بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު. މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ލުޠުފީ. އެޑިޔުކޭޝަން މިނިސްޓްރީގެ އެންމެ ބޭފުޅުން. ޓީޗަރުން. ދަރިވަރުން. ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެންނަށް ޓީޗަރުންގެ މުހިންމުކަން އެއްވެސްއިރެއްގައި އޮޅިފައެއްނެތް. އަޅުގަނޑަށް ފެންނަ ފެނުމުގައި، ރާއްޖޭގައި އެއީ އެއްވެސް އިރެއްގައި، އަޅުގަނޑު މިދެންނެވީ ވަކިއިރެއްގައެއް ނޫން، އެއްވެސް އިރެއްގައި އޮޅިފައި އޮތް ޙަޤީޤަތެއް ނޫން. ޓީޗަރުންކަން އަޅުގަނޑުމެންގެ މުޖްތަމަޢު ބިނާކުރުމުގެ ބިންގާ އަޅައިދެނީ. ޓީޗަރުންކަން އަޅުގަނޑުމެންގެ ރާއްޖެ މި އޮތް ބައްޓަމަށް ނެރުމަށް މިރާއްޖޭގެ ރައްޔިތުން ފައްކާކުރަނީ. ރާއްޖޭގެ ޓީޗަރުން ކެނޑިނޭޅި ކުރާ ހިތްވަރުގަދަ މަސައްކަތުން އަޅުގަނޑުމެން އެންމެންވެސް ބަޔަކަށްވެފައި މިތިބެނީ. އަޅުގަނޑުމެންނަށް ހަމަ މިމޭރުމުން ނަރުހުންނާއި، ޑޮކްޓަރުންނާއި، ފުލުހުންނާއި ސިފައިންނާ ގުޅޭގޮތުންވެސް ވިސްނިދާނެ. އެހެން ނަމަވެސް، ހަމަ އަބަދުވެސް ހިތަށްއަރާ އެއްޗަކީ، ޙަޤީޤަތުގައި އެންމެ އަޅުގަނޑު އިޙްތިރާމްކުރާ މީހަކަށް ހުންނާނީ އަޅުގަނޑުގެ ޓީޗަރުން. މައިންބަފައިން ފިޔަވައި ދެން އެންމެ އިޙްތިރާމްކޮށް، އަދި ކަމެއްގައި ލަފައެއް އަހަންވިޔަސްވެސް އަދި މީހަކު ބުނާ ބަހެއް އަހަންވިޔަސްވެސް ހަމަ ހުންނާނީ އަޅުގަނޑުގެ ޓީޗަރޭ.

އަޅުގަނޑަށް ޓީޗަރުންގެ މުހިންމުކަން ވިސްނޭ. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑު ޔަޤީން ކުރަން، ހަމަ މިމޭރުމުން ޓީޗަރުންވެސް ދަރިވަރުންނާއި މުޖްތަމަޢާއި ޤައުމާ ގުޅޭގޮތުން ވިސްނަވާނެ ކަމަށް. ޓީޗަރުންވެސް އެއީ ވަކި ޚާއްޞަ ހަމަތަކެއްގައި ތިއްބަވަން ޖެހިލައްވާ ބަޔެއް. ޓީޗަރުންނަކީ ސީދާ ދަރިވަރުންނަށް އަދި ސީދާ އެ ޓީޗަރުންގެ ވަރަށް ޕްރޮފެޝަނަލް ޓެކްނިކަލް މަސައްކަތެއް ކުރެއްވުމުގައި އުޅުއްވަންޖެހޭނެ ބޭފުޅުންކޮޅެއް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ޓީޗަރުންނަށް މި ވިސްނުންވެސް ވަރަށް ސާފުވާނެ ކަމަށް.

އަޅުގަނޑުމެންގެ ރާއްޖެ މިވަގުތު މިދަނީ ވަރަށް ބޮޑަށް ބަދަލުވަމުން. މިބަދަލުގެ ތެރޭގައި، އަޅުގަނޑުމެން މީގެކުރީގައި ނުދެކޭ ކިތަންމެ ކިތަންމެ ކަމެއް މިދަނީ ދެކެމުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، މިބަދަލުތަކަކީ ވަރަށް ރަނގަޅު ބަދަލުތަކެއް. އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން ދެކެމުން މިދަނީ މިބާވަތުގެ ބަދަލެއް އަންނަމުންދާއިރުގައި، ނުވެނުދާނެ، ނުފެނިނުދާނެ މަންޒަރުތަކެއް. އެ މަންޒަރުތަކުގެ ތެރެއިން ދަރިވަރުންނަށް ބޮޑު މަންޒަރު ކުރަހައިދޭން ޖެހޭނީ ޓީޗަރުން. އެމަންޒަރު، ބޮޑު މަންޒަރު، ދަރިވަރުންނަށާއި ރާއްޖޭގެ އަންނަން އޮތް ޖީލަށް ދައްކުވައިދެއްވާއިރުގައި، އަޅުގަނޑުމެންނަށް ތަރައްޤީގެ މަގުގައި ކުރިއަށްދެވޭނެ ސިފަތައް ގޮތްތައް އަޅުގަނޑުމެންގެ ދަރިވަރުންނަށް ފެންނަންޖެހޭނެ. އަޅުގަނޑުމެންނަކީ ކުރިއަށް ބަލާ ބަޔަކަށްވާންޖެހޭނެ. ފަހަތަކަށް އަޅުގަނޑުމެންނަކަށް ނުވިސްނޭނެ. ބޯދާ ގޮތްގޮތް އަޅުގަނޑުމެންނަށް ދޫކޮށްލެވެންޖެހޭނެ.

އަޅުގަނޑު މިއަދު ވަރަށް އުފާވޭ، ސަރުކާރުން ތަޢްލީމީ ފަންޑުން ޓީޗަރުންނަށް ފްލެޓްބަރި އަޅައިދެވޭތީ. އެނގިވަޑައިގަންނަވާނެ، ތަޢްލީމީ ފަންޑަކީ މިރާއްޖޭގައި އެންމެ ދުވަސްވީ ފަންޑް. ފާމުލަދޭރިކިލެގެފާނު އުފައްދަވާފައިވާ ފަންޑެއް. އެފަންޑު އުފެއްދެވީ، އޭގެކުރީގައި ރާއްޖޭގައި، ރާއްޖެއިން ބޭރަށް ތަޢްލީމު ހޯދުމަށް އާދައިގެ މީހަކަށް ދެވެން އޮންނަނީ އެންމެ ގޮތަކަށް. އެއީ، އޮޑި ކަނޑާލައިގެން. ފިލައިގެން ކިޔަވައިގެން އައުން. އެހެން އޮތް އޮތުމެއް، ވަރަށްބޮޑު ބަދަލެއްގެ ގޮތުގައި ފާމުލަދޭރިކިލެގެފާނު، މަސް ކިރާފައި، އޭގެ ފައިސާ، ފަންޑްގައި ބެހެއްޓީމާ ނުވަތަ ގިނަފަހަރަށް މަސްވެސް ފަންޑްގައި ބެހެއްޓީމާ، ރާއްޖޭގެ ވަރަށްގިނަ ދަރިވަރުންތަކެއް އެއިރުގައި ކިޔަވައިގެން އައީ. މިރާއްޖެ މިގޮތަށް ބިނާވުމުގައި އެ އައި ދަރިވަރުންތައް، އަޅުގަނޑަށް ޔަޤީން، ގިނަބޭފުޅުންނަށް އެބޭފުޅުންނަކީ ކޮބައިކަން، ދެން އަޅުގަނޑު އެންމެ ބޮޑަށް ޑޮކްޓަރ ޢަބްދުއްސައްތާރު ޔޫސުފް، އެއީ އަޅުގަނޑު ހަމަ ތަޢްލީމީ ފަންޑުގެ ބޭފުޅުންގެ ތެރެއިން، ދެން ދޭތެރެއަކުން ތިޔަބޭފުޅުން ބައްލަވައިލައްވައިފިއްޔާ، ކުތުބުޚާނާގައި ހުންނާނެ، އޭރުގައި އެބޭފުޅުންގެ ސްކޫލް ރިޕޯޓްވެސް ނޫހުގައި ޖަހާފައި. ހަމަ ކޮންމެ ޓަރމެއް ނިމުނީމާ، އެކުދިންގެ ރިޕޯޓް، އެބޭފުޅުންގެ ރިޕޯޓް ހުރޭ ނޫހުގައި ޖަހާފައި. އެހެންވީމާ، އަޅުގަނޑު ހަނދާންވޭ، ތަންކޮޅެއް ކުރީގައި އެރިޕޯޓްތައް ކިޔަމުން އައި، އަޅުގަނޑު ކިޔާލިން އެރިޕޯޓްތައް.

ތަޢްލީމީ ފަންޑަކީ ވަރުގަދަކޮށް ބާރަށް ހިންގެން އޮތް ފަންޑެއް. ތަޢްލީމީ ފަންޑަކީ މިހާރަށްވުރެ އަދި މާ ފުޅާކުރެވެން އޮތް ފަންޑެއް. ޒަމާނީ ވިސްނުން، އެފަންޑްގެ ތެރެއަށް އަޅުގަނޑުމެން ގެންނަން އެބަޖެހޭ. ތަޢްލީމީ ފަންޑަށް އެހެން ގޮތްގޮތަށް ފައިސާ ހޯދޭނެ އެކިއެކި ނިޒާމު، އަޅުގަނޑުމެން އެބަ އުފައްދާންޖެހޭ. މާލިއްޔަތުގެ ޤާނޫނުގެތެރެއިންވެސް އަދި މާލިއްޔަތު ޤާނޫނަށް އިޞްލާޙު ގެންނަން ޖެހެންޏާ ގެނެސްގެންވެސް. އަޅުގަނޑުމެންނަށް ޓީޗަރުންނަށް އަދި ތަޢްލީމަށް ޚަރަދު ކުރެވެން ހުރި ހުރިހާ ގޮތަކަށް ޚަރަދު ކުރެވޭތޯ ބެލުމަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި ކޮންމެހެން މުހިންމު ކަމެއް.

އަޅުގަނޑު ޑޮކްޓަރ ލުޠުފީއަށާއި އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެޑިޔުކޭޝަން މިނިސްޓްރީއަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގެ މަޝްރޫޢު، ޤައުމީ ތަރައްޤީގެ އޮނިގަނޑު، 2009ން 2013 އަށް، އެ އޮނިގަނޑާ އެއްގޮތަށް އެންމެ ބާރަށް މަސައްކަތް ކުރާ ސަރުކާރުގެ ވުޒާރާ އަދި ދާއިރާ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އެންމެ ނަތީޖާވެސް ޙާޞިލުކުރާ ދާއިރާ. ނަތީޖާ މިނަންޖެހޭނީ ހިސާބު އަކުރުން. އަޅުގަނޑުމެންނަށް ކޮންމެ އަހަރަކު ނިމޭއިރުގައި އެނަތީޖާ މިނޭނެ. އަޅުގަނޑު ދެކޭގޮތުގައި، އެޑިޔުކޭޝަން މިނިސްޓްރީގެ އެންމެ ބޭފުޅުން ހީވާގިކަމާއެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާކަމީ، މިނަތީޖާ އަޅުގަނޑުމެންނަށް ލިބޭ ސަބަބު.

އަޅުގަނޑު ނިންމާލަމުންވެސް އަޅުގަނޑު އެދެނީ ޓީޗަރުންނަށާއި ދަރިވަރުންނަށާއި، ރާއްޖޭގެ ތަޢްލީމަށް މިއަށްވުރެ އަދި މާ ފާގަތި މާދަމައެއް.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!