بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން، އަޅުގަނޑު ތިޔަބޭފުޅުން ނޫސްވެރިން މެދުވެރިކޮށް، ރާއްޖޭގެ ރައްޔިތުންނާ މި ބައްދަލުކޮށްލަނީ، އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގައި، އަޅުގަނޑުމެންނަށް ދިމާވާނެ އެންމެ ނާޒުކު އެއްދަނޑިވަޅުގައި، އެއްހިނދުކޮޅުގައި. އަޅުގަނޑު އަބަދުވެސް ދަންނަވަން، ޤައުމެއްގެ ޙަޔާތުގައި އަންނާނެއޭ ހިނދުކޮޅުތަކެއް، ވަގުތުކޮޅުތަކެއް. އެ ޤައުމު އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުވަނީ މިފަދަ ދަނޑިވަޅުތަކުގައި، މިފަދަ ހިނދުކޮޅުތަކުގައި އަޅުގަނޑުމެން ޢަމަލުކުރާ ގޮތުންނޭ. އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލިސް މިވަނީ ހުއްޓިފައި. އަދި ފުލުހުން ގެންދަވަނީ، ތަޙްޤީޤުކުރާ ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނީ، ތަޙްޤީޤު ހިންގުމަށް ފުލުހުންނަށް ޖާގަ ލިބިވަޑައިނުގަންނަވާ ކަމަށް. ކޯޓުތަކުގެ އިޖްރާއުތައް ކަނޑައެޅިފައި އޮތީ، ފަހިވެފައި އޮތީ، އެކަންކަން އެހެން ކުރިއަށް ފަސޭހަކަމާއެކީގައި ގެންދެވޭ ގޮތަށް ނޫންކަމަށް.

ވީމާ، ހިންގުމަށް އަދި އަމަންޢާންމު ބެލެހެއްޓުމާއި، ތަޙްޤީޤުތައް ކުރިއަށް ގެންދިޔުމަށްވެސް ސަރުކާރަށް މިވަނީ ވަރަށް ބޮޑަށް ދަތިވެފައި. އަޅުގަނޑަށް ފެންނަ ފެނުމުގައި، މިދެންނެވި ދަތިތަކުގެ އިތުރުން އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބައެއް ޤާނޫނުތަކުގެ ސަބަބުން ވެރިކަމުގެ ނިޒާމުގެ ތެރެއަށް ވަރަށް ބޮޑަށް އެޤާނޫނުތަކުގެ ބާރުވެރިކަން ފޯރައި، ރިޔާސީ ނިޒާމެއްގައި ކަން ހިންގޭނެގޮތް ނުވާ ގޮތަށް ޤާނޫނުތައް ފައްކާވެގެން އައުމާއި، މިބާވަތުގެ ކިތަންމެ ކަމެއް އަޅުގަނޑުމެންނަށް ދިމާވެފައިމިވާއިރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިކަންކަމުގެ އަޞްލު ޙަޤީޤަތުގައި ގުޅިފައި އޮތީ ޤާނޫނުއަސާސީގެ ސިފައާ. އަޅުގަނޑުމެންގެ ޤާނޫނުއަސާސީ، އަޅުގަނޑުމެން ތަންފީޒު ކުރަމުންދާއިރުގައި، މި ދިމާވާ ދަތިތައް އެބަ ޙައްލުކުރަން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ.

އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންނަށް ދެގޮތުންކުރެ ކޮންމެވެސް އެއްގޮތެއް ހެދެން އެބައޮތް. އެއްގޮތަކީ ބަރްލަމާނީ ނިޒާމަކަށް ޤާނޫނުއަސާސީ ބަދަލުކުރުމަށް ދެފަރާތުންމެ، ހުރިހާ ސިޔާސީ ފަރާތްތަކަކުން އެއްބަސްވުން. އެހެން އެކަން ހިނގާއިރުގައި، ރައްޔިތުންގެ މަޖިލިސް އިންތިޚާބުވާން ޖެހޭނެ އަލުން. އަދި ސަރުކާރުގެ ވެރިއަކުވެސް އަލުން ކަނޑައެޅެންޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުވެސް އަލުން އިންތިޚާބުވާންޖެހޭނެ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ޤާނޫނުއަސާސީ އިޞްލާޙުކޮށް، ބަރްލަމާނީ ނިޒާމަކަށް މި ރާއްޖެ ބަދަލުކުރުމަށް ބޭނުންވާ ކޮންމެ އިންތިޚާބަކާ ކުރިމަތިލުމަށް އަޅުގަނޑު މިހުރީ ތައްޔާރަށޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި، މިގޮތަށް މިޤާނޫނުއަސާސީ އޮވެގެން އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއެއްވެސް، ރައްޔިތުންގެ އެދުންތަކެއްވެސް އަޅުގަނޑުމެންނަކަށް ފުރިހަމައެއް ނުކޮށްދެވޭނެ.

ބަރްލަމާނީ ނިޒާމަކަށް އެދިވަޑައިނުގަންނަވަނީނަމަ، އެއީ ރަނގަޅުގޮތް ކަމަށް އިދިކޮޅު ފަރާތްތަކަށް ފެނިވަޑައިނުގަންނަވަނީނަމަ، ދެވަނަ ގޮތެއްގެ ގޮތުގައި އަޅުގަނޑު ހުށަހަޅަނީ، ރިޔާސީ ނިޒާމު ފުރިހަމަކުރުން. އެއީ ހަމަ ޑީ.އާރު.ޕީ އިން ރިޔާސީ ނިޒާމަށް ވަކާލާތު ކުރައްވަމުން ގެންދެވިއިރުގައި، އެބޭފުޅުން ރިޔާސީ ނިޒާމެއްގައި ހުންނާނެ ސިފަތައް، ހުންނަންޖެހޭނެ ސިފަތައް ކަމަށް ބަޔާންކުރި ސިފަތައް، މިޤާނޫނުއަސާސީއަށް ގެނައުން. އެ މިންވަރަށް ޤާނޫނުއަސާސީ އިޞްލާޙު ކުރުން. މިދެންނެވި ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙެއް ގެނައުމުގެ މަސައްކަތަކީ، ކުއްލިއަކަށް ހިންގޭނެ މަސައްކަތެއް ނޫން. އެހެން ނަމަވެސް، ހުރިހާ ފަރާތަކުން އެއްބަސްވާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ، އެމަސައްކަތަކީ އަޅުގަނޑުމެން މިހާރު ފަށައިނުގަނެ، އެއްގޮތަކަށްވެސް ތިބެންވާނެ މަސައްކަތެއް ނޫނޭ. ރިޔާސީ ނިޒާމު ފުރިހަމަ ކުރުން ނުވަތަ ބަރްލަމާނީ ނިޒާމަށް ބަދަލުވުން. އަޅުގަނޑު ތަކުރާރު ކުރަން، އަޅުގަނޑު މިހުރީ އެފަދަ ބަރްލަމާނީ ނިޒާމަކަށް އަޅުގަނޑުމެން ބަދަލުވާއިރުގައި، އަލުން އަނބުރާ އިންތިޚާބަކަށް ދިޔުމަށް ވަރަށް ބޮޑަށް ތައްޔާރަށޭ.

ހަމައެޔާއެކީގައި މިއަދުން މިއަދަށް ޙައްލުކުރަންޖެހޭ އެތައްކަމެއްވެސް އެބަހުރި. އޭގެތެރޭގައި، ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮންނަ އޮތުމުން އަރައިގަތުން. އަދި ރައްޔިތުންގެ މަޖިލީހުގައި މިހާރު ހުރި ބައެއް ބިލްތައް އަވަހަށް ގެންގޮސް ނިންމައި، ރައްޔިތުންނަށް އޭގެ ފައިދާ ހޯދުން. އަދި ރައްޔިތުންގެ މަޖިލީހުން ވަކާލާތުކުރާ ބައެއް ކަންކަން، އެ ދެފަރާތް އެއްބަސްވެވޭ ގޮތަކަށް، އެކަމުގައި މެންބަރުން ވަކާލާތު ކުރައްވަމުން ގެންދެވުމަށް. މިހުރިހާ ކަމެއް ކުރުމަށް އަޅުގަނޑު އެއްބަސްވަން.

އަޅުގަނޑު އަޑުއަހައިފީމު، ތަސްމީން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ވާހަކަ، އެބޭފުޅާ މީޑިއާގެ ޒަރީޢާއިންވަނީ ވިދާޅުވެފައި. އަޅުގަނޑު ތަސްމީނަށް ދަންނަވަން ބޭނުމީ، އަޅުގަނޑު އުންމީދު ކުރަމޭ، އެމް.ޑީ.ޕީ އިންވެސް އަދި ހުރިހާ ޕާޓީތަކަކުންވެސް، ޚާއްޞަކޮށް، އެމް.ޑީ.ޕީ އާއި ޑީ.އާރު.ޕީ އެއްތަނެއްގައި އިށީނދެ ތިބެ، ރިވެތި ގޮތުގައި ވާހަކަ ދެއްކޭނެ ގޮތެއް ހޯދޭނެ ކަމަށް. އަޅުގަނޑު އުންމީދު ކުރަނީ މިއަދު އެވާހަކަތައް ހިންގަން ފެށްޓޭނެ ކަމަށް. އަޅުގަނޑު، އަޅުގަނޑު ޕާޓީގެ ބޭފުޅުންނާ މަޝްވަރާ ކުރިން. އެބޭފުޅުން މިހާރު ތިއްބެވީ މަޝްވަރާގައި. އެބޭފުޅުން އަޅުގަނޑު މި އުންމީދު ކުރަނީ، ރިވެތި ގޮތުގައި ވާހަކަ ދެއްކެވުމަށް ތައްޔާރަށް ތިއްބަވާނެ ކަމަށް.

އަޅުގަނޑު އެދެނީ، ޑީ.އާރު.ޕީ އާއި އެމް.ޑީ.ޕީ އިށީނދެ ތިބެ ވާހަކަ ދައްކައިގެން، މިހާރުން މިހާރަށް އިޞްލާޙު ކުރައްވަންޖެހޭ ކަންކަން އިޞްލާޙު ކުރެއްވުމާއި އަދި މިދެންނެވި ދިގު މުއްދަތުގެ ކަންތައްތައް އެއީ، ޤާނޫނުއަސާސީއަށް ބަދަލެއް ގެނެސްގެން، ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ކުރަންހުރި ކަންތައްތަކާ ގުޅޭގޮތުން ވިސްނެވުން. ހަމައެހެންމެ، އަޅުގަނޑު ދަންނަވާލަން މިދެޕާޓީންމެ ބައްދަލުވެ، ވާހަކަ ދެކެވެމުންދާއިރުގައި، އަޅުގަނޑު އެދެން، އެންމެހާ ފަރާތްތައްވެސް ޞުލްޙައަށް ލޯބި ކުރުމަށް. އެއްވެސް ބޭފުޅަކު، އެބޭފުޅެއްގެ އަމިއްލަ އަތަށް ޤާނޫނު ނުނެންގެވުމަށް. އަދި ހުރިހާ ބޭފުޅުންވެސް ޑިމޮކްރަސީގެ ރިވެތި އުޞޫލުގައި، އެންމެހާ ކަންކަންވެސް ކުރައްވަމުން ގެންދެވުމަށް. އަޅުގަނޑު ޚާއްޞަ ގޮތެއްގައި އެންމެ ބޭފުޅުންނަށް ދަންނަވަން، މަޑުމައިތިރިވުމަށް.

އަޅުގަނޑު ކުރުގޮތަކަށް ދަންނަވަން ހުރި ވާހަކައަކީ މިއީ. އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލަށް ފުރްޞަތު އަރުވާނަން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުގެ ދެ ސުވާލެއް މަނިކުފާނަށް އެބައޮތް. ފުރަތަމަ ސުވާލަކީ މަނިކުފާނު އިޝާރާތް ކުރައްވައިފި، ބަރްލަމާނީ ނިޒާމެއްގެ ވާހަކަ. މަނިކުފާނުގެ ޕާޓީ، އަޅުގަނޑުގެ ހަނދާނުގައިދިޔަ، ނިޒާމީ ވޯޓުގައި ބޮޑަށް ހަމަ މުޅިންވެސް ވަކާލާތު ކުރެއްވީ ބަރްލަމާނީ ނިޒާމެއް ރާއްޖެ ގެނައުމަށް. ދެން މަނިކުފާނު ޕަރސަނަލީ ގަބޫލުފުޅު ކުރައްވަނީ ކޮން ނިޒާމެއްތޯ؟ ބަރްލަމާނީ ނިޒާމަކަށްތޯ މިޤައުމު މިވަގުތު ހިންގަން މަނިކުފާނު އެންމެ ބޮޑަށް ގަބޫލުފުޅު ކުރެއްވެނީ. ތިޔަ ވިދާޅުވިގޮތަށް ފުރިހަމަ ރިޔާސީ ނިޒާމެއްގެ ކަންތައްތައް ގެނެސްގެން ހިންގިދާނެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟

ދެވަނަ ސުވާލަކީ މަނިކުފާނު އިޝާރާތް ކުރައްވައިފި، މަޖިލިސް ހުއްޓުމަކަށް އައިސްފައި އޮތް ވާހަކަ. އަޅުގަނޑުމެންނަށް ފެނުނީ، މިހަފްތާ ފެށިގެން ތިން ޖަލްސާ އެދިޔައީ ހަމަ ހުއްޓިގެން. އެބޭފުޅުންގެ މައިގަނޑު ޝަކުވާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނުނީ، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން އާރަށުގައި، މަނިކުފާނު ވިދާޅުވެފައި އޮތް ގޮތަށް ނުވަތަ ވިދާޅުވެފައިވޭ އެކަހެރި ކުރައްވާނެ ކަމަށް. އެބޭފުޅާ އެކަހެރި ކުރައްވާނެ ކަމަށް ޔާމީނަށް އިޝާރާތް ކުރައްވައި ވިދާޅުވެފައި އެބައޮތް. ދެން މި ޞުލްޙައިގެ ވާހަކަތަކަށް ދިޔުމަށް މަނިކުފާނު ބޮޑަށް ބާރުއަޅުއްވާއިރުގައި، ކޮންގޮތަކަށްތޯ ސަރުކާރުގެ ވިސްނުން މިވަގުތު ހުރީ. ޔާމީންގެ އެ ޙިމާޔަތުން ދޫކޮށްލުމަށް އެކަހަލަ ވިސްނުމެއް އެބަ ގެންގުޅުއްވަންތޯއޭ؟ މިދެންނެވީ ޑިފެންސުން ވިދާޅުވި އެއްވެސް ކަހަލަ ޖިނާއީ ކުށެއްގެ ތުހުމަތަކު ނޫނޭ. ހިމާޔަތަށް އެކަންޏޭ އެބޭފުޅާ ބަހައްޓަވާފައި ހުރީ. އެހެންވެއްޖިއްޔާ މަޝްވަރާގެ މޭޒަށް ދިޔުމަށްޓަކައި އެއީ އެންމެ މުހިންމު އެއްކަންތައް ކަމަށް މަނިކުފާނު ގަބޫލުފުޅު ކުރައްވަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ ރިޔާސީ ނިޒާމަކީވެސް އަދި ބަރްލަމާނީ ނިޒާމަކީވެސް ހަމަ ދުނިޔޭގައި ރީތިކޮށް ޤައުމުތަކުން ތަޖްރިބާ ކުރަމުން އަންނަ ދެބާވަތުގެ ނިޒާމު. އާދެ! އަޅުގަނޑުމެން ވަކާލާތުކުރީ ބަރްލަމާނީ ނިޒާމަކަށް. އަޅުގަނޑުމެންނަށް އޭރު ފެނުނު ގޮތުގައި، ރާއްޖޭގައި އެންމެ އެކަށީގެންވާ ގޮތެއްގައި ވެރިކަން ހިންގެން އޮތީ ބަރްލަމާނީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންވެސް ތިއްބަވައިގެން. ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހައްދަވަމުން އަދި ވެރިކަން ހިންގުމުގެ ކަންތައް ކުރިއަށް ގެންދިޔުން. އެއީ އަޅުގަނޑުމެންނަށް އަބަދުވެސް ރަނގަޅު ނިޒާމެއްގެ ގޮތުގައި ފެނިފައި އޮތް ނިޒާމު. ދެން ހަމައެހެންމެ، ރިޔާސީ ނިޒާމަކީވެސް ވަރަށް ފުރިހަމަ ނިޒާމެއް. އެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން އެކަން ކޮށްފިއްޔާ. ބަރްލަމާނީ ނިޒާމުވެސް ވިޔާނުދާ ގޮތަކަށް، އެ ގަޑުބަޑުކޮށްގެން އަޅުގަނޑުމެން އެކަން ކުރާން އުޅެންޏާ، މިއީ ޚާއްޞަ ޙާލަތެކޭ، ރާއްޖެއޭ، ދުނިޔެއިން ބޭރޭ، އަޅުގަނޑުމެންނޭ، އެހެން ދެކި، އެހެން ޤައުމުތަކުގެ ތަޖްރިބާއަށް އަޅުގަނޑުމެން ބަލައިނުލާ އެކަން ކުރާން ވެއްޖިއްޔާ ހަމަ އަޅުގަނޑު ދަންނަވާނީ އަންނާނީ ދަތިވަމުންނޭ. މިދެގޮތްވެސް ހަމަ އަޅުގަނޑަށް ރަނގަޅު. އަދި ކޮންމެވެސް އެއްގޮތެއް ޚިޔާރު ކުރީމާ އަޅުގަނޑަށް ނިމުނީ. ދެފެން ދޭތެރޭގައި އެއްވެސް ގޮތެއްގައި އަޅުގަނޑުމެން ނުތިބޭނަން.

ދެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓުން. އެއީ ވަރަށް ދެރަ ކަމެއް. އެހެން ނަމަވެސް، ސަރުކާރުން މީހަކު އެކަހެރި ކޮށްފައި ބަހައްޓާ ބެހެއްޓުމާއި، ރައްޔިތުންގެ މަޖިލިސް ހުއްޓުމަށްދިޔުމާ، އަޅުގަނޑު ދެން އެދެކަމުގައި އެ އޮތް ގުޅުމެއް ކަމަށް އެވިދާޅުވާ ވިދާޅުވުމުގެ، އެ ގުޅުވާލަން އަޅުގަނޑަށް ވަރަށް ދަތިވޭ. މަޖިލީހުގެ ހިންގާ ގަވާއިދުގެ ތެރެއިން ކަމަށް އެބޭފުޅުން ވިދާޅުވަނީ، ދެން އަޅުގަނޑު މިދެކޭގޮތަކީ މަޖިލީހުގައި ހިންގާ ގަވާއިދަކީ މަޖިލީހުގައި ހިންގާ ގަވާއިދު. ދެން އަދި ދައުލަތުގެ އެހެން ޢާންމު އުޞޫލުތަކާއި ޤާނޫނުތަކާއި ސަރުކާރު ހިންގާ ގޮތްތަކާ، މި އެންމެހާ ކަންކަންވެސް އެބަހުރި. އެހެންވީމާ، އެކަންކަމުގެ މައްޗަށްވެސް އަޅުގަނޑުމެން ރިޢާޔަތް ކުރަންޖެހޭ. ދެން ޞުލްޙައިގެ ވާހަކަތައް ދެއްކުމުގައި ކޮބައިތޯ އެންމެ ރަނގަޅު ގޮތަކީ. ޞުލްޙަވެރިވެގެންދާއިރުގައި އެއްވެސް ބޭފުޅަކު ހައްޔަރުވެފައި ހުރުން އެއީކީ ހަމަގައިމުވެސް ރަނގަޅު ގޮތެއް ކަމަކަށް އެއްވެސް ބޭފުޅަކަށް ވަކާލާތެއް ނުކުރެވޭނެ.

އަޙްމަދު ރިފާޢު – ވީ.ޓީ.ވީ:

އަޅުގަނޑުގެ ދެތިން ސުވާލެއް އެބައޮތް. އުންމީދު ކުރަން، ހުރިހާ ސުވާލަކަށްވެސް ޖަވާބު ދެއްވާނެ ކަމަށް. މަނިކުފާނު ތަކުރާރުކޮށް ބަރުމާގެ އިދިކޮޅު ލީޑަރ އަންސަންގ ސޫޗީ ދޫކޮށްލުމަށް ގޮވާލާފައި ވާހަކަފުޅު ދައްކަވާފައިވަނީ. ބައެއް ރޭޑިޔޯ ޚިޠާބުތަކުންވެސް އަޅުގަނޑުމެންނަށް އެ އަޑު އިވިފައި ވަނީ. މަނިކުފާނު ގަބޫލުފުޅު ކުރައްވަންތޯ، މިހާރު ހައްޔަރުގައި ހުންނެވި ޢަބްދުﷲ ޔާމީން، ސަރުކާރަށް މާބޮޑު ޗެލެންޖަކަށްވަނީތޯ، ކަންކަން ކުރެއްވުމުގެ. ކީއްވެގެންތޯ ޢަބްދުﷲ ޔާމީން ދޫނުކޮށްލެއްވިގެން ތިޔައުޅުއްވަނީ. އެއީ މަނިކުފާނަކީ ޤައުމީ ދިފާޢީ ބާރުގެވެސް އެންމެ އިސްވެރިޔާ ކަމަށްވާތީ، އަޅުގަނޑު މިސުވާލު މި ތަކުރާރުކޮށްލަނީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ބަރުމާގެ ލީޑަރ އަންސަންގ ސޫޗީ އަވަހަށް ދޫކޮށްލާތޯ އަޅުގަނޑު އަނެއްކާވެސް ތަކުރާރު ކުރަން. އަޅުގަނޑު އަދި ރާއްޖޭގެ ރައްޔިތުންނަށާއި، އެންމެހާ ނޫސްވެރިންނަށް ދަންނަވާލަން ބޭނުން، އެބޭފުޅާއަކީ ކޮން ބޭފުޅެއްކަން، ބަރުމާގެ ލީޑަރަކީ. ހަމަ އެންމެ ބޭފުޅުންވެސް ދެނެވަޑައިގަންނަވަން ޖެހޭނެ. ކޮންކަހަލަ ޤަދަރަކާއި، ކޮންކަހަލަ ޢިއްޒަތަކާއި، ކޮންކަހަލަ އަޣްލަބިއްޔަތަކާއި، ކޮންކަހަލަ ދިރިއުޅުމެއްގެ ވެރިއެއްކަން. އަދި ކޮންކަހަލަ ޙާލަތެއްގައި، ކޮންކަހަލަ ގޮތަކަށް ހައްޔަރުގައި ހުންނެވި ބޭފުޅެއްކަން. އެހެންވީމާ، އަނެއްކާވެސް އަޅުގަނޑު ތަކުރާރު ކުރާނަން، ބަރުމާގެ ލީޑަރ އަންސަންގ ސޫޗީ އަވަހަށް ދޫކޮށްލުމަކީ ހަމަ ކަށަވަރުންވެސް އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

ސަރުކާރު ހިންގަމުން މިގެންދަނީ ޤާނޫނީ ހަމަތަކުގެ މަތިން. ސަރުކާރު ހިންގަމުން މިގެންދަނީ ސަރުކާރު ހިންގުމުގެ ބާރާއި އާރު ސަރުކާރުގައި ހުރި ކަމަށް ސަރުކާރުން ފުރިހަމައަށް ގަބޫލުކުރެވި، އަދި ހަމައެހެންމެ، އެ ބާރާއި އާރު ނުހަމަގޮތުގައި ބޭނުންކުރުމަކީ ރައްޔިތުންނަށްވެސް، ސަރުކާރަށްވެސް، ރާއްޖެއަށްވެސް ފައިދާހުރި ކަމެއް ނޫންކަން އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކޮށްގެން.

އަޙްމަދު ރިފާޢު – ވީ.ޓީ.ވީ:

އެމް.ޑީ.ޕީ އިން އާރޓިފިޝަލް ބީޗްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަނިކާފުނު ވިދާޅުވެފައި އެބައޮތް، ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ ހަމައެކަނި ކުރެވެން އޮތްހާ ކަމެއް ކުރުމަށް ނޫންކަމަށް. ދެން ހަމައެއާއެކު ވިދާޅުވި، "ޗާޓުން ބޭރުން ކުރަންޖެހޭ ކަމެއް ކަމަށްވިޔަސް، އަޅުގަނޑު އިރާދަކުރެއްވިއްޔާ އެކަން ކުރާނަމޭ. އުންމީދު އަޅުގަނޑު ކުރާނީ، އެނބުރި ޗާޓަށް އައުމަށް ކަމަށް." މަނިކުފާނު ތިޔަ އިޝާރާތް ކުރައްވާ ޗާޓުން ބޭރުވުމަކީ ނުވަތަ އެ ޗާޓަކީ ކޮބައިތޯ ފުރަތަމަ އަޅުގަނޑު ހަމަ އެސުވާލު އަމާޒުކޮށްލަން ބޭނުންވަނީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ތިޔަބޭފުޅާގެ ނަޒަރުގައި ޗާޓަކީ ކޮބައިތޯ؟ ދެން ހަމަ އަޅުގަނޑު އަނެއްހެން މީގެ ބަޙުޘަކަށްދާކަށް ނެތް. ދެން އަޅުގަނޑު ހަމަ ޖަވާބެއް އަރުވާނަން. ޗާޓް ޢާންމުކޮށް މިކިޔަނީ، މިސާލަކަށް އަޅުގަނޑުމެން ޢާންމު ގޮތެއްގައި ކިޔާ މިއުޅެނީ، ޕްރޮސެސްތަކަށް ނުވަތަ އެޖެންޑާއަކަށް ނުވަތަ މެނިފެސްޓޯއަކަށް ނުވަތަ ރޯޑްމެޕަކަށް ނުވަތަ އަޅުގަނޑުމެން ކަންތައްތަކެއް ކުރުމަށް ކުރިއަށް، މިސާލަކަށް އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، އަޅުގަނޑުމެން އައީ ޗާޓެއް ހުށަޅައިގެން. އެ ޗާޓުގައި އޮންނާނެ، އެއީ ދެން އެހެން ގޮތަކަށް ދަންނަވަންޏާ މެނިފެސްޓޯއެއް. ދެން އެހެން ގޮތަކަށް ދަންނަވަންޏާ، އޭގައި ހުންނާނެ ޕްރޮޖެކްޓްތަކެއް، ޕްރޮގްރާމްތަކެއް. އޭގައި ބުނެފައި އޮންނާނެ، އަޅުގަނޑުމެން އެންމެ އިސްކަމެއްދޭނީ ފްލެޓް އަޅާށޭ. އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ އަނެއްކަމަކީ ޑްރަގްގެ ވަބާއިން ރައްކާތެރިވުމަށޭ. ދެން އަޅުގަނޑުމެންނަށް ހިންގަމުންދާއިރުގައި، އެ ޗާޓުން ބޭރުވެ، އަޅުގަނޑުމެންނަށް އެހެން މަސައްކަތްތަކަކަށް އިސްކަންދީގެން ކުރާން ޖެހިއްޖިއްޔާ، އެކަންކަން އަޅުގަނޑު ކުރާނަމޭ.

އަޙްމަދު ރިފާޢު – ވީ.ޓީ.ވީ:

ޤައުމީ ސަލާމަތާބެހޭ ކޮމިޓީއިން ލަފާދީގެން ކަމަށް އެމް.އެން.ޑީ.އެފް.އިން ވިދާޅުވެފައިވަނީ، ޢަބްދުﷲ ޔާމީން މިހާރު އެމް.އެން.ޑީ.އެފް.ގެ ބެލުމުގެ ދަށުގައި ހުރީ. ސިފައިންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޤައުމީ ސަލާމަތާބެހޭ ކޮމިޓީގައި މަޝްވަރާ ކުރެވޭ ކަންތައްތައް ނިންމުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާއަށްދީފައި މިއޮންނަނީ، އެއީ ކޮމާންޑަރ އިން ޗީފް ކަމަށްވާތީ. ޢަބްދުﷲ ޔާމީން ހައްޔަރުކޮށްފައި އެހުރީ މަނިކުފާނުގެ ނިންމުމަކަށްތޯ؟ މަނިކުފާނުގެ އަމުރެއްގެ ދަށުންތޯ؟ މަނިކުފާނު ނިންމުމެއް ކަމަށްވާނަމަ، ޤާނޫނާއި ގަވާއިދާ ޚިލާފުވާ ގޮތަށް، މި އިދިކޮޅު ފަރާތްތަކުން އެބަ ތުހުމަތުކުރޭ، ޤާނޫނާއި ގަވާއިދާ ޚިލާފުވާ ކަމަށް، އެކަން އެގޮތަށް ކޮށްފައި ހުރުމުން. މަނިކުފާނުގެ ނިންމެވުމެއް ކަމަށްވާނަމަ، އެކަން އެގޮތަށް ކުރެއްވި ބޭނުން ވަރަށް ސާފުކޮށް ވިދާޅުވެދެއްވަފާނަންތޯ؟ ކީއްވެގެންތޯ، ޤާނޫނާއި ގަވާއިދުގެ އިމުގެ ބޭރުން މަނިކުފާނު އެކަން ކުރަން އަމުރު ނެރުނީ؟ އެއީ ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނެފައި އޮވޭ، ދައުލަތުގެ ޤާނޫނު ރައްކާތެރިކޮށް ޙިމާޔަތް ކުރުމަކީ މަނިކުފާނުގެ ވާޖިބެއް ކަމަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ. ސިފައިން ކުރާ ހުރިހާ ކަމެއް ކުރާނީ އަޅުގަނޑުގެ އަމުރަށް. ދެން ހަމަ ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑު، އަޅުގަނޑުގެ އަމުރު ކުރަނީ ޤާނޫނީ ޙުދޫދުގެ ތެރޭގައި، ދެން އެ ޙުދޫދާއި އެ ހަމަ ވަރަށް ސާފުކޮށް އަބަދުމެ ބަޔާންކުރަމުން ގެންދާނީ. ދެން ހަމަ މިކަމާ ގުޅޭގޮތުން ތިޔަބޭފުޅުން މި އޮޅިވަޑައިގެންފައި ތިއްބަވާތީވެ، ޤާނޫނީ ޙުދޫދު މިއޮތްގޮތް. މިނިސްޓްރީ އޮފް ޑިފެންސުން މިނިސްޓްރީ އޮފް ޑިފެންސްގެ ޤާނޫނުގެ ދަށުން ޢަމަލެއް ހިންގަނީ. ދެން މިހުންނަނީ މިނިވަން ކޯޓްތަކެއް. ދެން އެ ކޯޓުތަކަށް އެ ހިންގާ ޢަމަލަކާ ހިތްހަމަނުޖެހުނީމާ، ދެން އެބޭފުޅުން ނުވަތަ އެ މުއައްސަސާތަކުން ނުވަތަ ފަރާތްތަކުން މިމައްސަލަ ހުށަހަޅަނީ. ތިޔަވިދާޅުވާ އަޅުގަނޑަށް ހީވަނީ، ތިޔަ އިޝާރާތްކުރާ ކަމުގައިވެސް ކޯޓަށް އޮތީ މައްސަލައެއް ހުށަހެޅިފައި. ކޯޓަކުންނެއް އެއްވެސް ހާލެއްގައި ޙުކުމެއް އިއްވަވާފައެއް ނެތް. އެއީ ސިފައިންގެ ޤާނޫނުގެ ދަށުން އެ ޢަމަލު ކުރަމުން މިގެންދާ ގޮތް އެއީ، ޤާނޫނާ ތަޢާރުޒުވާ ގޮތަކަށް. ނުވަތަ ކޯޓުގެ ޝަރްޢީ ޙުކުމެއް ނެތް. ދެން އެ ޙުކުމެއް ނެތްއިރުގައި، އަދި ޢަމުދުން ޝަރީޢަތުގައި އޮތް ކަމަކާ ގުޅޭގޮތުން. ދެން އަޅުގަނޑު ހަމަ ހިތަށްއަރަނީ، އެއީ ބުއްދިވެރި ކަމެއް ނޫނޭ، އެބާވަތުގެ ކަމެއްގައި ތިހާ ޔަޤީންކަމާއެކީގައި ޤާނޫނާ ޚިލާފުވާ ކަމަށް އެއްބޭފުޅަކު އަނެއް ބޭފުޅަކާ އިނގިލިދިއްކޮށް ހެއްދެވުން އެއީ. އެހެންވީމާ، އިދިކޮޅު ފަރާތްތަކަކުންވެސް އަޅުގަނޑެއް ނުދެކެން، އެގޮތަށް އެވާހަކަ އެކަން ކުރިއަށް ގެންދަވާނެ ކަމަކަށް. އަޅުގަނޑެއް ހަމަކަށަވަރުންވެސް ނުދެކެން، އެއްވެސް ސިޔާސީ ޕާޓީއަކުންވެސް އެހެން ވިދާޅުވެދާނެ ކަމަކަށް.


JJ. Robinson: Minivan News

In the short term, how is the government going to be able to legitimize its case against MPs that are accused, legitimize its case in a court, given the current state public confidence in the judiciary?

President Mohamed Nasheed:

It is going to be very difficult for us to legitimize a process through the present judiciary. I would like people to understand that since the implementation of multi party system here in the Maldives, we first had presidential elections and therefore we have a new executive. Then we had parliamentary elections and therefore, we have a new legislature. But we have done nothing to upgrade or to bring the judiciary to the present constitution’s standards. So until and unless we do something about that it is going to very difficult for us to legitimize or for the people to understand how the judiciary works.

I also would like to again point out all the arrests, actions and omissions of the government are completely within the law. There is not a single step that I have taken that cannot be completely and fully justified in a court of law and I would like to maintain that and I would like to stress upon that.


JJ. Robinson:

Does this mean the detention of Yameen is within the constitution?

President Mohamed Nasheed:

Your colleague just alluded to that and I said that in Dhivehi. Yes, it is completely within the law. And when the defendant felt that he was harmed he went to the court and lodged a case. The court has not decided that the government is in breach of the law. The court has not decided that it is an illegal arrest. So until and unless the courts decide, however weak or however much they lack capacity, that is the only system that we have so we have to go according to it and we have to be using it.


ޙައްވާ ލުބްނާ - ސަން.އެފް.އެމް:

އަޅުގަނޑުގެ ދެތިން ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކަށް އަޅުގަނޑުވެސް ހަމަ ދާން ބޭނުންވަނީ ރިފާޢު އަދި ޖޭ.ޖޭ އެ ފާހަގަކުރެއްވި މައްސަލައަށް. އެއީ، ޤާނޫނުއަސާސީގައި ނޫނީ ޤާނޫނުން ލިބިދޭ ކޮންބާރެއްގެ ދަށުންތޯ މިހާރު ޔާމީންގެ ނުރުހުމުގައި ޙިމާޔަތް ދެއްވާފައި ސިފައިން އެ އުޅުއްވަނީ. ދެން ސިފައިންވެސް ނެރުނު ބަޔާނުގައި، އެއްވެސް ޤާނޫނަކަށް ނޫނީ ޤާނޫނުއަސާސީއަކަށް ރިޢާޔަތް ކުރައްވާފައެއް ނެތް އަދި މިހާތަނަށް. އެހެންވެ، އަޅުގަނޑު ސިފައިންގެ އަރިހުންވެސް އެހިން މިސުވާލު. އެހެން ނަމަވެސް، ދެން މަނިކުފާނުވެސް މިއަށް ޖަވާބެއް ދެއްވުން އެދެން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށް ތަފްޞީލުކޮށް ރައްޔިތުންގެ މަޖިލީހުގައި، މިނިސްޓަރ އޮފް ޑިފެންސް، އޭގެ ޤާނޫނީ ހަމަ މުޅި ހުރިހާ މާއްދާތަކާއި، އެކަން ހިނގާފައި އޮތް ގޮތް ވަނީ ރައްޔިތުންގެ މަޖިލީހަށް ކިޔައިދީފައި. ދެން އަޅުގަނޑުވެސް އެ ޓޭޕް އަޑުއަހާލާނަން. އަޅުގަނޑު އުންމީދު ކުރަން، ލުބްނާވެސް އަޑު އައްސަވާނެ ކަމަށް. އެހެންވީމާ، އަޅުގަނޑެއް ހަމަ ލުބްނާ އެއްގޮތަކަށްވެސް ނުދެކެން، އަޅުގަނޑުމެން މަޢްލޫމާތު ނުދީވާ ކަމަކަށްވެސް އަދި އަޅުގަނޑުމެން ޤާނޫނާ ޢަމުދުން ޚިލާފު ކަމެއް ހަމަ އެއްގޮތަކަށްމެ ކޮށްގެން ނޫޅެން.

ޙައްވާ ލުބްނާ - ސަން.އެފް.އެމް:

މަނިކުފާނު ފާހަގަކުރައްވައިފި، ކޯޓުން އެފަދަ އެއްވެސް އަމުރެއް ނުނެރެއޭ ޤާނޫނުއަސާސީއާ ސަރުކާރުން ޚިލާފުވާ ކަމަށް. ނޫނީ އެފަދަ އަމުރެއް ނެރެފައިވާ ކަމަށް. އާދެ! އެހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިމައްސަލަ ކޯޓަށް ގޮސްފި. ޔާމީންގެ ވަކީލު މިމައްސަލަ ނަންގަވާފައިވަނީ. އެހެން ނަމަވެސް، މިމައްސަލަ ކުރިއަށް ގޮސްގެން މިއުޅެނީ، ސިފައިން ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވީމާ. ދެން އެހެންވެ، މަނިކުފާނު ގަބޫލު ކުރައްވަންތޯ، ކޯޓަށް އަމުރެއް ނުނެރެވިގެން މިއުޅެނީ، ސިފައިން އެގޮތަށް ކަންތައް ކުރައްވާތީ ކަމަށް. ނޫނީ މިކަމުގައި އަދި ވަކި ޑިޒީޝަނަކަށް، ކްލިއަރ ޑިޒީޝަނަކަށް ނާދެވިގެން މިއުޅެނީ އެހެންވެގެން ކަމަށް.


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިސާލަކަށް އެހެން ބޭފުޅެއް ކައިރީ އަޅުގަނޑު އެހީ، ތިޔަބޭފުޅާ ގަބޫލު ކުރަންތޯއޭ، ކޯޓަށް ޑިޒީޝަނަކަށް، ނާދެވިގެން މިއުޅެނީ، އެ ޑިފެންޑެންޓުންނާ ހުރެއޭ. އެ ޙައްޞުމުންނާ ހުރެއޭ ކޯޓަށް ޙުކުމަކަށް ނާދެވިގެން މިއުޅެނީ. ދެން އެހެން އައްސަވާކަށް ނުވާނެ. ކޯޓެކޭ ކިޔުއްވާފައި، އިޝާރާތް ކުރައްވާފައި ތިޔަ ސުވާލު ކުރައްވާއިރުގައި. ކޯޓަކަށް ޙައްސުމުންނާހުރެ އަޅުގަނޑަކަށް ހިއެއްނުވޭ ޙުކުމަކާ ހަމައަށް ނާދެވިވާނެ ހެނެއް. ދެން ހަމަ މިދަންނަވާހެން އެހެން ބޭފުޅަކު ވިދާޅުވާނެ، މިވެނި ކޯޓަކުން ޙުކުމެއް އެގޮތަށް އައިސްފައި އެއޮތީ، އެވެނި ބޭފުޅަކާ ހުރެއޭ. ދެން އަޅުގަނޑު އަނެއްކާ އަދި ޢަމުދުން އަޅުގަނޑުމެންގެ އެންމެ ދުވަސްވީ އެއް މުއައްސަސާ އެއީ ސިފައިން. ދެން އަޅުގަނޑު ދެކޭގޮތުގައި، ސިފައިންނަކީ ވަރަށް ފުރިހަމައަށް، ވަރަށް ރަނގަޅަށް، ޤާނޫނާ އެއްގޮތަށް އަދި މުޅި ރާއްޖޭގެ ހެވާއި ލާބައަށް، ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ވަރަށް އަވަދިނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން. އަޅުގަނޑު އެބޭފުޅުންނަށް އަބަދުވެސް ވަރަށް އިޙްތިރާމް ކުރަން. އަދި އަޅުގަނޑު އެބޭފުޅުންނަށް އަބަދުވެސް މަރްޙަބާ ދަންނަވަން.

ހަމައެއާއެކީގައި، ފުލުހުންގެ މުއައްސަސާއަކީވެސް ވަރަށް ދަތި ޙާލުގައި، ވަރަށް އުނދަގުލުގައި، ކޮމިޝަނަރ އޮފް ޕޮލިސްވެސް އަދި ކޮމިޝަނަރގެ އަރިހުގައި މަސައްކަތް ކުރައްވާން އެތިއްބެވި ޑެޕިއުޓީ ކޮމިޝަނަރުންވެސް އަދި އެ މުއައްސަސާގައި އެހެން ތިއްބެވި އޮފިސަރުންވެސް ރެޔާ ދުވާލު ވަރަށް ބުރަ މަސައްކަތެއް ކުރައްވަމުން އެގެންދަވަނީ. އެބޭފުޅުންވެސް ހަމަ ފުރިހަމައަށް، ޤާނޫނީ ވަކީލުން އެއިން ކޮންމެ މުއައްސަސާއެއްގައިވެސް ތިއްބަވާ. ހަމަ ކޮންމެ މުއައްސަސާއެއްގައިވެސް. ދެން އެބޭފުޅުންވެސް ހަމަ ވަކީލުންގެ އިރްޝާދާއި ލަފައާއި އަދި ނުވާ އެބޭފުޅުންނަށް ޝައްކު ހިނގާ ކަމެއްގައި ބަންޑާރަ ނައިބުގެ އިރުޝާދުވެސް ހޯއްދަވައިގެން، އެބޭފުޅުން އެގެންދަވަނީ ކުރިއަށް. އަޅުގަނޑުމެންނަށް މިދުވަސްކޮޅަކީ ދަތި ދުވަސްކޮޅެކޭ ބައެއް ބޭފުޅުންނަށް ބައެއް ކަންކަމުގައި ވަކިގޮތްގޮތަށް ހިތަށްއަރައިދާނެ. ދެން އެހެން ނަމަވެސް، އަޅުގަނޑުމެން، އަޅުގަނޑު ހަމަ ޔަޤީންކޮށް އަރުވަން ހުރިހާ ރައްޔިތުންނަށް. ސަރުކާރު ގެންދާނީ ޤާނޫނީ އިމުގެ ތެރޭގައޭ. ސަރުކާރު ޤާނޫނީ ހަމައެއް ދުލެއް ނުކޮށްލާނެއޭ.

ޙައްވާ ލުބްނާ - ސަން.އެފް.އެމް:

އަދި ހަމަ ވަރަށް ކުރުކޮށް އަޅުގަނޑު ސުވާލު ދަންނަވާލަން ބޭނުންވޭ. ޙަމްދޫން ކުރެއްވި ސުވާލެއް. އެއީ ސިޔާސީ މަޝްވަރާތައް މިހާރުވެސް ފެށިގެން ކުރިއަށް ދިޔައްޔާއޭ މަނިކުފާނަށް ރަނގަޅީ، މަނިކުފާނު މީގެކުރިން ވިދާޅުވެފައި މިވަނީ. ޙަމްދޫން ސުވާލުކުރި ޔާމީން ދޫކުރާނެތޯ ނުވަތަ ނޫންތޯ، އެ ސިޔާސީ މަޝްވަރާތަކަށް. ދެން އެހެންވެ މަނިކުފާނު ހަމަ ވަރަށް ސީދާ ޖަވާބެއް ދެއްވައިފިއްޔާ އަޅުގަނޑަށް މިއަށް ރަނގަޅު، ސިޔާސީ ބޭފުޅުން، އިސްވެރިންގެ މެދުގައި މަޝްވަރާތައް ފެށޭއިރު، އެމް.ޑީ.ޕީ އަދި ޑީ.އާރު.ޕީ.ގެ މެދުގައި. އެނގިވަޑައިގަންނަވާނެ، ޕީ.އޭ.އަކީ ޑީ.އާރު.ޕީ.އާ އެއްކޮށް ކޯލިޝަން ހަދާފައިވާ ޕާޓީއެއް. އާދެ! ޕީ.އޭ.ގެ ރައީސް މިހާރު ސިފައިންގެ ބެލުމުގެ ދަށުގައި މިހުންނެވީ. އެހެންވެ ޔާމީނަށް މިމަޝްވަރާތަކުގައި ބައިވެރިވެވޭ ގޮތަށްތޯ މަޝްވަރާތައް ކުރިއަށް ގެންދަވަން ޤަޞްދު ކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ސީދާ ޖަވާބަކަށް އެދިވަޑައިގަންނަވާއިރުގައި، ސީދާ ސުވާލެއްވެސް ކުރައްވަންޖެހޭނެ. އެހެންވީމާ، ހަމަ އެބަ އެދިވަޑައިގަންނަވާ ސީދާ ޖަވާބަކަށް. އަޅުގަނޑު އެއްވެސް އިރެއްގައި ނުސީދާ ޖަވާބެއް ނާރުވަން. ދެން އެހެންވީމާ، ކުރުކޮށްލައްވާ އިނގޭތޯ.

ޙައްވާ ލުބްނާ - ސަން.އެފް.އެމް:

މަޝްވަރާތަކަށް ޔާމީން ދޫކުރާނެތޯ، ނޫންތޯ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޔާމީން ހައްޔަރުގައި ބެހެއްޓުމާއި ނުބެހެއްޓުން ބިނާވެފައި އޮތީ އެމް.އެން.ޑީ.އެފް.ގެ އަދި ކޮމާންޑަރ އިން ޗީފްގެ ޙައިޘިއްޔަތުން އަޅުގަނޑު އަދި ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާއާއެކު. މިކަންކަމުގެ ރިޢާޔަތް ކުރުމަށްފަހު، އެކަން އެގޮތަށް ކުރެވިފައި އެއޮތީ. ކޮށްފައި އެއޮތީ. ދެން އެކަން ބަދަލުވާނީ، އަޅުގަނޑުމެންނަށް އެނޫން ޙާލަތެއް ގެނެވިއްޖެކަމަށް ދެކެވިގެން. އަޅުގަނޑަކަށެއް ރިސްކެއް ނަގާކަށެއް ނުކެރޭނެ، ބޭފުޅެއްގެ ސަލާމަތާ ގުޅޭގޮތަކުންނެއް. ނުކެރޭނެ. މިރާއްޖޭގައި ލުބްނާ ދެން އަޅުގަނޑު ދަންނަވާލަންތޯ ވާހަކައެއް.

މާލެ މީހުން އަރުވާ އެކިއެކި ޒަމާނުގައި، އެކިއެކި ސިޔާސީ ފަރާތްތަކުން އެކިގޮތްގޮތަށް ވަކާލާތުކޮށްގެން، އެކިއެކި ބޭފުޅުން މާލެއަރުވާން އެބޭފުޅުން އަވަދިވެފައި އެބައޮތް. އެބޭފުޅުންގެ ޒިޔާރަތްތައް ހުރީ މާލެއިން ބޭރުގައި އިނގޭތޯ. އަޅުގަނޑެއް ހަމަ ކުޑަކޮށްވެސް، އަޅުގަނޑުގެ ޒަޢާމަތެއްގައެއް އެފަދަ ފުރްޞަތެއް ނާރުވާނަން. އަޅުގަނޑު ބޭނުމެއް ނޫން، އެކަން އެގޮތަށް ކުރާކަށް. ދެން އަޅުގަނޑު އެދެން އިނގޭތޯ ހަމަ ހުރިހާ ބޭފުޅުންނަށްވެސް ފުރްޞަތު އަރުވަން. އަޅުގަނޑަށް އެހާ ވަގުތެއް ނެތް.

ޙުސައިން ޙަސަން – ދި އެފް.އެމް.

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބުނަމުން ގެންދޭ، ޔާމީން ދޫނުކޮށްލައިފި ކަމުގައިވާނަމަ، ބައިނަލްއަޤްވާމީ ފިއްތުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް. މަނިކުފާނު ގަބޫލު ކުރައްވަންތޯއޭ، ބައިނަލްއަޤްވާމީ ފިއްތުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް. އެފަދަ ފިއްތުންތަކާ ކުރިމަތިލާން ޖެހިއްޖެ ކަމުގައިވާނަމަ، ސަރުކާރު ނުވަތަ މަނިކުފާނު އެކަމަށް ތައްޔާރުތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ޔަޤީން، ބައިނަލްއަޤްވާމީ އެއްވެސް ފިއްތުމެއް އަޅުގަނޑުމެންގެ ސަރުކާރަށް ނޯންނާނެކަން. މިދިޔަ ހަފްތާގެ ތެރޭގައި އަޅުގަނޑު އެކުވެރި ހުރިހާ ދައުލަތްތަކަށްހެން، އަޅުގަނޑުމެންނާ ގާތް، އެންމެމަތީ ވެރިންނާ ފޯނުން އަޅުގަނޑު ގުޅާ ވާހަކަ ދެއްކިން. އެތަންތަނުގެ ފޮރިން އެފެއާޒާ އަޅުގަނޑު ގުޅާ ވާހަކަ ދެއްކިން. އެއްވެސް ބޭފުޅެއް ކައިރިއަކު އަޅުގަނޑު އޮޅުވައެއްނުލަން، ކަން ހިނގައިގެން އުޅޭ ގޮތެއް. ހަމަ އެއްވެސް ބޭފުޅެއް ކައިރިއަކު އަޅުގަނޑު ނުދަންނަވަން. އަޅުގަނޑު އެހުރިހާ ބޭފުޅުންނަށްވެސް ދަންނަވަން. ފުލުހުންގެ ޤާނޫނު މިކަން ހިންގަން ދަތިވެއްޖެއޭ. މިގެންދިޔަ ގޮތަށް. ފުރަތަމަވީގޮތަކީ އިނގޭތޯ. އުއްތަމަ ފަނޑިޔާރު ޙުކުމް އިއްވެވީ ފުލުހުންގެ ޤާނޫނު ބާޠިލުވާ މޭރުމަކަށް. ދެން ފުލުހުންނަށް އަމަން ބެލެހެއްޓުމަށް ކުއްލިއަކަށް ދަތިވެއްޖެ ކަމަށް ފެނިއްޖެ. ރަށުތެރެ އެކީގައި ހަލަބޮލިވެއްޖެ. އަދި އެތައް ބައެއްގެ ގެއާ ދިމާއަށް އެތައް ބައެއް ދުއްވައިގަނެއްޖެ. ދެން އެހެންދާ ދަނޑިވަޅެއްގައި، އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅާނަން. ދެން އެކަމަކުންނެއް މިހާރު ޤާނޫނީ ވަކީލެއްގެ އެހީތެރިކަން އަބަދުވެސް ހުރިހާ ބޭފުޅުންނަށްވެސް ލިބޭނެ. އަޅުގަނޑު އެކަހެރިވެލަން ބޭނުންވިޔަސްވެސް ހަމަ ހުންނަން އޮތް ތަނަކީ އާރަށް. ދެން ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މީހަކަށް އަނިޔާއެއް ކުރާކަށް އަޅުގަނޑު އުޅެނީ ނޫންކަން. ދެން އަޅުގަނޑަކަށް ހިއެއްނުވޭ އެއީ، ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކަށް ކުޑަކޮށްވެސް އޮޅޭނެ ވާހަކައެއް ނޫން. އަދި ދަންނަވަންތޯ، ހަމަ އަޅުގަނޑު ވަރަށް އިތުބާރާއެކީގައި މިދަންނަވަނީ، ސަރުކާރަކަށް އެއްވެސް ފިއްތުމެއް ބައިނަލްއަޤްވާމީ ނާންނާނެ. މި ސަރުކާރަކުންނެއް ބައިނަލްއަޤްވާމީ ފިއްތުމަކަށްދާ ބާވަތުގެ މަގަކަށް ނުދާނެ. އެހެން އެހެން އެވަނީ 18، 19، 20، 26 މަސްދުވަސް ހިމަގޮޅީގައި މީހުން ބައިތިއްބައި، އަނދަގޮނޑި ޖަހައި، ބިޑިއަޅައި، މީހުން މަރާ، މީހުންގެ މުދާ އަތުލައި، މިހެންގޮސް އެތައް އެތައް ޖަރީމާއެއް ހިންގީމާ، ދެން އޭގެފަހުން ބަޔަކު ވަކާލާތު ކުރަން ދިޔައީމާ، ބައިނަލްއަޤްވާމީ ފަރާތްތަކުން އެ ސަރުކާރުތައް ކައިރީ ބުނަނީ، ކޮބާ މިވެނި ކަމަކާ މިހެންނޭ އެހެންނޭ. ދެން އަޅުގަނޑާ ވަރަށް ގާތް ބައިނަލްއަޤްވާމީ ހުރިހާ ފަރާތެއްވެސް. އަދި އަޅުގަނޑާ ފޯނުންވެސް ގުޅޭ ގިނަ ބޮޑުވަޒީރުންނާ. އަޅުގަނޑުމެންގެ ގާތް ގިނަ ބޮޑުވަޒީރުންނާ ފޯނުންވެސް ގުޅޭނެ. ދެން އަނެއް ބައެއް ބައެއް ބޮޑުވަޒީރުންނަކީ ކުރިއްސުރެ ފަށައިގެންވެސް އަޅުގަނޑުމެންނާ ގާތް ދަންނަ ބޭފުޅުން. އިރާދަކުރައްވައިގެން ކަންދިމާކޮށްފައިވާ ގޮތުން. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް ދިވެހިރާއްޖެއަށް އެހީތެރިވެދިނުމަށް ބޭނުންވެލައްވާނެ. އަދި މިކަހަލަ ދަނޑިވަޅެއްގައި އަޅުގަނޑުމެންނަށް ކޮންކަމެއްތޯ ކޮށްދެވެން އޮތީ އެބޭފުޅުން ބޭނުންވެލައްވާނެ. އަދި މަޝްވަރާވެސް ކުރައްވާނެ. އަދި ލަފާވެސް ދެއްވާނެ. އެހެން ނަމަވެސް، އަޅުގަނޑެއް ދުވަހަކުވެސް ނުދެކޭނަން، އަޅުގަނޑުމެންގެ ސަރުކާރަކަށް ބައިނަލްއަޤްވާމީ ފިއްތުމެއް އަތުވެދާނެ ކަމަކަށް.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު އެބައޮތް ދެތިން ސުވާލެއް. ފުރަތަމަ ސުވާލަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަނިކުފާނު ވާހަކަފުޅު ފަށްޓަވަމުން ވިދާޅުވެއްޖެ، މި ނިޒާމު ބަދަލުކުރަން ވެއްޖިއްޔާ ސިޔާސީ ހުރިހާ ފަރާތްތަކުން ވާހަކަ ދައްކައިގެން ޙައްލު ކުރުމުގެ ވާހަކައެއް. ދެން އަޅުގަނޑު މަނިކުފާނަށް ދަންނަވާލަން ބޭނުންވަނީ ރައްޔިތުން ވޯޓްލައިގެންނޭ ނިޒާމެއް ކަނޑައަޅާފައި މިއޮތީ. ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކައިގެނެއް ނޫނޭ. އެހެންވެއްޖިއްޔާ ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކައިގެން އަޅުގަނޑުމެންގެ ނިޒާމު އަނެއްކާ ބަރްލަމާނީ ނިޒާމަކަށް ހުޅުވާލެވިދާނެ ކަމަށް ގަބޫލު ކުރައްވަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ނޫން. އަޅުގަނޑު ހިތަށްއެރީ ރައްޔިތުންނާ ހަމައަށް ދިޔުމުގައި، ކޮންމެ ގޮތެއްވިޔަސް ރައްޔިތުންގެ ވަކީލުން ރައްޔިތުންގެ މަޖިލީހުގައި އެތިއްބެވީ. ދެން އެހެންވީމާ، ރައްޔިތުންނާ ހަމައަށްދާއިރުގައި، އެ ވަކީލުންގެ މެދުގައި މަޝްވަރާއެއް އޮތުން އެއީ، ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ.


ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

ދެވަނައަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އިއްޔެގައި މި ހިނގާދިޔަ، ކުރީ ރޭގައި ނާޒިމާއި މުޞްޠަފާ ބަންދަށް ގެންދަވާފައި އިއްޔެ ކޯޓުންވަނީ ދޫކޮށްލައްވާފައި. ދެން އެކަމާ ގުޅިގެން، ހަމަ އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ އިސްދައުރުތަކެއް އަދާކުރައްވާ، މަޖިލީހަށް ހަމަ ބިލް ހުށަހަޅުއްވަމުން ގެންދަވާ ބޭފުޅެއް މުޞްޠަފާއަކީ. މުޞްޠަފާ އެބަ ވިދާޅުވޭ، އެއީ، މަނިކުފާނު ކުރެއްވި ޑްރާމާއެކޭ މިތަނަށް މާދަމާ މިސްޓަރ ބްލޭކް ވަޑައިގަންނަވާތީ. އެހެންވީމާ، އެކަން ކިހިނެއްތޯ. މުޞްޠަފާ އެ ސިފަކުރައްވަނީ ރަނގަޅަށްތޯ. ނޫނީ އެކަމުގައި އެއްވެސްކަހަލަ އެބާވަތުގެ ކަމެއް އޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު އަޑެއް ނާހަން މުޞްތަފާ އެބާވަތުގެ އެއްޗެއް ބުނުއްވި ކަމަކަށެއް. މިސާލަކަށް ބުނުއްވާފައި އޮތް ނަމަވެސް، ވަގުތުގެ ޖޯޝްގައި ދެން ބުނުއްވެވުނު އެއްޗަކަށް ވެދާނެ. އަޅުގަނޑު ނުދެކެން، އެއީކީއެއް އެއްވެސް ޙާލެއްގައި ޙަޤީޤަތެއް ކަމަކަށެއް.

މަލީހާ އާދަމް – ދިވެހިރާއްޖޭގެ އަޑު:

ބޭރުގެ ފަރާތްތަކުންވެސް ހަމަ ފާހަގަކުރައްވައިފި، ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ ޙާލަތު މަޝްވަރާކޮށްގެން، މެދުވެރިއެއްގެ ރޯލު އަދާކޮށްގެންވެސް ޙައްލުކުރުމަށް މިވަނީ ވަރަށްގިނަ ފަރާތްތަކުން ގޮވާލާފައި. ކިހިނެއްތޯ؟ އަޅުގަނޑުމެންނަށް ކުރިން ފެނިގެންދިޔަ ރާޖަޕަކްސަ، ސްރީލަންކާގެ ރައީސް މެދުވެރިއެއްގެ ރޯލު އަދާކުރައްވައިގެން، ހަމަ ޕާޓީތަކުން އެއްމޭޒެއްގެ ދޮށަށް އައިސް މަޝްވަރާތަކެއްކޮށް ގޮތްތަކެއް ނިންމިގެންދިޔަތަން. އެހެންނަމަވެސް، އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުން ގެންދެވީ، ސަރުކާރުން އެގޮތަކަށް ޢަމަލެއް ނުކުރައްވައޭ. މަޝްވަރާއާ އެއްގޮތަކަށް ނޫނޭ ޢަމަލު ކުރެއްވީކީ. މިފަހަރުގެ މަޝްވަރާތަކުގައި އެއްވެސް ފަރާތަކުން ބައިވެރިވާނެތޯ މެދުވެރިއެއްގެ ގޮތުން. ކިހިނެއްތޯ ކުރިން ޕާޓީތަކުން އިދިކޮޅު ފަރާތްތަކުން މިދެއްކެވީ ރަނގަޅު ވާހަކައެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދަންނަވަން އޮތް ވާހަކައަކީ އެއްވެސް ފަހަރެއްގައި އަޅުގަނޑުމެން ސަރުކާރަކުންނެއް އަދި އަޅުގަނޑުމެންގެ ޕާޓީއަކުންވެސް މަޝްވަރާއެއްގައި ވާހަކަ ދައްކާފައި އޮތް ގޮތަކާ ޚިލާފަކަށް އިރާދަކުރެއްވިއްޔާ ޢަމަލެއް ނުކުރާނަން. ދެން އަޅުގަނޑުމެންނެއް އެހެން ނަމަވެސް، އެހެން ބައެއް ފަރާތްތަކާ ޚިލާފަށް އެއްބަސްވުމަކަށް އާދެވޭ ބަޔަކަށް، އެއްބަސްވުމާ މިސާލަކަށް ކަމެއްގައި ޚިލާފުވީ. ޚިލާފުވީމަކާއެއް އަޅުގަނޑުމެންނެއް އަބަދު އަބަދަކު އެވާހަކައެއް ނުގޮވަން. އަދި އަޅުގަނޑުމެން މިތިބީ މިހެންނޭ. ތިޔަބޭފުޅުން ތިޔަތިއްބެވީ މިހެންނޭ، ތިޔަބޭފުޅުން ތިޔަތިއްބެވީ މިހެންނޭ. އެހެންނެއް އަޅުގަނޑުމެން ނުހަދަން. އުޞޫލެއްގެ ގޮތުން އަޅުގަނޑުމެން ހިންދިރުވާލާފައި އަޅުގަނޑުމެން ދެމިގަންނަނީ. އެމީހުންނަކީ އެއްބަސްވުމެއްގައި މިސާލަކަށް، ވަކިބަޔަކީ ތިއްބަވާނެ ބައެއް ނޫނޭ. އެހެންވީމާ، އެ އެއްބަސްވުން ބާޠިލުވީއޭ. ދެން ވަރަށްބޮޑު ދަރަޖައަކަށް ދިޔައީމާ، އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލިސް ބައްދަލުވެފައި، އެ އެއްބަސްވުމެއް މިސާލަކަށް ބާޠިލުކޮށްފާނެ. އެއްބަސްވުމަކަށް އާދެވޭނީ ރަޙްމަތްތެރިންނާ އެކީގައި. ދެން އެހެން ނޫނިއްޔާ އަދި ބާޠިލު ކުރުމަށްފަހުގައިވެސް އަޅުގަނޑުމެންނެއް އެ ކުރީގައި ރަޙްމަތްތެރިކޮށް އުޅުނު ބޭފުޅުންނާ، ފަރާތްތަކަކަށް ކުޑައިމީސްބަހެއް ބުނެ، އެއްޗެތި ގޮވާ ހެދުން އެއީ، އަޅުގަނޑުގެ ނަޒަރުގައި ރަނގަޅު ކަމެއް ނޫން.

ދެން ވިދާޅުވެއްޖެ، އަނެއްކާވެސް ބޭރު ބޭފުޅަކު، ބޭރު ބަޔަކު އަޅުގަނޑުމެންނަށް މީޑިއަޓް ކުރާނެ، މެދުވެރިއެއްގެ ގޮތުގައި ހުންނަވާފާނެބާއޭ. ދެން އަޅުގަނޑު ބޭރު މީހުން މީޑިއަޓް ކުރީމަ ރަނގަޅު. އެކަމަކު ވާގޮތަކީ އެއްދިގަށް އެބޭފުޅުންނަކަށް ނުއެއް ތިއްބެވޭ. މިކަހަލަ ކަންކަމަކީ އެއްފަހަރު އިށީނދެފައި ނިންމާލެވޭނެ ކަންތައްތަކެއް ނޫން. ދެން ބޭރު އޭޖެންސީތަކުން ބޭފުޅުންވެސް ގިނައިން ބޭނުންވެލައްވަނީ، އޭގެ ނަން ތިމަންނާމެން މެދުވެރިއަކަށްވެގެން މިވެނި މިވެނި މިވެނި ކަމެއް ކުރަނީއޭ މި. ދެން އެހެން ނަމަވެސް، އޭގެ ކަން އެހާބޮޑަށް ކުރަން ބޭނުމިއްޔާ ހަމަ ގިނަވަގުތު ދެއްވަންޖެހޭނެ. އެންމެ އިށީނުމަކުންވެސް ކަމެއް ރަނގަޅެއް ނުވާނެ. އެހެންވީމާ، އަޅުގަނޑަށް އެންމެ ބޮޑަށް ފެންނަނީ، ރާއްޖޭގެ ބޭފުޅަކު މެދުވެރިވާން. ދެން އެއީ އަޅުގަނޑަށް ހީވަނީ މެދުވެރިއަކުވަންޏާ ހަމަ ގޯސްގޮތެއް ނޫންހެން. ދެން ބޭރުންވެސް ރާއްޖޭގެ މެދުވެރިއަކަށް ބޭރުގެ އެކިއެކި ފަރާތްތަކާ ވާހަކަ ދައްކަމުން ގެންދެވިދާނެ. އެހެން ނޫނަސް ކޮމަންވެލްތުން އެބަ ވިދާޅުވޭ، އެބޭފުޅުން ތިއްބެވީ ތައްޔާރަށޭ. ޔޫރަޕިއަން ޔޫނިއަނުން އެބަ ވިދާޅުވޭ، އެބޭފުޅުން ތިއްބެވީ ތައްޔާރަށޭ. އ.ދ. އިން އެބަ ވިދާޅުވޭ، އެބޭފުޅުން ތިއްބެވީ ތައްޔާރަށޭ. 4 އެކުވެރި ދައުލަތްތަކުން އެބަ ވިދާޅުވޭ، އެބޭފުޅުން ތިއްބެވީ ތައްޔާރަށޭ. ދެން މިހެން ދިޔައީމާ އަޅުގަނޑަކަށެއް ނޭނގެ ކޮންބައެއް ކައިރީގައި ކަމެއް އަޅުގަނޑު އެދޭނީކީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ މީގައި ބުއްދިވެރި ކަމަކަށްވާނީ، ގޮތަކަށްވާނީ، އަޅުގަނޑުމެން އަމިއްލަ މެދުވެރިއެއް ކަނޑައަޅައި، ދެން އެ މެދުވެރިއަކު ހުރިހާ ބައިނަލްއަޤްވާމީ ފަރާތްތަކަކާވެސް މަޝްވަރާކޮށްގެން، އެފަރާތްތަކުގެ ލަފައާއި އިރުޝާދުވެސް ލިބިގެން ކުރިއަށް ދެވޭނެ ގޮތެއް ހޯދުން.

ޢަބްދުﷲ ޙަސީން – ދި ޓީ.ވީ:

އަޅުގަނޑުގެ ތިން ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ސިޔާސީ ޙަޔާތް ދޫކޮށްލެއްވުމަށްފަހު ބޭރަށް ވަޑައިގަންނަވަން މަނިކުފާނު އިންޒާރު ދެއްވި ކަމަށް އެބަ ވިދާޅުވޭ. ދެން މި އިންޒާރު މަނިކުފާނު ދެއްވާފައިވަނީ މުޞްޠަފާ، ތިމަރަފުށީ ދާއިރާ މެންބަރު މުޞްޠަފާ މެދުވެރިކޮށް ކަމަށް އެބަ ވިދާޅުވޭ. ދެން މުޞްޠަފާ މިކަމަށް އިންކާރު ކުރައްވާފައެއް ނެތް. އަޅުގަނޑުގެ ސުވާލަކީ އެފަދަ އިންޒާރެއް މަނިކުފާނު އެއްވެސް އިރެއްގައި ދެއްވާފައިވާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ނޫން.

ޢަބްދުﷲ ޙަސީން - ދި ޓީވީ:

ދެން ދެވަނަ ސުވާލަކީ ރިޔާސީ ނިޒާމަށް ތިޔަ ވިދާޅުވި ބަދަލު ގެންނަވާއިރު، އެނގިވަޑައިގަންނަވާނެ، މިހާރުވެސް މިއޮތް ނިޒާމަކީ މިއީ ރައްޔިތުން ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައި އޮތް ގޮތެއް. އެހެންވީމާ، މަނިކުފާނު ކިހާވަރަކަށް މިކަން ކުރައްވާއިރުގައި ރައްޔިތުންނަށް ފުރްޞަތު ދެއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ނުދީ ނުކުރެވޭނެ ޤާނޫނުއަސާސީ ބުނާގޮތުގައިވިއްޔާ.

ޢަބްދުﷲ ޙަސީން – ދި ޓީ.ވީ:

ދެން އަޅުގަނޑު ތިންވަނަ ސުވާލަކަށް އަހާލާހިތްވަނީ، ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ސަރުކާރު ހިންގުން މިހާރު ފެއިލްވީއޭ. އަދި އަނެއްބައި ބޭފުޅުން އެބަ ވިދާޅުވޭ، މުޅި ސިސްޓަމް އެއްކޮށް ފެއިލްވީއޭ. ކޮބައިތޯ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ؟ ކުރިއަށް އަރައިގަނެވިދާނެ ޙާލަތެއްގައިތޯ މިތިބީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ތިޔަބޭފުޅުން ޖުލައި 26ގައި މިސާލަކަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މަސައްކަތް އިނގޭތޯ. މިހާރު މި ސަރުކާރުން މިރާއްޖޭގައި ހަދަމުން އެބަގެންދޭ ނަރުދަމާ. މިދިޔަ 30 އަހަރު ހެދި ނަރުދަމާއަށްވުރެ ގިނަ ޢަދަދަށް. ފެނުގެ ނިޒާމު ހަމަ އެއަށްވުރެ ގިނަ ޢަދަދަކަށް. ބަނދަރު ހަމަ އެހާމެ ގިނަ ޢަދަދަށް. އިރާދަކުރެއްވިއްޔާ، މިހާރު ތިނަދޫގަޔާއި ކުޅުދުއްފުށީގަޔާއި ހިތަދޫގަޔާއި އަދި ފުވައްމުލަކުގައި މަގުތައް އަޅުގަނޑުމެން މި ހަދަން ފަށަނީ. 5 ރަށެއްގައި މިމަހުގެ ތެރޭގައި ފްލެޓް އަޅަން ސަރުކާރުން ފަށާނެ. އެއީ، ޢަމަލީ ގޮތުން އެމަސައްކަތް ފަށާނެ. ޖުލައި 26 ގައި އަޅުގަނޑުމެންނަށް ފެނިގެންދާނެ، އައްޑުއަތޮޅާއި ހުވަދުއަތޮޅުގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ބަޔަކާ ޙަވާލުވެގެންދާނެ. އަޅުގަނޑުމެން އެވާހަކަ ދެއްކިއިރުގައި، އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައިން، މި ކަމެއް ކުރާންވީމާ، އަދި ވަށައިގެން ކިތަންމެ ކަމެއް ކޮށްފައޭ، އެކަމަށް ދެވެނީ. މި ޖުލައި 26 ގައި ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޞްލުގައި އަޅުގަނޑުމެންގެ މަސައްކަތް ނިމޭތަން. އަޅުގަނޑުމެންގެ ވަޢުދުތައް ނިމޭތަން. ހުރިހާ ކަމެއްކޮށް ނިމޭތަން. ފުރިހަމަވާނެ. ދެން ބާކީ އޮތް 3 އަހަރު އެއީ، އެ ފުރިހަމަކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ 3 އަހަރު. 1 އަހަރު، ދޮޅުއަހަރު އަޅުގަނޑުމެން މިމަސައްކަތް ކުރީ، މީގެ އިޖްރާތެއް، ސިސްޓަމެއް ތައްޔާރު ކުރަން. ޕްރޮސެސްއެއް ތައްޔާރު ކުރަން. އޭގެތެރޭގައި ހިމެނުނީ ވަރަށް ބައިވަރު ކަރުދާހާއި، ވަރަށް ބައިވަރު ލިޔުމާއި، ވަރަށް ބައިވަރު ދިރާސާއާއި، ވަރަށް ބައިވަރު ބައްދަލުވުމާއި، އަދި ވަރަށްގިނަ އެބާވަތުގެ ކަންކަން. ދެން މިހާރު ފެނިވަޑައިގަންނަވާނީ ހަމަ ސީދާ ޢަމަލީގޮތުން އެކަންތައްތައް ފަށާތަން. ދެން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާން ޖެހޭނީ، އެ ފެށި ކަންކަން ރިވެތި ގޮތުގައި ގެންގޮސް ނިންމަން ބަލަހައްޓައިގެން ތިބެން ޖެހޭނީ. އަދި ޕްރޮޖެކްޓްތަކާއި ކޮންޓްރެކްޓްތައް ކުރިއަށް ގެންދަން ޖެހޭނީ.

އަޅުގަނޑު ދަންނަވާނީ މިއަދާ އެއްވަރަށް ސަރުކާރެއްގެ ސިފައިގައި ވެރިކަމެއް މިރާއްޖޭގައި ހިނގަމުން އައި ތަނެއް، މިރާއްޖޭގެ ތާރީޚަކުން ނުހޯއްދެވޭނެއޭ. އަޅުގަނޑު މި ރާއްޖޭގެ ތާރީޚު ވަރަށް ރަނގަޅަށް ދަންނަން. އަޅުގަނޑަކަށް މި ދިވެހި ތާރީޚުގައި، ދިވެހި ވެރިކަމުގެ ތާރީޚުގައި، މިއަދަށްވުރެ ވެރިކަމުގެ ފަންވަރާ، މިހާރު ބައެއް ބޭފުޅުންގެ ނަޒަރުގައި މިސާލަކަށް، ވެރިކަމުގެ ބާރަކީ މީހުން ހައްޔަރު ކުރުމުގެ ބާރު. ދެން އެއީ އެކަން ކުރަންޏާ އެއީ ވެރިކަން ވަރަށް ގަދަވީ، ބައެއް ބޭފުޅުންގެ ނަޒަރުގައި. އަޅުގަނޑުގެ ނަޒަރުގައި ވެރިކަމެއް ގަދަވަނީ، ރައްޔިތުންގެ އިޙްތިރާމާއި، ރައްޔިތުންގެ ލޯތްބާއި، ރައްޔިތުންގެ ރުހުން ލިބުނީމާ. ވެރިކަމެއް ފުރިހަމަވަނީ، އެ ވެރިކަމަކުން ކުރާ ކަންކަން ރަނގަޅުވީމަ. އެއްވެސް ހާލެއްގައެއް، އެ ވެރިކަމުގެ ބާރުވެރިކަން ހެޔޮވީމަކާއެއް ނޫން.

އަޙްމަދު މުޙްސިން – ޓީ.ވީ.އެމް:

އަޅުގަނޑުގެވެސް ތިން ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކައެއް މިއީ، ފަހަކަށް އައިސް ކޮރަޕްޝަންގެ ތުހުމަތުތައް ހުރި ބޭފުޅުންނާއި ނޫނީ ސާބިތުކުރެވޭވަރުގެ ހެކި ބޭފުޅުންނާ ތިމަންނާ މަޝްވަރާގެ އުޞޫލުން އެ މައްސަލަތައް ދޫކޮށްލާ ގޮތަކަށް ވާހަކައެއް ނުދައްކާނަމޭ. މާނައަކީ، މިހާރު ފަށަން ތިޔަ އެއްބަސްވެވަޑައިގަންނަވާ މަޝްވަރާތަކުގައި، އެއްވެސް ވަރަކަށް އައިސްފާނެތޯ ކޮރަޕްޝަންގެ ތުހުމަތު ސަރުކާރުން ކުރެވި، އެފަދަ ތަޙްޤީޤެއް ކުރަމުންދާ މީހުން ދޫކޮށްލުމުގެ ޚިޔާލެއް.


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ނޫން. މިހާރު އިރާދަކުރެއްވިއްޔާ ދެން މިކަން ހިނގާނެ ގޮތަކީ މިއީ މުޙްސިން އިނގޭތޯ. ސަރުކާރުން މިހާރު އެއޮތީ ޕްރޮސެކިއުޝަން ނުވަތަ ކޭސްތަކެއް ބިނާކުރެވިފައި. ދެން ސަރުކާރުން ފުލުހުން އެދުނީ، އެ ކޭސްތައް ބިނާކުރުމަށް ތަޙްޤީޤު ކުރުމަށްޓަކައި ޖާގަ ހޯދަން. ދެން އެއީ ބައެއްފަހަރަށް ތަޙްޤީޤު ކުރުމަށް މީހުން ހައްޔަރުކޮށްގެން އެ ތަޙްޤީޤުތައް ފަސޭހައިން ހިންގެނީ. ދެން އެހެން ނަމަވެސް، ފުލުހުން ބޭނުންވި މިންވަރަކަށް އެ ޖާގައެއް ނުލިބުނު. އެހެން ނަމަވެސް، މިހާރު މިވަނީ ޝަރީޢަތްތައް ނުވަތަ ކޭސްތައް ބިނާވެފައި. ދެން ފުލުހުން އެ ފޮނުވާނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް. ޕްރޮސެކިއުޓަރ ޖެނެރަލް، އެ ފޮނުވާނީ ޝަރީޢަތަށް. ޝަރީޢަތުން ޙުކުމް ކޮށްފައި، ޝަރީޢަތް ކޮށްފައި ޙުކުމެއް އިއްވާނީ. ދެން މިއީ މިކަން ހިނގަންޖެހޭ ގޮތަކީ. އެއްވެސް ވާހަކައެއް ދެއްކިޔަސްވެސް، އަދި އެއްވެސް މަޝްވަރާއެއް ކުރުމަށްވެސް ޖިނާއީ ކުށެއްގެ ތުހުމަތު ނުވަތަ ޖިނާއީ ކުށެއް ކޮށްފައިވާ ފަރާތަކުން އެ އެކީ އެކައްޗަކަށް އެކަން، އެ ޕްރޮސެސް، އެ ކުށުގެ ހުރިހާ މަރްޙަލާއެއް ނުވަތަ ޢަދާލަތުގެ ހުރިހާ މަރްޙަލާއެއް ފުރިހަމަނުވަނީހެއް އަޅުގަނޑު އޭގެތެރެއަކަށް ވަދެ މީހަކަށް އެތަނުން އެއްކައިރިކޮށް، ނުވަތަ އޭގެތެރެއަށް އިތުރަށް ވައްދާ، މިބާވަތުގެ އެއްވެސް ކަމެއް އަޅުގަނޑެއް ނުކުރާނަން. އެހެނެއް ނޫން، މާފު ދިނުމުގެ އިޚްތިޔާރު، ޤާނޫނުއަސާސީ އަޅުގަނޑަށް ލިބިދޭ. އެބޭފުޅުން ޙުކުމަކާ ހަމައަށް ވަޑައިގެންނެވީމާ، ދެން އެ ޙުކުމް އިއްވުނީމާ، ދެން އަޅުގަނޑު ހަމަ އަވަސްވެގަންނާނަން، އެބޭފުޅުންނަށް މާފު ދެވެން އޮތް ގޮތެއް ހޯދުމަށް. އެހެން ނޫނިއްޔާ ހަމަ މިމަސައްކަތް ދާނީ ކުރިއަށް.

އަޙްމަދު މުޙްސިން – ޓީ.ވީ.އެމް:

އަނެއް ސުވާލަކީ މަނިކުފާނު ފާހަގަކުރައްވައިފި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް މެދުވެރިކޮށް، ތަޙްޤީޤު ނިމި، ޕީ.ޖީ. އޮފީސް މެދުވެރިކޮށް ކޯޓަށް ގޮސް ޙުކުމް ކުރެވޭ ހިސާބަށް ދާނެ ކަމަށް. ދެން ފުލުހުން އެބަ ވިދާޅުވާ ކަމަށް މަނިކުފާނު ދެންމެވެސް ފާހަގަކުރައްވައިފި، ފުލުހުންގެ ތަޙްޤީޤު ކުރިއަށް ގެންދަން ހުރަސް އެޅިފައިވާ ކަމަށް. ކޮން ކޮން ކަންތައްތަކެއްތޯ ފުލުހުންގެ ތަޙްޤީޤު ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މަނިކުފާނު ކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިހާރު އަޅުގަނޑު ފުލުހުންނަށް ލަފާއަރުވަން ގެންދިޔައީ، ތިޔަބޭފުޅުން އެއްދަރަޖަ މައްޗަށޭ އަރަންވީ. ކުރީގައި ކުރި ގޮތަކަށް މިކަމެއް ދެން ކުރަން ދަތިވާނެއޭ. އެހެންވީމާ، އިންވެސްޓިގޭޝަން ޓެކްނީކް، ހުނަރުތައް ކުރިއަށްވުރެ މާރަނގަޅު ކުރަން ޖެހޭނެއޭ. ހެކި ހޯދުން، ކުރީގައި ކުރާ ގޮތަކަށެއް ނޫނޭ ހޯދަން ޖެހޭނީ. ދެން އެބޭފުޅުން އެކަންކަން ވަރަށް ފުރިހަމަކޮށްފި. ދެން ހަމަ އަޅުގަނޑުވެސް ސިހޭ މިންވަރަށް އެބޭފުޅުންގެ ކުޅަދާނަކަން މިކަމުގައި އެބަހުރި. ދެން އެހެންވީމާ، އަޅުގަނޑު މި އުންމީދު މިކުރަނީ މިހާރު. އަޅުގަނޑު ކުރީ ދުވަހު ދެންނެވިން، ދިހަވަރަކަށް ދުވަހުގެ ތެރޭގައި، ޕްރޮސެކިއުޝަނާ ހަމައަށް ގެންދެވޭތޯ އަޅުގަނޑު ބަލާނަމޭ. ދެން މިއަދަށް އަޅުގަނޑަށް ހީވަނީ ގާތްގަނޑަކަށް ދިހަވަރަކަށް ދުވަސް ހަމަވަނީހެން. އަޅުގަނޑު ސީދާ ތާރީޚެއް ހަނދާނެއް ނެތް. އާދެ! މުޅިއެކު ހަމައެއްނުވޭ. ދެތިން ދުވަހެއް އުޅެދާނެ. ދެން އަޅުގަނޑު ކުރީގައި ދެންނެވި 10 ދުވަހުގެ ވަގުތު ފަހަނަޅައި ހިނގައިދާނެ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ ހަމަ ޕްރޮސެކިއުޝަނަށް ގެންދާނެ. ގެންދާއިރުގައި އަޅުގަނޑު ދެކެނީ، ފުލުހުން ފުރިހަމަ ތަޙްޤީޤެއްކޮށް ނިންމާފައޭ އޮންނާނީ.

އަޙްމަދު މުޙްސިން – ޓީ.ވީ.އެމް:

މަނިކުފާނު ފާހަގަކުރައްވައިފި، ސަރުކާރު، ހަމަ އޭގެ އެންމެ ފަލަމިނުގައި ރަނގަޅަށް އެބަ ހިނގަމުންދާ ކަމަށް. އަދި ޖުލައި 26 ގައި އެނގިގެންދާނެ ކަމަށް ސަރުކާރުގެ ވަޢުދުތައް ފުއްދޭނެ ކަމާއި، ފުއްދިގެން އެބަދާކަމާ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ގިނަބަޔަކުގެ ކޮންސަރންއަކަށްވެފައި އޮންނަ އެއްކަމެއް މިއީ، ތަކެތީގެ އަގު ބޮޑުވެގެން އައުން. އެއްވެސް ވަރަކަށް އެ އަގު ދަށަށްދާތަނެއް ފެނިފައެއް ނެތް. މަނިކުފާނުގެ ވަރަށްބޮޑު ވަޢުދެއް ކަމަށް މިވަނީ ތަކެތީގެ އަގު، އަތްފޯރާފަށަށް އައުން. ރަމަޟާން މަސް ކުރިއަށް އޮތްއިރުގައި، އެފަދަ އެއްވެސް ކަމެއް ކުރިއަށް އޮތް މިދުވަސްވަރު ފެނިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ރަމަޟާންމަހަށް ދެން ޢިނާޔަތެއްގެ ގޮތުން ތަކެތީގެ އަގުގައި އަޅުގަނޑުމެން ހިފަހައްޓާނަން. އެކަމަކު އެއީކީއެއް އުޞޫލެއްގެ ގޮތުން ތަކެތީގެ އަގު ދަށަށް ގެނެވެނީއަކީއެއް ނޫން. ތަކެތީގެ އަގު ދަށަށް ގެނެވޭނީ އިޤްތިޞާދު ހަމައަށް ގެނެސްގެން. މާލިއްޔަތު ހަމައަށް ގެނެސްގެން. ޑެފިސިޓް ކުޑަކޮށްގެން. ރުފިޔާ އިތުރުވީމާ ތަކެތީގެ އަގު މަތިވެގެންދަނީ. ދެން އެހެންވީމާ، މިހާރު މިސާލަކަށް 2009 ގައި އިންފްލޭޝަން ހުރީ މައިނަސްކޮށް، ކޮންމެ މަހެއްގެ އިންފްލޭޝަން. މިހާރުން މަހުން މަހުން އަންނަ އިންފްލޭޝަން އަނެއްކާވެސް ޕޮއިންޓް ފަހެއް ޕަސެންޓް، އެއް ޕަސެންޓަށް އަރާފައި މިހުންނަނީ. އެހެންވީމާ، އެއީ ހަމަ ޑެފިސިޓް ކުރިއަށްދާތީވެ. އަޅުގަނޑުމެންނަށް ތަކެތީގެ އަގުތައް މިހާރު މިހުރިވަރަށްވުރެ ތިރިކުރެވޭނެ. އެހެން ނަމަވެސް، އެއީ ޖުމްލަ މަސައްކަތެއްގެ ތެރެއިން އެކަން ކުރެވޭނީ. ރޯދަމަހަށްދާއިރުގައި މުދާ އިތުރަށް ގެނެސްގެން، އެއީ ދެން އަޅުގަނޑު އެސް.ޓީ.އޯ ގައި އެދިފައި އޮންނާނެ، ކުކުޅާއި، ކުކުޅު ބިހާ، ރޯދަމަހަށް ފިޔައާއި އަލުތްވާއި، މުގާ، ދެން މިއީ މައިގަނޑު ގޮތެއްގައި ކޮންމެހެންވެސް ބާޒާރުމަތީގައި ކޮންމެހެންވެސް ހުންނަންޖެހޭނެ އެއްޗެހި. ދެން ރޯދަމަހަށް ބޭނުންވާ އެ މައިގަނޑު ތަކެތި އިތުރަށް އެތެރެކުރުމާއި، އިތުރަށް ބެހެއްޓުމާ، ދެން އެއީ އަޅުގަނޑަށް ހީވަނީ ދެން އަނެއްހެން އެހާ ބޮޑެތި ކަންކަމެއް ނޫންހެން. އަޅުގަނޑު ހަމަ އެއްފަހަރު އެކަމާބެހޭ ފަރާތުގައި ދެންނެވީމާ، އެކަމެއް ރާސްލާފައި ގެންގޮސް އެބޭފުޅުން ކުރައްވާނެ. ދެން އެއްވެސް ކަމެއް ނޫން އެއީކީއެއް. ސަރުކާރު ހިންގުން. ސަރުކާރު ހިނގަ ހިނގާ އޮންނާނެ. އަދި ހިނގަމުން އެބަދޭ ބަރާބަރަށް. މި ޤާނޫނީ މައްސަލަތައް ނުކުތުން. އެހެންނޫނީ ވެރިކަން އެއްއަތުން އަނެއްއަތަށް ބަދަލުކުރުމަށް ބަޔަކު އުޅެގަތުން ނުވަތަ ބަޔަކު ވެރިކަމުން އެހެންގޮތެއްވުން. މިބާވަތުގެ ކަންކަމާ ގުޅިގެން ނޫސްވެރިންނާއި އަދި ރައްޔިތުންގެ ޖޯޝް މި ބާރަށް ހިނގައިގަންނަނީ. ދެން އެކަހަލަ ކަންކަމުގައި ޚަބަރުވެސް ގިނަވެގެންދަނީ. ދެން އެކަންވެސްވާނީ އެހެން. އެހެންވީމާ ޚަބަރު ގިނަވެގެންދާކަންވެސް އެއީ އެކަން އެގޮތަށް އޮންނާނީ. އަޅުގަނޑު 45 މިނިޓް ވެއްޖެ. އަދި އެއް ފުރްޞަތު އެބައެދޭ ހަވީރުން.

ޝިޔާމް އަޙްމަދު – ވީ.ޓީ.ވީ:

އަޅުގަނޑުގެ ސުވާލުވެސް އަމާޒު ކުރެވިފައި އޮތީ، މިތާނގައި ގިނަ ނޫސްވެރިން ކުރެއްވި ސުވާލާ ގުޅޭގޮތުން. އެއީ، މި ސިޔާސީ ކުށްވެރިން ބަންދު ކުރުމާ ބެހޭގޮތުން އިނގޭތޯ. މަނިކުފާނު ތަކުރާރުކޮށް އެބަ ވިދާޅުވޭ، ޤާނޫނާ އެއްގޮތުގެ މަތިންނޭ ތިމަން މަނިކުފާނު މިކަންތައް މިހާރު ކުރައްވަމުން ގެންދަވަނީ. ހިއުމަން ރައިޓްސް ކޮމިޝަނާއި، ޕީ.ޖީ އޮފީހުންނާއި އަދި ތަފާތު އެތައް މުއައްސަސާއަކުން މިކަންތައް އެބަ ކުށްވެރި ކުރައްވަމުން ގެންދަވާ އިނގޭތޯ. މަނިކުފާނު މިކަންތައް މިފަހަރު މިކުރައްވަމުން ގެންދަވަނީ، ކޮންބޭފުޅެއްގެ މަޝްވަރާގެ މަތިންތޯ؟ ނޫނީ އުއްތަމަ ފަނޑިޔާރުގެ ލަފާ ލިބިގެންތޯ؟ އެބޭފުޅާގެ މަޝްވަރާގެ މަތިންތޯ؟ ދެނިޒާމަކަށް ފުރަތަމަ ތިޔަބޭފުޅުން ސަޕޯޓް ކުރެއްވީ ބަރްލަމާނީ ނިޒާމަކަށް. ދެން މި ރިޔާސީ ނިޒާމަށް. އެއަށް ވިސްނާވަޑައިގަންނަވާ ކަމަށް ވިދާޅުވެއްޖެ. މި ޕޮލިޓިކަލް ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް. އެބޭފުޅުންދޭ ޚިޔާލަކީ ތިންވަނަ ޕޮއިންޓެއްގެ ގޮތުން އިލެކްޝަން ޕްރޮވިންސެއް ކަމަށް ބައެއް ގިނަ މީހުން އެބަ ވިދާޅުވޭ. މަނިކުފާނު ދައުރުގެ މެދުތެރެއިން އިލެކްޝަނެއް ބާއްވާނެ ކަމަށް ބުނި ބުނުން އެއީ ތިންވަނަ އޮޕްޝަނެއް ކަމަށް ބޭފުޅުން އެއްބަސްވެފައި ވިދާޅުވެއްޖިއްޔާ މަނިކުފާނު ގަބޫލުފުޅު ކުރައްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު މިދަންނަވަނީ އިންތިޚާބަށް ނެތޭ އިނގޭތޯ ޤާނޫނުއަސާސީ އިޞްލާޙު ނުކޮށް، އަޅުގަނޑަކަށް އިންތިޚާބަކަށް ނުކުމެވޭނެ ހަމަ އެއްގޮތެއްވެސް. މިޤާނޫނުއަސާސީ ފުރްޞަތެއް ނުދޭ. މިސާލަކަށް، އަޅުގަނޑު އިސްތިޢުފާ ދިނީ. ދިނީމާ ނައިބު ރައީސް ހުންނަވާނީ. ދެން އަންނާނީ އެހެން ނައިބު ރައީސެއް. އެގޮތަށްގޮސް މިކަންދާނީ އިނގޭތޯ. އިންތިޚާބަކަށް ފުރްޞަތެއް ނުލިބޭނެ. އިންތިޚާބަކަށް މި ފުރްޞަތު މި ލިބެނީ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން. އަޅުގަނޑު މިދަންނަވަނީ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން، ރައްޔިތުންގެ މަޖިލީހާއެކީގައި އިންތިޚާބަކަށްދާން އަޅުގަނޑު މިހުރީ ވަރަށް ތައްޔާރަށޭ. ހަމަ އެއްވެސް ޝައްކެއް އަޅުގަނޑުގެ އެކަމަކުއެއް ނެތޭ.

ޝިޔާމް އަޙްމަދު – ވީ.ޓީ.ވީ:

ސްޕްރީމް ކޯޓުގެ ޖަޖުންނަށް ތިބޭފުޅުން ނަންތައް އޯގަސްޓް 7ގެ ކުރިން ފޮނުއްވަންޖެހޭ. މިފަހަރު އަދި ނަންތަކެއް ފޮނުއްވި ކަމަކަށް ނޫސްވެރިންނަކަށް އަޅުގަނޑުމެންގެ ބަޔަކަށް މަޢްލޫމާތު ލިބިފައެއްނުވޭ. އެހެންކަމަށްވާއިރު، މި ނަންތައް ފޮނުއްވުން މި ލަސްކުރައްވަނީ މިހާރު ހިނގަމުންދާ ސިޔާސީ އޮއިވަރުގެ އެއްވެސް ކަމަކާ ގުޅިގެން ކުރައްވާ ކަމެއްތޯ؟ މިހާރު ހިސާބެއްގައިތޯ އެނަންތައް ފޮނުއްވުން އޮތީ؟ ޝުކުރިއްޔާ

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެނގިވަޑައިގަންނަވާނެ، ޤާނޫނުގައި މި އޮންނަގޮތް އިނގޭތޯ. މީގައި މިއޮންނަނީ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކާއި ޤާނޫނު ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ ނަން އަޅުގަނޑު މިފޮނުވަން މިޖެހެނީ ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ މަޝްވަރާގެ މަތިން އަޅުގަނޑު އެނަންތައް މިފޮނުވަން މިޖެހެނީ. ޤާނޫނަކުން ޢަދަދެއް ކަނޑައެއްނާޅާ. ސްޕްރީމް ކޯޓުގެ ޢަދަދެއް. އެ ޤާނޫނު އޮތީ ރައްޔިތުންގެ މަޖިލީހުގައި. އެހެންވީމާ، ސްޕްރީމް ކޯޓުގެ ޢަދަދެއް ނެތް. އެހެންވީމާ، އަޅުގަނޑަށް މިވަގުތު ހުށަހެޅެން އޮތީ ހަމަ އެންމެ ނަމެއް. އެއީ އުއްތަމަ ފަނޑިޔާރުގެ ނަމެއް. ދެން އަޅުގަނޑު އިރާދަކުރެއްވިއްޔާ، އެ އުއްތަމަ ފަނޑިޔާރުގެ ނަން ދާދި އަވަހަށް ހުށަހަޅާނަން. އެ ފަނޑިޔާރެއްގެ ނަމާ ގުޅޭގޮތުން އަޅުގަނޑު މިހާރުވާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް އެދިފައި.

ދެން ދަންނަވަންތޯ ވާހަކައެއް އިނގޭތޯ. ޤައުމު ބިނާކުރަމުންދާއިރުގައި، އަޅުގަނޑުގެ ސިޔާސީ މަޞްލަޙަތަށްޓަކައި ނުވަތަ ހިނގާ ކަމަކަށްޓަކައި ސްޕްރީމް ކޯޓު އަޅުގަނޑަށް ހުށަހަޅަން ނުކެރި، އެކަހަލަ ކަމެއް ނުކެރިއެއް އަޅުގަނޑެއް ނުހުންނާނަން. ހަމަ ޔަޤީންކޮށް ބާއްވާ. އެހެންވީމާ، އަޅުގަނޑަށް މިވަގުތު ފޮނުވެން އޮންނަނީ އެކެއްގެ ނަން. އެއީ އުއްތަމަ ފަނޑިޔާރުގެ ނަން. އިރާދަކުރެއްވިއްޔާ، އުއްތަމަ ފަނޑިޔާރުގެ ނަން އަޅުގަނޑަށް ދާދި އަވަހަށް ހަމަ ފޮނުވާލެވޭނެ.

އަޅުގަނޑު ފަހު ސުވާލު އަރުވާނަން އެންމެ އަންހެން ބޭފުޅެއް މިހާރު އިންނެވީ. އެހެންވީމާ، އަޅުގަނޑު ފަހު ސުވާލު ލުބްނާއަށް އަރުވަން ފިކުރުކޮށްގެން އަޅުގަނޑު މިހުންނަނީ. ޙަމްދޫން އެބައެދޭ ދޮއެއްތޯ. ވަރަށް ބޭއިންޞާފުކޮށް ޙަމްދޫން ސުވާލެއް ކުރައްވަބައްލަވާ. އާދެ! އެއްގޮތަކަށްވެސް ކަމަކުނުދާނެ. ލުބްނާއަށް އަޅުގަނޑު އެސުވާލު އަރުވަން. ފަހު ސުވާލު ލުބްނާއަށް އަރުވަން.

ޙައްވާ ލުބްނާ – ސަން އެފް.އެމް:

ޝުކުރިއްޔާ އިނގޭތޯ. އާދެ! އަޅުގަނޑު އެއްސުވާލު ހިތުގައިލައިގެން ހުރީ. އެހެން ނަމަވެސް، ދެން ފުރްޞަތެއް ނުލިބޭނެ ކަމަށް އަޅުގަނޑު އަތްމައްޗަށް ނުނެގީ. އެހެން ނަމަވެސް، އަޅުގަނޑު ސުވާލެއް ދަންނަވާލަން ބޭނުންވޭ. ޔާމީނަށް ޙިމާޔަތް ދިނުމަށް ކަމަށްބުނެ ގެންދަވާފައި މިވަނީ. އެހެންވެ، މާލޭގައި ޔާމީންގެ ގެކޮޅުގައި ހުންނަވައިގެން، ޔާމީނަށް ހިމާޔަތް ދެވޭނެގޮތެއް އެރޭންޖް ނުކުރެއްވޭނީތޯ ސިފައިންނަށް. އެބޭފުޅާގެ މަޖިލީހުގެ ވާޖިބުތަކާއި އަދިވެސް ޢާއިލީ ވާޖިބުތައް އަދާކުރެއްވޭނެ ގޮތަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ލުބްނާ ދެން އަޅުގަނޑު ހަމަ މިހިރީ އެކަން އަޅުގަނޑަށް ހިތްހަމަޖެހޭގޮތަށް، އަޅުގަނޑުގެ ނަޒަރުގައި އެބޭފުޅާއަށް އެކަންކަން ފުރިހަމަވާނެ ގޮތަށް، މިވަގުތަށް މިރާއްޖެއަށާއި އެބޭފުޅާއަށާއި އެންމެންނަށް ހަމަ އެންމެ ރަނގަޅު ގޮތަށް. ޔާމީންގެ އަނބިކަނބަލުންނަށްވެސް ޔާމީން އަރިހަށް ވަޑައިގެންނެވޭނެ. ފޯން ކޯލް ކުރެއްވުމުގައި ޔާމީނަކަށް ހުރަހެއް ނޯންނާނެ. ވަކީލުންނާ ބައްދަލުވުމުގައި ޔާމީނަކަށް ހުރަހެއް ނޯންނާނެ. އަދި އަޅުގަނޑަށް ހަމަ ހުރި ހުރިހާ އިންތިޒާމުތަކެއް. ދެން އެތަނަށް މިވަގުތު އެބޭފުޅާއަކަށް ވަޑައިގެންނެވޭކަށް ނެތްތާ. މާލެ ވަޑައިގަތީމާ އަޅުގަނޑުމެންނަށް އެއީ، ދެން މަޖިލިސް އާރަށަށް ގެންދަން އަޅުގަނޑަށް ދަތި. ދެން މާލެ ވަޑައިގެންނެވީމާ މި ވާގޮތަކީ އަޅުގަނޑުމެންނަށް އަދި މި ހިތަށްއަރަނީ ކިހިނެއްބާއޭ ދެން އެކަން ހިނގާނީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެއީ އަދި އެހާ ބޮޑު ކަމެއް ނޫންހެން. ދެން އަޅުގަނޑު ހަމަ އެދެން، ހުރިހާ ބޭފުޅުންގެ ކިބައިންވެސް، ދެން މިއީކީއެއް އެހާ ބޮޑު ކަމެއްގެ ގޮތުގައި އަޞްލުގައި ބައްލަވާ، ޤާނޫނާ ޚިލާފަށް އަޅުގަނޑުމެން ކަމެއް ކޮށްގެން އުޅެނީކީއެއް ނޫން. ދެން އަޅުގަނޑުމެން މިކަން ކޮށްގެން މިއުޅެނީ، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި މިވަގުތަށް ލުބްނާ، ކުރަން އޮތް އެންމެ ރަނގަޅު ގޮތަކަށް. މި ރާއްޖޭގައި އެބަތިބި މީހުން މަރުވެފައި އިނގޭތޯ. ސިޔާސީ ވެރިން އެބަތިބި. އެހެންދާ ބޮނޑިބޮނޑީގައި ކިތަންމެ ކަމެއް ވެފައި. ދެން އަޅުގަނޑު ޢިބްރަތް ލިބިގަންނަނީ، އަޅުގަނޑުމެންގެ މުއްސަނދި ތާރީޚާ. އެހެންވީމާ، އަޅުގަނޑު އެންމެ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިރާއްޖޭގެ ހުރިހާ ކަމެއް ހިނގަމުންދާނީ، އިރާދަކުރެއްވިއްޔާ ހެޔޮމަގުގައި، ހެޔޮގޮތަށް. އަޅުގަނޑެއް އަޅުގަނޑުގެ މަޞްލަޙަތަށްޓަކައި އަޅުގަނޑުގެ ބޭނުމަކަށްޓަކައި، އަޅުގަނޑު ހިންގާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑު ކޮށްފައިވާ ހުވައާއި، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދާ، މިކަންކަން ފުއްދުމަށްޓަކައި ނޫނިއްޔާ، އިރާދަކުރެއްވިއްޔާ މި ސަރުކާރަކުން ހަމަ އެއްވެސް ކަމެއް ނުކުރާނެ.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!