بســم اللّـه الرّحمـن الرّحيــم

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް. ރާއްޖޭގެ ނައިބު ރައީސް. ދައުލަތުގެ ވަޒީރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑު ދެންމެ ޕޯސްޓުން ޕާރުސަލެއް މިފޮނުވީ، މ. އަތޮޅު ރަތްމަންދުއަށް. ރަތްމަންދޫގައި ހުރި ކުއްޖަކަށް. މ. އަތޮޅު ރަތްމަންދުއަކީ ރާއްޖޭގައި އޮތް އެންމެ ކުޑަ ރަށް. އަޅުގަނޑު ރަތްމަންދޫ ސްކޫލް ކުއްޖަކަށް ފޮނުވީ ފޮތެއް. އަޅުގަނޑަށް ފެންނަ ގޮތުގައި، މުދަލާއި ފަސިންޖަރުން ފަސޭހައިން އެއްތަނުން އަނެއް ތަނަށް ބަދަލުނުވެވޭނަމަ، އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް ނުލިބޭނެ. ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ރަނގަޅު ދަތުރު ފަތުރު ކުރުމުގެ ނިޒާމެއް ޤާއިމު ކުރުމާއި އަދި މުވާޞަލާތުގެ އެންމެހާ ކަންކަން ވީހާވެސް ފުރިހަމަކޮށް ރަނގަޅު ކުރުން. އަޅުގަނޑުމެން އަބަދުވެސް ދެކެނީ، އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން ބޭރަށް، އަތޮޅުގެ ދުނިން ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންގޮސް، އަޅުގަނޑުމެންނަކީ ލާމެހިފައިވާ ރާއްޖެއެއްގައި، ލާމެހިފައިވާ ދުނިޔެއެއްގައި ދިރިއުޅޭ ބަޔަކަށްވެގެން ނޫނިއްޔާ، އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް، އަޅުގަނޑުމެން މިއެދޭ ތަރައްޤީ ހޯދައެއްނުދެވޭނެ.

އަޅުގަނޑު ޕޯސްޓް އޮފީހުގެ ބޯޑުގެ މެންބަރުންނަށާއި މުވައްޒަފުންނަށް، ޕޯސްޓް އޮފީހުގެ ޗެއަރމަން އިސްމާޢީލް ރަޝީދަށާއި އަދި ޕޯސްޓް އޮފީހުގެ މެނެޖިންގ ޑިރެކްޓަރ ޝާޒްލީ ޝަފީޤަށާއި އަދި ބޯޑުގެ އެންމެ ބޭފުޅުންނަށާއި އަދި ވަރަށްގިނަ ޒަމާންތަކެއް ވަންދެން މިއޮފީހުގައި ދެގޮތެއްނުވެ، ގުޑުމެއްނައިސް، މަސައްކަތް ކުރައްވަމުން ގެންދަވާފައިވާ ވަރަށްގިނަ މުވައްޒަފުންނަށް މިއަދު މަރްޙަބާ ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ޕޯސްޓްގެ ޚިދްމަތަކީ، ރާއްޖޭގައި ޤާއިމް ކުރެވުނު އެންމެ ޒަމާންވީ އެއް ޚިދްމަތް. ރާއްޖޭގައި ވަރަށް ކުރިއްސުރެ ފަށައިގެންވެސް، ޕޯސްޓްގެ ޚިދްމަތް އަންނަނީ ދެވެމުން. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ މަޢްލޫމާތު ދޮގަކަށްނުވާނަމަ، ނަވާރަސަތޭކައިގެ އަހަރުތައް ފެށުނުއިރުގައި، ރާއްޖޭގައި ޕޯސްޓްގެ ޛަރީޢާއިން އެއްތަނުން އަނެއް ތަނަށް ތަކެތި ފޮނުވާން ފަށައިފި. އެއީ ދުނިޔެއަށް ޕޯސްޓް ތަޢާރުފުކުރިތާ އަދި މާގިނަ ދުވަހެއްނުވަނީސް. ރާއްޖޭގައިވެސް ވަނީ އެމަސައްކަތް، އެޚިދްމަތް ދެވެން ފަށާފައި. މިއަދާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނުއިރުގައި، ކިތަންމެ ކިތަންމެ ކާމިޔާބީގެ މަރްޙަލާއެއް ޕޯސްޓް އޮފީސް ވަނީ ފަހަނަޅައި ކަޑައްތުކޮށްފައި. ކުރިއަށް އޮތް ތަނުގައި މި މުއައްސަސާގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާނެ ޚިދްމަތްތައް، ޕޯސްޓް އޮފީހުގެ މެނެޖިންގ ޑިރެކްޓަރ ދެންމެ ސާފުކޮށްދެއްވައިފި. ވިދާޅުވެދެއްވައިފި، ޕޯސްޓް އޮފީހުގެ ބޭންކިންގ ޚިދްމަތް ދެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ވާހަކައާއި އަދި އެހެންވެސް ޚިދްމަތްތައް ޕޯސްޓް އޮފީސް މެދުވެރިކޮށް، އަޅުގަނޑުމެންނަށް ފޯރުކޮށްދިނުމުގެ ފުރްޞަތުތައް މިއަންނަނީ ފަހިވަމުންކަމަށް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މި މުއައްސަސާ މެދުވެރިކޮށް، ރާއްޖޭގެ ރައްޔިތުންނަށް ދެވެންހުރި ޚިދްމަތްތައް، ޒަމާންތަކެއް ވަންދެން ދެވިފައިވާ ފަދައިން، ކުރިއަށް އޮތް ތަނުގައިވެސް އަދި މާބޮޑަށް، މާރަނގަޅަށް ފޯރުކޮށްދެވޭނެ.

އަޅުގަނޑު މިއަދު ޕޯސްޓް އޮފީހުގެ ކުރީގެ މެނެޖިންގ ޑިރެކްޓަރ މުޙަންމަދު ޝިހާބަށް ޝުކުރު ދަންނަވަން ބޭނުން. އަދި މުޙަންމަދު ޝިހާބުގެ ފަހުން ޕޯސްޓް އޮފީހުގައި ހުންނެވީ އަޙްމަދު ޝިހާބް. އަދި މިހާރު އޭގެފަހުން އަޅުގަނޑުމެންނަށް ޝާޒްލީ ޝަފީޤު މިމަސައްކަތް އެކޮށްދެއްވަނީ. މުޙަންމަދު ޝިހާބްގެ މޭސްތިރި ކަމުގައި މި ޢިމާރާތް ޕްލޭން ކުރެވިފައި މިވަނީ. އަދި މި ޢިމާރާތް ބިންގާ އެޅެވި، މި ޢިމާރާތުގެ މަސައްކަތްތައް ފަށައިގަނެވިފައި އެވަނީ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތަނުގައި އަދި މިހާރަށްވުރެ މާ ފުޅާ ގޮތެއްގައި، މާ ކާމިޔާބާއެކީގައި މިމަސައްކަތް ކުރިއަށް ގެންދެވޭނެ.

Before ީI conclude I would like to thank the Secretary General for visiting us to the Maldives, and also more importantly for having a very good look at the country. Meeting a number of stake -holders and in a number of activities. It is of course very fitting that the Secretary General of Commonwealth has blessed us in commemorating the stamp. It is through forced that we have been able to keep our links intact and keep our communications going through the rest of the world, and the family of the Commonwealth.

Thank you very much Secretary General and thank you everyone.

______________________