އިޝާރާތް މިކުރަނީ ތަފާސް ހިސާބޭ. އަޅުގަނޑު އުންމީދު ކުރަން، އެއީ ކަމަށް ޙަސަން ޞާބިރުވެސް އެ ތަފާސް ހިސާބަށް އެ އިޝާރާތް ކުރައްވާ އިޝާރާތަކީ. ހަމަގައިމުވެސް އަޅުގަނޑަށް މިފެންނަ ތަފާސް ހިސާބަކީ، އެއް ހިސާބާއި އަނެއް ހިސާބު ތަފާތުވާ ވާހަކަ. އެއްކަމާ އަނެއްކަމާ އަޅުގަނޑުމެން ގުޅުވާ ވާހަކަ. އެއް ޢަދަދުން އަނެއް ޢަދަދަށް އަޅުގަނޑުމެން ރުޖޫޢަވާ ވާހަކަ. ބަދަލުވާ ވާހަކަ.

ހިސާބު އަކުރަކީ އަޅުގަނޑުމެންގެ ތެރޭގައި، ޢަދަދަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ފުރިހަމަ ޢިލްމީ ދަރަޖައެއް ދެވިފައި ހުރި ޢަދަދެއް. ޚާއްޞަކޮށް، ސޫފީ ދަންނަ ބޭކަލުންގެ އިސްލާމީ ޢިލްމު، ދިވެހިރާއްޖެއަށް ފެތުރިފައިވާ މިންވަރާއި، އެ ދަންނަ ބޭކަލުންގެ ފަރާތުން ރާއްޖޭގައި ހިސާބު ޖެހެމުން އައި މިންވަރު، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ބޮޑަށް ސާފުވާނެ. އަދި އަޅުގަނޑު އުޅެ ބޮޑުވީ ނެވިގޭ ކައިރީގައިކަމުން، އަޅުގަނޑަށް އެކަން ވަރަށް ސާފުކޮށް އެނގޭ، ހިސާބުޖަހާ މިންވަރު. ހިސާބު ގިނަފަހަރަށް އަޅުގަނޑުމެން ރާއްޖޭގައި ޖައްސަވަނީ ހަމައެކަނި ފިރިހެން ބޭފުޅުންނެއް ނޫން. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އަށާރަސަތޭކައިގެ ދުވަސްވަރު ނިމުނުއިރުގައިވެސް، ހަމަގައިމުވެސް ގަލޮޅުގައި ހުރި އެންމެބޮޑު ހިސާބުޖަހާ މީހަކީ އަންހެނެއް. އަދި އަޅުގަނޑުމެންނަށް އެ ޢާއިލާއިން، ނެވިގޭ މީހުން ހިސާބު ޖަހަމުން އައިސް އަދި ފަހުންއައިސް މާފަންނުގައިވެސް ހިސާބުޖަހާ އުޅުނު. މާލޭގެ އެތަން މިތަނުގައިވެސް ހިސާބުޖަހާ އުޅުނު. އަދި ރާއްޖޭގެ އެތަން މިތަނުގައި، ޚާއްޞަކޮށް، ހިމިތީ ފަދަ މަޝްހޫރު ރަށްރަށުގައި، ވަރަށް ފުޅާކޮށް، ވަރަށް ބޮޑުކޮށް ހިސާބުޖަހާ އުޅުނު.

އަޅުގަނޑުމެންނަށް މިޒަމާނަށް ބަދަލުވާއިރުގައި، އެސް.އެމް.އެސް.އިންނާއި އަދި އެކިއެކި ހައި ޓެކްނޯލޮޖީ މެދުވެރިކޮށް، ހިސާބުގެ މަޢްލޫމާތުތައް ޢާންމުކޮށް ފަތުރާލެވެން ޖެހޭނެ. އެއީ ސިއްރަކަށްވެފައި އޮވެގެނެއް ނުވާނެ. އެއްވެސް ހިސާބުގެ ޢަދަދަކީ ސިއްރެއް ނޫން. އެއްވެސް ހިސާބުގެ ޢަދަދަކީ އަޅުގަނޑުމެން ފޮރުވަން އެއްގޮތަކަށްވެސް ހެޔޮވަރުވާވަރު ޢަދަދެއް ނޫން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ހިސާބު ކިތާބު ބެލެހެއްޓުމާއި، ތަފާސް ހިސާބު ފުރިހަމަ ކުރުމާއި، އަދި މަޢްލޫމާތު ހޯދުމާއި، މަޢްލޫމާތު ފޯރުކޮށްދިނުމާއި، އެންމެހާ މަޢްލޫމާތު ޢާންމުންނަށް ފަސޭހަ ގޮތުގައި ރައްދުކޮށްދިނުމަށް ހިތްވަރާއެކު އަޅުގަނޑުމެން މަސައްކަތް ކުރަން ނިޔަތްގަނެ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި ގޮތުގައި މިކަން ކުރެވޭނެ މާދަމައެއް ހޯދައިދިނުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!