بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


އެނގިވަޑައިގަންނަވާނެ، މިއީ އަޅުގަނޑަށް މިރަށަށް އާދެވޭ ފުރަތަމަ ފަހަރު. އަޅުގަނޑު މިރަށަށް އައުމުގެ ކުރީގައި، އަޅުގަނޑަށްވީ މިންވަރަކުން މިރަށާ ގުޅޭ މަޢްލޫމާތު އެއްކުރުމަށް އަދި އަޅުގަނޑަށް ލިބިގަތުމަށް އަޅުގަނޑު މަސައްކަތް ކުރިން. ރަށްރަށަށް އާދެވުނީމާ އަޅުގަނޑަށް ލިބޭ އެއް ފިލާވަޅަކީ ނުވަތަ ލިބޭ އެއް އުފަލަކީ، އެރަށަކާ ގުޅޭގޮތުން އެރަށެއްގައި ހުރެ އަޅުގަނޑުމެންނަށް ނަޒަރު ހިންގާލުމުގެ ފުރްޞަތު ލިބިގެންދާކަން. އަދި މިރަށަށް އައުމުގެ ކުރީގައިވެސް އެކަމާ ގުޅިގެން އަޅުގަނޑުގެ އޮފީހުގައިވެސް އަދި އެހެން އޮފީސްތަކުގައިވެސް މަސައްކަތްތައް ހުރިނެތްގޮތެއް ބަލައިލެވޭކަން.

އަޅުގަނޑަށް އެނގޭ، މިރަށުގައި އިންޖީނުގޭގެ މައްސަލަތަކެއް ނުވަތަ އިންޖީނުގެ މިރަށު ރައްޔިތުންގެ ގިނަ މީހުން ނޭދޭކަމަށް މިފެންނަނީ، އިންޖީނުގެ ޔުޓިލިޓީ ކުންފުނީގެ ދަށުން ހިންގުމަށް. ނޭދޭ ކަމެއް ކުރާކަށް އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ބޭނުމެއް ނޫން. އަދި ކުރާކަށް ނުމެވެސް އުޅޭނަން. އެއީ، މިސާލަކަށް މިއަދު އަޅުގަނޑު މިތަނަށް އައިތަނާ ކަތީބު ބުނުއްވީ، މިރަށު ރައްޔިތުން އެދެއޭ ސިޓީ ހޮޓަލެއް އަޅަން. އަޅުގަނޑަކަށް ހިއެއްނުވޭ، މިރަށު ރައްޔިތުން ސިޓީ ހޮޓަލެއް އަޅަން އެދޭހެނެއް. އެއީ، މިރަށު ރައްޔިތުންނެއް ނޭދޭ، ޣައިރު މުސްލިމުންނަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކާކަށް. ހޮޓާ އަޅާކަށެއް ނުމެ އަންނާނެ އެކަން ނުވަންޏަކާއެއް. އެހެންވީމާ، އަޅުގަނޑު މިދެކެނީ މިތަނުގައި ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތް ޙަޤީޤަތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް. އެއީ، އެގޮތަށް ރައްޔިތުންނަށް އެކަމުގައި ފެނިފައި އޮތް ކަމަށް މިހާރު މިއެނގެނީ. ހަމަ މިރަށުގައިވެސް ގިނަ މީހުން އެގޮތަށް އެކަން ފާހަގަކުރި. ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނާނެ. އެކަމެއްގެ ތެރެއަށް އަޅުގަނޑުމެންދާއިރުގައި، ދެކޮޅު ވިސްނާފައި ނޫނިއްޔާ، އެކަމަކާ ގުޅޭގޮތުން އަޅުގަނޑުމެން އެއްޗެއް ބުނާކަށްނުވާނެ. އެއީ ބުއްދިވެރި ގޮތެއް ނޫން.

އިންޖީނުގެތައް ބޮޑު ކުންފުންޏެއްގެ ބެލުމުގެ ދަށުން ހިންގުމަށް ސަރުކާރުން ވިސްނީ، ސިޔާސަތެއް ކަނޑައެޅީ، މިދިޔަ ތިރީސް، ސާޅީސް އަހަރު ރާއްޖޭގައި ކުދި އިންޖީނުގެތައް ރަށްރަށުގައި އުފެދިގެން އައި ގޮތް އަދި މިހާރު އެ އިންޖީނުގެތަކަށް ދިމާވެފައ ހުރި މައްސަލައާއި، އޭގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް ހުރަސްއެޅޭ މިންވަރާ، މިކަންކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ބެލެންހުރި މިންވަރާއި، އަޅުގަނޑުމެންނަށް އެކަމުގައި ދިރާސާ ކުރެވެންހުރި މިންވަރަށް ދިރާސާކޮށްފައި، ބަލާފައި އަޅުގަނޑުމެންނަށް ފެނުނީ، މިރަށްރަށުގެ އިންޖީނުގެތަކުގައި ތަރައްޤީވެ ކުރިއަށް ގެންދިއުމަށް، އިންޖީނުގެތައް ހިންގުމަށް އެއްކުންފުނި އޮތީމަ، ބޮޑު ޕްރޮވިންސެއް އެއީ، ތިންއަތޮޅަށްވާހެން އެއްކުންފުނި އޮތީމާ އެކުންފުނީގެ ތެރޭގައި ބޮޑެތި އިންޖީނުގެތަކާއި ކުދި އިންޖީނުގެތަކާ ހުރީމާ، ދެން އޭރަށް އެ އިންޖީނުގެތައް ބަލަހައްޓަންވެސް އަދި އެއް ހަމަ އަގެއްގައި ކަރަންޓް ދިނުމަށްވެސް ފަސޭހަވެގެންދާނެއޭ. ސަރުކާރުން ޤަޞްދުކުރަނީ، އެގޮތަށް އެކަން ހަމަޖެހުނީމާ، ހަމަ މާލޭގައިވެސް މިދޭ އުޞޫލުން ސަބްސިޑީ ދިނުމަށް. ކަރަންޓް ބިލް އަގުބޮޑުވީމާ އެއިން ދަތިވާ ފަރާތްތަކަށް. އެހެން ނަމަވެސް، އަޅުގަނޑަކަށް އަދި މުޅިއަކުން ސާފެއްނުވޭ، މިސާލަކަށް، މިސަރަޙައްދުގެ ޔުޓިލިޓީ ކުންފުނިން ކަރަންޓްގެ އަގު ކަނޑައަޅާނެ ޢަދަދެއް. މާލޭގައި ކަރަންޓްގެ އަގު ކަނޑައެޅީމާ، މާލޭގެ އަށާރަހާސް ފައްސަތޭކަ މީޓަރުގެ ތެރެއިން އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ ގާތްގަނޑަކަށް ފަސް ހަހާސް ކަރަންޓް މީޓަރަށް އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭންޖެހޭނެއޭ. އެއީ، ކުރީގައި އެމީހުން އުޅެމުން އައި ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާތީވެ، ކަރަންޓްގެ އަގުބޮޑުވީ ކަމުގެ ސަބަބުން. އެހެންވީމާ، މިރަށުގައިވެސް ޔުޓިލިޓީ ކުންފުނީގެ ތެރެއިން މިކަން ހިނގާއިރުގައި، ކަރަންޓް ސަބްސިޑީ މިރަށަށްވެސް ދެވޭނެ، އެކަން އެގޮތަށް ހިންގޭނެ ގޮތަކަށް އޮވެއްޖިއްޔާމު.

ދެން އަދި ތިޔަބޭފުޅުންނަކަށް އެކަމެއް އެގޮތަކަށް ހިންގާކަށް ފެންނަ ކަމަކަށް އަޅުގަނޑަކަށް މަޢްލޫމާތު ލިބިފައެއް ނެތް. އަޅުގަނޑަށް އެނގޭ، އެގޮތަށް އަޅުގަނޑުމެން މިހުށަހަޅާ ވިސްނުން ބަލައިގަންނަ، ގަބޫލުކުރާ ވަރަށްގިނަ ރައްޔިތުން މިރަށުގައިވެސް އެހެން ރަށްރަށުގައިވެސް އުޅޭ. އެހެން ނަމަވެސް، ކޮންމެ ރަށެއްގައިވެސް، ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން އެބަ މުޅި ރަށުގެ ގިނަ ރައްޔިތުން އެކަމަށް ލެނބެންދެން، އެކަމަށް އެއްބަސް ވަންދެން އަޅުގަނޑުމެން އެބަޖެހޭ މަޑުވެސް ކުރަން. އަދި އެރައްޔިތުންނާ ވާހަކަވެސް ދައްކަން. ދެން އެހެން ނުވެއްޖިއްޔާ އަޅުގަނޑުމެންނަށް ޖެހޭނީ އެރަށެއްގައި އެކަމެއް ނުކުރުމަށް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، މިކަމާ ހުރިހާ ރައްޔިތުންވެސް އަދިވެސް ފުންކޮށް ވިސްނައި ހެދުމަށް.

އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި މިދަތުރުފަތުރު ކުރުމުގެ ނިޒާމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިރަށުގައި ވަރަށް އަވަހަށް ފަށައިގަނެވޭނެ. އޭރުން ކޮންމެ ދުވަހަކުވެސް މިރަށުން ފުރައިގެން ކައިރީގައި ޖެހިގެން މިހުރި ރަށްރަށަށްވެސް، މިރަށު މީހުން ވަރަށް ގިނައިން އަޅުގަނޑު ހިތުން ދާނެ ރަށެއް އެއީ ކަނޑިތީމު. ދެން އަދި ކަނޑިތީމު ނޫނަސްވެސް މިއަތޮޅު އެހެން ރަށްރަށަށްވެސް އަދި ހދ. އަތޮޅު ކުޅުދުއްފުށްޓަށްވެސް އަދި ދިއްދުއަށްވެސް. އެހެން ރަށްރަށަށްވެސް ދެވޭނެ ގޮތަށް އެ ނިޒާމު ރީތިކޮށް ރަނގަޅަށް ފަށައިގަނެވޭނެ. މިސާލަކަށް، ތ.އަތޮޅާއި ލ. އަތޮޅުގައި އެމަސައްކަތް މިހާރު ހިންގާތާ ވަރަށްގިނަ ދުވަސްވެއްޖެ. ހަތަރު ފަސް މަހެއް ވެގެންދިޔައިރުގައި، އެދެއަތޮޅުގެ އާބާދީގެ ދިހަ ޕަސެންޓް ކޮންމެ ދުވަހަކު ދަތުރަށްއަރާ. އެއްތަނުން އަނެއްތަނަށް ހަމަ ދެވޭ. ވަރަށް ރަނގަޅަށް އެކަން ކުރެވޭ. އޭރަށް ޑޮކްޓަރަށްދާންވެސް އަދި އެހެން ކަންކަމަށްވެސް އަޅުގަނޑު ހިތުން އެތައް ތަނެއް ފަސޭހަވެގެންދާނެ.

ދެން އަޅުގަނޑު އުފާވޭ، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިރަށުގައި 65 އަހަރުން މަތީގެ 28 ބޭފުޅުން އެބަ އުޅުއްވާ. ދެން ސަރުކާރުގެ މީގެ ހަމަ ވިސްނުމަކީ، އެ ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުން. އެކަން މިކޮށްދެނީ، މީގެ ވިސްނުމަކީ އަނެއްކާވެސް ހަމަ މުޅި ޢާއިލާއަށް އެއިން ލިބޭ އެހީތެރިކަމެއްގެ ގޮތުގައި އެކަން ބޭއްވުން. ރިޒޯޓެއްގައި މަސައްކަތް ކުރަންވެސް، އެހެން ތަނެއްގައި ހުންނަ ކުއްޖަކަށްވެސް ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ އޭރުން އެޢަދަދުން އޭނައަށް ލުއިވާނެ، ރަށަށް ފޮނުވަންޖެހޭ ނުވަތަ މައިންބަފައިންނަށް ފޮނުވަންޖެހޭ އެއްޗެއް ފޮނުވާ އެއްޗެއް ފޮނުވުންވެސް. އަދި އެ ރައްޔިތުންނަށްވެސް ތަންކޮޅެއް ރީތި ގޮތަކަށް، ރިވެތި ގޮތަކަށް ކަންކަން ހަމަޖެހިގެން އުޅެވޭނެ ގޮތެއްވާނެ. ދެން އިރާދަކުރެއްވިއްޔާ، ހަމަ މިއަހަރުވެސް، މިއަންނަ އަހަރުވެސް، ހުރިހާ އަހަރަކުވެސް އެފައިސާ ދެވެމުންދާނެ. މިހާރު ޤާނޫނީ ގޮތުން، ސަރުކާރުން މިހާރު އޭގެ ބިލްވެސް ވަނީ އިރާދަކުރައްވައިގެން ފާސްވެފައި. އެހެންވީމާ، އެގޮތަށް ދެމުން އަޅުގަނޑުމެންނަށް ގެންދެވޭނެ. މި ކުޑަ ބަދަލެއް އެބައާދޭ އަނެއްކާވެސް މި ޤާނޫނު މިގޮތަށް ފާސްވުމާ ގުޅިގެން، މިމަސައްކަތް ކުރަން އެބަ ޙަވާލުކުރޭ ބޭންކް އޮފް މޯލްޑިވްސްއާ. މީގެކުރީގައި އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް ފައިސާ ލިބެމުން އައީ ޕޯސްޓް އޮފީސް މެދުވެރިކޮށް. އެހެންވީމާ، އޭގެ ބަދަލުގައި މިހާރު ބަދަލުމިވަނީ ބޭންކުން އެމަސައްކަތް ހިނގާގޮތަށް. އެހެންވީމާ، މިރަށުގެ މި 28 މީހުންނަށް ބޭންކްގައި އެކައުންޓެއް ހުޅުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ހަމަ މިދިޔަ އަހަރުގެ ތެރޭގައި، އިރާދަކުރައްވައިގެން މިރަށުގެ އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، 68 މީހަކަށް މަދަނައިން ބޭސްފަރުވާ ކޮށްދެވުނު. ދެން އެއީ އެމީހުންނަށް މާލެ ގޮސްގެން ނުވަތަ އެހެން ތަންތަނަށް ގޮސްގެން އެބޭސްފަރުވާ އެކުރެވެނީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ބޭނުމަކަށްވެފައި އޮތީ އަޅުގަނޑުމެންނަށް މީގެކުރީގައި ފެންނަމުން އައީ ވަރަށްގިނަ މީހުންނަށް ހަމަ ގޭގޭދޮށަށް ބޭސް ސިޓީއެއް ހިފައިގެން، މީ އަޅުގަނޑަށް މިބޭސް ސިޓީ ނެގޭނެގޮތެއް ހަމަޖެހޭތޯ، އެވާހަކަތައް އަޅުގަނޑުމެންނަށް ވަރަށްގިނައިން މީގެކުރީގައި ފެންނަމުންދިޔައީ. އިރާދަކުރައްވައިގެން އަޅުގަނޑަށް ހީވަނީ މިދިޔަ އަހަރު އެ ހަމަ އެއްގޮތަކަށްވެސް ނުފެނޭހެން. އަޅުގަނޑު އަހާލީމު، ބައެއް ވިޔަފާރިވެރިންގެ ގާތުގައި. އެއީ އެބޭފުޅުންނަށް އެންމެ ގިނައިން މިބާވަތުގެ ސިޓީތައް ރައްދުވާނީ. އެބޭފުޅުން ހަމަ އެބަ ވިދާޅުވޭ، 90 ޕަސެންޓަށްވުރެވެސް މައްޗަށް ދަށްވެއްޖެއޭ އެސިޓީތައް އެބޭފުޅުންނަށް މިހާރު ލިބެމުން އަންނަލެއް. އަޅުގަނޑު އުންމީދު ކުރަން، މި މަދަނައިގެ ޕްރޮގްރާމްގައި މިރަށުން އަދިވެސް ވީހާގިނަ ބަޔަކު ބައިވެރިވެލައްވާނެ ކަމަށް. މިހާރު ބައިވެރިވެފައި އެވަނީ، ސަރުކާރު މުވައްޒަފުންނާއި، 65 އަހަރުން މަތީގެ މީހުން. އޭގެއިތުރުންވެސް ވީހާވެސް ގިނަ ބަޔަކު އެޕްރޮގްރާމްގައި ބައިވެރިވެލެއްވީމާ، ދެން ފަސޭހަކަމާއެކީގައި ބޭސްފަރުވާ ކުރެވޭނެ. އޭގެ ޚަރަދު އެތައް ތަނަކުން ކުޑަވެގެންދާނެ.

އަޅުގަނޑަށް އެނގޭ، މިތަނުގެ ބޭސްފިހާރައަކުންނެއް މަދަނައިން ބައިވެރިވެފައި ތިބޭ މީހުންނަކަށް އަދި މިތާ ބޭސް ފިހާރައަކުން ބޭސް ލިބޭގޮތެއްނުވޭ. އެހެން ނަމަވެސް، އެއީ ވަރަށް ފަސޭހަ ކަމެއް. ހަމަ އެންސްޕާއަށް އެ ބޭސް ފިހާރައިގެ ފަރާތުން އެތަނުގައި ބުނެލަދިނީމާ، އެ އެންސްޕާގެ ނުވަތަ މަދަނައިގައި ހިމެނޭ ބޭސް ފިހާރައަކަށް ގޮއިދޫ ބޭސް ފިހާރަވެސް ހަދައިދޭނެ. އޭރަށް މިތާ ބޭސް ފިހާރައިންވެސް ހަމަ ރާސްއަޅާފައި ބޭސްފަރުވާ، ހިލޭ ބޭސް ލިބެމުންދާނެ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އެކަން އަވަހަށް ކޮށްލާތޯ. އެއީ އަޅުގަނޑަށް ހީވަނީ ހަމަ އެއްސިޓީ ނުވަތަ އެއްފޯމް ނުވަތަ އެއް އެސް.އެމް.އެސް. އިންވާވަރު ކަމެއް އެއީ. މިހާރު އެކަން އަޅުގަނޑުމެން އެގޮތަށް ހިންގާގޮތަށް އެހެރީ ހަދައި ހަމަޖައްސައި ނިންމާފައި. އަޅުގަނޑު އުންމީދު ކުރަން އެކަން މިތަނުގައި އެހެން ހިނގައިގަންނާނެ ކަމަށް.

ހަމަ މިރަށަށް އަޅުގަނޑުމެން ސަރުކާރުން އެންމެ ބޮޑަށް އަމާޒުކުރާހިތްވަނީ، ދަނޑުވެރިކަން ހިންގޭ ބޮޑު ރަށެއްގެ ގޮތުގައި. ދަނޑުވެރިކަން ތަރައްޤީ ކުރާނެ ރަށެއްގެ ގޮތުގައި. ދެން އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިދިޔަ އަހަރު އަށާރަސަތޭކަ މީހުންނަށް ދަނޑުވެރިކަމާ ގުޅޭ މަޢްލޫމާތު، އެގްރިކަލްޗަރ މިނިސްޓްރީން ދެއްވި. އޭގެތެރޭގައި ގިނަވާނެ، އަޅުގަނޑު އުންމީދު ކުރަން އޭގެތެރޭގައި ގޮއިދޫ ރައްޔިތުން ކޮންމެވެސްވަރަކަށް ހިމެނޭނެ ކަމަށް. ގޮއިދޫ ދަނޑުވެރިން ކޮންމެވެސް ވަރަކަށް ހިމެނޭ ކަމަށް. ނުހިމެނޭ ކަމަށްވަނީވިއްޔާ އަވަހަށް އެކަމުގައި ހިމެނިގަންނަންވީ. އަޅުގަނޑު އެހީތެރިވެދޭނަން އެކަމުގައި ހިމެނުމަށް. ހިމެނުނީމާ ދެން މަޢްލޫމާތު ދިނުމުގެ އިތުރުން، މިއަހަރު އަޅުގަނޑުމެން އުންމީދު ކުރަނީ، މިމަސައްކަތް ކުރަމުން މިދަނީ، ކޮންމެވެސްވަރެއްގެ ލުއި ލޯނެއް، އެ ކޮންމެ ގަސް އިންދާ ފަރާތަކަށްވެސް، ދަނޑުވެރިކަމުގައި އުޅޭ ފަރާތަކަށްވެސް ލޯނެއްދޭން. ދެން އެ ދިގު މުއްދަތުގައި އެފައިސާ ދައްކާންވީ. އެހެން ނަމަވެސް، ދަތުރު ކުރެވޭގޮތަށް އޮވެފައި، ދަނޑު ހެއްދޭނެ އެއްޗެއް އޮތީމާ، ދެން އަޅުގަނޑު މި އުންމީދު ކުރަނީ އޭރުން މިރަށުގެ ދަނޑުވެރިކަން ކުރިއަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން. މިދަންނަވާހެން މި ދަނޑުވެރިކަމުގެ ޕްރޮގްރާމްތަކުގައިވެސް މިރަށުގެ ރައްޔިތުން ހިމެނުމަށް.

ދެން މިހާރު ސިޔާސީ ޕާޓީގެ ވާދަވެރިކަމުގައި ކުރާ ކަމެއް ނޫން އިނގޭތޯ އެއީ ނުހިމެނި ތިބުން އެއީ. ވޯޓުދެވޭއިރުގައި ގޮތްގޮތަށް ތަފާތު ކުރާނެ. ނުހިމެނި ތިބީމާ މުޅި ރަށަށް އެއިން ގެއްލުން ވެގެންދާނީ. އަޅުގަނޑުމެންނަކަށް މިހާރު މިސާލަކަށް، އެމް.ޑީ.ޕީ އަކަށް އެއިން އަނެއްހެން މާބޮޑު ގެއްލުމެއްނުވާނެ. ހަމަ އެއްވެސް އެނގުމެއް ނުވާނެ. އެހެންވީމާ، ވޯޓު ދެއްވާއިރު ތިޔަބޭފުޅުން އަޅުގަނޑުމެންނާ މާބޮޑަށް ނުރުހޭކަމަށްވަންޏާ، އަޅުގަނޑުމެންނަށް ވޯޓު ނުދެއްވާނީ. އެކަމު، މި ހިންގާ މަސައްކަތްތަކުގައި ތިޔަބޭފުޅުން ބައިވެރިވެނުލެއްވީމާ އަޅުގަނޑުމެންނަކަށް އުނދަގުލެއް ނުވާނެ. ދެން ފަހަރުގައި ވެދާނެކަންނޭނގެ، ރަށުގައި ތިއްބަވާ އެމް.ޑީ.ޕީ މެންބަރުންނަށް އުނދަގޫ ކުރުމުގެ ގޮތުން އެހެން ބަޔަކު ވަކި ޕްރޮގްރާމެއްގައި ބައިވެރިނުވެ، ނުވަތަ ވަކިކަމެއްގައި ބައިވެރިނުވެ. ދެން އެހެންވިޔަސް އަނެއްހެން އުނދަގުލެއް ނުވާނެ އިނގޭތޯ، އެއްވެސް ބަޔަކަށް އުނދަގުލެއް ނުވާނެ، ހަމަ ކަމެއްގައި ބައިވެރިނުވެ ތިބެގެނެއް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، މިކަމާވެސް ތިޔަބޭފުޅުން ފުންކޮށް ވިސްނުމަށް. އަޅުގަނޑުމެންނެއް ކުޑަކޮށްވެސް އެއްވެސް ބަޔަކު ނޭދޭގޮތަކަށް، މަޖުބޫރުކޮށްގެން ކަމެއް ކުރުވާކަށް ސަރުކާރަކުން މަސައްކަތެއް ނުކުރާނެ.

ދެން އަޅުގަނޑު މިހާރު މިބައްދަލުވުން މިހެން އޮތުމާ އެކީގައި ހަމަ ބޭފުޅުންނަށް ސުވާލު އަހާލަން ބޭނުން. އިތުރަށް އެބައޮތްތޯ، ރަށާ ގުޅޭގޮތުންވެސް އެއްޗެއް ބުނުއްވަން. އަދި އަޅުގަނޑަށް އިތުރަށް ދެވިދާނެ މައްލޫމާތެއްވެސް އެބައޮތްތޯ؟ އިތުރަށް އަޅުގަނޑަށް ބުނެލާނެ އެއްޗެއްވެސް އެބައޮތްތޯ؟ މެންދުރަށް ވާންވާއިރަށް އަޅުގަނޑުމެން ދާންޖެހޭނެ. އެހެން ނަމަވެސް، އެބައޮތްހެން އަޅުގަނޑަށް ހީވަނީ ދެތިން މިނިޓް.

ސުވާލު:
އަޅުގަނޑު ދަންނަވާލަން އޮތީ، މިރަށުގެ ބަނދަރު ޙަޤީޤަތުގައި އެއްކޮށް ނުނިމެނީހެއް އެއްޗެތި މިރަށުން ގެންދަން ދަތީއޭ. ނެރުކޮޅު އޮތް ގޮތަށް ބާއްވާފައި އެއްޗެތި ގެންދަނީ. އޮޑިދޯނިފަހަރު އެތަނަށް އެބަ ބީހޭ. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އެކަމަށް ޙައްލެއް ގެނެސްދެއްވުމަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑު މާލެގޮސް އެކަން އަޅުގަނޑު ބަލާނަން. އިރާދަކުރެއްވިއްޔާ މާލެ ގޮއްސަ އަޅުގަނޑު ބަލާނަން. ބަލާފައި އެކަން ކުރެވެން އޮތް ގޮތަކީ ކޮބައިތޯ އޮޅުންފިލުވާފައި، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި އަޅުގަނޑު އޭގެ ޖަވާބެއް އަރުވާނަން. އަޅުގަނޑުގެ ސެކްރެޓަރީއަކަށް ހުންނަވަނީ ރުޤިއްޔާ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ކަތީބަށް ނުވަތަ އަތޮޅު ކައުންސިލަރަށް ނުވަތަ ކޮންމެވެސް އެއްގޮތަކުން އަޅުގަނޑު އޭގެ ޖަވާބު އަރުވާނަން. ކިހިނެއްތޯ ހެދެން އޮތީ. އަޅުގަނޑު ބުނާހިތްވަނީ އާއެކޭ. ދެން އެހެން ނަމަވެސް، އަޅުގަނޑު އާއެކޭ ބުނުމުގެ ކުރީގައި، ވަޒީރުންވެސް ވަރަށް ހިތްހަމަނުޖެހޭ، އެހެން ހަމަ ހުރެފައި، އަޅުގަނޑު ރަށްރަށަށް ގޮސްފައި އަބަދު އާއެކޭ ބުނަމުންދާތީވެ، އެބޭފުޅުންނަށް ނޭނގި. އެހެންވީމާ، އެބޭފުޅުން އެދޭގޮތަށް، އަޅުގަނޑު އެބޭފުޅުންނާ ވާހަކަ ދައްކާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިޔަކަން ކޮށްދޭނަން އިނގޭތޯ. ދެން އެކަމަކު މިދަންނަވާހެން އެކަން އަޅުގަނޑު ކޮށްދޭނަން. އަޅުގަނޑު މިހިރީ ކުރަން ފަށަން. އަޅުގަނޑު ޖެހޭނެ ހުރިހާ ބޭފުޅުންނާ މަޝްވަރާކޮށް ހަދަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ކޮށްދޭނަން.

ދެން ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑު ވަރަށް އުފާވެއްޖެ، ގޮއިދުއަށް އަޅުގަނޑަށް އާދެވުނީތީވެ. އަޅުގަނޑު މިދަތުރު ޚާއްޞަކޮށް ކޮންމެހެން ކުރީ، އަޅުގަނޑު މިދޭތެރެއިން ދި އެފް.އެމް.ގައި ކަންނޭނގެ، އަޅުގަނޑަށް ހީވަނީ ކޮންމެވެސް ރޭޑިއޯ ސްޓޭޝަނެއްގެ ވަން ޓު ވަން ޕްރޮގްރާމެއްގައި، ގޮއިދޫން މީހަކު ގުޅާފައި، އަޅުގަނޑަށް ހީވަނީ، މިހާރު އަޅުގަނޑަށް އެނގިއްޖެ އެއީ ކޮން ބޭފުޅެއްކަން. އަޅުގަނޑުވެސް ހަމަ ރާއްޖޭގައި ނާދެވޭ ރަށްރަށް ނެތްކަމަށް ހީކޮށްގެން ހުންނަނީ އިނގޭތޯ، ނުދެވޭ ތަންތަން. ދެން އެކަމަކު މިއަދު މިއޮތީ މިރަށަށް އާދެވިފައި. ދެން އެކަމަކު ވަގުތުކޮޅު ކުޑަވީ. އަޞްލުގައި މިރަށުގައި ރޭ ކުރާން އަންނާންވީ. ދެން މިރަށުގައި ކުޑައިރުކޮޅަކު އުޅެލާފައި، ދެން މި އެނގެނީ އަޅުގަނޑުމެން ދެކެވެސް ނުރުހޭވެސް ވަރަށްގިނަ މީހުން މިރަށުގައި އުޅޭހެން. އެވެދާނެ އަޅުގަނޑުމެން ނޭނގޭތީ ކަމަށް. އައިސް ނޫޅެވޭތީ ކަމަށް. ދެކެ ދެނެ ފަރިތަ ނުވާތީ ކަމަށް. އެހެންވީމާ، އަޅުގަނޑުމެންނާ ތިޔަބޭފުޅުންނާ އެކީގައި އިރުކޮޅަކު ވެލެވުނީމާ އެހާބޮޑު ރުޅިވެރިކަމެއް އަޅުގަނޑަކަށް ހިއެއްނުވޭ އަނެއްހެން އޮންނާނެހެނެއް. ދެން ކޮންމެ ކަމެއްގެ ތެރޭގައިވެސް ހުރިހާ ކޮޅެއް އޮންނާނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ!