بســم اللّـه الرّحمـن الرّحيــم
މިލަންދޫގެ ލޮބުވެތި އެކުވެރި ރައްޔިތުން.

السّـلام عليـكم
އަޅުގަނޑުމެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ޢަމަލީ ގޮތުން ފަށައިގަތީއްސުރެ ފަށައިގެން، ތަކުރާރުކޮށް އަޅުގަނޑުމެންނަށް މިރަށަށް ދެތިން ހަތަރު ފަހަރަކު ވާނީ އާދެވިފައި. މިހާރު އަޅުގަނޑުމެންނަށް ކަންތައް ފެންނަ ގޮތުގައި، ތަޤްދީރު މިކަން ދިމާކުރާ ގޮތް ކަމަށް މިވަނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންގެ ރިޔާސީ ފަސް ވަޢުދު އެންމެ ފުރަތަމަ ފުރިހަމަވާނޭ އެއްރަށަކީ މިރަށް.

މިދިޔަ އަހަރު އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރިން، މިރަށުގައި އެއްދަންފަޅިއަށް މަދަރުސާ ބަދަލުކުރަން. އަޅުގަނޑަށް އެއިރު އެނގިފައި އޮތީ އެކަން ކުރުމަށް ބޭނުންވަނީ 8 ކްލާސްރޫމޭ. އެކަން ނިމި މިހާރު މަދަރުސާގެ ކިޔެވުން އެވަނީ އެއްދަންފަޅިއަށް ބަދަލުވެފައި. މަދަރުސާގެ ކިޔެވުން މިދެންނެވި ގޮތަށް ބަދަލުވީމާ، އެއިން ހެޔޮ ނަތީޖާ ވަރަށްގިނަ ރަށްރަށުގައި، ވަރަށްގިނަ މަދަރުސާތަކުގައި މިހާރުވެސް ދައްކަމުން އެބަދޭ. މާލޭގައި އެއްދަންފަޅިއަށް ބަދަލުކުރެވުނު މަދަރުސާތައް، މާބޮޑުތަނުން ތަފާތުވެގެން، މާގިނަ ދަރިވަރުން އެހެން ސްކޫލްތައް ދޫކޮށް، އެމަދަރުސާތަކަށް އަންނާން މިހާރު އެބަ ބޭނުންވޭ. އަޅުގަނޑުމެންނަށް މިރަށުގެ މަދަރުސާ އެއްދަންފަޅިއަށް ބަދަލުކުރެވިފައި މިއޮތީ. ދެން ޓީޗަރުންނާއި ސްކޫލް ބޯޑާއި އަދި ބެލެނިވެރިންނާއި ދަރިވަރުންނާ، ރަށުގެ ހުރިހާ ރައްޔިތުންނާއެކީގައި މަދަރުސާ ވަރުގަދަ ކުރުން އެއީ، ތަރައްޤީގައި އެންމެ މުހިންމު ކާމިޔާބެއް ލިބޭނެ ކަމެއް. އެންމެ ވަރުގަދަ، އެންމެބޮޑު ކާމިޔާބެއްވެސް ލިބޭނީ ރަނގަޅަށް ދަރިންނަށް ކިޔަވައިދެވުނީމަ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އުންމީދު މިކުރަނީ، މިރަށުގައި އިމްތިޙާނުގައި ބައިވެރިވާނެ ކުދިންގެ ތެރެއިން ފަސްދޮޅަސް ޕަސެންޓް ކުދިންނަކީ ފަސް މާއްދާއިން ފާސްވެވޭނެ ދަރަޖައަށް، މިންވަރަށް ނަތީޖާ ރަނގަޅު ކުރެވެން ޖެހޭނެއޭ، ކުރިއަށް މިއޮތް ދެތިން އަހަރެއްގެ ތެރޭގައި. ސަރުކާރުން މިކަމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. މިހާރުވެސް ސަރުކާރުން މިދަނީ މިރަށުގައި އެމަސައްކަތް ކުރަމުން. ސަރުކާރުގެ މުޅި ޖުމްލަ އެނގިވަޑައިގަންނަވާނެ، އިއްޔެގައި އަޅުގަނޑު ރައްޔިތުންގެ މަޖިލީސް ހުޅުވަމުން ފާހަގަކުރިން، ސަރުކާރުގެ އަމާޒަކީ ސާޅީސް ޕަސެންޓް ކުދިން، އެއްދަންފަޅިން ސާޅީސް ޕަސެންޓް ކުދިންނަށް ފަސްމާއްދާއަށްވުރެ ގިނައިން ފާސްވާނެ ނަތީޖާއެއް ލިބުމޭ. ސަރުކާރުގެ މުޅި ރާއްޖޭގެ އަމާޒަކީ. އެހެން ނަމަވެސް، ސަރުކާރުގެ މިލަންދޫގެ އަމާޒަކީ ފަސްދޮޅަސް ޕަސެންޓް ކުދިންނަށް އެކަންވުން އެގޮތަށް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭނަން. އެކަމުގައި ވަރަށް ބޮޑަށް ބައްލަވައިގެން، ސްކޫލް ބޯޑުގެ އަތްމަތީގައި މިހާރު ސްކޫލް ހިންގުން އޮންނާނީ. އަދި ޕްރޮވިންސް އޮފީހާ އެކީގައި އެހެންވީމާ، އަތޮޅު ކައުންސިލަރަށްވެސް، ރަށު ކައުންސިލަރަށްވެސް ސްކޫލްގެ ކަންތައް ބެލޭނެ. ބަލަމުން ގެންދަންވެސް ޖެހޭނެ. އެއްވެސް ޙާލެއްގައި އެކަމުން ފަހަތަށް ޖެހިގެންވެސް ނުވާނެ. އަޅުގަނޑަށް މިރަށުގެ ކެޑޭޓާއި، މިރަށުގެ ގައިޑް އަދި ސްކައުޓުން އެބަ ފެނޭ. މިރަށުގައި ބޭންޑެއް، ކެޑޭޓް ކުދިންގެ ބޭންޑެއް އޮތުން ހަމަ މުހިންމު، ބޭނުންތެރި. އަޅުގަނޑު އުންމީދު ކުރަން. މަދަރުސާއަށް އެ އިތުރުވެގެންދާނެ ކަމަށް ދާދި އަވަހަށް. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އެކަންވެސް ކުރިއަށް އެބަ އަޅުގަނޑުމެންނަށް ގެންދެވޭ.

ދަތުރުފަތުރު ކުރުމުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅުވާލުމަކީ، އަޅުގަނޑުމެންގެ ނަޒަރުގައި، އަޅުގަނޑުމެން ދެކޭގޮތުގައި، ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް. އިރާދަކުރެއްވިއްޔާ، މިރަށް ހިމެނޭ ގޮތަށް މިއަތޮޅުގައި އެމަސައްކަތް މިމަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށައިގަނެވޭނެ، އަޅުގަނޑަށް މިހާރު މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި ވެއްޖިއްޔާ. އެހެންވީމާ، އަޅުގަނޑު މިދެކެނީ، ދާދި އަވަހަށް މިރަށު މީހުންނަށް، ކައިރި ރަށްރަށަށް ގޮސް އައިސް ކޮންމެ ދުވަހަކުވެސް އުޅެވޭނެ މަގު ފަހިވެގެން ދިޔައީމާ، މާރުކޭޓާއި އަދި ތަކެތި ވިއްކުމާއި، ވިޔަފާރިއާއި އަދި ބޭސްފަރުވާއާ، މިބާވަތުގެ ކަންކަންވެސް ރަނގަޅުވެގެންދާނެ ކަމަށް.

އަޅުގަނޑަށް އަބަދުވެސް ފާހަގަވެފައި އޮތް، މިރަށު ރައްޔިތުންވެސް ވަރަށް ބޮޑަށް ފާހަގަކުރަމުން އާދޭ، ކިހިނެއްވެގެން ހެއްޔޭ މިރަށުގައި ރަނގަޅު ހޮސްޕިޓަލެއް ނުހުންނަނީ. ހެލްތް ސެންޓަރެއް ހުންނަނީ. މިސާލަކަށް، މިރަށުގައިވެސް އަދި ފޯކައިދޫގައިވެސް އެހާ ބައިވަރު މީހުން ދިރިއުޅޭއިރު، އެކަން އެގޮތަށްނުވެ މިއޮތީ. ވިޔާނުދާކަމުން އެކަން ނުވެ އޮތިއްޔާ އެއޮތީ. އެނޫން އެހެން އެއްވެސް ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ. އަޅުގަނޑު މި އުންމީދު މިކުރަނީ، މިހާރު ސަރުކާރުން އެބަ އަޅުގަނޑު އިއްޔެ ދަންނަވާފައި އޮންނާނެ، 38 ރަށެއްގެ ހެލްތް ސެންޓަރު ތަންކޮޅެއް މަތީ ފެންވަރަކަށް، އޭރުން މިހާރު މިހުރި ހޮސްޕިޓަލްތަކަށްވުރެވެސް ރަނގަޅުވާނެ. ބަދަލުކުރުމުގެ މަސައްކަތެއް ސަރުކާރުން އެބަގެންގުޅޭ. އޭގެތެރޭގައި މިރަށް އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް ޔަޤީން ހިމަނައިގެން ކުރިއަށް މިގެންދަނީ.

އަޅުގަނޑުމެންނަށް މިރަށުގައި މިރަށް ތަރައްޤީ ކުރާއިރުގައި، އަޅުގަނޑުމެންނަށް މިރަށުގައި ބޭނުންވާނެ ސަރުކާރުގެ އޮފީސް ޢިމާރާތެއް. އަޅުގަނޑު ނުކިޔާނަން އެއަކަށް އަތޮޅު އޮފީހެކޭ. އަޅުގަނޑު މިކިޔާ އަތޮޅު އޮފީހެއްވެސް ނޫން އިނގޭތޯ. އެއީ ހަމަ އޮފީސް ޢިމާރާތެއް. ޤާނޫނުއަސާސީގައި އަތޮޅު އޮފީހުގެ ވާހަކަ ނުވެސްއޮވޭ. އަތޮޅުވެރިއެއްގެ ވާހަކައެއްވެސް ނޯވޭ. އަދި އިދާރީ ދާއިރާތައް ހިންގުމުގެ ބިލުގެ ތެރޭގައި، އެކަން ނުކުމެގެން އަންނާނެ ގޮތެއްވެސް އަދި އަޅުގަނޑުމެންނަކަށް މާބޮޑަކަށް ސާފެއް ނޫން. އެހެން ނަމަވެސް، މި އަތޮޅުގެ އިދާރީ މަސައްކަތްތަކެއް، ސަރުކާރުގެ މަސައްކަތްތަކެއް އެބަ ހިންގާންޖެހޭ ކޮންމެވެސް ތަނެއްގައި. ދެން މީގެކުރީގައި އެމަސައްކަތް އެހެން ރަށެއްގައި ކުރަމުން ގެންގޮއްސަ އޮތް. ދެން އެމަސައްކަތް އަނެއްކާ އަލުން އަނބުރާ މި ސަރުކާރުން މިރަށަށް ކުރާގޮތަށް ބަދަލުކޮށްފައި މިހާރު މިއޮތީ. އެހެންވީމާ، އެކަމަށް ބޭނުންވާ ޢިމާރާތް ބޭނުންވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފަށާނަން.

އަޅުގަނޑަށް ފެނުނީ ކޮންކަމެއްބާއޭ އަޅުގަނޑުމެން އިސްކަންދޭނީ. ކޮންކަމަކަށްބާއޭ އަޅުގަނޑު ބޮޑަށް މަސައްކަތް ކުރާނީ. ހެލްތް ސެންޓަރަށްބާއޭ. މަދަރުސާއަށްބާއޭ. ބަނދަރަށްބާއޭ. ނުވަތަ މި އަތޮޅު ޢިމާރާތަށްބާއޭ. ދެން އަޅުގަނޑު ދުށް ގޮތުގައި މަދަރުސާއާއި ހެލްތް ސެންޓަރު އަބަދުވެސް ހަމަ މުހިންމު. ތިޔަބޭފުޅުން ތިޔަބޭނުންވެލައްވާ އަތޮޅުއޮފީހަކީ ހަމަ ރަމްޒީ ތަނެއްގެ ގޮތުގައި އަދިވެސް އަޅުގަނޑު މިދެކެނީ. ދެން އަޅުގަނޑުމެންގެ އަތޮޅު ކައުންސިލަރ ތަންކޮޅެއް ދަތީގައި އުޅުއްވަނީ. ވަންނާނެ ތަނެއްވެސް ނެތިފައި ހުންނަވަނީ. ދެން އެހެން ނަމަވެސް، މި މައިގަނޑު ޚިދްމަތްތައް ފޯރުކޮށްދިނުން އަޅުގަނޑުމެންގެ މީގެ އަމާޒަކަށްވާންޖެހޭނީ. ރައްޔިތުންނަށް މިބޭނުންވާ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދޭ މައިގަނޑު މުއައްސަސާތަކަކީ މަދަރުސާއާއި ހެލްތް ސެންޓަރާ، މިދަންނަވާ ތަންތަން މެދުވެރިކޮށް. އެހެންވީމާ، އަޅުގަނޑުމެންނަށް މި އަތޮޅު އޮފީހެއްގެ މަސައްކަތް އެހާ ބާރު ނުކުރެވެނީ. އެހެން ނަމަވެސް، ސަރުކާރުގެ ޢިމާރާތެއް ބިނާކުރަން އެބަޖެހޭ. އޭގެތެރޭގައި، އަތޮޅުއޮފީހާއި އަދި އެހެން ތަންތަންވެސް އެބަހުރޭ. ކޯޓުވެސް އެބަހުރޭ. އަދި އެޑިޔުކޭޝަންގެ އެހެން ބައިބައިވެސް އެބަހުރޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރީގައި އެފެނުނު އަތޮޅުއޮފީހުގެ މަންޒަރު ދޫކޮށްފައި، މި އަނެއް ދިވެހިރާއްޖޭގައި އެކަން އޮންނަ ގޮތަށް އިރާދަކުރެއްވިއްޔާ މިރަށުގައި އެކަން ކުރެވޭނެ.

މިރަށުގެ ބަނދަރު އެއޮތީ ހަދާން ފެށިފައި. އެކަމަކު އަޅުގަނޑު ހަމަ ދަންނަވާނަން،އަޅުގަނޑު ވަރަށް ވަރަށް ވަރަށް ބޮޑަށް މަޢާފާއެކީ އަޅުގަނޑު މިވާހަކަ މިދަންނަވަނީ އިނގޭތޯ. އަޅުގަނޑު މާބޮޑަކަށް އެގޮތަކަށް އެކަން ކުރަން ބޭނުންވެގެނެއް ނޫން ކުރަނީ. އެކަމަކު ތިޔަބޭފުޅުން އެހެން ބޭނުންވެލައްވާތީވެ، އެގޮތަށް އެކަން އެހެން ކުރަނީ. އަޅުގަނޑު ހަމަ މިކަން ފާހަގަކޮށްލާފައި ބާއްވަންވެގެން މިއަދު މިހެން މިފާހަގަކުރަނީ. ތިޔަބޭފުޅުންގެ ރަށް ގިރާލާނެ އިނގޭތޯ. ތިޔަބޭފުޅުންގެ ރަށް ހަމަ ގިރާނެ، މި ބަނދަރު އެގޮތަށް ހެދީމާ. އެއޮއް ރީތި ގޮނޑުދޮށް ހަމަ ގެއްލޭނެ. ދެން އެކަމަށް ވިސްނަވާތި. އެކަމަކު އަޅުގަނޑުމެންނަކަށް މިއަދަކު އެކަމަކާ ބެހި ދެއްކޭނެ ވާހަކައެއް ނެތް. އަޅުގަނޑުމެންނަށް އެ ބަނދަރު އެހެން ގޮތަކަށް ޑިޒައިން ކުރަން ވެއްޖެނަމަ، އެކަމަށް އަޅުގަނޑު ބަލައިލިއިރު، ގާތްގަނޑަކަށް ހަތްމަސް، އަށްމަސް ނަގާ. އެ އަށްމަސް ދުވަހުގެ ތެރޭގައި ތިޔަބޭފުޅުން މުޅިން ނިންމަވާނެ، އަޅުގަނޑުމެންނަކީ ހަމަ ކަނޑައެޅިގެން ދޮގުހަދާ ބައެއްކަމަށް. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ ދެން މިކަން މިހެން އަޅުގަނޑުމެން މިވަގުތު ކުރުމޭ ބުއްދިވެރީ. އެގޮތަށް ނިންމައި އަޅުގަނޑު، އަސްލަމަށް ހައުސިންގ، އެންވަޔަރަންމަންޓް އެންޑް ޓްރާންސްޕޯޓް މިނިސްޓަރަށް މިކަމުގައި މަސައްކަތް ކޮށްދެއްވީތީވެ، އަޅުގަނޑު ވަރަށް ބޮޑަށް އެބޭފުޅާއަށް ޝުކުރު ދަންނަވަން. އެބޭފުޅާ ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިގެން، އެމަސައްކަތް ބާރަށް އެ ގެންދެވެނީ.

އަޅުގަނޑުމެންނަށް ދެންއޮތީ މިތަނުގެ ނަރުދަމާ. މިރަށުގެ ނަރުދަމާގެ އެއާ ގުޅޭ 16 ރަށެއްގެ ނަރުދަމާ އަޅުގަނޑުމެން އެބަ ސަރުކާރުން އެމަސައްކަތްތައް ޓެންޑަރ ކޮށްގެން ކުރިއަށް ގެންދޭ. އަޅުގަނޑަށް ލަފާކުރެވެނީ، އެ 16 ރަށުގެ ތެރޭގައި މިރަށް ހިމެނޭ ކަމަށް. އެހެންވީމާ، އެހެންވީމާ، ދެން އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ދެތިން ހަފްތާގެ ތެރޭގައި، އެމަސައްކަތް ހިނގާނެ ގޮތަކާއި، އޭގެ ތަފްޞީލުތައް އެނގެން ފަށާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ނަރުދަމާގެ ޚިދްމަތް ލިބޭނެ. ނަރުދަމާއާ ހަމައެކުގައި އަދި ހަމަ އެއާ އެއްވަރަށް އަޅުގަނޑުގެ ނަޒަރުގައި ފެން އެބަ މުހިންމުވޭ. އެހެންވީމާ، ފެނުގެ ކަންތަކާވެސް އަޅުގަނޑުމެން އެބަ އުޅެންޖެހޭ.

މިރަށުގައި ބޯހިޔާވަހިކަން މި ގިނަ ދުވަހު ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އަޅާފައި ހުރި ގެ ދެވޭނެ ޕްރޮގްރާމެއް. އިރާދަކުރެއްވިއްޔާ އެކަންވެސް މިރަށުގައި ދާދި އަވަހަށް ފެށޭނެ. އަޅުގަނޑުމެން ލަސްތަކެއްނުކޮށް އެކަމާއިގެންވެސް ބާރަށް އުޅެވޭނެ މަގުތައް މިހާރުވަނީ ފެނިފައި.

މީގެ އަހަރެއްހާ ދުވަސް ކުރިން އަޅުގަނޑުމެން އައިސް މިވެނި ކަންކަން އަޅުގަނޑުމެން ކުރާނަމޭ ބުނީމާ، އަޅުގަނޑަށް ޔަޤީން ތިޔައިގެ ތެރެއިން އަދި އެހެން ތަންތަނުންވެސް ހަމަ އަޅުގަނޑުމެން މީގެ އެއްކަމެއްވެސް ނުކުރާނެ ކަމާއި އަދި ކުރެވެން ނުވެސް އޮންނާނެ ކަމަށް، އެއީ، ކުރެވެން ހުރި ކަންކަމުގެ ވާހަކައެއްވެސް ނޫންކަމަށް ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހީފުޅު ކުރައްވައި އެއިރުގައި ތިއްބަވައިދާނެ. އެކަމަކު މިހާރު އަޅުގަނޑު ތިޔަބޭފުޅުން އަލުން އަނބުރާ ވިސްނާލަން އެމަންޒަރު ދެކިލަން އަޅުގަނޑު އެދެން. ބަނދަރުވެސް އެބަހެދޭ. މަދަރުސާވެސް އެބަ ބަދަލުކުރެވޭ. އަދި އިރާދަކުރެއްވިއްޔާ ހެލްތް ސެންޓަރުވެސް ބަދަލުކުރެވޭނެ. އަދި އިރާދަކުރެއްވިއްޔާ ހަމަ އެހެން ކަންކަންވެސް އަޅުގަނޑުމެންނަށް ކުރެވޭނެ.

އަޅުގަނޑު އެހެން ނަމަވެސް، މިދިޔަ އަހަރު އެންމެ މުހިންމު ކަމެއް، އިސްކަމެއްދީގެން މަސައްކަތްކުރީ، މިރަށުގެ ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެދެވޭ ޕެންޝަން ފޯރުކޮށްދެވޭތޯ. މިހާރު އަޅުގަނޑު ހަނދާންވަނީ މިރަށުގެ އޭގެ 77 މީހުން ނުވަތަ 75 މީހުން އެޢަދަދަށް މިރަށުގެ 65 އަހަރުން މަތީގެ މީހުން އެބައުޅޭ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އެފައިސާ އެމީހުންނަށް ހަމަ ބަރާބަރަށް ދުވަހުން ދުވަހަށް ލިބެމުންދާ ކަމަށް. އަޅުގަނޑަށް މިހާރު މަޢްލޫމާތު ލިބިފައި އޮތީ، އެމަސައްކަތް މިހާރު ކުރަމުން އައީ، ކުރީގެ އެމަސައްކަތް ކުރަމުން އައީ ޕޯސްޓް އޮފީސް މެދުވެރިކޮށް. ދެން އެހެން ނަމަވެސް، މިހާރު އެމަސައްކަތް ކުރަމުން ގެންދަންވެގެން ނިންމާފައި މިއޮތީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް. ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓެއް ހުޅުވަންޖެހޭ އެބަ ހަމަ ކޮންމެ ޕެންޝަނަރަކުވެސް. ކޮންމެ 65 އަހަރުން މަތީގެ ކޮންމެ ބޭފުޅަކުވެސް. އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، މިހާރު އޭގެ ސާދަހާސް މީހުންގެ ތެރެއިން ބޭންކް އެކައުންޓް ހުޅުވާފައިވަނީ އަދި ބާރަހާސް މީހުން. އެހެންވީމާ، މިރަށު މީހުން ހުޅުވާފައި ނެތްނަމަ، އެކަން އަވަހަށް ކުރައްވަންވީ. ކުރައްވައިގެން އަވަހަށް އެކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވަންވީ.

ހަމަ އެ ޕެންޝަނާއެކީގައި، އަޅުގަނޑުމެން ވަރަށް އިސްކަމެއްދިން ކަމެއް އެއީ މަދަނަ. މަދަނައިގެ އެހީތެރިކަން. މަދަނައިގެ ބޭސްފަރުވާ އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މިރަށުން ދުއިސައްތަ މީހުންނަށްވުރެ ގިނައިން މިރަށު މީހުން މަދަނައިގެ އެހީ ނުވަތަ މަދަނައިން ބޭސްފަރުވާ ކުރެވިފައި އެބައޮތް. ވެލްފެއަރ ފަންޑުން ބޭސް އެއިރުގައި ކުރަމުން އައި ގޮތަށް ކުރަމުން އައިއިރުގައި ބޭސް އެންމެ ގިނައިން ކޮށްދެވުނު އަހަރެއްގައިވެސް ކޮށްދެވިފައި ހުރީ ހަތްހާސް މީހުންނަށް. މިހާރު މިދިޔަ އަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ތޭވީސްހާސް މީހުންނަށް ބޭސްކޮށްދެވުނު ސަރުކާރުން. ސަރުކާރުގެ އުންމީދަކީ، ސަރުކާރުގެ އަމާޒަކީ އެކަކަށްވެސް ބޭހަށް ނުވަތަ ބޭސްފަރުވާގެ ކަންތަކުގައި ޖެހިގެން، އެކަމުގައި ތާށިވެ، އެކަމުގައި ކަންބޮޑުވެ އުޅެން ނުޖެހުން. އިރާދަކުރެއްވިއްޔާ އެކަން ހަމަޖެހޭތޯ ބަލާނަން.

އެހެން ނަމަވެސް، މިހުރިހާ ކަމަކާ އެކީގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. އެއްވެސް ބަޔަކަށް، އެއްވެސް ސަރުކާރަކުން އެއްވެސް ކަމަކު ހިލޭ އަބަދު އެއްޗިއްސެއް ނުދެވޭނެ. އަދި އަޅުގަނޑުމެންގެ ސަރުކާރުގެ ނިޒާމު ރާވާފައި އޮންނާނީވެސް ކޮންމެ ޚިދްމަތެއްދޭއިރުގައިވެސް، ކޮންމެވެސް ގޮތަކުން އައިސް، އެޚިދްމަތެއްގެ ފީ ދެވޭނެ އުޞޫލެއް. އެއީ، ޓެކްސް ނަގައިގެން ކަމަށްވިޔަސް. އެއީ ސީދާ ގޮތުގައި ރައްޔިތު މީހާ ލާރި ދައްކައިގެން ކަމުގައި ވިޔަސްވެސް، ކޮންމެ ގޮތަކުންއައިސް އޭގެ ދެކޮޅު ބެދެން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭނަން، ރައްޔިތުންގެ ކިބައިން ކޮންމެ ކަމަކާ ވިސްނަވާއިރުގައިވެސް، ހަމަ އެއާ ވިދިގެން ވިސްނަވައްޗޭ، އެކަމަށްދާނެ ޚަރަދު. އަދި އެފައިސާ ސަރުކާރުން ހޯދާނެ ގޮތެއްވެސް. އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު އާމްދަނީ ލިބޭނެ އެންމެ ބިލެއްވެސް ފާހެއްނުވޭ. ސަރުކާރަށް އާމްދަނީއެއް ލިބޭނެ. އެހެނެއް ނޫން، އެބޭފުޅުން އަށްސަތޭކަ މިލިއަން ރުފިޔާ އިތުރަށް، ނުވަސަތޭކަ މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކުރުމަށް އެބަ އެދިވަޑައިގަންނަވާ. ދެން މީގައިވެސް އަޅުގަނޑު ބޭނުން، މީގެ ކިހިނެއްތޯ އަޅުގަނޑުމެން މި ހަތަރެސްކަން ހަމަކުރަނީ. އެލިބޭ އެއްޗެއް ދެވޭނީ. ނުލިބޭ އެއްޗެއް ނުދެވޭނެ. އެއީ އެކަން އޮންނާނެ ގޮތް. ހަމަ ނުވެސް ދެވޭނެ. އެހެންވީމާ، ލިބުނީމަ ދެވޭނީ. އަޅުގަނޑުމެންނަށް މަޖިލީހުން އެ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑުމެން މިދެކެނީ، އާމްދަނީގެ ބިލްތައް ފާސްވެގެން އަންނާނެއޭ. އައިމާ އެކަން ހަމަޖެހިގެން ހިނގައިދާނެ ކަމަށް.

އެހެންވީމާ، އަޅުގަނޑު ހަމަ ހުރިހާ ބޭފުޅުންނަށްވެސް ފަށްފަށުން ޝުކުރު ދަންނަވަން ބޭނުން. ތިޔަބޭފުޅުން ފެށުނީއްސުރެ ފަށައިގެން އަޅުގަނޑުމެންނާ ބަހައްޓާ ގާތްކަމާއި އަދި ހަމަ ޙަޤީޤަތުގައިވެސް އޭރު ހުރިހާ ބޭފުޅުން ރީނދޫ ކުލައިން ހެދުން ލެއްވީމަ ހަމަ ރީތި. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!