بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު އިތުރު ވާހަކަ ދެއްކުމުގެ މާނައެއް އަޅުގަނޑު ހިތަކު މިއަދަކު ނެތް. މިއަދަކީ އަޅުގަނޑުމެންނަށް އަނެއްކާވެސް ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑުމެންނަށް މިޤާނޫނުއަސާސީގެ ދަށުން ލާޒިމުކުރާ ކެބިނެޓް ހުވާ އަނެއްކާ މިއަދު މިއޮތީ އަޅުގަނޑުމެންނަށް ކުރެވިފައި. އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކޮށް އަރުވަނީ، ކެބިނެޓާ އެކުގައި މީގެކުރީގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔަ ސާބިތުކަންމަތީގައި، ކުރިއަށް އޮތް ތަނުގައިވެސް މިކެބިނެޓާއެކު އަޅުގަނޑުމެން ސަރުކާރުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނަމޭ. އަދި ރައްޔިތުންނަށް ޚިދްމަތް ދިނުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤާބިލިއްޔަތު ތަންދިން މިންވަރަކުން އަޅުގަނޑުމެން އެކަމުގައި ދެމިތިބޭނަމޭ.

އާދެ! އަޅުގަނޑު ދެންނެވިހެން އަޅުގަނޑު އިތުރު ވަގުތު ހޭދަނުކޮށް ނޫސްވެރިންނަށް ފުރްޞަތު އަރުވާނަން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑު އާ ކެބިނެޓްގެ ހުރިހާ ބޭފުޅުންނަށްވެސް މަރްޙަބާ ދެންނެވުމަށްފަހު، އަޅުގަނޑުގެ ސުވާލައިގެން ކުރިއަށް ދާނަން. އަޅުގަނޑުގެ ސުވާލަކީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ކެބިނެޓް އިސްތިޢުފާ ދެއްވިއިރުގައި، ރައީސް ނަޝީދު ވިދާޅުވެފައި އޮތީ އެބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ އެއްބާރުލުމެއް ލިބިވަޑައިނުގަންނަވާތީ ކަމަށް، ހުރިހާ ބޭފުޅުން އެއްފަހަރާ އިސްތިޢުފާ ދެއްވީ. އަޅުގަނޑުގެ ސުވާލަކީ، އެބޭފުޅުން އަލުން، ހަމަ އެބޭފުޅުން، އެންމެ ބޭފުޅެއް ފިޔަވައި ހުރިހާ ބޭފުޅުން، ހަމަ އެ ވުޒާރާތަކަށް އެ ޢައްޔަން ކުރެއްވީ، ރައްޔިތުންގެ މަޖިލީހުން، އެވިދާޅުވާ އެއްބާރުލުން އަލުން ލިބިވަޑައިގަންނަވާނެ ކަމުގެ ކިހާބޮޑު ޔަޤީންކަމަކާ އެއްކޮށްތޯއޭ؟ އަދި މިހާތަނަށް އެއްވެސް މަޝްވަރާތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އަދި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެއްކޮށް ކުރައްވާފައި އޮތްކަން އަޅުގަނޑަށް އެބަ އިނގޭ އެމަޝްވަރާ. އެހެން ނަމަވެސް، ދެފަރާތުންވެސް ވިދާޅުވެފައި އޮތީ، އެކަށީގެންވާ ކުރިއެރުމެއް، މަޝްވަރާއެއް ލިބިވަޑައިގެންފައި ނެތް ކަމަށް. އެހެންވީމާ، ކިހާވަރެއްގެ އެއްބާރުލުމެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަމާއެކުތޯއޭ، އަލުން އެބޭފުޅުން އެމަގާމުތަކަށް، ވަޒީރުންގެ މަޖިލީހަށް އެ ޢައްޔަން ކުރެއްވީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ! އެނގިވަޑައިގަންނަވާނެ، ވަޒީރުންގެ ޝަކުވާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެބޭފުޅުންގެ ވިސްނުންފުޅާއި ޚިޔާލާއި ނުވަތަ ޕާޓީގެ ވިސްނުމަށް ބަރޯސާވެ، އެބޭފުޅުންގެ ނިންމެވުންތައް ނިންމަވަމުން ނުގެންދަވައި، އެހެން ނަމަވެސް، ރިޝްވަތުގެ ހުތުރު ޢަމަލުގެ ތެރޭގައި، އެބޭފުޅުންނަށް ކަންކަން ނިންމަވަމުން ގެންދަވާތީވެ، އޭގެ ސަބަބުން ވަޒީރު ބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅޭކަމީ، އެއީ ވަޒީރު ބޭފުޅުންނަށް ގަބޫލުފުޅު ކުރެއްވޭ ކަމެއް ނޫނޭ. އަޣްލަބިއްޔަތަކުން ކަމެއް ނިންމުން، އެކަމަކާ ނޫން ވަޒީރު ބޭފުޅުންގެ ޝަކުވާ މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީކީއެއް. ޚާއްޞަ ގޮތެއްގައި، އެ ޝަކުވާ އަމާޒުވެފައި ހުރީ ރިޝްވަތުގެ ހުތުރު ޢަމަލު، މަޖިލީހުގެ މެންބަރުގެ މެދުގައި، މުޢާމަލާތްތައް ހިނގަމުންދާތީވެ، އެކަމާ ސަރުކާރުންނާއި އަދި ފުލުހުންނާއި އަދި ޝަރީޢަތުގެ ދާއިރާއިން އެކަށީގެންވާ ފިޔަވަޅު އަޅައިދިނުމަށް އެބޭފުޅުން އެދުނީ. ދެން އަޅުގަނޑު މިދެކެނީ، އެކަން ސަރުކާރަށް މިހާރު މިވަނީ ތަޙްޤީޤު ކުރަން ފެށިފައި. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެ ތަޙްޤީޤުތައް ނިމި، މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެ. އަޅުގަނޑު އަބަދުވެސް އަމާޒު މިކުރަނީ، ދިހަވަރަކަށް ދުވަހަށްވުރެ ގިނަ ދުވަސް، ތަޙްޤީޤުގެ މަރްޙަލާގައި، މިކަމުގައި ދެމިގެންގޮސްގެން ނުވާނެ ކަމަށް. ވީހާވެސް އަވަހަކަށް މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެ ކަމަށް. ދެން ރައްޔިތުންގެ މަޖިލީހުގައި ކަންތައްތައް ހިނގަމުންދާނީ ހަމަ ޢާންމު އުޞޫލެއްގައި، ރައްޔިތުންގެ މަޖިލީހެއްގައި ކަންކަން ހިނގަމުންދާ ގޮތަށް.

ދެން އޭގެ އިތުރުން، މިއެދޭ އެދުމަކީ މިހާރު މިވަނީ ރިޔާސީ ނިޒާމެކޭ. އެހެންވީމާ، އެ ރިޔާސީ ނިޒާމުގެ ރޫޙަށް މަޖިލީހުގެ ކަންކަން ބަހައްޓައިދިނުމަކީ ހަމަ ހުރިހާ ބޭފުޅުންވެސް އެދޭ ކަމެކޭ. އަޅުގަނޑު ޑީ.އާރު.ޕީ.ގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީއާ މަޝްވަރާ ކުރިން. ތެދުފުޅެއް. ތަސްމީން ވިދާޅެއްނުވޭ، އެބޭފުޅުން ކަނޑައެޅިގެނެއް މިވެނި ގޮތަކަށް، އެވެނި ގޮތަކަށް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަކަށް. އެހެން ނަމަވެސް، ވަކިވަކިން ޑީ.އާރު.ޕީ.ގެ ވަރަށްގިނަ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުގަނޑާ ގުޅުއްވި. އެބޭފުޅުން ވިދާޅުވަމުން ގެންދެވި، އެބޭފުޅުންނެއް ނޭދެމޭ ސަރުކާރު ހުއްޓިފައި އޮންނާކަށް. ދައުލަތް ހުއްޓިފައި އޮންނާކަށް. ރައްޔިތުންނަށް ޚިދްމަތްތައް ނުލިބޭކަށް. އެހެންވީމާ، އަޅުގަނޑު މިދެކެނީ، މިހާރު އަޅުގަނޑުމެންނަށް ޑީ.އާރު.ޕީ.ގެވެސް ވަރަށްގިނަ މެންބަރުންނާއި އަދި އަމިއްލައަށް ވަކި ޕާޓީއަކަށް ނިސްބަތްނުވާމެ ވަރަށްގިނަ މެންބަރުންނާ އެކުގައި މަޝްވަރާ ކުރެވިއްޖެ ކަމަށް. އަދި އެބޭފުޅުންނާ އެކީގައި އެއްފިކުރަކަށް އަޅުގަނޑުމެންނަށް އެބަ އާދެވޭ ކަމަށް. ދެން މިމަސައްކަތް އިތުރަށް ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހެއް އޮވެގެން، މި މަސައްކަތް ބާރަށް ކުރިއަށް ގެންދިޔައީމާ، އަޅުގަނޑުމެން މިހާރު މި އެކުލަވައިލާފައި އަދި ލިބިގެންފައިމިވާ ޤާނޫނުއަސާސީ ތަންފީޒު ކުރުން ކިތަންމެ ތަނެއް ފަސޭހަވެގެންދާނެ.

އާމިނަތު ނިޔާޒާ - ސަން.އެފް.އެމް:

އަޅުގަނޑު ހަމަ ހުރިހާ ބޭފުޅުންނަށް ފުރަތަމަވެސް މަރްޙަބާ ދަންނަވަން. އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު މިއަދު އަލުން މިއެކުލަވައިލެއްވި ކެބިނެޓް، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލެއްވި ކެބިނެޓެއް ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟ މިހެން މިދަންނަވާލީ، މި މަޖިލީހުގެ ރުހުން ނެތި ހުރިހާ ބޭފުޅުންވެސް މިއަދު މި ހުވާކުރެއްވީ. ދެން މަޖިލީހުން މިކަމަށް ކިހާވަރެއްގެ، މިބޭފުޅުންނަށް މި އެއްބާރުލުން ދެއްވުމަށް ކިހާވަރެއްގެ ޔަޤީންކަމެއް އޮތް ކަމަށް މަނިކުފާނު މިހާރު ގަބޫލުފުޅު ކުރައްވަންތޯ؟ އެއީ މިހާރު މަޖިލީހުގެ ދެމެންބަރަކު މިހުންނެވީ ގޭބަންދުގައި. އެކަމާވެސް ގުޅުވާލައިގެން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށް ބޮޑަށް ޝުކުރިއްޔާ! ދެން އަޅުގަނޑަށް ޔަޤީން، ތިބޭފުޅާވެސް ޤާނޫނުއަސާސީ ބައްލަވާފައި އޮންނާނީ. އަދި މަޖިލީހުގެ އެންމެ މެންބަރުންވެސް ޤާނޫނުއަސާސީ ބައްލަވާފައި އޮންނާނީ. ޤާނޫނުއަސާސީގައި ވަރަށް ސާފުބަހުން މިއޮންނަނީ، ރައީސުލްޖުމްހޫރިއްޔާ ކެބިނެޓެއް ޢައްޔަން ކުރުމަށްފަހުގައި، 7 ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން އެމަޖިލީހަށް ފޮނުވަންޖެހޭ ކަމަށް. ދެން އަޅުގަނޑު މިވަގުތު ފާހަގަކޮށްލަން ބޭނުން އިނގޭތޯ. ރައްޔިތުން ޤާނޫނުއަސާސީ ބައްލަވައިފިނަމަ، ޤާނޫނުއަސާސީގެ "ރުހުން" މިބަސް އަންނާނީ އެންމެ މާއްދާއަކާ ގުޅިގެން. އެއީ ވަޒީރުންގެ މަޖިލީހާ ގުޅިގެން. ދެން ހުރި ހުރިހާ އެހެން މިސާލަކަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، ސިވިލް ސަރވިސް ކޮމިޝަން، މުސްތަޤިއްލު މުއައްސަސާތައް އެކުލަވައިލުމުގައި، މަޖިލިސް ޤާނޫނުއަސާސީ ބޭނުންކޮށްފައި އޮންނާނެ ބަހަކީ، އެމަޖިލީހުގެ އަޣްލަބިއްޔަތުން ފާސްވެގެން އެތަންތަން އެކުލަވާލަމުން ގެންދިޔުމަށް. އެހެންނަމަވެސް، ވަޒީރުންގެ މަޖިލިސް އެކުލަވައިލުމުގައި، މިއޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން. އެއީކީއެއް މަޖިލީހުގެ އެންމެ މެންބަރުން އިށީންނަވައި، ވޯޓުދީގެން އެކަންކުރާ ގޮތަކަށް ކޮންމެހެން ޤާނޫނުއަސާސީ މާނަކޮށްފައި އޮންނަ އޮތުމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭ.

އަދި އަޅުގަނޑު އިތުރަށް ހަމަ ދަންނަވަން ބޭނުން. ރިޔާސީ ނިޒާމުގައި، ރައީސުލްޖުމްހޫރިއްޔާ މި ސަރުކާރު އެކުލަވައިލަނީ. އެ ސަރުކާރު އެކުލަވައިލުމުގެ ފުރްޞަތު، ރައީސުލްޖުމްހޫރިއްޔާއަށް މި ނިޒާމު ފުރިހަމައަށްދޭ. ލިބިދޭންޖެހޭ. އެހެންވީމާ، އެފުރްޞަތު އަޅުގަނޑު މިބޭނުންކުރަނީ. މަޖިލީހުގެ މެންބަރުންނަކީވެސް ދިވެހިރާއްޖޭގެ ޤާނޫނީ އިމުގެ ތެރޭގައި ތިއްބަވަން ޖެހިވަޑައިގަންނަވާ ބޭފުޅުން. އެބޭފުޅުންވެސް އެކަން ހަމަ ފުރިހަމަށް ގަބޫލުފުޅު ކުރައްވާނެ. އަޅުގަނޑަށް ޔަޤީން، އެންމެ ބޭފުޅުން މިކަމަށް ތަރުޙީބު ދެއްވާނެކަން. އަދި މަޖިލީހުންވެސް އަޅުގަނޑަށް މިކަމަށް ތަރުޙީބު ލިބޭކަން، ދެއްވާކަން އަޅުގަނޑަށް ވަރަށް ބޮޑަށް ސާފު. އެބޭފުޅުންވެސް ބޭނުންފުޅުވެވަޑައެއްނުގަންނަވާ، މަދު ބައެއްގެ ސަބަބުން މުޅި މަޖިލިސް ގޭގެ ޢިއްޒަތާއި ޤަދަރާއި ކަރާމާތަށް ގެއްލުން ލިބޭކަށް، ބުރޫއަރާކަށް. އެބޭފުޅުންވެސް، މަޖިލީހުގެ ކިތަންމެ މެންބަރުންނެއް އެ އެދިވަޑައިގަންނަވަނީ، މިކަން ރަނގަޅަށް، މަޖިލީހުގެ މެންބަރުން ރިޝްވަތު ދެއްވަން އުޅުއްވި ކަމަށްވާނަމަ، އެކަމެއް ރަނގަޅަށް އަވަހަށް ބަލައި، އެކަމުގެ ޙައްޤު އަދަބު، އެދެވެންވީ ފަރާތަށް އަވަހަށް ދިނުން.

މުޙަންމަދު އަފްޒަލް - ދިވެހިރާއްޖޭގެ އަޑު:

ވަޒީރުންގެ މަޖިލިސް މަނިކުފާނު ތިޔަ ޢައްޔަން ކުރެއްވީ، އަޅުގަނޑުމެންނަށް އިއްޔެގައި ރައީސް އޮފީހުން އިދިކޮޅު ޕާޓީތަކާއެއްކޮށް މަޝްވަރާތަކެއް ޚުދު މަނިކުފާނު އިސްވެ ހުންނަވައިގެން ކުރެއްވި ވާހަކަ ވިދާޅުވެފައި ވަނިކޮށް. ހަމައެއާއެއްކޮށް، މި ވަޒީރުން، އަނެއްކާ މަޖިލީހަށް މިނަންތައް އެބަ ފޮނުވަންޖެހޭ. ފޮނުވާއިރުގައި މިވަގުތު ބަންދުގައި ތިއްބެވި މަޖިލީހުގެ މެންބަރުން ކަމަށްވާ ޤާސިމް އަދި ޔާމީންވެސް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭގޮތަށް އަދި މިހުރީ. އަދި ޚާއްޞަކޮށް، ޔާމީން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކި ވާހަކަފުޅެއްގައި، މިބޭފުޅުންނަށް އަލުން ރުހުން ނުދެއްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައިވޭ. ޔާމީން ޕާޓީއަކީ ޑީ.އާރު.ޕީ.ގެ ކޯލިޝަންކަންވެސް ފާހަގަކުރަން. މިބޭފުޅުން ހުވައާ އެއްގޮތަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެ އިސްތިޢުފާ ދެއްވިއިރު، ކިހާވަރެއްގެ ޔަޤީންކަމެއް އެބައޮތްތޯ، މިބޭފުޅުންނަށް އަނބުރާ ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާނެކަން. އަދި ހުވައާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމުގެ ކިހާވަރެއްގެ ޔަޤީންކަމާ އެއްކޮށްތޯ، އަލުން މިބޭފުޅުން ކެބިނެޓްގައި މި ހިމެނިވަޑައިގަންނަވަނީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ރުހުން ހޯދަން އަޅުގަނޑުމެން މިފޮނުވަނީ ރައްޔިތުންގެ މަޖިލީހަކަށް. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އެބަ ބަޔާންކުރޭ، ވަކި ޙުދޫދުތަކެއް. ވަކި ހަމަތަކެއް. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ރޫޙާއި، އެ ޤާނޫނުއަސާސީގެ މަފްހޫމްތައް އަޅުގަނޑުމެންނަށް ސާފު. އެ ޤާނޫނުއަސާސީއަކީ ފުރިހަމަ ރިޔާސީ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކުން ފެނިގެން، އެ ނިޒާމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކުލަވައިލެވިފައި އޮތް ޤާނޫނުއަސާސީއެއް. އެހެންވީމާ، އަޅުގަނޑެއް ކުޑަކޮށްވެސް ނުދެކެން، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ޤާނޫނީގޮތުން ކުރަންޖެހޭ ކަންތައްތަކެއް ކުރަމުންދާއިރުގައި، އެކަމަށް ހުއްޓުމެއް ގެންނަން އުޅުއްވިދާނެ ކަމަކަށް. ނުވެސް އުޅުއްވާނެ. އަޅުގަނޑަށް ޔަޤީން، ކަށަވަރު އެބޭފުޅުން އެގޮތަކަށެއް ޢަމަލެއް ނުކުރައްވާނެ. ދެން އަޅުގަނޑު މިދެކެނީ، ރާއްޖޭގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ސާފޭ، މި ރާއްޖޭގެ ކަންކަން ހިނގަމުން، ވަމުން މިއަންނަ ގޮތް. އެހެންވީމާ، އޭގެ އަލީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް، ކެބިނެޓާ ގުޅޭގޮތުން މުޢާމަލާތް ކުރައްވާއިރުގައި، އެބޭފުޅުންގެ ޙުދޫދުތައް އެބޭފުޅުންވެސް ހިފަހައްޓާނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން.

ޢަބްދުއްލަޠީފް އާދަމް - މިއަދު ނޫސް

އަޅުގަނޑުވެސް އެންމެ ފުރަތަމަ މިއަދު ނޫހުގެ ހުރިހާ ސްޓާފުން އަލަށް މިއަދު ހުވާކުރެއްވި ބޭފުޅުން، އެހެން ނަމަވެސް، މިބޭފުޅުންނަކީ ކުރީގައިވެސް ވަޒީރުން. އެބޭފުޅުންނަށް މަރްޙަބާ ދަންނަވަމުން، އަޅުގަނޑު މަނިކުފާނުގެ އަރިހުން ކުޑަކަމަކަށް އެދިފައި، އަޅުގަނޑު ސުވާލުތައް ދަންނަވާނީ. އެއީ ވަރަށްބޮޑު ކަންތައްގަނޑެއް ޤައުމުގައި ހިނގައިމިދާއިރުގައި، ވަރަށްބޮޑު ހަލަބޮލިކަމެއް އައިސްފައި އޮތްއިރުގައި، އަޅުގަނޑުމެންނަށް މަނިކުފާނާ އެއްކޮށް ނޫސްވެރިންނަށް ޙިއްޞާ ކޮށްލުމުގެ ފުރްޞަތު އަދިވަނީ ނުލިބިފައި. އެހެންވީމާ، އަޅުގަނޑު މިއަދު ކޮންމެހެން އަޅުގަނޑުގެ ހިތުގައި ހުރި އެކަމުގެ އިޙްސާސްތައް މަނިކުފާނާ އެއްކޮށް މިތަނުގައި ހާމަކުރާކަށްނެތިން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މަނިކުފާނު މިކަންކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ފުރްޞަތު ދެއްވާނެ ކަމަށް.

ދެން އަޅުގަނޑުގެ ސުވާލަކީ، މިހާރުވެސް ހަމަ ހުރި ދަތިތަކާ އެއްކޮށް، ވަޒީރުން ހަމަ އެބޭފުޅުންގެ ޓީމުގެ މަސައްކަތް އެ ފަށްޓަވަނީއޭ. ދެން ޢާންމު ރައްޔިތުންގެ ގޮތުގައިވެސް ދުވަސްކޮޅަކު އުޅުއްވައިފިއޭ. ވަރަށްގިނަ ތަފާތު އަޑުތަކާއި، ކުރިން އިވިވަޑައިނުގަންނަވާ ވަރަށް ގިނަ ތަފާތު ކަންތައްތަކެއްވެސް، ހަމަ ޔަޤީނުންވެސް ހުންނާނީ އިވިވަޑައިގެންފައޭ. އެހެންވީމާ، ދެން ކުރިއަށް އޮތް ތަނުގައި މި ރައްޔިތުންގެ މަޖިލީހާ އެއްކޮށް، ނޫނީ ރައްޔިތުންނާ އެއްކޮށް، ހަމަގައިމުވެސް ރައްޔިތުންނާ އެއްކޮށް ނޫނިއްޔަކާ، މަގާމެއް، ވެރިކަމެއްވެސް ނުކުރެވޭނެ. އެހެންކަމަށްވާއިރު، ކުރިއަށް އޮތް ތަނުގައި، މަނިކުފާނުގެ ވަޒީރުންގެ ކިބައިން އަޅުގަނޑުމެންނަށް އިތުރު ކުރިއެރުމެއް، ރައްޔިތުންނަށް އިތުރު ފައިދާކުރާނެ ކަންތައްތަކެއް ފެނިގެން ހިނގައިދާނެތޯއޭ؟ ކޮންމެވެސްވަރެއްގެ ހުއްޓުންތަކެއް ކޮންމެ ކަމެއްގައިވެސް އަބަދުވެސް ހުންނާނެ. އެހެންވީމާ، މިދިޔަ ފަހަރު އެގޮތަށް، މިދިޔަ ދުވަސްކޮޅު ހުއްޓިފައި ހުރި މިދެންނެވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، މިދެންނެވި ކޮންމެވެސްވަރަކަށް ފަހަތުގައި ހުރި ކަންތައްތައް އިޞްލާޙުވެ، ރަނގަޅުވެ، ރައްޔިތުންނާއި މަޖިލީހާއި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާ ގުޅިގެން މަސައްކަތްކުރާ މަންޒަރެއް އަޅުގަނޑުމެންނަށް ފެނިދާނެތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުގެ އުންމީދަކީ، ދުޢާއަކީ އަދި އަޅުގަނޑު ޔަޤީންކުރަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނިގެންދާނީ ހަމަ ލަޠީފް ބުނުއްވި މަންޒަރޭ. ރައްޔިތުންނާވެސް ގުޅިގެން، ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ ބޭނުންތައް ދެނެގަނެ، އެކަންކަން ފުރިހަމަކޮށްދިނުމަށް ވަޒީރުންގެ މަޖިލިހާ އަދި ސަރުކާރުން ކެނޑިނޭޅި ގަދަ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުން ގެންދާނަން. ކުރިއަށް އޮތް ތަނުގައިވެސް އެކަން ކުރާނެ.

ދެން ތިޔަ ވިދާޅުވިހެން މިސާލަކަށް ބައެއް ޕްރޮގްރާމްތައް އަޅުގަނޑުމެން އެދޭ ސްޕީޑަކު ނުހިނގާ. އެހެން ނަމަވެސް، އަޅުގަނޑު މިދެކެނީ، އެ ޕްރޮގްރާމްތައްވެސް އަޅުގަނޑުމެންނަށް ބާރު ސްޕީޑްގައި ހިންގޭނެ ކަމަށް. ދެން އޭގެއިތުރުން އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލީހުންވެސް އަދި ރައްޔިތުންވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަރަށްގިނަ ފިލާވަޅުތަކެއް ލިބިގެންފި ސަރުކާރަށްވެސް ވަރަށްގިނަ ފިލާވަޅުތަކެއް ލިބިއްޖެ. ވަޒީރު ބޭފުޅުންނަށްވެސް ވަރަށްގިނަ ފިލާވަޅުތަކެއް. ޤައުމެއްގެ ޙަޔާތުގައި، އެޤައުމާ ދިމާވާ ކަންކަން ޙައްލުކުރާނީ ކިހިނެއްތޯ؟ އަދި ކަންކަމާ ދިމާވަނީ ކޮންފަދަ ސަބަބުތަކެއް މެދުވެރިވެގެންތޯ؟ ދެން ވެދާނީ ކިހިނެއްތޯ؟ ދެން ވާންވީ ކިހިނެއްތޯ؟ މިހިރަ ސުވާލުތަކަކީ، އަޅުގަނޑު ހިތުން، މިވަގުތު ރާއްޖޭގެ ރައްޔިތުން މިޤައުމާ ގުޅޭގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ވަރަށް ފުންކޮށް ވިސްނައި ކުރެވިފައި ހުރި ސުވާލުތަކެއް. އަޅުގަނޑު މިދެކެނީ، އެ ސުވާލުތަކުގެ ޖަވާބާ އެކުގައި، އެ ރައްޔިތުން ޙަރަކާތްތެރިވާއިރުގައި ރައްޔިތުންގެ މަޖިލިސްވެސް ބަދަލުވާނެއޭ. ވަޒީރުންގެ މަޖިލިސްވެސް ބަދަލުވާނެއޭ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ކަންކަމާ ގުޅޭގޮތުން ވިސްނާގޮތް ތަފާތުވާނެއޭ. އަޅުގަނޑުމެން ބާރަށް މަސައްކަތް ކުރާން މިފަށަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އަޅުގަނޑުމެން ފުއްދައިދޭނެ. އަޅުގަނޑުމެން ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަން ހޯދައިދޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ޑްރަގްގެ ވަބާއިން މިރާއްޖެ ސަލާމަތް ކުރާނެ. އަޅުގަނޑުމެން ކޮރަޕްޝަނާ އިދިކޮޅަށް ޢަމަލު ހިންގާނެ. އަޅުގަނޑުމެން، ބޭސް ސިޓީއަށް ސަލާންޖެހުން އިރާދަކުރެއްވިއްޔާ ހުއްޓާލަދޭނު. އަޅުގަނޑުމެން ރާއްޖޭގައި އިރާދަކުރެއްވިއްޔާ ތަކެތީގެ އަގު އަތްފޯރާފަށަށް ގެނައުމަށް ހަރުދަނާ އިޤްތިޞާދީ ސިޔާސަތެއް، މާލީ ސިޔާސަތެއް ކަނޑައަޅައި، އެ ސިޔާސަތު އިރާދަކުރެއްވިއްޔާ ހިންގައި، ކާމިޔާބު ސިޔާސަތަކަށް މިހާރު ވަމުން އަންނަތަން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. އެހެންވީމާ، އެކަމުގައިވެސް އަޅުގަނޑުގެ އުންމީދު ވަރަށްބޮޑު. އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންނަށް ބާއްޖަވެރިކަމޭ އޮތީ.

ޝިހާމް މުޙަންމަދު ވަޙީދު – ވީ.ޓީ.ވީ

އިދިކޮޅު ފަރާތްތަކުން މިވޭތުވެދިޔަ ދެތިން ދުވަސް ތެރޭގައި ތަފާތު ވާހަކަ ދައްކަމުންދިޔަ، ކެބިނެޓް އިސްތިޢުފާ ދެއްވުމާ ގުޅިގެން. އަދި ބޭރުގެ ނޫސްތަކުގަޔާއި އެކިގޮތްގޮތުން މިވާހަކަތައް ވަރަށް ބޮޑަށް ފެތުރެމުން ގޮއްސަވީ. އަޅުގަނޑުގެ ސުވާލަކީ، ކުއްލިގޮތަކަށް ކެބިނެޓް ޢައްޔަން ކުރެއްވީ، އިދިކޮޅު ފަރާތްތަކުން ސްޕްރީމް ކޯޓަށް މިމައްސަލަ ގެންނަވާނެ ކަމަށް، މިއަދު ޢައްޔަން ނުކުރައްވައިފިނަމަ، އެގޮތަށް ވިދާޅުވުމުންތޯ، އެއީ ފުރަތަމަ ސުވާލު.

ދެވަނަ ސުވާލަކީ، ޤާނޫނުއަސާސީ ބުނާގޮތުން ޢައްޔަން ކުރެވިދާނެ ކަމަށް ގިނަ ޤާނޫނީ ވަކީލުން އަދި ޤާނޫނީ ޢިލްމުގެ ބޭފުޅުން އެބަ ވިދާޅުވޭ. ނަމަވެސް، އެބޭފުޅުން މަގާމަކާ ޙަވާލެއްނުވެވޭނެ ކަމަށްވެސް އެބަ ބުނޭ. އެހެންވީމާ، މިކަމާ ދޭތެރޭގައި މަނިކުފާނު ވިދާޅުވަނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ކަމެއް ކުރަމުން ގެންދަނީ، ރާއްޖޭގެ ރައްޔިތުންގެ ފައިދާއާއި މަންފާއާއި ލާބައަށްޓަކައި. ދެން ވާދަވެރި ސިޔާސީ ނިޒާމެއް އޮތުމުގެ ބޭނުމަކީ، އެކިކަންކަމަށް އެކިއެކި ފަރާތްތަކުން، ވެރިކަމުގެ ފަރާތް ޖަވާބުދާރީ ކުރުވުން. އަދި އެކަންކަން ހާމަވެސް ކުރުން. އަޅުގަނޑު އެއްވެސް ހާލެއްގައި ނުދަންނަވާނަން. ވާދަވެރި ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަ އަޅުގަނޑުމެން އަޑުނާހާ ކަމަކަށް. އަޅުގަނޑުމެން އަޑުއަހަން. އަދި އަޑުއަހާންވެސް ޖެހޭނެ. އެއީ، އަޅުގަނޑުގެ ނަޒަރުގައި ސަރުކާރަކުން ކުރަންޖެހޭނެ ކަމެއް. ދެން ދެވަނައަށް ތިޔަބޭފުޅާ ތިޔައިޝާރާތް ކުރެއްވި، އެބޭފުޅުންނަށް މަގާމުތަކާ ޙަވާލުވެވޭނެ. ޤާނޫނުއަސާސީ ވަރަށް ބޮޑަށް ސާފު. ވަޒީރު ކަމުގެ ޤާނޫނީ ހުވާ، އުއްތަމަ ފަނޑިޔާރުލައިދެއްވީމާ، ދެން ގެއަކު ނުތިއްބެވޭނެ. ދެން ތިއްބަވަންޖެހޭނީ ހަމަ މަސައްކަތުގައި. ދެން އެމަސައްކަތް އެބޭފުޅުން ކުރިއަށް ގެންދަވަންޖެހޭނެ. އަޅުގަނޑު މިދަންނަވާހެން ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުން މިއޮންނަނީ، ޤާނޫނުއަސާސީގައި ވަކިގޮތަކަށް. އެކަން ކުރިއަށް ގެންދަން ޖެހޭނީ، ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް. ދެން މީގައި ޙަޤީޤަތުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އިތުބާރު އޮތްތޯ ނެތްތޯ ބެލުން އެއީ، އެހެން ކަމެއް. ރުހުން ދިނުން އެއީ، އެހެން ކަމެއް. ރުހުން ދިނުމަކީ، ހަމަ މިހިނގަމުންދާ ޢާންމު އުޞޫލުގައި، އެހެން ޤައުމުތަކުގައިވެސް އެކަން ވަމުންދާގޮތަށް ހިނގަމުން އަންނަ ކަމެއް. އެހެންވީމާ، ރުހުން ދިނުމަށް އެއްވެސް ބަޔަކު ހުރަހެއްވެސް ނާޅާނެ. އަދި އަޅާނެ ޖާގައެއްވެސް ނުމެނެތް. އަދި އަޅާނެ ތަނެއްވެސް ނުމެނެތް. އެހެންވީމާ، އަޅުގަނޑަކަށެއް، އަޅުގަނޑުމެންނަކަށް ޤާނޫނީ މައްސަލައެއް ނުފެނޭ. އަޅުގަނޑުމެން ބާރަށް އިރާދަކުރެއްވިއްޔާ ގެންދާނީ ކުރިއަށް.

ޢަލީ ހައިދަރު – ދި އެފް.އެމް:

އެ ވަޒީރު ބޭފުޅުން އިސްތިޢުފާ ދެއްވުމަށް މެދުވެރިވި ސަބަބު އަދިވެސް އޮތީ ހަމަ އޮތްގޮތަށް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، މި މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙު. ދެން އެޤާނޫނު އަލުން އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވީމާ، އަލުން އަނެއްކާ މަޖިލީހުން ހަމަ ޤާނޫނެއްގެ ގޮތުގައި އެނބުރި އަތުވެއްޖެނަމަ، ދެން ކިހިނެއްތޯ ކަންތައް ކުރައްވާނީ؟ ދެން އަޅުގަނޑަށް މިއަދު ފެނިގެންދިޔަ، ކުރީގެ ސިވިލްއޭވިއޭޝަން މިނިސްޓަރ މަޙްމޫދު ރާޒީ އިކޮނޮމިކް މިނިސްޓްރީއަށް ހަމަޖެއްސިގެންދިޔަތަން. ދެން އެމިނިސްޓްރީއަށް ކިހިނެއްތޯވާނީ؟ ސިވިލްއޭވިއޭޝަން މިނިސްޓްރީ އުވާލައްވާނީތޯ؟ ނޫނިއްޔާ ފަހުން ބޭފުޅަކު ޢައްޔަން ކުރައްވާނީތޯ؟ ދެން އަޅުގަނޑުމެންނަށް ހަމަ ޤައުމީ ޕާޓީގެ ބައެއް ތުހުމަތުތައް އެބަހުރި. ކެބިނެޓް އިސްތިޢުފާ ދިނުމުގެ ފަހަތުގައިވަނީ، ނައިބު ރައީސް އިސްތިޢުފާ ދެއްވުމަށް ރައީސް ނަޝީދު ބާރުއެޅުއްވުން ކަމަށް. އަދި ނައިބު ރައީސްގެ އިސްތިޢުފާގެ ސިޓީވެސް ލިޔުއްވި ކަމަށް. ލިޔުއްވާފައި އެރުވި ކަމަށް. އެކަހަލަ ވާހަކަތަކެއް ދެކެވެމުންދޭ. މިކަމުގެ ޙަޤީޤަތަކީ ކޮބައިތޯ؟ ދެން ހަމައެއާއެކު އަޅުގަނޑު ފާހަގަކޮށްލަން. ދާދިފަހުން އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުން ވަނީ ޖުމްހޫރީ ޕާޓީއާއެކު ވެފައިވާ ކޯލިޝަން އުވާލުމަށް ނިންމާފައި. އަޅުގަނޑަށް މިއަދު އެބަ ފެނޭ، ވަޒީރުންގެ މަޖިލީހުން ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން. ދެން ކިހިނެއްތޯ ވިސްނެވީ؟ ކޯލިޝަނަށް ވިސްނެވިންތޯ، ވަޒީރުންގެ މަޖިލިސް އަލުން އެކުލަވައިލެއްވިއިރު.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ ވިދާޅުވީ މާލިއްޔަތު ޤާނޫނު އަޅުގަނޑު ތަޞްދީޤުނުކޮށް، އަނބުރާ މަޖިލީހަށް ގޮސްފިނަމަ، ދެން އަދި މަޖިލީހުން 29 ވޯޓާ އެކީގައި ގެނެސްފިނަމަ، ދެން ކިހިނެއްތޯ އަޅުގަނޑުމެން ޢަމަލުކުރާނީ. އެހިސާބުން އެޤާނޫނު އަޅުގަނޑުމެން ފޮނުވަންޖެހޭނީ ސްޕްރީމް ކޯޓަށް. އެޤާނޫނަށް ޢަމަލުކުރެވޭކަށެއް ޙަޤީޤަތުގައި ނެތް. ދެން ކަނޑައެޅިގެން އަޅުގަނޑުމެން ތިބެ، އަމިއްލައަށް ގެއްލުމެއްދޭކަށެއް ނުވާނެ. އަދި ދައުލަތުގެ އެންމެމަތީ ވެރިއެއްގެ ގޮތުގައި، އަޅުގަނޑުގެ ޒިންމާއެއް އެއީ، މިރާއްޖެއަށް ގެއްލުމެއް ލިބުނަނުދީ، ކަންކަން ކުރިއަށް ގެންދިއުން. އަދި އެއީ ބަޔަކު މީހުން ގެއްލުންދޭން އުޅުނު ކަމުގައިވިޔަސްވެސް. ދެން އެކިގޮތްގޮތަށް ގެއްލުން، އެކިމީހުން އެކިނިޔަތުގައި، އެކިފަރާތްތަކުން ދިނުމަށް މަސައްކަތް ކޮށްފާނެ. އެހެން ނަމަވެސް، ވެރިއެއްގެ ގޮތުގައި މިރާއްޖެ ހިންގާ ފަރާތެއްގެ ގޮތުގައި އަޅުގަނޑުގެ މަސްއޫލިއްޔަތަކީ، ވާޖިބަކީ، ދިފާޢީ ބާރުތައް ބޭނުންކުރަންޖެހޭ އިރެއްގައި، ދިފާޢީ ބާރުތައް ބޭނުންކޮށްގެން، އަދި ޙިކްމަތްތެރިކަމާއި ވިސްނުންތެރިކަން ބޭނުންކުރަންޖެހޭ ވަގުތެއްގައި، އެކަން ބޭނުންކޮށްގެން، ކެތްތެރިކަމުގެ ވަގުތެއްގައި ވެއްޖިއްޔާ، ކެތްތެރިކަންވެސް ބޭނުންކޮށްގެން، އަދި ދެންވެސްހުރި އިންސާނީ ދުނިޔަވީ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން، މިރާއްޖެ ސަލާމަތްކަންމަތީގައި ބޭއްވުމަކީ އަޅުގަނޑުގެ ވާޖިބެއް. އަޅުގަނޑު މާތްރަސްކަލާނގެ ގަންދީ ހުވާކޮށް ހުރީ އެކަމަށް. އަޅުގަނޑު ރައްޔިތުންނަށް ވަޢުދުވެ މިހުރީ އެކަމަށް. އަޅުގަނޑު ޔަޤީންކޮށް އަރުވަން. މިރާއްޖޭގެ ރައްޔިތުންނަކަށްވެސް، މިރާއްޖެއަކަށްވެސް އިރާދަކުރެއްވިއްޔާ ކުޑަ ގެއްލުމެއްވެސް ހަމަ ނުލިބޭނެ.

ދެން ވިދާޅުވި ނައިބު ރައީސްގެ ވާހަކަ، އަޅުގަނޑު ދެކެނީ ހެއްވާ ވާހަކައެއްގެ ގޮތުގައި. އަޅުގަނޑު ނައިބު ރައީސް އަރިހުގައި ދުވަހަކުވެސް ނުދަންނަވަން. އަދި ނައިބު ރައީސާ ގުޅޭގޮތުން އަޅުގަނޑު ދަންނަވަން އިނގޭތޯ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން. އަޅުގަނޑު ވަރަށް އިތުބާރު ކުރަމޭ، ނައިބު ރައީސަށް. އަޅުގަނޑު ނައިބު ރައީސް އަރިހުގައި އެދޭ ހުރިހާ މަސައްކަތެއް، ނައިބު ރައީސް ވަރަށް ފުރިހަމައަށް ކޮށްދެއްވައޭ. އަދި އެބޭބޭފުޅުން ނައިބު ރައީސާ ގުޅޭގޮތުން ތިއެންމެހާ ވާހަކަތައް ދައްކަވަމުން ގެންދަވާއިރުގައިވެސް، ދުވަހަކުވެސް އަޅުގަނޑެއް ނައިބު ރައީސާ ގުޅޭގޮތުން ތިބާވަތުގެ ވާހަކައެއް ނުދައްކަން. އަދި އެދެން ތިބޭފުޅުން ފަހުން އެހެން އިރެއްގައިވެސް، ނައިބު ރައީސް އަރިހުން، ދެން އަޅުގަނޑު މިހާރު ނައިބު ރައީސް އަރިހުގައި ކުރިއަކު ދަންނަވާފައެއް ނޯންނާނެ، ނައިބު ރައީސް ސުވާލަށް ޖަވާބު ދިނުމާއި، އެބާވަތުގެ އެއްވެސް ވާހަކައެއް. އެހެންވީމާ، އެބޭފުޅާއަށް އިޙްތިރާމް ކުރުމުގެ ގޮތުން އަޅުގަނޑު އެދޭނަން، ތިބޭފުޅުން އެހެން ވަގުތެއްގައި މިކަން ހިނގާދިޔަގޮތް ނައިބު ރައީސް އަރިހުން، އެބޭފުޅާގެ އިޒުނައާ އެކީގައި އޮޅުންފިލުވާލައްވަން ބޭނުންވެލައްވަންޏާ، އެކަން އޮޅުންފިލާނެ. އެއްވެސް ހާލެއްގައި އަޅުގަނޑަކީއެއް އަޅުގަނޑުމެންގެ ނައިބު ރައީސްގެ އަގާއި، އަދި ނައިބު ރައީސްގެ ޤަދަރާއި ޢިއްޒަތާއި އަދި ނައިބު ރައީސްގެ އެއްވެސް ކަމަކަށް ކުޑަވެސް ހަނިކަމެއް އަޅުގަނޑު އަންނާކަށެއް ނޭދެން. އިރާދަކުރެއްވިއްޔާ ނުވެސް ގެނެވޭނެ. އަޅުގަނޑު ދެކޭނީ، އަޅުގަނޑުމެންނަށް ހަމަ އެކުގައި، ނައިބު ރައީސަށް ނައިބު ރައީސްގެ މަގާމު އަދާކުރައްވަމުން ގެންދެވޭނެ ކަމަށް.

ދެން އޭގެއިތުރުން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން، ތިބޭފުޅުންނަށް ފެނިވަޑައިގަންނަވައޭ. ރާއްޖޭގެ ޤާނޫނުއަސާސީގައި ވަޒީރުންގެ މަޖިލިސް އެކުލަވައިލަނީ ރައީސުލްޖުމްހޫރިއްޔާ. އޭގައި އަޅުގަނޑަށް ފެނުނު މީހަކު ލައިގެން އެކުލަވައިލަނީ. އަޅުގަނޑު އޭގައި ޑީ.އާރު.ޕީ. ބޭފުޅެއްވެސް ހިމަނާނަން. އަދި އަޅުގަނޑަށް ފެނިގެން އަދި އެއީ ރާއްޖެއަށް މިވަގުތު ރަނގަޅު ކަމެއްގެ ގޮތުގައި ވަނީނަމަ، އެކަންވެސް އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެން ކުރާނެ. އެއީކީއެއް އިތުރު އެލަޔަންސެއް އޭގެތެރޭގައި ހިމެނުމަކަށްޖެހޭ ކަމެއް ނޫން. ދެން އަޅުގަނޑުމެންނާއި ޖުމްހޫރީ ޕާޓީއާ އޮތް އެއްބަސްވުމާއި އެލަޔަންސް އެއީ ދެޕާޓީ ދެމެދުގައި އުފައްދާފައި އޮތް އެއްބަސްވުމެއް، އެރޫޅުނީ. އެހެންވީމާ، އެ އެލަޔަންސްގެ އެއްބަސްވުމާ އެއްގޮތަކަށެއް ނޫން، މިހާރު ތިޔަބޭފުޅުންނަށް ތިޔަފެނިވަޑައިގަންނަވަނީ، ޖުމްހޫރީ ޕާޓީގެ ކޮންބޭފުޅުންނެއް ކަމެއް އަޅުގަނޑަކަށް ޔަޤީނެއްނުވޭ، ތިޔަބޭފުޅުން ތިޔަ އިޝާރާތް ކުރައްވަނީ ކޮންބޭފުޅުންނަކާ ކަމެއް. ދެން މިސާލަކަށް، ބައެއް ބޭފުޅުން އަޅުގަނޑު ގިނައިންދުށީ އަޅުގަނޑުމެން ޕާޓީން. ދެން އަޅުގަނޑު އަބަދުވެސް ދެކެނީ، ހަމަ އެބޭފުޅުން އަޅުގަނޑުމެންގެ ޕާޓީން. ދެން އަޅުގަނޑު އެއްވެސްއިރެއްގައި އެބޭފުޅުންނާ އަޅުގަނޑުގެ ފިކުރާ، މިސާލަކަށް ތަފާތުވެގެން، ފަރަޤުވެގެންދިޔަ ތަނެއް ނުދެކެން. އިޝާރާތް ތިޔަކުރައްވަނީ، މުޙަންމަދު ޝިހާބަށް. ނުވަތަ ޑޮކްޓަރ ސަވާދަށް. މުޙަންމަދު ޝިހާބަކީ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ސިޔާސީގޮތުން ފުންނާބު އުސް ބޭފުޅެއް. އަދި ތަޖްރިބާކާރު ބޭފުޅެއް. އަދި އެނގިވަޑައިގަންނަވާނެ، އޭގެއިތުރުން އަޅުގަނޑާ އެކުގައި މަސައްކަތް ކުރައްވާތާ މަދުވެގެން 25 އަހަރު ވެދާނެ. އެހެންވީމާ، އަޅުގަނޑަކަށެއް މުޙަންމަދު ޝިހާބް ހުންނެވި ތަނެއް އެއްވެސް ހާލެއްގައި، އެއްވެސް އިރެއްގައެއް ނޯޅޭނެ. ދެން އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުގެ ފިކުރާއި ވިސްނުމާއި އަދި އަޅުގަނޑު ކަންކަން ގެންދަންވީ ގޮތެއްވެސް މުޙަންމަދު ޝިހާބަކަށް އޮޅިވަޑައެއްނުގަންނަވާނެ. ޑޮކްޓަރ ސަވާދުވެސް ހަމަ ކަންހުރީ އެގޮތަށް. ސަވާދުގެ މަސައްކަތް، އަދި ޚާއްޞަކޮށް، އަޅުގަނޑުމެންނަށް މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ފެނިގެންދިޔައީ ވަރަށް ފުރިހަމައަށް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ސަވާދު ޙަރަކާތްތެރިވެވަޑައިގެންނެވީ ވަރަށް ފުރިހަމައަށްކަން. އަޅުގަނޑު ދެކެނީ، ސަވާދަކީ އިންޞާފުވެރި ބޭފުޅެއް. ހަރުދަނާ ބޭފުޅެއް. ކަންކަމުގައި ވިސްނަވާ ބޭފުޅެއް. އަޅުގަނޑުމެންގެ ކެބިނެޓްގައި ހިމެނެން ހަމަ ވަރަށް އެކަށީގެންވާ ބޭފުޅެއްކަމުން، އެބޭފުޅާ އަޅުގަނޑުމެންގެ ކެބިނެޓްގައި މިވަގުތު އަޅުގަނޑުމެން ހިމަނާފައި އެވަނީ. އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއެދޭ ތަރައްޤީއާއި، އަޅުގަނޑުމެން މިއެދޭ ބަދަލު، މިކެބިނެޓާ އެކުގައި އަޅުގަނޑުމެންނަށް ހިންގޭނެ ކަމުގައި.

ސިވިލްއޭވިއޭޝަން މިނިސްޓްރީ އުވައެއްނުލާނަން އިނގޭތޯ. އެމިނިސްޓްރީ މިހާރު އޮތީ އޭގެތެރެއަށް އަދި ޓްރާންސްޕޯޓް ގެނެވިފައި. ޓްރާންސްޕޯޓަކީ މި ސަރުކާރުގެ އެއްވަޢުދު. އަދި އެންމެ މުހިންމު އެއްކަންތައް. އެހެންވީމާ، އެ ފަނޑުވެގެނެއްވެސް ނުދާނެ. އެމިނިސްޓްރީއަށް އެކަމާ އެކަށީގެންވާ ރަނގަޅު ބޭފުޅެއް އަޅުގަނޑުމެން ހޯދާނަން. އެމަސައްކަތް އަޅުގަނޑު އެބަކުރަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަން ހަމަ ވީހާވެސް އަވަހަކަށް ފުރިހަމަކުރެވެން އޮތް އިރެއްގައި އަޅުގަނޑު ފުރިހަމަކުރާނަން.

މިއަދު މިހިންގި ޙަރަކާތަކީ، ޙަޤީޤަތުގައި ކުރީދުވަހު މިބޭފުޅުން، ވަޒީރު ބޭފުޅުން އިސްތިޢުފާ ދެއްވީމާ، ދެން އަޅުގަނޑު އެބޭފުޅުން އިސްތިޢުފާ ދެއްވި ސަބަބުތައް ދިރާސާކޮށް، ބަލައި، ތަޙްޤީޤު ކުރަންހުރި ކަންތައްތައް ތަޙްޤީޤުކުރަން ފަށައި އަދި ޝަރީޢަތުގެ މަރްޙަލާއަށް ގެންދިޔުމަށްޓަކައި ކުރަންހުރި ކަންކަން ސާފުކޮށް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދައްކަންހުރި ވާހަކަތައްވެސް އަޅުގަނޑުމެން ދައްކައި، މި އެންމެހާ ކަންކަން އަޅުގަނޑުމެން ކޮށްފައި، އަލުން އަނބުރާ ވަޒީރުންގެ މަޖިލިސް މިހާރު އެވަޑައިގެންނެވީ.

JJ Robinson – Minivan News:

Apologies if the question has already been asked. But why was it necessary for Cabinet Ministers to resign before the government could investigate allegations of corruption and was it intended as some kind of publicity stunt?

President Nasheed:

Basically, we have to understand, everyone has to understand the gravity of the issue. Cabinet Ministers have been citing corruption in the Parliament for quite some while. In fact, parliamentarians have written to me many times, Cabinet Ministers have questioned me many times, they have requested me to investigate the matter in numerous occasions. And finally they decided that it was not possible for them to go along business as usual if we do not investigate the matter. This is relating to vote for money, or rather vote for cash. And we have been, during the last week, able to investigate the matter. I thank the Police for conducting a very thorough and a very professional investigation. The investigation has not yet concluded. But we hope to send it to the courts, to the Persecutor General’s Office during the course of next ten days. I have the assurance of a very competent Cabinet who would back us and who would work on sending it to the Prosecutor General’s Office.

Now, your other question, if this was a stunt – it’s not a stunt. Nothing has been a stunt. But basically we all have to understand the gravity of the issue. Now how do you portray a seriousness of an issue? The cabinet wanted to stick together, they wanted to stand together. Some Parliamentarians were bribing other Parliamentarians to move all sorts of motions in the Parliament and the Cabinet was fully aware of what was happening in the Parliament. They have been informed by many sources that this was happening in the Parliament and therefore, they decided that they will stick together and they will resign until the issue is resolved and solved. I think it is a very honorable thing to do. I think it is an honest thing to do. It shows that they are not hell-bent, in a sense, on their position, their salaries, their niceties, but that they want to do a good piece of work. And I believe they can do that job and they have now all the capacities and all the means to perform that job.

JJ Robinson – Minivan News:

Does the government have confidence in the Supreme Court to rule fairly in this case against the convicted MPs?

President Nasheed:

I have the confidence in all the independent institutions. We cannot be judgmental on them simply because a ruling was either against me or against a certain person. It has to be based on merit.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑު ހަމަ ދެންމެ ޖޭ.ޖޭ އެކުރެއްވި ސުވާލާވެސް ހަމަ ގުޅުވާލައިގެން އެސުވާލު ދަންނަވާލަން ކަމަށް. އެއީ މިދިޔަ މަހުގެ 29 ގައި ވަރަށް ބޮޑެތި ކަންތައްތަކެއް، ތިޔަ ވިދާޅުވި ގޮތަށް މުޅި ކެބިނެޓް އެއްފަހަރާ އިސްތިޢުފާ ދެއްވީމާ ފެނިގެންދިޔަ. ދެން އަޅުގަނޑުގެ ސުވާލަކީ، ކޮންމެވެސްވަރެއްގެ ޖަވާބެއް ދެއްވައިފި. އެހެން ނަމަވެސް، ހަމަ މުލަކު ދާއިރާގެ މެންބަރު ޔާމީނާއި ދެން މާމިގިލީ މެންބަރު ޤާސިމް އިބްރާހީމްގެ މައްސަލަ، ރިޝްވަތުގެ މައްސަލަ އިނގޭތޯ. ތުހުމަތެއް އުޅޭކަމަށްވަންޏާމު އަޅުގަނޑު ހިތަށްއަރަނީ، އެދެބޭފުޅުންނާމެދު ފިޔަވަޅު އެޅޭނެ ގޮތެއް ނޯންނާނެތޯއޭ؟ މުޅި ކެބިނެޓް އެއްފަހަރާ އިސްތިޢުފާ ނުދެއްވާ. އެއީ އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ، މަދަނީ މައްސަލަތައް ހުއްޓިގެން ބަލައިނުގަންނަ ކަންތައްތަކެއް. އެހެންވީމާ، ސަރުކާރުގެ ހިންގުމުގެ ކޮންމެވެސް ވަރެއްގެ ނިޒާމަކަށް ހުއްޓުމެއް އަރާގޮތަށް ކަންތައް ވެގެންދިޔަތަން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. އެހެންވީމާ، މުޅި ކެބިނެޓް އިސްތިޢުފާ ނުދެއްވައި މިގޮތަށް މިފިޔަވަޅު ނޭޅުއްވޭނެ ކަމަށް މަނިކުފާނު ގަބޫލު ކުރެއްވީމަތޯއޭ، އެބޭފުޅުން އިސްތިޢުފާ ދެއްވީ.

ދެވަނަ ސުވާލަކީ އަޅުގަނޑުމެންނަށް ހަމަ މިއާ ގުޅިގެން ފެނިގެންދިޔަ، މަޖިލީހުގެ މެންބަރުންތަކެއްގެ އޯޑިއޯ، ފޯނުން ކަމެއް އަޅުގަނޑަކަށް ނޭނގެ. ދެން އޯޑިއޯތަކެއް ލީކްވެގެންދިޔަތަން. ދެން ކަމާބެހޭ ޑިޕާޓްމަންޓުން މިވިދާޅުވަނީ، އެބޭފުޅުން ހުއްދަ ދެއްވާފައި މިއޮންނަނީ، ޤައުމީ ސަލާމަތީ ބާރުތަކަށް ކަމަށް، ފޯން ރެކޯޑިންގ އަޑުއަހަން. ދެން އަޅުގަނޑަކަށް ނޭނގެ، އެ ލީކްވީ ކޮންގޮތެއް ކަމަށް. ގަބޫލުފުޅު ކުރައްވަންތޯ މަނިކުފާނު، މިއީ ދައުލަތުގެ ތެރެއިން ނުވަތަ މުއައްސަސާއެއްގެ ތެރެއިން ނުވަތަ ކޮންމެވެސް އެހެން ގޮތަކަށް، ދައުލަތް މީގެ ޒިންމާވާ ގޮތަށް ލީކްވި އެއްޗެއް ކަމަށް ގަބޫލު ކުރައްވަންތޯ؟ މިހެން މިދެންނެވީ، ކަމާބެހޭ މިނިސްޓްރީން ހުއްދަދީފައި އޮތީ، ޤައުމީ ސަލާމަތީ ބާރުތަކަށް ފޯނުތައް އަޑުއަހަން. މިކަން މިގޮތަށް ހިނގާފައި އޮތްކަމަށްވާނަމަ، ކޮންކަހަލަ ފިޔަވަޅެއްތޯ މަނިކުފާނު އަޅުއްވާނީ؟ އެއްވެސްކަހަލަ އިންވެސްޓިގޭޝަނެއް، ތުހުމަތުތަކެއް އެބަ ކުރައްވާ، އެ އިދިކޮޅު ފަރާތްތަކުން. މިފަދަ ބޮޑު ކަމެއްގައި، ޒާތީ ދިރިއުޅުމުގެ ވާހަކަ، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި އެބައޮތް. އެހެންވީމާ، މިފަދަ ބޮޑު ތުހުމަތެއް އެޅޭއިރުގައި، ޤައުމީ ސަލާމަތީ ބާރުތަކުގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަތަކެއް ދެކެވެމުން އެބަދޭ. އެހެންވީމާ، މިކަން ތަޙްޤީޤު ކުރައްވަން އެއްވެސްވަރަކަށް މަސައްކަތްޕުޅު އެބަ ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިހާރު މުޅި ކެބިނެޓަކީ އެއްޓީމް އިނގޭތޯ. މިހާރު ޓީމެއް މަސައްކަތް ކުރާނީ، ޓީމެއް މަސައްކަތްކުރާހެން. އަޅުގަނޑު ވަރަށް އުފާވޭ، އެބޭފުޅުން ޓީމެއްހެން މަސައްކަތް ކުރައްވާތީވެ. އެހެންވީމާ، އެޓީމުން ހަމަ ތިން ހަތަރު މީހަކު ހޮވާލާފައި މިއަދު ގޮތެއް ހަދާފައި. ދެން ހަދާގޮތް. މީގެ އެންމެ ދެރަކަމަކީ، އެންމެބޮޑު ހިތާމައަކީ، މި ހައްދަވާ ގޮތްތައް ހައްދަވަނީ، މެންބަރުންގެ ސީދާ ވިސްނުންފުޅުގެ މައްޗަކަށެއް ނޫން ދޮއެއްތޯ. ކޭޝްގެ މައްޗަށް. ދެން އެއީ މީގެ ދެރައަކީ. އެ ދެރަ ނުކުންނާތީވެ، ވަޒީރު ބޭފުޅުން އެއްޓީމެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަތީ. ދެން ރާއްޖޭގެ ދިފާޢީ ބާރުތަކުގެ ތެރެއަކުންނެއް ޤާނޫނާ ޚިލާފު ކަމެއް ހިނގާފައި އޮތް ކަމެއް އަޅުގަނޑެއް ކުޑަކޮށްވެސް ނުދެކޭނަން. އެއީ، އަޅުގަނޑުގެ ނަޒަރުގައި ހިނގާނެ ގޮތެއްވެސް ނޫން. ދެން ތިޔަ އެންމެ ބޭފުޅުންނަށް އެބަ އިނގޭ، ހަމަ މިބޭފުޅުންނަކީ ޢާންމުކޮށް ރެކޯޑް ކުރައްވާ ބައެއްކަން. ޢާންމުކޮށް، އަމިއްލަ ދެފަރުދުންގެ ދެމެދުގައި، އެބޭފުޅުންގެ ރަޙްމަތްތެރިންގެ ދެމެދުގައިވެސް، ބައެއް ބޭފުޅުން މިހާރަކަށްއައިސް އެފޯނުތަކުގައި މާގިނައިން ރެކޯޑް ކުރެވެން ހުންނާތީވެ. މި ފޯނު ނެގުމުގެ ސްވިޗަށް ފިތާލުމާއި، ރެކޯޑް ސްވިޗަށް ފިތާލުމާ، ބައެއް ބޭފުޅުން މިގެންދަނީ އެކީގައި. ދެން މިހާރު މިދުނިޔޭގައި އަޑުއެހުމުގެ ޤާބިލުކަން ހުރީކީ ހަމައެކަނި ދައުލަތަށް ކަމަށް ދެކިގެން ތިއްބަވާކަށް ނުވާނެ. އަދި އެވުޒާރާއިން އެކަނި ކަމަށް ތިއްބަވާކަށްވެސް ނުވާނެ. އަޅުގަނޑުމެން ދައްކާ ވާހަކަތައްވެސް ބަޔަކު މީހުން އަޑުނާހާނެ ކަމަކަށް އެއްގޮތަކަށްވެސް ދެކިނުލައްވާތި. އަދި އަޅުގަނޑެއްވެސް ނުދެކެން. އެނގިވަޑައިގަންނަވާ، މިހާރު ސާމާނު ދުނިޔޭގައި ހުރިގޮތް. އެނގިވަޑައިގަންނަވާ، މިހާރު މި ކިހިނެއް ކިހިނެއްތޯ، ކަމެއް ބަލާނީއާއި ނުބަލާނީއާ، އެކަންކަން ހުރީ. ބަޔަކު މީހުން އަޑުއަހާފައި، އެބައެއްގެ އެބޭނުމަކަށް، ބަޔަކު މީހުން ވެބްސައިޓެއްގައި ޖެހީމާ، އެއަޑު އަޕްލިންކް ނެންގެވީމާ، ދެން ފުލުހުންނަށް އޭތި އަޑުއިވުނީމާ، ރައްޔިތުންނަށް އޭތި އަޑުއިވުނީމާ، ދެން މި ކުށްވެރިވާން މިޖެހެނީ، އަޑު އިވުނު މީހުން. އެއީވެސް އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް އަރަތަކަށްވާ ކަމެއް. އަޅުގަނޑަކީ ޤާނޫނީ މާހިރެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑަކީ ހަމަބުއްދިފިލާ ހުރި މީހެއް. މިރާއްޖޭގެ ރައްޔިތުންނަށް ތިޔަބާވަތުގެ ވާހަކަ ދައްކަން އަޅުގަނޑަށް ހަމަ ވަރަށްދަތި. މި އަޑު ދެއްކީ އެހާމެ ހުތުރު ވާހަކައެއް. ދައްކަމުން މިއަންނަނީ، މުޅި ދައުލަތާއި މުޅި ޤައުމު ފަސާދަވެ، ހަލާކުވެ ނެތިދާ މިންވަރުގެ ވާހަކައެއް. ދެން މިގޯސްވީ ކޮބައިތޯ، ތިވިދާޅުވަނީ ގޯސްމިވަނީ މި އަޑުއެހުނު ފަރާތޭ. ހަމަ ވަރަށްބޮޑު އަރަތަކަށް އަޅުގަނޑަށް ތިޔަކަން ވެގެންދިޔައީ. ދެން އެހެން ނަމަވެސް، މި ޤާނޫނީ ހަމަތައް އޭގައި އޮތްގޮތެއް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ސާފުވެގެންދާނެ. ދެން އަޅުގަނޑަށް އެނގޭ މިންވަރުގައި، ހެކިވަނީ ހެތްކަށް. ހެކި ހޯދިގޮތް އެއީ އެހެން ޙުކުމެއް. އެއީ އެހެން މައްސަލައެއް. ލިބިފައި ހުރި ހެކި. ދެން އިވޭ އަޑު އެއީ އިވޭ އަޑު. އެއީ ނީވޭ އަޑަކަށެއް ނުވާނެ. ބުނާއެތި އެއީ ބުނާއެތި. ކުރާ ކަންތައް އެއީ ކުރާ ކަންތައް. ދެން އެ ހެކި އެއީ ޤާނޫނީ ގޮތުންތޯ ހޯދީ ނުވަތަ އެހެން ގޮތަކުންތޯ އެ ހެކި ލިބުނީ، އަދި އެ ހެކި އެއީ ކިހިނެއް އައި ހެތްކެއްތޯ. ދެން ރާއްޖޭގެ ޝަރީޢަތުގެ، ދެން އަޅުގަނޑަށް މި ޝަރީޢަތް މިއެނގެނީ، އެއްވެސް ހާލެއްގައި ޤާނޫނީ ވަކީލަކަށް ވެގެނެއް ނޫން. ދެން އެކަމަކު ހަނދާންވާ ކަންތައްތައް އަންނަނީ. އެހެންވީމާ، ހެކި ބޭނުންކުރަނީ ކިހިނެއްކަން، ހެތްކާބެހޭ ޤާނޫނު އަޅުގަނޑަށް ހީވަނީ ވަރަށް ސާފުކޮށް އެބަ ބަޔާންކޮށްދޭހެން. ރާއްޖޭގެ ހެތްކާބެހޭ ޤާނޫނެއް އެބައޮވޭ. އަދި ކޯޓުތަކުގައިވެސް އެ ބަލައިގަންނަމުން އެގެންދަނީ. ދެން އެއްވެސް ހާލެއްގައި އެ އަޑުއެހި ރާއްޖޭގެ ނިކަމެތި ރައްޔިތުންނަށް އޭގައި އަދަބެއްދޭކަށް، އެއީކީއެއް އަޅުގަނޑަކަށް ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުރެ ވަކާލާތު ކުރަން މިއަދު ފެށޭނެ ކަމެއް ނޫން. ދެން އެ ދެއްކެވި ބޭފުޅުންގެ ޤަދަރާއި ޢިއްޒަތާއި ހައިބަތާއި މަގާމު ބޮޑުކަމުންގޮސް، އަޅުގަނޑުމެން މިހާރު އަދަބެއް ދެން މިދޭންޖެހެނީ، އަޑު އެއްސެވި ބޭފުޅުންނަށް. އެހެން އަޅުގަނޑަށް ހަމަ ދެނެގަންނަން ހަމަ ވަރަށް ބޮޑަށް ދަތި.


ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

މިވަރަށް މިވާހަކަ ދެކެވުނީމާ އަޅުގަނޑު ހަމަ ކުޑަ ދެސުވާލެއް ދަންނަވާލާނަން. އެއީ، އެމް.ޑީ.ޕީ.ގެ ޕްލެޓްފޯމްތަކުގައި ހަމަ ވަރަށް ގިނައިން ދެކެވެމުން، ކޮރަޕްޝަނާ ތުހުމަތުކޮށް ވަރަށްގިނަ ވާހަކަ ދެއްކެވި ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިއަދު ހުވާ ކުރައްވައިގެންވެސް އެބަތިއްބެވި. ހަމަ ސީދާ ތަސްމީނަށް އަމާޒު ކުރައްވާ. އެހެން ނަމަވެސް، އިއްޔެގައި މިތަނުގައި ބޭއްވުނު ބައްދަލުވުމުގައި، ތަސްމީނަކީ ކޮރަޕްޝަނެއް ނެތް ބޭފުޅެއް ކަމަށް ވިދާޅުވެއްޖެ. އެހެން ކަމަށްވަންޏާ، މަނިކުފާނު މިއަދު ތިޔަ ކޮރަޕްޝަން އަމާޒު ކުރައްވަމުންދާ ބޭފުޅުންނާމެދު މަނިކުފާނު ފަހުން ވިދާޅުވާނީ ކީކޭބާވައޭ؟

އެސުވާލު ބާއްވާފައި ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިވަޒީރުން އިސްތިޢުފާ ދެއްވި ދުވަހު، މަނިކުފާނު ވިދާޅުވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޭނބުރޭނެއޭ ފައިސާއަށް ނޫނިއްޔަކާއެއް. މަނިކުފާނު ވިދާޅުވީ ޢިބާރާތުން. ދެން އެހެން ކަމަށްވެފައި އޮއްވައި، އަޅުގަނޑުމެން ހަމަ އެމް.ޑީ.ޕީ.ގެ ރަސްމީ ޖަލްސާއެއްގައި، މިދެންނެވީ ދެމީހަކު ދެކެވިފައި ހުރި ވާހަކައެއް ނޫން، ރަސްމީ ޖަލްސާއެއްގައި ސަރަނގު އާދަމް މަނިކު އިޢްލާނު ކުރެއްވި، ތިމަންނަ މިހާރު ދެމެންބަރުން ހޯދައިފީމޭ، އެކަކީ ޑީ.އާރު.ޕީ. މެންބަރެކޭ. އަނެކަކީ ޕީ.އޭ.ގެ މެންބަރެކޭ. ދެން އެއްވެސް މީހަކު ވޯޓު ހޯދަން ނޫން ގޮތަކަށެއް މެންބަރުންނެއް ނުހޯދާނެ ދޮއެއްތޯ، ޖަމާޢަތްތެރިކަން ކަހަލަ ކަމެއް ކުރާކަށެއް. އެހެންވީމާ، މިސާލަކަށް މި ހަމަ މިއަންނަނީ، އެއްކަލަ މަނިކުފާނު ވިދާޅުވި އެއްޗާ އަޅުގަނޑު މިގުުޅުވަނީ. އެހެން ކަމަށްވަންޏާ، ހަމަ މީގެތެރެއަށް ފައިސާ އުޅޭ ކަމަށް މަނިކުފާނު ގަބޫލެއް ނުކުރައްވާނުތޯއޭ، މި މެންބަރުން ހޯދުމުގެ ވާދަވެރިކަމުގެ ތެރޭގައި.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ފުރަތަމަ ތަސްމީން އިނގޭތޯ. ތަސްމީންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއްވެ، އޭގެ ތަޙްޤީޤެއް ހިނގަން ފަށާފައެއް ނެތް. ދެން އެހެންވީމަކާއެއް ތަސްމީނާ ގުޅޭގޮތަކުންނެއް އެއްވެސް ހާލެއްގައެއް އަޅުގަނޑުމެންނަކަށް ތިޔަބާވަތުގެ ވާހަކަ ދެއްކޭކަށެއް ނެތް. އަޅުގަނޑެއް ނުދައްކާނަން. ދެން ފާހަގަކުރައްވައިފި، ސަރަނގު އާދަމް މަނިކު ހޯއްދެވި ދެމެންބަރެއްގެ ވާހަކަ. ކޮންބަޔަކަށްތޯ ދެން އަޅުގަނޑު މިހިތަށްއަރަނީ. ވޯޓެއް އަޅުގަނޑުމެންނަށް މިލިބެނީ، ހަމަ އެމް.ޑީ.ޕީ އިން. ވޯޓު ނަގާތަން އަޅުގަނޑުމެންނަށް ފެނޭ ނޫންތޯ. އެ ވޯޓު ދެއްވާ ބޭފުޅުންވެސް ވަރަށް ސާފެއް ނޫންތޯ. ދެން އަޅުގަނޑަކަށެއް ނުފެނޭ އިނގޭތޯ، ޑީ.އާރު.ޕީ މެންބަރަކު އައިސް އަޅުގަނޑުމެންނަށް ވޯޓު ދެއްވާ ތަނެއް. އަދި ޕީ.އޭ މެންބަރަކުވެސް އައިސް އަޅުގަނޑުމެންނަށް ވޯޓް ދެއްވާ ތަނެއް. ދެން އެހެންވީމާ، އާދަމް މަނިކު ބުނުއްވި، އެބޭފުޅާ ދެމެންބަރެއް ހޯއްދަވައިފި ވާހަކަ. ކޮން މަސައްކަތެއް ކުރަން ކަމަށްވެސް އަޅުގަނޑަކަށް. އެހެންވީމާ، އަޅުގަނޑެއް ނުދެކެން، އެއީކީއެއް އަޞްލުގައި ޙަޤީޤަތުގައި އެކަމުގައި މާބޮޑު ތަޙްޤީޤުތަކެއް އެކުލެވިގެންވީ ކަމެއް ކަމަށް. މިހާރު މެންބަރަކު ވޯޓުން ގުޅިފައި އޮންނަންޖެހޭނެ ދޮއެއްތޯ ވޯޓާ. ދެން މެންބަރަކު ހޯދަން މިޖެހެނީ، އެމެންބަރެއްގެ ފިކުރާއި ޚިޔާލާތު ބަދަލުވެގެން. މެންބަރެއް ނުއެއް ހޯދޭނެ، އެ މެންބަރަކަށް ފައިސާދީގެންނެއް. މެންބަރެއް ހޯއްދަވަންޏާ ހޯއްދަވަންޖެހޭނީ، އެމެންބަރަކަށް އޮޅުންފިލުއްވައި ދެއްވަންޖެހޭނީ، މިއޮތީއޭ އަޅުގަނޑުމެން ޕާޓީގެ ސިޔާސަތު. މިހިރީއޭ އަޅުގަނޑުމެން މިވެނި ކަމެއްގައި ކުރަމުން ގެންދާގޮތް. ދެން މިސާލަކަށް، އަލްހާން ފަހުމީ ކަންތައް. ޑޮކްޓަރ ޝަހީދު އަލްހާން ފަހުމީ ގެންދަވައި، ފޮރިން އެފެއާޒްގައި އަލްހާނަށް ދެއްކެވީ، މިއޮތީއޭ މިމަސައްކަތް ހިނގަމުންދިޔަގޮތް މިއަދާ ހަމައަށްވެސް. އަލްހާން ވިދާޅުވެބައްލަވާށޭ، މިކަމުގައި ކޮންބައެއްތޯ މީގައި ނުރަނގަޅުވެގެން މިއުޅެނީ. މީހަކަށް ހެޔޮމަގު، ތެދުމަގު ކޮންމެ އިރެއްގައިވެސް ފެނިދާނެ. އެ ފެންނަ ހިނދެއްގައި ވެވުނު އެހީތެރިކަމެއް އަޅުގަނޑުމެން އެމީހަކަށްވާން ޖެހޭނެ. ދެން އަޅުގަނޑު ހަމަ ލަޠީފް އަރިހު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑެއް ދުވަހަކުވެސް މެންބަރެއްގެ ވޯޓެއް، ފައިސާދީގެން ހޯދާކަށެއް އަޅުގަނޑެއް ނޫޅޭނަމޭ. އެއީކީއެއް ދުވަހަކުވެސް އަޅުގަނޑު މީގެކުރީގައިވެސް ކޮށްފައި އޮތް ކަމެއް ނޫން. ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑު ވިސްނާނެވެސް ކަމެއް ނޫން. އެގޮތަކަށެއް ރާއްޖެއެއްވެސް ނުވެސް ހިންގޭނެ. އަދި ހަރުދަނާ ކަމެއްވެސް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ.

އާމިނަތު ނިޔާޒާ – ސަން.އެފް.އެމް:

ޝުކުރިއްޔާ އިނގޭތޯ ރައީސް. އަޅުގަނޑުގެ ސުވާލަކީ މިހާރު މި ރައްޔިތުންގެ މަޖިލީހުގެ ދެބޭފުޅަކު މިހުންނެނީ ގޭ ބަންދުގައި. މިއީ މަނިކުފާނު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، ފުލުހުން މިދެބޭފުޅުން ހަމަ އެރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ. ދެން އަޅުގަނޑުގެ ސުވާލަކީ، މިއީ މަނިކުފާނު ބޭނުންފުޅުވެލައްވާ ގޮތްތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ބޭނުމެއްނުވޭ އެކަކުވެސް ހައްޔަރުކޮށްފައި ހުންނާކަށް. ދެން އެކަމަކު ދަންނަވަންތޯ، ކުރަންހުރި ކަމެއް އެވަގުތެއްގައި ކުރާނަން. މިކަމުގެ ހުތުރުކަމާއި، ހާމަވެފައި އޮތްލެއް ބޮޑުކަމާއި، އަދި ފެންނާންހުރި މިންވަރާ. ކަނޑައެޅިގެން އެކިއެކި ފަރާތްތަކުން އެބަ އަޅުގަނޑަށް ލިޔޭ، އަޅުގަނޑަށް ޝަކުވާ އުފުލާ، އެހެން ހަދަން ފެށީމާ، މިބާވަތުގެ ކަމެއްގައި. ދެން އަޅުގަނޑު ނޭދެން، އެއްވެސް އަނިޔާއެއް، އެއްވެސް ގެއްލުމެއް އެއިން ބޭފުޅަކަށް ލިބޭކަށް. ޝަރްޢީ މަރްޙަލާ، އޭގެ ރިވެތި ގޮތުގައި ކުރިއަށްދާނެ. ހުރިހާ ބަންދެއްވެސް، ހައްޔަރެއްވެސް ވަމުންދާނީ ކޯޓުގެ އަމުރާ އެއްގޮތަށް. އަޅުގަނޑުމެން އެކަން ކުރަމުން ގެންދާނީ ކޯޓާ އެކީގައި. މީހަކަށް ދެރައެއް ލިބޭކަށް ހަމަ ކުޑަކޮށްވެސް އަޅުގަނޑެއް ނޭދެން. އަޅުގަނޑަށް އެނގޭ، ހައްޔަރުގެ ހިތާމައާއި، ބަންދުގައި އުޅެންޖެހޭނެގޮތާ، އެއީ އަޅުގަނޑު ނުދަންނަ ކަންކަމެއް ނޫން. އަޅުގަނޑު އެހެން މީހުންނަށް ކުޑަކޮށްވެސް އެކަމެއް ނޭދޭނަން. އެހެން ނަމަވެސް، މާފުކުރައްވާތި، އަޅުގަނޑު މިހާރު ހުރި މަގާމުގައި ހުރެގެން، އަޅުގަނޑަށް ކުރާންޖެހުނު ކަމެއް އެއީ ހައްޔަރު ކުރާން ޖެހެނީ އަޅުގަނޑުގެ އަމިއްލަ ޢާއިލާ ކަމަށްވިޔަސްވެސް، އެކަމެއް ކުރާން ޖެހުނީމާ އަޅުގަނޑު ކުރާނަން.

ޝިހާމް މުޙަންމަދު ވަހީދު – ވީ.ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނުގެ ޕާޓީ، އެމް.ޑީ.ޕީ. އަށް ނިސްބަތްވާ ރީކޯ މޫސާ މަނިކަށްވެސް ވަރަށްގިނަ ފަރާތްތަކުން އިނގިލި ދިއްކުރަމުން ގެންދަނީ. އަދި ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވަމުން، މީހުންނަށް ރިޝްވަތު ދިންކަމަށް ބުނާ އޯޑިއޯ ވީޑިއޯތައްވެސް އެބަ މީޑިއާތަކުން ޕްލޭ ކުރަމުން ގެންދޭ. މަނިކުފާނު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝައްކެއް ހިނގާ ކަމެއް، ތުހުމަތެއް ކުރެވިއްޖިއްޔާ، ފުލުސް އޮފީހުން އެކަން ބަލާނެ އިނގޭތޯ. އެހެންވީމާ، އަޅުގަނޑުވެސް ހަމަ ފުލުސް އޮފީހަށް މައްސަލައެއް ހުށަހެޅީ. ހުށަހެޅީމާ ފުލުސްއޮފީހުން އެކަން ބަލާނީ. އެހެންވީމާ، ދެންވެސް އެހެން ބޭފުޅުންވެސް، ތިބޭފުޅާވެސް ހަމަ މައްސަލައެއް ހުށަހަޅުއްވަންވީ. މިސާލަކަށް، ބޭފުޅަކު ފޯންކޯލެއް އަޑުއަހައިފިއޭ ނުވަތަ ފޯންކޯލެއްގެ ކްލިޕެއް ރޭޑިޔޯއިން އަޑުއަހައިފިއޭ، އެއީ އެކަން މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގަންނަވަންޏާ، އެ އަޑު އެހުން އެއީ. އަޅުގަނޑަށް ހީވަނީ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅައިފިއްޔާ، ފުލުހުން އެއީ ބަލާ ބާވަތުގެ މައްސަލައެއް ކަމަށްވަނީވިއްޔާ، ފުލުހުން އެ މައްސަލައެއް ބަލާނެ.

ދެން ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް ތިޔަބޭފުޅުންނަށް ހުރިހާ ވަގުތެއް ނުދެވުނުކަން. ދެން ލަޠީފް ވަރަށް ޞަރީޙަ ޢިބާރާތުން އެކަން ފާހަގަކުރައްވައިފި. ވަރަށް ބޮޑަށް މަޢާފް ކުރައްވާ. އަޅުގަނޑު އެދޭ މިންވަރާ ގާތަށްވެސް އަޅުގަނޑަކަށް ތިޔަބޭފުޅުންނަކާ ބައްދަލެއް ނުކުރެވޭ. އެހެން ނަމަވެސް، މިދިޔަ ދުވަސްކޮޅު ދިޔައީ ކުޑަކޮށް ހަލަބޮލިކޮށް. އެއީކީއެއް އަޅުގަނޑު މިދަންނަވަނީކީ ޢުޒުރެއް ނޫން. ތިޔަބޭފުޅުންގެ ކުރިމައްޗަށް އަޅުގަނޑު ނުކުންނަންޖެހޭނެ. އެކަން އަޅުގަނޑު ކުރަން ޖެހޭނެ. ދެން ހައްތަހާވެސް އުފާވެރި ޚަބަރާއެކީގައި ހަމަ މާދަމާ އާދެވޭނެ ކަމުގެ އުންމީދު ބޮޑުވާތީވެ، މިއަދާ ހަމައަށް އަޅުގަނޑުމެން މަޑުކޮށްލީ.

ދެން އަޅުގަނޑު މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ގިނަ ބައިވަރު މެންބަރުންނަށް މަރްޙަބާ ދަންނަވަން. އެއީ، ގިނަ މެންބަރުންނަކީ އިޚްލާޞްތެރި، ޤައުމަށް ވަފާތެރި، ޚާއްޞަކޮށް ހަމަ އަޅުގަނޑު ދަންނަވާނަން. އަޅުގަނޑު ވަރަށް ގާތުން ދަންނަން ޑީ.އާރު.ޕީ.ގެ ވަރަށްގިނަ މެންބަރުން. އެބޭފުޅުންނަކީ ހަމަ ވަފާތެރި ބޭފުޅުން. އެބޭފުޅުން އެތިއްބެވީ ޤައުމަށް މަސައްކަތެއް ކޮށްދިނުމަށް ނުކުންނަވާ. އަޅުގަނޑުމެންނަށް އެބޭފުޅުންގެ އަގު ވަޒަން ނުކުރެވެނީކީއެއް ނޫން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑު ރާއްޖޭގެ ރައްޔިތުންގެ ކިބައިންވެސް އެދޭނަން، ބައެއް މަދު ބޭފުޅުންކޮޅެއްގެ ސަބަބުން މުޅި އެ މުއައްސަސާއަށް، ދެން އަޅުގަނޑަށް މިހާރު ހަމަ މެންބަރުންވެސް އެބަ ވިދާޅުވޭ، ހަމަ ހިނގާލާފައި ދަނިކޮށްވެސް އަހަނީއޭ، މިހެންވެސް އަހަނީއޭ، އެހެންވެސް އަހަނީއޭ، އެހެންވެސް ބުނަނީއޭ. ދެން އެއީ ދެރަ ކަމެއް. ދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ރައްޔިތުންގެ ކިބައިންވެސް. ރައްޔިތުންގެ މުޅި މަޖިލީހާ އެއްގޮތަކަށްވެސް މިކަމުގައި ބަރުހިތެއް ނުބާއްވަވާށޭ. ބައެއްގެ ގޯސްކަން، ހަމަ ސަރުކާރުގެ ތެރޭގައިވެސް ހުރެދާނެ ގޯސް. އޭގެ ސަބަބަކުންނެއް އެއީ މުޅި ސަރުކާރު ގޯސްވީ ކަމަށް، މަޖިލިސްތެރޭގައިވެސް ހުރެދާނެ ގޯސްވެސް. އޭގެ ސަބަބުން މުޅި މަޖިލިސް އެއީ ގޯސް ތަނެއް ކަމަށް، މުޅި މިނިޒާމު ގޯސްކަމަށް، އެހެން އަދި އަޅުގަނޑުމެން ކުއްލިއަކަށް ނިންމާކަށް ނުވާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!

______________________