بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


ތިޔަބޭފުޅުން އަދި ތަންކޮޅެއް ގާތަށްޖެހިލައްވާފައި، ތިޔަބޭފުޅުންގެ ސުވާލެއް، އޮޅުން ފިލުވަން ބޭނުންވާ ކަމެއް ނުވަތަ ފާހަގަކުރަން ބޭނުންވާ ކަމެއް އޮވެއްޖިއްޔާ އަޅުގަނޑަށް ވީ މިންވަރަކުން އަޅުގަނޑު ޖަވާބު އަރުވާނަން. އަޅުގަނޑުމެން މިދަތުރުކުރާއިރުގައި ފުރްޞަތެއް ލިބޭ، އެރަށަކާ ގުޅޭގޮތުން ކުރިޔަށް ކުޑަކޮށް ބަލާލުމަށްވެސް. އަދި އެރަށަކަށް އާދެވުނީމާ އެރަށުގައި ހުރެގެން، ސަރުކާރުގެ އެހެން ހިންގާ މަޝްރޫޢުތަކާ، ސިޔާސަތުތަކާ އެރަށާ ގުޅުންހުރި މިންވަރާ އަދި އެކަން ކަމުގެ ތެރެއިން, ރަށަށް ލިބެނީ ކޮންކަމެއްތޯއާއި އަދި ހޯދާދެވެންއޮތީ ކޮންކަމެއްތޯއާ މިބާވަތުގެ ކަންކަންވެސް އަޅުގަނޑުމެންނަށް ބަލާލެވޭ.

އަޅުގަނޑަށް ފެނިފައިއޮތް ގޮތުގައި، މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިރަށުގައި އެބަވޭ، ފަސްދޮޅަސް ފަސްއަހަރުން މަތީގެ 60 މީހުންނަށްވުރެ ގިނަ މީހުން. 64 މީހުންނޭ އަޅުގަނޑު ހަނދާންވަނީ. އެހެންވީމާ، އެދެން އިރާދަކުރެއްވިއްޔާ ހަމަ ކުރީގައިވެސް އެ ދެމުން އަންނަގޮތަށް އެކަން ކުރެވެމުންދާނެ. އެހެންނަމަވެސް، މިފަހަރު ކުޑަ ބަދަލެއް އެބަ އާދޭ. އެނގިވަޑައިގަންނަވާނެ، އެކަމާ ގުޅޭ ޤާނޫނެއް މިހާރު މިއޮތީ ފާސްކުރެވިފައި. އެޤާނޫނުގެ ދަށުންނާ އެކުގައި އެބަޖެހޭ، 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކު، އެ އެހީ ލިބޭ ކޮންމެމީހަކު ބޭންކް އެކައުންޓެއް ހުޅުވަން. މީގެ ކުރީގައި އެކަން ހިންގަމުން އައީ ޕޯސްޓްއޮފިސް މެދުވެރިކޮށް. ދެން ޤާނޫނު ބުނާގޮތުން ޕޯސްޓް އޮފީހަކީ، ބޭންކްގެ ހުއްދަ ލިބިފައި އޮންނަ އޮފީހެއް ނޫން. އެހެންވީމާ، އެކަން އަޅުގަނޑުމެން ދެން ކުރަންޖެހޭނީ، ސަރުކާރުން ދެން އެކަން ހިންގަންޖެހޭނީ، ބޭންކްއޮފް މޯލްޑިވްސް މެދުވެރިކޮށްގެން. ދެން އެހެންވީމާ، ކޮންމެ މީހަކަށްވެސް، ކޮންމެ ރައްޔިތަކަށްވެސް އޮންނާނެ، ބޭންކްއޮފް މޯލްޑިވްސްގެ އެކައުންޓެއް. ދެން އަޅުގަނޑު އުންމީދު ކުރަން އެ އެކައުންޓްތައް އަވަހަށް ހުޅުވާފައިވާކަމަށް. ދެން އަޅުގަނޑަށް މަޢްލުމާތު ލިބިފައިއޮތީ، 65 އަހަރުން މަތީގެ، މަދަނައިގެ 14000 މީހުންގެ ތެރެއިން، 12000 މީހުން މިހާރު އެކައުންޓު ހުޅުވައިފިއޭ. ދެން އޭގެތެރޭގައި މިރަށު މީހުންވެސް ހިމެނޭނެކަމަށް އަޅުގަނޑު އުންމީދުކުރަން. ނުހިމެނޭ ކަމަށްވަނީވިއްޔާ އަވަހަށް އެކަން ކުރިޔަށް ގެންދެވުން. ރަށު ކައުންސިލަރާވެސް، އޮފީހާވެސް، ކަތީބާވެސް ވާހަކަ ދައްކަވައިގެން، ކިހިނެއްތޯ ދެން މިކަންކުރާނީ އޮޅުން ފިލުވައިގެން ކުރިޔަށްގެންދިޔުން އަޅުގަނޑަށް ހީވަނީ ރަނގަޅުވާނެހެން.

އަދި ހަމަ މިދިޔައަހަރު މަރޮށީ 200 މީހުންނަށް އިރާދަކުރައްވައިގެން، މި މަދަނައިގެ ދަށުން ބޭސްފަރުވާ ކޮށްދެވިއްޖެ. ދެން އަޅުގަނޑުމެން ބޭނުންވަނީ، ސަރުކާރުން އެދެނީ، ހުރިހާ ބޭފުޅުންވެސް އެ ޕްރޮގްރާމްގައި ބައިވެރިވެވޭނެ ގޮތެއް ހޯދަން. އެހެންވީމާ، މިރަށު 200 މީހުންނަށް އޭގެދަށުން ބޭސްކުރެވިފައި އޮތްކަމަށްވަނީވިއްޔާ، މިރަށު 200 މީހުން އެއޮތީ އެ ޕްރޮގްރާމްގައި ބައިވެރިވެފައި. ފަހަރުގައި ރަށުގައި ކޮންމެހެން ދިރިއުޅޭ މީހުންނަށް ނުވެދާނެ. މިރަށުގައި ދިރިނޫޅޭ، މިރަށުގެ އާބާދިގެ ދެބައިކުޅައެއްބައިވެސް. ގިނަމީހުން މާލޭގައި ދިރިއުޅެމުން އަންނަނީ. މަދަނައިގެ ދަށުން މިރަށުގެ ބޭސްފިހާރަ، އެއީ މަދަނައިން ފައިސާ ލިބޭ ނުވަތަ މަދަނައިން އެހީ ފޯރުކޮށްދޭ ބޭސްފިހާރައެއްގެ ގޮތުގައި ރަޖިސްޓަރީކުރުން މުހިންމު. އެވެސް ހަމަ ދާދި އަވަހަށް ކޮށްލެވޭ ކަމެއް. އެގޮތަށް ރަޖިސްޓަރީވީމާ މިތާ ބޭސްފިހާރައިންވެސް އޭރުން މަދަނައިންދޭ ޚިދްމަތް، ހިލޭދޭ ބޭސް އެ ބޭސްފިހާރައިންވެސް ލިބިގެންދާނެ. އެހެންވީމާ، އަޅުގަނޑު ވަރަށްބޮޑަށް އުންމީދު ކުރަން، އެކަމުގައި ތިޔަބޭފުޅުން ބައިވެރިވެލައްވާނެކަމަށް.

އަޅުގަނޑަށް މަޢްލޫމާތު ލިބިފައިއޮތް ގޮތުގައި މިރަށުގައި ޚިޔާލު ތަފާތުވެގެންއުޅޭ އެންމެބޮޑު އެއްކަމަކީ، މި އިންޖީނުގޭގެ މައްސަލަ. ސަރުކާރުގެ ވިސްނުމަކީ، ހުރިހާ އިންޖީނުގެތައް، ތިން އަތޮޅުގެ އެއްކޮށްލީމާ، އެ ގެއްލުން ކުޑަވާނީ ހުރިހާ އިންޖީނުގެއަށްވެސް. މިހާރު ސަރުކާރުން މި ނިންމުން ނިންމާފައި މިއޮތީ މިދިޔަ 1980 ގެ ކުރީކޮޅު ރާއްޖޭގެ ރަށްރަށުގައި ކުދިކުދި އިންޖީނުގެތަކެއް ހެދެންފެށުނީ. ދެން މިހެންއައިސް ބޮޑުވަމުން ގޮތްގޮތްވަމުން އައިސް މިހާރު މިހުރީ މި އިންޖީނުގެތައް މިގޮތަށް. އަދިވެސް އެއްވެސް އިންޖީނުގެއެއްނެތް، ޚަރަދު، އެލިބޭ އެއްޗަކުން ފުއްދޭނެވަރުގެ އިންޖީނުގެއެއް. ޚާއްޞަކޮށް ލިބޭއެއްޗަކުން ފުއްދުމަކީ ކުރިޔަށް ރޭވެންވެސްޖެހޭނެ، މުސްތަޤްބަލުގައި ކަރަންޓުގެ ކަންތައްތަކަށްވެސް ޚަރަދުކުރާނެ ފައިސާވެސް ހޯދޭނެ.
އަޅުގަނޑުމެންނަށް ފެނުނީ، ސަރުކާރަށް ފެނުނީ، ހުރިހާ އިންޖީނުގެތައް މި 42 ރަށުގެ އިންޖީނުގެ ހއ،ހދ،ށ ގެ، އެކީގައި އެއްކުންފުންޏަކުން ހިންގައިފިއްޔާ ހުރިހާ އިންޖީނުގެއަކަށްވެސް މާބޮޑަށް ރަނގަޅުވެގެންދާނެއޭ، އެހީތެރިކަން ފޯރުކޮށްދެވޭނެއޭ. ދެން އޭގެ އިތުރުން، އަޅުގަނޑުމެން މި ނިންމައިގެން މި ތިބެނީ، ސަރުކާރުގެ ސިޔާސަތަކީ އިންޖީނުގެތައް، މިސާލަކަށް ޔުޓިލިޓީ ކުންފުނީގެ ދަށުން ހިންގަން ފެށުނީމާ ކަރަންޓުގެ އަގަށް ބަދަލެއް އައިސްފާނެ. އެ ތަފާތު، މީހާޔަށް، އެ ކޮންމެ ކަރަންޓު މީޓަރަކަށް ހަމަ މާލޭގައިވެސް މިހާރު މިދޭންފެށިގޮތަށް އެއީ، އަޅުގަނޑުމެން ބަލާނީ، މިސާލަކަށް، އެ ބޮޑުކުރުމުގެ ކުރީގައި ކަރަންޓު ބިލަށް އަރަނީ ކިހާވަރެއްތޯ ބޮޑުކުރީމާ އެރީ ކިހާ ވަރެއްތޯ، އެދެތަނުގެ ފަރަގު ގޭގެއަށް ދޭގޮތަކަށް މިހާރު މާލޭގައިއެ ޢަމަލުކުރަނީ.

މާލޭގައި އަށާރަހާސް ފައްސަތޭކަ ކަރަންޓު މީޓަރު ހުރޭ. އޭގެތެރެއިން މިއެހީ ބޭނުންވޭ އެބަ ފަސްހާސް ކަރަންޓު މީޓަރަށް. އެހެންވީމާ، މިރަށުގައިވެސް އެކަން އެހެން ގެންދިއުން ސަރުކާރުގެ ފިކުރަކީ. އެކަމަކު އެއްވެސްކަމެއް އަޅުގަނޑުމެން ކުރާކަށެއްނެތިން ތިޔަބޭފުޅުން ބޭނުން ނުވާގޮތަކަށް. ތިޔަބޭފުޅުންނަށް ފެންނަނީ ކަރަންޓުގެ ކަންތައް އެއީ، ތިޔަބޭފުޅުންނަށް މާމޮޅަށް ހިންގިދާނެ ކަމެއްކަމަށް ވަންޏާ، އަދި މި ސަރުކާރުގެ މި ޔުޓިލިޓީ ކުންފުނީގެ ބޭރުން ހިންގަން ބޭނުންވެލައްވަންޏާ އެހެން ހިންގަވަންވީ. އެދެން ހިންގަވާއިރުގައި ކިރިޔާވެސް ދެކޮޅު ޖެއްސޭގޮތަކަށް މިވަނީ، ސަރުކާރުގެ މަދަރުސާތަކަށް 10 ރުފިޔާއިން 15 ރުފިޔާއިން. އެއްފަހަރު ތޮއްޑޫއިން އަޅުގަނޑަށް ދިމާވި 70 ރުފިޔާއަށް ޔުނިޓެއް ހުއްޓާ. އެއީ ސަރުކާރުގެ މަދަރުސާއަށާއި، ހެލްތްސެންޓަރަށާއި، އޮފީހަށާ މިތަންތަނަށް ވަރަށްބޮޑު އަގެއްގައި ކަރަންޓު ދެނީ. ދިނީމާ އޭގެއިން، އެފައިސާއިން މިދެކޮޅުޖެހެނީ، ކިރިޔާވެސް.

ހަމަ އޭގެބަދަލުގައި އަޅުގަނޑުމެން މިބެލިގޮތަކީ އޭރުން މިތަނުން ވެއްޖެއްޔާ ތިންތަނުން އެހާބޮޑު އަގެއް ނަގަންޖެހެނީ ނޫންތޯ؟ 42 ރަށުގެ މިހުރިހާތަނަކުން ތަންކޮޅެއް ބޮޑު އަގެއްނެގީމާ 42 ރަށުން ސަރުކާކާރުގެ ހުރިހާތަނަކުން، ޢާންމުންއަތުން ހަތަރުރުފިޔާ ނަގާފައި ސަރުކާރުގެ ހުރިހާތަނަކުން ގާތްގަނޑަކަށް ހަތްރުފިޔާ އަށްރުފިޔާ ނެގިޔަސްވެސް، އޭރަށްވެސް ހުރިހާ ރަށެއް އެއްކޮށްލީމާ އޭގެ ދެކޮޅުޖެހޭ މަންޒަރު ފެންނަން ފަށާނެ. ދެން އަޅުގަނޑު މިބެލީ، މިޔުޓިލިޓީ ކުންފުނިތައް އުފެދި ރަނގަޅަށް ހިނގަންފެށިފަހުން ކަރަންޓުގެ މައްސަލަ ޖެހިގެން ރައްޔިތުން ކަންބޮޑުވެގެން އަންނަ އައުން ވަރަށްބޮޑަށް މަދުވެއްޖެ. ދެން އެކަން އެހެންގޮތަކަށް ތިޔަބޭފުޅުން ކުރައްވަން ބޭނުންވެލައްވަންޏާ ހަމަ އަޅުގަނޑު އަނެއްކާވެސް ހަމަ ތަކުރާރުކޮށް ދަންނަވާނީ އެ އަޅުގަނޑުމެން އަނެއްހެން އެކަމެއް އެހެންއަތަކަށް ތިޔަބޭފުޅުން ބޭނުންވެލައްވާގޮތް ނޫންގޮތަކަށް ކަމެއް އަނބުރާލާކަށެއް، ކޮންމެހެން ސަރުކާރުގެ މަޤްޞަދެއްނޫން އެއީ. އެކަމަކު ސަރުކާރު މި ހުށައަޅަނީ، ސަރުކާރަށް ފެންނަފެނުމުގައި އަޅުގަނޑުމެންގެ ދިރާސާގައި އަޅުގަނޑުމެންނަށް ފެނުނުގޮތުގައި މިއީ އެންމެ ރަނގަޅުގޮތްކަމަށް. ދެން އަދި އަޅުގަނޑު ހަމަ ދަންނަވާނަން، އަޅުގަނޑުމެންނަށް މިފެނިގެން މިއުޅެނީ ހަމަ ރަނގަޅު ގޮތްކަމަށް އަޅުގަނޑުމެންގެ ހިތުގެ އަޑިން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. އަދި ތިޔަބޭފުޅުންނަށް އަދި އެހެންވެސް ބަޔަކަށް މިއީ، ރަނގަޅުގޮތެއްނޫން ކަމަށް ގަނޑެއްގައި ހިސާބުން ހަމަދެއްކޭނެ އެއްގޮތެއްވެސް ނޯންނާނެ. ދެން މިބާވަތުގެ އެއްވެސް ކަހަލަ ހަމަޔަކަށް ނުބައްލަވާ ހަމައެކަނި ނޫނެކޭ އެހެންހަދައިގެން ނުވާނެއޭ، މިއި ތިމަންނާމެންގެ އިންޖީނުގެއޭ، ރަށުރައްޔިތުންގެ އިންޖީނުގެއޭ. އެ އިންޖީނުގެ އެހެންމީހަކަށެއް ނުދޭނަމޭ. އެހެންކިޔުއްވާފައި، އެ އިންޖީނުގެ ބާލީސްދޮށަށް ލައްވާފައި ބާއްވަން ބޭނުންވެލައްވަންޏާ، ދެން އެއަކާ ދޭތެރޭގައި އަޅުގަނޑަކަށް ހަމަ ދެންނެވޭނެ އެއްވެސް ވާހަކައެއް ނޯންނާނެ.

ދެން ހަމަ އަޅުގަނޑުމެންގެ ވިސްނުމެއް އެއީ، އަޅުގަނޑު ހަމަ ވަރަށްބޮޑަށް އަޅުގަނޑަށް އެނގޭ، މަރޮށީ ބަނދަރުވެސް ވަރަށްބޮޑަށް ހަލާކުވެފައިއޮތްކަން. އަދި ސުނާމީއަށް ފަހުވެސް އެބަނދަރު އެއްގޮތަކަށްވެސް މަރާމާތުކުރެވިފައި ނުވާކަން. މަރާމާތުކުރުން އެއީ، މިރަށުގެ ބަނދަރުހެދުން އެއީ، އަޅުގަނޑުމެންގެ ޕްރޮއިރިޓީއެއްގައި މިކަމަށް އިސްކަމެއްދީފައި އޮތްކަމެއްގެގޮތުގައި ބާއްވައިގެން، އިރާދަކުރެއްވިއްޔާ އަނެއްކާވެސް އަޅުގަނޑު ހަމަ މާލެގޮސްފައި އެކަމާ އިތުރަށް ބޮޑަށް އުޅޭނަން. އަޅުގަނޑަކަށް ދެންނެވޭކަށެއްނެތް، މިއަހަރު އެބަނދަރު ހަދާދޭނަމެކޭއެއް. މާލެއަށް ގޮސްފައި އަޅުގަނޑަށް ބޮޑަށް ސާފުކުރެވިދާނެ. އަޅުގަނޑު މިތަނަށްއައިރުގައި އެގޮތަކަށް މިބަނދަރު ހެދޭގޮތަކަށެއްނޫން އޮތީކީއެއް. މިދެންނެވީ، ހަދާގޮތަކަށް ޕްރޮގްރާމް ކޮށްފައެއްނޫން އޮތިކީއެއް. ދެން އެހެންނަމަވެސް، އަޅުގަނޑު މިހާރު މާލެއަށް ގޮސްފައި ދެން އަނެއްކާވެސް މިރަށުގެ ބަނދަރު ހެދުމާގުޅޭގޮތުން އަޅުގަނޑު ތަންކޮޅެއް ބޮޑަށް ބާރަށް މަސައްކަތްކުރާނަން. އަދި އަސްލަމާވެސް އެ މިނިސްޓްރީތަަކާވެސް އަޅުގަނޑު ވާހަކަދައްކާ ހަދާނަން.

ފެން، އަޅުގަނޑުމެން މި އުންމީދުކުރަނީ ވީހާވެސް އަވަހަކަށް ގޭގެޔަށް އެހެންނޫނިއްޔާ އެ ތަންކޮޅެއްދުރަށް ހޮޅިއެޅޭނެގޮތެއް އަދި ނަރުދަމާވެސް މިރަށުގައި އެބަ ހަދަންޖެހޭ. އެކަންވެސް ހަމަ އަޅުގަނޑަށް ވަރަށް ހަމަ ސާފު.

މިރަށުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަބަޔަކު ނޭދުނު މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާ، ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކަން. ދެން ބައެއް ރަށްރަށުގައި އެކަން ވަރަށްއެދޭ. ޚާއްޞަކޮށް، އެއީ އެ އާމްދަނީއާ އެކަމާ ގުޅޭތީ. ސިޓީ ހޮޓަލެއް ހެދުމުގެ ވިސްނުން ހުންނާތީވެ. އެހެންނަމަވެސް ނޭދޭކަމެއް، އަނެއްކާވެސް އަޅުގަނޑުމެން ކުރާކަށެއް ނޫޅޭނަން. ކޮންމެހެންނެއް އަޅުގަނޑުމެންނަށް މާމޮޅުކަމަކަށް ކަމެއް ފެނުނީމާ އެކަންކުރަން އުޅުމުގެ މާނައެއްނެތް. ރައްޔިތުންނަށް އެކަމުގައި ހެޔޮކޮށް ވިސްނި، ބަލައިނުގަނެވޭ ކަމެއްވެއްޖިއްޔާ.

އަޅުގަނޑުމެންނަށް ހަމަ އެންމެ މުހިންމުކަމެއް ދެވިގެން އަޅާލައިގެން ކުރިޔަށްގެންދާ ދެކަމަކީ، މަދަރުސާޔާއި ހެލްތް ސެންޓަރު. އަޅުގަނޑުގެ ނަޒަރުގައި މިރަށު ރައްޔިތުންވެސް ޙަޤީޤަތުގައި އެންމެބޮޑަށް ކަންބޮޑުވާނެކަމަކީ ހަމަ މަދަރުސާ. އެއަށްފަހު ޞިއްޙަތު. އަޅުގަނޑުމެން މީހެއްކައިރީގައި އެހީމާވެސް، ބައިވަރު މީހުން އެއްވެފައިއޮތް ތަނެއްގައި އަހައިފިއްޔާ ބަނދަރު އިނގޭތޯ، އެންމެ މުހިންމީ. ވަކިވަކިން ގޭގައި ހުއްޓާ އަހައިފިއްޔާ ހަމަދަރިފުޅުގެ މަދަރުސާގެ މައްސަލަ. ހަމަސީދާ އެއީ، އެންމެ ބޮޑަށް މީހަކު ބޭނުންވާ ކަމަކީ. ދަރިފުޅުގެ މަދަރުސާގެ ކަންތައް. އެހެންވީމާ، އެދެކަންތަކަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. އަދި މިރަށުގައި އަޅުގަނޑަކަށް އަދިއެއް ނޭނގެ މިރަށުގައި ސިންގަލް ސެޝަނަށް އަދިއެއް، އެއް ސެޝަނަށް ހަދާފައި އެމަސައްކަތްވެސް އިރާދަކުރެއްވިއްޔާ އެގޮތަށް ހިނގާނެ. އެހެންވީމާ، އަޅުގަނޑު ދެން ބަލައިލަން ބޭނުންވަނީ، ތިޔަބޭފުޅުން އިތުރަށް އެބައޮތްތޯއޭ، އަޅުގަނޑަށް ވީމިންވަރަކުން އަޅުގަނޑު ޖަވާބުދޭނަން. ސާފުކޮށްލަންއޮތް ކަމެއް ދެން ތިޔަބޭފުޅުންނަށް ކަމަކާދޭތެރޭގައި ފެނިލައްވާގޮތެއް އޭގެ އެއްވެސްކަމެއް އެބައޮތްތޯއޭ.

ސުވާލު:

މަދަނައިގެ ދަށުން މި ރަށުގެ ޞިއްޙީ މަރުކަޒުން ބޭސް ކުރެވޭނެ ގޮތެއް ނެތް. އެހެންނަމަވެސް، މި ރަށަކީ ފޮނަދުއާއި ކަނޑިތީމާ ދޭތެރޭ މެދުގައި އޮންނަ ރަށެއް. މި ރަށް ކައިރީގައި ނެތް ބޮޑު ހޮސްޕިޓަލެއް ހުންނަ ރަށެއް. އެހެންނަމަވެސް، މިރަށަށްވުރެ އާބާދީ ކުދި ރަށްރަށް. ބިލެތްފަހި، ގޮއިދޫ، އެތަންތަނަށް މަދަނައިގެ ދަށުން ބޭސްފަރުވާ ކުރެވިފައި، މިރަށުގެ ޞިއްޙީ މަރުކަޒުން ނުކުރެވޭގޮތަށް ހުންނާތީވެ.


ރައީސުލްޖުމްހޫރިއްޔާ:

އިރާދަކުރެއްވިއްޔާ އަޅުގަނޑު ގޮސްފައި، ތިޔަކަން އޮތްނެތް ގޮތެއް ބަލާފައި، ތީގައިއޮތް އެންމެ ރަނގަނޅުގޮތަކަށް ހަދައިދޭނަން. އަޅުގަނޑަކަށް އަދި ސާފެއްނުވޭ، އެއީ، ކީއްވެތޯ، މަދަނައިން ލިސްޓުކޮށްފައި އޮތް ކްލިނިކެއްގެ ތެރެއަކު ސެންޓަރުގެ ތެރެއަކު މިތަނެއްނެތްތޯ. ކިތައް ތަންތޯ އެމީހުން ކޮށްގެންއުޅެނީ. ދެން އަޅުގަނޑު ބަލާނަން. އަޅުގަނޑު ބަލާފައި، އިރާދަކުރެއްވިއްޔާ އެކަން ހަމަމަގަކަށް އަޅުވައިދޭނަން. އަޅުގަނޑު ހަމަ ފުންކޮށް ބަލާނަން އިނގޭތޯ.

ސުވާލު: ރަނގަޅު ފުޓްބޯޅަ ދަނޑެއްގެ ކަންތައް ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑު ގޮސްފައި ބަލާނަން އިނގޭތޯ. ދެން ބޯޅަދަނޑުގެ ކަންތައްވެސް އަޅުގަނޑު ބަލާނަން. ދެން ބޯޅަދަނޑު މިއީ، އަޅުގަނޑު ބަލާނަމޭ މިހެން އަޅުގަނޑު މިކަންކަން ބަލައި ނިމިގެން ތިޔަބޭފުޅުންނަށް އެއްޗެއް އަޅުގަނޑު އަންގަންޖެހޭނެ ގިނަވެގެން ދެ ހަފްތާ ތެރޭގައި. މިހެން މިހެންނޭ މިކަންއޮތީ އަޅުގަނޑުމެންނަށް ސަރުކާރަށް މިވަގުތު މިވެނިކަމެއް ކޮށްދެވެންއޮތީ މިވެނި ގޮތަކަށޭ. އެހެން ބުނާ ބުނުމަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ބަލާ، އަޅުގަނޑަށް ނިންމެން ޖެހޭނެ ހަފްތާއެއް ދެހަފްތާއެއް ތެރޭގައި.

ސުވާލު:

ރަނގަޅު ޑޮކްޓަރެއް ނެތީމާ ދަންނަވާލީ.

ރައީސުލްޖުމްހޫރިއްޔާ

އަންހެނުންގެ ޑޮކްޓަރެއްތޯ؟ އާދެ، މިހާރު މިރަށުގައި ހުރީ އެއް ޑޮކްޓަރާ ތިން ނަރުހުންނާ. މިވާގޮތަކީ އިނގޭތޯ، ތިޔަބޭފުޅުންނަށް ޑޮކްޓަރެއް ލިބިދާނެތޯ، ތިބޭފުޅުން ހިތްހަމަޖެހޭ ބާވަތުގެ ޑޮކްޓަރެއް. ސަރުކާރުން ހަމަ އެމީހާއަށްދޭ މުސާރަ ދޭނެ. މިތަނުން ޑޮކްޓަރުން ހޯއްދަވައިފިއްޔާ، ތިޔަބޭފުޅުންނަށް ހިތްހަމަޖެހޭ ޑޮކްޓަރެއް. ދެން އެކަމަކު ސަރުކާރަށް ހުށަހަޅަންޖެހޭނެ އޭނާގެ ހުރިހާ ފާސްތަކާ، ހުރިހާ އެއްޗެއް ހުށަހަޅައި، އެއީ ރަނގަނޅު މީހެއްތޯ ސަރުކާރުން ބަލާނެ. ރާއްޖޭގައި މިވާގޮތަކީ، ރާއްޖެއިން ބޭރުން އަންނަ ޑޮކްޓަރަކަށް ރާއްޖެއަށް އައިއްސާ އަހަރެއްގެމައްޗަށް ވިއްސަން ނުލިބިދާނެ، 10 މީހުންވެސް. އެހެންވީމާ، އޭނާއަށް ދެން އެހެން ހޮސްޕިޓަލަކުން ވަޒީފާހޯދަންވެސް އޭނައަށް ދަތިވެގެންދަނީ. އެހެންނޫނިއްޔާ، މިސާލަކަށް އިންޑިޔާގައި ހޮސްޕިޓަލެއްގައި މަސައްކަތްކުރާ މީހުން ހަފްތާއެއްގެ ތެރޭގައި މި ރާއްޖޭގެ އަހަރު ދުވަހުގެ ތެރޭގައި ކުރާ މަސައްކަތްކުރެވޭނެ. އެހެންވީމާ، ތަޖްރިބާ ލިބޭނެ. އެހެންވީމާ، އެމީހުންނަށް އެހެންތަނަކަށްދާން ފަސޭހަވާނެ. ރާއްޖޭގައި މިހާކުދިކުދި ތަންތަނުގައި މިކަންކުރާތީވެ، އެހާބޮޑު އެކަމަށްވެސް ނޯވޭ މާކެޓެއް، ޑިމާންޑެއް، ބަލިމީހުންނެއް ނެތް އެވަރަކަށް. ޑޮކްޓަރަކު މެދުނުކެނޑި އެކަންކުރާނެވަރަކަށް.ދެން އިރާދަކުރެއްވިއްޔާ 17ގައި، އެހެންނޫނީ މިމަހު ތެރޭގައި އަޅުގަނޑަށް އެބަ މަޢްލޫމާތު ލިބޭ، ދަތުރުފަތުރު ފެށޭނެކަމަށް. ފެށުނީމާ، މިއަތޮޅަށް، މިރަށު ރައްޔިތުންނަށްވެސް ހަމަ ކޮންމެ ދުވަހަކު މުޅިއަތޮޅުގެ ހުރިހާ ރަށަކަށް ދެވޭގޮތަށް އޭރުން ހަމަޖެހޭނެ.

ސުވާލު:

ބޭސް ފިހާރައިގެ ޚިދްމަތް ނުލިބޭތީ.

ރައީސުލްޖުމްހޫރިއްޔާ:

ރަނގަޅު ރަނގަޅު އަޅުގަނޑު ބަލާނަން. ބޭސްފިހާރައާ ދެން ކޮބައިތޯ؟ އަޅުގަނޑަށް ވަރަށްމުހިންމޭ މިކަންކަން އެނގެން، އިނގޭތޯ. އޭރުން އަޅުގަނޑަށް ކިރިޔާވެސް އަޅާލެވޭނީ.

ސުވާލު:

ރަށް ލެވެލް ކުރުމުގެކަންތައް. މިހާރު 2 އަހަރުވަނީ.

ރައީސުލްޖުމްހޫރިއްޔާ:

އާދެ، އަޅުގަނޑަށް ފާހަގަވެފައިއޮތް. މިހާރު އަދި ލޭންޑްޔޫސް ޕްލޭނެއް ނުހެދެޔޭ ބުނެ، މިކަން މިހެން ނުވަނީ ދޮގެއްތޯ؟


ސުވާލު:

ގޯއްޗަކަށް އެދި ފޯމް ލައިގެން އަދިވެސް ނުލިބޭ. މިގޮތަށް ވަރަސް ގިނަ މީހުން އެބައުޅޭ ގެވަޅެއް ނުލިބިގެން.

ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑަށް އެނގިފައިއޮތް ގޮތުގައި، ޕްލޭނިންގ މިނިސްޓްރީއިން ރަށު އޮފީސްތަކަށް އަންގާފައި އޮތް އެންގުމަކީ، ރަށުގެ ކުރެހުމެއް ކުރަހާ ބަލާށޭ. ދެން އެރަށުގެ ބިން ބޭނުންކުރާނެގޮތް ކަނޑައަޅާށޭ. މިވެނިތަނެއް އެއީ ގޯތިދޭތަނޭ، އަނެއްތަނެއް އެއީ އަނެއްކަމެއްކުރާ ތަނޭ. އެގޮތައް ކަނޑައަޅާފައި. އެއީ، އެރަށުގެ ބިން ބޭނުންކުރާ ގޮތުގެ ޕްލޭންކަމަށް ކަނޑައަޅާފައި ދެން ދޭން ފަށާށޭ.

ސުވާލު:

މީގައި މިވާ ގޮތަކީ ރައްޔިތުންނަށް އިޢްލާންކޮށްފައި ފޯމު ނެގީމާ ނުނިމެނީ.

ރައީސުލްޖުމްހޫރިއްޔާ:

ދެން ތިޔަބޭފުޅުންނާ އަޞްލުގައި ގުޅޭކަމެއްނޫން. ކިހިނެއްވެގެންތޯ، ނުހެދިގެން މިއުޅެނީ. ސުވާލަކީ، ފޯމުލާފައޭ އޮތީ، މަރޮށިން ގޯތިލިބެންޏާ ލިބޭނެއޭ. ނުލިބެންޏާ ނުލިބޭނެއޭ، ބުނާ ކޮންމެވެސް އެކައްޗެއްބުނެ ނިންމަބަލާށޭ. އެހެންވީމާ، އަޅުގަނޑު ތިޔަކަންތައް ބަލާނަން، އިނގޭތޯ.

ސުވާލު:
އަޅުގަނޑުމެންގެ ރަށު ހޮސްޕިޓަލް ދަޡށު ދަރަޖައިގައި ގިންތި ކޮށްފައި ހުންނަނީ. އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑުމެންވެސް ހަމަ ކުރަނީ މަސައްކަތޭ. އެދެނީވެސް ކުރިއެރުމޭ. ކާމިޔާބޭ. އެހެންނަމަވެސް، އެހެން އެކަން ދިމާވީމާ ވަރަށް ހިތްހަމަނުޖެހޭ.




ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑަށްވެސް ހިތްހަމައެއް ނުޖެހޭ. ކީއްވެގެންތޯ، އެސުވާލުގެ ޖަވާބު އަޅުގަނޑު މިދެނީ. އޭގެ އިންސާފެއް ނޯންނާނެ. ހަމައެކަނި ހަމައެއް އޮންނާނީ. ހަމައެއް އޮންނަ ކޮންމެކަމަކީ އިންސާފުވެރިކަމެއް ނޫން. އަޅުގަނޑުމެން އަތުގައި މިރާއްޖޭގައި މިހިރީ ވަކި އަދަދަކަށް ރުފިޔާ. ދެން ރާއްޖޭގައި ރައްޔިތުން ތިބީ ވަކިއަދަދަކަށް. ދެން މިނިންމަނީ ކިހިނެއްތޯ މިއެންމެ ރަނގަޅަށްބަހަން ހަދާނީ. އެންމެ ރަނގަޅަށް މިކަންކުރެވޭނީ. ހަމަ ވަރަށްބޮޑު ހިތާމަޔާއެކީގައި ހަމަ ބުނަންވީ، ބުނެވެނީ، ބުނަންޖެހެނީ 800 މީހުންގެތެރެއިން، 500 މީހުންވެސް ރަށުގައި ނޫޅޭތީވެ، ހޮސްޕިޓަލެއް އަންނަން، މިހާރު މިތާނގައި 130 ކުދިންހެން އަޅުގަނޑަށް ހީވަނީ މަދަރުސާގައި އުޅެނީ. އެހެންވީމާ، ހަމަ އުޅޭއިރުގައި އެމަދަރުސާއަށް އެބަ ޚަރަދުކުރަންޖެހޭ ހަމަ އަދި އެމަދަރުސާގައި 600 ކުދިން އުޅުނުނަމަވެސް ކުރާވަރަށް. މިސާލަކަށް މިރަށުގައި 1000 މީހުން ދިރިއުޅުނުނަމަވެސް ހަމަ ހެލްތް ސެންޓަރަށް އެބަ ކުރަންޖެހޭ ހަތަރު މީހުން ދިރިއުޅުނީމާވެސް ކުރާވަރަށް. ދެން އެމައްސަލަ މި ދިމާވެގެން މިއުޅެނި.

ސަރުކާރުގެ އެންމެ މުހިންމު ވިސްނުމަކަށްވެފައި މިއޮތީ، އެ މައްސަލަ ނުނުކުންނަގޮތް ވާނީ ފަސޭހައިން ކައިރީގައި ބޭސްފަރުވާ ލިބޭނެގޮތަކަށް ހުރިހާކަމެއް ރޭވިފައި ހުރިއްޔާ. މިސާލަކަށް މިތަނުން ފެރީއެއްގައި އަވަހަށް ދަތުރުކޮށްފައި އިތުބާރާ އެކީގައި އައިސްގޮސް އުޅެވޭކަމަށްވަނީވިއްޔާ އެކަން ރަނގަޅު ކުރެވޭނެއޭ. ދެން މިރަށްރަށް މިހެން ހުންނައިރުގައި ކޮންމެވެސް އެއްރަށެއްގައި ތަންކޮޅެއް ވަރުގަދަކޮށް ހޮސްޕިޓަލެއް ހުރުން. އަނެއްރަށެއްގައި ތަންކޮޅެއް ވަރުގަދަކޮށް މަދަރުސާއެއްހުރުން. އެކަހަލަގޮތްގޮތް ހެދޭނީ. ކޮންމެ ރަށަކަށް ހުރިހާ އެއްޗެއް އެންމެ ބަރާބަރަށް ފޯރުކޮށް ދެވޭނެ ފެންވަރެއް އަދި ރާއްޖެއަކުނެތް. ދެން އެކަމަކު އަޅުގަނޑު ނުދަންނަވަން، އެފެންވަރަށް ރާއްޖެއަށް ނުދެވޭނެވާހަކައެއް. އެކަމަކު މިވަގުތަކު އަދި ކުރިޔަށްމިއޮތް 10ވަރަކަށް އަހަރު ތެރެއަކުވެސް 200 ރަށުގެ ހެލްތު ސެންޓަރާ، ސްޕެޝަލިސްޓުންނާ، އެއީ ޚާއްޞަ ބަލިބަލީގެ ޑޮކްޓަރުންނާ، ދެން ހުރިހާ ލެބޯރެޓެރީ ޓެސްޓަކާ، އެއީ އެންމެ އާދައިގެ ހޮސްޕިޓަލެއް. ސްޕަލިސްޓަކާ، ދެން އާދައިގެ ޑޮކްޓަރަކާ އިދެފައި، ހަތަރުފަސް ނަރުހުން ތިބެފައި، ލެބޯޓްރީ ޓެސްޓް ހެދިފައި މިކަންކަން ފުރިހަމަވާން، މި ރާއްޖޭގައި 200 ރަށަށް އެވަރު ފުރިހަމަވާން މިވަގުތަކު ސަރުކާރަކު އަދި ރާއްޖެއަކު ނެތް އެފައިސާއެއް. އެހެންވީމާ، މިހެން ބައެއް ރަށްރަށަށް ދެވިފައި އަނެއްބައި ރަށްރަށަށް ނުދެވިފައި އެވަނީ. ދެން، ދެނީ ކޮންކޮން ރަށްރަށަކަށްތޯ ދެން އޭގައި އެ ދެނީ އެއްފަހަރު ބުނާނެ މީހުންގިނަ ރަށްރަށަށޭ. އަނެއްފަހަރު ބުނާނެ އެރަށަކާ ގާތުގައި މީހުންގިނައިން އުޅޭ ރަށްރަށަށޭ. އަނެއްފަހަރު ހަމަ އެކިއެކި ކްރައިޓީރިޔާގެ ދަށުން އެ ހެދެނީ. އަޅުގަނޑު އުންމީދުކުރަން ކޮންމެވެސް ވަރަކަށް ޖަވާބު ދެވިއްޖެ ކަމަށް. އެހެންނަމަވެސް ތިއީ އޭގައި އެޖަވާބެއްނެތް ޙަޤީޤަތުގައި. ހަމަ ތިކަން ނުނިމިއޭ އޮންނާނީ އަދިވެސް.

ސުވާލު:

އަޅުގަނޑުމެން ރަށުގައި ކުރިން އިޖްތިމާއި ސަރަހައްދެއް ކަހަމުން އައީ ވަޒީފާއެއްގެ ގޮތުގައި ބަހާލައިގެން. މަހަކު 500 ނަމަވެސް ދޭގޮތަށް.

ރައީސުލްޖުމްހޫރިއްޔާ:

އާދެ، އަޅުގަނޑަށް ސާފު ތިޔަކަން. މިހާރު އަޅުގަނޑަށް އެނގިފައިއޮތްގޮތުގައި އެކަން ހަޖައްސާގޮތް، ކުރީގައި އައީ ރަށުތެރެ ބަލަހައޓާ ކުނި ނައްތާލާ، ކުންޏާ ގުޅޭގޮތުން ކޮންމެ ރަށަކަށް ޚަރަދުކުރެވެމުންއައީ 25,000 ރުފިޔާ އެންމެ މަދުވެގެން. ގިނަރަށްރަށުގައި މި25,000 ރުފިޔާ ބަހާލަނީ މުޅިރަށުގެ ހުރިހާ އަންހެނުންނަށް. ބަހާލީމާ މީހަކަށްލިބެނީ ވިއްސަކަށް ރުފިޔާ. ދެން އެކަމަކުވެސް ކުނިކަހާލާ. ދެން އަޅުގަނޑުމެން ގެންގުޅެންވެގެން މިބޭނުންވާ ފިކުރަކީ، ހަތަރު މީހުން އަބަދު އެމަސައްކަތްކުރާގޮތަށް ބާއްވާފައި އެހަތަރު މީހުންނަކީ ރަށުގެ ކުނި ނައްތާލާ މީހުންކަމަށް، ވަޒީފާގެގޮތުގައި ތިބެންވީއޭ. އެލާރި އެހާގިނަ މީހުންނަށް ބަހާނުލާ. އެއީ، ގިނަމީހުންނަށް ބެހީމާ އެއްވެސް މީހަކަށް އެކަމަށް ބަރޯސާވެގެން އާމްދަނީއެއް އެއީ، އޭނާގެ އާމްދަނީކަމަށް ބަލައިގެން މަސައްކަތް ކުރެވޭކަށެއްނެތް. ދެން ހަމައެކަނި ކުނިކަހާލުމެއްނޫން ބޭނުންވެގެން މިއުޅެނީކީއެއް. ކުނި ނައްތާލަން ބެނުންވެގެން މިއުޅެނީ. ކުނި ކަހާނެވެސްކަމެއްނެތް، ކުނިނައްތާނުލެވެންޏަކާއެއް. އެހެންވީމާ، ކުނިގެންގޮސް ތާކަށްލާފައި އަޅާފައި ކުނި ނައްތާލުން މީގެ އެންމެބޮޑު ބޭނުމަކީ. ދެން އެމަސައްކަތް ކުރާނެ ދާއިމީ ބައެއް، ވަޒީފާއެއްގައި ތިބޭބައެއް އެބަ ތިބެންޖެހޭ.

އެހެންވީމާ، މިހާރު މި ހިންގާގޮތަށް އެކަން، ރަށުގެ ހުރިހާ ރައްޔިތުންނަށް ކޮންމެ އަންހެނަކަށް 100 ރުފިޔާ ނުވަތަ 50 ރުފިޔާ ކޮންމެ މަހަކު ލިބިދާނެ، އެ ބަހާލީމާ. ދެން އެކުރެވޭ މަސައްކަތްވެސް އޭރުން އޮންނާނެ ފެންނަން. ހަމަ ވަރަށްބޮޑަށް ހަފްތާއަކު ދެދުވަހުހެން އަޅުގަނޑަށް ހީވަނީ. ތިންދުވަހުހެން ގިނަ ރަށްރަށުގައި ހަމަ މުޅިރަށް ހުރިހާ އެންމެން ގުދަށް ތިބެގެން ކުނިކަހާ ވަރަށްރީތިކޮށްލާފައި އޮންނާނެ. އެކަމަކު އެކަން އަބަދަށް ހުރިހާ ކުންޏެއް ނައްތާލެވެން ހުރިހާކަމެއް ހިންގުމަށް އޭގެ ވަޒީފާތަކެއް އެބަ އުފެދެންޖެހޭ. ދެން އެއީ، ސަރުކާރުން މިކަމުގައި ގެންގުޅޭ ވިސްނުމަކީ. ސަރުކާރުގެ ބޭނުމަކީ ކުނި ނައްތާލެވުން. ހަމައެކަނި ޒީނަތްތެރިކުރުމެއްނޫން. އަޞްލުގައި އެއްގޮތަކަށްވެސް ސަރުކާރުން ކަންބޮޑެއްނުވޭ، މަގުމައްޗަށް ފަތްއެޅިފައި ހުރެގެންނެއް. ކަންބޮޑުވަނީ މަދިރި އުފެދޭތީއާ، ބަލިބަލި އުފެދޭތީއާ، ފުޅައަޅާތީއާ، ކުނިވާތީއާ، މިބާވަތުގެ ކުންޏާ ގުޅޭގޮތުން ކަންބޮޑުވަނީ. ސަރުކާރަށް ހެޔޮ، ޙަޤީޤަތުގައި މަގުމައްޗަށް ފަތްއެޅިފައި ހުއްޓަސްވެސް. ދެން އަޅުގަނޑު އުންމީދު ކުރަން، މިހާރު މިގެންނަ ބަދަލާއެއްގޮތަށް ކުނީގެ ކަންތައް ހިނގަމުންދާނެ ނިޒާމެއް އުސޫލެއް އަވަހަށް ހަމަޖެހިގެން އަންނާނެކަމަށް.

ސުވާލު:

މިހާރު މައްސަލައަކަށްވެފައި މިއޮތީ، މިހާރު އަށެއްކަ މަސްދުވަސްވެއްޖެ. ލިބެންވާ ފައިސާ ނުލިބޭތާ.

ރައީސުލްޖުމްހޫރިއްޔާ:

މައްސަލައަކަށްމިވީ، ލިބެމުންއައި ފައިސާ ލިބިލިބި ހުއްޓާ ކަނޑައެޅިގެން އެންގީ، އެހެނެއްނޫނޭ ދެން އެކަންކުރާނީ. މިހެންނޭ ދެން މިކަންކުރާނީ. އެކަމަކު އެހެން އެންގުނީމާވެސް އެކަން ވަހުމެއްނުވި ނުވަތަ ސާފު ނުވި، ހަމަ ކުނިކެހެމުން ދިޔައީ މިސާލަކަށް. މިވެނިގޮތަކަށޭ މިކަންކުރަން މިވީ މިފިކުރުކުރަނީ، އެއީ ހަމަ ޕީ.ޕީ.ޕީ ކުންފުނި. އަޅުގަނޑުމެން ގެންނަން މިއުޅޭބަދަލަކީ، ރަށު ރައްޔިތުންނޭ ކިޔާފައި ކަންކަމަށްނުކުމެ، ކުރާ ކަންކަން މިހާރު އެގޮތަށް ހިންގައިގެން ރަށްރަށް ދެކޮޅެއް ނުޖެއްސެއޭ. ކުންފުނި ނުވަތަ އޯގަނައިޒް، ރޭވިފައި އޮތްކަހަލަ އިންތިޒާމަކުން
ކަންކަން ކުރަންވީއޭ. ދެން ކޮށްފައިހުރި މަސައްކަތަކަށް ފައިސާ ނުލިބޭކަމަށްވަނީވިއްޔާ އެއީ ގޯހެއް. އެފައިސާ ލިބެންޖެހޭނެ.

ސުވާލު:

ރަށުގައި ހުރި ޞިއްޙީ މަރުކަޒުން ކުދިކުދި ޓެސްޓް ނުހެދޭތީ.

ރައީސުލްޖުމްހޫރިއްޔާ:

ހަމަޖެހޭނެ. ހަމަޖެހޭނެ. ހަމަޖެހޭނެ އިރާދަކުރެއްވިއްޔާ. އިރާދަކުރެއްވިއްޔާ މިއަހަރުތެރޭގައި އަޅުގަނޑުމެންނަށް އެޓެސްޓުތައް ހުރިހާ ޓެސްޓު ތަކެއް މިރަށުގެ ހެލްތް ސެންޓަރުން ހެދޭނެގޮތެއް ހަމަޖެހޭނެ. މިއަހަރޭ މިދެންނެވީ، ކުރިޔަށް އޮތް ދެތިންހަތަރު މަހެއްގެ ތެރޭގައި. އަޅުގަނޑު އެކަމަށް އެބަބަލަން.

ސުވާލު:

މަނިކުފާނު ވިދާޅުވެއްޖެ، ބަނދަރުގެ މަސައްކަތް އެއީ އަދި ނިމިފައި އޮތް މަޝްރޫޢެކޭ. ކުރީގެ ސަރުކާރުންވެސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ސުނާމީގެ ތެރެއިން މިކަން ކޮށްދެއްވާ ގޮތަކަށް އޮތީ.

ރައީސުލްޖުމްހޫރިއްޔާ:

ގަނޑަކުން ނުފެނުނީމައޭ. އަޅުގަނޑު އެއްވެސް އެއްޗެއްގައި ލިޔެފައިއޮއްވައެއް، ކުރީ ސަރުކާރުން މިތަނުގެ ބަނދަރު ހަދާގޮތަށް، އެއްވެސްއެއްޗެއްގައި ލިޔެފައި އޮއްވާ އަޅުގަނޑުވެސް ހަމަ ވަރަށް ހޯދީމޭ. ވަރަށްގިނަދުވަހު ހޯދައިފިން. މިތާ އެބައޮތްތޯ އެއްވެސް ލިޔުމެއް ކުރީ ސަރުކާރުން ފޮނުވާފައި، މިތަނުގެ ބަނދަރު ހަދަނިއްޔޭ ކިޔާފައި. އަޅުގަނޑަށް މިވީގޮތަކީ، ހަމަ ފުރަތަމަ އަޅުގަނޑުމެން ބެލީ، ކުރީ ސަރުކާރުން ރައްޔިތުންނަށް ވެފައިހުރި ވަޢުދުތައް އަޅުގަނޑުމެން ފުއްދައިދޭން ޖެހޭނެއޭ. އެއީ، ކޮންމެ ސަރުކާރަކަށްވިޔަސް އެއީ ސަރުކާރެއް. ސަރުކާރުން ކަމެއްކުރަން ބުނީމާ އެކަން ކުރެވެން ޖެހޭނެ. އެހެންވީމާ، ފުރަތަމަ އަޅުގަނޑު ފުރަތަމަ ބެލީ ކުރީ ސަރުކާރުން ކަމެއްކުރަން ބުނެފައި އޮތްތޯ މިރަށަށް. ދެން މިހާރު އަޅުގަނޑުމެންނަށް ސަރުކާރަށް އެކަން ބެލޭނީ، ގަނޑެއްގައި ލިޔެފައި އޮތީމާ ނޫންތޯ. ދެން އެހެންވީމާ، އަޅުގަނޑުމެން ޖެހޭނީ ހިމަނަން މިތަން.

ސުވާލު:

މިހާރު އެތަން އަޞްލުގައި މަނިކުފާނު ބައްލަވާލެއްވީމާ ފެނިވަޑައިގަންނަވާނެ. ވަރަށް ނުރައްކާތެރި ޙާލަތެއްގައި.

ރައީސުލްޖުމްހޫރިއްޔާ:

އާދެ، އަޅުގަނޑު ހަމަ އެކީއެކައްޗަކަށް އެއްބަސް އިނގޭތޯ. އަޅުގަނޑަށް މިރަށަށް އައިސްފައި ބަލައިލެވުނީމާ އަޅުގަނޑަށް އަދި ބޮޑަށް އެނގޭ އެކަން. ހަމައެކީގައި އަޅުގަނޑު ވަރަށްބޮޑަށް އެއްބަސް ތިޔަކަމާ. ދެން އަޅުގަނޑު ގޮސް ހަމަ ޖެހޭނީ އެކަން އަނެއްކާ އަލުން އަނބުރާ މިރަށުގެ ބަނދަރު ހިމަނައިގެން ކުރިޔަށް ގެންދަން. އެހެންވީމާ، އަޅުގަނޑަށް ހިތަކަށް ނުބުނޭ މިއަހަރު ތެރެއަކު މިރަށުގެ ބަނދަރު ހެދޭނެގޮތެއް ވެދާނެއެކޭ. އެކަމަކު އަޅުގަނޑު މިއަންނަ އަހަރު މިރަށުގެ ބަނދަރު ހަދަން ވަރަށްބޮޑަށް އުޅޭނަން. އިރާދަކުރެއްވިއްޔާ މި އަންނައަހަރު ހަދާދެވޭތޯ ސަރުކާރުން ބަލާނެ.

ރައީސުލްޖުމްހޫރިއްޔާ:

ފުދޭވަރަކަށް މުދާ މާލެ ގެންދޭތޯ އެއްވެސް ވަރަކަށް؟ މަހަށްދޭތޯ؟ ކިތައް ދޯނި މަހަށްދޭ. ކިތައް ދޯނިން މަސް ކައްކާތޯ؟

ރައީސުލްޖުމްހޫރިއްޔާ:

ދެން ވަރަށްބޮޑަށް ޝުކުރިއްޔާ! އިނގޭތޯ. އަޅުގަނޑު ހަމަ ތިޔަ ފާހަގަކުރި ކަންކަން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ގޮސްފައި ސަރުކާރުން އެކަން ކޮށްދެވެންހުރި ގޮތްތަކަކާ، ހަމަތަކަކާ، ކަންކަން، އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ކިޔައިދޭނަން.

މިހާރު މީގައި އަޅުގަނޑު އެހެން އަހާލި ސަބަބަކީ، އެހެން ރަށެއްގައި އޮތީ ކޮންމެފަހަރަކު 4 ހަންދަރު މަހާ، އަދި 20 މީހުންނާ. އަޅުގަނޑު އަތުގައި އޮތީ، މިސާލަކަށް 50 މިލިއަން ރުފިޔާ. އިނގޭތޯ، ސަރުކާރުގައި އޮތީ. އެއްރަށަކުން އެބަގެންދޭ 20 ހަންދަރުމަހާ، 50 މީހުންނާ. އަނެއް ރަށަކުން ގެންދަނީ 50 މީހުން. އަނެއް ރަށަކުން ގެންދަނީ 40 ކާށީ. ކޮންމެވެސް ގޮތަކަށް އަޅުގަނޑު އެބަ ނިންމަން ޖެހެއެއްނޫންތޯ. މި 50 މިލިއަން ރުފިޔާ އެންމެ ރަނގަޅަށް ޚަރަދުކުރެވޭނީ ކޮންތަނަކަށް ކުރީމާތޯ. ދެން މިބަލާލަންޖެހޭ އެބަ، އަޅުގަނޑު މިތާހުރެފައި ތިޔަބޭފުޅުންނާ މިއަދު ބައްދަލުވީމާ، އާނއެކޭ މާދަން ބަނދަރު ހަދާދޭނަމޭ ކިޔާފައި، މާލެގޮސްފައި އެހެން އެކަމެއް ނުވާނެއެއްނޫންތޯ؟. އެހެންވީމާ، ވާންހުރިކަމެއް، ވާންހުރި މިންވަރަކަށް، ވާންއޮތް ގޮތަކަށް އަޅުގަނޑުމެން މިކަން ފާހަގަކުރަމުން އަންނަން ޖެހޭނީ.

އަޅުގަނޑު އެއްވެސް ޙާލެއްގައި މިތަނުން މުދާ ނުއުފުލާތީވެ، ކޮންމެހެން ބަނދަރެއްގެ މުހިންމުކަން އަޅުގަނޑަށް ނުފެންނަނީކީއެއް ނޫން. އެކަމަކު މިނާއިރުގައި މިނާފައި ހުންނަ މީހަކު، އަޅުގަނޑު އަހާނެ، އޭނާ ކައިރީގައި ކީއްވެހެއްޔޭ، މަރޮށީ ބަނދަރު ނުލީ. މިސާލަކަށް ނުލައި އޮވެއްޖިއްޔާ. ދެން އޭނާ ބުނެދާނެ، މިރަށުން މިހެންމިހެންނޭ ވަނީ. ދެންއެކަމަކު އަޅުގަނޑަށް މިސާލަކަށް މިރަށަށް އައިސް ބަލާލީމާ އަޅުގަނޑަށް އެހެން އިތުރު އެއްޗެއް ފެނިފައި އޮވެއްޖިއްޔާ، އަޅުގަނޑަށް އެކަން ލައިގެން، އެކަން ތަންކޮޅެއްބޮޑަށް އަޅުގަނޑަށް އެކަމަށް މަސައްކަތް ކުރެވޭނެ.

ނަމާދުވަގުތު ވުމާއެކީގަޔާ އެކީގައި އަޅުގަނޑުމެން އަދި ނުކައިވެސް ތިބުމާއެކީގައި އެބަ ދާންޖެހޭ. ދެން އަޅުގަނޑު އަދިހަމަ ރަށުގައި ރަށްބަލާލައި ހަދާނަން. އަޅުގަނޑު ހަމަ ތަކުރާރުކޮށް އަދި ޚާއްޞަކޮށް، ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ތިޔަބޭފުޅުން ނޭދޭކަމެއް ކުރާކަށް އަޅުގަނޑުމެން ނޫޅޭނަމޭ. ދެން ކުރެވެންހުރިކަމެއް ނުކޮށް ފަރުވާކުޑަކަމުން ތިބުން އެއީ ދެން ވަރަށްދެރަކަމަކަށްވާނީ. އެކަމަކު އެ ކުރެވެން ހުރި ކަންތައްތައްވެސް އަޅުގަނޑަށް ހީވަނީ ވަރަށް ގިނަހެން.

މިދިޔައަހަރު އަޅުގަނޑުމެން އެންމެބޮޑަށް ބެލީ، އަޅުގަނޑަށް ފެނުނު ކަމުގައި މިރާއްޖޭން އެންމެ މުހިންމު ކަމެއްގެގޮތުގައި އޮތީ، މި65 އަހަރުން، ޢުމުރުން ދޮށީ މީހުންނަށް ޕެންޝަނެއް ދިނުމާއި، އަދި މަދަނައިގެ ޚިދްމަތް މީހުންނަށް ފޯރުކޮށްދިނުމާ. އަޅުގަނޑަށް ހީވަނީ އެދެކަންތައް އަޅުގަނޑުމެންނަށް މިދިޔައަހަރު ކުރެވިއްޖެ. އެހެންވީމާ، އެދެކަންތައް ކުރުމަށް މިދިޔައީ 500 މިލިއަން ރުފިޔާ. ބަނދަރަކީ 25 މިލިއަން. 500 މިލިއަނުން އަޅުގަނޑުމެންނަށް 23 ހާސް މީހުންނަށް ބޭސްކޮށްދެވި އަދި 14 ހާސް މީހުންނަށް ކޮންމެމަހަކު ކޮންމެސް އެއްޗެއް ދެވިއްޖެ. އެއީ، ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ ހަމަ ވަރަށްބޮޑު ބައެއް. ދެންއެކަމަކު އަޅުގަނޑުމެން މިހާރު ބަލަންވީ ދެން މިހިރަ ރަށްރަށަށް ބޭނުންވާ ބަނދަރުތަކާ މިކަންކަމުގެ ތެރެއިން، އަޅުގަނޑުމެންނަށް ހަދަންހުރި ތަންތަން ވީހާވެސް އަވަހަކަށް ވީހާވެސް ބާރަކަށް ހެދޭތޯ މަސައްކަތް ކުރުން.

އެހެންވީމާ، އަޅުގަނޑު އަނެއްކާވެސް ހަމަ ތިޔަބޭފުޅުންނަށް ޔަޤިންކޮށް އަރުވާނަން، އަޅުގަނޑުމެންނެއް މިކަންކަމުގައި އަޅާނުލައެއް ނުތިބޭނަން. ވާންއޮތް އެންމެ އަވަހަކަށް އެންމެ އަވަސް ފުރްޞަތެއްގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ކުރާނަން.

ވަރަށްބޮޑަށް ޝުކުރިއްޔާ! والحمد للّـه.