بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ސޯލަރ ޕެނަލް ހަރުކުރުމުގެ ކިތަންމެ ބޭނުމެއް އެބައޮތް. ފުރަތަމަ ބޭނުމަކީ ބޭރު ފައިސާ ސަލާމަތް ކުރުން. ރައްކާތެރިކުރުން. އަދި މިއުފައްދާ ހަކަތައަކީ ތެޔޮ ބޭނުން ނުކޮށް ދިވެހިރާއްޖޭގެ މުއްސަނދިކަން އެއީ، ދިވެހިރާއްޖެއަށް ފޯރާ އިރުގެ ދޯދި ބޭނުންކޮށްގެން ހަކަތަ އުފެއްދުންކަން ކަމަށްވާތީވެ، ޙަޤީޤަތުގައި މީގެން ރާއްޖެއަށް ލިބޭ ފައިދާ ވަރަށް ބޮޑު. ދެން ދުނިޔެއަށް މިމަސައްކަތުން، އަޅުގަނޑުމެންގެ މިމަސައްކަތުން ކުރާ ފައިދާވެސް އަޅުގަނޑު މިހާރު ނުދެކެން އެއްވެސް ހާލެއްގައި ކުޑަވާނެކަމަކަށް، ކުޑަކަމަކަށްވެސް. އަޅުގަނޑުމެންގެ ބޭނުމަކީ، ދިވެހިރާއްޖެ ކިތަންމެ ކުޑަކަމުގައިވީނަމަވެސް، ދިވެހިރާއްޖެއަކީ މިސާލެއްގެ ގޮތުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ބެލެވިގެން އެ ޤައުމުތައްވެސް މިމަސައްކަތުގައި ބާރަށް ކުރިއަށްދިޔުން.

ޤައުމުތަކަށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް ދަންނަވާލަން އޮތް ވާހަކައަކީ، މިސާލަކަށް މުލިއާގޭގައި މިއަދު މި ހަރުކުރި ޕެނަލް އިނގޭތޯ! އެ ހަރުކޮށްފައި އެއިން ކަރަންޓު ނަގަން ފެށީމާ، ހަމައެކަނި ކަރަންޓު ބިލު އެއްތަނަކުން ކުޑަވެގެން ދާނީކީނޫން، ބައެއް މަސްމަހު ފައިދާއެއް ވުމަކީވެސް ހަމަ އެކަށީގެންވާ ކަމެއް. މިގެއިން ކަރަންޓު ސްޓެލްކޯއަށް ވިއްކޭނެ. މިއިން ކޮންމެ ޕެނަލްއެއް ގުޅިފަ ހުންނާނީ ސްޓެލްކޯގެ ގްރިޑަށް. އެ ގްރިޑް މެދުވެރިކޮށް ސްޓެލްކޯއަށް ކޮންމެ ގެއަކުންވެސް ކަރަންޓު ވިއްކޭނެ. އެހެންވީމާ، އަޅުގަނޑުމެން ފިކުރު ކުރަމުންމިދަނީ، އުންމީދު މިކުރަނީ، ގޭގޭގައި ފުރާޅު ޚާއްޞަކޮށް ބޮޑެތި ތަންތަނުގައި މިޕެނަލް ބަހައްޓައި، އެއިން ކަރަންޓު ނަގާ އެމީހަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކަރަންޓު ނެގުނީމާ، ދެން ބާކީ ހުރި ކަރަންޓު، ގްރިޑަށް ހަމަ ސީދާ އޭގެ ތެރެއިން ފޮނުވާލާ ގްރިޑަށް ވިއްކޭނެ. ސްޓެލްކޯއަށް ވިއްކޭނެ. އެހެންވީމާ، މުލީއާގޭގައި މިކަރަންޓު ވިއްކުމުގެ ހުއްދައެއް އަދި އުފައްދާ ވިއްކުމުގެ ހުއްދައެއް އަޅުގަނޑުމެން މި ވިއްކާން ފެށުމުގެ ކުރީގައި އެބަ ހޯދަންޖެހޭ.

އެނގިވަޑައިގަންނަވާނެ ޖެނަރޭޓަރު ބެހެއްޓުމުގެ ހުއްދައާއި މިބާވަތުގެ ކަންކަމަކީ، ސްޓެލްކޯއަށް ޚާއްޞަ ގޮތެއްގައި އުޞޫލެއްގެ ގޮތުން ދެވިފައި ހުރި ކަންތައްތަކެއް. ދެން އެހެންނަމަވެސް، ކަރަންޓު އުފައްދައި، ކަރަންޓު ވިއްކުމުގެ ހުއްދަ ޢާންމުކޮށް ހުޅުވާލެވޭނެ އުޞޫލެއް އަޅުގަނޑުމެން ޤާއިމުކުރަން އެބަޖެހޭ. އެހެންނަމަވެސް އެގަންނަ ފަރާތަކީ، ކަރަންޓު ގަންނަ ފަރާތަކީ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މިހާރު މިރޭވިފައިހުރި ރޭވުމުގައި ސްޓެލްކޯގެ ގޮތުގައި ބާއްވަން މިޖެހެނީ. ވަރަށްބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު މިމަޝްރޫޢުގައި ވަރަށްބޮޑަށް އެމެރިކާގެ ސަންޖެވިޓީގެ ޚިދްމަތްތައް އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ލިބިފައި މިއޮތީ. އެބޭފުޅުން އަޅުގަނޑުމެންނަށް ހުރިހާ މަސައްކަތެއް މިކޮށްދެނީ. ދެން އަޅުގަނޑު ވަރަށް އުފާވޭ، މިހާރު އެންމެފަހުން ޚަބަރު ލިބޭ ގޮތުގައި އޮބާމާވެސް ވައިޓްހައުސްގައި މީގެ ޕެނަލް ބަހައްޓަވާގޮތަށް މިހާރު ނިންމަވަމުން ގެންދަވަނީ. ވަރަށްބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑު ދެން އިތުރަށް ދަންނަވާލަން އޮތް ވާހަކައަކީ، މިއީ ވަރަށްފަސޭހަ ކަމެއް ކޮށްލަން. އަމިއްލައަށް ހަމަ ހުކުރު ދުވަހެއްގައި، ހުކުރަށް ދިޔުމުގެ ކުރީގައި 11 ޖަހަންވާއިރަށް ހަރުކޮށްލެވޭނެ ގޭގައި ހުރިހާ ސާމާނެއް. ހަމަ ވަރަށް ފަސޭހަ. އެއްގޮތަކަށްވެސް އިތުރު ބަޔަކު ހޯދާކަށްވެސް ޖެހޭކަމެއް ނޫން. ހަމަ އާދައިގެ ނަރު ގުޅާލުމާއި، އިސްކުރު އެނބުރުމާއި، އެނޫންކަމެއް އޮތްކަމެއް ނޫން. އެލުމިނިއަމް އެންގަލް ދަގަނޑު ދެން އެހުރީ. ދެން އެ އެންގަލް ދަގަނޑުތައް އެހުރީ ފުރާޅުގައި ހަރުކޮށްފައި. ފުރާޅުގައި ހަރުކޮށްފައި މިތަނުގައި މިފުރާޅުގައި ހަރުކޮށްފައި ހުރީ ހަމަ ވަރަށް އާދައިގެ ތެރަހަކުން. ދެން އާދައިގައޭ މިދެންނެވީ އެކަމު ހިއެއްނުވޭ އެ ތެރަސް ނައްޓައިގެންދާނެހެނެއް. ދެން އަދި ކޮންމެހެން ފުރާޅަށް އިސްކުރު ޖަހާލަންވިޔަސްވެސް ހަމަ އަޅުގަނޑަށް ހީވަނީ ޖަހާލައިގެން މަކުޑިތައް ފެންނާނެހެން. އެހެންވީމާ، އިސްކުރު ޖަހާލައިގެން އެ އެންގަލް ދަގަނޑުތައް ފުރާޅުގައި ހަރުކޮށްލުމަކީވެސް ހަމަ އެއްވެސް ކަހަލަ ކަމެއްނޫން. އަޅުގަނޑު ހަމަ ދަންނަވަން އޮތް ވާހަކައަކީ، 4 މިލިއަން ރުފިޔާ 30 އަހަރު ދުވަހުގެ ތެރޭގައި ގެއެއްގެ އުމުރުގެ ތެރޭގައި އެބަ މިއިން ސަލާމަތްވޭ. އެއީ، ގެއެއްގެ އަގު. މުޅި ގޭގެ އަގު އެއީ. އެހެންވީމާ އަޅުގަނޑު އުންމީދު ކުރަން، މީގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެގެން މިމަސައްކަތް ފަށާނެކަމަށް. ދެން އަޅުގަނޑު މިދެކެނީ މިބޭފުޅުން، ސަންޖެވިޓީ ކުންފުނިންވެސް ރާއްޖޭގައި މިކަން ހިންގަން ބޭނުންވާ ފަރާތްތަކަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް.

Again, thank you very much for all the effort. I am sure there will a number of people in the Maldives, who would like to now do this and hopefully save so much money to the extent that it is more than a home itself. It is Rf 4.1 million. Usually you spend about a million rufiyaa on a home. So within 30 years you are getting two homes back.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑު މަނިކުފާނު މިއަދު ތިޔަ ފަށްޓަވައިދެއްވާ މަޝްރޫޢަށް ފުރަތަމައިނުންވެސް މަރްޙަބާ ދަންނަވަން. އެއާއެކު އަޅުގަނޑުގެ ސުވާލަކީ، ދެންމެ މަނިކުފާނު ފާހަގަކުރައްވައިފި، މުލީއާގެއިން ކަރަންޓު ވިއްކޭނެ ގޮތަށް ދެން ފައިދާތަކެއްވެސް ވަމުންދާނެ ކަމަށް ސްޓެލްކޯގެ ގްރިޑްއަކާ ގުޅުވައިގެން މިކަންތައް ކުރެވޭނެ ކަމަށް. މުސްތަޤްބަލުގައި މާލޭގެ ރައްޔިތުންނަށް ހަމަ އެންމެ އާދައިގެ މީހާއަށްވެސް ހަމަ މިކަމަށް އެކްސެސް ވާނީ ކިހާވަރަކަށްތޯ؟ ސަރުކާރުން ކޮށްދިނުމަށް ކިހާވަރަކަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވާނެތޯ؟ އެބައޮތްތޯ، މިއާގުޅޭ އިތުރު އެހެން ޚާއްޞަ ޕްރޮޖެކްޓެއް ކަނޑައަޅުއްވާފައި؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން 2008ވަނަ އަހަރު ސަރުކާރު ހިންގުމާ ހަވާލުވީއިރުގައި ނެދަރލޭންޑްސް ކުންފުންޏަކުން 26 މިލިއަން ޔޫރޯ ޚަރަދުކޮށްފައި، ބޮޑުސިންގާ ދެޑީސަލް ޖަނަރޭޓަރު ސްޓެލްކޯއަށް ގެންނަނީ. ދެން އޭރު އޮތީ ހަމަ ހުރިހާ ކަމެއް ނިމިފައި ސްޓެލްކޯއަށް ޖަނަރޭޓަރު ގެންނަން. އަޅުގަނޑުމެން 26 މިލިއަން ޔޫރޯ މާލޭގެ ގޭގޭގެ ފުރާޅަށް ބަހާލިނަމަ، އޭގެ ދެގުނަ ހެޔޮ އަގުގައި ހަމަ އެހާ ކަރަންޓު އުފެއްދުނީސް. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި ފުރަތަމަ ކަމަކަށް ސްޓެލްކޯއަށް އިތުރު ޖަނަރޭޓަރު ބަހައްޓަމުން ގެންދާ ގެންދިޔުމުގެ ޖާގައިގެ ދަތިކަން އެހާ ބޮޑަށް އެބަފޯރާ. އެޖާގައެއްވެސް ނެތް. އެހެންނަމަވެސް، އަޅުގަނޑުމެން ގޭގޭގައި ފުރާޅު އެބަހުރި. ދެން އަޅުގަނޑު މިދެކެނީ އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި ބަޖެޓުގައިވެސް މިކަރަންޓާ ގުޅޭގޮތުން ހިމެނިފައިހުރި ޕްރޮގްރާމްތަކެއް ބަޖެޓުގައި ހުންނާނެ. އެހެންވީމާ އޭގެން މެދުވެރިކޮށްގެން ރައްޔިތުންނަށް ލުއިގޮތެއްގައި މިއެއްޗެހި ހަރުކޮށްލެވޭނެ ގޮތްތަކެއް ހަމަޖެހިގެންދާނެ. ދެން އަޅުގަނޑަށް ހީވަނީ ސަންޖެވިޓީގައި އަޅުގަނޑުމެން އަހާލައިފިއްޔާ އެބޭފުޅުން ފަހަރެއްގައި މިތަނަށް ގަނޑުކޮށް ދެއްވައިގެންވެސް އެކަން ކުރައްވަފާނެ.

އާދަމް ޙަލީމް – ސަން އެފްއެމް:

އަޅުގަނޑުގެ ސުވާލަކީ، މިހާރު މިގެއިން ބާކީވާ ކަރަންޓު ސްޓެލްކޯއަށް ވިއްކުމަށް ކިހާ އަވަހަކަށް ހުއްދައިގެ ކަންތައް ހަމަޖެހިގެންދާނެތޯ އަދި މިޕެނަލްތަކުގެ މަރާމާތަކަށް ބޭނުންފުޅުވެއްޖެ ކަމަށްވަނީވިއްޔާވެސް ހަމަ މަނިކުފާނަށްތޯ ފުރާޅަށް އަރާވަޑައިގަންނަވާނީ އަދި ކިތައް ޕެނަލް މިފުރާޅު މަތީގައި ހަރުކުރެވިފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑޫ މިގޭގައި އުޅެންޏާ، އަޅުގަނޑު މިއެއްޗެތި ބަލަހައްޓާނަން އިނގޭތޯ. ދެން ކޮންމެވެސް ވަރަކަށް ބައެއް ފަހަރު ފެންޖަހާލުމަކީ ބޭނުންތެރި ކަމަކަށްވޭ. ދެން މިގޭ ފުރާޅަށް އެރުމަކީވެސް އެހާ އުނދަގޫ ކަމެއް ނޫން. ރާއްޖޭގެ ގިނަގޭގޭގައިވެސް ފުރާޅަށް އެރޭގޮތަށް ހުންނާނީ. ދެން އަދި ފުރާޅަށް ނޭރޭގޮތަށް ހުރިއްޔާ ފުރާޅަށް އެރޭގޮތަކަށް ގެ ޢިމާރާތް ކުރުމަކީވެސް ހަމަ ވަރަށް ބޭނުންތެރި، ބުއްދިވެރި ކަމެއް. ފުދޭވަރެއްގެ ގިނަ ދުވަހު އަޅުގަނޑަށް ހީވަނީ މިހުންނާނެހެން. 30 އަހަރު ހަމަގައިމުވެސް ހުންނާނެ. ދެން ކޮންމެވެސް ވަރަކަށް ރާއްޖޭގެ މޫސުމާ ގުޅިގެން މިއަށް ވަމުންދާގޮތް އަޅުގަނޑުމެންނަށް ބަލާލެވިދާނެ. ދެން އެހެންނަމަވެސް މިއަކު ނެތް މާބޮޑަކަށް ބަލާނެ އެއްޗެއްވެސް. ސްޓެއިންލެސް ސްޓީލް އެލުމެނިއަމާ ހަމަ ރާއްޖޭގައި މިގެންގުޅޭ އެކިއެކި ބާވަތް ބާވަތުގެ މަޢުދަން، މެޓަލް މީގައި ހުރީ. ދެން އެހެންވީމަކާއެއް މީގެ މާބޮޑު އާކަމެއް ނެތް އިނގޭތޯ. ހަމަ އާދައިގެ ކަމެއް މިކަމަކީ.

އާދެ! ވަރަށްބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުމެންނާއެކުގައި ތިޔަބޭފުޅުން މިވަގުތުކޮޅު ހޭދަކޮށްލެއްވީތީވެ. ދެން އަޅުގަނޑު މުލީއާގޭގައި ޑިރެކްޓަރ ޖެނެރަލް ޝިއުނާ އަރިހުން އެދޭނަން، އެނަރޖީ ޑިޕާޓްމަންޓަށް މިއަދު ސިޓީއެއް ފޮނުވައިގެން އަޅުގަނޑުމެންނަށް މި އިންތިޒާމު ހަމަޖެހެން އޮތްތޯ. ދެން ފަހަރެއްގައި އޭގެ ދަތިތަކެއްވެސް ހުރެދާނެ، ކިހިނެއްތޯ ޖުމްލަކޮށް އަޅުގަނޑުމެންނަށް އެ ޢާންމުކޮށް ކަރަންޓު ވިއްކުމުގެ ހުއްދަ މީސްމީހުންނަށް ލިބެންޖެހޭތޯ؟ އެހެންވީމާ، އެކަމުގެ އިންތިޒާމުތައް އޮތް ގޮތް އެނަރޖީ މިނިސްޓްރީން މިގެއަށް އޮޅުންފިލުވައި ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ވަރަށްބޮޑަށް ޝުކުރިއްޔާ. والحمد للّـه،
__________________