بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިއަދު ރާއްޖޭގެ ނޫސްވެރިން މެދުވެރިކޮށް ރައްޔިތުންނާ މިބައްދަލުކުރަނީ މި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ އެންމެ ބޭފުޅުން، އެބޭފުޅުންގެ ހުވައާ އެއްގޮތަށް އެބޭފުޅުންގެ މަސައްކަތްޕުޅުތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އެބޭފުޅުންނަށް ފާހަގަކުރެއްވެނީ. އެބޭފުޅުން ފާހަގަކުރައްވަނީ، ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން އެއްގޮތަކަށްވެސް އެބޭފުޅުންނަށް ނުލިބޭ ކަމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ ބައިވަރު މެންބަރުން ޢަމަލު ކުރައްވަމުން ގެންދަވަނީ ޤާނޫނުއަސާސީގެ ރޫޙަށް ނޫން ކަމަށާއި، އަދި ޤާނޫނުއަސާސީގެ މާއްދާތަކާވެސް ޚިލާފަށް ކަމަށާއި، އެހެން ނަމަވެސް، ބޮޑު އަޣްލަބިއްޔަތެއް އޮތް ކަމަށް ދެކިވަޑައިގަންނަވައި، އެ އަޣްލަބިއްޔަތުގެ ބޭނުންކުރައްވައިގެން އަޅުގަނޑުމެން ޢަމަލުކުރަން މިއުޅޭ، އަޅުގަނޑުމެން ތަންފީޒު ކުރަމުން މިއަންނަ އާ ޤާނޫނުއަސާސީގެ މުޅި ރޫޙު ގެއްލޭ މިންވަރަށް އަދި ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ކަން ކުރައްވަމުން ގެންދަވާތީވެ، އެބޭފުޅުންނަށް ވަޒީފާގެ ވާޖިބު އަދާކުރައްވަން ދަތިފުޅުވެލައްވާތީވެ، އެބޭފުޅުން އަޅުގަނޑު އަރިހަށް މިއަދު ވަޑައިގެން ވިދާޅުވަނީ، އެބޭފުޅުން އިސްތިޢުފާ ދެއްވަން ބޭނުންފުޅުވެލައްވާ ކަމަށް. އެއީ، ރައްޔިތުންގެ މަޖިލީހުން މިނޫން ގޮތަކަށް ކަންކަން މެދުވެރިވެ ކުރިއަށް ގެންދެވެންދެން. ވަޒީރުންގެ މަޖިލީހުގެ އެންމެ ބޭފުޅުން އެބަ މިކަމަށް އެދިވަޑައިގަންނަވާ. އެހެންވީމާ، އަޅުގަނޑު މިއަދު މިހާރުގެ ޤާނޫނުއަސާސީ މިއޮތްގޮތުން ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ ސިޓީފުޅު އަޅުގަނޑަށް ލިބުމާއެކީގައި އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލީހުގައި ދެން ތިއްބަވާނީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާއި އަޅުގަނޑު.

އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ސަރުކާރުގެ މަޤްޞަދަކީ، މި ސަރުކާރުގެ ބޭނުމަކީ ހަމަ އެންމެ ކަމެކޭ. އެއީ، ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމޭ. މި ސަރުކާރު އުފެދިފައި މިއޮތީ ރައްޔިތުންގެ އިޙްސާސްތަކާއި ރައްޔިތުންގެ ވިންދުތަކާއި، ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދިނުމުގެ ނިޒާމެއް މިރާއްޖޭގައި އެކުލަވާލައި، އެ ނިޒާމާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށް ކަމަށް. އަޅުގަނޑު، އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އަރިހުން އެދެނީ، ރާއްޖޭގެ ވެރިކަމުގެ ކަންތައްތައް އިންތިހާއަށް ކިލަނބު ނުކުރައްވައި، އެބޭފުޅުންގެ އެއްބާރުލުން އަޅުގަނޑުމެންނަށް ދެއްވައި، އެއާ އެކީގައި އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވުމަށް.

އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެ އުފުއްލެވި ޝަކުވާ އަޅުގަނޑަށް ބަލަން މަޖުބޫރު. އެހެންވީމާ، އަޅުގަނޑު މިއަދު އެޝަކުވާ ބަލަން ފަށާނަން. އެ ޝަކުވާ ބެލުމުގެ ތެރޭގައި، އަޅުގަނޑުމެން ކުރާންޖެހޭ ހުރިހާ ކަމެއް، ޤާނޫނުގެ އެންމެ ފުޅާ ދާއިރާގައި އަޅުގަނޑު ކުރަމުން ގެންދާނަން. އަޅުގަނޑަކީ ދިވެހިރާއްޖޭގެ އެންމެމަތީ ވެރިޔާ. އަޅުގަނޑަކީ ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެވެސް އެންމެމަތީ ވެރިޔާ. އަޅުގަނޑު މި ރާއްޖޭގެ ވެރިކަމާ ޙަވާލުވެ މިހުރީ ރައްޔިތުންނަށް ޚިދްމަތްތަކެއް ކޮށްދިނުމަށްޓަކައި. އަޅުގަނޑުމެން ރާއްޖޭގެ ވެރިކަމާ ޙަވާލުވެ މިތިބީކީއެއް އަޅުގަނޑުމެންނަށް ހަމައެކަނި ވީމިންވަރަކުން، ވީކަމެއް ކޮށްލަ ކޮށްލާ ތިބުމުގެ ނިޔަތެއްގައެއް ނޫން. އެހެންވީމާ، އަޅުގަނޑަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެ އުފުއްލެވި ޝަކުވާ ބެލުމަށް މަޖުބޫރުވޭ. އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު އެޝަކުވާ ބަލާނަން.

އަޅުގަނޑު ވަޒީރުންގެ ސިޓީތައް ބަލައިގަންނަން ޤަޞްދުކުރަނީ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި. އެބޭފުޅުންގެ ސިޓީތައް އަދި އަޅުގަނޑު އަތަކަށެއް ނުލިބޭ. އެހެން ނަމަވެސް، ކެބިނެޓް ސެކްރެޓަރީ އަޅުގަނޑަށް މަޢްލޫމާތު އަރުވާފައި އޮތީ، އެސިޓީފުޅުތައް އެބޭފުޅާއަށް ލިބިވަޑައިގެންފައިވާ ކަމަށް. އެހެންވީމާ، އަޅުގަނޑު ކެބިނެޓް ސެކްރެޓަރީގެ ކިބައިން އެދޭނަން، އެ އެންމެ ސިޓީތައް އެބޭފުޅާ އަޅުގަނޑަށް ދެއްވުމަށް. އެއަށްފަހު، އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލުތަކަށް ޖަވާބު އަރުވާނަން. ކުޑަހިނދުކޮޅެއް އެކަމުގައި ހޭދަކުރާނަން. ގިނައިރެއް އަޅުގަނޑަކަށް މިއަދަކު މިކަމުގައި ހޭދަކުރެވޭކަށެއް ނެތް.

އާދެ! ވަޒީރުން ދެއްވާ ސިޓީފުޅުތައް އަޅުގަނޑުގެ މޭޒުމަތީގައި ބެހެއްޓީމާ، އަޅުގަނޑު އެހިސާބުން އެސިޓީތައް ބަލައިގަތީ ކަމަށް ބަލާނީ.

(ވަޒީރުންގެ ސިޓީފުޅުތައް ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު)

ދެންމެ އަޅުގަނޑު މިބެލި ހުރިހާ ސިޓީތަކުގެ ތެރޭގައި، މިތާ ވަޑައިގެން ނެތް، ދާޚިލީ ވަޒީރު މުޙަންމަދު ޝިހާބްގެ ސިޓީފުޅު، ޝިހާބްވަނީ އީމެއިލްގެ ޒަރީޢާއިން ފޮނުއްވާފައި. މުޙަންމަދު ޝިހާބްގެ ސިޓީފުޅުވެސް އަޅުގަނޑަށް ވަނީ ލިބިފައި.

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑުގެ ހިތުގެ ފުންމިނުން ވަޒީރުންގެ މަޖިލީހުގެ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން ބޭނުން. އެބޭފުޅުން އެދެއްކެވި ހިތްވަރާއި، އެބޭފުޅުންގެ މަތިވެރި އަޚްލާޤީ ސުލޫކީ މިންގަނޑާއި، އަދި އެބޭފުޅުން ޤައުމަށް ޚިދްމަތް ކުރެއްވުމުގައި، ތެދުވެރިކަމާއެކީގައި ތިއްބަވަން ތައްޔާރަށް ތިއްބެވި މިންވަރާއި، އަދި މި ޤާނޫނުއަސާސީގެ ރޫޙު އަދި މިޤާނޫނުއަސާސީގެ އެންމެހާ ސިފަތައް ދެމެހެއްޓުމަށް އެބޭފުޅުން ތައްޔާރަށް ތިއްބެވި މިންވަރަކީ، އަޅުގަނޑު ހިތުން މިއަދު ރާއްޖޭގެ ރައްޔިތުންނަށް ކުޑަކޮށްވެސް އޮޅޭނެ ކަމެއް ނޫން. މި ރާއްޖޭގެ ޙަޔާތުގައި ވަޒީރު ބޭފުޅަކު، ވަޒީރުކަމުން ވަކިވެވަޑައިގަންނަވަނީ ވަރަށްމަދު ފަހަރެއްގައި. ވަޒީރު ބޭފުޅުންނަށް، އެބޭފުޅުންގެ ޤާނޫނީ މަސްއޫލިއްޔަތު، ޤާނޫނީ ވާޖިބު އަދާކުރުމަށް ކޮންމެ ސަބަބަކާލައިގެންވިޔަސް ބޭފުޅުން ހުރަސް އަޅުއްވާ ކަމަށްވަނީވިއްޔާ، އެބޭފުޅުން އެކަމާ ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަން އަޅުގަނޑު ގަބޫލުކުރަން. މިއަދު އަޅުގަނޑުގެ ވާޖިބަކީ، މިހިނދުއްސުރެ ފެށިގެން އެބޭފުޅުންގެ ޝަކުވާ ބެލުން. އެ ވަޒީރު ބޭފުޅުންގެ ޝަކުވާ އަޅުގަނޑު ބަލާނަން. އަދި އެކަމުގައި އަޅަންހުރި ހުރިހާ ފިޔަވަޅެއް އަޅުގަނޑު އަޅާނަން. އެކަމުގެ ޔަޤީންކަން، އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އަރުވަން.

އާދެ! ތިޔަބޭފުޅުންގެ ދެތިން ސުވާލަކަށް އަޅުގަނޑު ޖަވާބު އަރުވާނަން.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއްވެސް ބޭފުޅަކު އެބައޮތްތޯއޭ ވަކި ތަފާތު ޢިބާރާތަކުން ނޫނީ ތަފާތު ސަބަބެއް ބަޔާންކުރައްވާފައި. އެބޭފުޅަކު މި އިސްތިޢުފާ ދެއްވަނީ މިވެނި ކަމެއް މިހެންވީމައޭ. ޖުމްލަ އެއްސަބަބެއް މަނިކުފާނު ތިޔަވިދާޅުވެދެއްވީ. އެއްވެސް ބޭފުޅަކު ތަފާތު އިތުރު ސަބަބެއް ވިދާޅުވެފައި އެބައޮތްތޯއޭ؟ ނޫނީ މިއީ އެބޭފުޅުންގެ މެދުގައި އުފެދުނު އެހެންކަހަލަ ރޫޙެއްތޯ؟ ޤައުމީ ރޫޙެއްތޯއޭ ނޫނީ ވަކިކަމެއް ވަކިގޮތަކަށް ޙާޞިލު ކުރައްވަން ބޭނުންވެވަޑައިގަންނަވައިގެން އުފެއްދެވި ރޫޙެއްތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެއީ ހަމަ އެބޭފުޅުންގެ ހިތުގައި އުފެދުނު ރޫޙެއް. އެބޭފުޅުން ފާހަގަކުރައްވަނީ، އެކިބޭފުޅުން އެކިކަންތައް ފާހަގަކުރައްވަނީ. އަދި ތިޔަބޭފުޅުންނަށް ފަހުން އެބޭފުޅުންނާ ވާހަކަ ދެއްކެވުމުގެ ފުރްޞަތުވެސް ލިބިވަޑައިގަންނަވާނެ. އެހެންވީމާ، އެބޭފުޅުން އެކަމާ ވިދާޅުވާން ހުރި ވާހަކައެއް، ސީދާ އެބޭފުޅުންނާ ދެއްކެވުންވެސް އެއީ ބުއްދިވެރި ކަމަކަށްވާނެ. އެބޭފުޅުން މިކަން މިކުރައްވަނީ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރު އުފެދިފައި މިއޮތީ ވަކި ކަންތައްތަކެއް ހިންގުމަށްޓަކައި. މެނިފެސްޓޯއެއް ހިންގުމަށްޓަކައި. އަޅުގަނޑުމެންނަށް މި ސަރުކާރު އެކުލަވައިލުމަށް ރައްޔިތުން ވޯޓުދީ، އަދި ރައްޔިތުންގެ އަޣްލަބިއްޔަތު ދީފައި މިވަނީ އެކަންކަން ހިންގުމަށްޓަކައި. އެކަންކަން ނުހިންގޭ ހިނދެއްގައި، އެބޭފުޅުންގެ ވާހަކައަކީ، ނުހިންގޭ ހިނދެއްގައި އެބޭފުޅުން ތިއްބެވުމަކީ އެއީ ޤާނޫނީ ރޫޙެއްވެސް ނޫނޭ. އަދި ޑިމޮކްރަސީގެ ރިވެތި އުޞޫލެއްވެސް ނޫނޭ. އެހެންވީމާ، އެބޭފުޅުން އަޅުގަނޑުގެ މައްޗަށް މިހާރު އެ މަޖުބޫރުވީ ކަމަކީ، އެބޭފުޅުންގެ ޝަކުވާ އަޅުގަނޑު ބެލުން. އެހެންވީމާ، އަޅުގަނޑު އެބޭފުޅުންގެ ޝަކުވާ ފުރިހަމައަށް އިރާދަކުރެއްވިއްޔާ ބަލާނަން.

އަޙްމަދު މުޙްސިން – ޓީ.ވީ.އެމް:

އަޅުގަނޑުގެ ސުވާލަކީ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިޢުފާ ދެއްވުމުން، ދެން ވުޒާރާތައް ހިންގަވާނީ ކޮން އިސްބޭފުޅުންނެއްތޯއޭ؟ އަދި މިގޮތަށް އިސްތިޢުފާ ދެއްވުމާ ގުޅިގެން، ތިޔަ ވިދާޅުވާ ގޮތަށް އެމައްސަލަތައް ބަލަން، ވަޒީރުންގެ މަޖިލީހުން އިސްތިޢުފާ ދެއްވުމުން، އެމަޖިލީހުގެ މައްސަލަ ބަލަން ވަކި ކޮމިޓީއެއް ހައްދަވާނަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ނޫން. ހަމަ އަޅުގަނޑު ބަލާނީ ޤާނޫނީ ވަސީލަތްތައް މެދުވެރިކޮށްގެން. އެއީ، ފުލުސް އޮފީހާއި އެމް.އެން.ޑީ.އެފް މެދުވެރިކޮށްގެން. ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން ވިދާޅުވަނީ، ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ ޝަކުވާއަކީ ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުން، އެބޭފުޅުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ޤާނޫނާ ޚިލާފަށް ހުރަސް އަޅުއްވަނީއޭ. އެހެންވީމާ، އެ އަޅުއްވާ ހުރަހެއް ބެލުމުގެ މަސްއޫލިއްޔަތު މިހާރު މިއޮތީ އަޅުގަނޑުގެ ބޮލުގައި އެޅިފައި. އެހެންވީމާ، އެ މަސްއޫލިއްޔަތު އަޅުގަނޑު ބަލަމުން ގެންދާނީ، ރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން. އަދި ފުލުސް އޮފީހާއި އެމް.އެން.ޑީ.އެފް މެދުވެރިކޮށްގެން.

އިބްރާހީމް ވަޙީދު – ހާމަ ނޫސް:

އަޅުގަނޑުގެ ސުވާލަކީ ދާދި ދެންމެއަކު މަނިކުފާނުގެ ކެބިނެޓް، އެ އިސްތިޢުފާ ދެއްވީ. އެހެންވީމާ، ދެން މަނިކުފާނުގެ ކެބިނެޓް، އާ ކެބިނެޓަށް ބޭފުޅުން ޢައްޔަން ނުކުރައްވައި މަޑުކުރައްވާނީތޯއޭ، މައްސަލަ ބަލައި ނިމެންދެން. މި ޝަކުވާތަކާއި އެއްޗެހި ބަލައި ނިމެންދެން. ނޫނީ ކޮންގޮތަކަށްތޯއޭ މިކަމުގައި ދެން މަނިކުފާނު ޢަމަލު ކުރައްވާނީ އެބޭފުޅުންނާ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެބޭފުޅުންގެ އިސްތިޢުފާ އަޅުގަނޑު ޤާނޫނީގޮތުން ބަލައިގަންނަން އެބަޖެހޭ. ބަލައިގަތުމަށްފަހުގައި އަޅުގަނޑު އަވަސްވެގަންނާނީ އެބޭފުޅުންގެ ޝަކުވާ ބެލުމަށް. އެބޭފުޅުންގެ ޝަކުވާ އަޅުގަނޑަށް ސާފުވީމާ ނޫނިއްޔާ، ޤާނޫނުއަސާސީ އެބަ ލާޒިމުކުރޭ ވަޒީރުންގެ މަޖިލީހެއް އޮންނަން. އަދި އެ ވަޒީރުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިވާ މަޖިލީހަކަށްވެސްވުމަށް. އެހެންވީމާ، ޤާނޫނުއަސާސީ ލާޒިމުކުރާ ގޮތަށް އަޅުގަނޑު އެމަސައްކަތް ހިންގާނީ. އެހެން ނަމަވެސް އަޅުގަނޑަށް މިހާރު މިފެންނަ ފެނުމުގައި، އަޅުގަނޑުމެން، ސަރުކާރުން ކިތަންމެ ހެޔޮ ނިޔަތެއްގައިވެސް ހުށަހަޅާ ހުށަހެޅުމެއް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނާކަށް ތައްޔާރަކަށް ނެތް. އޭގައި އެބޭފުޅުން ދައްކަވަނީކީއެއް ޤާނޫނީ ޙުއްޖަތެއް ނޫން. އަދި ނެރުއްވަނީކީއެއް ދިވެހި ޤައުމަށް ރަނގަޅު އުޞޫލުތަކާއި ރަނގަޅު ގޮތްތައް ހޯދުމުގެ ރޫޙެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑަށް ދެންނެވޭނީ، އަޅުގަނޑު އެންމެ ފުރަތަމަ އަވަސްވެގަންނާނީ، އިސްތިޢުފާ ދެއްވި ވަޒީރުންގެ ވަޒީރު އެންމެ ބޭފުޅުންގެ ޝަކުވާ ބެލުމަށޭ.

J. J. Robinson – Minivan News

Could you explain the reasons for the decisions and how you expect the new governing without the cabinet?

President Mohamed Nasheed:

The issue is, I just said exactly the same thing in Dhivehi, the cabinet is saying that they cannot perform their legal obligations because of many obstructions from the parliament. They believe that these obstructions from the parliament are not legal and it is against the spirit, and the letter of the constitution. Therefore they are, in effect, forcing me to investigate why they have resigned. So basically my next step would be to understand why they have resigned.


ޢަބްދުﷲ ޖަމީލު – ހަވީރު ނޫސް:

މަނިކުފާނުގެ ކެބިނެޓް އެއްކޮށް މިއަދު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި މަނިކުފާނުގެ ސަރުކާރު ހިންގަވަން ޤަޞްދު ކުރައްވާފައިވަނީ ކޮންގޮތަކަށްތޯ؟ ތިޔަ ވިދާޅުވީ ފުލުހުންނާއި ސިފައިން މެދުވެރިކޮށްގެންނޭ ކަންތައްތައް ބަލަމުން ގެންދާނީ. މާނައަކީ މިލިޓަރީ ސަރުކާރަކަށް ފަހިވާ ގޮތަކަށްތޯ މަނިކުފާނު ސަރުކާރު ހިންގަވަން ޤަޞްދު ކުރައްވަނީ؟ ކިހާ ދުވަހެއްގެ ތެރޭގައި ކެބިނެޓް އަލުން އެކުލަވައިލެވޭނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ތަޙްޤީޤީ އިދާރާތަކަކީ ފުލުހުންނާއި ސިފައިން. ކަމެއް ތަޙްޤީޤު ކުރަން ޖެހިފައި އޮތީތީވެ، އެކަން ކުރާނީ އެ މުއައްސަސާތައް މެދުވެރިކޮށްގެން. ދެންހުރި ކަންކަން ކުރާނީ، ދެންހަމަ އެކަމަށް ޤާނޫނުއަސާސީ ކަނޑައަޅާފައި ހުރި މުއައްސަސާތައް މެދުވެރިކޮށްގެން. މިލިޓަރީ ސަރުކާރެއް ހިންގުމުގެ ނިޔަތެއް ނޫން އަޅުގަނޑުގެ އޮތީކީއެއް. އަޅުގަނޑުގެ އޮތީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް، އެ ރައްޔިތުން އެބޭނުންވާ ކަންކަން އޭގެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ނިޔަތެއް. އަޅުގަނޑުމެން ވެރިކަން ހިންގުމާ ޙަވާލުވެ މިތިބީވެސް އެމަސައްކަތް ކުރުމަށްޓަކައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ރައްޔިތުންނަށް އެކަން ކޮށްދޭނަން.

ޢަބްދުﷲ މުޙަންމަދު – ދި ޓީވީ:

މަނިކުފާނުގެ ކެބިނެޓް އެކީގައި އިސްތިޢުފާ ދެއްވުމުން، މަނިކުފާނު ގަބޫލުފުޅު ކުރައްވަންތޯ، މަނިކުފާނުގެ ސަރުކާރު ފެއިލްވެއްޖެ ކަމަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ކުޑަކޮށްވެސް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އަޅުގަނޑު ދެކޭގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤާނޫނާ ޚިލާފަށް އަދި ޢާންމު އުޞޫލުތަކާ ޚިލާފަށް، ޤާނޫނުއަސާސީގެ މުޅި ރޫޙާ ޚިލާފަށް ކިތަންމެ ކަންތައްތަކެއް ކުރައްވާ ކަމަށް ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން އެ ތުހުމަތު ކުރައްވަނީ. އޭގައި ފެއިލްވީ ކަމަށް ވަނީވިއްޔާ، ފެއިލްވީ ފަރާތެއް ހޯދުން އެއީ، އަޅުގަނޑުގެ ތަޙްޤީޤުގެ އެންމެބޮޑު މަސްއޫލިއްޔަތަކަށްވާނީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ، މިއަދުގެ މި ސިކުންތުން ފެށިގެން އެ ތަޙްޤީޤު ފަށާނަން.

އާމިނަތު ނިޔާޒާ - ސަން އެފް.އެމް:

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ވިދާޅުވެއްޖެ، ވަޒީރުންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުދިނުމާ ގުޅިގެން. ގަބޫލުފުޅު ކުރައްވަންތޯ؟ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު މިހާރު މި އިދިކޮޅު ޕާޓީއަށް ލިބިފައި އޮތުމުން މިކުރިމަތިވާ ދަތިކަމެއްކަމަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އިދިކޮޅު ޕާޓީއަށް އޮންނަ އޮތުމަކީ ސަރުކާރު ހިންގުމަށް ދަތިވާންވީ ސަބަބެއް ނޫންކަން ޤާނޫނީ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިކަންތައްތައް މެދުވެރިވެގެން މިދަނީ، ރައްޔިތުންގެ މަޖިލީހުގެ މަދު ބޭފުޅުންކޮޅެއްގެ އަމިއްލަ މަޞްލަޙަތު ހިފެހެއްޓުމަށް، އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާތީ. އެންމެފަހުން ފާސްކުރެވުނު މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙު، ތިޔަބޭފުޅުން ބައްލަވާލައްވައިފިއްޔާ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، އެ އިޞްލާޙުގައި ލިޔެފައި އޮތީ ކޮން ވާހަކަތަކެއްކަން. އެ އިޞްލާޙުގައި ސީދާ މަޖިލިސް މެންބަރުންގެ މަޞްލަޙަތު އޭގައި ހިމެނޭގޮތަށް ހުރި މާއްދާތައް ހުރިކަން ވަރަށް ސާފު. އެހެންވީމާ، އަޅުގަނޑަށް މީގައި ހަމަ މި ފެންނަނީ، ރައްޔިތުންގެ މަޖިލީހުގެ ޙިމާޔަތް ލިބިގެން، އެ ޙިމާޔަތުގެ ފަހަތުގައި ތިއްބަވައިގެން ރާއްޖޭގެ ޤާނޫނުއަސާސީ ހަލާކުކުރާކަށް، ޤާނޫނުއަސާސީގެ ބާރު ކަނޑުވާލާކަށް އަޅުގަނޑުމެންނަކަށް ފުރްޞަތު ދެވޭކަށް ނެތޭ.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު ދަންނަވާލަން ބޭނުމީ، ތިޔަ ވިދާޅުވި ތަޙްޤީޤު ކުރިއަށް ގެންދަވާއިރު، އެއްވެސް މިނިސްޓްރީއެއްގައި މިހާރު ވަޒީރަކު ނުހުންނަވާނެ. އެހެންކަމަށްވާއިރު، ޢާންމު ރައްޔިތުންނަށް މިނިސްޓްރީތަކުން ލިބެންޖެހޭ ޚިދްމަތަށް އެއްވެސްކަހަލަ އުނިކަމެއް ނުވަތަ ދަތިކަމެއް އައިއްސާނެތޯއޭ، މިދުވަސްކޮޅު މި ތަޙްޤީޤުގެ މަރްޙަލާ ނިމެންދެން. ދެން މަނިކުފާނު ލަފާކުރައްވަނީ ކިހާ ދުވަހެއްގެ ތެރޭގައި ތަޙްޤީޤު ނިމިދާނެ ކަމަށްތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުމެން ރައްޔިތުންނަށް ކުޑަވެސް ދައްޗެއްވިޔަނުދީ މަސައްކަތް ކުރުން، ވީމިންވަރަކުން. އެހެން ނަމަވެސް، ވަޒީރުން ނެތް ތަނެއްގައި ދިމާވާނެ ދަތިތައް ހުންނާނެ. އެ ދަތިތައް އަޅުގަނޑުމެންނަށް ތަޙައްމަލް ކުރުމަށް މިހާރު މިވަނީ މަޖުބޫރުވެފައި. މި ޙާލަތަށް އަޅުގަނޑުމެން ގެނައީ ރައްޔިތުންގެ މަޖިލީހުން. އެހެންވީމާ، އަޅުގަނޑުމެން އެމަޖިލީހުގެ ތަޙްޤީޤުކޮށް ނިމުމުން، އިރާދަކުރެއްވިއްޔާ ވީ އެންމެ އަވަސް ފުރްޞަތެއްގައި ވަޒީރުންގެ މަޖިލީހެއް ހަމަ އަލުން އަނބުރާ އެކުލަވައިލާނަން.

ޢަބްދުﷲ މުޙަންމަދު – ދި ޓީ.ވީ

މަނިކުފާނު ތިޔަ ވިދާޅުވަނީ މަޖިލީހުން ނިންމާ ނިންމުންތަކަކީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުންތަކެއްތޯއޭ؟ އެހެން ކަމަށްވަންޏާ އެމް.ޑީ.ޕީ. އިން މަޖިލީހުގެ މެޖޯރިޓީ ހޯއްދަވަން މިއޮއް ހުރިހާ ދުވަހު ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ ކޮބައިތޯ؟ އެކަން ފެއިލްވީތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް ހޯދުމަށް، ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ކުރައްވަންޖެހޭނެ މަސައްކަތަކީ، ރައްޔިތުންނާ މުޢާމަލާތް ކޮށްގެން ކުރަންޖެހޭނެ މަސައްކަތެއް. ތިޔަބޭފުޅާގެ ސުވާލުވެސް ތިޔަ އިޝާރާތް ކުރެއްވީ، ސީދާ މަޖިލީހުގައި ދިމާވެގެން މިއުޅޭ މައްސަލައާ. އެއީ މަޖިލީހަށް މެންބަރަކު ހޮވުމަށްފަހުގައި، ދެން އެބޭފުޅާ ގޮތްގޮތަށް އެނބުރުމަށް އެއްވެސް ބޭފުޅަކު އެހެން ގޮތްގޮތުން މަސައްކަތް ކުރައްވާފައި އޮވެގެން ނުވާނެ. އެފަދަ ތުހުމަތެއް ކުރެވޭ ކަމަށްވަނީވިއްޔާ، އަޅުގަނޑުމެން ޖެހޭނީ އެކަމެއް ބަލަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެކަން ބަލާނަން.

އަޙްމަދު މުޙްސިން – ޓީވީއެމް:

މަނިކުފާނު ވިދާޅުވެއްޖެ. މަޖިލީހުގެ ބައެއް ޤާނޫނުތައް މިހާރު ހެދެމުން އަންނައިރުގައި، ބައެއް މެންބަރުންގެ ނޫނިއްޔާ، އަމިއްލަ ބައެއް ބޭފުޅުންގެ އަމިއްލަ މަޞްލަޙަތު އޭގައި ހިމެނޭ ކަމަށް. އަދި ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައިފި، މާލިއްޔަތު ޤާނޫނު. މިހާރު މި ފާސްވެފައި މިހިރަ ޤާނޫނުތައް، އެހެންވީމާ ތަޞްދީޤު ނުކުރައްވައި މަޑުޖައްސާލަފާނަންތޯ؟ އަދި ކުރިއަށް އޮތް ތަނުގައި ދެން އެކަމާމެދު ކަންތައް ކުރައްވާނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެ މާލިއްޔަތު ޤާނޫނަށް ގެނައި އިޞްލާޙު އެއްގޮތަކަށްވެސް އަޅުގަނޑަށް ތަޞްދީޤު ކުރެވޭކަށެއް ނެތް. އެ މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙަކީ ކުޑަކޮށްވެސް ބަލައިލެވިގެން ގެނެވިފައި އޮތް އިޞްލާޙެއް ނޫން. އަމިއްލަފުޅަށް، އެބޭފުޅުން އެ އިޞްލާޙު ކިޔުއްވާލެއްވީމަވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، އެ އިޞްލާޙަށް ޢަމަލު ކުރަމަކުން ސަރުކާރެއް ހިންގޭކަށް ނޯންނާނެކަން.
ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު މިދެންނެވިހެން އަޅުގަނޑު ކުރަން ހުރި މަސައްކަތް ވަރަށްގިނަ. ޚާއްޞަ ގޮތެއްގައި، އަޅުގަނޑު މިދެންނެވި ތަޙްޤީޤު އަޅުގަނޑު ހަމަ މިހާރު ފަށަންޖެހޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
__________________