بســم اللّـه الرّحمـن الرّحيــم

ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން، ނައިފަރުގެ އަޅުގަނޑުގެ ލޮބުވެތި ރައްޔިތުން، އަދި މިޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން،
السّـلام عليـكم

2009 ވަނައަހަރު މިސަރުކާރުން އަޅުގަނޑުމެންނަށް ކުރެވުނު އެއްކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ އޮނިގަނޑެއް އެކުލަވާލުން. އެއީ، މިދެންނެވި އޮނިގަނޑަކީ، ރާއްޖޭގެ މި ސަރުކާރުން މިރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ކުރާންހުރި މަސައްކަތްތައް ބަޔާންކޮށްދޭ ބަޔާނެއް. އަޅުގަނޑުމެން ކުރާންހުރި މަސައްކަތަކީ، ޚާއްޞަ ގޮތެއްގައި، މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންއޮތް މަސައްކަތަކީ، މިސަރުކާރުން ރައްޔިތުންނަށް ވަޢުދުވެފައިވާ މަސައްކަތްތައް. ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި އެވަނީ ޤައުމު ތަރައްޤީ ކުރުމަށްޓަކައި ކުރާންޖެހޭ މަސައްކަތްތައް ކަމަށް މިޤައުމަށް ފާހަގަވެފައިވާ މަސައްކަތްތައް. އެނގިވަޑައިގަންނަވާނެ، 2005 ވަނަ އަހަރު، 2006 ވަނަ އަހަރު، 2007 ވަނަ އަހަރު އަދި 2008 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑުމެން ދިޔައިމު. ރާއްޖޭގެ ހުރިހާގެއަކަށް އަޅުގަނޑުމެން ވަނީމު. ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނާ އަޅުގަނޑުމެން ވާހަކަ ދައްކައިހެދީމު. ވާރކްޝޮޕް ބޭއްވީމު. ސެމިނާރ ބޭއްވީމު. ބައްދަލުވުންތައް ބޭއްވީމު. މުޒާހަރާ ބޭއްވީމު. އަޑުއުފުލާ އަޅުގަނޑުމެން އެކިއެކި ވާހަކަ، އެކިއެކި ނުކުތާ ފާހަގަކުރަމުން ގެންދިޔައީމު.

މިމަސައްކަތުގެ ތެރޭގައި އެކުލަވާލެވުނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އިންތިޚާބަށް މަސައްކަތްކުރާ މެނިފެސްޓޯ. ނުވަތަ އެޕާޓީގެ ފަރާތުން ރައްޔިތުންނަށްވާ ވަޢުދުތަކުގެ ބަޔާން. 2009 ވަނަ އަހަރު ސަރުކާރުން ހިންގި މަސައްކަތަކީ މިދެންނެވި ވަޢުދުތައް ޕްރޮގްރާމްތަކެއްގެ ގޮތުގައި އެވަޢުދުތައް ފުއްދުމަށްޓަކައި ހިންގާންހުރި ޕްރޮގްރާމްތަކަކީ ކޮބައިތޯ ދެނެގަނެ، އަދި އެޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ހިންގާންހުރި މަސައްކަތްތަކަކީ ކޮބައިތޯ ބަލައި، އަދި އެމަސައްކަތްތައް ހިންގުމަށް ހިނގާނެ ޚަރަދު ދެނެގަތުން. 2009 ވަނަ އަހަރު ނިމުނުއިރު އަޅުގަނޑު މިދެންނެވި ސާފު ސާދާ މީޒާނަށް، ސާފުސާދާ ދިމާލަށް މިމަސައްކަތެއްނެތް. ޙަޤީޤަތުގައި 2008 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނުއިރު، އެބަޖެޓްގައި މިދެންނެވި ޕްރޮގްރާމްތައް ހިންގުމަކަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިފަކާއެއްނެތް. 2009 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބަޖެޓް، ސަރުކާރުން ހުށަހެޅީ 2008 ވަނަ އަހަރު. 2010 ވަނަ އަހަރަށް ހުށަހެޅުނު ބަޖެޓްގައި، ކޮންމެވެސް މިންވަރަކަށް، އަޅުގަނޑު ދަންނަވާނީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ހިންގާންޖެހޭ މަސައްކަތްތައް އެކުލެވޭ ޕްރޮގްރާމްތަކެއް އެބަޖެޓްގައި ހިމެނިފައިއޮތް. އެހެން ނަމަވެސް، އަޅުގަނޑުމެން މިދެކޭ މިންވަރަށް، އަޅުގަނޑުމެން މި އަމާޒުކުރާ މިންވަރަށް ކާމިޔާބުވުމާ، ކުރުމާ، ވުމާ ގާތަށްވެސް އެ ބަޖެޓުގައިވެސް، ޤައުމީ ތަރައްޤީގެ އޮނިގަނޑާއި ސަރުކާރުން ކުރާ ޚަރަދާ ހުރި ގުޅުން ވަރަށްކުޑަ.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ރާއްޖެ ބަދަލުވުމަށް، މިރާއްޖެ ތަރައްޤީވުމަށް އަޅުގަނޑުމެން ފާހަގަކޮށް އުޅުނީމު، ޤައުމެއް ތަރައްޤީވެ މިދަނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރީމާއޭ. އަޅުގަނޑުމެންގެ ސަރުކާރުން ރައްޔިތުންނަށްވީ ވަޢުދުތަކަކީ، ޙަޤީޤަތުގައި މިދެންނެވި ޚާއްޞަ ކަންތައްތައް އަޅުގަނޑުމެން ކުރާނެ ކަމަށްވީ ވަޢުދު. އެ ޚާއްޞަ ކަންތައްތަކަކީ ކޮބައިތޯ އަޅުގަނޑުމެން ދެނެގަތްއިރުގައި، އަޅުގަނޑުމެންނަށް ސާފުވަމުންއައީ އެއީ ރައްޔިތުންގެ ބޭނުންތަކޭ. ރައްޔިތުން އެދޭ ކަންކަމޭ. ރާއްޖެ ތަރައްޤީވުމަށް ރާއްޖޭގެ ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން އެބަ ލިބެންޖެހެއޭ. ރާއްޖެ ތަރައްޤީވުމަށް، ބޭސް ސިޓީއަށް ސަލާންޖެހުން ރާއްޖޭގެ ރައްޔިތުން އެބަ ހުއްޓާލަންޖެހެއޭ. ރާއްޖެ ތަރައްޤީވުމަށް، ޑްރަގްގެ ވަބާއިން އަޅުގަނޑުމެން އެބަ ސަލާމަތްވާންޖެހެއޭ. ރާއްޖެ ތަރައްޤީވުމަށް، އަތްފޯރާފަށުގައި އަޅުގަނޑުމެންނަށް ތަކެތީގެ އަގު އެބަ ހުންނާންޖެހެއޭ. ޙަޤީޤަތުގައި ސަރުކާރުން ރައްޔިތުންނަށް ވެފައިވަނީ މި 5 ވަޢުދު އެކަންޏެއް ނޫން. ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި މައިގަނޑު 27 ކަމެއް ހިންގުމަށްޓަކައި ޕްރޮގްރާމްތައް ނުވަތަ ސިޔާސަތުތައް ބަޔާންކުރެވިފައިވާނެ. މިދެންނެވި ކަންކަން، މިދެންނެވި 27 ކަން ނުވަތަ މިދެންނެވި، ސަރުކާރުން ރައްޔިތުންނަށް ވަޢުދުވެފައިވާ ކަންކަން ފުއްދީމާ، އަދި ފުއްދުމަށްޓަކައި، ފުއްދީމާ އަޅުގަނޑުމެން މިދެކެނީ ޤައުމު ތަރައްޤީވާނެއޭ. ފުއްދުމަށްޓަކައި ބޭނުންކުރަން އޮތް އެންމެ މުހިންމު އެއްވަސީލަތަކީ ދައުލަތުގެ ބަޖެޓް. އެ ދައުލަތުގެ ބަޖެޓް މެދުވެރިކޮށް، ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން ޢަމަލުކުރާންވީ ގޮތަކީ، އެބަޖެޓަކީ ޕްރޮގްރާމް ބަޖެޓަކަށް ހެދުން. އެބަޖެޓުގައި އެކުލެވިގެންވާންޖެހޭނީ މިއަންނަ އަހަރު ސަރުކާރުން ހިންގުމަށް ޤަޞްދުކޮށްފައިވާ ޕްރޮގްރާމްތަކާއި، އެޕްރޮގްރާމްތައް ހިންގުމަށް ހިންގާން ބޭނުންވާނެ ޙަރަކާތްތަކާއި، އެޙަރަކާތްތަކުގެ ހިންގުމަށް ހިނގާނޭ ޚަރަދު. އަދި ހަމައެހެންމެ، އެ ޙަރަކާތްތައް ހިންގުމަށް ހިނގާނެ ޚަރަދު ހޯދާނެ ގޮތުގެ ތަފްޞީލު. ސަރުކާރުގެ، ދައުލަތުގެ އާމްދަނީ.

މިދެންނެވި މަގަށް ސަރުކާރާއި ދައުލަތުގެ ބަޖެޓް އެކުލަވާލެވުނީމާ، އަދި އެމަގަށް އެބަޖެޓް ހިންގާން ފެށުނީމާ، އަޅުގަނޑު ދަންނަވާނީ އޭރުންނޭ އަދި އަޅުގަނޑުމެންނަށް ތަރައްޤީގެ މަގު ފެނުނީ. އެމަގުގައި ހިނގައިގެން ނޫނީ އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުލިބޭނެ. އަޅުގަނޑުމެންގެ ބަޖެޓުގައި މީގެކުރީގައި މާގިނަ ލާރިޖަހައި، އެބަޖެޓް ފާސްކޮށް އަދި އެހާމެ ގިނަ ލާރި ޚަރަދު ކުރެވިފައި އެބަހުރި. ބާރަ ބިލިއަން ރުފިޔާގެ ބަޖެޓެއް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އެފާސްކުރައްވަމުން އަންނަތާ، އަދި ރާއްޖޭގެ ސަރުކާރުން ހުށަހަޅަމުން އަންނަތާވެސް ދުވަސްތަކެއް ވެއްޖެ. އެހެންނަމަވެސް، މިހާރު ގެންނާންވެގެން މިއުޅޭ ބަދަލަކީ، ދެން ހުށަހެޅޭ ބަޖެޓަކީ ކުރާންހުރި ވަކި ޚާއްޞަ ކަންތައްތަކެއް ކުރުމަށްޓަކައި އެކުލަވާލެވިފައިއޮތް ޕްރޮގްރާމެއް ހިންގުމަށްޓަކައި ހިނގާނޭ ޚަރަދު އެބަޖެޓްގައި ހުށަހެޅިގެންދާނެ. އަދި އެޚަރަދު ހިންގުމަށް ފައިސާ ހޯދާނެގޮތް ދައުލަތުގެ އާމްދަނީގެގޮތުގައި ފާހަގަވެގެންދާނެ. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންނަށް ޔަޤީންވަނީ މިދެންނެވި މަގަށް އަޅުގަނޑުމެންގެ މަސައްކަތްތައް އެނބުރީމާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ދާދި އަވަހަށް ހޯދިދާނެއޭ.

އަޅުގަނޑު ހިތުގެއަޑީން ގަބޫލްކުރަނީ، އަޅުގަނޑަށް އަދި ޚާއްޞަކޮށް، މިދިޔަ ދެއަހަރުގެ ތަޖްރިބާއަށްފަހު ޤަބޫލުކުރެވެނީ، މަދު ދުވަސްކޮޅެއްގެތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަމާއި ރާއްޖޭގެ އާމްދަނީ، ޖީ.ޑީ.ޕީ ދެގުނަކުރުމަކީ މިރާއްޖޭގެ ރައްޔިތުންނަށް ކުރެވިދާނެ ކަމެކޭ. މަދޭ، އަޅުގަނޑު މިދަންނަވަނީ ފަސް ހަ އަހަރެއް 7 އަހަރެއްގެ ތެރޭގައި މުޅި މިރާއްޖޭގެ ޖީ.ޑީ.ޕީ، ޤައުމީ އުފެއްދުންތެރިކަން ދެގުނަ ކުރުމަކީ އަޅުގަނޑުމެންނަށް ހަމަ ޙަޤީޤަތުގައިވެސް ކުރެވެން އޮތް ކަމެއް. ބާރަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެން އެބަހުރި. މިދުނިޔޭގައި ޓެކްނޮލޮޖީ އެބައޮތް. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ތަންދޮރުފިލާ، އެނގޭ، ކަމަށް ޤާބިލް އެކަށީގެންވާމީހުން ރާއްޖޭގައި އުފެދިފައި އެބަތިބި. ރާއްޖޭގައި ވަނީ އަޅުގަނޑު ހަމަ ހިތުގެ އަޑީން ގަބޫލުކުރާ ގޮތުގައި ވަރަށް ރަނގަޅު ތަރައްޤީގެ ބިންގާއެއް އެޅިފައި. އެ ބިންގާގެ މައްޗަށް އަޅުގަނޑުމެން ސާބިތުކަމާ އެކީގައި މަސައްކަތް ކޮށްފިނަމަ، މިދެންނެވި ދެގުނަކުރުން، މިދެންނެވި ބޮޑު ބަދަލު އަޅުގަނޑުމެންނަށް ހޯދޭނެ. އިރާދަކުރެއްވިއްޔާ، މިދަންނަވާ ދިވެހިރާއްޖެ، އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ފެންނާނެ.

އަޅުގަނޑު މިރޭ ނައިފަރަށް އައިސް، ނައިފަރުގައި ތިޔަބޭފުޅުންނާ ބައްދަލު ކުރާއިރުގައި، އަޅުގަނޑަށް މިވޭތުވެދިޔަ ދުވަސްތަކުގެތެރޭގައި، ފާދިއްޕޮޅުގެ ތަރައްޤީގެ ތަޞައްވަރަކާ ގުޅޭގޮތުން އަޅުގަނޑު މިދެންނެވި ސަރުކާރުގެ ޕްރޮގްރާމްތަކުގައި އެކުލަވާލެވިފައި އޮތްގޮތުގެ ކޮންމެވެސް ވަރެއްގެ ތަޞައްވަރެއް ދިނުމަކަށް އަޅުގަނޑު ޖެހިލުމެއްނުވާނެ. އަޅުގަނޑަށްވެސް އެނގޭ، އެތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑުވެސް އަދި ތިޔަބޭފުޅުންވެސް ކުރާންހުރި މަސައްކަތް ވަރަށްގިނަ. އެހެންނަމަވެސް، އުންމީދު ނަގާލުމަކީ އެއްވެސް އިރެއްގައި އަޅުގަނޑު ކުރިކަމެއްނޫން. އަދި މިރޭ ކުރާކަށް ނުވެސްއުޅެން. އަޅުގަނޑުމެން، އަޅުގަނޑުމެންގެ އުންމީދު އާކުރާނަން. އަޅުގަނޑުމެން، އަޅުގަނޑުމެންގެ މިޞްރާބު އަބަދުވެސް ހިފާނަން. އަޅުގަނޑުމެން، އަޅުގަނޑުމެން މިއެދޭ މަންޒަރު އަބަދުވެސް ކުރަހާނަން. އެމަންޒަރު އަޅުގަނޑުމެން ކުރަހައިގެންނޫނީ އަޅުގަނޑުމެން މިއެދޭ ޙަޤީޤަތް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން ފުރަތަމަކަމަކަށް، ނައިފަރުގެ ބިމުން ނައިފަރުގެ ރައްޔިތުންނަށް ގޯތިދިނުމުގެ މަސައްކަތް މިހާރު ސަރުކާރުން ފެށެންއެބައޮތް. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ އަވަހަށް ފަށާނަން. އެހެންނަމަވެސް، އެންމެފުރަތަމައިނުން ދަންނަވަންއޮތް ވާހަކައަކީ، ނައިފަރުގެ ބިމަކީ، މި ނައިފަރުގެ ގޮނޑުދޮށާހިސާބުން ހުއްޓޭ، ނިމޭ އެއްޗެއްކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެ. އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ގޮނޑުދޮށުން ބޭރަށް، އަޅުގަނޑުމެންގެ އަތޮޅުދުނިން ބޭރަށް، ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އެބަ ގެންދާންޖެހޭ. އަޅުގަނޑުމެންނަކަށެއް މިއަދަކުނެތް، ހަމަގައިމުވެސް އަޅުގަނޑަކަށެއްނެތް، އަހަންނަކީ މާލޭ މީހެކޭ، ގަލޮޅުމީހެކޭ، ކެރަފާގޭމީހެކޭ ކިޔައިގެން ވަކި ހަނި ކުޑަ ގޮޅިއަކަށް ގޮސް ވެއްޓި ހުއްޓި ހުރެވޭކަށް. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ވިސްނުން ފުޅާކުރަން. އެއްރަށް އެބަ އަނެއްރަށާ ގުޅެންޖެހޭ. އެއްއަތޮޅު އެބަ އަނެއްއަތޮޅާ ގުޅެންޖެހޭ. އެއްޤައުމު އެބަ އަނެއްޤައުމާ ގުޅެންޖެހޭ. އަޅުގަނޑުމެންނަށް މިދެންނެވި މަސައްކަތް ނުހިންގައިފިނަމަ، އަޅުގަނޑުމެން މިއެދޭ ބަދަލެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެ. އަޅުގަނޑު މިހުށަހަޅަނީ އަދި އަޅުގަނޑު ވަޒީރުންގެ ކިބައިންވެސް އެދޭނަން، ނައިފަރާ ޖެހިގެން މިއޮތް މަޑިވަރަކީ ނައިފަރުގެ ބިމުގެ ބައެއްގެ ގޮތުގައި ކަނޑައެޅުން. އަދި ހަމަ އެދެމެދު ގުޅުމުން، އެދެމެދުގައި އަޅުގަނޑުމެންނަށް ފަސޭހަކޮށް، އެއްގަމުމަގުން ދަތުރުފަތުރު ކުރެވޭނެގޮތެއް ހޯދުން. ރާއްޖޭގައިއެބަހުރި ގުޅުވޭނޭ ކިތަންމެ މިހެންހުރި ކަނޑުއޮޅިތަކެއް. ނުވަތަ ކަނޑުތަކެއް. އަޅުގަނޑުމެން އެންމެން ދަންނާނެ، ކަޅުއޮށްފުންމި ދިޔަ ދެކޮމަންޑޫ ދޭތެރެ. އަދި ހަމައެހެންމެ، މަޑިވަރާ ނައިފަރާ ދެމެދަކީވެސް ދުރުމިން ދުރު ދެރަށެއް ނޫން. އަޅުގަނޑުމެންނަށް އެގުޅުން ގުޅެވިދާނެ. މިދުނިޔޭގައި އެކަމުގެ ޓެކްނޮލޮޖީ އެބަހުރި. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ކިބައިގައި އޭގެ ޤާބިލުކަން އެބަހުރި. އަދި އަޅުގަނޑުމެންނަށް އެ އާމްދަނީ ހޯދޭނެކަމުގެ ޔަޤީންކަން އެބައޮތް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން.

އަޅުގަނޑަށްވެސް އެނގޭ، ބިމަކީ އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ބޭނުންތެރި އެއްޗެއް. އަދި ނެތުނީމާ، އަދި ލިބެން ނެތްތަން ފެންނާން ފެށީމާ އަޅުގަނޑުމެން އިންތިހާއަށް އެކަމާ ހާސްވެ، ދެރަވޭ. ބިން ބޮޑުކުރުމަށް އޮތް ގޮތެއްކަމަށް އަޅުގަނޑުމެންނަށް މިލަފާ މިކުރެވެނީ ބިން ހިއްކުން. އެއީ މިހާތަނަށް ބިން ބޮޑުކުރުމަށް ފެނިފައި އޮތްގޮތް. އެކަމަކު އަޅުގަނޑު ދަންނަވާންއޮތް ވާހަކައަކީ އެއީ ވަރަށްމުސްކުޅި ގޮތެކޭ. ވަރަށް ބޯދާގޮތެކޭ. މިއަދު މިހާރު އަޅުގަނޑުމެންނަށް އެނގެމުން މިއަންނަނީ އެއީކީއެއް ނޫނޭ ރަށްރަށް ބޮޑެތި ކުރަމުން އަންނަ ގޮތަކީ.

ދުނިޔޭގައި ފެނުގައި އެންމެ ރަނގަޅަށް ދިރިއުޅޭ އެއްބަޔަކީ ނެދަރލެންޑްސްމީހުން. އެމީހުން ދިރިއުޅެނީ ޙަޤީޤަތުގައި ބިމުގެ ފަސްގަނޑަށްވުރެ މަތީގައި، ފެނަށްވުރެން އަޑީގައި. އެމީހުންގެ ރަށް އެމީހުން ހިފަހައްޓާފައި އެއޮންނަނީ ވަށާފާރު ރާނައިގެން. އެމީހުން އަބަދުމެ ތިބެނީ ފެނުގައި ދެން އިތުރަށް ކުރެވެން އޮތީ ކޮންކަމެއްތޯ ދެނެގަނެ ބަލަބަލާ. ޖަޒީރާ ޤައުމެއްގެ ގޮތުގައި މިރާއްޖެ ތަރައްޤީވާން ބޭނުންނަމަ، މިދެންނެވި މީހުން އެކަން ކުރަމުން ގެންދާގޮތް ނުބަލާ އަޅުގަނޑުމެން ތިބޭކަށް ނުވާނެ. އަޅުގަނޑުމެންނަށް އެކަންކަން ހިނގާގޮތް އޮޅުންފިލާންޖެހޭނެ. އިރާދަކުރައްވައިގެން، ދާދިފަހުން އަޅުގަނޑަށް ދެވުނު ބައްދަލުވުމެއް އެއީ ކޯޕަންހޭގަންގައި އޮތް އެންވަޔަރަންމަންޓް ބައްދަލުވުމެއްގައި، އަޅުގަނޑަށް މިދެންނެވި ޤައުމުގެ ވެރިންނާ ބައްދަލުވި. އެބޭފުޅުން އޭގެފަހުން ރާއްޖެއަށް ދެތިންފަހަރަކަށް ވަފްދު ފޮނުވައި، މިހާރު ސަރުކާރުން ވަނީ ޑަޗް ޑޮކްލޭންޑްސްއާ އެކީގައި މޫދުގައި ކޮންވެންޝަން ސެންޓަރަކާ، ގޮލްފް ކޯހަކާ، އަދި އިތުރު ސޯޝަލް ހައުސިންގ ނުވަތަ ގެދޮރު އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމުގެ ޢަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެނިގެންދާނެ. އަޅުގަނޑު މި އުންމީދު މިކުރަނީ އެއީ އަޅުގަނޑުމެންނަށް މި ނައިފަރާ އަދި ނައިފަރާ ޖެހިގެން އެއޮތް މަޑިވަރާ ދެމެދު ގުޅާލެވޭނެ ޓެކްނޯލޮޖީއަކަށް ވާނެކަމަށް. މަޑިވަރާ ގުޅުމުގެ ބޭނުމެއްނެތް، މަޑިވަރާ ހިސާބުން ހުއްޓާލާކަށް. ހިންނަވަރާ، ނައިފަރާ މިދެރަށް ގުޅި، އެއީ މިހާރު މިބުނާ ޤާނޫނުގައި އެބުނާ ސިޓީކައުންސިލަކަށް ހެދުމުގެ ވިސްނުން މިއަދު ހިންނަވަރާ، ނައިފަރު މީހުންގެ ކިބައިގައި ހުންނާނެކަން އަޅުގަނޑަށް ޔަޤީން. މިދެރަށަކީ އެކީގައި ވަރަށް ބާރަށް މަސައްކަތްކުރެވޭނެ ދެރަށް. މިދެރަށް އެއީ ސިޓީކައުންސިލެއް ގޮތުގައި ހިމެނިއްޖެނަމަ، މި ޖާގައަށް، މިސަރަޙައްދަށް، ފަންސަވީސްހާސް، ތިރީސްހާސް މީހުން އާބާދުކުރުމަކީ ސަރުކާރު އަމާޒު ކުރަންޖެހޭނެ ޕްރޮގްރާމެއް. އެއީ އަޅުގަނޑުމެން ވިސްނަންޖެހޭނެ ވިސްނުމެއް. މިހާރު ސަރުކާރުގެ އަމާޒަކީ އަދި ސަރުކާރުގެ ތަރައްޤީގެ އޮނިގަނޑު އެކުލަވާލާފައިވާނީ މިދެންނެވި މިޞްރާބަށް މިސަރަޙައްދު ހިފުމަށްޓަކައި. އަޅުގަނޑުގެ އުންމީދަކީ ތިޔަބޭފުޅުންނަށް މިދެންނެވި ބޮޑު މަންޒަރު ފެންނާނެއޭ. އެމަންޒަރު ސިފަވާނެއޭ. އަދި އަޅުގަނޑުމެންނަށް އެމަންޒަރަށް މަސައްކަތް ކުރެވޭނެއޭ.

އާދެ! އަޅުގަނޑުމެން ބަނދަރުހަދާނެ، ނަރުދަމާއަޅާނެ، ފެންހަދާނެ، ފެންއަޅާނެ. މިކަންކަން އަޅުގަނޑުމެން ކުރާނެ. އެކަންކަމަށް ނުކުރެވި ދެން މިރާއްޖޭގައި އެއްވެސް ވެރިކަމެއް ނުހިންގޭނެ. ޤާނޫނުއަސާސީ ލާޒިމްކުރާ ކަމެއް އެއީ. ފެނާ، ނަރުދަމައަކީ. އެއީކީއެއް ދޭޚިދްމަތަކަށް މިހާރަކު ނުވާނެ. އެއީ ޤާނޫނުއަސާސީ ރައްޔިތުންނަށް ލާޒިމްކުރާކަމެއް. އަޅުގަނޑުމެންނަށް އެކަންވީ މިންވަރަކުން ކޮންމެ ބަޔަކުވެސް އެކަންކުރާނެ. އަޅުގަނޑުނުދެކެން އެއީ އަޅުގަނޑުމެންނަށް ފަސްޖެހެވެންއޮތް ކަމެއްކަމަކަށް. ރާއްޖޭގެ އާމްދަނީ ތަންދިން މިންވަރަކުން އަދި އެހެން އިތުރު ގޮތްގޮތް ހޯދައިގެންވެސް އަޅުގަނޑުމެން މި އަސާސީ ޚިދްމަތްތައް، ރާއްޖޭގެ ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. އެއީ މިސަރުކާރު އަބަދުމެ މަސައްކަތް ކުރަމުން ގެންދާނެ މަގަކީ. އެހެންނަމަވެސް ފެންހޮޅި އަޅައިގެން. ނަރުދަމާ ރަށެއްގައި އަޅައިގެން. އެއަކުންނެއް އަދި އަޅުގަނޑުމެން މިބުނާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް ނުނުކުންނާނެ.

ނައިފަރުގެ ބަނދަރު ހަދާނެ. ބަނދަރު ކިތަންމެ ރަށެއްގައި ހެދިފައި އެބަހުރި. އެހެން ނަމަވެސް، އެއަކުންވެސް އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް ނުނުކުންނާނެ. މިއަންނައަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ސަރުކާރުން ތިރީހަކަށް ރަށުގައި ބަނދަރު ހެދޭނެ. ވިއްސަކަށް ރަށުގައި ފެނާ، ނަރުދަމާގެ މަސައްކަތް ހިންގޭނެ. ބަނދަރު މިއަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ހަދާއިރުގައި، ބަނދަރެއް އެހަދަނީ، ބަނދަރު ހެދުމުގެ ޕްރޮގްރާމެއްގެ ތެރެއަކުނޫން. ބަނދަރެއް މިހަދަނީ އެއަށްވުރެ ބޮޑު ޕްރޮގްރާމެއް، އެއަށްވުރެ ބޮޑު މަޤްޞަދެއްގެ ތެރޭގައި، އެއީ ބާޒާރެއް އުފެއްދުމަށްޓަކައި. ބާޒާރެއް އުފެދޭނީ ބަނދަރެއް އޮވެގެން. އަދި ބަނދަރުމައްޗެއްވެސް އޮވެގެން. ބަނދަރެއްގެ ބޭނުމަކީ، ޝިފާޒް ކިޔައިދެއްވައިފި، ހަމައެކަނި ލަފާފުރުމެއްނޫން. ބަނދަރެއްގެ ބޭނުމަކީ ވިޔަފާރިކުރުން. ބަނދަރެއްގެ ބޭނުމަކީ ތަނަވަސްކަންހޯދުން. ބަނދަރެއްގެ ބޭނުމަކީ އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރުން. މިދެންނެވި ބޭނުން ހިފޭގޮތަށް ބަނދަރެއް އަޅުގަނޑުމެންނަށް ޤާއިމް ކުރެވެންޖެހޭނެ. ރަނގަޅު ބަނދަރެއް ހެދުމަކީ މިދެންނެވީ. އެބަނދަރާ ގުޅުންހުރި އެހެން ހުރިހާކަމެއް ތަރައްޤީވާނެ، ހިންގޭނެ ގޮތަކަށް ޙަރަކާތްތައް ރޭވިފައި އޮންނަ، ޖުމްލަކޮށް ވަށާ ޖެހިފައި އޮންނަ ޕްރޮގްރާމެއް އުފެއްދުން.

އެއީ އަޅުގަނޑުމެންނަށް އަޑުއިވިފައިވާ، ޑޮކްޓަރ ލުޠުފީގެ އެވިދާޅުވާ ވަށާޖެހިފައިވާ ތަޢުލީމު. ވަށާ ޖެހިފައިވާންޖެހޭނެ އަޅުގަނޑުމެން ކުރާ ކަމެއް ވެއްޖިއްޔާ. އެކަމެއްގެ އެއްކަމާ އަނެއްކަމާ ގުޅުން އޮންނަންޖެހޭނެ. މި ނައިފަރުގައި ބަނދަރެއް ހެދީމާ އަދި ހަދާފައި އެތަނުގައި ސޭލާއެއް ބެހެއްޓީމާ، އެ ސޭލާ މަސައްކަތް ކުރަންޖެހޭނެ، އެބަނދަރުން މަސައްކަތް ވާންޖެހޭނެ. އިޤްތިޞާދީ ފައިދާ ނުކުންނާން ޖެހޭނެ، އެބަނދަރުގެ އުމުރުގައި، އެބަނދަރަށް ކުރިހޭދަ، އަނބުރާ އިޤްތިޞާދަށް ވަންނަވަރަށް. އެވަރަށް އެބަނދަރު މަސައްކަތް ކުރާންޖެހޭނެ. ބަނދަރެއް ހަދާފައި، ބަނދަރު ބާއްވާފައި، އެބަނދަރުގެ ބޭނުންނުކޮށް، ވިހި ތިރީސް އަހަރުވީމާ، އަނެއްކާ ބަނދަރު ބަދަލުކުރަން އަޅުގަނޑުމެން ފިކުރު ކުރާންޖެހޭ ކަމަށްވަނީވިއްޔާ، އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުހޯދޭނެ.

ނައިފަރުގައި އަޅާ ބަނދަރު އަޅުގަނޑުމެން މި އުންމީދު މިކުރަނީ، އެ ބަނދަރުން އުފުލާނެމުދާ މިފާދިއްޕޮޅުގައި އުފައްދާނެ. އެބަނދަރުން އުފުލާނެހާ މުދާ މި ފާދިއްޕޮޅުގެ އެކިއެކި ތަންތަނުގައި އެބަ އުފައްދާންޖެހޭ. އެއީ ބައެއްފަހަރަށް ވެދާނެ، ދަނޑުވެރިކަމުން އުފައްދާ މުދާ ކަމަށްވެސް. އަނެއްބައިފަހަރަށް މަސްވެރިކަމުން. އެހެންނޫނިއްޔާ ކޮންމެވެސް އެހެން ބާވަތެއްގެ މުދަލަށްވެސް. ގުދަނެއް ހުންނަންޖެހޭނެ. ގުދަނެއް ފުރެންޖެހޭނެ. ގުދަނަށް މުދާ ވެއްދެންޖެހޭނެ. އެތަނުން ނުކުމެ ބޯޓުފަހަރަށް އެރުވެންޖެހޭނެ. އެހެންވީމާ، މިދަންނަވާ މުޅި ޖުމްލަ ޕްރޮގްރާމެއްގެ ގޮތުގައިނޫންގޮތަކަށް ބަނދަރެއް ހެދުމުގެ މާބޮޑު ބޭނުމެއް އަޅުގަނޑަކަށް ހަމަގައިމުވެސް ނުވިސްނޭ. އެއްރަށެއްގައި ހަދާ ބަނދަރަކީ އަނެއް ރަށެއްގެ ވަރަށްބޮޑު ބޭނުމެއް. އެއީ، މަސައްކަތް ކުރާ ރަށެއް ވެއްޖިއްޔާ، ތަކެތި އުފައްދާ ރަށެއް ވެއްޖިއްޔާ، މުޅި އެރަށް ބިނާވެފައި އޮންނާނީ ޖެހިގެން އޮންނަ ރަނގަޅު ބަނދަރުއޮންނަ ރަށުގެ ބަނދަރާ.

އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެން ފާހަގަކުރެވެގެން މިއުޅެނީ ސަރުކާރުން މިއަންނަ އަހަރު ހިންގާނީ، ވަކި ޚާއްޞަ މަޝްރޫޢުތަކެކޭ. އަޅުގަނޑުމެން މިދިޔަ އަހަރާ އެކީގައި ހިންގަމުން ގެންދިޔަ ޕްރޮގްރާމްތައް ކާމިޔާބު ނުވުންކަމަކަށް އަޅުގަނޑެއް ނުދެކެން. ޚާއްޞަ ގޮތެއްގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް، އެއީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްގެ ގޮތުގައި، އެންސްޕާރގެ ގޮތުގައި މިހިންގާ ޕްރޮގްރާމް. އިޖްތިމާޢީ ރައްކާތެރި ކަމުގެ ގޮތުގައި ރާއްޖޭގެ ވަރަށްގިނަ ބަޔަކަށް ބޭސްފަރުވާ މިދަނީ ކޮށްދެވެމުން. އެއީ، މަދަނައިގެ ޚިދްމަތުގެ ތެރެއިން. ސަރުކާރުންވީ ވަޢުދަކީ، ފާހަގަކުރި ކަމަކީ، ރާއްޖޭގެ ވަރަށްގިނަ ބަޔަކު އެބަ ބޭސް ސިޓީއަށް ނުވަތަ ބޭސް ނުކުރެވިގެން ވަރަށް ބިކަ ހާލުގައި، ނިކަމެތިކޮށް އުޅޭ. މިދަންނަވާ ވާހަކައަކީ، ރާއްޖޭގެ ޞިއްޙީ ޚިދްމަތާގުޅޭ ވާހަކައެއްނޫން. އެޚިދްމަތް އޮތް ފެންވަރެއްގައި، އޮތް ގޮތަކަށް އެބައޮތް. އެހެން އޮއްވާ، އަދި އެޚިދްމަތުގައިވެސް އަތްނުލެވޭ ވަރަށްގިނަ އަދަދެއްގެ ބަޔަކު އެބައުޅެއޭ.

ސަރުކާރުގެ ފުރަތަމަ އަމާޒަކަށްވީ، ޚިދްމަތް ރަނގަޅު ކުރަން އުޅުމެއް ނޫން. އެ އޮތް ޚިދްމަތަކަށް ވީހާވެސް ގިނަ ބަޔަކަށް އަތްލެވެން އެބައޮތްތޯ. އެ އޮތް ޚިދްމަތެއްގެ ބޭނުން ރާއްޖޭގެ ވީހާވެސް ގިބަ ބަޔަކަށް ކުރެވެން އެބައޮތްތޯ. މަދަނައިގެ އަދި އެންސްޕާރގެ ބޭނުމަކީ މިދެންނެވީ. ލިބެން މިއޮތް، އަޅުގަނޑުވެސް އެއްބަސް އެންމެ އެކަށީގެންވާ ޚިދްމަތެއް ނޫން. ތަރައްޤީ ކުރަން، ރަނގަޅު ކުރަން ހުރި ކިތަންމެކަމެއް އެބައޮތް. އެޚިދްމަތްތައް ވީހާވެސް ގިނަބަޔަކަށް އޭގެ ބޭނުންތެރިކަން ފޯރުކޮށްދެވޭނެ ގޮތަކަށް އެ ރައްޔިތުންގެ ކަންތައް ބަދަލުވެއްޖެ. އެހެންވީމާ، މަދަނަ އުފެއްދީ. އެ މިހާރު މިސާލަކަށް، އެންސްޕާގައި، މަދަނައިގައި ފަރުވާ ހޯދަމުން އެބަދޭ ފަންސާހަކަށް ހާސް މީހުން، އެޕްރޮގްރާމްގެ ތެރޭގައި. ދެން އަޅުގަނޑުމެން އަދި ވަކިން ޚާއްޞަކޮށް، ބޮޑަށް އަމާޒު ކުރަންވީ ދޭ ޚިދްމަތް ރަނގަޅުކުރަން. ހަމައެކަނި މި ލިބެމުންއައި ޚިދްމަތެއް ރާއްޖޭގެ ގިނަ ރައްޔިތުންނަށް ފުޅާކޮށްދިނުމެއްނޫން. ލިބެމުންއަންނަ ޚިދްމަތްވެސް ރަނގަޅު ކުރުމަށް. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ގިނަ މަސައްކަތްތަކެއް ހިނގަމުންދާނީ ލިބެމުން އަންނަ ޚިދްމަތްތައް އަދި އިތުރަށް ފުޅާކޮށް ރަނގަޅު ކުރުމަށްޓަކައި.

އަޅުގަނޑަށްވެސް އެނގޭ، ވަރަށް ދަންވެއްޖެ. ވަރަށްގިނަ ވަގުތު ވެއްޖެ. އަޅުގަނޑުމެން ވަރަށް ރޭވަންދެން މިހާރު މިތާ މިތިބީ. އެހެންނަމަވެސް އަޅުގަނޑު ނިންމާލުމުގެ ކުރީގައި އަދިހަމަ ކުޑަ އެއްވާހަކައެއް ދަންނަވާލަން ބޭނުން. ޚާއްޞަކޮށް، މިވާހަކައަކީ ނައިފަރާ ނުގުޅޭ ވާހަކައެއްގެގޮތުގައި އަޅުގަނޑެއް ފާހަގައެއް ނުކުރަން. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ނިސްބަތުން އެންމެގިނަ ސަރުކާރު މުވައްޒަފުން އުޅޭ އެއް ރަށަކީ ނައިފަރު. މިދިޔަ 2009 ވަނަ އަހަރުގެތެރޭގައި އައި އިޤްތިޞާދީ ހީނަރުކަމާ އަދި ސަރުކާރަށް އެކިގޮތްގޮތުން ވީ ދައްޗާއެކު ސަރުކާރުން ވަރަށްބޮޑަށް، ސަރުކާރު މުވައްޒަފުންގެ މުސާރައިން 15 ޕަސެންޓް ކުޑަކޮށް، އެފައިސާއިން ޙަޤީޤަތުގައި ސަރުކާދެރިޔަނުދީ މުޅި ރާއްޖެ ސަލާމަތްކޮށްދިނީ. އަޅުގަނޑަށްވެސް އެނގޭ، އެފައިސާ ދެއްވި ބޭފުޅުން ވަރަށް ހިތްހަމަނުޖެހުނު. އެބޭފުޅުންގެ މުސާރައިން ހަމަ ކޮންމެ މަހަކު ކޮންމެ މަހަކު ބައެއް ގެއްލޭ. އެހެންނަމަވެސް، އޭގެ ސަބަބުން އަޅުގަނޑުމެން އެ އިޤްތިޞާދީ ހީނަރުކަމުން އަޅުގަނޑުމެންނަށް އަރައިގަނެވިއްޖެ. ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިހާރު ހުރީ ވަރަށް ބާރަށް. އެއީ،އެ ޤުރްބާނީވީ ސަރުކާރު މުވައްޒަފުން އެދުވަހު 2009 ވަނަ އަހަރު ވެލެއްވީތީ. އެފައިސާ ދިވެހިންނަށް ދެއްވީތީ. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އިރާދަކުރައްވައިގެން، ސަރުކާރުގެ މަސައްކަތުން އަދި ސަރުކާރު މުވައްޒަފުންގެއެހިތެރިކަމާއެކީގައި އެހިންގުނު މަޝްރޫޢުތަކުން ދައުލަތުގެ އާމްދަނީ މިހާރު 7 ބިލިއަން ރުފިޔާއަށް އެ އަރަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުރީހުރި މަގަށް އަލުން އަނބުރާ ގެނެސްދެވޭނެ. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން ގެންދިޔައީ 7 ބިލިއަން ރުފިޔާއަށް ސަރުކާރުގެ އާމްދަނީ ދިޔައިމާ އަޅުގަނޑުމެންނަށް އެކަން އެގޮތަށް ބަދަލުކުރެވިދާނެ ކަމަށް. ކޮށްދެވިދާނެ ކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު އުންމީދު ކުރަނީ، ހަމަ މިއަހަރު ތެރޭގައި އެބަދަލު ސަރުކާރުގެ މުވައްޒަފުންނަށް ދެވިގެންދާނެއޭ. އެހެންވީމާ، އަޅުގަނޑު ސަރުކާރުގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް އެޤުރްބާނީ ވެލެއްވީތީވެ ޝުކުރު ވެރިވަން، ޝުކުރު ދަންނަވަން.

އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ އެކިއެކި ކަންކަމާ އަޅުގަނޑުމެން ކުރިމަތިލަމުންދާއިރުގައި، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، އަޅުގަނޑުމެންގެ ރާއްޖެ މިދަނީ ވަރަށް ބޮޑަށް ބަދަލުވަމުންކަން. ވާދަވެރި ސިޔާސީ ޖަމާޢަތްތަކަކީ ވަރަށް ބޭނުންތެރި ކަމެއް. ވަރަށް މުހިންމު ކަމެއް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެހާމެ މުހިންމު ކަމެއް. އެއްވެ އުޅުމުގެ މިނިވަންކަމަކީ އެހާމެ މުހިންމު ކަމެއް. އަޅުގަނޑުމެންގެ އެބައޮތް މާ މުހިންމު ޕްރޮގްރާމެއް. މާ މުހިންމު މަޝްރޫޢެއް. އެއީ ޑިމޮކްރަސީގެ މަޝްރޫޢު. ޚިޔާލުފާޅުކުރުމާ، މިނިވަންކަމާ، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ރައްޔިތެކޭ ބުނުމުގެ އުފާ އަޅުގަނޑުމެން މީހުންނަށް، އަޅުގަނޑުމެން ރައްޔިތުންނަށް ނުލިބޭނަމަ، ތަރައްޤީގެ މަސައްކަތެއް ނުހިނގާނެ. ރާއްޖެ ތަރައްޤީވެދާނީ ހުޅުވާލެވިގެން އޮވެގެން. އަޅުގަނޑުމެންގެ ސިކުނޑިތައްވެސް ހުޅުވާލެވިގެން. އަޅުގަނޑުމެންގެ ރަށްތައްވެސް ހުޅުވާލެވިގެން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
وَالحْمْـدُ لِلّـهِ، السّـلام عليـكم.