بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ދިވެހިރާއްޖޭގެ 45 ވަނަ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ އުފާވެރިކަމާ އެއްހަމައިން މިދުވަހާ ގުޅިފައިވާ މަސްއޫލިއްޔަތުތައްވެސް އަޅުގަނޑުމެންނަށް ވަރަށް ސާފު. މިއަދު އަޅުގަނޑުމެން، ދިވެހި ރައްޔިތުން މިތިބީ، ތަންފީޒު ކުރަމުން މިއަންނަ ޤާނޫނުއަސާސީއަށް ޢަމަލުކުރަމުން ގެންދިޔުމުގައި ކުރިމަތިވާނެ އެންމެބޮޑު ހުރަސްތަކާ ކުރިމަތިލާންޖެހިފައި. ދިވެހިން ހުރަސްކޮށް ގިރާކުރި ގޮންޖެހުންތަކަށް ބަލާއިރު، މިކަމުގައިވެސް ރައްޔިތުން ކުރިހޯދާ ކާމިޔާބު ކުރާނެކަމާމެދު އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއް ނުހިނގާ.

ކުރިން ރާއްޖޭގައި ހިނގާ މިދިޔަ ވެރިކަން 2008 ވަނަ އަހަރު ބަދަލުވުމާއި، އޭގެ ކުރީ ފަހަރުފަހަރުގެ ވެރިކަން ބަދަލުވުމާ ވަރަށް ތަފާތު. ކުރީގައި ހިނގާ ބާވަތުގެ އެތައްކަމެއް މިފަހަރަކު ނުހިނގާ. ނަގައިގަތް ވެރިކަމުގެ ބޭފުޅުން މިފަހަރު ހިފާ ހައްޔަރެއް ނުކުރޭ. އެބޭފުޅުންގެ ގޯތިގެދޮރާއި މުދަލެއް މިފަހަރު ސަރުކާރަކުން ނުނަގާ.

2008 ވަނަ އަހަރު ވެރިކަން ބަދަލުވުމާ ގުޅިގެން، ކުރީގެ ވެރިކަމާ ގުޅިފައި ތިއްބެވި ބޭފުޅުންގެ މުޅި ބާރުވެރިކަމެއް މިފަހަރަކު ނުގެއްލޭ. އަދި ފަނޑިޔާރުގެއާއި އެހެނިހެން މުއައްސަސާތަކުގައިވެސް ތިއްބެވީ ހަމަ ކުރީގައިވެސް ތިއްބެވި ބޭފުޅުން.

ދިގު 30 އަހަރު، ކުރީ ސަރުކާރުގެ ވެރިން ވެރިކަމުގައި ތިއްބެވިއިރު، އެބޭފުޅުންނާއި އަދި ޝަރީޢަތާއި ޤާނޫނު ހެދުމުގެ ބާރާ ގުޅިފައި އޮތް މިންވަރަށް މިފަހުން ބަދަލެއް އައިނަމަ އައީ ވަރަށް ކުޑަ ބަދަލެއް. މިދެންނެވި ކުޑަ ބަދަލު، އެގޮތަށް ގެނައުމަށް، މި ސަރުކާރުން ނިންމީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށްޓަކައި، ރާއްޖެއަށްޓަކައި. ގަބީލާއެއްގެ ވިސްނުމާ ދުރުވެ، ޤައުމެއްގެ ޙަޤީޤީ އިސްކޮޅަށް ދިވެހިރާއްޖެ ހިންދެމިލުމަށްޓަކާ.

ބަޑިއާއި ބިޑިއާ އަނދަގޮނޑީގެ ބާރަކީ، ވެރިކަމުގެ ބާރުގެ ގޮތުގައި ދެކިގެން ތިބޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. ދިވެހި ރައްޔިތުން މިއަދު އެގޮތެއް ނޭދޭ. އަޅުގަނޑުމެން ގަބޫލުކުރާ ވެރިކަމުގެ ބާރަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުން. ސާފު ބޯފެނާއި، ނަރުދަމާ އާއި، ބަނދަރާއި ބޯހިޔާވަހިކަން ތަނަވަސްކޮށްނުދެވޭ ވެރިކަމެއްގައި ބާރެއް ނޯންނާނެ. މަދަރުސާތައް އެއްދަންފަޅިއަށް ބަދަލުވެ، ތަޢުލީމީ ނިޒާމު ވަރުގަދަ ނުކުރެވޭ ވެރިކަމެއްގައި އެއްވެސް ގަދަކަމެއް ނޯންނާނެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުހުތާދުތައް ފުއްދައިދީ، ބޭސްފަރުވާ ލިބިނުދެވޭނަމަ، އެ ވެރިކަމުގައި އާރެއް ބާރެއް ނުހުންނާނެ. ލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމަކުން މެނުވީ ވެރިކަން ބަދަހިވެ ލާމެހިގެނެއް ނުދާނެ. މިމަޤްސަދުތައް އަޅުގަނޑުމެންނަށް އެބަ ކާމިޔާބު ކުރެވޭ. ޤައުމުގެ ތަރައްޤީގެ ދުވެލި މިދަނީ ކުރިއަށް. ކޮންމެ ކަމަކީވެސް، އެކަމެއް ޙާޞިލު ކުރުމަށްޓަކައި، އަގެއް ދައްކާންޖެހޭނެ ކަމެއް.

ރާއްޖޭގެ ތަރައްޤީއަށް ހުރަސް ނޭޅުމަށްޓަކައި، ކުރީ ސަރުކާރުގެ ބޭފުޅުންގެ ބާރުވެރިކަމާއި މި ސަރުކާރުން ކުރިމަތިލީ މިންވަރު ކުޑަކަމުގެ އެއް ނަތީޖާއަކީ، އެ ސަރުކާރުގެ ބޭފުޅުންގެ ހިތްޕުޅުގައި، ވެރިކަމަށް އަނބުރާ ވަޑައިގަތުމުގެ ފޮނި އުންމީދު މާބޮޑަށް އުތުރިއަރަމުންދިޔަކަން. ކުރީގެ ބޭފުޅުން ވެރިކަމަށް އަނބުރާ ވަޑައިގަތުމަށް ހިންގަވާން ފެށްޓެވި ފިޔަވަޅުތައް ހަލުވިވަމުންދިޔަ ވަރަކަށް، ޤާނޫނުއަސާސީގެ ބައްޓަމަށް އައީ ލޮޅުން މިދިޔައީ ބޮޑުވަމުން. ރައްޔިތުންނަށް ދޭންވާ ޚިދުމަތް ފޯރުކޮށްދިނުމަށް، އޭގެ ސަބަބުން ދިޔައީ ހުރަސްތައް އެޅެމުން. ކުރީ ސަރުކާރުގެ ބޭފުޅުންގެ މި ޢަމަލުތައް މި ފަހަކަށްއައިސް ގާތްގަނޑަކަށް މުޅިންހެން އެކުއެކީ ހަމަފާލުން ނެއްޓި ދިޔުމުން، މިދެންނެވި ލޮޅުން މިވަނީ އަދިވަކީން ހަލަބޮލިވެފައި.

އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ، އަޅުގަނޑުމެންގެ ވާޖިބަކީ މިދަތި އުނދަގޫތަކުން އަރައިގަނެވޭނެ ވިސްނުމެއް ހޯދުން. މަގެއް އަލިކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އަޅުގަނޑުމެން މި މަގާމުގައި މިތިބީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރަން. ދިވެހިރާއްޖެއަށް ހެޔޮގޮތް ހޯދޭތޯ މަސައްކަތް ކުރަން. ރާއްޖެ ތަރައްޤީ ކުރަން. އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެންގެ ހަނދާނުން މިކަން ކައްސައެއްނުލާނެ. މިމަސައްކަތް އަޅުގަނޑުމެން މާތްރަސްކަލާނގެ އަމުރުފުޅާއި އިރާދަފުޅުން އެބަ ކާމިޔާބު ކުރަން.

މިއަދު ޢަމަލު ކުރަމުން މިއަންނަ ޤާނޫނުއަސާސީ އެކުލަވައިލެވިފައި އެވަނީ، ރާއްޖޭގެ ވެރިކަމުގެ ތާރީޚުގެ ބަތާނައިން ފޭދިފައިވާ ވަރަށް ގިނަ ތަޖުރިބާތަކެއްގެ ތެރެއިން. ޒަމާނުއްސުރެން އެކުވެ، މަސްހުނިވެ ވާރުތަވަމުން އައި ވެރިކަންކުރާ ފަރާތުގެ ހައްދެއްނެތް ބާރު އެކަށީގެންވާ މިންވަރަށް ކުޑަކުރާންވެއްޖެކަމުގެ ވިސްނުމެއްގެ ތެރޭގައި. އެ ވިސްނުމަކީ ރަނގަޅު ނޫން ވިސްނުމެއް ކަމަށް އަދިވެސް އަޅުގަނޑު ނުދަންނަވާނަން. މީގެކުރީގައި، މިރާއްޖޭގެ ރައްޔިތުމީހާގެ ބާރު އޮތީ މާކުޑަކޮށް. އޭރު ޙަޤީޤަތުގައި އެމީހާ ނުވެސްނެތޭ ދެންނެވިދާނެ. އެހެންކަމުން، ޤާނޫނުއަސާސީ އެކުލަވާލަމުން އައިއިރު، ރައްޔިތުންގެ ބާރު ބޮޑުކުރުމާއި، ވެރިކަމުގެ ބާރު ކުޑަކުރުމަށްޓަކައި ފިކުރު ހިންގާފައިވަނީ އެތައް ގޮތަކަށް. އެއްބަޔަކު ވަކާލާތު ކުރަމުން އައީ، ރިޔާސީ ނިޒާމަކީ ފުރިހަމަ ނިޒާމެއް ކަމަށް. އަނެއްބަޔަކު ބުނަމުން ގެންދިޔައީ އެންމެ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމު ކަމަށް. އަދި އެހެން ބަޔަކު ބުނަމުން ގެންދިޔައީ ތިޔައިން އެއްވެސް ގޮތެއް ކަމުނުދާނެ ކަމަށް.

ނަތީޖާއެއްގެ ގޮތުން، ނިމި ތަޞްދީޤު ކުރެވިފައިމިވާ ދުސްތޫރަކީ ރިޔާސީ ނިޒާމުގެ ސިފަތައް ހާވިޔާވެ، އަދި ބަރުލަމާނީ އުޞޫލުތަކަށްވެސް ނުފެތި ފުށުއަރާފައިވާ ޙާލަތުތައް ވަރަށްގިނަ ދުސްތޫރެއް.

އަޅުގަނޑަށް ފެންނަ ފެނުމުގައި، މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިމިވާ މައްސަލަތައް ޙައްލުކުރާން ވެއްޖެނަމަ، މި ދުސްތޫރުގެ ބައެއް މާއްދާތަކަށް ބަދަލު ގެންނަން އެބަޖެހޭ. އަޅުގަނޑު މިހުރީ އެބަދަލުތައް ގެނައުމަށް ބޭނުންވާނެ ހުރިހާ އިންތިޚާބަކަށް ފުރުޞަތު ދިނުމަށް ތައްޔާރަށް. ރައްޔިތުންގެ ކުރިމައްޗަށް ހުއްޓި، އެމީހުން އެދޭ ގޮތަކީ ކޮބައިތޯ އެހުމަށް އަޅުގަނޑު ފަސްޖެހޭނެ އެއްވެސް ދަނޑިވަޅެއް އިރާދަކުރެއްވިއްޔާ ނާންނާނެ.

މިއަދަކީ އަޅުގަޑުމެންގެ މިނިވަން ދުވަސް. މިއީ ރާއްޖޭގެ މުހިންމު ޤައުމީ ދުވަސްތަކުގެ ތެރެއިން ދުވަހެއް. ދިވެހި ޤައުމިއްޔަތާއި، ދިވެހިވަންތަކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި، ގިނައިން މިއިވެނީ، ޤައުމިއްޔަތު ބިނާވެފައި މިވަނީ ހަމައެކަނި ބަހާއި ދީނުގެ މައްޗަށް ކަމަށް. ބަހާއި ދީނަކީ ޤައުމިއްޔަތުގެ މުހިންމު ދެކަންތައްކަން ކަށަވަރު. އެކަމުގައި އެއްވެސް ޝައްކެއްނެތް. އެހެންނަމަވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަހަންނަކީ ދިވެއްސެކޭ ބުނާ ބަހުގައި، އަހަރެންނަކީ ދިވެހި ބިމުން ކިތަންމެ ކުޑަ ތަންކޮޅެއްގެ ނަމަވެސް މިލްކުވެރިއެކޭ ނުބުނެވޭ ކަމުގައި ވަނީނަމަ، އެމީހާ ދިވެހި ޤައުމިއްޔަތުގެ ޙިމާޔަތުގައި އުޅޭ މިންވަރު ކުޑަވާނެ. އެ އިޙްސާސް އޭނާގެ ހިތުގައި ފަނޑުވާނެ.

ދިވެހި ޤައުމިއްޔަތަށްޓަކައިވެސް، ދިވެހި އިޤްތިޞާދަށްޓަކައިވެސް، ދިވެހި ބިމުގެ މިލްކުވެރިކަން މިހާރަށްވުރެ ބޮޑަށް ބަންޑާރައިންގެ ކިބައިން ވީއްލައި، ރައްޔިތުންގެ ކިބައިގައި އަމިއްލަވާންޖެހޭ. ދިވެހިންގެ ވަކި ފަރުދުން، ނުވަތަ ރައްޔިތުމީހާ ބިންވެރިކުރެވޭނެ ގޮތްވުމަކީ، އަޅުގަނޑުމެންގެ ދިވެހިވަންތަކަން ވަރުގަދަވެ، ޤައުމިއްޔަތު ފުރިހަމަވާނެ ކަމެއް. މިއާއެކު ދިވެހި މިނިވަންކަން ދިރުވައި އާލާކުރުމަށް އެޅޭ ބާރަކަށް މިކަން ވެގެންދާނެ.

މީގެކުރީގައި، މިރާއްޖޭގައި ބިން ދޫކުރެވިފައިވާ ގޮތަށް ބަލާއިރު، ބިމަކީ ފަރުދުންނަށް ނިސްބަތްވާ އެއްޗެއް ނޫން. ބިމަކީ ދައުލަތުގެ މިލްކެއް. ދެހާސް ދެވަނަ އަހަރު އަލަށް ފާސްކުރެވުނު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން، ބިން ސަރުކާރުން ގަނެ މިލްކު ކުރުމުގެ ފުރްޞަތު، ވަކި ފަރުދުންނަށް ލިބިދީފައިވޭ. މިއާއެކު ބިމަކީ ޞިނާޢީ މުދަލަކަށް އަދި ގަނެ ވިއްކޭ އެއްޗަކަށް ހަދައި، ބިމުގެ ބާޒާރެއް ނުވަތަ ރިއަލް އެސްޓޭޓް މާކެޓެއް އުފެއްދޭނެ ވަސީލަތަކަށް ބިން ހެދުމަށްޓަކައި ޤާނޫނާއި ގަވާއިދުތައް އިތުރަށް އިޞްލާޙު ކުރަންއެބަޖެހޭ. ދިވެހި ރައްޔިތުމީހާ ބިންވެރި ކުރެވޭނެ ގޮތެއް ހޯދައި، ރާއްޖޭގައި ގޯތިގެދޮރު ގަނެ ވިއްކުމުގެ ފުރިހަމަ ބާޒާރެއް އުފެއްދުމީ މި ސަރުކާރުގެ އަމާޒެއް.

މިކަންކަން ހާސިލު ކުރުމުގައި ކުރާންޖެހޭ މަސައްކަތްތައް ކުރުމުގައި، މި ސަރުކާރުން ކުޑަކޮށްވެސް ފަހަކަށް ނުޖެހޭނެ. ދިވެހިބިމަކީ ހަމައެކަނި ރާއްޖޭގެ ހިކިފަސް ތަން ކަމަށް ދެކިއްޖެނަމަ، ރާއްޖޭގެ ބިމުގެ މުއްސަނދިކަމުގެ ވަރަށްބޮޑު ބައެއް ގެއްލި އެބަދޭ. ރާއްޖޭގެ ފަޅުތަކާއި ފަރުތަކަކީ ރާއްޖޭގެ ބިމުގެ މުއްސަނދިކަމުގެ ތެރޭގައި ހިމެނޭނެ ތަންތަން. މިއަދަށް ބަލާއިރު، ރާއްޖޭގެ ފަޅުރަށްތަކުގެ ބެލެހެއްޓުން، ވަރުވާގެ އުޞޫލުންނާއި އަދި ބައެއްފަހަރަށް ބީލަން ހުޅުވައި، ވަކިފަރާތެއް ހޯދުމަށްފަހު، އަމިއްލަ ފަރުދުންނާ ޙަވާލުވެފައިވީ ނަމަވެސް، މިދެންނެވި ފަޅުތަކާއި ފަރުތަކުގެ ބެލެހެއްޓުން ޙަވާލުވެފައި މިވަނީ ހަމައެކަނި ސަރުކާރާ.

ސަރުކާރުން މިހާރު މިވަނީ ރާއްޖޭގެ ގިނަ ފަރާއި ފަޅުގެ މިން އަޅާފައި. ރާއްޖޭގެ ބިމާބެހޭ ދަފްތަރުގައި މިތަންތަން ވަނީ ހިމެނިފައި. ރާއްޖޭގެ ފަޅުފަޅާއި ފަރުތަކަކީ، ރާއްޖޭގެ ރައްޔިތުން އެކިގޮތްގޮތަށް ބޭނުންކުރަމުން އައި ތަކެއްޗާއި ތަންތަން. ގޮއިފާލައްބަ، ބޯގަ، ހިންނައިގެ ގޮތުގައި މީސްމީހުންނާ ޙަވާލުކުރެވިފައި ހުރި ތަންތަން. މީސްމީހުން ބަލަހައްޓަމުން އައި ތަންތަން.

ފަޅާއި ފަރުގެ އިޤްތިޞާދީ ބޭނުން ބަދަލުވަމުން އައި އައުމާއި އަދި ޒަމާނަށް އަންނަމުން ދިޔަ އެތައް ބަދަލެއްގެ ސަބަބުން، ލޯމާފާނުތަކާއި ފަތްކޮޅުތަކުން އެކިފަރާތްފަރާތާ ހަވާލު ވެފައިހުރި ފަޅާއި ފަރުތަކުގެ ނާޒިރުން އޮޅި، ގެއްލިގޮސް މުޅި އެ ނިޒާމު މިވަނީ އުވިފައި. ރަށްރަށާއި ފިނޮޅު ހުރާފަދަ ތަންތަނުގެ އިތުރުން، ފަޅު ފަރުފަދަ ތަންތަންވެސް ބެލެހެއްޓުމަށް އެކިއެކި ފަރާތްތަކާ ޙަވާލުކުރުމަކީ، ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ރައްދުވުމަށް އެޅޭނެ ބާރެއް. މި ރާއްޖޭގެ ތަރައްޤީގެ ޗާލޫވީ ބޮޑުމަންޒަރުގެ ޗާޓު އަޅުގަނޑަށް އެބަފެނޭ. މި ޗާޓު ހަދާފައިވަނީ ދިވެހި ރައްޔިތުން. މި ޗާޓަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ޙިއްޞާއާއި ޚިޔާލު، އޭގައި އެކުލެވިފައިވާ މެނިފެސްޓޯއެއް.

ދިވެހި ހުރިހާ ރައްޔިތުންގެ ބައިވެރިވުން ލިބިގެން ކުރަހާފައިވާ، މި ޤައުމުގެ ތަރައްޤީގެ މަންޒަރު ޙަޤީޤަތަކަށްވެ، މި ތަރައްޤީގެ ފޮނި މޭވާ ލިބެން ފެށުމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް ސިފަކުރެވޭ ކުލަތަކުން ދިވެހި އުދަރެސްތައް އާރޯވެގެންދާ މިފަދަ ދުވަސްތަކުގައި ރައްޔިތުން އެހެން މިޞްރާބެއް ބޭނުންވެދާނެ ކަމަށް ބަޔަކު ދެކޭނަމަ، އެއީ ވަރަށްބޮޑު ކުށްހީއެއް. މި ސަރުކާރުން ރައްޔިތުންގެ އެ ތަޞައްވުރުގެ ޢަމަލީ މަޝްރޫޢުތައް އިރާދަފުޅާއެކު ޙަޤީޤަތަކަށް ހަދާނެ. އެކަމުގައި ފަހަކަށް ނުޖެހޭނެ.

މި ރާއްޖޭގައި ޑިމޮކްރަސީ އަށަގަންނުވާ، ހެޔޮވެރިކަމުގެ ބިންގާ ނެގެހެއްޓުމަށް ދިވެހި ރައްޔިތުން މި ސަރުކާރާ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތު މި ސަރުކާރުން އިރާދަކުރެއްވިއްޔާ އަދާކުރާނެ. މި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި، އަޅުގަނޑުމެންގެ ދަރީންނާއި ދަރިންގެ ދަރިންނަށްޓަކައި، މި ޤައުމާއި މި ދައުލަތް، ކޮރަޕްޝަނާއި، ފަސާދައިގެ ހުތުރު އަޅުވެތިކަމުން ސަލާމަތް ކުރުމުގައި މުރާލިކަމާއެކު އަޅުގަނޑުމެން ދެމިތިބޭނެ.

މިނިވަންކަމުގެ ދިދަ ޖައްވުގައި ވިހުރުވޭއިރު، ރައްޔިތުންގެ ހިތްތަކުގައި ހިނގާ ވަހުމަކީ ޤާނޫނު ހަދާ ބާރާއި، ޢަދުލުއިންޞާފާއި ވެރިކަމުގެ ތެރޭގައި ރިޝްވަތާއި ކޮރަޕްޝަން ކޯދުލާ ހެދޭ ކަމުގެ ވަހުމް ނަމަ، އެކަންކަމުން ޤައުމު މިނިވަންކުރުމަކީ އަދި މާ މުހިންމު ޤައުމީ ވާޖިބެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް، ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން. އާމީން

والحمد للّـه، والسّـلام عليـكم

______________________