بســم اللّـه الرّحمـن الرّحيــم


މަނަދޫއާއި އަދި ނ. އަތޮޅުގެ ވަރަށްގިނަ ރަށްރަށުގެ ލޮބުވެތި ރައްޔިތުން. އެކުވެރިން.

السّـلام عليـكم

އަޅުގަނޑު މިދަތުރަށް މިރަށަށް އައުމުގެ ކުރީގައި އަޅުގަނޑަށް ބަލާލުމުގެ ފުރުޞަތު ލިބުނު، ސަރުކާރުން މަނަދުއާ ގުޅޭގޮތުން ހިންގަން ފަށާފައިހުރި، އަދި ހިންގުމަށް ނިންމާފައިހުރި ކަންކަމަކީ ކޮބައިތޯ، މިހާރު އެކަންކަން ގޮސްފައިހުރީ ކޮން ހިސާބަކަށްތޯ. އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށްވެސް އެ މަޢުލޫމާތު މިހާރު ސާފުވާނެ. ދެންމެ ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު ޠާރިޤު އެ ފާހަގަކުރެއްވީ ވަރަށްބޮޑު ތެދުފުޅެއް. އަޅުގަނޑަށް ހަމަ ހަފްތާއަކު 2 ފަހަރު 3 ފަހަރު ޠާރިޤުގެ ކޮންމެވެސް އިތުރު ނުކުތާއެއް ނުވަތަ ކަމެއް ފާހަގަކުރުން، ނުވަތަ ކަމެއް ހިނގަމުންދާގޮތް އޮޅުންފިލުވައިދިނުން، އެބާވަތުގެ އެހީތެރިކަމެއް ލިބިދޭ ހަފްތާއެއް ހަމަ ޙަޤީޤަތުގައިވެސް ނުދޭ. އެހެންވީމާ، އަޅުގަނޑަށްވެސް، މި ރަށަށްވެސް، މި އަތޮޅަށްވެސް ނަޒަރު ހުއްޓުވޭ މިންވަރު ބޮޑުވެގެންދޭ. އަދި ބަލާލެވޭ މިންވަރުވެސް ބޮޑުވެގެންދޭ.

އަޅުގަނޑަށް ފެންނަ ފެނުމުގައި، މިދިޔަ އަހަރު 2009 ވަނަ އަހަރުގެ މަދަރުސާގެ ނަތީޖާ ރަނގަޅެއް ނޫން. އަޅުގަނޑުމެންނަކަށް ދަރިންނަށް ކިޔަވައިނުދީ، ހޯދޭނެ އެއްވެސް ތަރައްޤީއެއް ނޯންނާނެ. އަދި ކިތަންމެ ކޮންކްރީޓެއް އެޅިޔަސް، ކިތަންމެ ބޮޑު ބަނދަރެއް ސަރުކާރުން އަޅައިދިނަސްވެސް، ދަރިންނަށް ތަންދޮރު ނުފިލާހާހިނދަކު، އަދި މިރަށުގައި ޒުވާނުންނަށް ރަނގަޅަށް ކިޔެވި، ވަޒީފާގެ ފުރުޞަތުތަކަށް ނުކުމެވޭނެ ވަރަށް ތަޢުލީމު ނެތްހާ ހިނދަކު އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

އަޅުގަނޑު ކޮންމެ ރަށެއްގައިވެސް މިއަންނަނީ، ވަރަށް ގިނައިރު މަދަރުސާގައި ހޭދަ ކުރަމުން. ބައިގަޑިއިރު، ސާޅީހަކަށް މިނެޓް އަޅުގަނޑު އެބަ މަދަރުސާއަށް ވަދެ، މަދަރުސާގެ ފޮތްތައް ބަލައި، މަދަރުސާ ހިނގަމުންދާގޮތް އޮޅުންފިލާތޯ އަޅުގަނޑު އެބަ ބަލަން. އަދި އަޅުގަނޑަށް އެނގޭ، ސަރުކާރުން މަދަރުސާތަކަށް ޚަރަދުކުރާ މިންވަރުވެސް. އަޅުގަނޑު ކުޑަކޮށްވެސް ޤަބޫލެއް ނުކުރަން، ނަތީޖާ ރަނގަޅު ނުކުރެވެނީ، ޚަރަދު ނުކުރާތީ ކަމަކަށް. ރާއްޖޭގައި، މިސާލަކަށް، މިރަށުގެ މަދަރުސާއަށް ބެލިޔަސްވެސް، ކުއްޖަކަށް، ބޮލަކަށް މިހާރު ސަރުކާރުން ޚަރަދުކުރާ މިންވަރު ގިނަވާނެ މެލޭޝިޔާއަށްވުރެވެސް. އެހެންވީމާ، އަޅުގަނޑުމެންނަށް އެ ނަތީޖާ ނުނެރެވެނީކަމަށް ވަނީވިއްޔާ އެއީ، އިތުރު އެހެން މައްސަލައަކާހުރެ އެ ނަތީޖާ ނުނެރެވެނީ. މިހާރު ސަރުކާރުން އެވަނީ ސްކޫލުގެ ބޯޑުތައް އެކުލަވާލާފައި. އަދި ބޯޑުތަކަށް ސްކޫލްތައް ހިންގުމުގެ ވަރަށްބޮޑު ބާރެއްވެސް ދީފައި. ބޯޑުތަކަށް އެބަ އެނގެންޖެހޭ، އެމީހުން ބަލާންޖެހެނީ އޭގައިހުރި ސީދާ ޓެކްނިކަލް، ތަޢުލީމާގުޅޭ ކަންކަން ކަން. ބޯޑުގައި ތިއްބަވައިގެން ބައްލަވަންވީކީ ސިޔާސީ ކަންކަމެއް ނޫން. އެކަންކަން ބައްލަވަން ވެއްޖިއްޔާ، ލޯކަލް އިންތިޚާބު އަންނާނެ. އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވައިގެން އެ ފަރާތަކުން އެމަގުން އެރޮނގުން މަސައްކަތް ކުރައްވާނީ. މަދަރުސާތަކުގެ ބޯޑަކީ އެއީ، ސިޔާސީ ތަންތަނެއް ނޫން. ސިޔާސީ ތަންތަނަކީ ރަށު ކައުންސިލްތައް. އިރާދަކުރެއްވިއްޔާ ރަށު ކައުންސިލްތަކުގެ އިންތިޚާބުތައް އަންނާނެ. ދެން އޭގެ އިތުރަށް، ރައްޔިތުންގެ މަޖިލިސް. އޭގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާކަން. އެހެންވީމާ، އެއްގޮތަކަށްވެސް މަދަރުސާއެއްގެ ބޯޑުގައި އިންނަވައިގެން ސިޔާސީ ގޮތަކުން ވިސްނަވައިގެން، އެކަކު އަނެކަކާ ޙަސަދަވެރިވެގެން، އޭގެ ސަބަބުން ދަރިންނަށާއި ރަށަށް ގެއްލުން ލިބޭކަހަލަ ގޮތެއް ހައްދަވައިގެން ނުވާނެ. އެއީ، ވަރަށް ގޯސް ކަމަކަށް ވާނީ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް އެނގޭ، މަނަދޫ ރައްޔިތުންނަކީ އެއަށްވުރެ ވިސްނުން ތޫނުވާނެ ބައެއްކަން. އަޅުގަނޑަށް ޔަޤީން، މަނަދޫ ރައްޔިތުންނަށް ދުރު ވިސްނޭނެކަން، މިބޯޑުތައް، އަދި ޚާއްޞަކޮށް މަދަރުސާ ހިންގުމުގެ ކަންތައް ގާތުން ބަލަމުން ގެންދާނެކަން.

ސަރުކާރުން މިގެންދަނީ، މިރަށުގައި މިހާރު މިއޮތް ހޮސްޕިޓަލުގެ ފެންވަރު އަދި އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ކުރިޔަށް. އިރާދަކުރެއްވިއްޔާ މިހާރު ސަރުކާރުން ޚަލީފާ ފައުންޑޭޝަނާއެކު ގުޅިގެން މި ހިންގާ ޕްރޮގްރާމުގެ ތެރޭގައި އަދި ހޮސްޕިޓަލް ކަންތައް ރަނގަޅުވެގެންދާނެ. އެނގިވަޑައިގަންނަވާނެ، މިހާރުވެސް އިތުރު ޑޮކްޓަރަކާ އެއްޗެހި ލިބި، ކުރިޔަށްވުރެ ހޮސްޕިޓަލުގެ ކަންތައްތައް ފަސޭހަވެ ރަނގަޅުވެގެން ގޮސްފައި މިވަނީ.

ސަރުކާރުން ދެން މަސައްކަތް ކޮށްދޭ އަނެއް ކަމަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމުން މިރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަސައްކަތް. މިއީ ޕްރޮވިންސް. މި ޕްރޮވިންސްގެ ދަތުރުފަތުރުގެ ނިޒާމު މިހާރުވަނީ، ބަޔަކާ ޙަވާލު ކުރެވިފައި. އެފަރާތަށް މިވަނީ، އޭގެ ވަގުތުތަކާއި ގަޑިތައް ދެވިފައި. އެ މަސައްކަތްތައް ހިންގާނެ ދުވަސްތައް ފާހަގަ ކުރެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ބާރަށް ކުރިޔަށްދާނެ.

ދެން ސަރުކާރުން ހިންގާ އަނެއް މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މަޝްރޫޢު. އޭގެ ދަށުން އަޅުގަނޑު ކުރީގައި ދަންނަވާފައި އޮންނާނެ، 150 ގެ މިރަށުގައި އެޅޭނެއޭ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އޭގެ ތެރެއިން ބޮޑު ބައެއް އަޅަން ފެށޭނެ. އެއީ، އަޅުގަނޑުމެން 5 އަހަރު ދުވަހުގެ ތެރޭގައި އެ 150 ގެ ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ މިރަށުގައި އަޅާނެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންގެ 5 ވަޢުދު އެންމެ ފުރަތަމަ ހަމަވާ ރަށްރަށުގެ ތެރޭގައި މިރަށް ހިމެނިގެންދާނެ. އެއީ، އަޅުގަނޑުމެންނަށް އެ އަމާޒަށް އެބަ މަސައްކަތް ކުރެވޭ. އެނގިވަޑައިގަންނަވާނެ، ބަނދަރުގެ މަސައްކަތްވެސް އެބަ ހިނގާކަން. އަޅުގަނޑަށް މިހާރު މަޢުލޫމާތު ލިބިފައިއޮތް ގޮތުގައި އޭގެ ޑީޓޭލްސް ކުރެހުންތައް ނިމި، ތަފްޞީލީ ކުރެހުންތައް ނިމި، އެ ޓެންޑަރ ކުރުމުގެ މަރުޙަލާގައި މިހާރު އެވަނީ. އެކަމަށް ބޭނުންވާ ފައިސާ މިހާރު އެހެރީ އެއްކައިރި ކުރެވިފައި.

އަޅުގަނޑު މިރަށު ރައްޔިތުންނަށްވެސް އަދި ޚާއްޞަކޮށް ހިންގުންތެރިންނަށްވެސް ދަންނަވާލަން އޮތް ވާހަކައަކީ، މިއަދުގެ ދައްޗަށް، މިއަދު އަޅުގަނޑުމެން ވެފައި މިހުރި ތާށްޓަށް ސަލާމަތްވުމަށް އަޅުގަނޑުމެން ވިސްނައިފިނަމަ، އެއީ އަދި އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެއޭ، ވިސްނަވާށޭ މާދަމާގެ ސަލާމަތަށް. މާދަމާގެ ރައްކާތެރިކަމަށް. މިއަދު އެހުރި ދަތިން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް، މިއަދު މިއޮތީ ނިމިފައި. މިއަދުގެ ކަންތައް މިއޮތީ ވެފައި. މިއަދު ވާނެގޮތް މިއޮތީ ވެފައި. މިއަދަކީ އިއްޔެއާހުރެ ވީ ދުވަހެއް. އެހެންވީމާ، މިއަދުގެ ކަންތައް ހަމަ މިއޮތީ އަޅުގަނޑު ދަންނަވާނީ ވަރަށްވެސް ބޮޑަށް އެ ވާންއޮތް ގޮތަކަށް ވެ ނިމިފައޭ. ދެން އަޅުގަނޑުމެންނަށް އަޅާލެވޭނީ މާދަމައާ. އެހެންވީމާ، މާދަމާގެ ކަންތަކަށް މިއަށްވުރެ ބޮޑަށް އަޅުގަނޑުމެން ވިސްނުމަކީ، އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމު ކަމެއް.

އަޅުގަނޑު ހިއެއްވެސް ނުކުރަން، މަނަދޫ ރައްޔިތުން އިންޖީނުގެއާ ގުޅޭގޮތުން މިހާރު ތިޔަ ގެންގުޅުއްވާ ބާވަތުގެ ވިސްނުމެއް ގެންގުޅުއްވާފާނެ ކަމަކަށް. ކުޑަކޮށްވެސް އަޅުގަނޑު ލަފައެއް ނުކުރަން. ކޮބައިތޯ އެ އިންޖީނުގެ ކުންފުނީގެ ދަށުން ހިންގީމާ ލިބޭނެ އެއްވެސް ގެއްލުމެއް، އެއްވެސް ގެއްލުމެއް. އިންޖީނުގެއެއް ކުންފުންޏެއްގެ ދަށުން 1980 ގެ ކުރީކޮޅު ރާއްޖޭގައި އިންޖީނުގެތަކެއް އުފެދެން ފެށީ. ރާއްޖޭގެ ރަށްރަށުގައި އެކި ރަށްރަށުގައި ކުދިކުދި ޖަނަރޭޓަރުން އައިސް، މިހިސާބަށް އާދެވުނުއިރުގައި އެއްވެސް އިންޖީނުގެއެއް ރާއްޖޭގައި ނުހުންނާނެ ދެކޮޅުޖެހޭ. މަނަދޫ އިންޖީނުގެއެއްވެސް ދެކޮޅެއް ނުޖެހޭނެ. މާދަމާވެސް އިންޖީނެއް ގެންނާންވެއްޖިއްޔާ ހެދޭނެ ގޮތެއްވެސް ނޯންނާނެ. އިންޖީނު ހަލާކު ވެއްޖިއްޔާވެސް ހެދޭނެ މާބޮޑު ގޮތެއްވެސް ނޯންނާނެ. ކުންފުންޏެއްގެ ބެލުމުގެ ދަށުން އެކަން ކުރީމާ، އެތައް އެތައް އިންޖީނުގެތަކެއް އެކީގައި ގުޅާލައިގެން އެކަން ކުރެވުނީމާ، ވަސީލަތްތައްވެސް އިތުރުވެގެންދޭ. ހުނަރުވެސް އިތުރުވެގެންދޭ. ފައިސާވެސް އިތުރުވެގެންދޭ. އަދި ރައްޔިތުމީހާއަށް ލުއިކަންވެސް އިތުރުވެގެންދާނެ. ތަރައްޤީވެސް ބޮޑަށް ލިބޭނެ.

މި ޔުޓިލިޓީ ކުންފުންޏަކީ ހަމަގައިމުވެސް އެހެން ރައްޔިތެއްގެ ތަނެއް ނޫން. އެއީ ދިވެހި ރައްޔިތުންގެ ތަނެއް. މިރަށުގައި އަޅުގަނޑުމެންނަށް މިހާރު ވަރަށް ބޮޑަށް އެބަ އޮޅޭ، ކޮބައިތޯ ރައްޔިތުންގެ އެއްޗިއްސަކީ. ރައްޔިތުންގެ އެއްޗެހި މި މަނަދޫގައި ހުރި ހުރިހާ އެއްޗަކީވެސް. އެހެން ބައެއްގެ އެއްޗެއް މިރަށަކު ނުހުންނާނެ. މި ރާއްޖޭގެ އެއްޗެހި މި ރާއްޖޭގައި މިހުރީ. އެހެން އެއްވެސް ބައެއްގެ އެއްޗިއްސެއް މިރަށަކު ނުހުންނާނެ. މި ވިސްނާ ވިސްނުމަކީ އެތަކެތި ހިންގުމަށް، ބޭނުން ކުރުމަށް، ހޭދަކުރުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ. ކުރީގައި އެކަން ކުރަމުން އައި ގޮތަށްތޯ އެކަން ކުރާނީ. ނުވަތަ އެހެން ގޮތަކަށް އަޅުގަނޑުމެން އެތުރިލާނީތޯ. ކުރީގައި އެކަން ކުރަމުން އައީ ރަށަކުން ރަށަކުން. ކޮންމެ ރަށަކީ އެއީ އެރަށް ކަމަށް ނިންމައި، އެރަށުގެ މުއްސަނދިކަމާއި، އެރަށުގެ ވަސީލަތްތަކާއި، އެރަށުގެ ކުޅަދާނަކަން މިނާފައި އޮންނަނީ އެރަށުގެ ގޮނޑުދޮށާ ހިސާބަށް. އަޅުގަނޑުމެން ވިސްނީ، އެހެން ވިސްނައިފިނަމަ، އޭރަށް ރަށެއް ވަރަށް ކުޑަވެގެންދެއޭ. ރަށަކަށް ކުރިއެރެން އަންނަ މިންވަރުވެސް ވަރަށް ބޮޑު ތަނުން ކުޑަވެގެންދެއޭ. ރަށް ބޮޑުވެގެންނޭ މިދަނީ، 46 ރަށް އެކީގައި ހިންގުމަށް މަސައްކަތް ކުރީމާ. 46 ރަށް އެކީގައި، އޭގެ އިންޖީނުގެއާއި، އޭގެ ނަރުދަމާގެ ނިޒާމާއި، އަދި ބަނދަރާއި މަގުތަކާ.

މިހާރު ޔުޓިލިޓީ ކުންފުނިތަކާ ޙަވާލު ކުރެވިފައިވާނެ، މިރަށަށްވެސް އަޅުގަނޑަށް ހީވަނީ، ކުނި ނައްތާލުމަށް ހައިމާކަކާއި، އަދި ކުނި ނައްތާލުމަށް ބޭނުންވާ އެހެން ބައެއް ސާމާނު. އެހެންނަމަވެސް، ތިޔަބޭފުޅުން އެއްބަހެއްނުވޭ، ޔުޓިލިޓީ ކުންފުނިން މިރަށުގައި ކަމެއް ކުރާކަށް. އެހެންވީމާ، އެ މަސައްކަތެއް ހިންގަން ވަރަށްބޮޑަށް ދަތިވާނެ. ސަރުކާރަށް ވަރަށް ދަތިވާނެ، ހަމައެކަނި މަނަދުއަށް އިސްތިސްނާއެއް ހޯދަން. ނުވަތަ ނ.އަތޮޅުގެ 4 ރަށާއި، ށ.އަތޮޅުގެ 5 ރަށަށް ވަކިގޮތެއް ހޯދަން. އަދި އަމުދުން އަޅުގަނޑުމެން މިކަން ކުރަން މިއުޅޭގޮތް މިއީ ހަމަގައިމުވެސް އަޅުގަނޑުމެންނަށް ކުޑަވެސް އެއިން ފައިދާއެއް ވާނެކަމަށް، އަޅުގަނޑުމެންނަށް އެއިން އެއްޗެއް ލިބދާނެކަމަށް ކުރާކަމެއް ނޫން. ސަރުކާރުން މިކަން މިކުރަނީ، ރަނގަޅަކަށް ކުރާ ކަމެއް.

ވިސްނަވާ، މިދިޔަ ރޯދަމަހު މިސާލަކަށް، ކަރަންޓް ކެނޑިގެން ދިޔަ މިންވަރު، ޔުޓިލިޓީ ކުންފުނިތަކުން ހިންގި ރަށްރަށުގެ، ވަރަށް ކުޑަވާނެ. ކަރަންޓް ދިޔައިމާވެސް އަލުން އަނބުރާ އެ އިންޖީނެއް ހަދާފައި، އެކަމެއް ރަނގަޅުކޮށްފައި، ކަރަންޓް ދޭލެއްވެސް އެހާ އަވަސް. ހަމަ ކަށަވަރެއް ނޫންތޯ؟ މީގެ ރަށެއްގައި މިކަން ކުރެވޭވަރަށްވުރެ ބޮޑުކޮށް 4 އަތޮޅު އެކީގައި ކުރީމާ، އެކަން މާރަނގަޅަށް ހިންގޭނެކަން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެ ޔުޓިލިޓީ ކުންފުނިތައް އެއީ ހަމަ އަޅުގަނޑަށް ފެނޭ، މާލޭގައިވެސް އެ ހިންގާ ސްޓެލްކޯއަށްވުރެ މި ކުންފުނިތައް ވަކި ދެރައެއް ނުވާނެ. އެ ކުންފުނިތަކުގެ ހިންގުމުގެ ހުނަރުވެސް، އަދި އެ ކުންފުނިތަކުގެ މާލީ ތަނަވަސްކަންވެސް ދުވަހެއް ދުވަހަކަށް އިތުރުވެގެންދާނެ. ކުންފުނިތައް ހޯދާނެ، ކަންކަން ކުރާނެ އިތުރު ގޮތް. އެ ކުންފުނިތައް ރަނގަޅަށް ތަރައްޤީވީމާ، ސަރުކާރުގެ ވިސްނުމަކީ، މިއަހަރު އިރާދަކުރެއްވިއްޔާ ހުވަދުއަތޮޅުގެ ކުންފުނީގެ ޙިއްޞާ ވިއްކޭގޮތްވާނެ. އައްޑުއަތޮޅު ކުންފުނީގެ ޙިއްޞާ ވިއްކޭގޮތްވާނެ. ޙިއްޞާ ރައްޔިތުންނަށް ދެވޭގޮތްވާނެ. އެހެންވީމާ، ރައްޔިތުންނަށް އޭގެން ޙިއްޞާއެއް އޮންނާނެ. އެއީ ހަމަ ކުންފުންޏެއްގައި އޮންނަ ޙިއްޞާއެއް. އޭގެންވާ ފައިދާއެއް ރައްޔިތުންނަށްވާނެ. އެކަން މިހާރު ކުރެވެން އޮތީ، ހުވަދުއަތޮޅުގައާއި އައްޑުއަތޮޅުގައި، އެންމެ ދެކުނުގެ 4 އަތޮޅުގެ ތެރޭގައި. އެއީ އެމީހުންގެ ވިސްނުން ރަނގަޅުވިއްޔާމުން. މި ޔުޓިލިޓީ ކުންފުންޏަށް ހުރިހާ އެއްޗެއް ބަދަލުކޮށް އެމީހުން ނިންމައިފި. އެމީހުންނަށް ފެނޭވިއްޔަ. ދެން އެއްފަހަރަކު އަޅުގަނޑު ކައިރީގައި ހުވަދުއަތޮޅުގެ މީހަކު ބުނަންވެސް ބުނެފި، ކުކުޅަކަށް ނޭނގޭނެޔޭ، ހާވަމުންދާއިރު ޖަވާހިރެއް ފެނުނަސް. އެކަމަކު ގުއިގަނޑެއް ފެނިއްޖިއްޔާ އެއަށް ކޮށްޖަހާނެއޭ. ކުކުޅަކަށް ނޭނގޭނެތާ އެކަމެއް، ޖަވާހިރެއް ފެނުނަކަސް. އަޅުގަނޑު ހަމަ ވަރަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ތިޔަބޭފުޅުންގެ ކިބައިން މިއެދެނީ، ތިޔަހެން ނުހައްދަވާށޭ. މީގައި ސިޔާސީ ވާދަވެރިކަމެއްގެ ތެރޭގައި ރަށަށް ގެއްލުންވާ ބާވަތުގެ ކަންކަން ނުކުރާށޭ. އަޅުގަނޑަށް ވާ ގެއްލުމެއް ނޯންނާނެ. އަދި އަޅުގަނޑަކަށް ގެއްލުމެއް ނުވެސް ދެވޭނެ. ހަމަ އަޅުގަނޑު މިހުރި ގޮތަށް އަޅުގަނޑު އުޅެމުންދާނެ. އެއަކަށް ބަދަލެއްވެސް ނާންނާނެ. އަޅުގަނޑު އާދޭހާއެކު މިއެދެނީ، މިރަށު ރައްޔިތުންނަށް، މިރަށް ތަރައްޤީކޮށް، މިރަށް ކުރިއަރުވަން އަޅުގަނޑުމެން ބޭނުމޭ. އަޅުގަނޑުމެން އެންމެން ބޭނުން. މަނަދޫ ބާއްވާފައެއް ދިވެހިރާއްޖެއަކަށެއް ނުދެވޭނެ. މަނަދޫ ބާއްވާފައެއް އަޅުގަނޑުމެންނަކަށެއް ކަންތައްތައް ކުރިޔަށް ދާގޮތަކަށެއް އަޅުގަނޑުމެންނަކަށް ނުރޭވޭނެ. އަޅުގަނޑު ބޭނުމެއްވެސް ނޫން އެގޮތަށް ރާވާކަށް. ކިތަންމެ ސަބަބެއް އެބަހުރި. އޭގެތެރޭގައި ހަމަ އަޅުގަނޑުމެންނާއި މަނަދޫއާ ގުޅިފައިހުރި މިންވަރުވެސް އެބަހުރި. އެރަށް ދޫކޮށްލާފައެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ. ނުވެސް ދާނެ. އަދި އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެން މިހިސާބަށް އައުމުގައި ތިޔަބޭފުޅުންގެ ތެރެއިން ވަރަށްގިނަ ބައެއްގެ ޙިއްޞާ މީގައި ވެގެން އަޅުގަނޑުމެންނަށް އާދެވުނީ. އެހެންވީމާ، އަޅުގަނޑުމެންނަކަށެއް ނެތް މަނަދޫ ދޫކޮށްލެވޭކަށް. އަޅުގަނޑުމެން ގަސްތެއްވެސް ނުކުރަން، މަނަދޫ ދޫކޮށްލާކަށް. އަޅުގަނޑުމެންގެ ނަޒަރު މަނަދުއަކުން އަޅުގަނޑުމެން ނަގައެއްވެސް ނުލާނަން. އަދި ދުރަކަށްވެސް ނުޖެހޭނަން. އަޅުގަނޑުމެން ފަހަތަކަށްވެސް ނުޖެހޭނަން. އަޅުގަނޑު ހަމަ އެދެނީ، ތިޔަބޭފުޅުން، ތިޔަބޭފުޅުން ވާހަކަ ދައްކަވަންހުރި ހުރިހާ ފަރާތްތަކަކާ ވާހަކަ ދައްކަވައިގެން މި ރަނގަޅު މަގަކަށް ގެނެވޭތޯ ބެލުން.

އަޅުގަނޑުމެން މިކުރަނީ، ގޯސްކަމެއް ކަމަށްވަންޏާ، ޔުޓިލިޓީ ކުންފުންޏަކީ މިކަން ހިންގަން ރަނގަޅުގޮތް ނޫންކަމަށްވަންޏާ، އަވަހަށް ބުނުއްވާ، އަޅުގަނޑުމެން ހުއްޓާލާނަން. މިނޫން އެހެން ގޮތެއް އަޅުގަނޑުމެންނަށް ގަނޑެއްގައި ޖަހާފައި ދައްކާލާ. މިހެން ހެދީމާ، ތިޔަހެން ހެދުމަށްވުރެ ރަނގަޅޭ. ކުރީގައި ހެދި ގޮތް އެއީ މާމޮޅު ގޮތެކޭ، މިގޮތް މާ ވިޔާނުދެއޭ. މީގެން މިހެން މިހެން، އެހެން އެހެން ދެޔޭ. އަޅުގަނޑަށް އެކަން އަޅުގަނޑުމެންނަށް ހަމަ ދައްކާދޭހިނދު، އަޅުގަނޑުމެން ހުއްޓާލާނަން. ރައްޔިތުން ނޭދޭ ގޮތަކަށް، އޭގައި ހަމަބުއްދި ހިމެނޭ ކަންކަމުގައި އަޅުގަނޑުމެންނެއް އެހެން އަތަކަށް ދާކަށެއް ނޫޅޭނެ. އަދި އެނބުރޭކަށް، ފަހަށް ޖެހޭކަށް، ނޫނެކޭ އަޅުގަނޑަށް ގޯހެކޭ މިހެދެނީ އެހެން ބުނާކަށް އަޅުގަނޑުމެންނެއް ޖެހިލުމެއް ނުވާނެ. އަޅުގަނޑުމެންނަށް ގޯހުން ކަމެއް ކުރެވުނީމާ އަޅުގަނޑުމެން މާފަށް އެދޭނެ. އަދި އެކަން ރަނގަޅު ކުރަން އަޅުގަނޑުމެން އުޅޭނެ. މިކަން މިހެން ކުރަންވެގެން އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މިއީ ރަނގަޅު ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑު ހަމަ އަނެއްކާވެސް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ތިޔަބޭފުޅުންގެ ކިބައިން އެދެނީ، މިކަން މިރަށުގައި ވިޔަދެއްވާށޭ.

ދެން އަޅުގަނޑުގެ ވާހަކަ ގިނަކުރުމަށްވުރެ އަޅުގަނޑުމެން ފިކުރުކޮށް މިހުރީ ތިޔަބޭފުޅުންގެ އެއްވެސް ފާހަގަކުރަން ބޭނުންވެލައްވާ ކަމެއް، ނުކުތާއެއް އޮތްނަމަ، އެކަން ފާހަގަކޮށްދެއްވާ.

ސުވާލު:

ނަރުދަމާ ގުޅުމުގެ ކަންތައް އޮތީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށް ބޮޑަށް ޝުކްރިއްޔާ! މިހާރު އެ ބުނުއްވާ ވާހަކައަކީ، ނަރުދަމާ އަޅާ ނިމިއްޖެއޭ، ސުނާމީއަށްފަހު، ފަރަންސޭސިން ދިން ނަރުދަމާއެކޭ. ނަރުދަމާ އަޅާ ނިމިއްޖެ. އެއީ ކަރަންޓް ބޭނުންވާ ނަރުދަމާއެއް އެއީ. ވެކިއުމް ސިސްޓަމެއް މިރަށުގައި އަޅާފައި އޮންނަނީ. އެއަށް ބޭނުންވޭ އިންޖީނުގޭގެ ކަރަންޓް. އެހެންވީމާ، ޔުޓިލިޓީ ކުންފުންޏާ، ފެނާއި، ނަރުދަމާއާއި ކަރަންޓާ މިޙަވާލުވަނީ. އެހެންވީމާ، އެ އިންޖީނުގެއިން އޭގެ ކަރަންޓް ނުލިބޭހާ ހިނދަކު މިނަރުދަމާ ނުހިންގޭނެކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިއޮތީ. އެހެންވީމާ، ވަރަށް ބޮޑަށް އަޅުގަނޑު ބޭނުން އަވަހަށް، ދެން އެ ހުރެހުރެ ޕަންޕުތަކާ އެއްޗެހި ހަލާކުވެގެންދާކަށް ބަހައްޓާނެކަމެއް ނެތެއް ނޫންތޯ. އެހެންވީމާ، މި ނަރުދަމާ ހަމަ ހިންގާންފެށީމާ، މަހެއްގެ މައްޗަށް -/70,000 ރުފިޔާ ޚަރަދުވަމުންދާނެ. ކޮންމެ މަހަކު.

ދެން އަޅުގަނޑަށް ކިޔައިދެއްވަ ބައްލަވާ، އެކަން ދެމެހެއްޓޭނެ އެހެން ގޮތެއް، މި ކުންފުނި މެދުވެރި ނުކޮށް. އެހެންވީމާ، އަޅުގަނޑުމެންނަށް މި ނަރުދަމާ ހަމަ އަޅުގަނޑަށް ނުފެށިގެން މިއުޅެނީ. އެއީ، އިންޖީނުގޭގެ ކަންތައް ހަމަ ހަމަޖެހޭއިރަށް އިރާދަކުރެއްވިއްޔާ އެ ނަރުދަމާ ފެށޭނެ. އެ އިންޖީނުގެއިން އެ ނަރުދަމާއާ ގުޅެން ޖެހޭނީ. އަނެއްކާ، މިހާރު މިރަށުގައި އެހުރި އިންޖީނުތަކާއި، މި ނަރުދަމާއާ ގުޅައިގެން ދެންވާނެ ގޮތެއްވެސް އަޅުގަނޑުމެން ކުރިޔަށް ވިސްނާލަން ޖެހޭނެ. އެހެންވީމާ، ދެންވާގޮތެއް ވާއިރުގައި އެކަމާ އުޅެވޭނެ ގޮތަކަށް ކަންކަން ރާވާފައި އަޅުގަނޑުމެން ފަށަންޖެހޭނީ. އިންޖީނުގޭގެ ކަންތަކާ ހަމަ އޭގެ ޖަވާބުގައި ދަންނަވަން އޮތީ، އިންޖީނުގޭގެ މައްސަލައޭ.