بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިރޭ މިތަނަށް އައީ އެއްގޮތަކަށްވެސް އެއްޗެއް ބުނަން ނިންމައިގެނެއް ނޫން. މިރޭގެ ޕްރޮގްރާމްގައި އަޅުގަނޑުގެ ނަން ހިމަނާފައި އޮތީތީވެ، އަޅުގަނޑު އެދުނިން، އަޅުގަނޑަށް ރަނގަޅީ، މިރޭ އަޅުގަނޑު މިތަނުގައި ވާހަކަ ދައްކަން ނުޖެހުނިއްޔާއޭ. ޙަޤީޤަތުގައި އަދިވެސް އަޅުގަނޑު އެދޭގޮތަކީ އެއީ. އެންމެބޮޑު އެއްސަބަބަކީ، ހަމަ މިއީ ވަރަށް މަދު މައުޟޫޢުތަކުގެ ތެރެއިން އަޅުގަނޑަށް ވާހަކަ ދައްކަން ނޭނގޭ. އެހެންވީމާ، އަޅުގަނޑު ހަމަ އަނެއްކާވެސް އިޙްތިރާމާއެކީގައި އެދެނީ، އަޅުގަނޑަށް މި މައުޟޫޢުގައި ވާހަކަ ދެއްކުމަށް އަނެއްކާވެސް ހަމަ އަޅުގަނޑު މިކަމުން އެއްކިބާވުމަށް.

އަޅުގަނޑުގެ ނަޒަރުގައި ޤައުމެއް ތަރައްޤީވުމަށްޓަކައި، އެޤައުމެއްގެ ރައްޔިތުންނަށް ލިބެންޖެހޭ މިނިވަންކަމާއި އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ވަރަށް މުހިންމު ކަމެއް. އަދި ބިރުވެރިކަމެއްނެތި ރައްޔިތުންނަށް ކަންކަމާ ކުރިމަތިލައި، ރައްޔިތުންނަށް ފާޑުކިޔާ އުޅުމުގެ ބާރުވެރިކަން އަދި އިތުބާރު އޮތުމަކީވެސް ވަރަށް މުހިންމު ކަމެއް. އެ އިތުބާރު ރައްޔިތުންނަށް ލިބެނީ، ރައްޔިތުންނަށް އަނިޔާ ލިބިފައިވާ މީހުން ނުވަތަ އަނިޔާ އެއީ ލިބޭ އެއްޗެއް ކަމުގެ މިސާލު ނުފެންނާން ފެށީމާ.

އަޅުގަނޑުމެން ތެދުވީމާ، އަޅުގަނޑު މި އުންމީދު މިކުރަނީ، މިއަދު އަޅުގަނޑު މިހުރީ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްގެން، މިކަން އިތުރަށް މިރާއްޖޭގައި ވިޔަނުދިނުމަށް. އަޅުގަނޑު ދެރަވަނީ މިކަން މިރާއްޖޭގައި ވިޔަނުދިނުމަށް ބޭނުންވާ އެންމެހާ މުއައްސަސާތައް، އެންމެހާ ތަރުތީބުތައް، އެންމެހާ އިންތިޒާމުތައް އަޅުގަނޑުމެންގެ ރާއްޖޭގައި ޤާއިމުވެފައި ނެތީތީވެ. އަޅުގަނޑުމެންނަށް، އަޅުގަނޑަކަށް މާދަމާވެސް މީހެއްގެ ގައިގައި، ޖަލުގައި ހުރި މީހެއްގެ ގައިގައި، ފުލުހުންގެ މީހަކު ނުވަތަ ސިފައިންގެ މީހަކު ނުވަތަ އެހެންވެސް މީހަކު ތަޅައިނުގަންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަމެއް ނެތް. އަޅުގަނޑުމެންނަށް ޤާނޫނުތައް ތަންދިން މިންވަރަކުން އަދި އަޅުގަނޑުމެންގެ ޤާބިލުކަން ހުރި މިންވަރަކުން އެކަންކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަން ޖެހޭނެ. އެކަން ކުރުމުގައި، އަދި އެމަސައްކަތްތައް އެގޮތަށް ބެހެއްޓުމުގައި ހަމަކަށަވަރުންވެސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އެހެން ނަމަވެސް، މިރާއްޖޭގައި ޖަލުގައި އަނިޔާ ނުހިނގާ ކަމަށް ގަބޫލު ކުރެވޭނީ އަދި ހަމަގައިމުވެސް އަޅުގަނޑުގެ ހިތުން ގަބޫލު ކުރާނީ، އެކަން ނުހިނގާތާ ވަރަށްގިނަ ދުވަސްވީމާ.

މިއަދު މިތާހުރެ އަޅުގަނޑު މިވާހަކަ ދައްކާހިތްވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތަކުންނެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑަކީ މިހާރު އަޅުގަނޑު ބޭނުންވާ ހިނދުކޮޅުތަކުގައި އެކަމުން އެއްކިބާވެފައި ދެންހުރި ވަގުތުތަކުގައި އެކަމުގައި ހުރި ކަމަށް ވަކާލާތު ކުރަމުން ގެންދެވޭނެ މީހެއް ނޫން. އެހެންވީމާ، އަޅުގަނޑު ހަމަ މިހާރުވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މިވަބާއިން ނުވަތަ މިފަދަ އަނިޔާ އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބުނަނުދީ، ކަންކަން ހިފެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ޤައުމު ތައްޔާރުވާންވީ މިންވަރަށް ތައްޔާރުވުމަށް އަދި އެތައް މަސައްކަތެއް ކުރާން އެބަޖެހެއޭ. ވެރިކަމެއް ބަދަލުވެގެނެއް ވާން އޮތް ކަމެއް ނޫން، އަޅުގަނޑުގެ ނަޒަރުގައި އެއީއަކީއެއް. މިކަން އަޅުގަނޑުމެންނަށް އެހާ ސާފުކޮށް ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫން.

އަޅުގަނޑުމެން ކުޑަވާނެ 1979 ވަނަ އަހަރު. އެހެން ނަމަވެސް، އަޅުގަނޑުމެން ދުށިން، އޭރުގައި ހަމަ އެ ވެރިކަން ބަދަލުވިއިރު، އިބްރާހީމް ނާޞިރުގެ ވެރިކަމުން މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމަށް ބަދަލުވި ހިނދު، މި ރާއްޖޭގައި އެންމެ ބާރަށް އުފުލުނު އެއް އަޑަކީ އަނިޔާގެ ވާހަކަ. އޭގެ ކުރީގެ ވެރިކަމުގައި އަނިޔާ ލިބިފައިވާ މިންވަރާއި އަދި އެކަމުން ސަލާމަތްވުމަށް ރާއްޖޭގެ ރައްޔިތުން އެދޭ މިންވަރާއި، އެކަން ދުވަހަކުވެސް މި ރާއްޖޭގައި ހިނގައިގެން ނުވާނެ ކަމަށް އަޅުގަނޑުމެންގެ ތެރޭގައި އެތައް ބަޔަކު ވަކާލާތު ކުރަމުންދިޔަ އަޑު. މާގިނަ ދުވަހެއްނުވޭ، ހަމަ އޭރުގައިވެސް އަޅުގަނޑުމެން ކުޑަވާނެ، ކެރަފާ ނަސީމް ގެންގޮސް ހިފައި ހައްޔަރުކޮށް، އޭނާއަށް އެ ހުރިހާ އަނިޔާކުރީ. އަދި އޭނާއާ އެކީގައި އޭރުގައި ހައްޔަރުކުރި އެތައް ބަޔަކަށް ލާއިންސާނީ ވަރަށްގިނަ އަނިޔާކުރި.

އޭރުއްސުރެ ފެށިގެން އެދިޔަ ދިގު 30 އަހަރު ރާއްޖޭގައި ދިޔައީ ތަކުރާރުކޮށް އުޞޫލެއްގެ ގޮތުން ރާއްޖޭގެ ޖަލުތަކުގައި މީހުންނަށް އަނިޔާ ކުރަމުން. އަޅުގަނޑަކީވެސް އެ ޘަޤާފަތުގެ ތެރޭގައި، އޭރުގައި އެތައްފަހަރަކު ޖަލަށް ވައްދާފައި ހުރި މީހެއްކަމުން، އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ، އެ އަނިޔާތައް ހިނގައިދާގޮތާއި، އެ އަނިޔާގެ މިންވަރާއި، އޭގެ ވޭނާއި، އޭގެ އަސަރާއި، އޭގައި ހިމެނޭ އެންމެހާ ހިތި، އެއީ އަޅުގަނޑަކަށް ދުވަހަކުވެސް އޭގެ ރަހަ ފިލައިގެންދާނެ އެއްޗެއް ނޫން. އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނަށް މި ހިތި ހިތާމަ، މި ޒަހަރު އޮތީ ބޯންޖެހިފައި. އެއިން އަޅުގަނޑުމެންނަކަށެއް ސަލާމަތެއް ނުވެވޭނެ. އެ ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ހިތުލައި މިތިބެނީ، މިވާހަކަ މިތަނުގައި ދެއްކީމާ ދެން މާތްﷲގެ އަނބުރާ އިރާދަފުޅުން މިކަން މިރާއްޖޭގައި ނުހިނގާނެ ކަމަށް. އެކަން އެހެންވިއްޔާ ކިތަންމެހާވެސް ރަނގަޅު. ތަޖްރިބާކާރުން، މިކަމުގެ ޢިލްމުވެރިން މިކަން ގޮތްގޮތަށް ދިރާސާކޮށް، ދަންނަ ބޭފުޅުން އެވިދާޅުވަނީ، ޤައުމުތަކުގައި މިކަންކުރާ ގޮތަކީ، އެވެނި ގޮތަކާއި މިވެނި ގޮތެކޭ. އެގޮތްތަކާއި މިގޮތްތައް އަޅުގަނޑުގެ ހިތުން އަޅުގަނޑު ގަބޫލުކުރާނީ އަދި ވަރަށްފަހުން. އަޅުގަނޑުގެ ހިތުގައި މިއަށް އޮތް ޙައްލަކީ ކޮބައިތޯ އަޅުގަނޑު ގަބޫލުކުރާނީ އެތައް ކަމެއް އަދި އަޅުގަނޑަށް ފެނުނީމާ. މިރޭ އަޅުގަނޑަށް މާ އަވަސް. މިރޭ އަޅުގަނޑަށް މާ އަވަސް، މިހެން ހަދައިގެން މިއީ އެންމެ ރަނގަޅު ގޮތްތޯ، އެހެން ގޮތެއް ހަދައިގެން އެއީ އެންމެ ރަނގަޅު ގޮތްތޯ، އަޅުގަނޑުމެންގެ ރާއްޖެއަށް އޮތް ފަރުވާއަކީ ކޮބައިތޯ އަދި އަޅުގަނޑަކަށް ދެނެގަންނާކަށެއް، ދަންނަވަން އެނގޭ ކަމަކަށް އަޅުގަނޑަށް މިރޭ ދަންނަވާކަށް ނުކެރޭނެ.

އަޅުގަނޑު ނިންމައި ހުރީ، އަޅުގަނޑުގެ ނަޒަރުގައި ރާއްޖެއަށް ބޭނުންވަނީ، ސަރުކާރަށް އަބަދުވެސް ބިރުވެރި ކަމެއްނެތި ފާޑުކިޔާނެ ބައެއް ތިބުމޭ. އެބަޔަކީ އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެނުނު ގޮތުގައި އެބަޔަކީ އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ގޮތުގައި ސިޔާސީ ޕާޓީއެއް. ވާދަވެރި އިދިކޮޅު ސިޔާސީ ޕާޓީއެކޭ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނަށް އަނިޔާކުރި ބައިމީހުން ހޯދުމުގެ ނިޔަތުގައި، ހޯދުމުގެ މަޤްޞަދުގައި އަދި ހޯދުމުގެ ނަމުގައި އަޅުގަނޑުމެންނަށް ފާޑުކިޔާން ތިބި މީހުން އަވަދިކޮށްލައި، ނެތިކޮށްލާން އަޅުގަނޑުމެން ދިމާކޮށްފިނަމަ، އަޅުގަނޑުމެންނެކޭ އަޅުގަނޑުމެންނަށް އަނިޔާކުރި މީހުންނެކޭ އެއްވެސް ތަފާތެއް ނެތް. އެއްވެސް ފަރަޤެއް ނެތް.

އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުމެންގެ އަންނާން އޮތް ޖީލުތަކަށް އަނިޔާ ނުލިބޭން އަދި އަނިޔާ ނުފޯރާ ސަލާމަތްކަންމަތީގައި އަޅުގަނޑުމެންގެ ދަރިންނާއި އަޅުގަނޑުމެންގެ ދަރީންގެ ދަރީން ބޮޑުކުރެވެން އޮތް ހަމައެކަނި މަގަކީ، ސަލާމަތްކަންމަތީގައި ވާދަވެރި ސިޔާސީ ނިޒާމެއް އަދި އިދިކޮޅު ޕާޓީއެއް، އެ ޕާޓީގެ ފަންވަރާއި، ހިތްވަރާއި އަދި އެޕާޓީގެ ޖޯޝް ނަގާލިޔަނުދީ، އަޅުގަނޑުމެންނަށް އެފަދަ ޕާޓީއެއް ބިނާކުރުމުގެ ފުރްޞަތު ސަރުކާރުން ދިނުން. އެމަސައްކަތް ކުރުމަށްޓަކައި މިއަދާ ހަމައަށްވެސް އަޅުގަނޑުގެ ނަޒަރުގައި މިމަސައްކަތަށް އެހާ ބާރަށް އަޅުގަނޑަށް ނުކުންނާން ނުކެރި މިހުރީ. އަޅުގަނޑަށް އަބަދުވެސް މިދެމައްސަލަ އޮޅޭނެ. އަޅުގަނޑަށް އަބަދުވެސް މިދެކަމުގައި ދިމާވާ އޮޅުންތައް އޮޅުންފިލުވަން ދަތިވާނެ. އަޅުގަނޑު ބޭނުންވަނީ، ވަރުގަދަ ވާދަވެރި ސިޔާސީ ޕާޓީއެއް. އެކަމަކާ އަޅުގަނޑު އެއްގޮތަކަށްވެސް ޝައްކެއްނުކުރަން. އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުގެ ނަޒަރުގައި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ، ޑިމޮކްރެސީގެ ނިޒާމް. ވާދަވެރި އިދިކޮޅު ވަރުގަދަ ޕާޓީއެއް އަދި އެހެން ގޮތަކަށް ދަންނަވަނީނަމަ، ހަމަ ޑީ.އާރު.ޕީ ވަރުގަދަކޮށް އޮތުން. އަޅުގަނޑުމެންނަށް އެކަން ރައްކާތެރިނުކޮށްދެވިއްޖެނަމަ، އަޅުގަނޑުމެން މިއެދޭ އިންސާނީ ޙައްޤުތަކެއް އަޅުގަނޑުމެންނަކަށް ރައްކާތެރިއެއް ނުކުރެވޭނެ.

އަޅުގަނޑު ދަންނަވައިފިން، އަޅުގަނޑަކަށް މިކަމުގައި ދައްކާނެ ޙަޤީޤަތުގައި މާގިނަ ވާހަކައެއް ނޭނގެއޭ. އަޅުގަނޑު އަނެއްކާވެސް ހަމަ ދަންނަވާނީ އެހެން. އަޅުގަނޑަކަށެއް މިކަން ކުރާނެ ގޮތެއްވެސް އަދި މިކަމުގައި ވާހަކަ ދައްކަން ފަށާނެ ގޮތެއްވެސް މާ ސާފެއް ނޫން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް މިބާވަތުގެ އަނިޔާ އަދި މިބާވަތޭ އަޅުގަނޑު މިދަންނަވަނީ، މީގައި ކޮބައިތޯ ބާވަތަކީ އެކަކުވެސް ކިޔައިދިނީކީވެސް ނޫން. ދެން އަޅުގަނޑުމެން މިހިތަށްއަރަނީ، އަޅުގަނޑުމެންނަށްވީގޮތް ޙަޤީޤަތުގައި. އަޅުގަނޑު އެދޭނީ، އަޅުގަނޑަށްވީގޮތް، އަޅުގަނޑަށް ކުރި އަނިޔާ، އެކަކަށްވެސްވުމަކީ، އެހެން އެކަކަށްވެސްވުމަކީ، ޚާއްޞަކޮށް، އެއަނިޔާކުރި މީހާއަށް އެއަނިޔާ ލިބުމަކީ ކުޑަކޮށްވެސް އަޅުގަނޑު އެދޭނެ ކަމެއް ނޫނޭ. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!