بســم اللّـه الرّحمـن الرّحيــم

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު. އަދި ނައިބު ރައީސްގެ އަނބިކަނބަލުން. ވަޒީރުން. ވަޒީރުންގެ އަނބިއަނބިކަނބަލުންނާއި ފިރިކަލުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިން. ބޭރުޤައުމުތަކުގެ ސަފީރުން. ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެންނަށް މިއަދަކީ ވަރަށްވެސް އުފާވެރި ދުވަހެއް. މިއަދު އަޙްމަދު ނަޞީރު ދެންމެ ފާހަގަކުރެއްވި ފަދައިން، ރާއްޖޭގެ ތާރީޚީ ތަރިކަ، އެއިން މިހާތަނަށް އައިއިރުގައި ސަލާމަތް ވެފައި ހުރި އެއްޗެއް ވެއްޖިއްޔާ، އެ ވެފައި ހުރި މިންވަރަކަށް، ދެން ނަޞީބަކުން އެއްތަނެއްގައި ހިޔާކުރެވި، ހިޔާވަހިކަމެއް ހޯދި، ހަރުލައި ރައްކާތެރި ކުރެވޭނެ ގޮތެއް އިންތިޒާމެއް، ނިޒާމެއް، އިރާދަކުރެއްވިއްޔާ މި ހަމަޖެހުނީ. މިކަން މިގޮތަށް ހަމަޖެހިގެން މިދިޔައީ، ކިތަންމެ ބައެއް، އެކަމުގައި ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވާފައިވާތީ. އޭގެތެރޭގައި، ޚާއްޞަކޮށް، ކުރީގެ ދިވެހިބަހާއި އަދަބަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ރައީސް އޮނަރަބްލް ޢައްބާސް އިބްރާހީމަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑަށް ލިބިފައިވާ މަޢްލޫމާތު ކުށް ކަމަށްނުވަނީނަމަ، ޗައިނާ ސަރުކާރާ ވާހަކަ ދައްކަވައިގެން، މިތަނުގައި ދާރުލްއާޘާރެއް އަދި މިޔުޒިއަމެއް އެޅުމުގެ މަސައްކަތްތައް އެންމެ ބޮޑަށް ހިންގަވާފައިވާ އެއްބޭފުޅަކީ ޢައްބާސް. އަދި ހަމަ ޢައްބާހާ އެކުގައި ޤައުމީ މަރްކަޒުގެ އެންމެހާ ބޭފުޅުންނާއި، އަދި އެ މަރްކަޒުގައި މިޕްރޮޖެކްޓްގައި އިސްވެ ޙަވާލުވެ ހުންނެވި ސާމިޔާ، އެބޭފުޅާއަށާއި، އެމަރްކަޒުގެ އެންމެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވިއިރު މަޝްރޫޢު އޮތީ ފެށިފައި. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، މިބާވަތުގެ މަޝްރޫޢެއް ހިނގަމުންދާއިރުގައި، ދެން އެ ދެކެވޭހާ ވާހަކައާއި، އެ ދިމާވާހާ މައްސަލަތަކާ ކުރިމަތިލެއްވީ އަޙްމަދު ޢަލިނަޞީރާއި، ޑޮކްޓަރ ސަވާދު. މަސައްކަތް ނިންމާލުމުގައި އެންމެ ބާރަށް ނުކުންނެވި އެއްބޭފުޅަކީ ކެރަފާ އަޙްމަދު ނަސީމް. އަދި ނަސީމަށް އެހީތެރިވެދެއްވުމުގައި، މާލޭ މުނިސިޕަލްޓީން ސަރަނގު އާދަމް މަނިކާއި، އަދިވެސް މާލޭގަޔާއި ރާއްޖޭގެ އެތައްމިތަނުން ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވި ވަރަށްގިނަ ބޭފުޅުން. އަދި ޚާއްޞަކޮށް، އަޅުގަނޑު ދަންނަވަން، އަސްލަމް، އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން މި ޕާކުގެ ޒީނަތްތެރިކަން ފުރިހަމަކުރެއްވުމާއި، އަދި ޚާއްޞަކޮށް، އީޑްން ޕްރޮޖެކްޓްގެ ފަރާތުން އެކަމަށް ކޮށްދެއްވި މަސައްކަތް.

އަޅުގަނޑު ހަމަ މިނޭވާގައި، އަޅުގަނޑުވެސް މި ޝުކުރު ދެންނެވުމުގައި އަޅުގަނޑަށް މިހާރު މި ވަގުތު ހޭދަކުރަން މިޖެހެނީ. އަޅުގަނޑު ޚާއްޞަކޮށް ޝުކުރެއް ދަންނަވަން ބޭނުން، ޗައިނާގެ ރައްޔިތުންނަށާއި، އެޤައުމުގެ ޒަޢީމު، އެޤައުމުގެ ރައީސް ހޫ ޖިންޓާއޯ އަށާއި، އަދި ބޮޑުވަޒީރު ވެންޖިޔަބައޯ އަށާއި، އަދި އަޅުގަނޑުމެންނަށް މިމަޝްރޫޢުގައި، އެޤައުމުގެ، ޗައިނާ ސަރުކާރުގެ ފަރާތުން އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ފަށްފަށުން އަޅުގަނޑު މިފަހަރު ޝުކުރު ދަންނަވަން.

އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ދުވަސްވީ ތަނެއްކަން. މިރާއްޖޭގައި ލިޔެވިފައިވާ ތާރީޚެއް އެބައޮތް، އެއްހާސް އަހަރަށް ދެމިގެންދާ. މިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓެއް، މެދުކެނޑުމެއްނެތި އެބައޮތް ނުވަސަތޭކަ އެތައް އަހަރަކަށް ދެމިގެންދާ. ރާއްޖޭގައި ލިޔެވިފައިނުވި ނަމަވެސް، ފެންނާންހުރި އާޘާރީ ތަކެތިން ބަލާއިރުގައި، ރާއްޖެއަކީ ވަރަށް ޤަދީމީ ރާއްޖެއެއް. ސައިންސްގެ ތަޙުލީލުތަކަށްފަހު، ރާއްޖޭގެ ޢުމުރާ ގުޅޭގޮތުން ނުވަތަ ރާއްޖޭގައި އެންމެ ފުރަތަމަ ބަޔަކު އާބާދުވީ ކޮންއިރަކާ ގުޅޭގޮތުން ކަމަށް، ތޯ ހައިޑާލް ފޮތެއްގައި ލިޔުއްވާފައި ވަނިކޮށް އަޅުގަނޑު ދުށީމު. ވިދާޅުވަނީ، ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ދެހާސް އަހަރު ކުރީގައިވެސް މި ޖަޒީރާތަކުގައި ހަމަ މިގޮތަށް މީހުން ދިރިއުޅެމުން ގެންދާ ކަމަށް.

ރާއްޖޭގައި އާބާދީއެއް އުފެދި، އަދި ރާއްޖޭގައި ސިވިލައިޒޭޝަނެއް އުފެދި، ދިވެހިންގެ ތެރޭގައި ވެރިކަމެއް އުފައްދައި، އެ ވެރިކަން އަމިއްލަގޮތުގައި ހިންގަމުން އަންނަތާ އެތައް ޒަމާނެއްވެއްޖެ. ބައެއްފަހަރަށް އެ ވެރިކަމާ އެތެރެއިން ތޮޅެލާ. އަނެއްބައިފަހަރަށް ބޭރުންވެސް އެ ވެރިކަމަށް ޙަމަލާ އާދޭ. މިކަންކަމުގައި ދިވެހިން ކަންބޮޑެއްނުވޭ. ދިމާވާ ކޮންމެ ކަމަކާ ކުރިމަތިލައި، އެކަމެއް ފަހަތަށް ޖައްސައި ހަމަ ކުރިއަށްދަނީ. ބައެއްފަހަރަށް ބަޑިންވެސްޖަހާ. އަނެއްބައިފަހަރަށް ކަނޑިންވެސްޖަހާ. އަނެއްބައިފަހަރަށް އަތުންވެސްޖަހާ. އެހެން ނަމަވެސް، މިއިން އެއްވެސް ކަމަކީ މާ ކަންބޮޑުވާ ކަމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީޚު މުއްސަނދިކަމުން، އަޅުގަނޑުމެންނަށް މިކަންކަމާ ކަންބޮޑުވާން ނުޖެހެނީ. އެއްވެސް ކަމަކީ އާކަމެއް ނޫން. މީގެކުރީގައި ނުވާ ކަމެއް މިއަދު ކޮންމެހެން ވެދާނެ ކަމަކަށް އަޅުގަނޑެއްވެސް ނުދެކެން. އެހެންވީމާ، ކުރީފަހަރުވީ ގޮތުގައި، އެކަން ހިނގިއިރުގައި ކަންކުރީ ކިހިނެއްތޯ ބަލައިލާފައި، އެގޮތަށްވެސް ހަމަ މިފަހަރު ކަންތައް ކޮށްލެވިދާނެ. އާކަމަކަށްވެސް ނުވާނެ. މީހުން ކަންބޮޑެއްވެސް ނުވާނެ. ދެން ޒަމާނަށް ގެންނަ ބައެއް ބަދަލު ގެނެއްސައި، ހަމަ ކުރީގައިވެސް ދިވެހިން ކަންކުރަމުން ގެންނަ ގޮތަށް ގެންދިޔައީމާ ރަނގަޅުވާނެ.

އެހެން ނަމަވެސް، މިހާރު ރާއްޖޭގެ ތާރީޚުގެ އަލީގަޔާ އެކުގައި އަޅުގަނޑުމެން ކަންތައް ކުރަމުންދާއިރުގައި، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެއްނުކުތާއެއް އެބައޮތް. މިހާރު އަޅުގަނޑުމެން ކަންކަން ކުރާއިރުގައި، ދިވެހި ރައްޔިތު މީހާގެ ޙައްޤަށް، ޚާއްޞަކޮށް، އިންސާނީ ޙައްޤަށް ނުވަތަ އޭނައަށް ޖިސްމާނީ އަނިޔާ ލިބުން އެއީކީއެއް މިއަދުގެ ދިވެހިން ޤަބޫލުކުރާނެ ކަމެއް ނޫން. ކުރީގައި އެކަން ކުރަމުން އައި ގޮތަކަށް އަޅުގަނޑުމެންނަކަށް މިހާރަކު އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެންނަކަށް ވެރިކަމާ ތޮޅުނީ ކަމަށް ބުނެ، ދެނެއް އަނދަގޮނޑި ޖައްސައި، މީހުން އެއްބަސްކޮށް ނުހެދޭނެ. އަދި މީހުން ގިނަ ދުވަހަށް ހިފައި ހައްޔަރުކޮށް ގެންގުޅުމަކީވެސް އެހާމެ ބުއްދިވެރި ކަމެއް ނޫން. އެހެން ނަމަވެސް، ދަންނަވާނަން، ހައްޔަރު ކުރަން ޖެހިއްޖިއްޔާ އަޅުގަނޑުމެން އަދިވެސް ޖެހޭނީ މީހުން ހައްޔަރު ކުރަން. ހައްޔަރުކުރާއިރުގައި މިހާރު މިބޭނުންވަނީ ފަނޑިޔާރުގޭގެ ވަރަށް ރީތި ތަރުތީބެއް އޭގައި އޮތުން. އެއީ ފަނޑިޔާރުގޭގެ ސިޓީބިޓީ ފުރިހަމަވެފައި ހުރުން. އެހެންވީމާ، މި ފަނޑިޔާރުގޭގެ ސިޓީބިޓީ ފުރިހަމަކުރުމުގެ ބޭނުމަކީ، ބައިނަލްއަގްވާމީ ގޮތުން އެބަދެކޭ، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި، ވަކިމަގަކުންނޭ ހިނގަންޖެހޭނީ، ވަކި ފިޔަވަޅުތަކެކޭ އަޅަންޖެހޭނީ. އެ ޕްރޮސެސްގެ ވާހަކަ އެބޭފުޅުން އެވިދާޅުވަނީ. މިޕްރޮސެސް މިބޭނުންވަނީ ވަކި ޚާއްޞަ ކަމަކަށްޓަކައި، ސަބްސްޓެންސަށްޓަކައި ނުވަތަ އެ ވަކިކަމަކަށްޓަކައި. ބޭނުންވާ ކަމަކީ އަނިޔާ ނުކުރުން. ބޭނުންވާ ކަމަކީ ގެއްލުމެއް ނުދިނުން. ގެއްލުމެއްނުދީ އިންޞާފް ޤާއިމު ކުރުން. މީހުން ހިފާ ހައްޔަރު ކުރުމަށްޓަކައި ފަނޑިޔާރުގޭގައި މިދަންނަވާ ސިޓީބިޓީ މިބޭނުންވަނީ. ދެން އަޅުގަނޑުމެންނަށް ބައެއްފަހަރަށް ކަންދިމާވެފައި ހުންނަގޮތުން، އެބަޖެހޭ ޕްރޮސެސް ހަމަ އޮތްތަނުގައި، ވީ އެންމެ ރަނގަޅަށް ބޭނުންކުރަން. އެހެން ނަމަވެސް، ޚާއްޞަ ގޮތެއްގައި، ސަބްސްޓެންސަށް އޭގެ ޢަރަޤަށް އަޅުގަނޑުމެން އެބަޖެހޭ ބަލަން. އެއީ އަނިޔާ ނުކުރުން.

މި ރާއްޖޭގެ ތާރީޚާ ގުޅިގެން، ރާއްޖޭގެ ވެރިކަމުގެ ތާރީޚު މިތަނުން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ފެންނާން އޮންނާނީ. އެތާރީޚާ ގުޅޭ ވަރަށްގިނަ ތަކެތި މިތާނގައި ހުންނާނެ. ރަސްރަސްކަލުން އިށީންނެވި ގޮނޑިކޮޅުތަކާއި، އެބޭފުޅުން ތުރުކުރެއްވި ތަކެއްޗާއި، ބޭނުންކުރެއްވި ހަތިޔާރާއި، އަދި ހަމަ މިބާވަތުގެ ކިތަންމެ އެއްޗެއް، މިތަނުން ފެންނަން ހުންނާނެ.

އަޅުގަނޑު މިވާހަކަތަކުގެ ތެރޭގައި، ދިވެހި ވެރިކަމާ ގުޅޭ ވާހަކައެއްކަމުން ހަމަ ދަންނަވާލީ. އަދި މިއަދުގެ އެކަމާ ގުޅޭ މުނާސިބު ކަމަށްޓަކައި. އަޅުގަނޑުމެން މި ޢިމާރާތެއް ހަދައި، މީގެ ޢިމާރާތެއް ހުޅުވައި އަދި މިކަހަލަ ކަންކަން ކުރިއަށް ގެންދިޔުމުގައި ބާރުއަޅާ މިއުޅޭ އެންމެބޮޑު އެއްސަބަބަކީ ހަމަ އަޅުގަނޑުމެންނަކީ ކޮންބައެއްކަން އަޅުގަނޑުމެން ދެނެގަތުމަށްޓަކައި. މާދަމާ އަޅުގަނޑުމެން ޢަމަލުކުރާއިރުގައި، ޢަމަލުކުރަނީ ކޮން ހަމައެއް ހޯދައިގެންތޯ، މިއަދު އަޅުގަނޑުމެން މި އަޅާ ކޮންމެ ފިޔަވަޅަކީ، އަޅުގަނޑުމެން އޭގެކުރީގައި އަޅާފައި ހުރި ފިޔަވަޅުތަކަށް ބަލައިގެން އަޅާ ފިޔަވަޅަކަށްވާތީވެ.

އަޅުގަނޑު ނިންމާލަމުން ދަންނަވާނީ، މިއަދަކީ އިއްޔެގެ ބަނޑުން ވިހޭ ދަރިއެކޭ. މިއަދު ހިނގާ ކަމެއް، ޙަޤީޤަތުގައި ބިނާވެފައި އޮންނާނީ، ވަރަށްބޮޑު ދަރަޖައަކަށް އިއްޔެގެ މައްޗަށޭ.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!
______________________