بســم اللّـه الرّحمـن الرّحيــم

ފޯކައިދޫގެ ލޮބުވެތި އެކުވެރި ރައްޔިތުން. މި ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަދި އަޅުގަނޑުގެ ސްޕެޝަލް އެންވޯއި. މިދާއިރާގެ ރައްޔިތުންގެ މަޖލީހުގެ ޢިއްޒަތްތެރި މެންބަރު. އަދި އަޅުގަނޑުމެންނާއެކުގައި މިބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގެން ތިއްބެވި އެހެންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެހެންވެސް ބޭފުޅުން.

السّـلام عليـكم
މިރޭ, ޙުސައިން އެވާހަކަ އެހެން ދެއްކެވީމާ، އަޅުގަނޑު ދަންނަވާހިތް އެބައޮތް, މިހާރު އެހެންވީމާ، އަޅުގަނޑު ކުރަން އުޅުނު ކަމުގެ ތެރެއަށް ޙުސައިން ގެނެވިފައޭ ތިޔަވަނީ. ދެނެއް ޙުސައިންނަކަށްވެސް ރައްޔިތުންގެ މަސައްކަތުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއާއި، އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތްހަމަޖެހުމުގައި މަސައްކަތް ކުރުމުގައި އިހުނަށްވުރެ ބާރަށް ނުކޮށް ހަމަހިލާ ފަރުޖެހޭކަށް ނޯންނާނެއޭ. އަޅުގަނޑު ދަންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޙުސައިންއަކީ ކުރިއްސުރެ ފެށިގެންވެސް، މަދްރަސީ ދައުރުން ފަށައިގެންވެސް އަޅުގަނޑު ދަންނަ ބޭފުޅެއް. އަޅުގަނޑަށް ޙުސައިންނާ އެކުގައި އަދި ހަމަ މިލަންދޫ ދާއިރާގެ މެންބަރާވެސް އެކުގައި އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ އެހެން ހުރިހާ މެންބަރުންނާވެސް އެކުގައި ނުހަނު ރަނގަޅު މަސައްކަތް ކުރެވޭ ކަމަށް އަޅުގަނޑަށް ހީވޭ، އަޅުގަނޑަށް ދެކެވޭ.

އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑަށް ކަމެއް ފެންނަ ފެނުން އެއީ، އެކަމުގެ ހަމައެކަނި އޮތް ޙަޤީޤަތް ކަމަށް ދެކިގެނެއް އަޅުގަނޑުމެން ކަންކަމުގައި ކުރިއަށްދާކަށް ނުވާނެ. އަބަދުވެސް އަޅުގަނޑުމެން ކުރާ ކަމަކުން ނުވަތަ ކުރާން އުޅޭ ކަމަކުންވިޔަސްވެސް، އެކަމަކާ ރައްޔިތުން ދެކޭގޮތާއި، ރައްޔިތުން ކުރާ ފިކުރާއި، ރައްޔިތުންގެ އިޙްސާސާއި ވިންދު އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. ރާއްޖޭގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވުނީ، މިދެންނެވި މަގުތައް، މިދެންނެވި ކަންކަން އެނގުމަށް ވަސީލަތްތަކެއް ފަހިކުރުމަށްޓަކައި. ރައްޔިތުން ކަންކަމާ އެދޭގޮތަކީ ކޮބައިތޯ ދެނެގަތުމަށް އަޅުގަނޑުމެން އުފައްދާފައިވާ އެންމެ މުހިންމު އެންމެ ވަރުގަދަ އެއް މުއައްސަސާއަކީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް. އެ މަޖިލީހުގައި އެތިއްބަވަނީ ތިޔަބޭފުޅުންގެ ވަކީލުން. ސަރުކާރުން ކަންތައް ކުރަމުން ގެންދާންވީ، އެ ވަކީލުން އެދޭގޮތަށް. އެ ވަކީލުން ސަރުކާރުގައި އެކަންކަން ހާމަކުރަމުން އެ ގެންނަ ގޮތަށް. ހަމައެއާއެކުގައި ރައްޔިތުންނަށް ލިބިދީފައިވާ ވަރަށް މުހިންމު ވަސީލަތްތަކެއް އެބަވޭ. ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ޖޯޝާއި އަދި ރައްޔިތުން ބޭނުންވާ ގޮތް، ވެރިކަމުގެ ފަރާތަށް ހާމަކުރުމަށްޓަކައި. އެއީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ހަޅުތާލު ކުރުމުގެ މިނިވަންކަން. މިކަންކަމަކީ ރިވެތި ގޮތުގައި އަޅުގަނޑުމެން ކުރަން އާދަކުރަން ޖެހޭނެ ކަންކަން. މިދެންނެވި ކަންކަން ނުކޮށް، ޤައުމެއް ހިންގުމަށް އެއްވެސް މީހަކު މަސައްކަތް ކޮށްފިނަމަ، ހަމަކަށަވަރުންވެސް އިންސާނީ ތަޖްރިބާ ދައްކާފައި އޮތީ، އެފަދަ ޤައުމެއް ވެގެންދަނީ ޚުދުމުޚްތާރު ވެރިކަމެއް ކުރާ ޤައުމަކަށް.

އަޅުގަނޑުމެންގެއެއް ނެތް، އަޅުގަނޑުމެން ބޭނުން ގޮތަކަށް އެއްވެސް ކަމެއް ކުރުމުގެ ފިކުރެއް. އަދި ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުން،އަޅުގަނޑުގެ ތިމާގެ އެކަކުވެސް، ހަމަ އެކަކުވެސް މި ސަރުކާރަކު ނުހިމެނޭނެ. އަޅުގަނޑުގެ ތިމާގެ މީހުން މަދެއް ނުވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، ރާއްޖޭގައި ވެރިކަން ކުރަމުން އަންނައިރުގައި، އެ ވެރިކަން ކުރާ މީހާގެ ތިމާގެ މީހުންނާހުރެ ރައްޔިތުން ފަހަތަށްޖެހި، އެތައް ބަޔަކު އެމީހުންނާ ދިމާއަށް ބަލަންޖެހި، އަދި ކުރާ ކިތަންމެ ކަމެއްގައި ސީދާ ސާފު ގޮތް އޮއްވާ، އެހެން މާ ނުފޫޒު ގަދަ ބައެއްގެ ބަހަށް ލެނބި، ކަންތައްތައް ލަސްވެ ނުވަތަ ގޯސްމަގުން ހިނގައި ނުކުރެވި، މިބާވަތުގެ އެއްވެސް ކަމެއްވުމީ އަޅުގަނޑުމެން ކުޑަކޮށްވެސް އެދޭ ކަމެއް ނޫން.

އަޅުގަނޑުމެން ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެ މިތިބީ، އަޅުގަނޑުމެންނަށް މިއީ ކޮންކަމެއްކަން ވަރަށް ސާފުކޮށް އެނގިގެން. ފުރަތަމައަށް މި ވެރިކަމާ ޙަވާލުވެ މިތިބީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. އެއީ، ރާއްޖޭގެ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތަކީ. ކަނޑައަޅާފައި އޮތް ގޮތަކީ. މިއީ ސިޔާސީ ޕާޓީއަކުން ކުރާ ވެރިކަމެއް. އަޅުގަނޑަކީ އެ ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓްގައި ބައިވެރިވުމަށް ޕާޓީގެ މެންބަރުން، ޕާޓީގެ ޕްރައިމަރީއަކުން ކަނޑައެޅި މީހާ. މާތްރަސްކަލާނގެ އިރާދަފުޅާއެކުގައި، އަޅުގަނޑުމެންނަށް މިކަން ކުރުމަށް މިވަގުތު މިވަނީ ފުރްޞަތު ލިބިފައި. އަޅުގަނޑުމެން މިކަން ކުރަމުން ގެންދާން ޖެހޭނީ އޯގާތެރިކަމާއެކުގައި، ހިތްތިރިކަމާއެކުގައި، ކިބުރުވެރި ކަމެއްނެތި، ރައްޔިތުންނަށް ޚިދްމަތް ކުރުމުގައި ދެމިތިބޭ އުޞޫލުގައި. އަޅުގަނޑުމެންނަކަށެއް ނެތް ފުރްޞަތެއް، އަޅުގަނޑުމެންގެ ބޭނުންތައް އިސްކޮށްގެން ވެރިކަމުގެ ކަންތައްތައް ކުރާކަށް. އެއީއަކީއެއް ހެޔޮގޮތުގައި ވެރިކަން ކުރާ ގޮތެއް ނޫން. އެއީއަކީއެއް ރައްޔިތުންގެ ވެރިކަމެއް ކުރެވޭނެ ގޮތެއްވެސް ނޫން.

އަޅުގަނޑުމެން ރާއްޖޭގެ ވެރިކަމާ ޙަވާލުވުމުގެ ކުރީގައި، ރާއްޖޭގެ ރައްޔިތުންގެ އަޑު އަޅުގަނޑުމެން އެހީމު. އަޅުގަނޑުމެން ދޮރުން ދޮރަށް ހިނގީމު. ގެއިން ގެޔަށް ދިޔައީމު. ރަށްރަށަށް ދިޔައީމު. ޖަލްސާ ބޭއްވީމު. މީހުންނާ ވާހަކަ ދައްކައި، ސެމިނާރ ބާއްވައި، ވާރކްޝޮޕްތައް ބާއްވައި ހެދިން. އަޅުގަނޑުމެންގެ ބޭނުމަކަށްވީ، އަޅުގަނޑުމެންގެ އަމާޒަކަށްވީ، ކޮބައިތޯއޭ ރައްޔިތުންނަށް އަޅުގަނޑުމެން މިވަގުތު ކޮށްދޭން މިއޮތް ކަމަކީ. އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިހިނދު އަޅުގަނޑުމެންނަށް އެނގޭ، ރާއްޖެ އޮތީ ހަތަރު އަނގޯޅިއެއްގެ ކަންމަތީގައިކަން. ރާއްޖެއަށް ނުހަނު ގިނަގުނަ ކާމިޔާބީތަކެއް ހޯދިފައި އެބަހުރި. މިދިޔަ ދިގު 30 އަހަރުގެ ވެރިކަމުގެ ސަބަބުން ލިބިފައި ހުރި ވަރަށްގިނަ ކާމިޔާބު އެބަހުރި. އެކާމިޔާބުތައް ދެން ގެންދެވެން އޮތީ ކޮންމަގަކަށްތޯ. އަޅުގަނޑުމެން އެދުވަހު ހުއްޓި ތިބި ހަތަރު އަނގޯޅީގައި ތިބެ، އަޅުގަނޑުމެންނަށް އެއިރުގައި ހަމަ ކަން ކުރަމުން ގެންދިޔަގޮތަށް، ކަން ކުރަމުންދާ މަގަށް ހިނގާން ފެށުނުނަމަ، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން ހަލާކާއި ޚަރާބުގެ ތެރެއަށް ވެއްޓި މިހާރު އޮންނާނީ ގޮސްފައިކަން. އަޅުގަނޑުމެންގެ ރާއްޖެ އޮތީ ނުހަނު ބޮޑަށް ދަރާ. އަޅުގަނޑުމެންނަށް ލިބޭ މިންވަރަށްވުރެ މާގިނައިން އަޅުގަނޑުމެން އައީ ޚަރަދު ކުރަމުން. އެއްއަހަރަކު ދެއަހަރަކު ނޫން. އަޅުގަނޑުމެންގެ އިސްރާފު އޮތީ ނުހަނު ބޮޑުވެފައި. އަޅުގަނޑުމެންގެ ތެރޭގައި ނާޖާއިޒު ފައިދާ ނެގުމާއި، ނުހަނު އެތައް ގޮތަކުން ކަންކަން ކުރުން އޮތީ އިންތިހާއަށް ގޮސްފައި. އަޅުގަނޑުމެންނަށް އެދުވަހު އޮތީ، މި ރާއްޖެ ބަދަލުކުރާން ޖެހިފައި. ފޯކައިދޫ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ އެންމެ ރައްޔިތުންނަށްވެސް ރައްޔިތުންނަށްވެސް ވިސްނުނީ މިދެންނެވި ނުކުތާ. މި ރާއްޖެ ބަދަލުކުރާން ވެއްޖެކަން.

މިރަށު ރައްޔިތުންނަކީ، ރާއްޖޭގެ އެހެން މިބާވަތުގެ ކިތަންމެ ރަށެއްގެ ރައްޔިތުންނެކޭވެސް ހަމަ އެއްފަދައިން މިރާއްޖެއާ ގުޅޭގޮތުން ވިސްނާ ބައެއްކަން އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުންވެސް ހަމަ އެދެނީ، ތިޔަބޭފުޅުންގެ ކުރިއެރުން. މުޅި ރާއްޖޭގެ ކުރިއެރުން. އަޅުގަނޑުމެން ވިސްނާން މިޖެހެނީ، ތިޔަބޭފުޅުންގެ ތަރައްޤީއާއި، ތިޔަބޭފުޅުންގެ ކުރިއެރުން ތިޔަބޭފުޅުންނަށް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ސަރުކާރު ހިންގާންތިބޭ ބަޔަކު ގެންގުޅެންވީ ކޮންބާވަތެއްގެ ސިޔާސަތެއްކަން.

އަޅުގަނޑުމެން ރާއްޖޭގައި ތަރައްޤީގެ އެތައް ކަމެއް ހިނގަމުން އައިއިރު، މިއަދާ ހަމައަށް އަޅުގަނޑުމެންނަށް އާދެވިފައި މިތިބިއިރު، ނުކުރެވި ހުރި ކަންކަން ވަރަށްގިނަ. ޚާއްޞަކޮށް، އަގުބޮޑު ބޮޑެތި ކަންކަން އަޅުގަނޑުމެންނަށް އޮތީ ފުރިހަމަ ނުކުރެވި. އޭގެތެރޭގައި، ބަނދަރު ހެދުން، ސާފު ބޯފެން ދިނުން، ނަރުދަމާގެ މަސައްކަތް ހިންގުން، މަގު ހެދުން، މިބާވަތުގެ ވަރަށް އަގުބޮޑު ކަންކަން. މިސާލަކަށް އަޅުގަނޑު މިދަންނަވަނީ، މަދަރުސާއެއް އަޅަން، މަދަރުސާއެއް ހަމަ އެކުގައި އަޅަން ސަރުކާރަށް ޚަރަދުވާނީ ފަސް ހަމިލިއަން ރުފިޔާ. ގިނަވެގެން ދިހަ މިލިއަން ރުފިޔާ. ބަނދަރެއް ހަދަން ސަރުކާރަށް ޚަރަދުވާނެ ތިރީސް މިލިއަން ރުފިޔާ. ނަރުދަމައެއް ހަދަން ޚަރަދުވާނެ ތިރީސް މިލިއަން ރުފިޔާ. ހެލްތް ސެންޓަރެއް ހަދަން ހަމަ އަނެއްކާވެސް މިދެންނެވި ޢަދަދަށް ޚަރަދުވާނެ. އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އާދެވުނުއިރު، މިދެންނެވި ހުރިހާ ކަމަކީވެސް، އެއްވެސް ކަމަކީ އެއްވެސް ޙާލެއްގައި މަދަރުސާއާއި އަދި ހެލްތް ސެންޓަރުގެ މުހިންމުކަން ކުޑަކޮށްވެސް ކުޑައެއް ނޫން. އެކަންކަން އޮތީ ކޮންމެވެސް މިންވަރަކަށް ކުރެވިފައި. އޭގެ ބިންގާތަކެއް އެޅިފައި. އަދި ހަމަ އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން، މިދިޔަ ދިގު ތިރީސް އަހަރު އެ ބިންގާތަކުގެ މައްޗަށް ކިތަންމެ ބިނާއެއްވެސް އޮތީ ކުރެވިފައި.

މިއަދު އަޅުގަނޑުމެންނަށް ކުރާން ޖެހިފައި މިވަނީ އަގުބޮޑު ކަންތައްތަކެއް. އަގުބޮޑު ކަންތައްތައް އަޅުގަނޑުމެން ކުރާންވެގެން ވިސްނާއިރު، ފިކުރު ކުރާއިރު، މިއަދުގެ ޙާލަތަކީ އަޅުގަނޑުމެންނަށް ލިބޭ މިންވަރު މިއޮތީ ވަރަށް ބޮޑަށް ކުޑަވެފައި. އަޅުގަނޑުމެންގެ ޚަރަދުތައް މިއޮތީ އިންތިހާއަށް ބޮޑުވެފައި. މިދިޔަ އަހަރު އެހެންވީމާ، ސަރުކާރުން އަޅުގަނޑުމެން ވިސްނީ، އެހެން ނަމަވެސް، މިއިން އެއްވެސް ކަމެއް ނުކޮށް އެންމެ ހިނދުކޮޅެއްވެސް ފަސްޖެހެވޭކަށް ނެތޭ.
މިރަށުގެ ބަނދަރު، މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ނުފަށައި، ދެން އަޅުގަނޑުމެން ބަދަލަކަށް ވެރިކަން ކުރަނީއޭ ކިޔައި، ހަމަގައިމުވެސް އަޅުގަނޑަކަށް ޙުސެއިންއާ ވާހަކަ ދައްކައެއް ނޫޅެވޭނެ. އަދި ހަމަ އަޅުގަނޑުގެ އަމިއްލަ ހިތުގައި ހިތް ޙަލާލު ކޮށްގެނެއް ނުހުރެވޭނެ، އަޅުގަނޑުމެންނަށް މި ބަނދަރު ހަދާނެ ގޮތެއް ނުހޯދޭހާ ހިނދަކު. ހަމަ މިރަށުގެ ނަރުދަމާ ހެދޭނެ ގޮތެއް ނުހޯދޭހާ ހިނދަކު. ކިހިނެއްތޯ ދިވެހިރާއްޖެއަށް ފައިސާ ގެންނާނީ. ކިހިނެއްތޯ އަޅުގަނޑުމެންނަށް މި މަސައްކަތްތައް ކުރެވޭނީ. އެފިކުރުގައި އަޅުގަނޑުމެން މިދިޔަ އަހަރުގެ ތެރޭގައި ބައެއް ބާވަތުގެ ކޮށްފައި ހުރި ކަންކަން އެއީ، އެއްގޮތަކަށްވެސް މިރަށުގެ ނަރުދަމައާ ގުޅުމެއް ނެތް ކަމެއް ކަމަށް ބައެއްފަހަރަށް ތިޔަބޭފުޅުންނަށް ކޮންމެވެސް ވަރަކަށް ނަމަވެސް އެހެން ހީފުޅުވެލައްވައި ތިއްބަވައިދާނެ. މިސާލަކަށް، އަޅުގަނޑު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ތަނެއްގައި އެވެނި ވާހަކައެއް، މިވެނި ވާހަކައެއް ދެއްކުމުގެ މާނައަކީ ކޮބައިތޯއޭ. މިސާލަކަށް، އަޅުގަނޑުމެންނަށް އެންމެ ބޮޑަށް އެހީތެރިވަމުން އަންނަ އެއްޤައުމަކީ ޖަޕާން. މިދޔަ އަހަރުތަކުގެ ތެރޭގައި. އެރަށުގެ ނޫސްވެރިއަކު މިރޭ އަޅުގަނޑުމެންނާ އެކުގައި މިތާ އެބަހުރި. އަޅުގަނޑުމެންނަށް އެމީހުންނަށް، އެބޭބޭފުޅުންނަށް މި ރާއްޖޭގެ ކަންތައް ހިނގާގޮތާއި، އަދި އަޅުގަނޑުމެންގެ އުންމީދުތަކާއި، އަދި އަޅުގަނޑުމެން އެ ބޭނުންވާ ކަންކަމާ ސާފުކޮށް އެނގި، އަދި އެޤައުމުތަކުންދޭ އެހީއާއި އަދި ލޯނުވިޔަސް، އެފައިސާ ބޭނުންކުރެވެނީ ރަނގަޅު ގޮތަށް ކަމަށް އަޅުގަނޑުމެންނަށް ފެނުނީމާ، އަދި އެހެން ފަރާތްތަކަށްވެސް އެނގުނީމާ، ދެން އަޅުގަނޑުމެންނަށް ލިބޭ މިންވަރުވެސް އިތުރުވެގެންދާނީ. ތެދުވެރިކަމަކީ އަބަދުވެސް ފައިދާކުރާ ކަމެއް. އަޅުގަނޑުމެން ތިބެންޖެހެނީ ތެދުވެރިކަމާއެކީގައި. އަޅުގަނޑު އިތުރަކަށް ތިޔަބޭފުޅުންނަށް ދަންނަވާކަށް ނުޖެހޭނެ، މިރަށުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރުމަށް ރާވާފައިވާ ގޮތާއި، އަދި އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުމެންނަށް އެކަންކަން ކުރާން ފެށޭނެ.

މަދަރުސާ އެއްދަންފަޅިއަށް އެބަ ހަދާންޖެހޭ. މަދަރުސާ އެއްދަންފަޅިއަށް އަޅުގަނޑުމެން އެބަ ހަދާންޖެހޭ. އެއީ، ކޮންމެހެންވެސް އަޅުގަނޑުމެން ކުރާންޖެހޭނެ ކަމެއް. މިހާރު މިރާވާފައި ހުރި މަސައްކަތްތަކުގެ އިތުރުން، މިއަހަރު އަޅުގަނޑުމެން ހޯދާންޖެހޭނެ، މި ފޯކައިދޫ މަދަރުސާ، އެއްދަންފަޅިއެއް ހެދޭނެ ގޮތެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެގޮތް ހޯދާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިރަށުގެ މަދަރުސާ، އެއްދަންފަޅިއަށް ހެދުމުގެ މަސައްކަތް ކުރާނަން. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، މިރާއްޖޭގެ ވެރިކަމަކީ އަދި ޚާއްޞަކޮށް މިފަދަ ވަގުތެއްގައި ކުރަން ފަސޭހަ ކަމެއް ނޫންކަން. އެއީކީއެއް އޮޅިފައި އޮތް ކަމެއް ނޫން. އަދި މިކަން ކުރަމުން އަންނައިރުގައި، ޚާއްޞަކޮށް، އެމް.ޑީ.ޕީ އިންނާއި އަޅުގަނޑު އަދި އަޅުގަނޑުވެސް ހަމަ ވަރަށް ބޮޑަށް އޭގައި ހިމެނޭގޮތަށް މިކަން ކުރުމަށް މިއެދެނީ، ހުރިހާ އެއްޗެއް އަޅުގަނޑުމެންނަށް ގޮވާން ދޫކޮށްގެން. އެއްވެސް މީހަކު ހިފައި ހައްޔަރެއް ނުކުރެވޭނެ، އެމީހަކު ބުނާ އެއްޗެއްގެ ސަބަބުންނެއް. ލިޔާ އެއްޗެއްގެ ސަބަބުންނެއް. އެއްވެސް މީހަކު ހިފައި ހައްޔަރެއް ނުކުރެވޭނެ. ޚިޔާލު އެއީ، އަދި ބިނާކުރަނިވި ޚިޔާލަށްވިޔަސް، އަދި ފަނާކުރަނިވި ޚިޔާލަށްވިޔަސް، ޚިޔާލު ހަމަ ފާޅުކުރެވެންޖެހޭނެ. ޚާއްޞަކޮށް، އަޅުގަނޑު މިއީ، މީހަކު ބުނާ އެއްޗަކުން އެއީ ބިނާކުރަނިވި ޚިޔާލު ނޫން ކަމަށް ކަނޑައަޅައި، މީހަކު އަޅުގަނޑު ދެކެ ރުޅި އަންނަ މީހަކު، އަޅުގަނޑާ ދިމާއަށް ގަންޖާބޯއޭ ނުވަތަ ފްލެޓް ދޮންބެއޭ ބުނީމާ، އަޅުގަނޑު މިއީ ކާކުތޯ ކަނޑައަޅަން އެއީ ގޯސް އެއްޗެއް ކަމަށް. އެކަން ކަނޑައަޅަންޖެހެނީ ޝަރީޢަތުން. ކޮބައިތޯ ރަނގަޅަކީ، ކޮބައިތޯ ގޯހަކީ، ނިންމަންޖެހޭނީ ޝަރީޢަތުން. އެއީކީއެއް އަޅުގަނޑުމެން، ސިޔާސީ ވެރިން ކުރާ ކަމެއް ނޫން. އެއީ، ވެރިކަން ހިންގުމާ ކުޑަކޮށްވެސް އަޅުގަނޑުގެ ނަޒަރުގައި ގުޅުންހުރި ކަމެއް ނޫން. ގޮވާ އެއްޗެހި ގޮވާނެ އިނގޭތޯ. އަޅުގަނޑެއް އެކަމާ ކަންބޮޑެއް ހަމަ ކުޑަކޮށްވެސްނުވޭ. ދެން އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ބައެއް ބޭފުޅުން އަޅުގަނޑާ ރުހޭ މިންވަރުން ހަމަ އެކަމާ ހިތްދަތިވާކަން. އަޅުގަނޑަށް ސިޓީވެސް ލިޔޭ ވަރަށްގިނަ ބޭފުޅުން މި މައްސަލައިގައި. އަޅުގަނޑު ހަމަ ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ ހަން ބޯ މިންވަރު ތިޔަބޭފުޅުންނަށް އަދިވެސް ހަމަ ވަހުމް ނުވެގެނޭ ތިޔަހާ ތިޔަކަމާ ކަންބޮޑުވަނީ. އަޅުގަނޑުމެންނަކަށް މިކަމަކުން ކުރާނެ އަސަރެއް (ނޯންނާނެ). ހަމަ ޖޯޝެއް އަންނާނީ. ހަމަ ބާރަށް މަސައްކަތް ކުރަން އަނެއް ދުވަހުވެސް އަޅުގަނޑުމެން ނުކުންނާނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މަސައްކަތެއް، އަޅުގަނޑުމެންނެއް ނުހުއްޓާނަން.

އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް އަނެއްކާވެސް ތަކުރާރުކޮށް ދަންނަވަން ބޭނުން. އަޅުގަނޑުމެން މިރަށުގައި ކުރާން ހުރި މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑުގެ ނަޒަރުގައި ކޮންމެހެން ކުރާން އޮތް، ރަނގަޅު ކުރާން އޮތް ދެކަމެއް އެބައޮތް ވަރަށް މުހިންމު. އެއްކަމަކީ މަދަރުސާ. އަނެއް ކަމަކީ ހެލްތް ސެންޓަރު. މިދެތަން ނެތީހެއް، އެދެތަން ރަނގަޅަށް ނުހިނގަނީހެއް ރީތިކޮނެއް ދިރިއެއް ނޫޅެވޭނެ. ބަނދަރުވެސް ބޭނުންވާނެ. އެހެން ނަމަވެސް، ރަނގަޅު ޞިއްޙަތަކާއި އަދި ތަންދޮރުފިލައި ތިބުމާ، މިދެކަން، ރަނގަޅު ރައްޔިތަކަށްވުމަށް، ތަރައްޤީވެ ދިއުމަށް ކޮންމެހެން ބޭނުންވާނެ. އަޅުގަނޑުގެ ނަޒަރުގައި އެދެކަންތައްވީމާ، ނުވަތަ އެދެކަންތަކާ އެކުގައި ދެން ބޭނުންވަނީ އެއްތަނުން އަނެއް ތަނަށް ފަސޭހައިން ދެވޭނެގޮތް. ބަންދުވެފައި މީހާ ހުރެގެން، ރައްޔިތު އޮވެގެން، އެ ރައްޔިތަކު ކުރިއަރަން، ތަރައްޤީވާން ވަރަށް ދަތިވާނެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ތަރައްޤީ ލިބިފައި ހުރީ، އެޤައުމުތަކުގައި ރޭލު ދަގަނޑުތައް އަޅައިގެން. އެދަގަނޑުތަކުގެ މަތީގައި ރޭލު ދުއްވައިގެން، ވިޔަފާރިކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް އުފުލައިގެން. މީހުންވެސް އެއްތަނުން އަނެއް ތަނަށް ދަތުރުކޮށްގެން. އިރާދަކުރެއްވިއްޔާ، މިމަހުގެ ތެރޭގައި ހަމަ މި ފޯކައިދޫން ފުރައިގެން، މިއަތޮޅު ހުރިހާ ރަށަކަށްވެސް، މި ޕްރޮވިންސްގެ ހުރިހާ ރަށަކަށްވެސް ދިޔުމުގެ، ދަތުރުފަތުރު ކުރުމުގެ ނިޒާމު އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި މިމަހުގެ ތެރޭގައި ފެށޭނެ.

މިރަށަކީ އުފެއްދުންތެރިކަން ބޮޑު ރަށެއް. ޚާއްޞަކޮށް، ދަނޑުވެރިކަމުގެ މަސައްކަތްވެސް ކުޑަ ރަށެއް ނޫން. އުފައްދާ ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލުނީމާ، ދެން އޭރުން ހަމައެކަނި މިރަށުގެ ވިޔަފާރިއެއްގެ މާރުކޭޓަކީ، މިރަށުގެ ދެހާހެއްހާ މީހުންނެއް ނޫން. ދެން ޖެހިގެން އޮތް ރަށްވެސް މިރަށުގެ ޢަދަދުގެ ގޮތުގައި ހަމަ ގުނަންވީ. އޭގެ އަނެއް ރަށްވެސް ގުނަންވީ. އަނެއް ރަށްވެސް ގުނަންވީ. ހުރިހާ ރަށެއް އެކުގައި ގެންދެވޭނީ، މިދަންނަވާހެން އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކީގައި ދަތުރުކުރެވޭ ގޮތަށް ދަތުރުފަތުރުގެ ނިޒާމެއް އަޅުގަނޑުމެންނަށް ޤާއިމު ކުރެވުނީމާ.

އަޅުގަނޑު މިދެކެނީ، އެއާއެކުގައި މާރުކޭޓުތައްވެސް އުފެދޭނެއޭ. ތަރުކާރީވެސް ވިއްކޭނޭ. އަދި ފަސޭހައިން ކުޅުދުއްފުށްޓަށްވެސް ގޮސް، އެތަނުގައިވެސް ތަކެތި ވިއްކޭނެއޭ. އަދި އެހެން ތަންތަނުގެ މީހުންނަށް، މިރަށަށްވެސް އާދެވި، މިރަށުގައިވެސް ފަސޭހައިން ތަކެތި ވިކި އަދި ތަކެތި ގަނެވި، މިކަންކަން ހިނގައިގަންނާނެ. ތ. އަތޮޅުގަޔާއި ލ. އަތޮޅުގައި މިމަސައްކަތް ހިންގާތާ މިހާރު 4 މަސްދުވަސްވެއްޖެ. އަޅުގަނޑުމެން އެމަސައްކަތް ކުރަން ފެށިއިރުގައި، ވޭމަންޑޫގައި 200 ބިސް އަޅާ ކުކުޅު ތިބޭ. ވޭމަންޑޫން ލިބޭ 200 ބިސް. އެއިރު ބުރުނިން ބިސް ލިބޭނެ ހަމަ އެއްގޮތެއްވެސް ނޯވޭ. އަދި އެއަތޮޅު އެހެން ރަށްރަށަކުންވެސް ބިހެއް ލިބޭނެ އެއްވެސް ގޮތެއް ނޯވޭ. ދާދި އިހަކަށްދުވަހަކު އަޅުގަނޑު އޮފީހު މީހެއް ލައްވައި، އެރަށްރަށުގެ ފިހާރަތަކަކީ ކޮބައިތޯ ބަލައިލިއިރު، ބަލައިފިން ކުކުޅު ބިހެއް އެއިން ތަނެއްގައި ލިބެން ހުރިތޯ. އެބިސް ލިބިފައި ހުރީ ކޮންތާކުންތޯ. ބަލަ ވޭމަންޑޫންނޭ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މި ފޯކައިދޫގެ ދަނޑުވެރިކަމުގެ އުފެއްދުން މިއީ، މިރާއްޖޭގައި މިހާރަށްވުރެ މާބޮޑަށް ބަހާލެވޭނެއޭ، ފަތުރާލެވޭނެއޭ، އަޅުގަނޑުމެންނަށް މި ނިޒާމު ކާމިޔާބު ކުރެވުނީމާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެމަގަށް އަޅުގަނޑުމެންނަށް މިދެވެނީ. އިރާދަކުރެއްވިއްޔާ، އެ މަގުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ.

އަޅުގަނޑުމެންގެ ދަރިވަރުންނަށް، ދަރިންނަށް މަތީ ތަޢްލީމެއް ދިނުމަކީވެސް މުހިންމު ކަމެއް. އަދި އެމީހުންނަށް ރަނގަޅަށް އެއްޗެއް އޮޅުންފިލުވައިދީގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވަމުން އައި ކަމެއް އެއީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު، ބޭސް ސިޓީއެއް އަތަށްލައިގެން، މީގައި އޮތް އެއްޗެއް ނުގަނެވިގެން، -/20 ރުފިޔާ، -/50 ރުފިޔާ، -/100 ރުފިޔާ، -/200 ރުފިޔާ ހޯދުމަށް މާލޭގައިވެސް އަދި އެހެން ތަންތަނުގައިވެސް ހިނގާ މީހުންގެ ޢަދަދު ގިނަވުން. އަޅުގަނޑުމެން ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅީ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އިންޝުއަރެންސްގެ އުޞޫލުން ބޭސްފަރުވާ ކުރެވެންޖެހޭނެއޭ. ފަސޭހަކަމާއެކީގައި އެކަންވާންޖެހޭނެއޭ. މިދިޔަ އަހަރުގެ ތެރޭގައި، މިރަށު އަޅުގަނޑު ހަނދާންވާ ގޮތުގައި ދުއިސައްތައެއްހާ މީހުންނަށް މަދަނައިން ބޭސްފަރުވާ ލިބިފައި އެބައޮތް. އެއީ، ރާއްޖޭގެ ތޭވީސްހާސް މީހުންގެ ތެރެއިން. މިރަށުން މި ޚިދްމަތް ލިބިގަތް މީހުންގެ ޢަދަދު މަދެއް ނޫން. އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑު އުންމީދު ކުރާނީ، އަދިވެސް އިތުރު މީހުންނަށް މިރަށުގައި މި ޚިދްމަތް ލިބޭނެ ކަމަށް. އަދި މިރަށު ރައްޔިތުން، ވީވަރަކުން މަދަނައިގައި ބައިވެރިވަމުން ގެންގޮއްސިނަމަ، އަޅުގަނޑަށް މިއަދު މިލަންދޫ ހެލްތް ސެންޓަރުގައި އޮތް ބަލިމީހަކާ ދިމާވި. އޭނާ ގާތުގައި އަޅުގަނޑު އެހީމު، މަދަނައިގައި ބައިވެރިވިންހޭ؟ އޭނާ ބަލަހައްޓަން ހުރި އޭނާގެ ކޮއްކޮ ގާތުގައި. ކޮއްކޮ ބުނީ ނޫނެކޭ އަޅުގަނޑުމެންނަކަށް ބައިވެރިއެއްނުވެވުނޭ. އެހެންވީމާ، މިހާރު ވަރަށް ދައްޗޭ. ދެން އަޅުގަނޑު ދެންނެވިން އަވަހަށް ބައިވެރިވާށޭ. އަޅުގަނޑުމެންނަށްވީ މަސައްކަތެއް ކޮށްދޭނަމޭ މިހާރުވެސް. ބައިވެރިވީމާ މިއުޞޫލު އެންމެންގެ ތެރޭގައި ފެތުރިގެން ދިޔައީމާ، އަޅުގަނޑުމެންނަށް ހުރިހާ އެންމެންނަށްވެސް މީގައި މި ފައިދާވަނީ.

މީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ކަންބޮޑުވާންވީ މިއަދު ދިމާވެގެން މިއުޅޭ ކަމަކާއެއް ނޫނޭ. އެކަމާ ކަންބޮޑުވިޔަކަސް ދެން ކުރެވޭނެ ކަމެއްވެސް ގިނަފަހަރަކަށް ނޯންނާނެ. އެއޮތީ އެކަންވެފައި. ކަންބޮޑުވާންވީ މާދަމައާއި އޭގެ އަނެއް ދުވަހާއި، އޭގެ އަނެއް ހަފްތާއާއި، އަނެއް މަހާއި، އަނެއް އަހަރު ވެދާނެ ކަމަކަށްޓަކައި. ވިސްނަންވީވެސް، ރާވަންވީވެސް، ގޮތްގޮތް ހޯދާންވީވެސް މިއަދަކަށެއް ނޫން. މުސްތަޤްބަލަށް، މާދަމައަށް. މިއަދަށް މިއޮތީ ވާނެ ހުރިހާ ގޮތެއްވެ ނިމިފައި. މިއަދު އަޅުގަނޑުމެންނަށް ކިރިޔާވެސް ދެން ކުރެވޭނެ ކަމަކީ، ހަމަ ތަޙައްމަލް ކޮށްލުން. މާދަމާ އުޖާލާ ކުރަން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިދާނެ. އެއީ، އަޅުގަނޑުމެންނަށް ލިބެން އޮތް، ހޯދެން އޮތް ދުވަހެއް މާދަމައަކީ. މިއަދަކީ ހިނގައި ނިމި އޮތް ދުވަހެއް.

އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަން ބޭނުންވާ ވާހަކައަކީ ވިސްނާށޭ. ކަންކަމުގައި ހަމަ ފުރަތަމަ ނަޒަރު އެއީ، އަޅުގަނޑުމެން ޝާޢިރުން ބުނާތީ އަޑުއަހަނީ، އެއީ އެންމެ ޢިޝްޤީ އަސަރޭ. ފުރަތަމަ ނަޒަރު އެއީ، އެމައްޗަށް އަޅުގަނޑުމެން ބުރަވެގަންނާންވީ ނަޒަރު ކަމަށް ދެކެަޑައިނުގަންނަވާށޭ. މީގެކުރީގައި އަޅުގަނޑަށް ޔަޤީން، މިރަށުގެވެސް އެތައް ބަޔަކު އަޅުގަނޑުމެންނާ ދޭތެރޭގައި، އަޅުގަނޑުމެންނާ ގުޅޭގޮތުން ދެކި ތިއްބަވާނީކީއެއް މިއަދު ދެކޭގޮތަކަށެއް ނޫން. ފެނި ދެނި ރަށްޓެހިވީމާ، ކަންކަން ކުރާގޮތް ފެންނާން ފެށީމާ، އެނގުނީމާ ހިތް ހަލާލުވާނެ. އަޅުގަނޑު މިއަދު ގޮއިދުއަށް ދިޔައިރުގައި އެރަށުގައި ތިބި ވަރަށް ހިތްހަމަނުޖެހިފައި ތިބި ބައެއް. އަޅުގަނޑު އެރަށު ރައްޔިތުން ގާތުގައިވެސް އަޅުގަނޑު ބުނީމު، ކުޑަކޮށް ދަސްވެ ފަރިތަވީމާ އެމީހުންގެވެސް ހިތް ހަލާލުވާނެއޭ. އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ހިނގާނެ. އަޅުގަނޑުމެން އެއްވެސް ކަމެއް އިތުރަކަށް، އަޅުގަނޑުމެން ބޭނުންވެގެން އުޅެނީއަކީއެއް ނޫން. އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެން އުންމީދު ކުރާ މަންޒަރު، އެހެން ދިވެހިރާއްޖެއެއް، އެހެން ގޮތެއް މިރާއްޖެއަށް ފެނޭތޯ. އަޅުގަނޑުމެންގެ ހިތުގެ އަޑިން، އެގޮތް އެއީ ހޯދޭނެ ގޮތެއް ކަމަށް އަޅުގަނޑުމެންނަށް ފެންނާތީވެ، ގަބޫލުކުރެވޭތީވެ، އަޅުގަނޑުމެންނަށް އެމަންޒަރު ސިފަވާތީވެ.

އަޅުގަނޑު ހަމަ އެދެނީ، ތިޔަބޭފުޅުންވެސް، ތިޔަބޭފުޅުންގެ އަމިއްލަ ޙަޔާތުގައިވެސް އެ މަންޒަރު ކުރައްސަވަން. މާދަމާގެ މަންޒަރު. އެއީ، އަޅުގަނޑުމެންގެ އުންމީދަކީ. މާދަމާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. މާދަމައެއް ނުވެއެއް ނޫންތޯ އަދި. އެކަމަށް އަޅުގަނޑުމެންނަށް އުންމީދު ކުރެވޭނެ ނޫންތޯ. މިއަދަށް ވިސްނައިފިއްޔާ އަޅުގަނޑުމެން މާޔޫސްވެދާނެ. މިއަދުގެ ޙާލަތާއި، މިއަދުގެ މި ދަތި ހިތާމަވެރިގޮތާ.

އަޅުގަނޑު އެދެނީ، އަޅުގަނޑުގެ އުންމީދަކީ، އަދި ހަމައެއާއެކު އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކޮށް އަރުވަން ބޭނުން، ޒަކީވެސް ފާހަގަކުރައްވައިފި. އަޅުގަނޑުމެންނެއް މި ވެރިކަން ކުރަމުން މިއަންނަނީކީއެއް، މިގެންދަނީކީއެއް އަޅުގަނޑުމެންގެ ބޭނުންތަކެއް އޮވެގެނެއް ނޫން. މި ވެރިކަން މިކުރަނީ ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް. މި ވެރިކަން ކުރަމުންދާއިރުގައި އަޅުގަނޑުމެން ހޯދާން ބޭނުންވަނީ، ތިޔަބޭފުޅުން ދެކެނީ ކިހިނެއްބާއޭ؟ ކޮންމެހެން އަޑުގަދަގޮތް އެއީ، ތިޔަބޭފުޅުން ދެކޭގޮތް ކަމަކަށް ހަމަކަށަވަރުންވެސް އަޅުގަނޑެއް ގަބޫލެއް ނުކުރާނަން. އަޅުގަނޑަށް އަޑުގަދަ ކުރަން އެނގޭތީވެ. އެކަން ކުރާގޮތްވެސް އަޅުގަނޑަށް ސާފުވާތީވެ. އެހެންވީމާ، އަދި ހަމަ މީހަކު އެއްޗެއް ބުނާއިރަކަށް، އަދި ރޭޑިޔޯއިން ދެފަހަރަކު ގޮވާއިރަކަށް، ޓީ.ވީ އިން ދައްކާއިރަކަށް، ނޫހެއްގައި ލިޔާއިރަކަށް، ފޮތިގަނޑެއްގައި ޖަހާފައި ހުއްޓެއްކަމަކު ނުގުޑާނެ. އަޅުގަނޑުމެން ޖެހޭނީ، ޙިކްމަތްތެރިކަމާއި، ވިސްނުންތެރިކަމާއި، ކެތްތެރިކަމާއެކީގައި މިކަން ކުރަން. އަޅުގަނޑުމެން މިކަން ކުރާން ހަމަ ޙަޤީޤަތުގައިވެސް މިތިބީ ފިސާރި އެނގިގެން. އަޅުގަނޑުމެންނަށް މިކަން ކުރެވޭނެކަން ފިސާރި އަޅުގަނޑުމެންގެ ހިތުގެ އަޑިން ގަބޫލު ކުރެވިގެން.

އަޅުގަނޑަށް ހަމަ ވިސްނޭ، އަޅުގަނޑަށް ފެނޭ، އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ ހެލްތް ސެންޓަރުގެ ކަންތައް. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންގެ މަދަރުސާގެ ކަންތައް. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންގެ ފެނުގެ މައްސަލަ. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންގެ ނަރުދަމާގެ މައްސަލަ. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންގެ ގެދޮރުގެ މައްސަލަ. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންގެ ރަށްގިރާކަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިހުރިހާ ކަމަކަށްވެސް ގޮތް ހޯދައިދޭނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ފޯކައިދޫ ބަދަލުކޮށްލަދޭނަން. މުޅިން އެހެން ރަށަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. والسّـلام عليـكم. ވަރަށް ބޮޑަށް ޝުކުރިއްޔާ!