بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިތަނަށް ހަދިޔާއަކަށް އެއްޗެއް ދިނުމަށް ފިކުރުކޮށް އުޅުން އިރުގައި، ދެންމެ އަޅުގަނޑު މާހިރު އަރިހުގައި ދެންނެވިން، މިތަނުން އަޅުގަނޑު ނެގި ކަމަށް ބުނާ ބައެއް އެއްޗެހި، އަލުން އަނބުރާ މިތަނަށް ދެވޭގޮތްވުމަކީ ވަރަށްބޮޑު އުފަލަކަށްވާނެއޭ. އެހެންނަމަވެސް، އެއަށްވުރެ އަދި މާބޮޑު އުފަލެއް އަޅުގަނޑަށް މިއަދު މިލިބުނީ. މުޅި ޖުމްލަކޮށް މިތަނުން ނެގި އެއްޗެއް ކަމުގައިނުވީ ނަމަވެސް، 1968 ވަނަ އަހަރު އިބްރާހީމް ނާޞިރު ރާއްޖޭގެ މިނިވަންކަމުގެ އެގްރީމަންޓްގައި ސޮއިކުރެއްވުމަށްފަހުގައި، ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވެގެންދިޔުމާ ގުޅިގެން، އިބްރާހީމް ނާޞިރަށް އޭރުގެ އެމެރިކާގެ ރައީސް ފޮނުއްވާފައި އޮތް އައްޑަނައެއް. މިއައްޑަނަ އިބްރާހީމް ނާޞިރުގެ އަތްޕުޅުގައި އޮންނަކަން އަޅުގަނޑަށްވެސް ތަންކޮޅެއް ކުރީގައި އެނގިފައި އޮތީ. ދެން ކަންދިމާކުރި ގޮތުން، މީގެ 15 ވަރަކަށް އަހަރު ކުރީގައި، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ނާޞިރު، އެ އައްޑަނަ ދެއްވާފައި އޮތީ އިސްމާޢީލް ނާޞިރަށް. ދެން އިސްމާޢީލް ނާޞިރު، އެ އައްޑަނަ ފަހުން އަޅުގަނޑަށް ދެއްވީ. އަޅުގަނޑު ދެކިހުރީ މިގޭގައި، މިގޭގެ މަތީގައި އިބްރާހީމް ނާޞިރުގެ ލިޔެކިޔުންތަކާއި، އަދި އެބޭފުޅާގެ މުޅި ޙަޔާތުގެ ފެންނާން ހުރި، ލިބެންހުރި ހުރިހާ ތާރީޚީ ތަކެއްޗަކާއި އަދި އޭގެ އިތުރުންވެސް ވެލާނާގޭ ދަރިކޮޅުގެ ތާރީޚީ ހުރިހާ ތަކެއްޗެއް މިތާ ބެހެއްޓޭނޭ ތަނެއް، މިތަނުގައި ހުރުމަކީ ރަނގަޅު ކަމަކަށްވާނޭ. އެހެންވެ، އަޅުގަނޑު ހައުސިންގ މިނިސްޓްރީގައި އެދުނީ، މި ޢިމާރާތުގައި ވަކިކޮޓަރިއެއް ހުންނާނެ، ވެލާނާގޭ އާކައިވްސްގެ ގޮތުގައި ތަރައްޤީ ކުރުމަށް އަޅުގަނޑުމެން ފިކުރުކުރާ ތަންކޮޅެއް.

ދެން އަޅުގަނޑު އިތުރަކަށް ވެލާނާގޭގެ ވާހަކަ ދައްކާކަށް ނުޖެހޭނެ. ރަޝީދު ވަރަށް ސާފުކޮށް ކިޔައިދެއްވައިފި. އެހެންނަމަވެސް، ދަންނަވާލަން ބޭނުން. ވެލާނާގެއަކީ ރާއްޖޭގެ ޤަދީމީ ޢާއިލާތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ޢާއިލާ. ތޭރަސަތޭކައިގެ ދުވަސްވަރުގައި، އެ ޢާއިލާގެ ފުރަތަމަ ބޭފުޅެއް، އަޅުގަނޑުމެންނަށް މިރާއްޖޭގެ ތާރީޚުން ފެންނާން އޮތީ. އެއަށްފަހު، މެދުކެނޑުމެއްނެތި އެ ޢާއިލާގެ ބޭފުޅުންގެ ހުރިހާ މަޢްލޫމާތެއް ލިބެމުން ލިބެމުން އައިސް، އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އާދެވިފައިމިވަނީ. ދެންމެ ރަޝީދު، ވެލާނާގޭ ބައެއް ބޭފުޅުންގެ ވާހަކަ ވިދާޅުވެއްޖެ، ވެލާނާގޭ މުޙަންމައިދީއާ ހިސާބުން. ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މަލިންގޭ ޙަސަންދީދީ އާއި، އަދި އޭގެއިތުރަށް ވީރުގޭ އިބްރާހީމްދީދީ އާއި، މިހެން ދަމުން ދަމުންގޮސް، އ ެޢާއިލާ އެބަ ދެމިގެންދޭ ތޭރަސަތޭކައާ ހަމައަށް. އެހެންވީމާ، މި މާލޭގައި ދިރިއުޅޭ ވަރަށްގިނަ މީހުންނަކީ، ވެލާނާގޭ މީހުން. އަޅުގަނޑުމެން އެ ހުރިހާ ބޭފުޅުންނަށް މިއަދު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!


______________________