بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޙްމަދު ޝަފީޤަކީ ކޮންބޭފުޅެއްކަން އަޅުގަނޑު އިތުރަށް ދަންނަވާލަން ބޭނުން. ގިނަބޭފުޅުން ވިދާޅުވީ، ޝަފީޤަކީ ކޮންބޭފުޅެއްކަން އަޅުގަނޑުމެން އެންމެންނަށް އެނގެޔޭ. އާދެ! އަޅުގަނޑުމެން އެންމެންވެސް ދަންނަން. ޝަފީޤަކީ މާންދޫގެއާއި މުލީގެ ބައިވެގެންދިޔަ ދޮންބަންޑާރައިންގެ ޚާންދާން ދެބަޔަށް ބެހިގެން އަށާރަސަތޭކަ ހަތްދިހައިގައި. އާގަނޑުވަރު ހިމެނިގެންދިޔައީ، މި ދެންނެވިހެން މި ބެހިގެންދިޔައިރުގައި މުލީގެއާވީ ކޮޅަށް. ޝަފީޤަކީ އާގަނޑުވަރު މަނިއްޕުޅެއް. އެ ގަނޑުވަރު ބޭފުޅެއް. މިރާއްޖޭގެ ރައްޔިތުންނަށާއި، މިރާއްޖެއަށް ލިބިފައިވާ އެންމެ އަގުބޮޑު އެއްޚަޒާނާ. ވަރަށްގިނަ ދުވަސްތަކެއް ވަންދެން ދިވެހިންގެ އެތައް ބަޔަކަށް އަކުރު އޮޅުންފިލުވައިދިނުމާއި، ބަސްކިޔައިދިނުމާއި، އަދި ޚިޔާލުފާޅުކުރުމާއި، ލިޔުއްވުމާ، މިމަސައްކަތްތަކުގައި ވަރަށް ހަރުދަނާކަމާއެކުގައި މަސައްކަތް ކުރެއްވި ބޭފުޅެއް. އަޅުގަނޑު، ޝަފީޤު ދަންނަނީ ބައްޕަ ޝަފީޤުގެ ގޮތުގައި. މިއޮޅުމެއް އަރައިގަތީ ތަކުރާރުކޮށް އަޅުގަނޑު އަޙްމަދު ޝަފީޤަށް މުޙަންމަދު ޝަފީޤު ކިޔަން ފެށުމުން އަޙްމަދު ނަޞީރު މި ސާފުކޮށްދެއްވީ، އެއްޝަފީޤަކީ ބައްޕަ ޝަފީޤޭ. އަނެއް ޝަފީޤަކީ މުޙަންމަދު ޝަފީޤޭ. އަޅުގަނޑުމެންނާ އެކީގައި ލިޔެ އެ އެޅުއްވަނީ ބައްޕަ ޝަފީޤޭ. މުޙަންމަދު ޝަފީޤެއް ނޫނޭ. މައިޒާން ޙަސަން މަނިކާއި، އަޙްމަދު ޢަލީ ނަޞީރާއި، މުޙަންމަދު ޝަފީޤާއި، އިބްރާހީމް މުޙަންމަދު ޞާލިޙާއި، އަޅުގަނޑާ، އަޅުގަނޑުމެން ނެރެމުން އައީ "ސަންގު" ކިޔާ މަޖައްލާއެއް. އެމަޖައްލާގައި އަޅުގަނޑުމެންނަށް މަޒުމޫނެއް ލިޔެދިނުމަށް އެދުނީމާ، އަޅުގަނޑުމެންނަށް، ފުރަތަމަ އަޅުގަނޑަށް ޝަފީޤާ ބައްދަލުވީ. އެއިރު ޝަފީޤު ލިޔެދެއްވީ "ހިޖުރަކުރި ދޫނީގެ ނިމުން". އަޅުގަނޑު އަތުގައި މީގެ ލޭއައުޓްވެސް އެބައޮތް. އެހެން ނަމަވެސް، އަޅުގަނޑަށް އަދިވެސް ގަބޫލު ކުރެވެނީ އެއީ، ޙަސަން މަނިކުގެ މިލްކެއް ކަމަށް. އެހެންވީމާ، އެ އަރުވަން ނުކެރޭނެ. އަޅުގަނޑު މިނޫސް އަނެއްކާ އަލުން އަނބުރާ ޝަފީޤަށް އަޅުގަނޑު އަރުވަން.

އޭރުއްސުރެ ފަށައިގެން އަޅުގަނޑު އަޙްމަދު ޝަފީޤު އަރިހަށް ބައެއްފަހަރު ގޮސްއުޅެން. ޝަފީޤުގެ ޙަޔާތުގެ މިދުވަސް އަޅުގަނޑު ވަރަށް ބޮޑަށް ހަނދާން އެބަހުރި. ވަރަށް ބޮޑަށް ހަނދާން އެބަހުރި. އަޅުގަނޑު މިހެން ދަންނަވާއިރުގައި، އަޅުގަނޑަށް އެބަ ފެނޭ، ޖަވާހިރުވާދީ އިލްޔާސް. އަޅުގަނޑާއެކުގައި މިދުވަސް އެންމެ ބޮޑަށް ހަނދާން ހުންނާނެ، އަޅުގަނޑުމެން ޢުމުރުގެ އަނެއް ބޭފުޅަކީ އަޅުގަނޑަށް އެނގޭ ގޮތުގައި ޖަވާހިރުވާދީ އިލްޔާސް. އެއިރު އަޅުގަނޑުމެން 1989، 1990 ވަނަ އަހަރުއްސުރެ ފެށިގެން ވަރަށްގިނަ ދުވަހު، މުޅި ޖުމްލަ ތިންއަހަރު އަޅުގަނޑު ޖަލުގައި އުޅެފައި، އޭގެތެރެއިން 18 މަސްދުވަސް ކުޑަގޮޅީގައި، އެ 18 މަސްދުވަހުގެ ތެރެއިން 9 މަސްދުވަސް ދިގު ގޮޅީގައި. އަދި ނުހަނު އަނިޔާގައި. ދެން އަޅުގަނޑު އެއަނިޔާތަކުގެޔާއި ޢުޤޫބާތްތަކުގެޔާއި އަދި މިވާހަކަތައް އިތުރަކަށް އަޅުގަނޑުވެސް ވަކި ކޮންމެހެން ތަފްޞީލު ކުރާކަށް ނެތިން. ހޮލޮގްރާމް އަޙްމަދު ދެން އެކިޔައިދެއްވީ ހަމަ އެކަންތައްތައް އޮންނަގޮތް. އަޅުގަނޑަކަށް ވަކި އަޙްމަދަށްވުރެ ފުރިހަމަކޮނެއް މިވާހަކަތަކެއް ކިޔައެއްނުދެވޭނެ.

ކޮންމެއަކަސް އޭގެފަހުން، މިދެންނެވި ޢުޤޫބާތްތަކާއި އަނިޔާތަކުގެ ފަހުން އަޅުގަނޑު ދޫކޮށްލައިފި، ކޮންމެވެސް ސަބަބަކާހުރެ. މަޢާފްދީފައި، ރައީސް މައުމޫން މަޢާފް ދެއްވައިފި. މަޢާފް ދެއްވައިގެން އުޅުނު އުޅުމެއްގައި، އަޅުގަނޑު ހިތަށްއަރާ އެބަ މިރާއްޖޭގައި ދެންވެސް އަޅުގަނޑުގެ ދަރިންނަށް މިހެން ނުހަދާނީ، ދެން އެއިރުގައި އަދި އަޅުގަނޑުގެ ކުއްޖެއް ނެތް. ދެން އެހެން ނަމަވެސް، އަޅުގަނޑުވެސް ޢާއިލާއެއް އުފައްދާން ކަމަށް ފިކުރުކޮށްގެން އުޅެނީ. އެހެންނުވާނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް މިރާއްޖޭގައި ޤާއިމްކުރެވި، އެފަދަ ނިޒާމެއްގެ ތެރެއިން ވާދަވެރި ފަރާތްތަކަކީ އިތުބާރުހުރި ބަޔަކަށްވެގެން. އެފަރާތްތައް އަޑު އުފުލައިގެން. އަދި ޝަރީޢަތަކީ މިނިވަންކަމާއެކީގައި ވެރިކަމުން އެއްކިބާވެފައި އޮންނަ ކަމަކަށް ހެދިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޖާނައިގެން ދިވެހި ވެރިންނާހުރެ ސަލާމަތްނުވެވޭނެ ކަމަށް އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކުރުން. އަޅުގަނޑަށް ލިބުނު އަނިޔާ، ޝަފީޤަށް ލިބުނު އަނިޔާ އަދި އޭގެކުރީގައިވެސް ލިބިފައިވާހާ އަނިޔާއަކީ އަލަށް މިރާއްޖޭގައި ހިނގާ ކަމެއް ނޫން. ޙަސަން ތާޖުއްދީން، ޝަފީޤަށް އެނގިވަޑައިގަންނަވާނެ. ލިޔުއްވައި ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނުގެ ޙަސަން ތާޖުއްދީންގެ ފޮތުގައި، ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް ސާފުކޮށް ފެންނާން އޮންނާނެ. ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނަށް 247 ތަނުން ޒަޚަމް ލިބިލައްވާފައިވާ ކަމަށް.

ޢާންމުކޮށް ދިވެހި ވެރިން، ވެރިކަމުގައި ދެމިތިބެނީ ރައްޔިތުން ބިރުދައްކައިގެން. ރައްޔިތުންނަށް ވެރިކަމުގައި ހަމައެކަނި ބާރަކީ ބިރުވެރިކަން ރައްޔިތުންނަށް ފޯރުން. އަޅުގަނޑު އަބަދުވެސް ގަބޫލުކޮށް އުޅެން، ޝަފީޤަށް ރައީސް މައުމޫން އަނިޔާ ކުރެއްވީ އަދި އަޅުގަނޑަށް އަނިޔާ ކުރެއްވީ، އެއްވެސް ހާލެއްގައި އަޅުގަނޑުމެންދެކެ ސީދާގޮތުގައި ހިތްހަމަޖެހިވަޑައިނުގަންނަވާތީކީއެއް ނޫން. ނުވަތަ އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑާ އެއްވެސް ކަހަލަ ނަފްރަތެއް، އަޅުގަނޑާ އެއްވެސް ކަހަލަ ރުޅިވެރިކަމެއް ހުރެގެނެއް ނޫން. އެހެން ނަމަވެސް، ވެރިކަން ދަމަހައްޓާން އެމަގަށް ބޭނުންވެލައްވަންޏާ އަޅުގަނޑު ކަހަލަ އެންމެހާ މީހުންނަށް އެބަ ވަރަށް ސާފު މެސެޖެއް ލިބެންޖެހޭ. ރޮނގުން ބޭރުވެއްޖިއްޔާ ތަޅައިގަންނާނަމޭ. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑަށް ދިން މެސެޖެއް ނޫން އެއީ، އިބޫއަށްދޭ މެސެޖެއް. އަޅުގަނޑަށް ދިން މެސެޖެއް ނޫން އެއީ. އަޅުގަނޑުމެން ކްލާހަކީ ހަމަ ހިފިނުހުރެ އުޅޭ ބައިވަރު އެތައް ބައެއް. އަޅުގަނޑުމެންނާ އެކުގައި ބޮޑުވި، އަޅުގަނޑުމެންނާ އެކުގައި ހަމަ މިމާލޭގެ ޙަޔާތުގައި އަދި މުޅި މިރާއްޖޭގެ މޫދުގައި އުޅެ ބޮޑުވި ވަރަށް ބޮޑު ޖީލެއް، ވަރަށްގިނަ ބަޔެއް، އެމީހުން ހަމަ މަގުން ނައްޓާނެކަން ރައީސް މައުމޫނަށް ވަރަށް ސާފު. މިވެރިކަން އަޅުގަނޑުމެން ބަދަލުކުރާން އުޅޭނެކަން، އަޅުގަނޑު ހިތުން 1980ގެ ފުރަތަމަ ކޮޅުއްސުރެ ފަށައިގެން ރައީސް މައުމޫނަށާއި، އެބޭފުޅުންގެ ވެރިކަމުގައި ވެރިވެ ތިއްބެވި އެންމެ ބޭފުޅުންނަށް ސާފުވާނެ. އެހެންވީމާ، ފެށުނީއްސުރެ ފަށައިގެން، އެ ހުރިހާ އެންމެންނަށް މިސާލެއްގެ ގޮތުގައި ދެއްކުމަށްޓަކައި ދުނިޔޭގައި ލެއްވިހާ އަނިޔާއެއް އަޅުގަނޑަށް ކުރުމަށް ނިންމުނު ނިންމުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑާ އެއްވެސް ހާލެއްގައި ރުޅިވެރިކަމެއް، ރައީސް މައުމޫންގެ ކިބައިގައި އޮވެގެން ކުރެއްވި ކަމެއް ނޫން. އެބޭފުޅާއަށް ގަބޫލު ކުރެވިފައި ހުރި ފަލްސަފާއެއް، ގަބޫލުކުރެވިފައި ހުރި ގޮތެއް، އެގޮތް ދެމެހެއްޓުމަށްޓަކައި. އަދި އެގޮތް އެއީ އެބޭފުޅާގެ އެކަނި ގޮތެއް ނޫން. މިރާއްޖޭގެ ވަރަށްގިނަ ރައްޔިތުން ގަބޫލުކޮށްދިން ގޮތެއް. އެގޮތާހުރެ ރައީސް މައުމޫނަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް އަނިޔާވީ. އަދި ދެން ތިބި މީހުންނަށްވެސް އަނިޔާވީ.

އަޅުގަނޑު މީގައި ރައީސް މައުމޫނެއް ނޫން އެންމެބޮޑު ކުށްވެރިއެއްގެ ގޮތުގައި، ކުށްވެރިއެއް ހޯދާންވެގެން އަޅުގަނޑު ނުކުމެއްޖިއްޔާ ހޯދަން އުޅޭނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި ހަމަ އަޅުގަނޑުމެން އެންމެންވެގެން ކުރި ކަމެއް. ފެށުނީއްސުރެ ފަށައިގެން އަޅުގަނޑުމެން އެންމެންވެގެން ކުރި ކަމެއް. އަޅުގަނޑު މިއަދު ކުޑަކޮށްވެސް ހަމަ ގަބޫލެއް ނުކުރާނަން، މިހެން މިހެން މިހެން މިހެން ތިމަންނާއަށް މިހެންވީމާ، ތިމަންނާގެ ވިޔަފާރިއަށްވީ މިހެންނޭ. ތިމަންނާގެ ދަރިފުޅަށްވީ މިހެންނޭ. ތިމަންނާގެ އަނެކަކަށްވީ މިހެންނޭ. މިވާހަކަ ހައްތަހާވެސް އަޅުގަނޑުމެންނަށް އަޑުއިވިގެންދަނީ. އަޅުގަނޑުމެންނަށް އެވާހަކަ އެދުވަހު އެއީ، ގަބޫލުނުކުރެވޭ ވާހަކައެއް ކަމަށް ނިންމުނުނަމަ، މިދުވަސް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަދި މިރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތައިގެން ވެރިކަމެއް ހިންގުމުގެ ފުރިހަމަ ވެރިކަމުގެ ނިޒާމެއް އަޅުގަނޑުމެންނަށް ފައްކާވެފައި އޮއްވައި ލިބުނީސްތާ ކިތަންމެ ޒަމާނެއް. މިރާއްޖޭގައި ފުރަތަމަ ޤާނޫނުއަސާސީއެއް ހަދައިފި އިނގޭތޯ 1932 ގައި. މިރާއްޖެއަކީ ދޮށީ ރާއްޖެއެއް. މިރާއްޖެއަކީ ޤާނޫނީ އިންތަކެއް، ޤާނޫނީ ހަމަތަކެއް، ވެރިކަމުގެ ގޮތްތަކެއް، ވަރަށް ޒަމާނުއްސުރެ ފަށައިގެން ބިންވަޅު ނެގިފައި، ފައްކާވަމުން އައި ރާއްޖެއެއް. 1932 ވަނަ އަހަރު މިރާއްޖޭގައި ޤާނޫނުއަސާސީއެއް އެކުލަވައިލެވުނުއިރުގައި، އަދި ބައެއް ޤައުމުތައް، މިދުނިޔޭގައި މިހާރު އޮތް ދެބައިކުޅަ އެއްބައިހާ ޤައުމު ނުވެސް އުފެދޭ. ޤާނޫނެއް ހޯދަން އޭގެ ޤައުމެއް ނުވެސްނެތް. އަޅުގަނޑުމެންނަކީ ދޮށީ ބައެއް. އަޅުގަނޑުމެންނަކީ ތަންދޮރު ދަންނަ ބައެއް. އަޅުގަނޑުމެންނަކީ ޢިލްމީ ބައެއް.

އަޅުގަނޑު 1995 ވަނަ އަހަރު ތަނޑިރަތްމާގެއަށް ދިޔައިން. ޝަފީޤުގެއަށް. އެރޭ އަޅުގަނޑު އެތަނަށްދިޔައިރުގައި، ކޮލި ޙަސަން މަނިކާއި، ބައްޕަ ޝަފީޤާއި، ކަޅުހުރާގޭ މުޙަންމަދު ލަޠީފާއި، ޢަލީ މޫސާދީދީ އާއި، އަދި މަންދު މުޙަންމަދު ވަޙީދާ ތިއްބެވި. އަޅުގަނޑު ދިޔައީ ވަރަށް ކުޑަކުޑަ ކަމަކާ. އަޅުގަނޑު އޭރު ސިޔާސީ ޕާޓީއެއް ހަދަން އުޅުނީ ކްލަބް ޖަމްޢިއްޔާ ޕާޓީފަދަ ތަންތަން ރަޖިސްޓްރީ ކުރާ ޤާނޫނުގައި އެބައޮވޭ، އެފަދަ ކަމެއްގައި، ކްލަބް ޖަމްޢިއްޔާ ޕާޓީފަދަ ތަނެއް ރަޖިސްޓްރީ ކުރަންޏާ ޖެހެނީ ދެމީހުންގެ ސޮޔޭ. އެހެންވީމާ، އަޅުގަނޑު އެއިރު އިރާދަކުރައްވައިގެން ޢުމުރުހަމަވެގެން ސޮއިއެޅޭވަރުވެއްޖެ. 25 އަހަރުވީމާ އޭގައި ސޮއިކުރެވޭ. ދެން އޭގައި އެހެން ސޮޔެއްގެ ގޮތުގައި ކަޅުހުރާގޭ މުޙަންމަދު ލަޠީފް އަރިހުގައި ދެންނެވީމާ މުޙަންމަދު ލަޠީފް ވިދާޅުވެއްޖެ، ތިކަން ތިމަންނާ ކޮށްލަފާނަމޭ. ދެން އެހެންވެގެން މުޙަންމަދު ލަޠީފް ހޯދާންވެގެން އަޅުގަނޑު ދިޔައީ. ދެން އޭގެކުރީގައި އެފަދަ ޖަމްޢިއްޔާއެއް ހަދާއިރުގައި އޮންނާނެ، ހިންގާ ގަވާއިދެއް އެކުލަވައިލުމުގައި، އެކުލަވާލާފައި އަޅުގަނޑު ހަނދާންވާ ގޮތުގައި މުޙަންމަދު ޝަފީޤު އަރިހަށް ގަވާއިދުގެ ކޮޕީއެއް އަޅުގަނޑު ފޮނުވިން. އަދި ޙަޤީޤަތުގައި މައިޒާން ޙަސަން މަނިކަށާއި، ދެން އަޙްމަދު ނަޞީރު ވިދާޅުވިހެން އަޅުގަނޑަށް ހީވަނީ މުޙަންމަދު ޝަފީޤަށް އަޅުގަނޑު، ޝަފީޤަށް ދައްކާލަން. އެއްވެސް ހާލެއްގައި އެހެން އެއްވެސް ވިސްނުމެއް އަޅުގަނޑުމެންގެ އޮވެގެނެއް ނޫން އިނގޭތޯ. ދެން އޭގައި ސޮއިކޮށްލަންވެގެން އަޅުގަނޑު ކަޅުހުރާގޭ މުޙަންމަދު ލަޠީފް އަރިހަށް ދިޔައީ. ދެން އޭގައި އަނެއް ދުވަހު ހަމަ ހުރިހާ ބޭފުޅުން، ފަހަރަކު ބޭފުޅެއް، ފަހަރަކު ބޭފުޅެއް ގެންގޮސް ހައްޔަރުކޮށްފި. ދެން އަޅުގަނޑުވެސް ހަމަ ވަރަށްބޮޑު ސިހުމެއް މިއައީ. މިރާއްޖޭގައި ތިބި އަޅުގަނޑު ހަމަގައިމުވެސް މިރާއްޖެ ބިނާވެފައި އޮންނަނީ، އެތިބި ބޭފުޅުންގެ މައްޗަށް ކަމަށް ގަބޫލުކުރާ ތިންބޭފުޅުން ގެންގޮސް ހައްޔަރުކޮށްފި. އެއީ، އަޙްމަދު ޝަފީޤާއި، ކޮލި ޙަސަން މަނިކާއި، ކަޅުހުރާގޭ މުޙަންމަދު ލަޠީފާ.

އަޅުގަނޑު ކުޑައިރުއްސުރެ ފަށައިގެން "އަތަމަނަހުރައިގެ ޝަކުވާ" އަޅުގަނޑު ޙަޤީޤަތުގައި ކިޔައިފިން، "ހިޖްރަކުރި ދޫނި"ގެ ނިމުމުގެ ކުރީގައި. ޝަފީޤު އެހެން ލިޔުއްވާފައި ހުރި ހުރިހާ މަޒުމޫނެއް އަޅުގަނޑު ކިޔައިފިން ވަރަށް ކުރީގައި. ޢަލީ މޫސާދީދީ ލިޔުއްވާފައި ހުރި ހުރިހާ އެއްޗެއްވެސް. ކޮލި ޙަސަން މަނިކު ލިޔުއްވާފައި ހުރި ހުރިހާ އެއްޗެއްވެސް. އެހެންވީމާ، އަޅުގަނޑަށް ވަރަށްބޮޑު ކަމަކަށްވެއްޖެ މިހަތަރު ބޭފުޅުން ގެންދިޔައީމާ. އެހެންވީމާ، އަޅުގަނޑު އެމްނެސްޓީ އިންޓަރނޭޝަނަލްގައި ދަންނަވައިފިން، ވަރަށްބޮޑު ޖަރީމާއެއް އަނެއްކާވެސް މައުމޫން އެބަ ހިންގައޭ. މިތާ ސަރުކާރުން މިކަންކަން އެބަ ކުރެއޭ. ދެން އެހެންވީމާ، މިކަމާ އަޅާލަދިނުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެމޭ. ދެން އެހެން އަޅުގަނޑު ބުނެލައިގެން އަޅުގަނޑު ގެންގޮސް އަޅުގަނޑާ ސުވާލު ކުރަން އުޅެން ފެށީމާ، ދެން އަޅުގަނޑު ބުނެފިން އަޅުގަނޑު ޝަފީޤެއްވެސް ނުދަންނަމޭ، އެމްނެސްޓީ އިންޓަރނޭޝަނަލެއްވެސް ނުދަންނަމޭ. އަޅުގަނޑެއް، އަޅުގަނޑެއްވެސް ނުދަންނަމޭ. ދެން އަޅުގަނޑު އެކަމަކާއެއް، ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި. ދެން އަޅުގަނޑު ބުނެފިން، މައްސަލައެއްނެތޭ އަނެއްކާވެސް އަޅުގަނޑު 18 މަސްދުވަހަށް ތައްޔާރޭ. އަޅުގަނޑެއް، އަޅުގަނޑެއްވެސް މިފަހަރަކު ނުދަންނަމޭ. އެހެންވީމާ، އަޅުގަނޑަކަށް ތިޔަ ދައްކާ އެއްވެސް ވާހަކައެއް ނޭނގެއޭ. ދެން ނަޞީބަކުން އެފަހަރު އަޅުގަނޑު ފޮނުވާލައިފި. ފޮނުވާލާފައި އަޅުގަނޑު ވަރަށް ދެރަކޮށް ދިޔައީ. އަޅުގަނޑު ނަޞީބަކުންނޭ މިދެންނެވީ، އަޅުގަނޑު ފޮނުވާލިއިރު އަޅުގަނޑު ހަމަ ރީތިކޮށް އަޅުގަނޑު ދުށިން. ޝަފީޤު އެވިދާޅުވާ ޝަފީޤު އިންނެވި ތަން.

އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ޝަފީޤުގެ ޑައިރީގައި ފުރަތަމަ 1. ޝަފީޤުގެ ޑައިރީގައި، ޝަފީޤު އެފާހަގަކުރައްވާ ކަންކަމާ އެއްގޮތަށް މިވެރިކަން ހިންގުން. އެއީ 1. އޮސްޓްރޭލިޔާއަށް ގޮއްސައި ފަތިހު ނުތެދުވެވިގެން އަޅުގަނޑުމެންނެއް ޖަލްސާއަށް ނުދެވޭގޮތަށް ނުތިބުން. އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑު ވަރަށްގިނަ ދަތުރު ކޮށްފިން. ވަރަށް ފަތިހާ އަޅުގަނޑު ތެދުވެ އިރާދަކުރެއްވިއްޔާ ތެދުވެވޭ. ދެން އެހެން ނަމަވެސް، ހުރިހާ ކަމެއް އަޅުގަނޑުމެންގެ އެންމެ ފައްކާކޮށް ހުންނަ ކަމަށް ދަންނަވަނީކީ ނޫން. އެހެން ނަމަވެސް، އެއްވެސް ޖަލްސާއެއް، އިރާދަކުރެއްވިއްޔަކާ، އެއްވެސް ބައްދަލުވުމެއް އަޅުގަނޑުމެން ނަގައެއް ނުލާނަން. ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އަމިއްލަ ޒާތީ އުފާވެރިކަން އޭގެތެރެއަށް ވައްދައި، އެއިން މަސައްކަތަކަށް ބުރޫއަރާ ގޮތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ނުކުރާނަން.

ދެން އަޅުގަނޑަށް އެނގޭ، ޝަފީޤުގެ ޑައިރީގެ ބައެއް ޞަފްޙާތަކުގައި، އަޅުގަނޑު ހަނދާންވާ ގޮތުގައި، އެންމެ ބޮޑަށް މައްސަލަ ޖެހިގެންދިޔަ އެއް ޞަފްޙާއެއް ކަމަށްވާނެ، "ހެރަޑްސްގެ ޝޮޕިންގ ލިސްޓް". ދެން އަޅުގަނޑުމެންނަށް މިހާރު އެ ޑައިރީ ނެތުނީމާ، ދެން އަޅުގަނޑު ހިތަށްއަރަނީ ހެރަޑްސްގެ ޝޮޕިންގ ލިސްޓް، އަޅުގަނޑުމެންނަކަށް ނޭނގޭނެއޭ. އަޅުގަނޑަށް ހީވަނީ ކޮންމެވެސް އަންހެން ބޭފުޅެއްގެ ބާޒާރު ކުރުމުގެ ބިލެއް. އޭގައި ދެން ވަރަށް ތުނި ބައެއް އަންނައުނާއި، އަޅުގަނޑު ހަނދާންވާ ގޮތުގައި އެތެރެ އަންނައުނާއި، މިބާވަތުގެ އެއްޗެތީގެ ބައެއް އަގުތައް ހިމެނިފައިވާ ރިސީޓެއް. ދެން އަޅުގަނޑު ޔަޤީންކޮށް އަރުވަން، ހަމަގައިމުވެސް އަޅުގަނޑުގެ އަންބަކު، ގާތް މީހަކު އެބާވަތުގެ ކަމެއް ދައުލަތުގެ ޚަރަދަކު ނުކުރާނެކަން. އަޅުގަނޑު ދެން އެހެން ގޮތަކަށޭ ނުދަންނަވާނަން. ދައުލަތުގެ ޚަރަދަކު. އެއީ، ސަރުކާރުގެ ޚަރަދަކު އެބާވަތުގެ ކަމެއް ނުކުރާނެ ކަމުގެ.

އަޅުގަނޑު ދަންނަވަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، މިދެންނެވި ކަންކަމުން އަޅުގަނޑުމެން މިއަދު ލިބިގަންނަންވާ އެންމެބޮޑު އެއް ޢިބްރަތަކީ، ޝަފީޤުގެ ޑައިރީގައި އަދި ޝަފީޤުގެ އެ އަޅުގަނޑުމެންނަށް މިހާރު ފެންނަން ނެތް ލިޔުންތަކުގައި އެވާ ލިޔުންތައް، އެވާ މަޢްލޫމާތު އަޅުގަނޑުމެންނަށް ހިތުގެ އަޑިން ޤަބޫލުކޮށް، އެކަން ދެނެގަނެ، އެއާ އެއްގޮތަށް ޢަމަލު ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރުން. އަޅުގަނޑު ރާއްޖޭގެ، އަޅުގަނޑު މި ސަރުކާރުގެ ހުރިހާ ވެރިންނަށްވެސް ދަންނަވަން ބޭނުން، ވަރަށް ބޮޑަށް ސަމާލުވެ ތިއްބަވައްޗޭ. ހަމަގައިމުވެސް އަޅުގަނޑެއް، ތިޔައިން އެއްވެސް ބޭފުޅެއްގެ ދިފާޢުގައި ނުނުކުންނާނަން، ޝަފީޤުފަދަ އަދި އެހެންވެސް ލިޔުންތެރިއެއް، ތިޔައިން ބޭފުޅަކާ ގުޅޭގޮތުން ލިޔުއްވައިގެން އުޅުއްވާއިރެއްގައި. އަދި އަޅުގަނޑެއް ނޭދޭނަން، އަޅުގަނޑާ ގުޅޭގޮތުން ލިޔެގެން އުޅޭއިރެއްގައި، ތިޔައިން އެއްވެސް ބޭފުޅަކު ނުކުންނަވާކަށްވެސް.

އަޅުގަނޑުގެ ޒިންމާ ވަރަށްބޮޑު. ވަރަށް ވަރަށްބޮޑު. އަޅުގަނޑަށް ވަރަށް އުނދަގޫވޭ. އެހެން ނަމަވެސް، އަޅުގަނޑަކީ ވަރަށް ކުރިއްސުރެ ތިޔަބޭފުޅުންނަށް ދަންނަވަމުން އައިން. މާދަން ހަވީރު އެހެންނޫނީ ހެނދުނު 7.30 ގައި އަޅުގަނޑުމެން ސަރުކާރު ހިންގަން ލިބުނަސްވެސް އަޅުގަނޑުމެން ހަމަ ބަރާބަރަށް އެ ސަރުކާރު ހިންގާނަމޭ. އަޅުގަނޑުމެން ތައްޔާރުނުވާ ވާހަކަ މިކަމަށް. އަޅުގަނޑުމެންގެ ޤާބިލް ކަމެއް ނެތް ވާހަކަ ބައެއް ބޭފުޅުން ދައްކަވަމުން ގެންދެވިއިރުގައިވެސް، އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން. މިސާލަކަށް، 11 ނޮވެމްބަރ 2008 ވާ އަންގާރަ ދުވަހު ދެން މިރާއްޖޭގައި ވެރިކަން ކުރާނީ އަޅުގަނޑޭ. އަޅުގަނޑުމެން ދަންނަވަމުން އައީ. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް އެކަން ކުރަން ލާޒިމްވެފައި އޮތްއިރުގައި، ޤާނޫނީގޮތުން އަޅުގަނޑުމެން މިކަމާ މަޖުބޫރުވެފައިވާއިރުގައި، ދެން އެބަހުރިތޯއޭ އަލްއުސްތާޛު ޙަސީން އެވިދާޅުވާހެން ޤާނޫނީގޮތުން އަޅުގަނޑަށް ކުރުން ލާޒިމްކުރާ ކަންތައްތަކެއް.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިފަހުން 19 ސެޕްޓެމްބަރ 2009 ވަނަ ދުވަހު ޖަލުގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހަކަށް މިފެނުނީ ކަށިތައް ގާމާދޫގެ ޖަލުގެ ސަރަޙައްދުން. ގާމާދޫ ޖަލުގެ ސަރަޙައްދަކީ ދެން ހަމަ އަޅުގަނޑުގެ ޙަޔާތުގައިވެސް ވަރަށްގިނަ ދުވަސް ހޭދަކުރެވިފައިވާ ސަރަޙައްދެއް. ވީމާ، އެސަރަޙައްދުގެ އެކިއެކި ތަންތަނާއި، އެސަރަޙައްދުގައި ހުންނަ ގޮތްގޮތާއި، މިކަންކަން އެއީ އަޅުގަނޑަށްވެސް ވަރަށް ބޮޑަށް ސާފުކޮށް އެނގޭ ކަންކަން. އެކަށިތައް އެއީ އަޅުގަނޑަށް ހިތަށްއެރީ، މިކަށިތައްވާނީ ވ.ކެޔޮދޫ ބަށިގަސްދޮށުގޭ ޢަބްދުﷲ ސަޢީދުގެ ކަށިތަކަށޭ. ދެން ތިޔަބޭފުޅުން ޢަޖައިބުވާނެ، އަޅުގަނޑަށް އެހެން ހިތަށްއެރީމާ. އަޅުގަނޑު ހިތަށްއެރީ އެވާނީ އަތްބަޅޭއަށޭ. މިދެންނެވި މީހާއަކީ ވ. ކެޔޮދޫ ބަށިގަސްދޮށުގޭ ޢަބްދުﷲ ސަޢީދު. ވ. ކެޔޮދޫ ބަށިގަސްދޮށުގޭ ޢަބްދުﷲ ސަޢީދު މަރުވީ ގާމާދޫ ޖަލުގައި. އެހެންނަމަވެސް، އެއިރުގައި އިޢްލާނު ކުރެވުނީ، އިބްރާހީމް ޝަފީޤު ވިދާޅުވީ، އޭނާ ފިލައިގެން ދިޔައީ ކަމަށް. އަޅުގަނޑުމެން ފަހުން ސުވާލު ކުރީމު، އެއިރުގައި މިކަށިތައް ފެނުމާ ގުޅިގެން، ކަށިތައް ފޮނުވީ ތައިލެންޑަށް ޑީ.އެން.އޭ. ޓެސްޓެއް ހަދަން. އެއިރު ޓެސްޓް ހެދީމާ އަޅުގަނޑުމެންނަށް ދެން ސާފުވެއްޖެ. އޭގެކުރީގައި އަޅުގަނޑަށް މި ތަޙުޤީޤު ހިންގަވަމުން ގެންދެވި ބޭފުޅުން ވިދާޅުވަމުން ގެންދެވީ، ހިންމަފުށީގެ ސަހަރާ ކޮނުނުއިރެއްގައި އެތަނުން ވެލިގެނެޔޭ ގާމާދުއަށް. އެހެންވީމާ، ތިޔަވާނީ އެކަށްޓަށޭ. ދެން ހަމަ އަޅުގަނޑު ދެލޮލުން ބަލަބަލާހުއްޓާ ހިންމަފުށިން ގާމާދުއަށް ވެލިގެނައީ. ހަމަ އެދުވަހު އަޅުގަނޑު ބަލަބަލާހުއްޓާ ގެނައީ. އެހެންވީމާ، އަޅުގަނޑަށް އެނގޭނެތާ އެއީ އެ ވެލި ނޫންކަން. އެކަށި ނޫންކަން. އެހެންވީމާ، ވުން އެކަށީގެންވެއޭ އެއީ ހިންމަފުށީ މީހުންގެ ކަށިކަމަށް. ދެން އަޅުގަނޑުމެން އެ ކަށި، ފުލުސް އޮފީހުގައި އެދުނީމާ އޭގެ ޑީ.އެން.އޭ.އެއް ހެދުމަށް ފޮނުވައިދިނުމަށް. އެދިގެން ފޮނުވާލެވުނީމާ އެއިން އެނގުނު އެއްކަމަކީ އެއީ، އެމީހާ މަރުވެފައި އެއޮތީ އެދުވަސްވަރަކާ ގާތް ހަމަ ސީދާ ދިމާވާ ދުވަސްވަރު. އޭނާގެ ޢުމުރު މިދެންނެވި ޢަބްދުﷲ ސަޢީދުގެ ޢުމުރާ ދިމާވޭ. ދެން އެހެންވީމާ، އަޅުގަނޑުމެން ބޮޑަށް ތަޙުޤީޤު ކުރަން ފެށީ. އަދި ބޮޑަށް ބައެއް ބޭފުޅުންނާ ސުވާލު ކުރަން ޖެހުނީ. އޭގެތެރޭގައި އަޅުގަނޑުމެން ސުވާލުކުރި އެކަކީ ގދ. ހޯނޑެއްދޫ މުރަކަ މުޙަންމަދު ނަޢީމް. އެއީ އެއިރުގައި ޖަލު ބަލަހައްޓާ މީހެއް. އޭނާ ހަމަ ވަރަށް ސާފުކޮށް އަޅުގަނޑު ހަނދާން އެބަހުރި. އަޅުގަނޑަށް ހީވަނީ އޭނާއަށްދޭން މީނާ އެއްޗެއް އޮތީމާ އޭނާ ކޮބައިތޯ އަބަދުވެސް ހޯދަން އެބަޖެހޭ. އެހެންވީމާ، ޢަބްދުﷲ ސަޢީދެއް ނޫން. އެހެންވީމާ، ޢަބްދުﷲ ސަޢީދެއް ނޫން ކަމަށްވަނީ. ޢަބްދުﷲ އަނީސް. ޒުހައިރު ރައްޓެހިވާނެ އިނގޭތޯ. ޒުހައިރަށް އެއޮތީ ސީދާ ނަންވެސް ވަރަށް ބޮޑަށް ސާފުކޮށް އެނގިފައި. އަޅުގަނޑަށް އެނގިފައި އޮންނަނީ އަތްބަޅޭގެ ގޮތުގައި. ޢަބްދުﷲ އަނީސް. ޝުކުރިއްޔާ އިނގޭތޯ.

ދެން އަޅުގަނޑުމެންނަށް އެނގުނީ އެތަނުގައި ގާމާދޫ ޖަލު ބަލަހައްޓާ މީހެއްގެ ކައިރިން ނެގުނު ބަޔާނުން އަޅުގަނޑުމެންނަށް ސާފުވީ އޭނާ ގާމާދޫ ޖަލުން އެބުނާހެން ފިލައިގެން ގޮސްފައި ނުވާކަމަށް. އޭނާ މަރުވީ ގާމާދޫ ޖަލުގައި ކަމަށް. އަޅުގަނޑުމެންނަށް މިހާރު ލިބެންހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް، އަޅުގަނޑަށް ޝަރީޢަތަށް މިމައްސަލަ ހުށަހެޅޭ ވަރަށް އަޅުގަނޑުމެންނަށް އަޅުގަނޑު ހިތުން މިއޮތީ މިހާރު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ގެންދެވޭ ވަރަށް އަޅުގަނޑުމެންނަށް މިމައްސަލަ މިއޮތީ ފައްކާކުރެވިފައި. އެހެންވީމާ، އަޅުގަނޑު މިޝަފީޤުގެ ޑައިރީގައިވާ 111 މިފަދަ މީހުންނާއި އަޅުގަނޑުމެންނަށް މި މަސައްކަތް ކޮށްދޭން އަޅުގަނޑު ބޭނުން. އެ 111 މީހުންނަކީ ކޮބައިތޯއާއި، އެ 111 މީހުންގެ މަރުގެ މައްސަލަ ބަލާލިއިރު އަޅުގަނޑުވެސް ހަމަ ވަރަށް ބޮޑަށް ބޭނުން، އަޅުގަނޑު ޝަފީޤަށް ޔަޤީންކޮށް އަރުވަން ބޭނުން، މިޝަފީޤުގެ މައްސަލައިގައިވެސް ފުލުސް އޮފީހަށް ހުށަހެޅިގެން އުޅޭއިރުގައި، އެމައްސަލަތައް ފުލުސް އޮފީހުން ތަޙުޤީޤުކޮށްދެއްވާނެ. އެކަން ހިނގާނެ. މައްސަލަ ހުށަހެޅުއްވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެމައްސަލަތައް ތަޙުޤީޤު ކުރުވާނަން. އެކަން ހިނގާނެ އިނގޭތޯ. ހަމަ ނުހިނގައެއް ފުލުސް އޮފީހެއް ނުހިނގާނެ.

އަޅުގަނޑު ދަންނަވާލަން ބޭނުން، ހިއުމަން ރައިޓްސް ކޮމިޝަނަށް. އެބޭފުޅުންގެ ގަވާއިދުގެ ކުޑަ އަކުރެއްގައި ހިއްޕަވައިގެން ތިއްބަވައި، މި ރާއްޖޭގައި ހިނގާފައި ހުރި ޖަރީމާތައް ތަޙުޤީޤުނުކޮށް، މި ރާއްޖޭގައި ކޮން އިންސާނީ ޙައްޤެއްތޯ ދެން ފަހުން ހިނގާ ކަމެއްގައި ރަނގަޅު ކުރެވެން އޮންނާނީ. ހަމަކޮށްގެން ވިސްނީމާ އެންމެންނަށްވެސް އެބަ އެނގޭ، ފުރަތަމަ ދިރިތިބި ބަޔެއް އެބަތިބިކަން، އެމީހުންނަށް އެތައް އަނިޔާއެއްދީފައި ތިބި. އެކަމާގުޅޭ ތަޙުޤީޤުނުކޮށް، އަޅުގަނޑަކަށެއް ނުވިސްނޭ، ދެން ކިހިނެއްކަމެއް މިރާއްޖޭގެ އިންސާނީ ޙައްޤު އަޅުގަނޑުމެން ރައްކާތެރި ކުރަން މަސައްކަތް ކުރާނީކީ. އަލަށް އިންތިޚާބުވި ހިއުމަން ރައިޓްސް ކޮމިޝަންގައި އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން. އަޅުގަނޑު ތިޔަބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައި، މި ހިއުމަން ރައިޓްސް ކޮމިޝަނެއް އެކުލަވާލަން އަޅުގަނޑު މިބޭނުންވަނީ މިމައްސަލަތައް ތިޔަބޭފުޅުން ބަލާނެކަމަށޭ.

އަޅުގަނޑު ގިނަ ވަގުތު ހޭދަކުރަން ކަމަށް އަޅުގަނޑު ނިންމައިގެން އައީ. އެހެން ނަމަވެސް، އަޅުގަނޑުވެސް ނަސީމް ބުނުއްވިހެން މީގައި އޮތްގޮތަށް ގެންދިޔުން ބުއްދިވެރި ކަމަށް މިހާރު މިދެކެނީ. ދެން އެހެން ނަމަވެސް، އަޅުގަނޑު މި ޑައިރީއާ ގުޅޭގޮތުން ދެތިން ނުކުތާއެއް ފާހަގަކޮށްލަން ބޭނުން. ޙަސީން މަސައްކަތް ކޮށްދެއްވައިފި އަދި ވަރަށް ސާފުކޮށް އެކަން ކާމިޔާބުކުރައްވައިފި، ޑައިރީއަކީ ކޮބައިތޯއާއި އޭގެ މުހިންމުކަމުގެ މައްޗަށް. ރާއްޖޭގެ ވަރަށް ޒަމާނުއްސުރެ ފެށިގެން މި ތާރީޚު ލިޔެވެމުން އައި އެކިގޮތްގޮތަށް. އެއްގޮތަކީ ޅެން ފަރިހި ރައިވަރުގެ ގޮތުގައި މީހުން ހަދަމުން އައި ވާހަކަތަކާއި، ދައްކަމުން ގެންދިޔަ ވާހަކަތައް އެއްޖީލުން އަނެއް ޖީލަށް ރައްދުކޮށްދެމުން އަނގަބަހުން ގެންދިޔުން. ދެން އެހެންނަމަވެސް، އައިސް އަޅުގަނޑަށް ލަފާކުރެވޭގޮތުގައި، ޕޯޗްގީޒުން އެތެރެވަރީގައި އުޅެންފެށި ދުވަސްވަރުގައި ކޮންމެވެސް ވަރަކަށް ކަރުދާސް އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވާން ފަށައިފި. އެހެންވީމާ، އަނދުން ދެލިންނާއި ކަރުދާހުގައި ލިޔެވެމުން ލިޔެވެމުން އާދޭ. ހެންވޭރުގޭ ޢަބްދުއްޞަމަދުދީދީގެ ޑައިރީ އެއީ، އަޅުގަނޑު ދުށް އަޙްމަދު ޝަފީޤުގެ ޑައިރީފަދަ އެހެން ޑައިރީއަކަށް އަޅުގަނޑަށް ޞަފްޙާއެއް ހަމަ ފެނިފައި އޮންނަނީ. ދެން އެހެންވީމާ، ޝަފީޤުގެ ޑައިރީއޭ ހަމަ ވިދާޅުވާ ކޮންމެފަހަރަކު އަޅުގަނޑު ހަނދާންވަނީ ހެންވޭރުގޭ ޢަބްދުއްޞަމަދުދީދީގެ ޑައިރީގެ ނޯޓެއް، ޑައިރީން ގަނޑެއް. އަޅުގަނޑު ހަނދާންވާ ގޮތުގައި "ދިވެހި ތާރީޚަށް އާ އަލިކަމެއް" އެހެންކިޔާ ފޮތުގައި 52 ވަނަ އަހަރޭ އަޅުގަނޑަށް ހީވަނީ އެފޮތް، ޢަބްދުއްޞަމަދުދީދީގެ ޑައިރީގެ ނޯޓް. އެއީ، ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނުގެ އެއްބަފާ ބޭފުޅެއްހެން އަޅުގަނޑަށް ބޮޑަށް ހަނދާންވަނީ. ޢަބްދުއްޞަމަދުދީދީގެ ޑައިރީން ނޯޓެއް. ދެން އެޑައިރީ ނޯޓްގައި އޮންނާނެ މިވެނި މިވެނި ދުވަހެއްގައި މިވެނިކަމެއްވީ ކަމުގެ ހަނދާން. ދެން އަޅުގަނޑު ހަމަ މިދެކެނީ އަޙްމަދު ޝަފީޤުގެ ޑައިރީގެ ފޯމް ބިނާވެފައި އޮންނާނީ މިދަންނަވާހެން ނަވާރަސަތޭކަ ސާޅީހުއްސުރެ ފެށިގެން ލިޔުއްވަމުން އައި ޑައިރީއެއް. އެހެންވީމާ، އޭގެ ބަހުރުވަ، ލެންގުއޭޖް އަޅުގަނޑަށް ހީވަނީ އެއީ ހަމަ މިޑައިރީން އަޅުގަނޑުމެންނަށް ލިބިގަންނަން ވަރަށް ވަރަށް ވަރަށް މުހިންމު ވަރަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މިޑައިރީ ލިބޭތޯ މަސައްކަތް ކުރަން އަޅުގަނޑުމެން އެބަޖެހޭ. ފުލުސްއޮފީހުގައި އެޑައިރީ އޮތްތޯ، އޭގެތެރެއިން އަޅުގަނޑުމެންނަށް ފެނުނު މިންވަރު ޝަފީޤާ ޙަވާލުކޮށްފި. ދެން އެހެން ނަމަވެސް އަދި އަޅުގަނޑުމެން ހަމަ އިތުރަށް ބަލާނަން. ބައިވަރު ލިޔުން އަޅުގަނޑަށް ޔަޤީން. ނައްތާނުލާ ކަމަށްވަނީވިއްޔާ. ދެން އަޅުގަނޑު ހިތަށްއަރަނީ މި ނައްތާލީ ކަމަކަށް ސީދާ އެއްވެސް ބޭފުޅެއް އަދި ވިދާޅެއްނުވޭ. ފުލުސްއޮފީހުގެ ތެރެއަކުންވެސް އަޅުގަނޑަކަށް އެ ނައްތާލިކަމަށް ދުށް މީހަކުވެސް. އަޅުގަނޑު ބަލައިލިން ކުނިކޮށްޓާ ޙަވާލުވެ ހުރި މީހާ. އެއްވެސް ދުވަހަކު އަންދަނިކޮށް ދުށީމުހެއްޔޭ؟ ދެން އަޅުގަނޑު އަބަދުވެސް ދޫނިދޫ ކުނިކޮށްޓާ ޙަވާލުވެ ހުންނަ މީހާއާ ވާހަކަ ދައްކައި އުޅެން އިނގޭތޯ ކުރިއްސުރެ ފަށައިގެންވެސް. އެއީ އެތަނުން ވަރަށް ރަނގަޅު އެއްޗެހި އަބަދުވެސް ލިބޭނެ. ދެން އެކަމަކު ހަމަ އަޅުގަނޑު މިހިތަށްއަރަނީ އަންދާލިއްޔާ ސީދާ ކުނިކޮށްޓަށް ނުގެންގޮސް ވަކިބޭފުޅަކު އަމިއްލަފުޅަށް ހަމަ އަތުގައި ބާއްވަވާފައި ލައިޓަރު އަޅުއްވާފައި، ރޯވަންދެން ބަލަހައްޓައިގެން އިންނަވައިގެން އަންދަވާލެއްވިއްޔޭ. ދެން އެހެން ނޫނިއްޔާ އާދައިގެ ނިޒާމުގެ ތެރެއިން އަންދާލެވިފައި އޮތް ކަމަކަށް އަދި އަޅުގަނޑަކަށެއް ފާހަގައެއްނުވޭ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން. އެ އަދި އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް.

އަޅުގަނޑު ނިންމާލަމުން އަޅުގަނޑު ދަންނަވަން ބޭނުން، ކުރީގެ ރައީސް، ރައީސް މައުމޫން އަރިހުގައި. އަޅުގަނޑު ރޭގައި ނޫސްބެލިއިރުގައި މައުމޫން ވިދާޅުވަނީ، އަޅުގަނޑު މައުމޫނާ ގުޅޭގޮތަކުން އެއްވެސް ވާހަކައެއް ނުދައްކަން. އަޅުގަނޑު ބޭނުމެއްވެސް ނޫން ރައީސް މައުމޫނާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް. ދެން އެހެން ނަމަވެސް، ހަމަ ވިދާޅުވެއްޖެ އަޙްމަދު ޝަފީޤާ އެބޭފުޅާ ދަޢުވާ ކުރައްވާނެ ކަމަށް. އަޅުގަނޑަށް ހީވަނީ އެއީ ހައްދުންނައްޓަނީހެން. އަޅުގަނޑު ރައީސް މައުމޫން އަރިހުގައި ވަރަށް އިޚްލާޞްތެރިކަމާއެކު، އަދަބުވެރިކަމާއެކު އެދެން، ތިޔަހެން ނުހައްދަވާށޭ. ވަޑައިގަންނަވާށޭ ޝަފީޤު އަރިހަށް. ވަޑައިގެން މަޢާފަށް އެދިވަޑައިގަންނަވާށޭ. މިއީކީއެއް ޝަފީޤަށް ދަޢުވާ ކުރައްވާނަމޭ ކިޔުއްވައި ނުކުންނަވަންވީ ވަގުތެއް ނޫނޭ. ޝަފީޤަށް ދަޢުވާ ކުރައްވަން އުޅުއްވަންޏާ، ދެން ޖެހިވަޑައިގަންނަވާނީ އަޅުގަނޑަށޭ ކުރައްވަން. އެއީ ޝަފީޤު އެވިދާޅުވި ވާހަކައިގެ ހަތަރު ގުނައަށް އަޅުގަނޑު ދައްކާނަން. ހަތަރު ގުނައަށް އަޅުގަނޑު ދައްކާނަން. އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދައްކަން ފެށީމާ ދެން ދައްކަން ހުންނާނެ ވާހަކަވެސް. އެހެންވީމާ، އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން. ނޫން. ނޫން. ޝަފީޤަށް ދަޢުވާ ކުރައްވާނަމޭ ކިޔުއްވައިގެން ނޫޅުއްވާށޭ. ޝަފީޤުގެއަށް ވަޑައިގަންނަވާށޭ. ވަޑައިގެން ޝަފީޤު އަރިހުން މަޢާފަށް އެދިވަޑައިގަންނަވާށޭ.

އަޅުގަނޑު ދަންނަ ބޭފުޅެއް ޝަފީޤަކީ. މިކަން ހިނގިގޮތް ޝަފީޤުވެސް ހޯއްދަވަން ބޭނުން. އަދި އޭގެ ޢުޤޫބާތެއް، އޭގެ ޝަރީޢަތްވެސް ހިންގަން ބޭނުންވޭ. ހަމަ އޭގެ ޝަރީޢަތް ވަރަށް ރަނގަޅަށް ހިންގަން ބޭނުންވޭ. އަދި ޝަރީޢަތަށްފަހު އޭގެ ޢުޤޫބާތެއްވެސް އަޅުގަނޑުމެން ބޭނުން. ދެން އެހެން ނަމަވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި، ރައީސް މައުމޫނަށް ދެން ކުރެއްވެވެން އޮތް އެންމެ ރަނގަޅު ކަމަކީ ހަމަ އަޙްމަދު ޝަފީޤު އަރިހުން މަޢާފަށް އެދުން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން އަދި އަޅުގަނޑު ދެކެނީ ރައީސް މައުމޫނަކީ ދުރުވިސްނޭ، ޢިލްމުވެރި ބޭފުޅެއް ކަމަށް. އަޅުގަނޑު ދެކެނީ ރައީސް މައުމޫނަކީ ހުނަރުވެރި ކުޅަދާނަ ބޭފުޅެއް ކަމަށް. އަޅުގަނޑު ދެކޭގޮތުގައި ރައީސް މައުމޫނަކީ މިރާއްޖެއަށް ވަރަށްގިނަ ޚިދްމަތްތަކެއް ކޮށްދެއްވާފައި ހުރި ބޭފުޅެއް. އަޅުގަނޑު ދެކޭގޮތުގައި ރައީސް މައުމޫން، އެ އިންސާނީ ޙައްޤުތަކާ ޚިލާފަށް އެބޭފުޅާ ޢަމަލު ކުރައްވަން ފެށްޓެވި ހުރިހާ ކަމެއް ރައީސް މައުމޫންގެ އިސްތަށިފުޅަކު ނޭޅުވޭނެ. އެބޭފުޅާ އެކަނި ކުރެއްވި ކަމެއް ނޫން އެއީކީއެއް. އެއީ މުޅި ނިޒާމަކުން ކުރި ކަމެއް. ދިވެހި އާދަކާދަ ކުރި ކަމެއް. ދިވެހި ޘަޤާފަތް ކުރި ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ ފަށައިގެން ދެމެމުން ދެމެމުން އައި ކަންތައްތަކެއްގެ ތެރޭގައި، އެބޭފުޅާ އެއިން ނެއްޓިވަޑައިނުގެންނެވި. އަޅުގަނޑު ވަރަށް އުފާވީސް އަދި ރައީސް މައުމޫނަށް އެކަން އެގޮތަށް ކުރިއަށް ގެންދެވުނުނަމަ. އިބްރާހީމް ނާޞިރުގެ ޖަލުގެ އަނިޔާގެ ވާހަކަތައް އެހާ ސާފު ބަހުން ދައްކަވައި، އެވާހަކަތަކާ ގުޅޭގޮތުން އަޅުގަނޑުމެންގެ ގާތްތިމާގެ މީހުން ނުކުމެ މާލޭ މަގުމަތީގައި މުޒާހަރާކޮށް، ދެން އެފަދަ ޢަމަލެއް މިރާއްޖޭގައި ނުހިނގާނެ ކަމުގެ އުންމީދު. އެދުވަހުވެސް އަޅުގަނޑެއް ނުނުކުންނަން. އަދި އަޅުގަނޑު ވަރަށްކުޑަވެސްމެ. ނުހިނގާނެ ކަމުގެ އުންމީދެއް ރައީސް މައުމޫން ދެއްވަވާފައި، ހަމަ އޭގެ ސާޅީހަކަށް ދުވަސް ފަހުން ވައިނުޖެހޭގެޔަށް އަނެއްކާވެސް ސާޅީސް އަނދަގޮނޑި ހައްދަވަން އޯޑަރު ދެއްވި. ހަމަ އެ ޕްރެޝަރަށް އިނގޭތޯ އަޅުގަނޑު އާދޭ މަދުވެގެން ހަފްތާއަކު އެއްފަހަރު. ހަމަ މަދުވެގެން ހަފްތާއަކު އެއްފަހަރު ކޮންމެވެސް މީހަކަށް އެފަދަ ބޮޑު އަނިޔާއެއް ދިނުމަށް. އެއީއޭ ދައުލަތަށް، ސަރުކާރަށް މިހާރު އެންމެ ރަނގަޅު ގޮތަކީ. އެއިރުންނޭ އަޅުގަނޑުމެންނަށް ގެއެއްވެސް އެޅޭނީ. އެއިރުންނޭ އަޅުގަނޑުމެންނަށް ނޭވާވެސްލާ އުޅެވޭނީ. ހަމަ މިވާހަކަ އެއްރޭ އެއްދުވާ އަޅުގަނޑުގެ ނަޒަރުގައި އެދުވަހު ރައީސް މައުމޫން އަރިހުގައި އެތައް ބޭފުޅުންނެއް ދައްކަވަމުން ގެންދަވާ ވާހަކަ. އެއީ ހިކިފިނިފެންމާގޭ ނަސީމަށް މިހެން ހައްދަވާލެއްވީމާ މުޅި މާލެއަށް އެނގޭނޭ ދެން މަޑުވާން ވެއްޖެކަން. ދެން އަދި އެއިރުން މިއަންނަ އަހަރުގެ ވޯޓް މާރަނގަޅުވާނެއޭ. ވޯޓް ގޯސްވެގެން ދިޔުމަކީ ރަނގަޅަށް މީހަކު ގައިގައި ތަޅާނުލެވިގެނޭ، މިފިކުރު. ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެންނަށް ގޮނޑި ނުލިބިގެން މިއުޅެނީ އަޅުގަނޑުމެން މިކަންކަމަށް އެއްބަސްނުކޮށްގެނޭ. އަޅާނުލައިގެނޭ. އަޅާނުލުމަކީ ކޮބައިތޯ؟ އެހުރިހާ އެންމެންގެ މުދާ އަތުލުން. ހިފާ ހައްޔަރުކުރުން. އެކަން އަޅުގަނޑުމެން ނުކޮށްގެން.

އަޅުގަނޑު ހަމަ ކޮންމެ ދުވަހަކު އަޅުގަނޑު ލިބިގަންނަ ޢިބްރަތަކީ، ރައީސް މައުމޫންގެ ދަތުރު، އެބޭފުޅާއަށްވީގޮތް، އަޅުގަނޑަށް ޔަޤީން ކަށަވަރު. ހަމަ އަޅުގަނޑަށް ޔަޤީން ކަށަވަރު، ރައީސް މައުމޫން ވިދާޅުވެފައި އޮންނާނެ، ތިހެން ހަދާކަށް ނުވާނެއޭ. އަޅުގަނޑަށް ޔަޤީން ކަށަވަރު ވިދާޅުވެފައި އޮންނާނެކަން. އެއްދުވަހަކު އަޅުގަނޑަށް ޔަޤީން ކަށަވަރު ވިދާޅުވެފައި އޮންނާނެކަން، ތިހެންނެއް ނޫނޭ މިރާއްޖެ ހިނގާނީކީ. ތިޔަހެނެއް ތިޔަކަމެއް ނުވާނެއޭ. އެހެން ނަމަވެސް، މިރާއްޖެ ހިފާފައި ހުރީ އެހެނެއް ނޫނޭ. އަދި އަޅުގަނޑު ދަންނަވާނީ، އެއިރުގައި ރައީސް މައުމޫނާ އެކީގައި ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންނަށްވެސް އެނގިވަޑައިނުގެންނެވީއޭ، އަދި އެވިސްނުންވެސް ނެތުނީއޭ. އަޅުގަނޑަށް ލަފާކުރެވެނީ އަދިވެސް ނެތޭ. އަދިވެސް ނެތޭ. އެވިސްނުމަކީ ވަރަށް ފުޅާ ވިސްނުމެއް. ހިތްވަރާއެކީގައި ނޫނީ ހަމަ އަޅުގަނޑުމެންނަށް އެވިސްނުމުގެ ތެރެއަށް ނުދެވޭނެ ވިސްނުމެއް. މިބުރު އަޅުގަނޑުމެންނަށް ކޮންމެފަހަރަކު، އަޅުގަނޑު މިއަދު އަނިޔާކުރާންވީ އަޅުގަނޑަށް އަނިޔާކުރި މީހުންނަށް. އަޅުގަނޑުމެން އެމީހުން ގެނެސް ހިފާ ހައްޔަރުކޮށްގެން، ގޮތްގޮތް ހަދަމުންދާއިރުގައި، ދެން ޤާނޫނީ ހަމަ އަޅުގަނޑުމެން އަޅަމުންދާނީ ވަރަށް ކުޑަކޮށް. ހަމަ ވަރަށް ކުޑަކޮށް. އަޅުގަނޑަށް އެކަން އެނގޭ މިހާރު ވަރަށް ރަނގަޅަށް. އެހެންވީމާ، އެ ޤާނޫނީ އެއްވެސް އިމެއްނެތި، އެއްވެސް ޙުދޫދެއް، އެއްވެސް ޙައްދެއް ނެތި، ވެރިކަމުގެ ބާރު މިއަދުވެސް އަޅުގަނޑުމެން އަތުގައި ނެތީކީއެއް ނޫން. އަޅުގަނޑު އަތުގައި ވެރިކަމުގެ ބާރު އެބައޮތް. އަދި ހަމަ އަޅުގަނޑުމެންނަށް ބާރު ބޭނުންކުރެވެންވެސް އެބައޮތް. ޤާނޫނުލްޢުޤޫބާތުގައިވެސް މާއްދާއެއް މަދީކީއެއް ނޫން. ޤާނޫނު ނެތިގެނެއް ނޫން އަޅުގަނޑުމެން މިއުޅެނީކީއެއް. މީހުން ގެންގޮސް ހިފާ ހައްޔަރު ނުކުރަނީ. އެހެން ނަމަވެސް، އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި، މިރާއްޖެ އަޅުގަނޑުމެން ބަދަލުކުރާން ވެއްޖެނަމަ، ރާއްޖޭގެ ތަރައްޤީ ޙަޤީޤަތުގައި ގުޅިފައި އޮތީ އިންސާނީ ތަރައްޤީއާ. އިންސާނުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، އިންސާނާއަށް މިނިވަންކަން ނުދޭހާހިނދެއްގައި އަޅުގަނޑުމެންގެ ރާއްޖެއަކަށް ތަރައްޤީއެއް ނުލިބޭނެ. އަޅުގަނޑުމެންނާ އެންމެ އިދިކޮޅު މީހާއަށްވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ. އަޅުގަނޑުމެންނާ އެންމެ ނުރުހޭ މީހާއާވެސް ހަމަ އަޅުގަނޑުގެ އިސްތިޢުފާއާ ގުޅެވެން ޖެހޭނެ. އަޅުގަނޑު އެކަމާ އެމީހާއާ ދިމާކުރުމުގެ ނުވަތަ އެމީހާއާ އަޅުގަނޑު އެއްވެސްކަހަލަ ނަފްރަތެއް ނުވަތަ ހިތްބަރުކަމެއް ބޭއްވުމުގެ ފިކުރެއް ގެންގުޅެގެން ނުވާނެ. ޙައްޤު އަދަބު އެބަ ލިބެންޖެހޭ. އެކަމަކާ އަޅުގަނޑުމެންނަކަށް އިންކާރު ކުރެވޭކަށެއް ނެތް. ޙައްޤު އަދަބު ދިނުން ވަރަށް ބޮޑަށް ލަސްވެ މިދަނީ. އެހެންވީމާ، އަޅުގަނޑުމެންނަށް މިކަން އެބަ ހަމަ ދުވަހެއް ދުވަހަކަށް ބުރަވަމުން އެބަދޭ.

އަޅުގަނޑު ވަރަށް ބޮޑަށް އަނެއްކާވެސް ނިންމާލަމުންވެސް އަޙްމަދު ޝަފީޤަށް ޝުކުރު ދަންނަވަން ބޭނުންވޭ. މިދުވަސް އަނެއްކާވެސް ތިގެނެސްދެއްވަނީ. މިކަމަށް އަނެއްކާވެސް އަޅުގަނޑުމެން ނުކުމެ މަސައްކަތް ކުރާން މިފެށުނީ. މިހާރު އަޅުގަނޑުމެންނަށް، އަޅުގަނޑަށް ހަމަގައިމުވެސް މިމަސައްކަތް ކުރަން ވަރަށް އުނދަގޫ. އެންމެ ހަމައެއް ނޫން އަޅުގަނޑު އަޅަންޖެހެނީ. އަޅުގަނޑު އަޅަން އެބަޖެހޭ ވަރަށްގިނަ ހަމަ. ހަމަ ތިންހަމައަކުން އަޅުގަނޑަކަށެއް ނެތް މިވަގުތު މިކަން ނެގޭކަށް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެންގެ ފިކުރުގައި މިކަމުން، އަނިޔާވެރިކަމުން މިރާއްޖެ ސަލާމަތް ކުރުމަށް އެޅެންހުރި ފިޔަވަޅުތަކެއް ހޯދެން ނެތިއްޔާ، އަޅުގަނޑުމެންނަކަށް ޙައްޤެއް ނޫން މިރާއްޖޭގެ ވެރިކަމެއް. ރާއްޖޭގެ ރައްޔިތުން އަނިޔާއިން ސަލާމަތް ކުރެވޭނޭ ދާއިމީ އުޞޫލުތަކެއް އިބްރާހީމް ޝަފީޤު ވިދާޅުވެއްޖެ. ދިވެހިންގެ ހިތްތަކުގައި އަދި ދިވެހިންގެ އުޞޫލުތަކުގައި، ދިވެހިންގެ ޤާނޫނުތަކުގައި ބިންވަޅު ނުނެގޭ ކަމަށްވަނީވިއްޔާ އަޅުގަނޑުމެންނެއް މި ވެރިކަމުގައި ތިބޭކަށް ރަނގަޅެއް ނޫން. އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޙްމަދު ޝަފީޤަށާއި، ޝަފީޤުގެ ޢާއިލާއަށާއި އަދި ރާއްޖޭގެ އެންމެ ރައްޔިތުންނަށް، އަޅުގަނޑުމެން އެންމެ ހިނދުކޮޅަކަށްވެސް ހުއްޓައެއްނުލާނަން. މިރާއްޖޭގައި "އަނިޔާ" އެއީ މާޒީގެ އެއްޗަކަށްވެ، ދައުލަތުގެ ފަރާތުން އުޞޫލެއްގެ ގޮތުން ކުރާ ކަމެއް ނޫންގޮތުގައި ނުކުރެވޭނެ ކަމެއްގެ ގޮތުގައި ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގެންދެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކެނޑިނޭޅި މި މަސައްކަތުގައި ތިބޭނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ އުފާވެރި މިނިވަން މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________